އިސާހިތަކު މީގެ އިރުކޮޅެއް ކުރިން ގޭތެރެއިން އަނުމް އޭނާގެ ކުރިމައްޗަށް އެރި ވަގުތު އެދެމެދުގައިވީ ކަންތައް ފިލްމެއްގެ ސިފައިގައި އޭނާގެ ލޯމަތީގައި ޕްލޭވާން ފެށިއެވެ.
އާރިޔަންގެ ގަމީހަކާއި ޖީންސަކާ އިސްތިރިކުރަން ހުރެފައި ފަލަކްނާޒް ނިކުތްތާ އިރުކޮޅެއް ނުވަނީސް ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން އާރިޔަން ބަލައިލިއިރު ހުރީ އަނުމްއެވެ. އަނުމް އާ ކުރިމަތިލާނެހާ ހިތްވަރެއް އާރިޔަންއަށް ނުލިބުނެވެ. ފަނޑު ހިނިތުންވުމެއް އަނުމްއަށް ދިނުމަށްފަހު އާރިޔަން އަނުމްއަށް ފުރަގަސްދިނެވެ.
"ބަލީތަ..." އާރިޔަންއަށް އަނުމްގެ އަޑު އިވުނީ އޭނާ އާ ދާދި ކައިރިންނެވެ.
"ނޫން. ބައްޔެއްނޫން" އާރިޔަން ބުނެލިއެވެ.
"އެކަމަކު އެހެން ހީވަނީ" އަނުމް ބުނެލިއެވެ.
"ބޮލުގައި ރިހުމަކީ ބައްޔެއްނޫނެއްނު" އާރިޔަން ބުނެލިއެވެ.
"އާރިޔަން ހާދަ ފިލައިގެންނޭ ތިއުޅެނީ. ތަނަކަށް ދާންތަ ތިއުޅެނީ. މާދަމާ ދޯ ޔުނީފޯމް އަޅާނީ" އަނުމް ވާހަކަދައްކަމުން ދިޔައެވެ. އެހެންފަހަރުތަކަށް ވުރެ ގިނައިން މިފަހަރު އަނުމް ވާހަކަދައްކާހެން އާރިޔަންއަށް ހީވިއެވެ.
"އާނ. މިއުޅެނީ މަންމަ އާ އެކު ގެއަކަށް ދާން" އާރިޔަން ބުނެލިއެވެ.
"އެހެންތަ! އަނެއްކާ އާރިޔަންގެ ކައިވެނި ހަމަޖެހުނީތަ؟" އަނުމް އެހެން ބުނީ މަޖަލަކަށެވެ. ނަމަވެސް ސީރިޔަސް ނަޒަރަކުން އަނުމްއާއި ދިމާލަށް ބަލައިލެވުނީ އާރިޔަން އަށެވެ. އާރިޔަންއަށް ހީވީ އޭނާ ބުނުމަކާ ނުލާ އަނުމްއަށް ހުރިހާ ކަމެއް ފަޅާއެރީހެންނެވެ.
"އަނެއްކާ މަށަށް ރަނގަޅަށްތަ މިބުނެވުނީ" އާރިޔަން ބަލަހައްޓައިގެން ހުރިގޮތުން އަނުމް އަހައިލި އެވެ.
"ވަރަށް ލަސްވެއްޖެ. ފެންވަރަން މިދަނީ" އާރިޔަން ބޭނުންވީ އަނުމްގެ ކުރިމަތިން އަވަހަށް ދުރަށް ދާށެވެ. މާގިނައިރު އަނުމް ކުރިމަތީގައި ހުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ބޭރުފުށުން ނުފެނުނެއް ކަމަކު ފަލަކްނާޒް އެވާހަކަ ދެއްކި ހިސާބުން ފެށިގެން އޭނާގެ ހިތް ހިމޭން ރުއިމަކުން ހުއްޓާނުލާ ރޮމުން ދިޔައެވެ.
"އާރިޔަންއަށް ކޮންމެސްކަމެއް ވެއްޖެ. އަނެއްކާ ކިހިނެއްވީބާ؟ ސަންތިއާއެކު ކޮންތަނަކަށްބާ ދާން އެ އުޅެނީ؟" އަނުމްގެ ހިތުގައި ޖަވާބު ނޭނގޭ އެތައް ސުވާލެއް އުފެދިއްޖެއެވެ. ފާހާނާއާއި ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އަނުމް އެކޮޓަރިން ނިކުތެވެ.
އޭގެ ވިއްސަކަށް މިނިޓް ފަހެވެ. މޭޒު ކައިރީގައި އިން އަނުމް ހިމޭންކަމާއެކު ފެން ބޮމުން ދިޔައެވެ. އޭނާ ކައިރީގައި ފިނި ފެންފުޅިއެއް ހުއްޓެވެ. އާރިޔަންއަށް ކުއްލިއަކަށް އެ އައި ބަދަލާމެދު އޭނާ ވިސްނަމުން ދިޔައެވެ. އެހެން އިންދާ އޭނާ ސިހުނީ ދާދި ކައިރިން އަލަމްގެ އަޑު އިވުމުންނެވެ.
"ދޮންތީ...! ފެންބޯން" އަލަމް ބުނެލިއެވެ. އަނުމް ބަލައިލިރު އަލަމް ހުރީ ވަރަށް ރީތިކޮށްލާފައެވެ. އަތުގައި އަލަމްގެ ފެންބޯ ފުޅި އޮތެވެ. އަނުމް އަލަމް ނަގާ އުރާލާފައި ކޮލުގައި ބޮސްދިނެވެ. އަދި ނަގާ މޭޒުމަތީގައި ބޭންދިއެވެ.
"އަން... އަވަހަށް ބޯލާ...." އަނުމް އަލަމްގެ ފުޅިއަށް ފެން އަޅާފައި ދިއްކޮށްލިއެވެ.
"ހާދަ ރީތިވެލައިގެން ދޮންތިގެ އަލަމްކޮ މިހިރީ... ތަނަކަށް ދަނީތަ ހުރިހާ ކުދިން ދޮންތި ނުލާ" އަނުމް އަހައިލިއެވެ. އެވަގުތަކީ ބަދިގޭ ދޮރަށް އާރިޔަން އެރި ވަގުތެވެ. އަނުމް ވާހަކަދައްކާ އަޑު އިވުމުން އޭނާ ނުވަދެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ.
"އާނ.. ދޮންބެ އާ މަންމަ އާ ބައްޕައާ އަލަމްކޮ މިދަނީ. ދޮންތި ދާނަންތަ؟" އަލަމް ވާހަކަދެއްކިއެވެ.
"ދޮންތި ކައިރީގަ އެއްކުއްޖެއްވެސް ނުބުނެއެއްނު. އެހެންވީމަ ދޮންތި ނުދާނަން. ދެން ބުނެބަލަ. އަލަމްކޮއަށް އިނގޭތަ ތިދަނީ ކޮން ގެއަކަށްކަން" އަނުމް އަހައިލިއެވެ.
"މަންމަ ބުނީ ދޮންބެ ކައިރީގަ ސައިބޯށޭ. ދޮންބެއަށް ކޮންމެސް ދައްތައެއް ފެންނާނޭ. އަލަމްކޮއަށް ނޭނގެ. ދޮންބެ އެހާދާހިތެއްނުވޭއޭ ބުނީމަ މަންމަ ބުނީ ދާންވާނޭ" އަލަމް ވާހަކަދެއްކިއެވެ.
"އެހެންތަ!! އަލަމްކޮ އަވަހަށްދޭ... މިހާރު މަންމަ ހުންނާނެ ލަސްވެފަ" އަލަމް ތިރީގައި ބަހައްޓަމުން އަނުމް ބުނެލިއެވެ.
އާރިޔަން ކުޑަކޮށް ބޯދިއްކޮށްލިއިރު މޭޒުކައިރީގައި ހިމޭންވެފައި ޖެހި ބުދެއްހެން އަނުމް ހުއްޓެވެ. އޭނާ އެނބުރި ދާން އުޅުނު ވަގުތު މަޑުޖެހުނީ އަނުމްގެ ވޭނުން ފުރިގެންވި އަޑު ކަންފަތުގައި ޖެހިފައެވެ.
"އާރިޔަން....!! ކިހިނެއްވާން މިއުޅެނީ... އާރިޔަން ގެއްލެނީތަ؟؟ ހަމަ ރަނގަޅަށްތަ އޭރުގަ އަހަރެންނަށް މިބުނެވުނީ؟" އަނުމް އެހެން ބުނެލި އަޑު ސާފުކޮށް އާރިޔަންއަށް އިވުނެވެ. އެ އަޑުގައި އެކުލެވިގެންވި އަސަރު އާރިޔަންއަށް އެހެން ގޮތަކަށް ވިސްނަން މަޖުބޫރުކޮށްފިއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ.
"އަނުމްއަށް އަހަރެން ކަމުދޭތަ...؟" އެވަގުތު އާރިޔަންގެ ހިތަށް އެރިއެވެ.
ޚިޔާލުތަކުގެ ފުން ކަނޑަށް ގެއްލިފައި އިން އާރިޔަން ސިހުނީ އޭނާގެ ފައިގައި ފަލަކްނާޒް ކޮށްޓާލުމުންނެވެ. އޭނާ ބަލައިިލިއިރު ނާސިހް އައުމުން ހުރިހާ އެންމެން ސައި ހަދާފައި ހުރި ދިމާލަށް ދާން ތައްޔާރުވަނީއެވެ.
"ކޮން ވިސްނުމެއްގަ" ފަލަކްނާޒް އަހައިލިއެވެ. އާރިޔަން ދެފަރާތަށް ބޯހޫރާލިއެވެ.
ސައި ފެށިއްޖެއެވެ. އިރުކޮޅެއްވީތަނާ ވަދެގެން އައި އަންހެންކުއްޖާ އާރިޔަންއަށް ފެނިއްޖެއެވެ. އެކުއްޖާ އާރިޔަންއަށް ފެނުނީ ދޮރާއި ދިމާލަށް އޭނާއަށް އިނދެވުނީތީއެވެ.
"މިއީ އަހަރެންގެ ހަގު މަންޖެ ޙަމްނާ... ފަލަކްނާޒްގެ ދަރިއަކަށް ވާން އުޅެނީ މި މަންޖެ" ޙަމްނާގެ އަތުގައި ހިފައިލަމުން ޙަބީބާ ބުނެލިއެވެ. ފަލަކްނާޒް ޙަމްނާގެ އަތުގައި ފިރުމާލިއެވެ. އަދި އޭނާ އިން ގޮނޑިން ތެދުވެ އެ ގޮނޑީގައި ޙަމްނާ ބޭންދިއެވެ.
"ދަރިފުޅާ!! މިއީ އާރިޔަން. އާރިޔަންއަކީ ފުލުހެއް" ޙަބީބާ ވާހަކަދެއްކިއެވެ. ޙަމްނާ ފުރަތަމަ ފަހަރަށް އާރިޔަންއަށް ބަލައިލިއެވެ. އާރިޔަންގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ކައިރީގައި އިން ފަލަކްނާޒްގެ ފައިން އާރިޔަންގެ ފައި ތިލައިގައި ކޮށްޓާލުމާއެކު އާރިޔަން ބަލައިލިއެވެ.
އާރިޔަން އެއްފަހަރު ޙަމްނާގެ މޫނަށް ބަލައިލިއެވެ. އޭނާ ހިނިތުންވެލީ ޙަމްނާއާއި ނަޒަރު ވަކިކޮށްލާފައެވެ. ކަޅު ކުލައިގެ ބުރުގާގެ ތެރެއިން ޙަމްނާގެ ދޮން މޫނު ކިތަންމެ ރީއްޗަސް އާރިޔަންގެ ހިތަށް ގޮތެއްވެސް ނުވިއެވެ.
"ދެން ސަލާންކޮށްލަބަލަ ދެކުދިން" ފަލަކްނާޒް ބުނެލިއެވެ.
"ނޫން މަންމާ... ސަލާން ނުކުރިޔަސް މިތިބީ ބައްދަލުވެފައެއްނު" އާރިޔަން ޙަމްނާއާއި އަތާއަތް ޖޯޑުކުރަން ބޭނުންނުވީއެވެ.
"ޙަބީ...!! އަހަރެން ބޭނުމެއްނޫން ލަސްކުރާކަށް. އަހަރެންގެ އާޔަން ކައިވެންޏެއް ކުރަން ނޫޅެތީ ނުލާހިކު ކަންބޮޑުވެފަ އަހަރެމެން މިތިބެނީ ދޯ ނާސިހު" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"އާނ... ލަސްކުރަންވީ އެއްވެސް ސަބަބެއް އަހަރެންނަށް ނުފެނޭ. ދެކުދިންނަށް އެކަކު އަނެކަކު ކަމުދަންޏާ އަވަސްކުރަންވީ" ނާސިހް ވާހަކަދެއްކިއެވެ.
"ދޭބަލަ ބެލްކަންޏަށް ދެކުދިން ވާހަކަދައްކާލަން" ޙަބީބާ ބުނެލިއެވެ. ޙަމްނާ ތެދުވެ ހިނގައިގަތެވެ. ނޫން ގޮތަކަށް އިނދެފައިވެސް އާރިޔަން ތެދުވެލިއެވެ. އޭނާއަށް އިހުސާސް ވަނީ އޭނާގެ ކަރުގައި މީހަކު ވަޅި ޖައްސާފައި ހުރި ހެންނެވެ.
ރެއިލިންގައި ލެގިލާފައި އާރިޔަން މާލޭގެ މަގުމައްޗަށް ނަޒަރު ހިންގައިލިއެވެ. ކައިރީގަ މީހަކު ހުރިހެންވެސް އޭނާއަށް ހިއެއް ނުވެއެވެ.
"އަހަރެންނަށް އާރިޔަން ވަރަށް ރީތި. ނަންވެސް" ހަމްނާ ހިމޭންވިއެވެ. އެކަމަކު އޭނާ ބަލައިނުލައެވެ. އަނުމްގެ އަޑު ނޫން އެހެން އެއްވެސް އަޑެއް އޭނާއަށް ކަމުނުދެއެވެ.
"އާރިޔަންއަށް އަހަރެން ކަމުދޭތަ؟" މިފަހަރުވެސް ވާހަކަދެއްކީ ޙަމްނާއެވެ.
"އަހަރެންނަށް ކަމުނުދެއޭ ބުނެފިއްޔާ" އާރިޔަން ބުނެލިއެވެ.
"އޯއެމްޖީ... އަޑުވެސް ވަރަށް ލޯބި.... ކަމުނުދިޔަސް ފަހުން ކަމުދާނެ. އަހަރެންނަށް އިނގޭ ފިރިހެނުންނަށް ކަމުދާނީ ކިހިނެއް ހެދީމަކަން" ޙަމްނާ ވާހަކަދެއްކިއެވެ.
"ތީ ހީވާގޮތް. ތިކުއްޖާއަށް އަހަރެން ކަމުދިޔުން އެއީ ނުބައި ފާލެއް. އަހަރެންނަށް ކަމުނުދޭ އެއްވެސް ގޮތަކަށް" އާރިޔަން ވާހަކަދެއްކިއެވެ.
"އާރިޔަން އެންމެ ފުރަތަމަ ފެނިފައިވެސް އަހަރެންނަށް ހީވެއްޖެ ތިއީ ވަރަށް ސްޓަބަން ކުއްޖެއްހެން. އެކަމަކު ނެވަރ މައިންޑް. މެރީކުރެވުނީމަ ހުރިހާ ކަމެއް ބަދަލުވެގެންދާނެ" ޙަމްނާ ބުނެލިއެވެ.
"މި ކައިވެންޏަށް ތިކުއްޖާ ދެކޮޅުހަދާނީ އަހަރެން ކޯޗެއް ދިނީމަ" އާރިޔަން އަހައިލިއެވެ.
"އަހަރެން ނެތިން ދެކޮޅުހަދަން. އަހަރެން މަންމަ ކައިރީގަ ވައުދުވިން. އެހެންނޫނަސް އާރިޔަންއަށް އަހަރެން ކަމުނުދަނީ ކީއްވެ؟ ކީއްވެ ކައިވެނިކުރަން ބޭނުންނުވަނީ؟" ޙަމްނާ ވާހަކަދެއްކިއެވެ.
"އެއީ އަހަރެން މާކުރިން އެހެން އަންހެންކުއްޖެއް ދެކެ ލޯބިވޭ. އަހަރެން އިންނަން ބޭނުންވަނީ އެކުއްޖާޔާ. މި ކައިވެންޏަށް އަހަރެންނަށް މަޖުބޫރު ކުރަނީ މަންމަ" އާރިޔަން ވާހަކަދެއްކިއެވެ.
"ތިއީ ވަރަށް ދެރަގޮތެއް. ޔަގީނުންވެސް ތިބުނާ ކުއްޖާއަށް ވުރެ ބަލައިލަން އަހަރެން ހުތުރެއް ނުވާނެ. ދެން ހިނގާ ދާން" ޙަމްނާ ބުނެލިއެވެ.
"މަޑުކޮށްބަލަ. ޕްލީޒް ބުނޭ މި ކައިވެނިކުރަން ބޭނުމެއްނޫނޭ..." ޙަމްނާ ހިނގައިގަތުމުން އާރިޔަން ބުނެލިއެވެ. ބަހެއް ނުކިޔާ ޙަމްނާ ދިޔައެވެ.
"އަޅުގަނޑުމެން އަންނަ މަހުގަ ކައިވެނިކުރަން ބޭނުން. އެންމެ ރަނގަޅު ގޮތަކީ ލޯބިވެގެން ވާހަކަނުދައްކާ ކައިވެނި ކުރުމެއްނު" ޙަމްނާ ވާހަކަދެއްކިއެވެ. ލިބުނު ޝޮކްގައި އާރިޔަންއަށް ޙަމްނާއަށް ބަލައިލެވުނެވެ. އޭނާގެ ހިތުގައި ޙަމްނާ އާ މެދު އިންތިހާ ދަރަޖައަށް ފޫހިކަން އުފެދިގެން ދިޔައެވެ. ދުވަހަކު ހިތްހެޔޮ ވާނެކަމެއް ނޭނގެއެވެ.
ނައިޝީ ގެނެސްދިން ބޮނޑިބަތް ތަށި މަތިން އާވާ ހަނދާންވީ ނިދަން އުޅުނު ވަގުތުގައެވެ. މާހިލްގެ އަތް މަތީގައި އޮވެފައި އޭނާ ފުންމައިގެން ތެދުވިއެވެ. މާހިލް ބަލައިލީ ސިހިފައެވެ.
"ވާރޭ ހުއްޓާނުލާ ދޯ އަދިވެސް" އާވާ ބުނެލިއެވެ.
"އާނ... އެހެންވެތަ ފުންމައިގެން ތި ތެދުވީ" މާހިލް ބުނެލިއެވެ.
"ނޫނޭ... މިއަންނަނީ... އެއްޗެއް ހިފައިގެން. ހަނދާންނެތިފަ މިއޮތީ" އާވާ އެނދުން ފޭބިއެވެ.
ކޮޓަރިން ނިކުމެ ތަންކޮޅަކަށް ދެވުނުތަނާ އަމާޔާ ކޮޓަރިން ނިކުތްތަން ފެނުނެވެ.
"މަވެސް އެ ތަށި މަތިން ހަނދާންވާވަރުން ނުނިދިގެން މިނިކުތީ. އެކަމަކު ޝާން ނިދައިފި" އަމާޔާ ބުނެލިއެވެ.
"ހިނގާ ދޯ. މި ނިކުތީ މާހިލް ކައިރީގަ ބުނެލާފަ. ހާދަ ބޯކޮށޭ ދޯ ވާރޭ އެ ވެހެނީ" ބަދިގެއާއި ދިމާލަށް ހިނގައިގަތީ އާވާ އާއި އަމާޔާ އެކީގައެވެ.
"ޝިޓް.... އަހަރެން ހީކުރީ ދޮރު ތަންޑު އެޅުވުނުކަމަށް" އައިސް އަލަމާރި ކައިރީގައި ހުރި ކުޑަދޮރުން ބަދިގެ ތެރެއަށް ވާރޭ ތިކިތައް އޮށްސަމުން ދިޔައެވެ. ކުޑަދޮރުގެ ދޮރުފަތް ވަޔާ ވާރޭ އާ އެކު ދެއަތަށް ހެލެމުން ދިޔައެވެ.
"ބުރަ މަސައްކަތެއް މިޖެހުނީ މިގަޑީގަ. ވަޔާ ހުޅުވުނީކަމަށް ވާނީ. އެހެންނޫނަސް ތިދޮރުގެ ތަޅު މިހާރު މައްސަލަ ޖެހިފަ ހުންނަނީ" އާވާ ވާހަކަދެއްކިއެވެ.
އަމާޔާ މޮޕް ހިފައިގެން އަންނަތަން ފެނުމުން އާވާ މަޑުމަޑުން ފެންގަނޑު ތެރެއިން ގޮސް ކުޑަދޮރު މަތަކޮށްލިއެވެ.
"މާޔާ!! ބީ ކެއަރފުލް އިނގޭ" އަމާޔާ ފެންހިއްކަން ފެށުމުން އާވާ ބުނެލިއެވެ.
އަމާޔާއަށް ތަންދެމުން އާވާ މަސައްކަތްކުރީ އައިސް އަލަމާރީގައި ހުރި ބޮނޑިބަތް ތަށި ނަގައިގެން ދުރަށް ޖެހިލާށެވެ. އެހެންނަމަވެސް ތަގުދީރުގެ ރޭވުން އޮތީ އެހެން ގޮތަކަށެވެ. ތަށި ހިފައިގެން ހިނގައިގަތް އާވާއަށް ވީނުވީއެއް ނޭނގި ފެންގަނޑު ތެރެއިން ފައި ކައްސާލައިގެން ވެއްޓި ޓައިލްސްތަކު މަތީގައި ބޯޖެހިއްޖެއެވެ. ވީތަދާއެކު އާވާއަށް އޭނާގެ ހޭވެރިކަން ހުރިކަމާމެދު ވެސް ޝައްކުވިއެވެ. އަމާޔާއަށް ލިބުނު ޝޮކުގައި މޮޕް ދޫކޮށްލާ ބާރަކަށް އާވާއަށް ގޮވާލައިފިއެވެ.
އާވާ ދިޔަތަނެއް ބަލަން ކޮޓަރީގައި އޮވެފައި ސިޑިން ފައިބައިގެން އައި މާހިލްއަށް އަމާޔާގެ އަޑު ކަންފަތުގައި ޖެހުމާއެކު ހީވީ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔަހެންނެވެ. އޭނާއަށް ބަދިގެއާއި ވީ ދިމާލަށް ދުއްވައިގަނެވުނެވެ. ވެއްޓިފައި އޮތް އާވާ ތެދުވަން އެހީވުމުގައި އުޅުނު އަމާޔާއަށް ދޮރަށް އެރި މާހިލް ފެނުމާއެކު މާހިލްއަށް ގޮވާލެވިއްޖެއެވެ.
"އެވީ...!!" މާހިލް އައިގޮތަށް އާވާ ލުއި ފަތެއްހެން ދެއަތް މައްޗަށް ނަގައިގެން ގޮސް މޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލާފައި ބައިންދައިފިއެވެ. އާވާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަމާޔާ އައިސް މާހިލް އަތަށް އައިސްޕެކް ދިއްކޮށްލައިފި އެވެ.
"ތަދެއްނުވޭ..." މާހިލް ކަންތައްބޮޑުވާނެ ވަރު އިނގޭތީ އާވާ ބުނެލިއެވެ.
"އަހަރެން ކައިރީގައި ބަލައިގެން އުޅޭށޭ ކިޔާފައި އެވީ ބިސްއެޅީ.." އަމާޔާ ބުނެލިއެވެ.
"ނޭނގުނު ވީގޮތެއް. އަހަރެން ހީކުރީ ހޭވެސްނެތޭނެ ކަމަށް" އާވާ ބުނެލިއެވެ. މާހިލް ބަހެއްވެސް ނުކިޔައެވެ.
"ބޮނޑިބަތްކޮޅު ވެސް ރޯދި ނުކުރެއްވީ ދޯ" ތިރީގައި ފެންތަކާއެކުވެފައި އޮތް ބޮނޑިބަތްގަނޑަށް ބަލައިލީ އާވާއާއި މާހިލްއަށް އެކީގައެވެ. ތަށި އޮތީ މާދުރުގައެވެ.
"އެ ކާކު ދިން އެއްޗެއް...؟" މާހިލް އަހައިލިއެވެ. އާވާ ބަހެއް ނުކިޔުމުން ހުރިހާ އެއްޗެއް ކިޔައިދޭން ޖެހުނީ އަމާޔާއެވެ. މާހިލް އާވާގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އާވާ އިސްޖަހައިލިއެވެ. އިތުރަށް އެއްވެސް ވާހަކައެއް އެތަނުގައި ނުދެކެވެއެވެ. އަމާޔާ ވެސް ހިމޭނުން ހުރީ މާހިލް ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެން އޭނާއަށް ހީވުމުންނެވެ.
އާވާ ގޮވައިގެން މާހިލް ސިޑިން އަރައިގެންދާ މަންޒަރު ބަލަން ހުރެފައި އަމާޔާ އަވަސްވެގަތީ ތަން ސާފުކުރުމަށެވެ. އޭރުވެސް ހުއްޓާނުލާ ވާރޭވެހޭ އަޑު އިވެމުން ދިޔައެވެ.
އާވާ އެނދުގައި އިށީނުމުގެ ބަދަލުގައި އަލަމާރި ކައިރިއަށް ގޮސް ލައިގެން ހުރި ނިދާ ހެދުން ބަދަލުކޮށްލިއެވެ. އެނދުގެ އަނެއް ފަރާތުގައި މާހިލް އިށީނދެގެން ދެއަތްތިލަ ގުޅުވާލާފައި ގެނެސް ދަތްދޮޅީކޮޅުގައި ޖައްސާލައިގެން އިނީ އާވާއަށް ފުރަގަހަށެވެ. މާހިލް އަދިވެސް ހިތްހަމަނުޖެހިފައި އިންކަން އާވާއަށް އިނގުނެވެ. އާވާއަށް ތުންފަތުގައި ދަތްއެޅުނެވެ. ބޭރުން މީހުން ގެނެސްދޭ ކާއެއްޗެހީގައި އަތްނުލަން މާހިލް އޮތީ އާވާއަށް އަންގާފައެވެ. ނާދިޔާއަކީ ގާތް މީހަކަށް ވާތީ އޭނާއަށް ނޫނެކޭ ބުނަން ނުކެރުނީއެވެ.
"މާހިލް...! އައެމް ސޮރީ... ދެން އެހެންނުވާނެ" މާހިލް ކައިރީގައި ޓައިލްސްތަކުގެ މަތީގައި އިށީންނަމުން އާވާ ބުނެލިއެވެ.
"އެވީ ދޭ އޮށޯންނަން. ޓޭކް ރެސްޓް. އަދިވެސް ދުޅަ ތިރިނުވޭ" މާހިލް ބުނެލިއެވެ.
"އައެމް ސޮރީ..." ދެވަނަ ފަހަރަށް އާވާ ބުނެލިއެވެ.
"ކިތައްފަހަރު އަހަރެން އެވީ ކައިރީގައި ބުނާނީ ތިގޮތަށް ކަންތައް ނުކުރާށޭ.. ތިބޮނޑިބަތް އެއްޗަށް އެހެންއެވީ ރަނގަޅަކަށް ކަމަށްވެސް ވެދާނެ. ކޮންމެކޮންމެ މީހަކީ ތިމާއަށް ހެޔޮއެދޭ މީހެކޭ ހީނުކޮށްބަލަ" މާހިލް ކޮޅަށް ތެދުވެ އާވާއަށް ފުރަގަސްދިނެވެ. އޭނާގެ އަޑު އެހެން ފަހަރުތަކަށް ވުރެ ބާރެވެ.
"އާވާއަށް ނޭނގުނަސް އަހަރެމެންގެ ދެމަފިރިންގެ މިގުޅުމާމެދު ހަސަދަވެރިވާ ބަޔަކު އެބަތިބި. އަހަރެން އާވާއާއި ވަކިވާކަށް ބޭނުމެއްނޫން. އެހެންވެ މިވެނި ގޮތަކަށް ކަންތައް ނުކުރާށޭ އަބަދު މިކިޔަނީ. އެކަމު ހިއެއްނުވޭ އަހަރެން ބުނާ އެއްޗެއް އާވާއަށް އިވޭ ހެނެއްވެސް އަދި ގަބޫލުކުރާ ހެނެއް" މާހިލް ވާހަކަދައްކަމުން ދިޔައެވެ.
އާވާއަށް މިފަހަރު ހިފަހައްޓައެއް ނުލެވުނެވެ. ހޯސްލާފައި ދެލޮލުން ކަރުނަ ފައިބައިގަނެއްޖެއެވެ. މިނޫނީ ކައިވެންޏަށްފަހު އޭނާ ދެލޮލުން ހިތުގައިޖެހިގެން ކަރުނަ ފައިބާފައެއް ނެތެވެ. މާހިލް ހުރީ އިންތިހާދަރަޖައަށް ރުޅިއައިސްފައިކަން އާވާއަށް ވިސްނިއްޖެއެވެ. އެހެންނޫނީ ސީދާ 'އާވާ' ގެ ނަމުން މާހިލް ނުގޮވާނެއެވެ. އޭނާ އެހާބޮަޑަށް ހިތުގައި ޖެހުނީ އެހެންވެއެވެ.
ފަހަތަށް އެނބުރުނު މާހިލް ކުއްލިއަކަށް ބަލައިލީ ފާހާނާގެ ދޮރު ޖެހިގެން ދިޔަ އަޑަށެވެ. އާވާ ފަހަތުގައި ނެތްކަން އިނގުމުން މާހިލްއަށް ވިސްނިއްޖެއެވެ. އާވާގެ ހިތަށް ވަރަށް އަސަރުކޮށްފިކަން އިނގުމުން މާހިލް އިންތިހާދަރަޖައަށް ދެރަވެއްޖެއެވެ. އިސާހިތަކު އޭނާގެ ރުޅިފިނިވެ އާވާއަށްޓަކައި ހިތް ހަމްދަރުދީން ފުރުނެވެ. އޭނާއަށް ރުޅިއާދެވުނީ އަމިއްލަ އިޚްތިޔާރުގައެއް ނޫނެވެ. އެނދުގައި އިށީންނަމުން އޭނާ ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތްތިލަ މަހައިލިއެވެ. ފާއިތުވި މަދު ވަގުތުކޮޅުގައި އޭނާއަށް ކިޔުނު އެއްޗެހި ހަނދާންވާން ފަށައިފިއެވެ. އާވާ އޭނާ އާ އެކު އުޅެން ބޭނުންނުވެޔޭ ބުނެވުނީ ކީއްވެގެން ހެއްޔެވެ؟
މާހިލް ތެދުވެގެން ގޮސް ފާހާނާ ދޮރު ކައިރީގައި ހުއްޓިއްޖެއެވެ. އާވާ ފާހާނާއަށް ވަންފަހުން ވިއްސަކަށް މިނިޓް ފާއިތުވެގެން ހިނގައްޖެއެވެ. ފާހާނާ ތެރެއިން އެއްވެސް އަޑެއް ނީވެއެވެ. މާހިލް ދޮރުގައި ޖަހައިލިއެވެ. ޖަވާބެއް ނައެވެ. އޭނާ ތަންކޮޅެއް ބާރަށް ދޮރުގައި ތަޅަން ފެށިއެވެ.
"އެވީ....!! އެވީ ދޮރުހުޅުވަބަލަ" މާހިލް ގޮވަން ފެށިއެވެ.
އާވާގެ ފަރާތުން ޖަވާބެއް ނައެވެ. މާހިލްއަށް ފާހާނާއިގެ ދޮރުގައި ބޯޖައްސާލެވުނެވެ. ދޮރުގެ އަނެއް ފަރާތުގައި އާވާ ހުރިހެން އޭނާއަށް ހީވީ އާވާ ނޭފަތް ދަމާލި އަޑު އިވުނުހެން ހީވެގެންނެވެ. އާވާ ރޯކަން އިނގުމުން މާހިލް ހިމޭންކަމެއް އޭނާގެ ނަފްސަށް ވެރިވެއްޖެއެވެ.
"ޕްލީޒް އެވީ!! ދޮރުހުޅުވާ... އައެމް ސޮރީ މައި ޕްރިންސަސް... އައި ލަވް ޔޫ ސޯ މަޗް..." މާހިލްގެ އަޑު ކުރެހިއްޖެއެވެ. އޭނާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. ދެފަރާތުންވެސް ބަހެއް ނުބުނެ ހިމޭންކަމުގައި ވަގުތުކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ. އާވާ މަޑުމަޑުން ދޮރު ހުޅުވާލައިފިއެވެ. މާހިލްއަށް އާވާ ފެނުމާއެކު ދެއަތުގައި ހިފާ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. އާވާއަށް ނޭވާލާންވެސް ދަތިވާ ވަރަށް އާވާގެ ހަށިގަނޑު ފިއްތާލިއެވެ.
"ބޭނުމެއްނޫން އަހަރެން އަތުން އެވީ ބީވާކަށް" މާހިލް ބުނެލިއެވެ. މާހިލްގެ ހަށިގަނޑުން ދެއަތް ވަށާލައިގެން ހުރި އާވާއަށް ރޮވެމުން ދިޔައެވެ.
"ދުވަހަކުވެސް ނުދާނަން... އައި ޕްރޮމިސް" އާވާ ބުނެލި އަޑު އިވުނެވެ. މާހިލް އާވާ ދުރުކޮށްލާފައި އެ މޫނަށްބަލައިލިއެވެ. އާވާގެ ދެލޮލުގައި ރަތްކަމެއް ވިއެވެ. ދެލޮލުގެ ބޮނޑިމަތި ދުޅަވެއްޖެއެވެ. އޭރުވެސް ދެލޯ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. މާހިލް އާވާގެ މޫނާއި މޫނު ގާތްކޮށްލައިފިއެވެ. އާވާގެ ކަރުނަތަކުގައި ދެ ތުންފަތް ޖައްސައިލުމަށްފަހު އެތެރެއަށް ދަމައިލިއެވެ.
"އެވީގެ ތި އަގުބޮޑު ކަރުނަތައްވެސް ބޭކާރު ގޮތުގައި ފައިބާކަށް އަހަރެން ބޭނުމެއްނޫން" މާހިލް ބުނެލިއެވެ.
އާވާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މާހިލްގެ ދެއަތް މައްޗަށް އާވާ ހިއްލާލުމަށްފަހު ނިތްކުރި މަތިން ދުޅަވެފައިވާ ތަނުގައި ބޮސްދީފިއެވެ. އެނދުގައި އާވާ ބޭއްވުމަށްފަހު އާވާގެ ހަށިގަނޑަށް ނަޒަރެއް ދިނެވެ. އާވާ ލައިގެން އޮތް ތުނި ނައިޓީގެ އެތެރެއިން ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުރުމުން އޭނާގެ ހިއްސުތަކަށް އެނގުން ވެލައިގެން ދިޔައެވެ. މަޑުމަޑުން އާވާގެ މޫނާއި މޫނު ގާތްކޮށްލައިފިއެވެ. އާވާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. މިރޭ ދެހިތަށް ކުރި އަސަރުތައް އެއްކޮށް ލޯބީގެ މަސްތީ ފިރުމުންތަކުން ފިލުވާލަން މާހިލް ބޭނުންވިއެވެ. އޭނާ މިރޭ އާވާގެ ހުއްދައަކަށްވެސް އެދިއްޖެއެވެ. އެއީ އާވާގެ ހަށިގަނޑު އެހާ ފިޓް ނޫންކަން އިނގުމުންނެވެ. އާވާގެ އާ ބަސް ލިބުމާއެކު މާހިލް އެއްއަތުން ބެޑްލައިޓްގެ އަލި ފަނޑުކޮށްލިއެވެ.
ދަންވަރު އެކެއް ޖެހިއިރުވެސް އާރިޔަން އިނީ ފުލުހުންގެ މަރުކަޒު ކައިރީގައި ހުރި ކެފޭއެއްގައެވެ. ކުރިމަތީގައި އޭނާގެ އެންމެ އެކުވެރި ފަޔާޒް އިނެވެ. ދުވަހަކުވެސް ސިނގިރެޓެއްގައި އަތްލާފައި ނުވާ އާރިޔަންއަށް މިރޭ ދުންފަތުގެ އިސްތިއުމާލް ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އޭނާގެ އަނގައިގެ ބަސް ހުސްވެފައިވާ ކަހަލައެވެ.
"ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟" ފަޔާޒް އަހައިލިއެވެ.
"ނޭނގެ. މިކައިވެނި ނުކޮށްފިއްޔާ މަންމަ ބުނި އަމިއްލަަށް މަރުވާނަމޭ. އަހަރެންގެ މަންމަ ކުރާނަމޭ ބުނި ކަމެއް ކުރާނެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއްނޫން. މީގެކުރިން އެކަހަލަ ކަންތައްތައް ސާބިތުވެސް ކޮށްދީފަ ހުރީ" އާރިޔަން ބުނެލިއެވެ. ކުރިމަތީގައި އޮތް ސިނގިރެޓް ފޮށިން އަނެއްކާ ސިނގިރެޓެއް ނަގާ ތުނބުގައި ޖަހައިފިއެވެ.
"އެކަމަކު ތިކުރަނީ އެހާ ރަނގަޅުކަމެއް ނޫން. މުޅި ޑިޕާޓްމަންޓުގެ ވެރިންވެސް އާރިޔަންގެ ނަން ފާހަގަކުރޭ ސްމޯކް ނުކުރާތީ. އެކަމަކު މިރޭ ނޭނގެ ތީ ކިތަންވަނަ ސިނގިރެޓްކަމެއް" ފަޔާޒް ބުނެލިއެވެ.
"ﷲ ގަންދީ ހުވާ އަހަރެންގެ ހަށިގަނޑުގައި މިނޫންކަމެއް ކުރާކަށް އެއްވެސް ހިތްވަރެއްނެތް. އިނގޭތަ މަންމަ ހޯދި އަންހެންކުއްޖާ ވެސް އެހާ ރަނގަޅު ކުއްޖެއްހެން ހިއެއްނުވޭ. އޭނަ ހުރީ ހަމަ މެރީކުރަން ފައިވިއްދާލާފަ" އާރިޔަން ބުނެލިއެވެ.
"މަށަށް ފެންނަނީ އަލުން މަންމަ އާ ވާހަކަދައްކަން" ފަޔާޒް ބުނެލިއެވެ.
"ބޭކާރުކަމެއް" ދެ އިނގިލި ދޭތެރެއަށް ޖަހާލާފައި އިން ސިނގިރެޓް އަޅިކެނޑި ތެރެއަށް ކޮށްޕާލަމުން އާރިޔަން މޭޒުގައި ބޯޖެހިއެވެ. އެކުވެރިޔާއަށް އެހީތެރިވާނެ ގޮތެއް ފަޔާޒްއަށް ނުވިސްނުނެވެ.
"އަހަރެންނަށް ފިރިހެން ބެރެކްސް އިން ޖާގައެއް ލިބިދާނެތަ؟ ގޭތެރޭގަ އަނުމްގެ ކުރިމަތީގަ އަހަރެންނަށް ނޫޅެވޭނެ" އެ އޮތްގޮތަށް އޮވެ އާރިޔަން ބުނެލިއެވެ.
(ނުނިމޭ)