"މިހާރު ޔަގީންވެއްޖެ މައްސަލައެއްގަ ގެންދިޔަކަން. ސޮއިކުރަން ދިޔަ މީހަކަށް ފޯނު ނުނެގެންވީ ކީއްވެ؟" އަނުމް ބުނެލިއެވެ. އޭނާ ޚައިރާންވީ ކޯތާފަތްމަތިން ހިރުވުމެއް އިހުސާސް ކުރެވުމުންނެވެ. ޝާހާދަތް އިނގިލި ޖައްސާލާފައި ބަލައިލިއިރު ފެނުގެ އަސަރު ފެންނަން ހުރުމުން އޭނާއަށް ޤަބޫލުނުކުރެވި އިނގިއްޔަށް ބަލަހައްޓައިގެން އިނދެވުނެވެ.
އާވާގެ ގެއަށް ދާން ތައްޔާރުވެގެން ނިކުތް އަނުމް، ސިޓިންގރޫމް ސޯފާމަތީގައި އަތުގައި އޮތް ފައިލް ބާއްވާފައި ގޮސް ވަނީ ބަދިގެއަށެވެ. ހުރިހާ މީހުންނަށް ކާންހެދިފައި ހުރީ ރަނގަޅަށްތޯ ބެލުމަށްފަހު ލިޔުންތައް ހިފައިގެން ގޮސް ނާސިހާއި ފަލަކްނާޒްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލިއެވެ.
ކުޑައިރުކޮޅަކުން ނާސިހް ދޮރު ހުޅުވާލައިފިއެވެ. އެތެރެ ނުބެލިއެއް ކަމަކު އެނދުގައި އަލަމް ނިންދަވަން އިން ފަލަކްނާޒް އޭނާއަށް ފެނުނެވެ. ފަލަކްނާޒް ފަރުވާކުޑަ ބެލުމަކުން ބަލައިލިއެވެ.
"ބައްޕަ ކިހިނެއްތަ މިހާރު؟" ކުރިމަތީގައި ހުރި ނާސިހް ފެނުމުން އަނުމް އަހައިލިއެވެ. ނާސިހް ރޯގާ ޖެހިގެން ހުމެއް އަންނަތާ ތިން ދުވަސްވެއްޖެއެވެ.
"މިވަގުތަށް ހީވޭ ވަރަށް ލުއިހެން. ދަރިފުޅު ތަނަކަށް ދަނީތަ؟" ނާސިހް އަހައިލިއެވެ.
"ލައްބަ. އަޅުގަނޑު ބުނީމެއްނު ޖޮބެއްގެ ވާހަކަ. އެކަމާ މިއުޅެނީ. އަޅުގަނޑު ހުންނާނީ ކާން ހަދާފައި. ބައްޕައަށް ހުންނާނެ ވަކިން. އަޅުގަނޑު ގެއަށް އަންނާނަން ލަސްނުވެ" އަނުމް ބުނެލިއެވެ.
"ދަރިފުޅު އެކަނިތަ؟" ނާސިހް އަހައިލިއެވެ.
"ނޫން. އެވީ އާއެކު" އަނުމް ބުނެލިއެވެ.
އޭނާ ކޮޓަރި ދޮރު ކައިރިކޮށްލާފައި ސިޓިންގްރޫމަށް ނިކުމެ ގޮނޑި މަތީގައި ބޭއްވި ފައިލް ހިފައިގެން ނިކުންނަން ދިޔައެވެ. ދޮރު ހުޅުވާލާފައި އާރިޔަން ވަދެއްޖެއެވެ. ބޫޓަށް އަރައިގެން ނިކުންނަން ދިމާކުރި އަނުމްއަށް އާރިޔަން ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ. އާރިޔަން ހީލުމުން އަނުމް ހީލަންޖެހުނީ ގަދަކަމުންނެވެ.
"ހާދަ ރީތިވެލައިގެން. ކޮންތާކަށް ތިދަނީ" އާރިޔަން އަހައިލިއެވެ.
"މިދަނީ އެވީމެން ގެއަށް. ކާން ހަދާފައި ހުންނާނީ" އަނުމް ބުނެލިއެވެ.
"އަހަރެން ދަންތަ އަނުމް އާ އެކު" އާރިޔަން އަހައިލިއެވެ.
"ފުލުހުންގެ މަރުކަޒުން ފޮނުވާލީމަތަ ތިއައީ؟" އަނުމް އަހައިލިއެވެ. ވަގުތުން އާރިޔަންގެ މޫނު މައްޗަށް ސީރިޔަސްކަން ވެރިވެއްޖެއެވެ.
"އަހަރެންނަށް ފާރަލަނީތަ މިހާރު؟" އާރިޔަން އަހައިލިއެވެ. އޭރު ދެކުދިންނަށް މަގުމައްޗަށް ނިކުމެވިއްޖެއެވެ.
"ފާރަނުލިޔަސް އެނގިދާނެއްނު. އަހަރެންނަށް ފެނިގެން މިބުނީ" އަނުމް ބުނެލިއެވެ.
"އަރައިގެން ދިޔަތަން ދޯ ފެނުނީ. ނަސީބެއްނު ހުރިހާކަމެއް ނޭނގުނުކަން" އާރިޔަން ހީލަމުން ބުނެލިއެވެ.
"އަހަރެން ސައިކަލް ފަހަތަށް ނާރާނަން" އަނުމް ބުނެލިއެވެ.
"ހިނގާލާފައި ދޯ ދާނީ. އަނުމް އެގެއާއި ހަމައަށް ދިޔައިމަ އަހަރެން އަންނާނީ" އާރިޔަން ބުނެލިއެވެ. އޭނާއަށްޓަކައި އާރިޔަން އެހާ ތަކުލީފު އުފުލަން ބޭނުންނުވާ ވާހަކަ ބުނަން އުޅެފައިވެސް އޭނާ ނުބުންޏެވެ.
އާވާގެ ގޭ ގޭޓުން އަނުމް ވަން މަންޒަރު ބަލަން ހުރި އާރިޔަން ހިނގައިގަތީ އިރުކޮޅަކު އަނުމްއަށް ބަލަހައްޓައިގެން ހުރެފައެވެ. އަނުމްއަށް ބަދަލުތަކެއް އައިސްފައިވާކަން އޭނާ ދެނެގަތެވެ. އެހުރިހާ ކަމެއްވެސް ގުޅިފައިވަނީ އޭނާއާ ކަން އޭނާއަށް ހީވީ ކީއްވެގެންކަމެއް އޭނާއަށް ނޭނގުނެވެ. މާގިނަ ދުވަހު އެކަންތައް ސިއްރުކޮށްގެން އޭނާ އުޅެން ބޭނުމެއްނުވެޔޭ ހިތަށް އެރި މިއީ ފުރަތަމަ ދަނޑިވަޅެވެ. އަނުމްގެ ހިތާއި އެހާ ކައިރިއަށް އާދެވުމަށްފަހު އެނބުރި ދާން އޭނާގެ ހިތް ނޭދޭއެވެ.
މުޅިން އާ ދުވަހެކެވެ. ގޭތެރޭގައި އުޅުނީ އާވާއާއި އަމާޔާ އެކަންޏެވެ. ބަދިގެ ތެރޭގައި ކާއެއްޗެއް ރޯފިލުވުމުގައި އަމާޔާ އުޅެމުން ދިޔައިރު ސިޓިންގްރޫމުގައި ޓޮމީއަށް ކާންދޭން އާވާ އިނެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ބަދިގޭ ކަބަޑުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން އަމާޔާ ބަލައިލިއެވެ. ދެވަނަ ނަޒަރު އޭނާ ސީދާކޮށްލީ ބަދިގޭ ދޮރާއި ދިމާލަށެވެ.
"އެވީ ފޯނެއް" އަމާޔާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
"ކާކު؟ މާހިލް ތަ؟" އާވާ އަހައިލި އަޑު އިވުނެވެ.
"ނޫން. ކޮންމެސް ކިޔާނެއްގެ ނަން އިނީ" އަމާޔާ ބުނެލިއެވެ. އޭރު ފޯނު އެތައް އިރަކު ރިންގުވެފައި ކެނޑިއްޖެއެވެ.
ޓޮމީ ކައިރިއަށް ކާއެއްޗެހި އަޅާފައި ހުރި ތަށި ޖައްސާލާފައި އާވާ ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. ފޯނު ނަގާފައި ގުޅަންވީބާއޭ ހިތަށް އެރިއެވެ. ފޫހިކަމާއެކު ފޯނު އޮތްތަނުގައި ބާއްވަން އުޅުނު ވަގުތު ދެވަނަ ފަހަރަށް ކިޔާން ގުޅަން ފަށައިފިއެވެ.
"އެވީ...! ކޮންތާކު ތިއުޅެނީ. ކިހާ ދުވަހެއް؟ ކިހާ ދުވަހެއް އެވީ އަހަރެންނަށް ނުފެންނަތާ... ތިހެން ހަދަންވެދާނެތަ؟ އަޅެ އެންމެ ފަހަރަކު އަހަރެންނަށް ފެނިދާނެތަ؟" އާވާ އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކިޔާން ވާހަކަދައްކަން ފަށައިފިއެވެ.
"ކިޔާން...."" އާވާ ހަރުކަށިކަމާއެކު ގޮވައިލިއެވެ. އެ އަޑަށް އުނދުން ކައިރީގައި ހުރި އަމާޔާ އާވާއަށް ބަލައިލިއެވެ. އެއީ އޭނާއާއި ޝާނިމްގެ ކައިވެނީގައި ބައިވެރިވި ކިޔާން ބާއޭ އަމާޔާގެ ހިތަށް އަރަމުން ދިޔައެވެ.
"އަހަރެން ދަންތަ ތިގެއަށް. ގޯޑް ޕްރޮމިސް. އަހަރެން އެއްވެސް ކަމެއް ނުކުރާނަން. ދުރުގަ ހުރެ އެވީއަށް ބަލާލާފައި އަހަރެން ތިގެއިން ނިކުންނާނަން. ޕްލީޒް ބުނޭ އާއެނކޭ" އަނެއްކާވެސް ކިޔާން ވާހަކަދައްކަން ފެށިއެވެ.
"ކިޔާން...!! ހަމައިގަތަ ތިހެރީ... އަހަރެން މިހެރީ އަހަރެންގެ ފިރިމީހާގެ ގޭގައި. ތިބޭނުމުގަ ކިޔާން މިގެއަށް އަންނަން އަހަރެންނަށް ހުއްދައެއް ނުދެވޭނެ" އާވާ ބުނެލިއެވެ. އެނާ ވާހަކަދެއްކީ އަމާޔާއަށް އަޑު އިވުނަސް ހެޔޮ ކަމަށެވެ.
"އޭރުވެސް އަހަރެންނަށް އިނގޭ އެވީ ބުނާނީ ތިހެންކަން. އެހެންވެ އަހަރެން މިހެރީ އަމިއްލައަށް އައިސް. އެވީ ދޮރުހުޅުވަބަ. އެހެންނޫނީ އަހަރެން ކޮންމެސް ގޮތަކަށް ތިގެއަށް ވަދެވޭތޯ ބަލާނަން" ކިޔާން އިންޒާރެއް ދިން ކަހަލައެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ؟ ކީއްވެގެންތަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށް ނުލެވިގެން ތިއުޅެނީ؟ ކިޔާން ތިހުރި ތަނަކުން ހަމަ މިހާރު އެނބުރި ދޭ. އަވަށްޓެރިއަކަށް ފެނިއްޖެނަމަ ދައްކާނީ ދެމީހުންވެސް ލަދުގަންނަންޖެހޭ ފަދަ ވާހަކަތަކެއް" އާވާ ބުނެލިއެވެ. ވާހަކަ އެހިސާބަށް ދިޔައިރު އުނދުން ނިއްވާލާފައި އައިސް އަމާޔާ އާވާ އާއި ދާދި ގާތުގައި ހުއްޓިއްޖެއެވެ.
"ސްޕީކަރަށް ލައިބަލަ" ވައި އަޑުން އަމާޔާ އާވާ ކަންފަތް ކައިރީގައި ބުނެލިއެވެ. އާވާ ވަގުތުން ސްޕީކަރު އޮންކޮށްލިއެވެ.
"އެވީ.....!! އަހަރެން އެންމެ ފަހު ފަހަރަށް މިއަހަނީ. ދޮރުހުޅުވާނީތަ ނޫނީ އަހަރެން މި ހޮޅިން މައްޗަށް އަރާނީތަ؟" ކިޔާން ބުނެލިއެވެ. ދެން އިވެން ފެށީ ކިޔާން ނޭފަތް ދަމަންފެށި އަޑެވެ.
"ސޮރީ... އަހަރެންގެ ފިރިމީހާގެ ގެއަށް އެއްވެސް ހިލޭ ފިރިހެނެއް ވައްދަން ބޭނުމެއްނޫން" އާވާ ގޮތުގައި ހިފެހެއްޓިއެވެ.
"އޯކޭ ފައިން. އަޑުއަހާ... އަހަރެން މިހޮޅިން ނުވެސް އަރާނަން. އަދި ކިތަންމެ އިރެއް ވިޔަސް މިތަނަކުން ނުވެސް ދާނަން" ކިޔާން ފޯން ބޭއްވިއެވެ.
"ކިޔާން އެއީ ކާކުތަ؟" އަމާޔާ އަހައިލިއެވެ.
"ނޭނގެ... ވަރުގަދަ ކަމެއް" އާވާގެ މޫޑު ގެއްލިއްޖެއެވެ. އޭނާ ގޮނޑި ދަމާލާފައި އިށީންނަމުން ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. ކިޔާންގެ ސަބަބުން އޭނާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.
އަމާޔާ މަޑުމަޑުން ހިނގާލާފައި ގޮސް ސިޓިންގރޫމުގައި ހުރި ކުޑަދޮރުގެ ދޮރުފަޮތިގަނޑު ކަހާލާފައި ބޭރު ބަލައިލިއެވެ. ވިލު ނޫ ކުލައިގެ ގަމީހެއް ލައިގެން ހުރި ފިރިހެން ކުއްޖެއް ދޮރުގައި ބޯޖައްސާލައިގެން ހުއްޓާ އަމާޔާއަށް ފެނުނެވެ. އޭނާ އެތައް ގޮތަކުން ބަލައިގެންވެސް އެކުއްޖާގެ މޫނެއް ނުފެނުނެވެ. އެއީ އެ ކިޔާން ކަން ކަނޑައަޅަން އޭނާއަށް ދަތިވިއެވެ.
"އެވީ...! ތިހެން އިނަކަސް ކަމަކުނުދާނެ. އަހަރެންގެ ބަސް ޤަބޫލުކުރަންޏާ އޭނަ މިގެއަށް ވައްދާ. ހިލޭ ފިރިހެނެއް ކައިރީގައި އެވީ އެކަނިހުރި ކަމަކަށް ނުވާނެ. އަހަރެންވެސް މިހުރީނު. މިގަޑީގަ އާންމުކޮށް މާހިލް ސަރ އާއި ޝާން ނަޔަސް ހަމަ ކޮންމެސް ކަމެއްގަ އަތުވެދާނެ. އޭރުން މަންޒަރު އެހާ ރީއްޗެއްނުވާނެ" އަމާޔާ އާވާ ކައިރީގައި އިށީނދެފައި ވާހަކަދެއްކިއެވެ.
އާވާ ކޮޅަށް ތެދުވީ އިރުކޮޅަކު ވިސްނާލަން އިނދެފައެވެ. އޭނާ ބާރު ހިނގުމުގައި ހިނގާފައި ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ކިޔާން އެތެރެއަށް ވަދެއްޖެއެވެ. ހުޅުވާލާފައި ހުރި ދޮރާއި ދިމާލަށް ހިނގާފައި އައި ނައިޝީއަށް ދޮރުން އެތެރޭގައި ޒުވާން ފިރިހެންކުއްޖަކު ހުރިތަން ފެނުމުން އެއްފަރާތަކަށް ޖެހިލިއެވެ.
ކިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އާވާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އާވާ ނުވިސްނާ ހުއްޓާ ގޮސް އާވާގެ ހަށިގަނޑުގައި އޮޅުލައިގަނެއްޖެއެވެ. ދުރުގައި ހުރި އަމާޔާއަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅަން ނުކެރިފައި ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސޯފާމަތީގައި އިން ޓޮމީއަށެވެ. އޭނާއަށް އާވާ ކައިރިއަށް ދާން ނުކެރިފައި ހުރީ އެތަނުގައި ޓޮމީ އިނުމުންނެވެ.
"ކިޔާން....!!" އާވާ ކިޔާން ދުރަށް ފޮޅުވާލިއެވެ. މޫނު މަތީގައި ޖަހަން އަތް ނަގާފައިވެސް އޭނާ އަތް ތިރިކޮށްލިއެވެ. އެހެނީ މޫނުމަތީގައި ޖެހުމަކީ މާތް ނަބިއްޔާ ނަހީ ކުރައްވާފައިވާ ކަމެއްކަން އޭނާ ހަނދާނުގައި އެބަހުއްޓެވެ.
"އުންމީދުކުރަން ކިޔާން އައި ބޭނުން ކިޔާނަށް ފުދިއްޖެކަމަށް. ދެން ރަނގަޅީ ދިޔައިއްޔާ. އަދި އަނބުރާ ދުވަހަކުވެސް މިގެއަށް ކިޔާން އައިސްގެން ނުވާނެ" އާވާ ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ.
"އަހަރެން ހިނގައިދާނަން. އެކަމަކު އަދިވެސް އެވީ ދެކިލާހިތްވެގެން އަހަރެންގެ މޭގެ ތެރޭގައި މިއޮތް ބަސްނާހާ ހިތް ރޯން ފަށައިފިނަމަ އެވީ ހުރި ހިސާބަކަށް ނާދެވޭނެޔެކޭ ނުބުނާނަން" ކިޔާން އެގެއިން ނިކުމެގެން ދަމުން ބާރަކަށް ދޮރުގައި އަތުން ގޮށްމުށުން ޖެހިއެވެ.
އާވާ ދުވެފައި ގޮސް ދޮރުލައްޕާ ތަންޑު އެޅުވިއެވެ. އޭނާ ދުވެފައި ސިޑިން އަރައިގެން ދިޔައެވެ. ކޮޓަރިއަށް ވަނުމަށްފަހު އެނދަށް އޭނާއަށް ވެއްޓިގަނެއްޖެއެވެ. މާގިނަ އިރެއް ނުވަނީސް ދޮރު ހުޅުވާލާފައި އަމާޔާ ވަދެއްޖެއެވެ.
"އެވީ...!! ޓޮމީ އަށް އަހަރެން ދޫކޮށްލާފައެއްނު ތިއައީ. އަހަރެން ސިޑިން އެރިއިރު އޭތި އަހަރެންނަށް މަލާމަތްކޮށްފަ ހޭން ކަންނޭނގެ އޮތީ" އެނދުގައި އޮތް އާވާ ކައިރިއަށް އަންނަމުން އަމާޔާ ވާހަކަދެއްކިއެވެ. ނަމަވެސް ބަންޑުން އޮތް އާވާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި އަމާޔާ ހިމޭންވެއްޖެއެވެ.
"އެވީ...!! ރޯވަރުކަމެއް ވިތަ؟ އޭނަ ހިނގައްޖެއްނު. ދެން ނާންނާނެއްނު. އެވީ ބުނީމެއްނު ދެން މިގެއަށް އައިސްގެންނުވާނޭ" އާވާ ކައިރީގައި އިށިންނަމުން އަމާޔާ ވާހަކަދެއްކިއެވެ.
"އޭނަ އަދި އަންނާނެ. އޭނަ ނޭވައެއްލާނީ މާހިލްގެ އަތުން އަހަރެން ޖަހައިގަނެފަ. މާޔާ!! މިކަންތައް މިދަނީ މިހާރު މާ މައްޗަށް. އެއީ ކުރިން އޭނަ އުޅުނުގޮތެއް ނޫން. އަހަރެން ވަރަށް ބިރުގަންނަން ފަށައިފި" އާވާ ވާހަކަދެއްކިއެވެ.
"ކުރިންވެސް އޭނާ އުނދަގުކުރޭތަ؟ އެއީ އެއްކަލަ ކިޔާންތަ އަނެއްކާ" އަމާޔާ އަހައިލިއެވެ.
"އާނ... ވަރަށް ކުރިން ފެށިގެން އޭނަ ބުނޭ ލޯބިވެޔޭ. އެކަމަކު އެއީ ކަޒިންއެއް ވީމަ އަހަރެންގެ ހިތުގައި އޭނަ އާ މެދު އެފަދަ ލޯތްބެއް ނުއުފެދުނު. އަހަރެން ދެކުނީ އަބަދުވެސް ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ. އަހަރެން މާހިލް އާ މެރީކުރި ކަން އިނގުނީމަ އޭނަ އެހެން އެއުޅެނީ" އާވާ ވާހަކަދެއްކިއެވެ.
"އަހަރެން ދީފާނަން އައިޑިއާ އެއް. އޭނަ މަންމަ ކައިރީގަ ހުރިހާ ވާހަކައެއް ދައްކާ. ބުނޭ އެކަން ހުއްޓުވާށޭ. އެއީ ރީތިކަމެއް ނޫނޭ" އަމާޔާ ބުނެލިއެވެ.
"އޭނަ އެކަން ކުރަނީ ބޮޑުދައިތައަށް ވެސް އެނގިގެން. ބޮޑުދައިތަ ބޭނުންވަނީ އަހަރެން އޭނަ ޔާ އިންނަން" އާވާ އިތުރަށް އޮޅުންފިލުވައިދިނެވެ.
"އެހެންވިއްޔާ އެ ރަށުގަ މޫދުންވެސް އޭނަ އެވީ ސަލާމަތްކުރީ އެހެން ނިޔަތެއްގަ ރަނގަޅަށްވިއްޔާ" އަމާޔާ ބުނެލިއެވެ.
"ދެން ރޯނެ ކަމެއް ނެތް. ހިނގާ ކާންދާން. ޝާންމެން ދަމުން ބުންޏެއްނު އަހަރެމެން ކައިގެން ތިބޭށޭ" އާވާ އަތުގައި ހިފާ ގާތަށް ދަމަމުން އަމާޔާ ބުނެލިއެވެ.
"މާޔާ!! ޕްލީޒް މިއަދު މިގޭ ތެރޭގައިވީ އެއްވެސް ކަމެއްގެ ވާހަކަ އަހަރެން ބުނަންދެން އެކަކު ކައިރީގަވެސް ނުދައްކައްޗެ. އަހަރެން ބޭނުމެއްނޫން އެއްވެސް ކަމަކާ މާހިލް ދެރަވެ ވިސްނާ ހަދާކަށް" އާވާ ބުނެލިއެވެ.
"އޯކޭ.. އެކަމަކު ޝަރުތެއްގެ މަތިން. ކަރުނަތައް ފޮހެލާފައި ނިކަން ހީލަބަލަ. ތިހެން އިނީމަ އެވީ އަކާ ނުވެސް ގުޅޭ" އަމާޔާ ބުނެލިއެވެ. ސައިޑްކަބަޑް މަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ ދެލޯ ކައިރި ސާފުކޮށްލަމުން އަމާޔާއަށް ބަލައިލާފައި އާވާ އޭނާގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރި ކުރުވިއެވެ.
އަނުމްގެ ކޮޓަރިއާއި ދިމާލަށް ބަލަމުން އާރިޔަން ދިޔައީ އެދުވަހު އެއްކޮށް އަނުމްގެ ސޫރަ އޭނައަށް ފެނިފައި ނުވާތީއެވެ. އެތައް ފަހަރަކު އަނުމްގެ ނަންބަރަށް އޭނާއަށް ގުޅިއްޖެއެވެ. ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން ހަވީރު ވާން ކައިރިވުމުން އޭނާ ކޮޓަރިން ނިކުތީ އަނުމް ކޮޓަރިން ބޭރުގައި ހުރެދާނެ ކަމަށެވެ. ވީވެސް އޭނާ ހީކުރި ގޮތަށެވެ. އޭނާ ބަދިގޭ ދޮރަށް އެރިއިރު އަނުމް އުނދުން ކައިރީގައި ހުއްޓެވެ. އޭނާ އަނުމް ގާތަށް ދާން ހިނގައިގަތް ވަގުތު މޭޒު ކައިރީގައި އިން ނާސިހާއި އަލަމް ފެނިއްޖެއެވެ. އެހެންކަމުން އޭނާ އަނބުރާލާފައި ގޮސް މޭޒު ކައިރީގައި އިށީނދެއްޖެއެވެ.
"އާރިޔަން! ދަރިފުޅު އެބަ އުޅެންތަ ވަޒީފާއެއް ހޯދަން. ފިރިހެން ކުއްޖަކު ތިގޮތަށް އުޅުމަކީ އެހާ ހަރުދަނާ ގޮތެއް ނޫންހެން ބައްޕައަށް ހީވަނީ" އާރިޔަން އިށީނުމުން ނާސިހް ވާހަކަދެއްކިއެވެ.
"އަޅުގަނޑު ގޯސްކޮށް ނޫޅެން. ވަރަށް އަވަހަށް އެންމެންނަށް އުފާވެރި ޚަބަރުދޭނަން" އާރިޔަން އެހެން ބުނަމުން އުނދުން ކައިރީގައި ހުރި އަނުމްއަށް ނަޒަރެއް ދިނެވެ.
"ދަރިފުޅާ އަނުމް. ބައްޕަ މިދަނީ ރައްޓިއްސަކާ ބައްދަލުކޮށްލަން ބޭރަށް" ނާސިހް ނިކުމެގެން ދިޔައީ އަލަމްގެ ބޮލުގައި ބޮސްދީފައެވެ.
"ދޮންބެސް ދޮންތި ލައްވާ އޮމްލެޓް ކާންތަ ތިއައީ" އަލަމް އާރިޔަންއަށް ބުނެލިއެވެ.
"ނޫން. ދޮންބެ މިއައީ އަލަމްކޮގެ އޮމްލެޓް ކާލަންވެގެން" އާރިޔަން އަލަމްގެ މޫނާ އެއްވަރަށް މޫނު ތިރިކޮށްލަމުން ބުނެލިއެވެ.
"ނޯ.... ދޮންތި ކައިރީގައި ބުނޭ އަލުން ކައްކާށޭ..." އަލަމް ބޮޑާ ހާކާލިއެވެ. އާރިޔަންއަށް ހެވުނެވެ.
"މައިލޯތަށި ވާނެ ހުސްކުރަން. ދެން އޮމްލެޓް އަދި ކުޑަކޮށް ހޫނު. ބީ ކެއަރފުލް އިނގޭ" އަލަމް ކުރިމަތީގައި މައިލޯ ތައްޓާއި ބިސްގަނޑު ލާފައިވާ ތަށި ކައިރިކޮށްލަމުން އަނުމް ބުނެލިއެވެ. އަނުމް ޒިންކާއި ދިމާލަށް ހިނގައިގަތުމުން އާރިޔަން ފަހަތުން ހިނގައިގަތެވެ.
"އަހަރެންވެސް މިއައީ ވަރަށް ބަނޑުހައިވެގެން" އާރިޔަން ބުނެލިއެވެ.
"ކޯޗެއް ބޭނުމީ... ކޮފީތަ؟ ކަޅުސައިތަ؟ ނޫނީ ކިރުސައިތަ؟" އަނުމް ފަހަތް ބަލައިނުލާ ހުރެ ބުނެލިއެވެ.
"ތިއިން އެއްޗެއް ބޮއެގެން އަހަރެންގެ ބަނޑުފުރުނަސް ހިތެއް ނުފުރޭނެ. އަނުމް ކީއްވެ ހިތްހަމަނުޖެހިފަ ތިހުންނަނީ؟" އާރިޔަން އަހައިލިއެވެ.
"އަހަރެން ހިތްހަމަނުޖެހިފަ ހުރީމަ ކޮބާ މައްސަލައަކީ؟ އާރިޔަން ކޮން ތަފާތެއް އޮތީ؟ އަހަރެން މިއީ ކާކު؟" އަނުމް ބުނެލިއެވެ.
"އަނުމްއަކީ އަހަރެންގެ ކާކުކަން މިވަގުތު ބުނުން އެހާ ރަނގަޅުހެނެއް ހިއެއްނުވޭ. އެކަމަކު އާނ މިވަރަށް ބުނެވިދާނެ. އަނުމް ތިގޮތަށް ހުންނަތަން ފެނުނީމަ އަހަރެންގެ ހިތަށް ވަރަށް ތަދުވޭ. އަހަރެން މިތަނަށް މިއައީ މިއަދު ހަތަރުދަމު އަނުމް ހޯދާހޯދާ ކޮޓަރީގަ އޮވެއޮވެ އަހަރެންނަށް ކެތްނުވީމަ ފެނޭތޯ. ދެކިލާހިތުން އަހަރެން މޮޔަވާވަރުވީމަ" އާރިޔަން ވަރަށް ފާޅުގައި ވާހަކަދައްކަމުން ދިޔައެވެ. އަނުމްއަށް އެއްފަހަރު އާރިޔަންގެ މޫނަށް ބަލައިލެވިއްޖެއެވެ.
"އަހަރެންނަކަށް ހިއެއްނުވޭ އާރިޔަންއަށް އަހަރެންގެ އެކުވެރިކަން އެހާ މުހިންމު ހެނެއް" އަނުމް ބުނެލިއެވެ.
"ތިހެން ނުބުނޭ. އަނުމްއަށް އަދި އެކައްޗެއްވެސް ނޭނގޭ. އަހަރެން ކިޔައިދޭނަން. އަދި ވަގުތުކޮޅެއްދީ" އާރިޔަން އެދުނެވެ.
"ކޮންމެ ދުވަހަކު އާރިޔަން ފުލުހުންގެ ޖިޕުގަ ގެންދާތަން އަހަރެންނަށް ފެނޭ. އަދިވެސް އާރިޔަންއަށް ބަދަލެއް އައިތަނެއް ނުފެނޭ. ތި އިސްތަށިގަނޑު އަދިވެސް ކޮށާކަށް ނޫޅޭ. އާރިޔަން ނިކަން ލޯގަނޑު ކުރިމައްޗަށް އަރާފައި ބަލައިލަބަލަ ހީވާގޮތް" އަނުމް ވާހަކަދެއްކިއެވެ.
އާރިޔަން އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ. ދެން އޭނާ ހިގައިގަތީ ބަދިގެއިން ނިކުންނާށެވެ. އޭނާ އިތުރަށް އަނުމް ކައިރީގައި ދައްކާނެ ވާހަކައެއް ނެތެވެ. އިތުރަށް ވާހަކަދައްކަން ހަދައިފިނަމަ އޭނާ ބޭޒާރު ވެދާނެއެވެ. އޭނާގެ ހިތް އޮތްގޮތް އަނުމްއަށް އަދި އިނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. މިދަނޑިވަޅުގައި އަނުމްއަށް އެކަން އިނގިއްޖެނަމަ މިހާރު އޮތް ކުޑަކުޑަ އެކުވެރިކަންވެސް ކަނޑާލާނެކަން ޔަޤީނެވެ.
"ދޮންބެ ކީއްވެ ދޮންތިއަށް ނަމުން ގޮވަނީ. ކީއްވެ ދޮންތި ނުކިޔަނީ. ބައްޕަ ރުޅިއަންނާނެ" ބަދިގޭ ދޮރުން ނިކުމެ ނިކުމެ ހުރި އާރިޔަން މަޑުޖެހުނީ އަލަމްގެ އަޑު އިވުނީމައެވެ. އޭނާ އަލަމްއަށް އެއްފަހަރު ބަލައިލާފައި އަނެއްފަހަރު ބަލައިލީ ދުރުގައި އޭނާއަށް ބަލަހައްޓައިގެން ހުރި އަނުމްއަށެވެ.
"އެއީ އަލަމްކޮގެ ދޮންތި. ދޮންބެގެ އެއްވެސް މީހެއްނޫން. އެއީ ދޮންބެދެކެ ވަރަށް ރުޅިއަންނަ ކުއްޖެއް" ހިތުގައި ޖެހިފައި ހުރުމުން އާރިޔަންއަށް ބުނެވުނެވެ. އާރިޔަން ދިޔަ ދިމާލަށް އަނުމްއަށް ބާރަށް ހިނގައިގަނެވިއްޖެއެވެ. އާރިޔަން ހިތުގައި ޖެހިފައިވިތަން ފެނުމުން އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. އެހާ ބަނޑުހައިވެގެން ހުރެފައި އާރިޔަން އެއްޗެއް ނުކައި ދިޔުމުން އަނުމް ހުރިހާ ކަމެއްގެ މަތިން ފޫހިވެއްޖެއެވެ. އޭނާ ބޯން ހަދާފައި ހުރި ސައިތަށި ހިފައިގެން ގޮސް ޒިންކަށް އަޅާލައިފިއެވެ.
ރޭގަނޑުގެ ކެއުން އެންމެން ނިންމާލިއިރުވެސް އާރިޔަން ނުފެނެއެވެ. މޮޔައެއްހެން އަނުމްއަށް އާރިޔަން ހޯދުނެވެ. ކާއެއްޗެހި ހިފައިގެން އެކޮޓަރިއަށް ދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އެހިތްވަރު ކުރަން އޭނާއަށް ނުކެރުނެވެ. ފަލަކްނާޒްގެ ރުޅިވެރި ނަޒަރު ސައުވީސްގަޑިއިރު ހުންނަނީ އޭނާއަށް އަމާޒުވެފައެވެ.
"ކީއްވެ އަނުމް ނުކެއީ. ބައްޕައަށް ހީވަނީ މިހާރު ކެއުމާ ވަރަށް ދުރުހެން. ކުރިއަށް ވުރެ ހިކިއްޖެހެންވެސް ހީވޭ. ދަރިފުޅު ބަލީތަ؟" ސިޓިންރޫމުގަ އިން ނާސިހް ކޮޓަރިއަށް ވަންނަން ދިޔަ އަނުމްއަށް ގޮވާލާފައި ބުނެލިއެވެ.
"ބައްޔެއްނޫން. އަދި ތަންކޮޅެއްފަހުން ކާން ވެގެން" އަނުމް ބުނެލިއެވެ.
ކޮޓަރިއަށް ވަދެފައި އަނުމް އެނދުގައި އިށީނދެއްޖެއެވެ. ހިމޭނުން އިރުކޮޅަކު އިނުމަށްފަހު ބާލީސް ނަގާ އުނގުމަތީގައި ބޭއްވިއެވެ. ދެން ބާލީސްމަތީގައި ދެ އުޅަނބޮށި ވިއްދާލުމަށްފަހު ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އިރުކޮޅަކުން ފެނުނީ މަޑުމަޑުން ދެފަރާތަށް ބޯ ހޫރަމުން ދިޔަ ތަނެވެ. އޭނާގެ ސިކުނޑި ދައްކަމުން ދިޔަ ވާހަކަތަކަކަށް ހިތް ދެކޮޅު ހަދަމުންދާ ކަހަލައެވެ. އޭނާއަށް އަންނަމުންދާ ބަދަލުތަކުގެ ފަހަތުގައިވާ ސަބަބު ވިސްނުނަސް އެކަން ޤަބޫލުކުރަން ބޭނުންނުވާ ކަހަލައެވެ.
"ކޮންއިރަކު ކިހިނެއްކަމެއްވެސް ނޭނގޭ..." މޫނުމަތިން އަތް ނަގާފައި އަނުމް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.
"އެކަމަކު... އަހަރެން އާރިޔަން ބޭނުމެއްނޫން. އާރިޔަން އުޅެނީ ވަރަށް ވިޔާނުދާ އުޅުމެއް. އަހަރެން ޖެހޭނީ މިކަންތަކާއި ދުރުވާން" އަނުމްގެ ހިތަށް އަރަމުން ދިޔައެވެ.
އޭނާ ސިހުނީ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައި އަޑުންނެވެ. ބަލައިލިރު އޮތީ އާރިޔަންގެ ނަމެވެ. އަނުމް ފުންމައިގެން ތެދުވެ މެސެޖް ހުޅުވާލައިފިއެވެ.
"މާދަން ރޭ ނޫން އަނެއް ރޭ. ދިހައެއް ޖަހާއިރު. އަހަރެންގެ ކޮޓަރިއަށް. ވަރަށް މުހިންމު ކަމަކު. އިފް ޔެސް ޕްލީޒް ރިޕްލައި" އާރިޔަން އޮތީ ހަމައެކަނި އެވަރަށް ބުނެލާފައެވެ.
ލޮކަރުތައް ލޮކް ކުރުމަށްފަހު ކެބިން އިން ނިކުންނަން ހިނގައިގަތް މާހިލް ސިހިގެން ދިޔައީ ހުޅުވިގެން ދިޔަ ދޮރު އެތެރެއަށް ވަން ނައިޝީ ފެނިފައެވެ. ނައިޝީގެ ފައިން ފެށިގެން ބޮލާއި ހަމައަށް މާހިލްއަށް އަވަސް ނަޒަރެއް ދެވުނީ ބޭއިހްތިޔާރުގައެވެ. ފިޔާތޮށި ކުލައިގެ ގަޔަށް ބާރު ޓޮޕް ކޮޅެއްގެ ދަށުން ކަޅު ކުލައިގެ ކުރު ސްކާރޓް ކޮޅެއްގައި ނައިޝީ ހުރިއިރު އޭނާގެ ދޮން ފަލަ މަސްގަނޑުން ބޮޑުބައި އޮތީ ހާމައަށެވެ. މާހިލް ދެލޯ މަރާލަމުން އަނެއް ފަރާތަށް އެނބުރުނުއިރު މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ހިތަށް ވަސްވާސް ދެމުން އައި ޝައިތާނާ ފައްސާލުމަށްޓަކައި ހިތްވަރު ކުރަމުން ދިޔައެވެ.
(ނުނިމޭ)