"ތިއީ ހަގީގަތަކީ...." އަނުމް ބަލައިލީ އާރިޔަން ވާހަކަދެއްކި އަޑަށެވެ.
ކުރިމަތީގައި އިން އާރިޔަން ފެނި އަނުމްއަށް އަނގަމަތީގައި އަތް އެޅުނެވެ. އެއީ އާރިޔަން ކަމާމެދު އޭނާއަށް ޝައްކުވިއެވެ. މިހާރު އޭނާއަށް ބެލެމުން ދަނީ އާރިޔަންގެ މޫނަށެވެ. ތުނިކޮށް ކޮށާލާފައިވާ އިސްތަށިތަކުގެ ތިރިން ފެންނަން ހުރި އާރިޔަންގެ މޫނު އެ އިސްތަށިގަނޑާ ގުޅުވާލައިގެން ހިތަށް ސިފަކުރަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. މިހާރު ފެންނަން ހުރި އިސްތަށިގަނޑާއި ތުނިތުނިކޮށް ފަޅާފައިވާ ތުނބުޅިން އަޖައިބެއް ކަހަލަ ތަފާތެއް އާރިޔަންގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. އާރިޔަން އެގޮތަށް ހުރުމުން އަނުމްއަށް ވަރަށް ކަމުދިޔައެވެ. އަނުމްގެ އެ ބެލުމުން ހިނދުކޮޅަކަށް އާރިޔަން ލަދުގަތެވެ. އެކަން އަނުމްއަށް ފާހަގައެއް ނުވިއެވެ.
"މިއީ މަށޭ..." އަނުމް މޫނު ކުރިމަތީގައި ދެ އިނގިލިން ފުއްޓައްކެއް ޖަހައިލަމުން އާރިޔަން ބުނެލިއެވެ. އަނުމްއަށް ހޭވެރިކަމެއްވީ އެވަގުތުއެވެ. އޭނާ އެއްފަހަރު އަރިޔަންގެ މޫނަށް އަނެއްފަހަރު ތިރީގައި އޮތް ވިގަށް ބަލައިލިއެވެ.
"ހައު އިޒް މައި ނިއު ލުކް" އާރިޔަން އަހައިލިއެވެ.
"ޑޯންޓް ބީ ޝޮކްޑް އަނޫ..." އަނުމް ހުރި ގޮތުން އާރިޔަން ބުނެލިއެވެ.
"އައި ކާންޓް ބްލީވް... މިއީ ހުވަފެނެއްތަ...؟" އަނުމް ބުނެލިއެވެ.
"އަނޫ...! ލިސެން. މިއީ ވަރަށް ބޮޑު ސިއްރެއް. މި ސިއްރު ހާމަ މިކުރީ ހަމައެކަނި އަނުމް ކުރިމަތީގައި. އެކަމަކު މިރޭ މަންމައާއި ނާސިހްބައްޕަ ކައިރީގައިވެސް ބުނާނަން. ޕްލީޒް.... މިގޭ ހަތަރުފާރުން ބޭރަށް މި ސިއްރު ދާކަށް އަހަރެން ބޭނުމެއްނޫން. އަދި ދެ ހަފްތާއެއް ފަހުން ހުރިހާކަމެއް ހަމަޖެހޭނީ" އާރިޔަން ވާހަކަދެއްކިއެވެ.
"ކޮން ސިއްރެއް؟ ކީއްވެ މިހުރިހާ ދުވަހު ވިގެއް އަޅައިގެން އުޅުނީ؟" އަނުމް އަހައިލިއެވެ. އާރިޔަން އެނދުގެ ސައިޑްކަބަޑު ހުޅުވާލިއެވެ. އޭގެތެރޭގައި އޮތް ވޮލެޓް ނަގައިގެން އައިސް ހުއްޓުނީ އަނުމް ކުރިމަތީގައެވެ. ވޮލެޓް ތެރޭގައި ހުރި ކާޑުތަކުގެ ދަށުން އާރިޔަން ނެގި ކާޑް އަނުމް އަތަށް ދިއްކޮށްލިއެވެ.
"ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަޙްމަދު އާރިޔަން" އަނުމް އެ ނަން ކިޔައިލިއެވެ. އޭގައި އިން އާރިޔަންގެ ފޮޓޯއަށް ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި މިހާރު އެހުރި އާރިޔަން އާއި ފޮޓޯއިން ފެންނަން އިން އާރިޔަން އެއްވެސް ތަފާތެއް ނެތެވެ.
އާރިޔަންގެ މޫނަށް އަނުމް ބަލައިލީ ގަބޫލުނުކުރެވިފައެވެ. އޭނާގެ ކުރިމަތީގައި މިހުރީ ފުލުސް އޮފިސަރެއް ހެއްޔެވެ؟
"މިއީ.. ކޮންއިރަކު؟" އަނުމް އަހައިލިއެވެ.
"އަހަރެން ފުލުހުންގެ ހުވާކުރީ މީގެ ހަތަރު އަހަރުކުރިން. ހަތަރު އަހަރުވިއިރު އަހަރެންގެ މަންމައަށް ވެސް ނޭނގޭނެ އަހަރެންނަކީ ފުލުހެއް ކަމެއް. އަހަރެންނަކީ ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ފުލުހެއް. އަހަރެންނަކީ ފުލުހެއްކަން ސިއްރުކުރަން އަހަރެންނަށް މަޖުބޫރުކުރީ އަހަރެން ކުރި ހުވާ" އާރިޔަން ވާހަކަދެއްކިއެވެ.
"މިހާރު އަހަރެންނަށް އަނުމްގެ އެކުވެރިއަކަށް ވެވިދާނެތަ؟ އިތުރު ޝަރުތެއް އެބައޮތްތަ؟" އާރިޔަން އަހައިލިއެވެ. އަނުމް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
އަނުމް ބޯޖަހައިލި މަންޒަރު ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އާރިޔަންއަށް ހިފަހައްޓާލެވުނީ އަނުމްގެ ދެކޮނޑުގައެވެ. އަނުމްގެ ހަށިގަނޑު އޭނާގެ މޭގައި ޖައްސައިލަން އާރިޔަން ބޭނުންވިއެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ކުރަން އޭނާއަށް ނުކެރުނެވެ.
"އަދިވެސް އަހަރެންގެ ހިތުގައި ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް އެބަހުރި" އަނުމް ބުނެލިއެވެ.
"އައި ނޯ... ހިނގާ ބޭރަށް. މިހާރު މަންމަމެން އަންނާނެ ސިޓިންރޫމަށް. އަހަރެން ބުނިން އެގަޑީގަ އަހަރެން ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ" އާރިޔަން ބުނެލިއެވެ.
އަނުމް އާ އެކުގައި ހިނގާފައި އައިސް ކުރިމަތީގައި ހުއްޓުނު އާރިޔަން ފެނި ފަލަކްނާޒަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ޚައިރާންކަން އެކުލެވިގެންވި ބެލުމަކުން ފަލަކްނާޒް އާރިޔަންއަށް ބަލަހައްޓައިގެން ހުރުމުން އާރިޔަން ހީލިއެވެ.
"މިއަދު ބައްޕަ ވަރަށް އުފާވެއްޖެ. މީހުންގެ ކިޔަމަންތެރި ފިރިހެން ދަރީން ތިބޭނީ ތިހެން" އާރިޔަންގެ ބުރިކަށީގައި ފިރުމާލަމުން ނާސިހް ވާހަކަދެއްކިއެވެ.
"ކާކު ބުނި ބަހަކަށް ކުރި ކަމެއް؟ އަހަރެން ކިޔާކިޔާ ނުކުރި ކަމެއް ކާކު ބުނެގެން އެ އިސްތަށިގަނޑު އެއްލާލީ" ނުސީދާކޮށް ފަލަކްނާޒްގެ ބަސްތައް އަމާޒުވީ އަނުމް އަށެވެ. އެކަން އާރިޔަންއަށް ވެސް އަނުމްއަށް ވެސް އިނގުނެވެ.
"މަންމާ.... ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އަހަރެންނަކީ މިހާރު ވަޒީފާއެއްނެތި ލާހޫރެމުންދާ ޒުވާނެއްނޫން. މަންމަގެ މިދަރިފުޅަކީ ގައުމަށްޓަކައި ދީނަށްޓަކައި މަސައްކަތް ކުރަމުންދާ ދިވެހި ފުލުހެއް" އަތުގައި އޮތް ޕޮލިސް އައިޑީ ކާޑު ފަލަކްނާޒް އަތަށް ދެމުން އާރިޔަން ބުނެލިއެވެ. ފަލަކްނާޒް ފަރުވާތެރި ކަމާއެކު އެއަށް ބަލައިލިއެވެ.
"ކީއްކުރަން ފުލުހުކަށްވީ؟ އާރިޔަންއަށް ހަމަ ރަނގަޅަށް އިނގޭނެ އެމީހުން ދެކެ އަހަރެން ރުޅިއަންނަ ވަރު" ފަލަކްނާޒް އެތިވަރު ގޮވައިގަތެވެ.
"އެންމެ ފުރަތަމަވެސް މަންމަ ބޭނުންވީ އަހަރެން ފުލުހުކަށް ވާން. މަންމަ ބުނި އެއީ މަންމަގެ ހުވަފެނެކޭ. މަންމަ އުފަލެއްނުވޭތަ؟" އާރިޔަން އަހައިލިއެވެ.
"އެއީ މީގެ ހަތަރު އަހަރުކުރިން. އަހަރެން ފުލުހުންނަށް ނަފްރަތު ކުރަން ފެށީ ހާދަ ފަހުންނޭ. ތިއީ ވެސް އާރިޔަން އަހަރެންނަށް ޖެއްސުމަށް ކުރިކަމެއް. އާރިޔަންއަށް މިހާރު އަހަރެން ރުހޭ ކަމެއް ކުރެވޭތަ؟" ފަލަކްނާޒްގެ ރުޅި މަޑެއް ނުވިއެވެ.
"މަންމާ! އަޑުއަހާބަލަ. މީގެ ހަތަރު އަހަރުކުރިން އަހަރެންނަށް ފުލުހުންގެ ވަޒީފާ ހަމަޖެހުނޭ. ސިއްރުކުރަން މަޖުބޫރުވީ. މިހާތަނަށް އެކުގައި މަސައްކަތްކުރާ ކުދިން ނޫން އެހެން އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ. ރިސޯޓަށް އަހަރެން ވަޒީފާއަށް ދިޔައީކީނޫން. އެއީ އެތެރެއިން ޖެއްސި އޮޕަރޭޝަނަކަށް. އައްޑުއަށް ހަތަރު މަހަށް ދިޔައީ އެކުވެރިއެއްގެ ދައުވަތަށް ނޫން. އެއީ ޓްރެއިނިން އަށް. މިހާރު މިވާހަކަ ބުނަން މިޖެހުނީ އެހެން ގޮތެއް ނެތިގެން. އަހަރެންގެ ހިތް މާބޮޑަށް ކަމަކަށް އެދެން ފެށީމަ" އާރިޔަން ވާހަކަދެއްކިއެވެ. މިފަހަރު ފަލަކްނާޒް އެއްޗެއް ނުބުންޏެވެ. އެހެންނަމަވެސް އޭނާ އަދިވެސް ހުރީ ނުރުހިފައެވެ.
"ދެން ކެނޑެންވީނުން. އެނޫނަސް އާރިޔަންއަށް ތަންތަނުން ވަޒީފާ ލިބޭނެ. އަހަރެން ހުންނާނީ ކިޔަވައިދީފަ" ފަލަކްނާޒް ބުނެލިއެވެ.
"މަންމާ!! އެތަނަށް މަންމަ ނަފްރަތު ކުރިޔަސް އަހަރެން ވަރަށް ބޮޑަށް ލޯބިޖެހިއްޖެ. މީގެ ދެހަފްތާ ފަހުން މަންމަގެ މިދަރިފުޅު ފުލުހުންގެ ޔުނީފޯމުގައި އައިސް މަންމަ ކުރިމަތީގައި ހުއްޓޭނަން. އޭރުން ވެސް މަންމަ އުފަލެއްނުވާނެތަ؟" ފަލަކްނާޒް ބުނެލިއެވެ.
"ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިންގެ ފަރާތުން ކަންތައްތަކަށް އުންމީދު ކުރާނެ. ނާޒް މިގަޑީގަ ހިތްހަމަނުޖެހިފަ ހުއްޓަސް ތިބުނާ ދުވަހަކުން ޔަގީން އުފަލުން އެ ދެލޮލުން ކަރުނަ އަންނާނެކަން" ނާސިހް ވާހަކަދެއްކިއެވެ.
"އާރިޔަން އެހުރީ ވަރަށް ޒިންމާދާރު މަގާމެއްގަ. އަހަރެންގެ ދުޢާއަކީ އަބަދުވެސް އާރިޔަންއަށް ހެޔޮގޮތް މިންވަރު ކުރެއްވުން. އަބަދުވެސް އެދެނީ ކާމިޔާބީއަށް. އަހަރެން ބުނާނީ ތިގޮތުގައި ކުރިއަށްދާށޭ. އާރިޔަންގެ އާއިލާ އަބަދުވެސް ތިބޭނީ އާރިޔަން އާ އެކު" ފަހަތުގައި ހުރި އަނުމް ވާހަކަދައްކަން ފެށުމުން ފަލަކްނާޒްގެ ރުޅިވެރި ދެލޯ އަމާޒުވީ އަނުމްއަށެވެ. އެކަން އަނުމްއަށް އިނގުނަސް އޭނާ މާބޮޑު ކަމަކަށް ނެހެދިއެވެ.
ބަލިވުމުން މާޔާ ކޮޓަރިން ނުނިކުމެއެވެ. ޝާނިމްއާއި މާހިލް ރަސްމީ ދަތުރެއްގައި އަތޮޅުތެރެއަށް ފުރުމުން ގޭގައި ތިބީ އާވާއާއި އަމާޔާ އެކަންޏެވެ. އަމާޔާ ބަލިކޮށް އުޅޭތީ ދުވަހުގެ މެންދުރު ވަގުތު އާވާ އެކޮޓަރިއަށް ދިޔައީ އަމާޔާއަށް ކާއެއްޗެއް ހިފައިގެންނެވެ. ރަޖާ ދަށުގައި ނިދާފައި އޮތް އަމާޔާއަށް ގޮވަން އާވާ ބޭނުމެއްނުވިއެވެ. އެހެންކަމުން ގެނައި ކާއެއްޗެހި ތަށި ހިފައިގެން އޭނާ ތިރިއަށް ފޭބިއެވެ. ކާމޭޒު މަތީގައި ތަށިތައް ބަހައްޓާފައި އޭނާ ނިކުތީ ސިޓިންގްރޫމަށެވެ. ސޯފާގައި އިށީނުމަށްފަހު ޓީވީ ހުޅުވާލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު މުންނާރު ޓީވީ އެޅުވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ 'ކޯވިޑް 19' އާއި ގުޅިގެން ހާއްސަ ދަރުސެއް ދެމުން ދިޔައެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެ ދަރުސްދޭން އިނީ އޭނާގެ ލޯބިވާ ބައްޕައަށް ވީތީއެވެ. އެ ބައްޕަ ނުފެންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވީއިރު އޭނާ ހުރީ ބައްޕަ ދެކިލާހިތްވެފައެވެ. ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ހުއްޓުނެވެ. ރިމޯޓް ނަގާ ވޮލިޔުމް ތަންކޮޅެއް ބާރުކޮށްލުމަށްފަހު އެއްފައި މައްޗަށް އަނެއް ފައި އަރުވާލާފައި ކުޝަންއެއް ނަގާ އުނގުމަތީގައި ބޭއްވިއެވެ.
"އޭ ބޮޑާވެގަތް އިންސާނާއެވެ. ވިސްނާށެވެ. ވަގުތު އެބައޮތެވެ. ﷲ ގެ މަގަށް ހެޔޮގޮތުގައި ރުޖޫއަވާށެވެ. އަހަންނަކީ ކޮރޯނާ ވައިރަސްއެވެ. ކަލޭމެންގެ ލޮލަށް ނުފެނި އަހަރެން މިދަނީ ކަލޭމެންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖަހަމުންނެވެ. އިންސާނާގެ ހަށިގަނޑު ތެރެއަށް ވަދެ އަހަރެން ހިންދެމިލާ ހަމަޖެހިލާއިރު ވެސް ކަލޭމެންނަށް ހަމަ ރެއަކާވެސް ނުލައެވެ.
މިއީ އަހަރެމެންގެ ލޮލަށް ނުފެނި އަހަރެމެންގެ މުޅި ދިރިއުޅުން މަރާ ގާތްކުރަމުންގެންދާ ކުޑަކުޑަ މަޚްލޫގެއްގެ އަޑު. ކަޅެއް ދޮނެއް ތިޔަ ވަކިވަނީ ވަރުގަދަ ހަށިގަނޑުތަކަށް އަހަރެން ހެދި އެއްޗެއް ހަދާ ނިންމާ ފަހުން. ބޮޑާކަންމަތީ ގުންފައި ޖަހަމުން ހިނގާ އިންސާނާ ކުޑަކޮށްވެސް ވިސްނާނުލާ. ހަގީގަތުގައި ކޮންމެ އިންސާނަކީވެސް ނުކުޅެދިފައިވާ އިންސާނެއް. މިހެން ނުބުނާންވީ ސަބަބެއް ނެތް. ކޮންމެ މީހަކު އަތް ދޮންނަންވީ ގޮތާއި ރައްކާތެރިވާންވީ ގޮތް ކިޔަމުންދާއިރު އެ ވައިރަސް އުފެދިގެން އައި ގޮތް އެއްވެސް އިންސާނަކަށް ހޯދައި ނުގަނެވުނު. ކީރިތިވަންތަ ﷲ ގެ ކުޅަދުންވަންތަކަމާއެވެ.
އަދިވެސް ވިސްނާކަށް ނުވޭ ހެއްޔެވެ؟ ކީރިތަވަންތަ މާތްﷲ ގެ ކޯފާއަކީ ކަނޑުން ނަގާ ބިޔަ ރާޅެއް އެކަންޏެއް ނޫން. ﷲ ހަރާމް ކުރެއްވި ކަންކަން ކުރުމުގައި ހައްދުފަހަނައަޅާ ދާއިރު ލޮލަށް ނުފެންނަ އެ ކުޑަ މަޚްލޫގު އެދަނީ އިންސާނުންނަކީ ބަލިކަށި ބައެއް ކަން ސާބިތުކޮށްދެމުން. އަދިވެސް ތިބެންވީ ގަދަ ބަސް ބުނުމުގައި ހެއްޔެވެ؟
އަދިވެސް ވަގުތުފާއިތެއް ނުވޭ. މަރުވެދާއިރު އެކުގައި ގެންދެވޭނެ ހަމައެކަނި އެއްޗަކީ ކުރެވުނު ހެޔޮ އަމަލުތައް. ލޯތަަކަަށް ސިއްރުން އިންޓަނެޓުން ތިޔަ ބަލާހާ މުޑުދާރު މަންޒަރުތަށް ހެއްދެވި ފަރާތަށްވެސް ވަންހަނާވެފައި އޮވެދާނޭ ހަމަ ހީވަނީ ހެއްޔެވެ؟ ކައިބޮއެ ހެދުމުގައި ވެސް ހަރާމެއް ހަލާލެއް ބެލުމެއްނެތެވެ. އަލިފާން ކެވުނަސް ވަރިހަމަ ވެއްޖެއެވެ. ހައްގު ބަސް އިއްވަން ތިބި އިއްޒަތްތެރިން ފައިސާއަށް ވިކި ނިމިއްޖެ...." އާވާ ކުއްލިއަކަށް ސިހިގެން ދިޔައީ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އިވިގެން ދިޔަ ވާހަކަތަކެއްގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިފައިވިއެވެ. ޓީވީއަށް ދެވަނަ ފަހަރަށް ނަޒަރެއް ދެވުނުއިރު ދަރުސް ނިމިއްޖެއެވެ. އޭގެ މުހިންމު ބައެއް އޭނާއަށް އަޑުނީވި ދިޔުމުން ދެރަވެއްޖެއެވެ. އެ ބައި ބައްޕަ ކައިރިއަށް ގޮސް ހޯދަން އާވާ ނިންމިއެވެ. އެ ވިސްނުންތަކުގައި އިންދާ ކޯލް މިސްވެ ދެވަނަ ފަހަރަށް ވައިބްރޭޓްވާން ފަށައިފިއެވެ. އާވާ ބަލައިލިއިރު ގުޅަނީ އަނުމްއެވެ. ވަގުތުން ޓީވީގެ ވޮލިޔުމް މަޑުކޮށްލާފައި އަނުމްއަށް ޖަވާބުދިނެވެ.
"އާނ ފްރީވާނެ ހަވީރު. މާހިލް ވެސް މިރޭ އަންނާނީ. އަނޫ އާދޭ.... ހޫމް.... އަހަރެން ސައެއް ތައްޔާރުކުރާނަން...." އެކޮޅުން އަނުމް ދައްކަމުން ދިޔަ ވާހަކަތަކާއި ގުޅުވައިގެން އާވާ ވާހަކަދެއްކިއެވެ.
"މިހާރުން ފެށިގެން ތި ބުނަން އުޅޭ ވާހަކައަކަށް ވަރަށް އިންތިޒާރު ކުރަން ފަށައިފިން. އެހެންނޫނަސް އަނޫގެ ގޮތް ވަރަށް ރަނގަޅަށް އިނގޭ. ވާހަކައެއް ބުނަން އޮތިއްޔާ އަނޫއަށް އިނގޭނެ އެވާހަކައެއް އަޑުނާހާ އަހަރެންނަށް އެއްކަމެއްވެސް ނުވާނެކަން" އާވާ ވާހަކަދެއްކިއެވެ.
ތައްޔާރުވެގެން އަނުމް ކޮޓަރިން ނިކުތް ވަގުތު އެއީ އާރިޔަންވެސް ކޮޓަރިން ނިކުތް ވަގުތެވެ. ދެކުދިންގެ ހަތަރުކަޅި ބައްދަލުވުމާއެކު މާނަފުން ހިނިތުންވުމެއް ދެމެދުގައި ބަދަލުވެގެން ދިޔައެވެ. ފެންނަން ހުރި އާރިޔަން ތަފާތުކަމުން އަނުމްއަށް ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ. ސޯފާގައި އިން ފަލަކްނާޒް ފަހަތަށް އެނބުރިލީ ކޮޓަރީގެ ދޮރުހުޅުވުނު އަޑު އިވިފައި ފަހުން އެއްވެސް މީހެއްގެ ހަބަރު ނުވުމުންނެވެ. އެހެންނަމަވެސް ފެނިގެން ދިޔަ މަންޒަރަކުން ފަލަކްނާޒްގެ އެތެރެހަށީގެ ލޭތައް ކެކިގަތް ކަހަލައެވެ. އާވާރާވެފައި ތިބި ދެމީހުން ފަދައިން އަނުމްއާއި އާރިޔަން ދުރުގައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި މަންޒަރު ފެނުމުން ފަލަކްނާޒަށް ހަޖަމެއް ނުކުރެވުނެވެ. އަތުގައި އޮތް ރިމޯޓް ބާރަށް މުށިތަކުގެ މައްޗަށް ވައްޓައިލީ އޭނާ ގަސްތުގައެވެ. އާރިޔަންއާއި އަނުމް އެދިމާލަށް ބަލައިލީ ސިހިފައެވެ.
"މަންމާ...!" އާރިޔަންއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އަނުމް ކުރިއަށް އެއްފިޔަވަޅު އަޅާފައިވެސް މަޑުކޮށްލިއެވެ.
"އާރިޔަންއަށް ކިހިނެއްވެފަތަ ތިހުންނަނީ... އަހަރެން ގޮވީމަ އަޑު ނީވެނީ ކީއްވެތަ؟" ފަލަކްނާޒް ހަޅޭއްލަވައިގަތެވެ.
"ނީވޭ އަޑެއް..." އާރިޔަން ބުނެލިއެވެ.
"އިވޭނެތަ؟ މިހާރު ތިހުންނަނީ ހަމަހެޔަކު ނޫން ވިއްޔާ..." ފަލަކްނާޒްގެ ނަޒަރު ސީދާވީ އަނުމް އަށެވެ. މާބޮޑު ކަމަކަށް ނަހަދާ އަނުމް ވަނީ ބަދިގެ ބަޔަށެވެ.
ވިހި މިނިޓް ފަހެވެ. އުނދުން ކައިރީގައި އަލަމްއަށް އެއްޗެއް ހަދަން ހުރި އަނުމް ސިހިގެން ދިޔައީ ކައިރީގައި އައިސް ހުއްޓުނު ފަލަކްނާޒް ފެނިފައެވެ. އޭނާ ބަލައިލިއިރު ފަލަކްނާޒްގެ ކަޅި ހުއްޓިފައި ހުރީ އޭނާއަށެވެ. ދެލޮލުން ފާލުވަމުންދާ ނަފްރަތުން އަނުމް އަނދާ އަޅިޔަށް ހަދާލަން އުޅޭ ކަހަލައެވެ.
"ސިއްސައިގެންނޭ އެދިޔައީ. މަޑުން ނާދެވޭތަ؟" އަނުމް ބުނެލިއެވެ.
"ކަލޭ ތިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ؟" ފަލަކްނާޒް ބުނެލިއެވެ.
"އަހަރެން ދެންމެ ހިތަށް އެރީ ހާދަ ބާރަކަށޭ އައިސް ބުރެކި ތިޖެއްސީ. ކިރިޔާއޭ އެކްސިޑެންޓެއް ނުހިނގީ" އަނުމްގެ އަޑުގައި ވަނީ ހަމަޖެހުމެވެ.
"އަހަރެން މިތަނަށް މިއައީ ކަލޭ ތިދައްކާ ޖޯކު ވާހަކަތައް އަޑުއަހާކަށް ނޫން" ފަލަކްނާޒް ބުނެލިއެވެ.
"ދެން ކީއްކުރަން؟ ބަނޑުހައިވީތަ؟ އަލަމްއަށް ބިސްގަނޑު އަޅަނީ ހަވީރު ތަނަކަށް ދާން އޮތީމަ. ބޭނުންތަ؟" އަނުމް ވާހަކަދެއްކިއެވެ.
"ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް؟ އަހަރެންގެ އާރިޔަންއާ ގާތްވުމަށް ކަލޭ ތިކުރާ މަސައްކަތްތައް ހުއްޓާލާ. އަހަރެން ރުހޭކަމެއް ނޫން އެއީ" އެންމެފަހުން ފަލަކްނާޒް އޭނާގެ ހިތުގައި އޮތް އެތި އަނުމްއަށް އިއްވައިލިއެވެ.
"މަޑުކުރޭ ތިއަށް މިޖަވާބުދެނީ" އެޅި ބިސްގަނޑު ތައްޓަކަށް ލައިގެން ގޮސް މޭޒުމަތީގައި ބަހައްޓާފައި އޭނާ އައިސް ޒިންކު ކައިރީގައި ހުއްޓުނީ ހަޑިވެފައިވާ ތަށި ދޮވެލުމަށެވެ.
"އަލަމް ސައި ބޯ ގަޑިއަށް ބިސްގަނޑު ފިނިވެފައި އޮތިއްޔާ އަވަނަށް ލައިގެން ކުޑަކޮށް ހޫނުކޮށްލަދޭތި" އަނުމް ބުނެލިއެވެ. ފަލަކްނާޒް ހުރީ އަނުމްގެ އަމަލުތައް ހުރިގޮތުން ރުޅިގަނޑު ފަޅައިގެންދާން ކައިރިވެފައެވެ.
"އުމުރުން ފަންސާސް އަހަރަށް ވުރެ މަތިވީމަ ތިހާ ރުޅިގަދަވުމަކީ ނުރައްކާތެރިކަމެއް. ސްޓްރޯކެއް ޖެހިދާނެ. އޭރުން ކިހިނެއްވާނީ. ޔަގީނުންވެސް އަބަދު ހަޅޭއްލަވާ އަޑު ނީވެންޏާ އަހަރެން ވަރަށް ފޫހިވާނެ.... ދެން އާރިޔަންގެ ކަންތައް ދޯ.... އެންމެ ފުރަތަމަ އާރިޔަން ކައިރީގައި ބުނޭ އަހަރެންނާ ވާހަކަދެއްކުން ހުއްޓާލާށޭ... އާރިޔަން ހުއްޓާލިއްޔާ އަހަރެން ހުންނާނަން ދުރުގަ. ޔަގީނުންވެސް އާރިޔަން އަހަރެންނާ ވާހަކަދެއްކުން ހުއްޓާނުލާހާ ހިނދެއްގައި ތިއީ އަހަރެންނަށް ވާނެ ކަމެއްނޫން. އިނގޭތަ އެއީ ކީއްވެގެންކަން... އެއީ އަހަރެންނަށް މަންމަގެ ދަރިފުޅު ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ... އެހެންވެ..." ކެބިނެޓް މަތީގައި ބޭއްވި ފޯނު ހިފައިގެން އޭނާ ނިކުމެގެން ދިޔައިރުވެސް ފަލަކްނާޒަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ސިކުނޑި އަނުމް އެދެއްކި ވާހަކަތައް ގަބޫލުކުރަން ބޭނުމެއްނުވިއެވެ. އަނުމް އެބުނި ފަދައިން އޭނާ އާ ސްޓްރޯކެއް ޖެހިދާނެއެވެ. އަނުމް ފެނުނަސް އޭނާ ކައިރިއަށް އަންނަނީ އަލިފާން ކަހަލަ ރުޅިއެވެ.
"ލޯބިވެޔޭ.... ހެހެހެ.... ހީކުރަނީތަ އަހަރެން ތިކަމަށް ފިޔަވަޅެއް ނާޅާ މަޑުން ހުންނާނެ ކަމަށް. އަހަރެންގެ އެތެރެހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި އާރިޔަންއަށް ކަލެއާ ކައިރިވާކަށް ލާހިކެއްނޫން" ފަލަކްނާޒް ބުނެލިއެވެ. އޭނާ ބަދިގެއިން ނިކުތީ އައިސްފައިވާ ރުޅި ފިނިކުރުމަށްޓަކައި ފިނި ފެންތައްޓެއް ބޯލައިގެންނެވެ.
އަނުމް ފެނުމާއެކު އާވާ ގޮސް ބައްދައިލިއެވެ. ދެކުދިންގެ ދެމެދުގައި އޮތް އެކުވެރިކަން ފެނި އަމާޔާ އިނީ ބަސްހުއްޓިފައެވެ. އޭނާ އަނުމްއަށް ހިތްހެޔޮ ހިނިތުންވުމެއް ދިނެވެ.
"އެވީ އެބަހުރި ވަރަށް އެއްޗެހި ހަދާލާފައި" އަމާޔާ ވާހަކަދެއްކިއެވެ.
"އެވީ ބުނި މާޔާ ބައްޔޭ... މިހާރު ކިހިނެއް؟" އަނުމް އަހައިލިއެވެ.
"ނޮޓް ބޭޑް... ދެން ރަނގަޅުވަމުންތާ އަންނާނީ" އަމާޔާ ބުނެލިއެވެ.
"ހިނގާ ސައިބޯން ދާން" އާވާ ބުނެލިއެވެ.
"ސޮރީ އެވީ... އެގުޅަނީ ދޮންބެ. އެ އައީ އަހަރެން ބަލާ. ކޮންމެހެންވެސް އެބަޖެހޭ ދާން. އެހެންނޫނީ ވަރަށް ކަންތައް ގޯސްވާނެ" އަމާޔާ ބުނެލިއެވެ.
"އެކަމު މާޔާއަށް ދެވޭނެތަ؟ ރަނގަޅަށް ނުވެސް ހިނގެއެއްނު" އާވާ ކަންބޮޑުވިއެވެ.
"ޑޯންޓް ވޮރީ. ސައިކަލުގަ ދާނީ. ދޮންބެ ގެނެސް ވެސްދޭނެ. އަނޫ މަޑުކުރާނަންދޯ އަހަރެން އަންނަން ދެން. ލަހެއް ނުކުރާނަން" އަމާޔާ ވާހަކަދެއްކިއެވެ. އަނުމް ވަގުތުން ބޯޖަހައިލިއެވެ.
"އޯކޭ... ޕްލީޒް ޓޭކް ކެއަރ އިނގޭ" އާވާ ބުނެލިއެވެ.
އާވާ ތައްޔާރުކޮށްފައި ހުރި ތަފާތު ހެދިކާތަކާއެކު ދެކުދިން ސައިބޮމުން ދިޔައިރު ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. އަނުމް ދައްކަން ބުނި ވާހަކަތަކާއި ގުޅޭގޮތުން އާވާ ސުވާލުކުރީ ސައިބޮއެ ނިމި ތަށިތައް ނުނަގާ މޭޒު ކައިރީގައި އިނދެފައެވެ.
"ލޯބިވެވިއްޖެ" އަނުމް ބުނެލިއެވެ.
"އިނގޭ. މަށެއް ނުދާނަން. ނިކުތީމަ ފަހަރެއްގަ އަނޫ އާ އެކުގައި ބެލިދާނެ. އެކަމަކު ލަސްވާނެއްނު" އާވާ ބުނެލިއެވެ.
"ސާބަހޭ... އައި ހޭޓް ދިވެހި މޫވީސް.... މިދައްކަނީ އަޅުވަން އުޅޭ ފިލްމެއްގެ ވާހަކައެއްނޫން. އަހަރެންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ.... އާރިޔަން އިޒް ދަ ވަން" ލަދުން އިނދެ އަނުމް ބުނެލިއެވެ.
"އާވާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ގަބޫލުނުކުރެވި އަނުމްއަށް ބަލަން އިނެވެ.
"އޯއެމްޖީ... ރިއެލީ... އަހަރެންގެ އަނޫއަށް ލޯބިވެވުނީތަ؟ އެކަމަކު އާރިޔަން.... އަނޫ...! ލޯބިވެވިދާނެ. އެކަމަކު އާރިޔަން އެއީ....."
"އެއީ ގައުމަށްޓަކައި ދީނަށްޓަކައި ލެއިން ޤުރުބާންވަމުންދާ ދިވެހި ފުލުހެއް. އަހަރެންނަށް ހުރިހާ ހަގީގަތެއް ކިޔައިދީފި. އެއީ ފުރޭތައެއް ނޫން. ފުރޭތައަކީ އަހަރެން" އަނުމް ވާހަކަދެއްކިއެވެ.
"ވަޓް....؟ ފުލުހުން އަތުގައި އެހާބޮޑު އިސްތަށިގަނޑު ހުރޭތަ؟ އެހާ ދިގު ނިޔަފަތި ހުރޭތަ؟ އަތުގަޔާ ކަރުގަޔާ އެއްޗެހި އަޅާފައި ހުރޭތަ...؟" އާވާ ވާހަކަދެއްކިއެވެ.
"ހޫމް... މިހާރު ހަތަރު އަހަރުވެއްޖެ. ކުރަންޖެހުނު މަސައްކަތުގެ ސަބަބުން އޭނާ ޖެހުނީ އެކަން ސިއްރުކުރަން. އާރިޔަން އެއްވެސް މީހަކަށް އެ ހަގީގަތް ހާމައެއްނުކުރޭ. ކުރި ހުވާ މަތީގަ އަދިވެސް ހުރީ. އެވީ އަހަރެންނަށް އާރިޔަންދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އެކަމަކު ސަންތި ހީވަނީ އަރާ ކާއެއްޗެއްހެން. މަށަށް އިންޒާރުވެސްދީފި" އަނުމް ވާހަކަދެއްކިއެވެ.
"ތިދެމީހުން ވަރަށް ގުޅޭ. އެކަމަކު ތިއީ އަނޫ ކުރަން ރަނގަޅުކަމެއް ކަމުގައިވެސް ވެދާނެ. އެކަމަކު އަބަދުވެސް ހަނދާންކުރަންވާނެ ތިއީ ހިލޭ ދެމީހުންކަން. ލޯބިވާ ދެމީހަކު އެއްތަންވިއްޔާ ދެމެދުގައި އަބަދުވެސް ޝައިތާނާ ހުންނާނެ. ހަރާން ކަންތައްކުރުވަން ބާރުއަޅާނެ. އަނޫ... ޕްލީޒް ޑޯންޓް ކްރޮސް ޔުއަރ ލިމިޓްސް" އާވާ ވާހަކަދެއްކިއެވެ. އަނުމް ބޯޖަހައިލިއެވެ.
ގޭ މައިދޮރުން ވަންނަން ދިޔަ އަނުމް ނިކުންނަން އުޅުނު އާރިޔަން އާ މުޑިއެރިއެވެ. އާރިޔަން ހަށިގަނޑު ބެލެންސް ކުރިޔަސް އަނުމް އަރައިގެން ހުރި އުސް ފައިވާނުން ފުރޮޅާލައިގެން ވެއްޓިއްޖެއެވެ. ފަޔަށް އަރައިގެން ދިޔަ ތަދާއެކު އަނުމްގެ އަނގައިން އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އާރިޔަން ވަގުތުން ތިރިވެ އަނުމްއަށް އެހީވިއެވެ. އެހެންނަމަވެސް އަނުމްއަށް ރޮވެމުން ދިޔައެވެ. އިސާހިތަކު އޭނާގެ ވައަތު ފައިތިލަ މަތިން ދުޅަވެ އަރައިފިއެވެ. އާރިޔަން ބާރުގަދަ ދެ އަތް މައްޗަށް އަނުމް ހިއްލާލީ އިތުރަށް އެއްވެސް ކަމެއް ވިސްނަން ވަގުތުތަކެއް ބޭކާރު ނުކޮށެވެ. އަނުމް ހީކޮށްފާނެ އެއްޗަކަށް ބެލުމެއް ނެތިއެވެ.
އާރިޔަންގެ އަތުތެރޭގައި އޮތް އަނުމް ގެ ނަޒަރު ކަރުނަތަކާއި އެކުވެސް ހުއްޓިފައިވަނީ އާރިޔަންގެ މޫނަށެވެ.
(ނުނިމޭ)