ލޮކަރުތައް ލޮކް ކުރުމަށްފަހު ކެބިން އިން ނިކުންނަން ހިނގައިގަތް މާހިލް ސިހިގެން ދިޔައީ ހުޅުވިގެން ދިޔަ ދޮރު އެތެރެއަށް ވަން ނައިޝީ ފެނިފައެވެ. ނައިޝީގެ ފައިން ފެށިގެން ބޮލާއި ހަމައަށް މާހިލްއަށް އަވަސް ނަޒަރެއް ދެވުނީ ބޭއިހްތިޔާރުގައެވެ. ފިޔާތޮށި ކުލައިގެ ގަޔަށް ބާރު ޓޮޕް ކޮޅެއްގެ ދަށުން ކަޅު ކުލައިގެ ކުރު ސްކާރޓް ކޮޅެއްގައި ނައިޝީ ހުރިއިރު އޭނާގެ ދޮން ފަލަ މަސްގަނޑުން ބޮޑުބައި އޮތީ ހާމައަށެވެ. މާހިލް ދެލޯ މަރާލަމުން އަނެއް ފަރާތަށް އެނބުރުނުއިރު މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ހިތަށް ވަސްވާސް ދެމުން އައި ޝައިތާނާ ފައްސާލުމަށްޓަކައި ހިތްވަރު ކުރަމުން ދިޔައެވެ.
އޭނާ އެންމެ ޚައިރާންވީ ނައިޝީއަށް އެހިސާބަށް އާދެވުނު ގޮތަކާއިމެދު ވިސްނާލާފައެވެ.
"ކަލޭތަ؟ ކާކު ކަލެއަށް މިތަނަށް ވަންނަން ހުއްދަ ދިނީ" އެނބުރިފައި މާހިލް ބުނެލިއެވެ.
"ހަނދާންނެތުނީތަ؟ މާހިލްއެއްނު ދިނީ. ކީއްވެ ނޭނގޭކަމަށް ހަދަނީ. މިހާރު ކާކަށް އޮޅުވާލަން ތި މަސައްކަތްކުރަނީ. އިނގޭ މާހިލް ވަރަށް ބޭނުންވެގެންކަން އެއްވެސް މީހަކު ނެތް ގަޑިއެއްގަ އަންނަން ބުނާނީ" މާހިލްގެ މޭޒުމަތީގައި އިށީނދެ އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން ނައިޝީ ބުނެލިއެވެ. މާހިލް ބަލައިލުމާއެކު އޭނާގެ ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކަކުން ފަވާލާފައިވާ ތުންފަތަށް ވެރިކޮށްލީ ފަރި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން މިފަހަރު މާހިލްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.
"ކޯޗެއް ބޭނުންވަނީ. އަހަރެން ގެއަށް ދާ ވަގުތު ޖެހިއްޖެ. އަހަރެންގެ އަނބިމީހާ ގިނަ ވަގުތު އަހަރެންނަށް އިންތިޒާރުކުރަން ގޭގައި ބޭންދުމަކީ އެހާ ކުރާހިތްވާ ކަމެއްނޫން" މާހިލް ބުނެލިއެވެ.
"ހާދަ ލޯތްބެކޭ ދޯ. އެކަމަކު އޭނަ ގޭގަ އެހާ ފޫހިވާހެނެއް ހިއެއްނުވޭ. އިނގޭތަ އޭނަ އުޅެނީ ބިޓެއް ވައްދައިގެން" މޭޒުކައިރީގައި ހުރި މާހިލް އާ ގާތަށް ގުދުވެލަމުން މަޑުމަޑުން ނައިޝީ ބުނެލިއެވެ. މާހިލް ނައިޝީއަށް ބަލައިލީ އަލިފާން ބެލުމަކުންނެވެ. އާވާއާއި ބެހޭގޮތުން އެކަހަލަ އެއްވެސް ވާހަކައެއް ދެއްކުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ނޯންނާނެއެވެ.
"ނުކުރެވޭ ދޯ ޤަބޫލެއް. ވެއިޓް" އަރިއަށް އަޅުވާފައިވާ ކުޑަކުޑަ ދަބަސް ހުޅުވާލުމަށްފަހު ނައިޝީ ނެގީ ފޯނެވެ. ސިކުންތު ކޮޅަކަށްފަހު އޭނާ މާހިލްގެ ލޮލާއި ދިމާކޮށް ފޯނު އަނބުރާލިއެވެ. ފެންނަމުންދިޔަ މަންޒަރުތަކުން މާހިލްއަށް އެންމެ ފުރަތަމަ ކިޔާނެ ބަހެއް ނޭނގުނެވެ. ނޫކުލައިގެ ގަމީހެއް ލައިގެން ފުރަގަހަށް ވާގޮތަށް ހުރި ފިރިހެނެއް ބައްދާލައިގެން އެހުރީ އޭނާގެ ފުރާނަ ފަދަ ލޯބިވާ އަނބިމީހާގެ ހަށިގަނޑުގައެވެ. ވީޑިޔޯގައި އާވާގެ މޫނު ވަރަށް ރީއްޗަށް ފެނެއެވެ. އުފާވެރިކަމެއްވެސް ހިނިތުންވުމެއްވެސް އެ މޫނުމަތީގައި ނެތެވެ.
"ހެހެހެ... ކޯޗެއް ސާބިތުކޮށްދޭން ތިއުޅެނީ. ތިކަހަލަ ކިތަންމެ އެއްޗެއްވެސް ކަލެއަށް ދެއްކިދާނެ. އަހަރެން އޭނައަށް ކުރާ އިތުބާރުން ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުވާނެ" މާހިލް ބުނެލިއެވެ. ނައިޝީއަށް އަތް ތިރިކޮށްލެވުނު އިރު ކުރެވުނީ ބޭކާރުކަމެއްކަން ހީވާން ފަށައިފިއެވެ. އެހެން ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނާގެ ޝާއިތާނީ ސިކުނޑިން މުޅިން އެހެން ކަމެއް ވިސްނަން ފަށައިފިއެވެ.
"އެންމެ ރަނގަޅު. ވާގޮތް ބަލަން އަހަރެން ހުންނާނަން. އަހަރެން މިއަދު މިތަނަށް މިއައީ އެހެން ކަމަކު" ފޯނު ދަބަސް ތެރެއަށް ލަމުން ނައިޝީ ބުނެލިއެވެ.
"މިތަނުން ނިކުމޭ. އަހަރެންނަށް ވަގުތެއްނެތް" ނައިޝީ ކައިރިން އަޅާފައި ނިކުންނަން ހިނގައިގަތް މާހިލް އަޅައިގެން ހުރި ޓައީގައި ނައިޝީ ހިފެހެއްޓިއެވެ. އަދި ލުއްކެއް ޖަހާލާފައި އޭނާ އާ ގާތަށް ދަމައިލިއެވެ. މާހިލް ލައިގެން ހުރި ގަމީހުގެ މޭ މައްޗާއި ނޭފަތް ކައިރިކޮށްލާފައި ނައިޝީ އެތެރެއަށް ނޭފަތް ދަމައިލިއެވެ. އެއަށްފަހު އަނގައިން އަޑެއް ލައްވައިލިއެވެ.
"އޫމް... އަދިވެސް ވަރަށް ސެކްސީ ވަހެއް ހުރޭ.... ބޭނުންވަނީ ބައްދާލަން. އެންމެ ފަހަރަކު" ނައިޝީ ބުނެލިއެވެ.
"ދުރަށްދޭ..." ނައިޝީ ދުރަށް ކޮށްޕާލަމުން މާހިލް ބުނެލިއެވެ. ޓައީ ރީތިކޮށްލަމުން މާހިލް ނައިޝީއަށް އިނގިލިން އިޝާރަތްކޮށް ހުރި ހިސާބުގައި މަޑުޖެހެން އެންގިއެވެ.
"އިތުރަށް އެންމެ ފިޔަވަޅެއް އަހަރެންނާ ގާތަށް އެޅިޔަސް މިތަނަށް ފުލުހުން ގެންނާނަން. ލަދެއް ހަޔާތެއްވެސް ނެތީއޭ" މާހިލް ބުނެލިއެވެ. އައިސްފައިވާ ރުޅިން އަޅައިގެން ހުރި ޓައީވެސް ކަރުން ނައްޓާލުމަށްފަހު ދުރަށް އެއްލާލައިފި އެވެ.
"ހެހެހެ... އަހަރެންގެ ޒުވާން ކަމުގެ ފައިދާ ނަގާ އަހަރެންގެ ބޭނުން ގަދަކަމުން ހިފާލިއިރު ކަލޭގެ ލަދުހަޔާތް ހުރިތަ؟ އެންމެ ފުރަތަމަ ލަދު ގަންނަން ޖެހޭ މީހަކީ ތީއެއްނު" ނައިޝީ ވާހަކަދެއްކިއެވެ. ދެ އުކުޅުގައި އަތް އަޅުވައިލަމުން މާހިލް ދުރަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހުރީ އެތަނުން ދާން ބޭނުންވެފައެވެ. އެހެން ނަމަވެސް ނައިޝީ އޭނާގެ ކެބިން ތެރެއަށް ދޫކޮށްލާފައި ދެވޭކަށްވެސް ނެތެވެ. އަތުގައި ހިފާ ގަދަކަމުން ނެރޭކަށްވެސް ބޭނުމެއްނުވިއެވެ.
"އަހަރެން މިތަނަށް އައި ބޭނުން ބުނެފިން. އަހަރެން އަތުގައި މިއޮތް ބޭފުޅާގެ އަނބިކަނބަލުންގެ ވީޑިޔޯ ސޯޝަލް މީޑިޔާގައި ވައިރަލްވާން ބޭނުންތަ؟" ނައިޝީ ވާހަކަދެއްކިއެވެ. ވަގުތުން މާހިލްގެ ނަޒަރު ނައިޝީއަށް ހުއްޓިއްޖެއެވެ.
"ކަލެއާ އަހަރެންނާ ދެމެދުގައި ހިނގި ކަމެއް ހިނގީ. އޭގެ ބަދަލު އެކުއްޖާއަށް ކީއްވެ؟؟............." މާހިލް ހާސްވާން ފެށިއެވެ. އަމިއްލަ ހަށިގަނޑު ޤުރުބާން ކޮށްގެން ވިޔަސް އޭނާ އާވާގެ އިއްޒަތާއި އަބުރު ރައްކާކުރަން ބޭނުމެވެ. ކެބިން ތެރޭގައި ދެކޮޅަށް ހިނގަން ފެށުނެވެ. އޭނާ ދެ އަތުން ބޮލުގައި ހިފަހައްޓާލިއިރު ނައިޝީ އެއް ތުންފަތުން ހީލައިގެން މާހިލްއަށް ބަލަހައްޓައިގެން ހުއްޓެވެ.
"އޯކޭ ފައިން..... އެކަމަކު އަހަރެންގެވެސް ޝަރުތެއް އެބައޮތް" މާހިލް ބުނެލިއެވެ. ނައިޝީ ދެލޮލުގެ އިޝާރާތުން މާހިލްގެ ޝަރުތަކީ ކޮބާތޯ އެހިއެވެ.
"އަހަރެން ކަލޭ ތިބޭނުންވާ ގޮތަށް ކަންތައްކޮށްދިނީމަ އަހަރެން ކުރިމަތީގަ ތި ވީޑިޔޯ ޑިލީޓްކުރަންވާނެ. އަދި ތީގެ އެހެން ކްލިޕެއް ކަލޭ އަތުގައި ނެތްކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ބޭނުން" މާހިލް ބުނެލިއެވެ.
"ގޯޑް ޕްރޮމިސް އަހަރެން އަތުގައި އިނީ މި އެކަނި. އެކަމަކު ޑިލީޓް ކުރަންވާނޭ ބުނީމަ ވަރަށް އެހެން ކަހަލަ. އެހެންވިއްޔާ އަހަރެންގެ މި އެދުމަށް ތަންކޮޅެއް އިތުރުވާނެ" ނައިޝީ ބުނެލިއެވެ.
"ފައިން....." މާހިލް ދެލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ބޮނޑިވެގަތެވެ. ދެ ތުންފަތް ދޭތެރެއިން އާވާގެ ނަން ނިކުތް ވަގުތު ނައިޝީ މާހިލްގެ ހަށިގަނޑުގައި އޮޅުލައިގަނެއްޖެއެވެ. ހަރަކާތް ހުއްޓިފައިވާ ބުދެއް ފަދައިން މާހިލް ހުއްޓެވެ. މާހިލް ލައިގެން ހުރި ގަމީހުގެ މޭމަތިން ނައިޝީ ދެތިން ގޮށް ނެއްޓިއިރުވެސް މާހިލް އެހެން ހުއްޓެވެ. މާހިލްގެ މޭމަތީގައި އެއްވެސް ހުރަހަކާނުލާ ނައިޝީ އަތުން ބީހެމުން ދިޔައިރު މާހިލްއަށް އުދަގޫ ގޮތެއް އިހުސާސް ވަމުން ދިޔައެވވެ. ފެނަށް ބޭނުންވެފައިވާ އިންސާނެއް ފަދައިން ނައިޝީގެ ހަރަކާތްތައް މާހިލްގެ ކަރުދޮށާ ހަމައަށް ދިޔައެވެ. އެހިސާބުން މާހިލްއަށް އެކަމަށް އިޖާބަދެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. އޭނާ ވަގުތުން ނައިޝީގެ ދެއަތުގައި ހިފާ ދުރުކޮށްފިއެވެ.
"އިނަފް....." މާހިލް ބުނެލިއެވެ. އޭނާ ނައިޝީގެ ދެލޮލަށް ބަލައިލިއެވެ. އަދިވެސް އެ ދެލޮލުގައި ވަނީ މަސްތުކަމެވެ.
"މިވަގުތު ތިހެން ނަހަދާފާނަންތަ؟ މިހެރީ ވަރަށް ބޭނުންވެފަ.... ޕްލީޒް...." ނައިޝީ ބުނެލިއެވެ. އޭނާގެ އަޑަށްވެސް އަޖައިބެއް ކަހަލަ ބަދަލެއް އައިސްފައިވިއެވެ.
"މި ހިސާބުން ނިމުނީ. ކަލޭ އެދުނު ވަރަށް ވުރެ ބޮޑަށްވެސް ވެއްޖެ. ދެން ޖެހުނީ ކަލެއާ...." މޭޒު މަތީގައި ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގާ ނައިޝީ ތުންފަތް ޖެހުނު ތަންތަން ސާފުކުރަމުން މާހިލް ބުނެލިއެވެ.
ނައިޝީ ހުރީ މާހިލްއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހަށިގަނޑު އެހެން ޖިސްމެއްގެ ހޫނަށް ބޭނުންވެފައިވާ މިންވަރު ކަނޑުވާލަން މަސައްކަތްކުރާ ކަހަލައެވެ. މިވަގުތު މާހިލް އެދުނު ފަދައިން ކަންތައް ކޮށްދޭން އޭނާ ނިންމިއެވެ. ދެން ފަހަރަކުން އޭނާ ޖަހާނީ އެއަށް ވުރެ ބޮޑު މަޅިއެކެވެ.
އިރުކޮޅަކުން ފޯނު ހިފައިގެން އައިސް މާހިލް އާ އެއް ހަމައެއްގައި ހުއްޓިއްޖެއެވެ. އަދި އާވާގެ އެ ވީޑިޔޯ ޑިލީޓް ކޮށްލިއެވެ. މާހިލްގެ ހިތަށް ދުވަހަކު ނުލިބޭހާ ހިތްހަމަޖެހުމާ އުފާވެރިކަން ލިބިގެން ދިޔައެވެ.
"ހެޕީ....؟؟" މާހިލްއަށް ބަލައިލަމުން ނައިޝީ ބުނެލިއެވެ. މާހިލް އެއްޗެއް ނުބުންޏެވެ. ގޮނޑިމަތީގައި ބެހެއްޓި ލެޕްޓޮޕް ދަބަސް ހިފައިގެން އޭނާ ހިނގާފައި ގޮސް ހުއްޓުނީ ކެބިން ދޮރު ހުޅުވާފައި އެއްފަރާތުގައެވެ.
"ނިކުމޭ...." ދޮރުނުލައްޕާ ހުރެ މާހިލް ބުނެލިއެވެ. ފަރި ހިނގުމުގައި ހިނގާފައި ދިޔަ ނައިޝީ މާހިލް އާ ހަމަވެފައި ހުއްޓުނެވެ. މާހިލްގެ މޫނަށް ބަލައިލަމުން ފްލައިން ކިސްއެއް ފޮނުވާލިއެވެ.
މާހިލް ގެއަށް ދާހިތްނުވިއެވެ. އޭނާ ދެރަވެ ރޮވޭގޮތް ވާން ފެށިއެވެ. ނުބައި ކަމެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވި ހިތުގައި ބިރުވެރި ޚިޔާލުތަކެއް ދައުރުވާން ފަށައިފިއެވެ. އޭނާ ވަގުތުން ކެބިން އެތެރެއިން ލޮކްކޮށްފައި ފާހާނާއަށް ވަނެވެ. ދެން ނިކުތްއިރު ހުރީ ގަމީހުގެ ދަށަށް ޖަހާފައި ހުރި ބައި ނައްޓުވާލާފައެވެ. އޭނާ ކަބަޑެއްގެ ތެރެއިން މުސައްލަ ނެގުމަށްފަހު ތިރީގައި ފަތުރާލިއެވެ. މާތްﷲ ގެ ކިބަފުޅަށް ތައުބާގެ ދެ ރަކްޢަތް ނަމާދެއްކޮށް ދުޢާއަށް އަތް ނެގިއެވެ. އޭނާ ކަރުނަ އެޅިއެވެ. ކުރެވުނު ފާފަ ޢަފޫ ކޮށްދެއްވުމަށް އެދި ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. އަދި އެ ނުބައި މުސީބާތުން ސަލާމަތްކޮށްދެއްވުމަށް އެދި ހުއްޓާނުލާ ދެންނެވިއެވެ.
ނަމާދުކޮށް ނިމުނުއިރު އޭނާގެ ހިތަށް ވަނީ ދުލުން ބަޔާން ނުކުރެވޭހާ ހިތްހަމަޖެހުން ލިބިފައެވެ. އެހެންނަމަވެސް އާވާ މަތިން ހަނދާންވުމާއެކު ކުށްވެރި އިހުސާސްތަކެއް ކުރެވެއެވެ.
ރޭގަނޑު ނުވައެއް ޖެހިއިރު އާވާ ހުރީ ކޮޓަރި ތެރެއިން ނިކުމެވޭ ބެލްކަނީގައެވެ. ކަންފަތުގައި ފޯނު ޖަހާލައިގެން ހުރިއިރު މޫނުމަތިން ފެންނަނީ ނުތަވަސްކަމެވެ. މާހިލްގެ ފޯނަށް އޭނާއަށް ގުޅުނު އަދަދެއް ބުނަންވެސް ނޭނގެއެވެ. ފޯނަށް ޖަވާބު ނުދޭތީ އޭނާގެ ހިތަށް ބިރުވެރި އެއްޗެހި އަރަމުން ދިޔައެވެ. އެހެންޏާ މާހިލްއަކީ ފޯނަށް ޖަވާބުނުދީ ހުންނަ މީހެއް ނޫނެވެ. ބިޒީ ވިޔަސް އާވާ އެވަރަށް ގުޅަންޏާ އޭނާ ކޮންމެސް އެއްޗެއް ބުނާނެއެވެ. ޝާނިމް ގެއަށް އައިތާ ވެސް އެތައް އިރެއް ވެއްޖެއެވެ.
އެންމެފަހުން އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދުމަށްޓަކައި ޝާނިމް އާ ބައްދަލުކުރަން އެކޮޓަރިއަށް ދާން ނިންމިއެވެ. އޭނާ ލަސްލަހުން ހިނގާފައި އެކޮޓަރިއާއި ދިމާލަށް ދަނިކޮށް ޝާނިމް ކޮޓަރިން ނިކުމެއްޖެއެވެ.
"އާވާ...!! ކިހިނެއްވެފަ ތިހުންނަނީ. އަދިވެސް މާލްގެ ހަބަރެއް ނުވޭތަ؟" ޝާނިމް އަހައިލިއެވެ.
"ނުވޭ. ޝާނިމް ސަރ ގުޅާލަންވީނުން" އާވާ ބުނެލިއެވެ. އޭނާގެ އަޑުންވެސް އޭނާ ދެރަވެފައިވާ މިންވަރު ޝާނިމްއަށް އިނގުނެވެ. ކޮންމެސް ކަމެއްވެއްޖޭ ޝާނިމްގެ ހިތް ބުނެލި ކަހަލައެވެ. ލައިގެން ހުރި ޓްރެކްޝޫޓް އެއްފަރާތު ޖީބުން އޭނާ ފޯނު ނެގީ ހިމޭންކަމާއެކު އިރުކޮޅަކު އާވާއަށް ބަލަހައްޓައިގެން ހުރެފައެވެ.
"ނުނަގާ... އަހަރެން ނިކުތް އިރު އިން މަސައްކަތެއްގަ. ގެއަށް ދާން ނުވޭހޭ އަހާލީމަ ބުނީ މަސައްކަތް އެއްކޮށް ނިންމާފައޭ ދާނީ. އަހަރެން މާޔާ ޑޮކްޓަރަށް ދައްކަން ދާންޖެހޭތީ އައީ އަވަހަށް" ޝާނިމް އޮޅުންފިލުވައިދިނެވެ.
"ޝާނިމްސަރ ބިޒީނޫނިއްޔާ އޮފީސް ޗެކް ކޮށްލަދޭންވީނުން. ވަރަށް ބިރުގަނޭ އެބަ" އާވާ ވާހަކަދެއްކިއެވެ.
ދޮރުން އެތެރެއަށް ވަން މާހިލްއަށް ކޮރިޑޯގައި ވާހަކަދައްކަން ތިބި ޝާނިމް އާ އާވާ ފެނުނެވެ. އޭނާ ވީތަނެއް ނޭނގޭތީ މަޝްވަރާ ކުރަނީ ކަން ވިސްނުނެވެ. އެހެންނަމަވެސް އާވާ އާ ކުރިމަތިލާން އޭނާ ބޭނުންވަނީ އުފާވެރި ހިނިތުންވުމަކާއެކު ކަމަށް ވާތީ އޭނާގެ ނަފްސު ތައްޔާރުކޮށްލިއެވެ.
މީހަކު އެތެރެއަށް ވަންކަން އިނގުމުން އަޑު އައި ދިމަލަށް ބަލައިލެވުނީ ޝާނިމް އާ އާވާ އެއްކޮށެވެ.
"އަލްހަމްދުލިﷲ" ފައިވާން ހަރުގަނޑު ކައިރީގައި ހުރި މާހިލް ފެނުމުން އާވާ ހިތާހިތުން ބުނެލިއެވެ.
އެހެރަ އައީނު. އެވާނީ ކޮންމެސް ކަމަކާ ބިޒީވީ ކަމަށް. ދެން ދޭ އަވަހަށް ދެކުދިން. އަހަރެން ފަހުން މާލް އާ ބައްދަލުކުރާނަން" ޝާނިމް އަލުން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މިވަގުތު އާވާ މާހިލް އާ އެކަނި ބައްދަލުކުރަން ބޭނުންވާނެކަން އޭނާއަށް ވިސްނުނީއެވެ.
އާވާ ބަހެއް ނުބުނަނީސް މާހިލް އެ އައިގޮތަށް އައިސް އާވާގެ ހަށިގަނޑު އޭނާގެ މެއާއިލާ ބޮނޑިކޮށްލިއެވެ.
"ސޮރީ... ފޯނު ވީ އޮފީހުގަ. ހަނދާންނެތި ނުލާ ނިކުމެވުނީ. ވަރަށް ދުރަށް ދެވުނުފަހުން ހަނދާންވީ. ހިތަށް އެރީ ދެން އަނެއްކާ ނުދާނީއޭ" މާހިލް ވާހަކަދެއްކިއެވެ.
"އެވަރުކަމެއް ނޫން. ވަރަށް ބަނޑުހައިވެފަ މިހާރު ހުންނާނީ. ހިނގާ ކާން. އަހަރެން ވަރަށް މީރުކޮށް މަސް ހަދާފަ ހުންނާނީ" އާވާ ބުނެލިއެވެ. މާހިލްގެ މޫނު ފެނުމާއެކު މިހުރިހާއިރު އޭނާގެ ހިތުގައި އުފެދިފައިވި ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ހިނގައްޖެއެވެ.
"ކާނަން. އެވީ ދިން ކޮންމެ އެއްޗެއް ކާނަން. ރަނގަޅީ މިރޭ އެވީ އަތުން ލަވާފަ ކާން ދިނިއްޔާ. އެކަމަކު އެންމެ ފުރަތަމަ ފްރެޝްވެލަން ބޭނުން" މާހިލް ބުނެލިއެވެ. ދެމަފިރިން އެކުގައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
މާގަނޑުން އަންނަމުންދާ ފެންތަކުގެ ތެރޭގައި ހުރި މާހިލްގެ އެއް އަތް ފާރުގައި ވިއްދާލައިގެން ހުއްޓެވެ. ސިކުނޑި ތެރޭގައި އެނބުރެމުންދާ ޚިޔާލުތަކެއްގެ ސަބަބުން އޭނާގެ ހިތުގައި ނައިޝީއަށްޓަކައި ނަފްރަތާއި ފޫހިކަން އިންތިހާއަށް އުފެދެމުން ދިޔައެވެ. ނައިޝީ އޭނާގެ މުޅި ދިރިއުޅުން ހަރާބު ކޮށްފިއެވެ. ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ސަބަބުން އާވާ ވަރަށް ބޮޑަށް ވިސްނައިފިއެވެ. އޭނާއަށް ވީނުވީއެއް ނޭނގިގެން ކަންބޮޑުވެއްޖެއެވެ. އެކަމަކު އެއްކަމަކާ އޭނާ ހުރީ ހިތްހަމަޖެހިފައެވެ. އާވާއަށް ދޮގެއް ނުބުނެއެވެ. ހަގީގަތުގައި ވެސް އޭނާއަށް ފޯނު ބެއްވުނީ ކެބިންގައެވެ. ފޯނު ބާއްވާފައި އޭނާއަށް ނިކުމެވުނީ ނޭނގިގެންނެވެ. އޭނާ އޮފީހުން ނިކުތް ފަހުން އެތައް އިރެކެވެ. މިހުރިހާއިރު އޭނާ ވަގުތު ހޭދަކުރީ މާލޭގެ އެކި މަގުތަކުގައެވެ.
ކާމޭޒު ކައިރީގައި ހޭދަކުރި ވަގުތުގައިވެސް މާހިލް މަސައްކަތްކުރީ ކުރިމަތީގައި ހުރި އަނބިމީހާގެ މޫނުން ހިތްހަމަޖެހުން ހޯދައިގެން އޭނާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ފިލުވާލުމަށެވެ. އާވާ ތައްޓަށް ބަތް އަޅައިގެން މޮޑެމުން ދިޔައިރު މާހިލް އިނީ ބަލަހައްޓައިގެންނެވެ. މާހިލް އެދުނު ފަދައިން އާވާ އަތުން ލަވާ މާހިލައަށް ކާންދޭން ފެށިއެވެ. އާވާގެ އެ ހިތްހެޔޮކަން މާހިލް ހިތް ލޯބިން ފުރާލިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އާވާގެ ދެއަތުގައި ހިފާ ދެއަތްތިލައިގައި ބޮސްދެވުނެވެ.
ގޭތެރޭގެ ހުރިހާ މަސައްކަތެއް ނިންމާ ކޮޓަރިއަށް ވަނުމަށްފަހު މާހިލް އެރީ އެނދަށެވެ. އޭނާ މަޑުކޮށްލައިގެން އިނީ ފާހާނާއިން އާވާ ނިކުންނާނެ އިރަކަށެވެ. އެހެން އިންއިރު އޭނާގެ ވިސްނުމަށް އާވާ އާއި ގުޅިގެން އެކި ޚިޔާލުތައް އަންނަމުން ދިޔައެވެ. "ކިހާ ކެތްތެރި އަންބެއް ހެއްޔެވެ؟ އޯގާތެރި ފިރުމުންތަކުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ހިތްހަމަޖެހުން އަހަރެންނަށް ހޯދާ ދެއެވެ. ދުވަހަކުވެސް އަހަރެންނަށް ނުބައި ޝައްކެއްނުކުރެއެވެ. ދީނުގެ މަތީގައި ސާބިތުވެ ހުރިއިރު އެދީން މަތީގައި ފިރިމީހާގެ ދެފައި ކައްސާލިޔަ ނުދިނުމަށްޓަކައި އެތައް މަސައްކަތެއް އެދަނީ ކުރަމުންނެވެ. ފިރިހެނެއްގެ ދީނުގެ ދެބައިކުޅަ އެއްބައި އަންހެނުން ފުރިހަމަކޮށްދެއޭ އެ ބުނަނީ ހަމަ ހަގީގަތަށެވެ. އެވަރަށް އޭނާ ގުޅިއިރު ފޯނު ނުނެގުނީތީ އެންމެ ޝަކުވާއެއްވެސް ކޮށްފައެއް ނެތެވެ" މާހިލްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވެން ފެށިއެވެ.
ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ނައިޝީގެ ފޯނުން ދެއްކި އާވާގެ ވީޑިޔޯއެވެ. އޭނާ އާވާ އާއި ސުވާލުކުރަން ބޭނުންވިއެވެ. އެކަމަކު އެއީ އިންސާފެއް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް އާވާ އަކީ ތެދުވެރި އަންބެކެވެ. އެހެން އަނބިންނަށް ހުރި ލާމަސީލު މިސާލެކެވެ. އެކަންތައް ހިނގާދިޔަ ގޮތް އާވާގެ ދުލުން އޭނާއަށް ކިޔާދޭނެކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ.
ވީވެސް އެހެންނެވެ. އާވާ މާހިލް ކައިރީގައި ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުންވާކަމަށް ބުނީ އެނދުގައި އޮށޯތުމަށް ފަހުގައެވެ.
"މިއަދު ކިޔާން އައި. ވަރަށް މޮޔަ ވާހަކަތަކެއް ދެއްކީ. އަހަރެން އޭނައަށް އަންގައިފިން މިގެއަށް ނުވަނުމަށް. އަހަރެން އޭނާ ވެއްދީ އެކަނި ހުރެގެނެއްނޫން. މާޔާ ހުރި ކައިރީގަ" މާހިލްއަށް އެންމެ ސުވާލެއްވެސް ކުރަން ނުޖެހުނެވެ. ކިޔާން އޭނާގެ ހަށިގަނޑުގައި ބައްދައިގަތް ވާހަކަ އާވާއަށް ބުނަން ނުކެރެވުނީ އެއީ ރީތި ވާހަކައަކަށް ނުވާތީކަން މާހިލް ދެނެގަތެވެ. އެހެންވިޔަސް އާވާ އޭނާއަށް އިޚުލާސްތެރިވީތީ ހިތް އުފަލުން ފުރުނެވެ. އާވާ އޭނާއާއި ގާތްކޮށްލުމަށްފަހު ނޭވާ ނުލެވޭހާ ބާރަށް ބައްދައިލިއެވެ. ދެފަރާތުން ލޯބީގެ ހަދިޔާތައް ބަދަލުކޮށް ހިތުގައި އުފެދިފައިވި އުދާސްތައް ފިލުވާލަން ބޭނުންވިއެވެ.
އާރިޔަން ބުނި ގަޑިއަށް އެކޮޓަރި ކައިރީގައި އަނުމް ހުއްޓުނެވެ. ދެތިން ފަހަރު ޓަކި ޖަހައިލުމުންވެސް ހަބަރެއް ނުވިއެވެ. ތަޅުގައި ހިފާ އަނބުރާލީ ހިމޭންކަމާއެކު އިރުކޮޅަކު ވިސްނާލަން ހުރެފައެވެ. ހުޅުވިގެން ދިޔަ ދޮރާއެކު ލޯގަނޑު ކުރިމަތީގައި ހުރި އާރިޔަން އަނުމްއަށް ފެނުނެވެ. އާރިޔަންގެ ހާމައަށް ހުރި ބުރަކަށި ފެނުމާއެކު އަނުމްއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން ދަތިވިއެވެ. ހުސް ޖީންސުގައި ހުރިއިރު އެއް ކަންފަތުގައި ފޯނު ޖަހައިގެން ވާހަކަދައްކަމުން ދިޔައެވެ. ދޮރުމަތީގައި އަނުމް ހުރި ކަމެއް އާރިޔަން ނުދެނަހުއްޓެވެ.
ދޮރުފަތުގައި ތަންކޮޅެއް ބާރަށް އަނުމް ޖަހައިލީ އާރިޔަން ފޯނު ކުރުކޮށްލި ކަން އިނގުމުންނެވެ. އާރިޔަން އެނބުރުނެވެ. އެކަން އިނގުމާއެކު އަނުމް އަވަހަށް އިސްއޮބައިލިއެވެ.
"އޯ އަނުމް... އަވަހަށް އާދޭ އެތެރެއަށް..." އާރިޔަން ބުނެލިއެވެ.
"ގަމީސް...." އަނުމް ބުނެލިއެވެ. އާރިޔަން އަމިއްލަ ހަށިގަނޑަށް ނަޒަރެއް ދިނުމަށްފަހު އަލަމާރި ކައިިރިއަށް ގޮސް ގަދަ މުށި ކުލައިގެ ޓީޝާޓެއް ނަގާ ބޮލުން މަހައިލިއެވެ.
"ދެން އާދޭ..." އާރިޔަން ބުނެލިއެވެ. އަނުމް އެތެރެއަށް ވަނެވެ.
"ދޮރުލައްޕަންވީތަ؟" އަނުމް އަހައިލިއެވެ.
"އަނުމް ބޭނުންގޮތެއް" އާރިޔަން ދިނީ ފަރުވާކުޑަ ޖަވާބެކެވެ. އަނުމް ކުރިއަށް ޖެހިލީ ދޮރުނުލައްޕައެވެ.
ހަދާނެގޮތެއް ނޭނގިފައި ކޮޓަރި ތެރޭގައި ކޮޅަށް ހުރި އަނުމް ކޮޓަރިއަށް ނަޒަރެއް ހިންގައިލިއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަހަރު ފެނުނު ކޮޓަރިއާއި މިހާރު ފެންނަން ހުރި ކޮޓަރި ހާސްބައި ތަފާތެވެ. ހުރިހާ އެއްޗެހި ވަނީ ތަރުތީބު ކަމާއެކުއެވެ.
"އަހަރެން ކިހިނެއް ހަދަންވީ؟" އާރިޔަން ބަހެއް ނުކިޔާ އެނދުގައި އޭނާއަށް ބަލަހައްޓައިގެން އިންނަން ފެށުމުން އަނުމް އަހައިލިއެވެ.
"އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަންވީ" އާރިޔަން ބުނެލިއެވެ.
"ބުނޭ" އަނުމް ބުނެލިއެވެ.
"އާދެބަލަ އަހަރެންގެ ކައިރިއަށް" އާރިޔަން އެދުނެވެ. އަނުމް ހާސްވިއެވެ. އާރިޔަން ކުރަން އެ އުޅެނީ ކޮންކަމެއް ހެއްޔެވެ؟ އަނުމް ލަސްލަހުން އެއްފިޔަވަޅު ކުރިއަށް އަޅާލިއެވެ. އާރިޔަން އޭނާއަށް ބަލަހައްޓައިގެން އިނަސް އަނުމް އާރިޔަންއަށް ނުބަލަން މަސައްކަތް ކުރަމުން ދިޔައެވެ.
"އަދިވެސް ކައިރިއަށް އާދެބަލަ" އާރިޔަން އެދުނެވެ. އަތްޖެހޭ ހިސާބަށް އަނުމް އައުމާއެކު އާރިޔަން އަނުމްގެ ދެއަތުގައި ހިފައި އިތުރަށް އޭނާ އާ ގާތްކޮށްލިއެވެ. އަނުމްގެ ދެއަތްތިލަ ފިނިވެފައިވާ މިންވަރު އިހުސާސްވުމުން އާރިޔަން ކައިރިއަށް ހިނިއައެވެ.
"ކީއްކުރަން ތިއުޅެނީ" އަތުން ދޫކޮށްނުލުމުން އަނުމް އަހައިލިއެވެ. އާރިޔަން ޖަވާބެއް ނުދީ އަނުމްގެ ދެއަތްތިލަ ޖައްސައިލީ އޭނާގެ ބޮލުގެ އިސްތަށިގަނޑު މަތީގައެވެ. އަނުމް ވާނުވާ ނޭނގި ބަލަން ހުންނަން ފެށުމުން އާރިޔަން ދެން ކުރި ކަމަކުން އަނުމް އަނގައިން ބަސްހުއްޓި ދޫ ވެސް ބަންދުވި ކަހަލައެވެ. ޤަބޫލުނުކުރެވި ޓައިލްސްތަކުގެ މައްޗަށް ވެއްޓުނު ވިގަށް ބަލަހައްޓައިގެން ހުރެވުނެވެ.
"ތިއީ ހަގީގަތަކީ...." އަނުމް ބަލައިލީ އާރިޔަން ވާހަކަދެއްކި އަޑަށެވެ.
(ނުނިމޭ)