އާރިޔަންގެ އަތުތެރޭގައި އޮތް އަނުމް ގެ ނަޒަރު ކަރުނަތަކާއި އެކުވެސް ހުއްޓިފައިވަނީ އާރިޔަންގެ މޫނަށެވެ. އެކަން އާރިޔަންއަށް ފާހަގަވިޔަސް އޭނާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. އަނުމްއަށް އަނިޔާއެއް ވީތީ އެކަމާ އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ.
ކޮޓަރީ އެނދުގައި އަނުމް ބައިންދާފައި ބަހެއް ނުކިޔާ އާރިޔަން ނިކުތީ ބޭރަށެވެ. ވާނުވާ ނޭނގި އަނުމް ދުޅަވެފައިވާ ތަނުގައި އަތުން ފިރުމަމުން ދަނިކޮށް އާރިޔަން ވަދެއްޖެއެވެ. އަތުގައި އައިސްޕެކް އޮތެވެ. އަނުމްގެ އެނދު ކައިރީގައި ކުރުކަކޫ މައްޗަށް އިށީނުމަށްފަހު އާރިޔަންގެ އަތުން ދުޅަވެފައިވާ ތަނުގައި ޖައްސަން ފެށިއެވެ. އަނުމްއަށް އެއްވެސް ތަދެއް އިހުސާސް ނުވާ ކަހަލައެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އާރިޔަންގެ މޫނުން ނައްޓައިގެން ނުދެއެވެ. ކިހާ އޯގާތެރި ހެއްޔެވެ؟
"އުސް ފައިވާނަށް އަރައިގެން އުޅެން ނޭނގޭއިރު ކީއްކުރަން އަނުމް އެއަށް އަރަނީ" އާރިޔަން އެހެން އިނދެ ބުނެލިއެވެ. އަނުމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"އަހަރެން އުސްފައިވާނަށް އަބަދުވެސް އަރަން. މިގޮތަށް ދިމާވީ މިއަދު އެކަނި. އޭގެ މާނައަކީ އަހަރެން ނުފަރިތައޭތަ؟" އަނުމް ވާހަކަދެއްކިއެވެ.
"މިހާރު ކިހިނެއް؟" އާރިޔަން އަހައިލިއެވެ.
"މާބޮޑަށްވެސް ރަނގަޅު. ޕޮލިހުންނަށް ތިކަހަލަ ކަންތައްކުރަންވެސް ދަސްކޮށްދޭތަ؟" އަނުމް އަހައިލިއެވެ.
"ހެހެހެ... އަނުމްގެ ކަމެއްވިއްޔާ އަހަރެންނަށް ކުރަން ނޭނގޭނެ ކަމެއް ނޯންނާނެ" ދެމާނަ އެކުލެވޭ ޖުމްލައެއް އާރިޔަން އަނުމްއަށް ދޫކޮށްލިއެވެ.
"ކީއްވެ؟ އަހަރެން މިއީ ވަރަށް ހާއްސަ މީހެއްތަ؟" އަނުމް އަހައިލިއެވެ.
"ވަރަށް ބޮޑަށް" އަނުމްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އާރިޔަން ބުނެލިއެވެ.
"ޝުކުރިއްޔާ. ގޮނޑިއަށް ކަންނޭނގެ ދޯ ނަމާދަށް އަރަންވީ" އަނުމް އަހައިލިއެވެ.
"ތިގޮތް ރަނގަޅު ކަންނޭނގެ. އެއްވެސް ވަރަކަށް ލުއި ނުވަންޏާ ޑޮކްޓަރަށް ދައްކަންވާނެ އިނގޭ... އެކަމަކު ބުނަންތަ ވާހަކައެއް. މީގެ ފަހުން އަނުމް އެއްވެސް ކަމަކަށް އަހަރެންނަށް ޝުކުރުއަދާ ނުކުރާތި. އަހަރެން ކޮށްދޭ ކޮންމެކަމެއް މިކޮށްދެނީ އުފަލުން. އަނުމް ބުނީމެއްނު އަހަރެން ދެކެނީ އެކުވެރިއެއް ގޮތަށޭ" އާރިޔަން ވާހަކަދެއްކިއެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" އަނުމް ބުނެލިއެވެ.
"އަވަހަށް އަހާ" އާރިޔަން ބުނެލިއެވެ.
"މިއެކުވެރިކަމަށް އާރިޔަން ދޭނީ ކޮން ނަމެއް؟ ހީވޭތަ އަހަރެމެން ދެމީހުން ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމޭ" އަނުމް ވާހަކަދެއްކިއެވެ. އާރިޔަންއަށް އެއަށް ދޭނެ ވަކި ޖަވާބެއް ނޭނގުނެވެ. އަނުމް އާ މެދު އޭނާއަށް ކުރެވެމުންދާ އިހުސާސް އޭނަ އާ މެދު އަނުމްއަށް ވެސް ކުރެވެނީބާއެ ހިނދުކޮޅަކަށް އޭނާގެ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި އޭނާ ދެފަރާތަށް ބޯހޫރާލުމަށްފަހު އަނުމް އާ ސަމާސާއެއް ކޮށްލަން ހިތަށް އެރިއެވެ.
"ހަމައެކަނި ދެ އިންސާނުން ދެމެދުގަ އޮތް އެކުވެރިކަމެއް މީ. ދެން އޮތީ އިންސާނަކާ ހަންޑިއަކާ ދެމެދުގަ އޮންނަ އެކުވެރިކަން. އަހަރެން މިއީ ހަންޑިއަކީ. އަނުމް ތީ އިންސި އަކީ" އާރިޔަން ބުނެލިއެވެ. ވަގުތުން އަނުމް ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އާރިޔަން އެގޮތަށް ބުނާނީ ޔަގީނުންވެސް އެކަމާ ދެރަވެގެންކަން އަނުމްގެ ހިތް ބުނެލިއެވެ.
"ޑޯންޓް ފީލް ސޮރީ... އަމް ޖަސްޓް ކިޑިންގ... ނަމާދުކޮށްލައިގެން ރެސްޓްކޮށްލާ. ރަނގަޅުވާނެ..." އަނުމް އިންގޮތުން އާރިޔަން ބުނެލިއެވެ.
މުޅިން އާ ދުވަހެކެވެ. މާހިލް އޮފީހުގައި އިނދެފައި ބޭރަށް ނިކުމެލީ މުހިންމު އެއްޗެއް ގަންނަން ފިހާރައަކަށް ދާން ވެގެންނެވެ. އެކުގައި ޝާނިމް ގެންދަން އުޅެފައިވެސް އޮފީހުގެ މަސައްކަތްތަކަށް ބުރޫއެއް އަރައިފާނެތީ އޭނާ ނިކުތީ އެކަންޏެވެ. ކާރުގައި ދިޔުމުގެ ބަދަލުގައި ޝާނިމް އަތުން ސައިކަލް ތަޅުދަނޑި ހިފައިގެން ނިކުތްއިރު ހުރީ އާވާއަށް ގުޅައިގެންނެވެ. ޕާކިން ޒޯނުން ސައިކަލް ނަގައިގެން ދުއްވާލަން އުޅުނު ވަގުތު ފަހަތަށް މީހަކު އެރިހެން ހީވުމުން ބަލައިލިއެވެ.
"ކަލޭތަ...؟؟" މާހިލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ފޯނުގައި ހުރި އާވާ އެއްޗެއް ބުނުމުގެ ކުރިން ފަހުން ގުޅާނެ ކަމަށް ބުނެފައި ފޯނު ކަނޑައިލިއެވެ.
"ލަދުކުޑަ އަންހެނާ..." މާހިލް ސައިކަލުން ފޭބިއެވެ.
"އަހަރެން މާހިލް ފަހަތަށް ސައިކަލަށް އެރީމަތަ ލަދުކުޑަ ކަމަށް ތިބުނީ. ކިތައް ދުވަހު ތި މާހިލް އުނގުމަތީގަ އަހަރެން ބޭންދީ. ކިތައް ދުވަހު އެގޮތަށް އަހަރެން ބައިންދައިގެން އިނދެ މާހިލް މޮޔައެއްހެން ތެޅުނީ. އަހަރެން ބުނިންތަ މާހިލް ލަދުކުޑައޭ... މިހާރު މާހިލް ތިހެން ބުނީމަ ކޮބާ އިންސާފަކީ" ނައިޝީ ވާހަކަދެއްކިއެވެ.
"އޭރާ މިހާރު ހާލަތު ތަފާތު. އޭރު އަހަރެންނަކީ ހަވާނަފްސަށް ހެއްލި ދުނިޔެވީ އުފާތަކަށް ގޮސް ހުސްވެފައިވާ ނިކަމެއްޗެއް. މިހާރު އަހަރެންނަކީ އެކަލާނގެ މަގަށް ރުޖޫޢަވެ އެކަލާނގެ އެންގެވި މަގު ޚިޔާރުކޮށްގެން އުޅޭ އެކަލާނގެ އަޅެއް. އަދި މީހެއްގެ ފިރިއެއް" މާހިލް ދަތްކުނޑި ވިކާލައިގެން ހުރެ މަޑުން ވާހަކަދެއްކިޔަސް ރާގުގައި ހަރުކަށިކަމެއް ވިއެވެ.
"މާހިލް އަހަރެން ފަހަތުން އަޅުވާލިއިރު އަހަރެންނަކީވެސް ތިބުނާ ކަހަލަ މީހެކޭ" ނައިޝީ ބުނެލިއެވެ.
"ކަލެ އާ ވާހަކަދައްކަން މިހެން މިތަނުގައި މަޑުކޮށްގެން ހުރުމަކީވެސް ބޭކާރުކަމެއް" މާހިލް ބުނެލިއެވެ.
"މަޑުކޮށްބަލަ. އަހަރެންނަށް ބަލައިލަބަލަ. އަދިވެސް މިއީ އޭރުގަ މާހިލްގެ ހިތާ ކުޅެލި އަންހެންކުއްޖާއޭ. އަދިވެސް މިއީ އެ ތުންފަތް. މި އިނގިލިތަކުގަ އަދިވެސް އެހާ އަސަރު އެބަހުރި. އަހަރެން އަތްލީމަ ހަށިގަނޑަށް ކަރަންޓު އަންނަ ވާހަކަ ބުނަމެއްނު. ހަމަ އެ އިހުސާސް އަދިވެސް ކުރެވޭނެ. ލެޓް މީ ޓްރައި" މާހިލްގެ އަތުގައި ހިފަން ނައިޝީ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެއަށްވުރެ މާހިލް ހުޝިޔާރެވެ. ފަހަތަށް ޖެހިލުމަށްފަހު ސައިކަލަށް ޖަހާފައި އިން ތަޅުދަނޑި ނަގައިގެން އޭނާ ހިނގައިގަތެވެ.
"ދަނީތަ...؟" ނައިޝީ އަހައިލިއެވެ.
"އޭރުގަ އަހަރެންނަށް ކަލެއަކީ ތިހާ މުޑުދާރު އެއްވެސް އަގެއްނެތް އަންހެނެއްކަން އިނގޭނަމަ ދުވަހަކުވެސް ތި ހަށިގަނޑުގައި އިނގިލި ކުރި ވެސް ޖައްސައިނުލީމުސް. ނާހިދް ވެސް ކަންތައް އެކުރީ ހަމަ ރަނގަޅަށް. ދުނިޔޭގެ އެއްވެސް ފިރިހެނަކަށް ތިކަހަލަ މުޑުދާރު އަންހެނެއް ޙައްޤެއްނޫން. މިދުނިޔެއިން ކަލެއަށް ޙައްޤުވާ މިންވަރު ލިބިފައި ތިވަނީ..." މާހިލް އޮފީހަށް ވަންނަން ދިޔައެވެ.
މާހިލް އިއްވާލާފައި އެދިޔަ ވާހަކަތަކުން ނައިޝީގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ކިތަންމެ ހިތްވަރު ކުރި ކަމުގައި ވިޔަސް އޭނާ އަނގައިން އާހެއްގެ އަޑު ނިކުމެއްޖެއެވެ. އެ ދިރިއުޅުމަށް އޭނާ ދެލޯ ހުޅުވައިދިނީ މާހިލްއެވެ. އޭނާގެ ދިރިއުޅުން ބަރުބާދުކުރީވެސް މާހިލްއެވެ. ވީއިރު އޭނާ އާ ދިމާލަށް އެހުރިހާ އެތިވަރެއް ގޮވައިގަތުމުގެ އެއްވެސް ޙައްޤެއް މާހިލްއަށް އެބައޮތް ހެއްޔެވެ؟ އޭނާވެސް ކައިވެނި ކުރީ ދުނިޔޭގައި ހުރި އޭނާއަށް އެންމެ ލޯބިވެވުނު އިންސާނާއެވެ. މާހިލް އާ ދިމާވެ އެއް ކޮޓަރި ތެރޭގައި ތަޅުލެވެންދެން ވެސް އޭނާއަކީ ފިރިމީހާއަށް ވަފާތެރި ކިޔަމަންތެރި އަންބެކެވެ. މާހިލްގެ މަކަރުވެރި ބަސްތަކުން އޭނާގެ އިއްފަތްތެރިކަން ފޭރިގަތީ ހަލާލު ފިރިމީހާ އެ މަލުގައި ބީހިފައި ނުވަނީހެވެ. ގޭތެރެއިން ފިރިމީހާގެ ފަރާތުން ނުލިބުނު އެ ފިރުމުންތައް އެންމެ ރެއަކުން މާހިލްގެ ފަރާތުން ލިބުމުން އެކަމަށް އޭނާ ހިތްޖެހިފައި ވިޔަސް ފިރިމީހާއަށް ތެދުވެރިވެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ދެން ކުރިމަތިވީ މާ ހިތްދަތި ގޮތެކެވެ. އޭނާގެ ފަރާތުން މާހިލް ގަދަކަމުން އެ އުފާތައް ހޯދަން ފެށީ އޭނާގެ ސިފައަށް މާހިލްއަށް ލޯބިކުރެވެން ފެށުމުންނެވެ. އޭނާގެ ބަރަހަނާ ފޮޓޯތަކާ ވީޑިޔޯތައް ހަތިޔާރަކަށް ހަދައިގެންނެވެ.
"އަހަރެން ކައިވެނިކޮށްގެން އަބުރުވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް އެ ދިރިއުޅުމަށް ވިހަލީ މާހިލް. ނާހިދް އެހެން މީހަކު ދެކެ ލޯބިވިޔަސް އަހަރެންނަށް ދޮށީ އަނބީގެ މަގާމުގައި އިނދެވުނީސް މާހިލް އެ ހަޑި ކުޅިވަރުތައް ނުކުޅުނު ނަމަ. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްފަ މާހިލްއަށް އަބުރުވެރި ދިރިއުޅުމެއް އުޅެން އަހަރެން ދޫކޮށްލާނެތަ؟ އެހެންވިއްޔާ އެއީ މާހިލްއަށް ކުރެވޭ ކުށްހީއެއް. ތި ދިރިއުޅުން ހަލާކުނުކޮށްފިއްޔާ އަހަރެންގެ ނަންވެސް ބަދަލުކުރާނަން" ދެލޮލުން ވެއްޓުނު ކަރުނަތިކި ދެ އަތުން ފޮހެލަމުން ނައިޝީ އަމިއްލަ ނަފްސަށް ވަޢުދެއްވިއެވެ.
ވިޔަފާރި ކޮށްގެން ފިހާރައިން ނިކުތް އާވާއަށް ފަހަތުން އައި ނައިޝީ ގޮވައިލިއެވެ. އަވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާއަށް ހެޔޮއެދޭ އެކުވެރި، އަދި އަވަށްޓެރި ނާދިޔާ ފަހަތުގައި ހުރުމުންނެވެ.
"ތިގެއަށް މިދަނީ. އަހަރެމެން ގޭގަ ފަހަރިއެއް އުމްރާއަކަށް ފުރާތީ ވަރަށް ގަދައަށް ކައްކާނެ. މާދަމާ އާވާއަށް އާދެވޭނެތަ ފިރިމީހާ ގޮވައިގެން. ތިގެއަށް މިދަނީވެސް ދަޢުވަތުދޭންވެގެން" ނާދިޔާ ވާހަކަދެއްކިއެވެ.
"ތިއީ ވަރަށް ރަނގަޅު ކަމެއް. އެކަމު ކިހިނެއްވާނެ މާހިލް ކައިރީގައި އަހާލާފައި ޖަވާބެއް ދިނިއްޔާ. އެއީ އޭނަ ވަރަށް ބުރަކޮށް އުޅޭނީ. ފަހަރެއްގައި އޭނައަށް ނުދެވިދާނެ. އެކަމަކު އަހަރެން ބަލާނަން ދެވޭތޯ އިނގޭ" އާވާ ވާހަކަދެއްކިއެވެ.
"ދީބަލަ އާވާގެ ފޯނު. އަހަރެންނަށް ގުޅޭނެ ނަންބަރެއް ޖަހާނަން. ކުރިން ގެންގުޅުނު ފޯނު މައްސަލަ ޖެހުނީމަ ނަންބަރުތަކެއް ގެއްލިއްޖެ. ފިރިމީހާ ޖަވާބެއް ދިނީމަ އަހަރެންނަށް އަންގާލެވޭނެއްނު" ނާދިޔާ ވާހަކަދެއްކިއެވެ. އާވާ ދަބަހުން ފޯނު ނަގާފައި ދިއްކޮށްލިއެވެ. ނައިޝީ ފޯން ނަންބަރެއް އޭގައި ޖަހައިލިއެވެ.
"އަހަރެންގެ ފިރިމީހާ ނަންބަރު އެއީ. އެ ނަންބަރަށް ގުޅާފައި އަހަރެންނަށް ގޮވާލަދޭށޭ ބުނީމަ ބައްދަލުވާނެ. ވަރަށް އުފާވާނެ އާވާމެންގެ ދެމަފިރިން އައިއްޔާ" ނާދިޔާ ބުނެލިއެވެ.
"އިންޝާﷲ. މާދަމާ ޖަވާބެއްދޭނަން" އާވާ ބުނެލިއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޝާނިމްއާއި އަމާޔާ ވަނީ ކޮޓަރިއަށެވެ. އާވާއާއި މާހިލް ސިޓިންގްރޫމުގައި މަޑުކޮށްލީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލާށެވެ. މާހިލްގެ އުނގުމަތީގައި ކުޝަންއެއް ބާއްވައިގެން އާވާ އޮތީ އެ ކުޝަން މައްޗަށް ބޯލައިގެން ޓީވީ ހުރި ދިމާލަށް އަރިއަކަށެވެ. މާހިލްގެ އެއް އަތް އާވާގެ ބަނޑުމަތީގައި އޮތްއިރު ދުރުން ބަލާއިރު އެ މަންޒަރު ކިތަންމެހާވެސް ހިތްގައިމެވެ.
"އެވީ...!" އާވާ ބޯ އުފުއްލާލަމުން ބަލައިލީ މާހިލް ގޮވައިލީމައެވެ.
"މާދަމާ ހެނދުނު އެބަޖެހޭ ކުޑަކުޑަ ބައްދަލުވުމަކަށް ދާން" މާހިލް ބުނެލިއެވެ.
"ދެން ދާނީ. އޮފީހަށްވެސް ދަނީ ހެނދުނުއެއްނު" އާވާ ބުނެލިއެވެ.
"މާލެއިން ބޭރަށް. އެއީ ޗެނަލް ކަމެއްގަ. އެކުގަ ދާނެ ބައްޕަވެސް އަދި ޝާންގެ އިތުރުން ރައުވެސް" މާހިލް ވާހަކަދެއްކިއެވެ.
"އެހެންތަ! ބޮޑު ގުރޫޕެއްދޯ.... ވެއިޓް..." އާވާ ފުންމައިގެން ތެދުވީ ނާދިޔާގެ ފަރާތުން އައިސްފައިވާ ދަޢުވަތު މަތިން ހަނދާންވުމުންނެވެ.
"މާދަމާ ދަނީއޭ... ކިހާއިރަކު އަންނާނީ..." އާވާ އަހައިލިއެވެ.
"ހީވަނީ ރޭގަނޑުހެން. ޔަޤީނުންވެސް ރޭގަނޑު ދިހައެއް ޖަހަންވާއިރަށް ހުންނާނީ މާލޭގަ. އެއީ އޮފީހުން ނިންމަންޖެހޭ ކަންތައްތައް ދެން ހުންނާނީ... ކިހިނެއްވީ...؟؟ ކަމެއް އޮތީތަ...؟" މާހިލް އަހައިލިއެވެ.
"ނާދިޔާގެ ފަހަރިއެއް އުމްރާއަށް ފުރާތީ އޭނަ އެބައޮތް ދަޢުވަތެއް ދީފަ. ބުނީ މާހިލް ގޮވައިގެން އަންނާށޭ" އާވާ ބުނެލިއެވެ.
"ނާދިޔާ އެއީ ކާކު؟" މާހިލް ބުނެލިއެވެ.
"ސާބަސް. ވަރަށް ގިނައިން މިގެއަށް އާދެއެއްނު މޫނު ބުރުގާ އަޅާފައި ހުންނަ އަންހެނެއް" އާވާ ހަނދާންކޮށްދިނެވެ.
"އޯވް... ދެން ކިހިނެއް ހަދަންވީ؟ ކެންސަލް ކޮށްލަންވީތަ ދަތުރު. ހުރިހާ މީހުންގެ ޓިކެޓްތައް ވެސް ނަގައިފިން" މާހިލް ބުނެލިއެވެ.
"ނޫން. ދެން މިފަހަރު މާހިލް ދޭ. އަހަރެން މާޔާ ގޮވައިގެން ދިޔަސް ހެޔޮތަ؟" އާވާ އަހައިލިއެވެ.
މާހިލް ވިސްނައިލިއެވެ. އާވާ އަކީ އެގޮތަށް ރައްޓެހިން ގޮވައިގެން ބޭރަށް ގޮސް އުޅޭ ކުއްޖެއް ނޫނެވެ. ދުވަހުގެ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ ގޭތެރޭގައެވެ. ބޭރަށް ނިކުންނަން އެގޮތަށް އާވާ ހުއްދައަކަށް އެދުނީތީ ދެކޮޅުހަދަން އޭނާ ބޭނުންނުވިއެވެ. އޭނާ އާވާއަށް ހުއްދަ ދޭން އުޅުނު ވަގުތު ނައިޝީ ދެއްކި ވާހަކަތައް އައިސް ސިކުނޑީގެ ކަނެއްގައި ކޮށްޓާލައިފިއެވެ. އާވާގެ މޫނަށް އޭނާއަށް ބަލައިލެވުނީ ހަމަ ކުއްލިއަކަށެވެ.
"އެވީ....! މުސްލިމަކު ދަޢުވަތެއް ދީފިނަމަ އެ ދަޢުވަތެއް ޤަބޫލުކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކޮށްދެންޖެހޭ ހައްޤުތަކުގެ ތެރެއިން ޙައްޤެއް. އެހެންވިޔަސް މިފަހަރު އަހަރެން ތި ދަޢުވަތު ޤަބޫލުނުކުރަން އެވީ ކައިރީގައި ބުނެފިއްޔާ ވަރަށް ދެރަވާނެތަ. އެއީ ސަބަބެއް ނެތިއެއްނޫން. އަހަރެން އެވީ ކައިރީގައި މި ސަބަބު ހާމަކުރާނަން" މާހިލް ބުނެލިއެވެ.
"އޯކޭ... އެކަމަކު ނާދިޔާ ކައިރީގައި ކީކޭ ބުނާނީ" އާވާ އަހައިލިއެވެ.
"ދޮގެއް ހަދާނެކަމެއްނެތް. ހިނގާ މާދަމާ އެވީ އާ މާޔާވެސް އަހަރެމެންނާއެކު ފުރަން" މާހިލް ހިޔާލެއްދިނެވެ.
"އެކަމަކު ޓިކެޓް...." އާވާ ބުނެލިއެވެ.
"ތިކަމާ އެވީ ނުވިސްނާ. ރެޑީވޭ ދާން. އޭރުން ނާދިޔާ ކައިރީގައި ބުނެވޭނެތާ މާހިލް އާ އެކު ކުއްލިއަކަށް ފުރަން ޖެހުނިއްޔޭ" މާހިލް ބުނެލިއެވެ. އާވާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ވިލިމާލޭގެ ހިތްގައިމު ރެސްޓޯރެންޓެއްގެ ތެރޭގައި އިން ނައިޝީ މޭޒު މައްޗަށް އަތުގައި އޮތް ފޯނު ބާރަކަށް ޖެހިއެވެ. އެ އަޑަށް އެކުގައި އިން ސުހާއާއި ޙަމްނާ ދިޔައީ ސިހުގެންނެވެ.
"ނާއްތާ...! ވަޓްސް ރޯންގް" ސުހާ އަހައިލިއެވެ.
"ކީއްވެތަ އަހަރެންގެ އެއްވެސް ޕްލޭންއެއް ވޯރކް ނުކުރަނީ" ބޮލުގެ ދެފަރާތުގައި ދެ އަތުން ހިފަހައްޓައިލަމުން ނައިޝީ ބުނެލިއެވެ.
"މިހާރު ކިހިނެއްވީ؟" ސުހާ އަހައިލިއެވެ.
"ފަންޑިތަ ކާންދޭން އުޅުނީ. ކާމިޔާބެއްނުވި. މާހިލް އާވާ ގޮވައިގެން މާދަމާ ފުރަނީ އޯ" ނައިޝީ ބުނެލިއެވެ.
"އުމުރަކަށް ނޫނެއްނު އެދަނީ. މިފަހަރު އެހެން ގޮތެއް ވިސްނަބަލަ. ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުމޭ... ވޮރީ ނުވެބަލަ" ނައިޝީގެ އަތުގައި ހިފައިލަމުން ސުހާ ބުނެލިއެވެ.
"ކީއްވެގެންތަ ޙަމް މާ ހިމޭނުން ތި އިންނަނީ؟ މިތަނަށް އައިފަހުން އެއްވެސް ބަހެއް ކިއީކީ ނޫން" ހިމޭންކަމާއެކު ކޮފީތަށި ބޮމުން ދިޔަ ޙަމްނާއަށް ނަޒަރެއް ދެމުން ސުހާ އަހައިލިއެވެ.
"އައި އެމް ގެޓިންގް މެރީޑް" މަޑުމަޑުން ޙަމްނާ ބުނެލިއެވެ.
"ވަޓް....؟" ޙަމްނާއަށް ބަލައިލީ ނައިޝީއާއި ސުހާ އެކުއެކީގައެވެ.
"ދެން އިއްޓެއަށް ކިހިނެއްވާނީ؟ އިއްޓެ ހަމަ ރަނގަޅަށްވެސް މިހާރު ޙަމް އާ ލައިކްވޭ. އެގޮލާއަށް އިނގިއްޖިއްޔާ ހާދަ ދެރަވާނޭ" ނައިޝީ ވާހަކަދެއްކިއެވެ.
"މަންމަ ކައިރީގަ އަހަރެން ބުނެފިން ޔެސް އޭ. ތި މީހުން ކައިރިއަށް އަހަރެންނަށް އާދެވޭނީ ވަރަށް މަދުން. އެހެންނޫނަސް އިޝާން އާ އަހަރެން އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނޫން" ޙަމްނާ ވާހަކަދެއްކިއެވެ. ނައިޝީއާއި ސުހާ އެކަކު އަނެކަކަށް ބަލައިލީ ޙަމްނާ ދެއްކި ވާހަކަތައް ޤަބޫލުނުކުރެވިފައެވެ.
ރޭގަނޑު ބާރަޖަހަން ދެތިން މިނިޓް ހުއްޓެވެ. ނިދަން އުޅެއުޅެ ކާމިޔާބު ނުވުމުން އަނުމް ކޮޓަރީގައި އޮވެފައި ނިކުތެވެ. ކޮޓަރި ދޮރުން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ އާރިޔަންގެ ކޮޓަރިއާއި ދިމާލަށެވެ. އާރިޔަން ކެއްސާލި އަޑު އޭނާއަށް އިވުނެވެ. އެވަގުތުވެސް އޭނާގެ ހިތްއެދުނީ އެކޮޓަރިއަށް ވަންނާށެވެ. އެހެންނަމަވެސް ހިތާ ދެކޮޅަށް އަނުމް ބަދިގެއަށް ވަދެ ޕެކެޓް ކޮފީއެއް ހަދައިލިއެވެ. ސިޓިންރޫމަށް ނިކުމެ ސޯފާގައި އިށިންނަމުން ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ރިމޯޓް ނަގާފައި ޓީވީ ޖައްސައިލިއެވެ. ހިނދީ ފިލްމެއް އަންނަ ތަނަކަށް ލުމަށްފަހު އޭނާ ބަލަހައްޓައިގެން އިނެވެ. އެހެން އިންއިރު އިރުކޮޅަކާ އާރިޔަންގެ ކޮޓަރިއާއި ދިމާލަށް އޭނާއަށް ބަލައިލެއެވެ.
އަނުމް އެހެން އިންނަތާ ތިރީސްމިނިޓް ފަހެވެ. އާރިޔަންގެ ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުނެވެ. އަނުމް ފަހަތް ބަލައިލިއެވެ. ދެކުދިންގެ ނަޒަރު ބައްދަލުވުމާއެކު މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އާރިޔަން މަޑުމަޑުން އަނުމް އާ ދިމާލަށް ހިނގައިގަތެވެ.
"މިގަޑީގަ އަނުމް މިތަނުގައި ތީނީ؟ ނިދި ނާންނަނީތަ؟" އާރިޔަން އަހައިލިއެވެ.
"ކޮފީ ބޯހިތުން އައީ. މިހާރު ކޮޓަރިއަށް ދާން މިއުޅެނީ" އަނުމް ބުނެލިއެވެ.
"މަންމަ ކޮންމެސް ވާހަކައެއް ދައްކަންވެގެން އެކޮޓަރިއަށް އައިސްބަލާށޭ ބުނީމަ މިދަނީ. އަންނަންދެން މަޑުކޮށްލާނަން ދޯ. ކުޑަކޮށް ވާހަކަދައްކާލަން" އާރިޔަން އެދުނެވެ. ވަގުތުން އަނުމް ބޯޖަހައިލިއެވެ.
އާރިޔަން ޓަކި ޖަހާލުމާއެކު އެތެރެއިން ފަލަކްނާޒް 'ހުޅުވާފަ' އޭ ބުނެލި އަޑު އިވުނެވެ. އާރިޔަން ދޮރު ހުޅުވާލިއިރު ނިދަންލާ ހެދުމުގައި ފަލަކްނާޒް އެނދުގައި އިނެވެ. ވަކިން ހުރި ސިންގަލް އެނދެއްގައި އަލަމް ނިދާފައި އޮތެވެ. ނާޞިހް ފެންނާކަށް ނެތެވެ.
"ނާޞިހްބައްޕަ ގެއަށް ނާންނަނީތަ އަދި" ޑްރެސިންގްޓޭބަލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށިންނަމުން އާރިޔަން އަހައިލިއެވެ.
"އަދި ނާދޭ. އެކަމަކު މިހާރު އަންނަން އުޅޭނެ" ފަލަކްނާޒް ބުނެލިއެވެ. މިވަގުތު ފަލަކްނާޒްގެ މޫޑު ވަރަށް ރަނގަޅުކަން އާރިޔަންއަށް އިނގުނެވެ.
"ކޮންއިރަކުން އާޔަން ޔުނީފޯމުގައި ހުއްޓަ މަންމައަށް ފެންނާނީ. އޭރުގަ މަންމަ ނުރުހިފައި ހުއްޓަސް މަންމަ ވަރަށް ދެކިލާހިތްވޭ" ފަލަކްނާޒް ބުނެލިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަންނަ އާދީއްތަ ދުވަހު ފެންނާނެ... ކޮންވާހަކައެއް މަންމަ ދައްކަން އުޅުނީ" އާރިޔަން އަހައިލިއެވެ.
"ކޮންމެ މަޔަކުވެސް ދަރިންގެ ފަރާތުން ކަންތައްތަކަށް އުންމީދު ކުރާނެ. އާޔަންގެ އުމުރުން ދުވަހަކަށް ފަހު ދުވަހެއް އަރައިގެން އެދަނީ. ޒަވާޖީ ހަޔާތެއް ފެށުމަކީވެސް މުހިންމުކަމެއް. އާޔަން ކައިވެނި ކުރަންވީނުން" ފަލަކްނާޒް ބުނެލިއެވެ. އާރިޔަންއަށް ހިނިތުންވެވުނެވެ. އެވަގުތުކޮޅު އޭނާގެ ސިކުނޑި ތެރޭގައި ދައުރުވެލީ އަނުމްގެ އެކި ޚިޔާލުތަކެވެ.
"މަންމަ މިހާރުވެސް ހަނދާން އެބަހުރި އާޔަންގެ އުމުރުން ދިހަ އަހަރުންގައި މީހަކު ސަމާސާއަކަށް ހަދާފައި އަހާލާއިރަށް ބުނާނެ އާޔަން އިންނާނީ މަންމަ ދައްކާ ކުއްޖަކާއޭ. އެއަށްވުރެ ބޮޑުވީމަވެސް އާޔަން ބުނަނީ އެހެން. އެހެންވެ މަންމަ މިއަދު ދަރިފުޅުދެކެ ލޯބިވާނެ ކުއްޖެއް ހޯދައިފިން" ފަލަކްނާޒް ބުނެލިއެވެ. އާރިޔަންގެ ނަޒަރު ފަލަކްނާޒަށް ހުއްޓުނެވެ.
"އެއީ ކޮންކުއްޖެއް؟" އާރިޔަން އަހައިލިއެވެ. އޭނާގެ މޫނުމަތި މިލައިފިއެވެ.
(ނުނިމޭ)