"އަޑުއަހަންތަ ފަންޑިތަ... ސިޙުރު..... ހެހެހެ.... އަހަރެން ވަރަށް ރައްޓެހި އެއްޗެހި އެއީ..." ނައިޝީ ބުނެލި ޖުމްލައާއެކު މާހިލްއަށް ހީވީ އޭނާގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅިހެންނެވެ. ހިނދުކޮޅަކަށް ދުނިޔެ ހުއްޓުނުހެންވެސް ހީވެއްޖެއެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފިއެވެ.
މާހިލް ގެއަށް ވަންއިރު ހުރީ ގަބުވެފައެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ. އެތެރެއިން ދެމީހަކު ވާހަކަދައްކާ އަޑު އިވުމުން އޭނާ އިރުކޮޅަކު މަޑުކޮށްލިއެވެ.
"މާހިލްދެކެ ވަރަށް ލޯބިވޭ. އަސްލު އަހަރެންގެ ދިރިއުޅުން އަހަރެންނަށް ވަރަށް ސަޅި. ވަގުތުޖެހުނީމަ އާއިލާވެސް ފުރިހަމަވާނެ. ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފަވެއެއްނު" އާވާ ބުނެލި އަޑު މާހިލްއަށް އިވުނެވެ. އިޚްތިޔާރަކާނުލާ މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"މިސާލަކަށް އެއްވެސް ސަބަބެއް މެދުވެރިވެގެން މިގެއިން އެވީ ނިކުންނަން ޖެހިއްޖިއްޔާ ކިހިނެއް ހަދާނީ. މިބުނީ މާހިލްސަރ ދޫކޮށްލާފަ" އަމާޔާ އަހައިލި އަޑު އިވުނެވެ. އެވާހަކަތައް އަހަން ހުރި މާހިލްއަށް ޝޮކެއް ލިބުނު ކަހަލައެވެ. އާވާ ދޭނެ ޖަވާބެއް އަޑުއަހާލާހިތުން އޭނާގެ ދެ ކަންފަތް ކޮޅަށް ޖެހިގެން ދިޔައެވެ.
"އަހަރެން ވަރަށް ދެރަވާނެ. ﷲ އިރާދަކުރެއްވިއްޔާ އެފަދަ ދުވަހެއް ނުދައްކަވާނެ. ކައިވެނިކުރީ ދެތިން ދުވަހު އެކީގަ އުޅެލާފަ ވަކިވެގެންދާކަށް ނޫން. އުމުރަށް އެކީގަ އުޅެން. ޞާލިހް ދަރިފަސްކޮޅެއް ބިނާކޮށް އާޚިރަތަށްޓަކައި ދެމީހުން އެކުގައި މަސައްކަތްކުރުމަށް" އާވާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވި މަޑުމޮޅިކަން މާހިލްއަށް ފާހަގަވިއެވެ.
"ތިހެން ބުނީމަ މި ހަނދާންވީ. ރޭގަ އަހަރެންނަށް ވަރަށް ނުބައި ހުވަފެނެއްވެސް ފެނިއްޖެ" ކުއްލިއަކަށް އާވާ ބުނެލައިފިއެވެ. ފާރު ބިތްދަށުގައި އަޑުއަހަން ހުރި މާހިލްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ކަނާއަތުން މޭގެ ވާތްފަޅީގައި އަތްހާކާލިއިރު ހީވީ އޭނާގެ ހިތަށް ވިސްނަންދޭން މަސައްކަތްކުރާ ހެންނެވެ.
"އަސްލު އަހަރެންނަކީ ހުވަފެން ފެންނަވެސް މީހެއްނޫން. ބައްޕަ އަބަދުވެސް ބުނާނެ ބިރުވެރި ހުވަފެނެއް ފެނުނަސް ނުބައި ހުވަފެނެއް ފެނުނަސް މީހުންނަށް ކިޔާނުދޭށޭ. އެކަމަކު މި ހުވަފެނަކީ ވަރަށް އެހެންކަހަލަ ހުވަފެނެއް" އާވާ ވާހަކަދެއްކިއެވެ.
"ކޯޗެއްތަ ފެނުނީ؟ އަނެއްކާ މާހިލްސަރ ގެ ތަ؟" އަމާޔާ އަހައިލިއެވެ.
"ނޫން. އަހަރެން ދުވަހަކުވެސް ރިއަލްކޮށް ހަރުފައެއް ނުދެކެން. އަބަދުވެސް ފިލްމު ތަކުން ފެންނަނީ.. އެކަމަކު ރޭގަ ހުވަފެނުގަ ވަރަށް ބޮޑު ކަޅުކުލައިގެ ވަރުގަދަ ހަރުފައެއް އަހަރެން ފަހާ ދުވަނީ. އަހަރެން ވަރުބަލިވެގެން ހުއްޓިފައި ފަހަތް ބަލައިލާއިރު އައިސް އޮންނަނީ ފައި ކައިރީގައި. ބައެއްފަހަރު ހީވޭ އަހަރެންގެ އެތެރެހައްޓަށް ވިހައެއް ދުއްވާލަން އުޅޭހެންވެސް. ފަހުން ހަނދާނެއްނެތް ވީގޮތެއް" އާވާ ވާހަކަދެއްކިއެވެ. އެ ހުވަފެނާ ގުޅުވައިގެން ބުނާނެ އެއްޗެއް އަމާޔާއަށް ނޭނގުނެވެ. އެހެންނަމަވެސް މާހިލްގެ ސިކުނޑި އެހުވަފެނާ މެދު އެތައް ގޮތަކަށް ވިސްނައިފިއެވެ. އޭނާއަށް ވިސްނުނު ގޮތުގައި އެ ހަރުފައަކީ ނައިޝީއެވެ.
އެނދުގައި އޮތް މާހިލްއަށް ކޮޓަރިއަށް ވަން އާވާ އަމާޔާއަށް ރޭގަނޑުގެ ފަހު ސަލާން ކިޔައިލި އަޑު އިވުނެވެ. އޭނާ ދެލޯ ބާރުކޮށްލީ އާވާއަށް އޭނާ ހޭލާ އޮތްކަން އެނގުނަ ނުދިނުމަށެވެ. އެހެންނަމަވެސް އާވާއަށް ލިބުނީ ޚައިރާންކަމެކެވެ. އޭނާއަށް މާހިލް ގެއަށް އައިކަމެއް ނޭނގެއެވެ. އޭނާ ކޮޓަރީގައި ނެތުމުން ހޯދަން ބަދިގެއަށް ނައުމުން އެކަމާއިވެސް އާވާ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އެންމެ ބޮޑަށް ސުވާލު އުފެދުނީ އޮފީސް ހެދުމާއެކު މާހިލް އޮތުމުންނެވެ. ކޮޓަރި ދޮރުލައްޕާ ލޮކް ކުރުމަށްފަހު އައިސް މާހިލްގެ ފަޔާއި ދިމާލުން ގުދުވިއެވެ. އަދި މާހިލްގެ ބޫޓު ނައްޓުވާލުމަށްފަހު ސްޓާކީން ބޭލުވިއެވެ. އެއަށްފަހު ކުއިލްޓުން މާހިލްގެ ހަށިގަނޑު ނިވާކޮށްލަން އުޅުނު ވަގުތު މާހިލް ދެލޯ ހުޅުވާލައިފިއެވެ. އާވާ ދެބުމަ ގޮށްޖެހިގެން ދިޔައީ މާހިލް ހިނިތުންވެލިތަން ފެނުމުންނެވެ.
"ހޭލާތަ މިހުރިހާއިރު؟ އައިކަމެއް ނުވެސް އިނގޭ" އާވާ ބުނެލިއެވެ.
"އެވީ ކައިރީގައި ބުނިނަމަ މިހާ ސްވީޓް ވަގުތުކޮޅެއް ނައީހެއްނު. ކޮންތާކަށް ތިދަނީ. އާދެބަލަ" އާވާ ހިގައިގަންނަން އުޅުނު ވަގުތު މާހިލް ހިފެހެއްޓީ އާވާގެ އަތުގައެވެ.
"ނަމާދު ޗުއްޓީ ފެށިއްޖެ" މާހިލް ކަމެއް ކުރަން އުޅެން ފަށާފާނެތީ އާވާ ބުނެލިއެވެ.
"ހެހެހެ.... ވެރީ ސްމާޓް...." މާހިލް ހީލާފައި އާވާ ގެނެސް ބައްދާލިއެވެ.
"އެކަމަކު.... މިފަހަރުވެސް ޕްރެގްވުމުގެ ޗާންސް ގެއްލުނީ ދޯ...." މާހިލް ބުނެލިއެވެ.
"ނެވަރ މައިންޑް. އަދި ވަގުތުނުޖެހެނީ" މާހިލްގެ މޭގައި ބޯ ލައްކޮށްލަމުން އާވާ ބުނެލިއެވެ.
"މާދަމާ ލަންޗަށް ބޭރަށްދާން އެވީ ރެޑީވައްޗޭ. އަހަރެން އަންނާނަން ބަލާ" މާހިލް ބުނެލިއެވެ. އާވާ މާހިލްގެ މޫނަށް ބަލައިލިއެވެ.
"ކީއްވެ މާދަމާ. ހާއްސަ ދުވަހެއްތަ؟" އާވާ އަހައިލިއެވެ.
"ނޫން. މުހިންމު ވާހަކައެއްވެސް ދައްކަންވެފަ އޮތީމަ. އަދި ދެމީހުން އެކީގަ ބޭރަށް ގޮސްނުލާތާ ގިނަދުވަސް ވީމަ" މާހިލް ބުނެލިއެވެ.
"އެންމެ ރަނގަޅު. މާދަމާ މާޔާވެސް ބުނި އޭނަ ބޮޑުދައިތަމެން ގޭގަ ޝާނިމްސަރ އާއި ދެމީހުންނަށް ކެއުމެއް އިން ވާހަކަ. އެކަމަކު ގަޑިއެއް ނުބުނޭ" އާވާ ބުނެލިއެވެ.
މާހިލް ހިނިތުންވެލަމުން އާވާގެ ހަށިގަނޑު އޭނާގެ މެއާއިލާ ބޮނޑިކޮށްލިއެވެ. ނިތުގައި ބޮސްދެމުން ނައިޝީގެ ސަބަބުން އޭނާގެ ހިތުގައި އުފެދި ބޮޑުވަމުން އަންނަ ނުތަނަވަސްކަން ދުރުކޮށްލިއެވެ.
އަނުމް ކޮޓަރިން ނިކުތް އިރު ބާރަޖަހާ ބޮޑުވެއްޖެއެވެ. އާދައިގެ މަތިން ދަންވަރުގެ ވަގުތަށް އެޅޭއިރު ގޭތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އާރިޔަންގެ ކޮޓަރީ ދޮރާ ދިމާލަށް އަނުމްއަށް ބަލައިލެވުނެވެ. ހުދުއަލި ފެންނަން ހުރުމުން އާރިޔަން އުޅެނީ ހޭލާކަން އިނގުނެވެ. އަނުމް ލަސްލަހުން ހިނގަމުން ގޮސް އެކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. އާރިޔަންއަށް ޖަވާބެއްދޭން އޭނާ ބޭނުންވި ގަޑީގައި ބޭރަށް ނުނިކުމެވުނީ އާރިޔަން ގޭގައި ނެތްކަން އިނގުމުންނެވެ. އަތުގައި އާރިޔަންގެ ފޯނު ނަންބަރު އިނަސް ގުޅާފައި ބުނަން އޭނާއަށް ނުކެރުނީއެވެ.
"އަނުމް...!! މާދަމާ އިރުއެރީމަވެސް އާރިޔަންއަށް ތިދޭން ބޭނުންވާ ޖަވާބު ދެވިދާނެ. މިގަޑީގަ ދިނުން ހަމަ އެހާ މުހިންމުތަ؟" އަނުމްގެ ޒަމީރު އޭނާ ކައިރީގައި ބުނެލި ކަހަލައެވެ. ވަގުތުން އަނުމް ހުއްޓި އަމިއްލަ ކޮޓަރިއަށް ދާން ބޭނުންވިއެވެ. ކޮންމެހެން މިގަޑީގަ ޖަވާބުދިނުން މުހިންމު ހެއްޔެވެ؟ އަހަރެންނަށް މިވަނީ ކިހިނެއްތަ؟" އަނުމްގެ އަމިއްލަ ހިތް އޭނާ އާ ވާހަކަދެއްކި ކަހަލައެވެ.
ކޮޓަރިއަށް ދާން ފަހަތަށް އެނބުރުނުއިރު ކުރިމަތީގައި ހުރި އާރިޔަން ފެނުމުން އަނުމްގެ ދެފައި ބިންމަތީގައި ތަތްލި ކަހަލައެވެ. ދެއަތްތިލަ މޮޑެވެން ފެށިއްޖެއެވެ. އިސްޖަހާލެވުނުއިރު އާރިޔަންގެ ކުރިމަތީގައި ބޭޒާރުވި ކަހަލަ އިހުސާސެއް ކުރެވިއްޖެއެވެ.
"ވަގެއްތަ؟" އާރިޔަން އަހައިލިއެވެ.
އަނުމް ދެފަރާތަށް ބޯ ހޫރާލިއެވެ. އަނުމް ހުރިގޮތުން އާރިޔަން ކައިރިއަށް ހިނިއައެވެ.
"ހިނގާބާ ބަދިގެއަށް. ހުންނާނެ ވަރަށް މީރު އެއްޗެއް ގެނެސްފަ" އާރިޔަން ބުނެލިއެވެ. އަނުމް ހިނގައިގަތެވެ. އާރިޔަން ފަހަތުން ހިނގައިގަތްއިރު އަނުމްގެ ފަރާތުން ފެންނަމުންދާ ބަދަލުތަކާމެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެގަޑީގައި އޭނާގެ ކޮޓަރި ދޮރުމަތިން އަނުމް ފެނުމުން އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ.
"ޕިއްޒާ... ވާއު... ކާކު ގެނައީ..." ކާމޭޒުމަތި ފެންނައިރަށް އަނުމްއަށް ބުނެލެވުނެވެ.
"އެކުވެރިއެއްގެ ބާތްޑޭ މިއަދު. ކާން ގޮއްސަ ހިތަށް އެރީ މިރޭ އަނުމްއަށް ޕިއްޒާއެއް ހިފައިގެންނޭ ގެއަށް ދާނީ. ނޭނގެ އަނުމްއަށް ކަމުދާނެކަމެއް" އާރިޔަން ބުނެލިއެވެ.
"ކީއްވެ އަހަރެންނަށް...." އަނުމް އަހައިލިއެވެ. އެ ސުވާލުގެ ޖަވާބު އޭނާއަށް އިނގޭ އިރުވެސް އޭނާއަށް އެހުނީތީ ކަންބޮޑުވިއެވެ.
"ބުނަންވީތަ ކީއްވެކަން. ރުޅިނާންނާނަންތަ؟" އާރިޔަން ބުނެލިއެވެ.
"ޕިއްޒާ ވިއްޔާ އެ ހެޔޮވާނެ ކޮންމެ ވައްތަރަކަސް" އާރިޔަންގެ މޫނަށް ބެލުމެއްނެތި އަނުމް ގޮނޑި މަތީގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. ޕިއްޒާ ފޮއްޗެއް ނަގައިގެން އޭނާ ކަމުން ދިޔައިރު އާރިޔަން ހުރީ ބަލަހައްޓައިގެންނެވެ.
"މިހިރީ ކޯކްވެސް" ބިއްލޫރި ތައްޓަކަށް ކޯކް އަޅާފައި އަނުމް އާ ކައިރިކޮށްދެމުން އާރިޔަން އިށީނެވެ. އަދި ކުރިން އަޅާފައި ހުރި ކޯކްތަށިން އޭނާ ލަސްލަހުން ބޮމުން ދިޔައެވެ.
"ނުކަންތަ؟" އާރިޔަން ނުކައި އިނުމުން އަނުމް އަހައިލިއެވެ.
"އަނުމްއަށް މަދުވެދާނެ. އެހެންވެ" އާރިޔަން ބުނެލިއެވެ.
"ސޮރީ. އަހަރެންނަށް ޕިއްޒާ ފެނުނީމަ ދުރުގަ ނުހުރެވުނީ" އަނުމް ބުނެލިއެވެ.
"އިނގޭ ޕިއްޒާއަކީ އަނުމްއަށް ވަރަށް ކަމުދާ އެއްޗެއްކަން" މާޒީގެ ތެރެއިން ދުވަހެއް ހަނދާންކޮށްލަމުން އާރިޔަން ބުނެލިއެވެ.
ކައި ނިމިގެން ހަޑިވި ތަށިތައް ދޮވުމަށްފަހު އަނުމް ބަދިގެއިން ނިކުންނަން އުޅުނު ވަގުތު އާރިޔަން ގޮވައިލިއެވެ.
"ކޮބާ ޖަވާބަކީ؟" އާރިޔަން އަހައިލިއެވެ.
"އަހ... އަހަރެން އާރިޔަންގެ އެކުވެރިކަން ޤަބޫލުކުރާނީ ޝަރުތެއްގެމަތިން" އަނުމް ބުނެލިއެވެ.
"އަވަހަށް ބުނޭ" އާރިޔަން ބުނެލިއެވެ.
"އާރިޔަންގެ ތިހުންނަ ގޮތް އަހަރެންގެ އެކުވެރިއެއްގެ ކިބައިގާ ހުންނަން ބޭނުމެއްނޫން. އައި މީން އާރިޔަންގެ އިސްތަށިގަނޑު. އަނެއް ކަމަކީ ހަރުދަނާ މީހަކަށް ވާން މަސައްކަތްކުރޭ. ވަޒީފާއެއް ހޯދައިގެން އަމިއްލަ ފައި މައްޗަށް ތެދުވޭ. ކޮންމެ ދުވަހަކު ފުލުހުންގެ ޖިޕުގަ އާރިޔަން ގެންދާތަން ފެނޭ" އަނުމް ވާހަކަދެއްކިއެވެ.
"ހެހެހެ... އަހަރެން ޖިޕުގަ ގެންދަނީއެއްނޫން. ދާންޖެހުނީމަ ދާނެ އަނުމްވެސް. ސޮއިކުރަން ކޮންމެހެންވެސް ދާންޖެހޭ" އާރިޔަން ބުނެލިއެވެ. އަނުމް އާރިޔަންގެ މޫނަށް ތަފާތު ބެލުމަކުން ބަލައިލިއެވެ.
"މިބުނީ އެއީ ދީފައިން ބަޔާންތަކެއްގެ ވާހަކަ. އޭގަ ސޮއިކުރާ ވާހަކަ މިބުނީ. އަނުމް ތިބުނި ކަންތައްތައް އަހަރެން އިސްލާހު ކުރާނަން. އެކަމަކު އަހަރެންގެ އިސްތަށިގަނޑު ދޯ... ކިހިނެއް އިނގެނީ މީ އަސްލު އިސްތަށިގަނޑު ކަމެއް" އާރިޔަން ސަމާސާ އެކުލެވޭ ރާގެއްގައި ބުނެލިއެވެ. އަނުމްގެ ނަޒަރު އާރިޔަންގެ އިސްތަށިގަނޑަށް ދަތުރުކޮށްލިއެވެ. ތެދެކެވެ. ރަތާއި ކަޅު ކުލަ އެކުލެވޭ އެ ބޯ އިސްތަށިގަނޑު ބަލާބެލުމަށް ވައްތަރީ ވިގަކާއެވެ.
"އަނެއްކާ ހިފައި ދަމައިގަންނާނީއެއްނޫން. މިއީ އަހަރެންގެ އަސްލު އިސްތަށިގަނޑު. މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް" ދެއަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އާރިޔަން ބުނެލިއެވެ. އަނުމް އެއް ތުންފަތުން ހިނިތުންވެލަމުން ނަޒަރު ބަދަލުކޮށްލި ގޮތް އާރިޔަންއަށް ވަރަށް ކަމުދިޔައެވެ.
"ސޯ...." އަނުމް ބުނެލިއެވެ.
"ސޯ... ދެން ހިނގާ ނިދަން ދާން. މާ ލަސްވެއްޖެ. އަނުމް ދޭ އަހަރެން މިދަނީ" އާރިޔަން ބުނެލިއެވެ. އަނުމް ހިނގައިގަތެވެ. ފަސްއެނބުރި ބަލައިލުމެއްނެތި ދިޔަ އަނުމްއަށް ބަލަހައްޓައިގެން އާރިޔަން ހުއްޓެވެ. އޭނާގެ ހިތަށް ދުވަހަކު ނުލިބޭހޭ ހިތްހަމަޖެހުން މިރޭ ލިބިއްޖެއެވެ. ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި އަނުމް އޭނާ ޤަބޫލުކުރާނެކަން މިރޭ އޭނައަށް އެނގިއްޖެއެވެ. އޭނާއަކީ އަނުމް އެބުނި ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ ހަރުދަނާ ވެރިއެކެވެ. އެކަމަކު އެ ހަގީގަތް އޭނާ ނޫން އެހެން އެއްވެސް މީހަކަށް އިނގޭކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ޖެހޭނީ އަދި ކުޑަ ދުވަސްކޮޅަކު ކެތްކޮށްލާށެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހަގީގަތް އާއިލާ މީހުންނަށް އަންގާނެއެވެ.
ފުރަތަމަ ފަންގިފިލާގައި ހުރި ކުޑަދޮރުން ތިރިއަށް ބަލަހައްޓައިގެން ތިބި ސުހާއާއި ޙަމްނާއަށް އެކުގައި ގޮސް ކާރަށް އެރި އާވާއާއި މާހިލް ފެނުނެވެ. ބަހެއް ނުބުނެ ދެކުދިން ދެކުދިންނަށް ބަލައިލާފައި ތުން އަނބުރާލިއެވެ. އެދެކުދިންގެ ހިތުގައި އިންތިހާދަރަޖައަށް ފޫހިކަން އުފެދިފައިވަނީ އާވާ އާ މެދުގައެވެ.
"މިވާހަކަ ޖެހޭނީ ނާއްތައަށް ގުޅާފައި ބުނަން" ގޮނޑީގައި އިށިންނަމުން ސުހާ ބުނެލިއެވެ.
"ސުހާ ބުނީމެއްނު މާހިލްސަރ ގެ ކަންތައްތައް ބަރާބަރަށް ނާއްތަ ބަލައޭ" ޙަމްނާ ބުނެލިއެވެ.
"އާނ ބަލައޭ. އެކަމަކު މިއަދު މި ހިނގާ އެއްވެސް ކަމެއް އަދި ނޭނގޭނެ. ޔަގީން އަދި މޯނިން ނުވާކަން. ރޭގަ އެހާ ލަސްވަންދެން އުޅުނު ބިޓަކާއެކު ރޫމްގަ" ސުހާ ބުނެލިއެވެ.
ރެސްޓޯރެންޓް ތެރޭގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. މާހިލްއާއި އާވާ ޚިޔާރުކުރީ އޭސީ ކޮށްފައިވާ ބައެވެ. ދެމަފިރިން އިށީނުމާއެކު ވެއިޓަރެއް ދެ ތައްޓާއި ފެންފުޅިއެއް ގެނެސްދީފިއެވެ. މާހިލް އެދުނީ މެނޫ ގެނެސްދިނުމަށެވެ.
"އެއްޗެއް ވިސްނައިގެންތަ އައީ" މާހިލް ބުނެލިއެވެ. ތައްޓަށް ފެންއަޅަމުން ދިޔަ އާވާ ދެފަރާތަށް ބޯ ހޫރާލިއެވެ.
"މިއަދު މީނީ ވަރަށް ކާހިތުން. ހިނގާ ޕިއްޒާ ގެންނަމާ" އާވާ ޚިޔާލެއް ދިނެވެ. މާހިލް އެގޮތާއި އެއްބަސްވިއެވެ.
އޯޑަރުކުރި އެއްޗެހި ގެނެސް ބެހެއްޓުމާއެކު މާހިލް ލައިގެން އިން ގަމީހުގެ ދެ އަތުކުރީ ގޮށް ނައްޓުވާލުމަށްފަހު ވަކި ހިސާބަކަށް އޮޅާލިއެވެ. ސަމާސާ ވާހަކަދެއްކުމުގެ ތެރެއިން ދެމަފިރިން ބިސްމީގެ ބަރަކާތުން ކާން ފެށިއެވެ. އާވާ ދެރަވެ ކަރު އެލުވާލަން ޖެހުނީ ހިތުގައި އޮތްވަރަށް އޭނާއަށް ނުކެވި އިސްރާފުކުރަން ޖެހުމުންނެވެ. އެއީ ބޮޑު ފާފައެއްކަން ވަރަށް ރަނގަޅަށް އޭނާއަށް އިނގެއެވެ. އޭނާ ބާކީ ހުރި އެއްޗެހި އުކާލަން ބޭނުމެއްނުވިއެވެ. އަލުން ކެވޭކަށްވެސް ނެތެވެ. ޕިއްޒާއަކީ މާހިލްއަށް އެއްވެސް އިރެއްގައި ކަމުދާ އެއްޗެއް ނޫނެވެ. އޭނާ ޕިއްޒާ ކާން އެއްބަސްވީ އާވާ ކާހިތުން އިނީމައެވެ.
"ހިނގާ މާޔާއަށް ގެންދަމާ. ޔަގީން އެކަތިކޮޅުވެސް އިސްރާފު ނުވާނެކަން" އާވާ ބުނެލިއެވެ. މާހިލް އެގޮތާ އެއްބަސްވިއެވެ.
ކައިރިއަށް އައިސް ހުއްޓުނު ވެއިޓަރަށް ބާކީވެފައި ހުރި ކާއެއްޗިހި ބަންދުކޮށްދޭން އެދުމަށްފަހު އާވާ މާހިލްއަށް ބަލައިލިއެވެ.
"ބުނީމެއްނު މުހިންމު ވާހަކައެކޭ. މިހާރު މިކަންވެސް މިނިމުނީ. ދެން ބުނެބަލަ މުހިންމު ވާހަކަ" އާވާ ބުނެލިއެވެ.
"މަޑުކޮށްލާ ފެންފޮދެއް ބޯލަންދެން" މާހިލް ބުނެލިއެވެ. އާވާ އިނީ މާހިލް ދައްކަން އުޅެނީ ކޮންވާހަކައެއްކަން ނޭނގި ހިތްއަވަސްވެފައެވެ.
"އެވީ ޤަބޫލުކުރަންތަ ފަންޑިތައާއި ސިހުރުގެ ކަންތައް" މާހިލް އަހައިލިއެވެ. އެވާހަކަތައް ދައްކަންވުމުން މާހިލްގެ ހިތަށް ނައިޝީ އައިސް ވަދެއްޖެއެވެ. ހަމައެއާއެކު އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. ނަމަވެސް ލޯބިވާ އަނބިމީހާ ކުރިމަތީގައި އިނުމުން އޭނާ މޫނުމަތިން ތަފާތުކަމެއް ފާހަގަވިޔަ ނުދިނެވެ.
"ކީއްވެ ތިކަހަލަ ވާހަކަ ތިދައްކަނީ" އާވާ އަހައިލިއެވެ.
"މިދައްކަން އުޅޭ ވާހަކަ ފަށަންވެގެން މިހެން މިބުނީ. މިއުޅެނީ ފަންޑިތައާއި ސިހުރާ ގުޅޭކަހަލަ ވާހަކައެއް ދައްކަންވެގެން" މާހިލް ބުނެލިއެވެ.
"ކަމެއްވީތަ؟" އާވާ އަހައިލިއެވެ.
"އަދިނުވޭ. އެކަމަކު މީހެއްގެ ފަރާތުން އަހަރެމެންގެ މި އުފާވެރި ދިރިއުޅުމަށް އެސްފީނާއެއްގެ އަސަރުކޮށްފާނެތީ އެކަހަލަ ވާހަކައެއް ބުނަން މިއުޅެނީ. މިހާރު މިކަހަލަ ކަންތައްތަކަކީ ވަރަށް އާންމު ކަންތައްތައް" މާހިލް ވާހަކަދެއްކިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ނުޖެހޭނެ. އަހަރެން ހެނދުނާ ހަވީރުގެ ޒިކުރުތައް ބަރާބަރަށް ކިޔަން. ނަމާދަށް ނޭރިގެން ހުންނައިރުވެސް ކިޔަން. ސުންނަތް ނަމާދުތަކާ ރޯދަތަކަށް އިސްކަންދެން. ކޮންމެ ދެނަމާދު ދޭތެރޭގައި ބަޤަރާ ސޫރަތް ކިޔަވަން. ގޭތެރޭގައި ސޫރަ ހުންނަ އެއްވެސް ފޮޓޯއެއް ނުހުންނާނެ. ކޮންމެ ކަމެއް ކުރާއިރުވެސް އެކަމަށް ކަނޑައެޅިފައިވާ ޒިކުރުތައް ކިޔަން. ހަމަ އެގޮތެއްނު މާހިލްވެސް" އާވާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުވިއެވެ.
"އަދި ވަރަށް މުހިންމު އެއްކަމެއްގެ ވާހަކަ އެވީ ނުބުނޭ. އަހަރެން ހަނދާންކޮށްދޭނަން. އެއީ ބިސްމީގެ މަތިވެރިކަމުގެ ވާހަކަ. ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމި ކިޔަން ހަނދާންނައްތާ ނުލާތި. އިންސާނާއަށް ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހަމަލާތަކުން ދިފާޢުވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އެއީ. އިނގޭ މިހެން ބުނާއިރުވެސް އެވީ ކަންތައްކުރާނެގޮތް" މާހިލް ވާހަކަދައްކަމުން ދިޔައިރު އާވާ ޝައުޤުވެރިކަމާއެކު އަޑުއަހަން އިނެވެ.
"އެވީ މާބޮޑަށް ނުވިސްނާތި އިނގޭ. އަދި އެއްވާހަކަ. ބޭރުތެރެއިން ގޮތް ނޭނގޭ މީހަކު ދޭ އެއްވެސް ކާއެއްޗެއް މިދަނޑިވަޅުގައި ނުކާތި އިނގޭ. ނުހިފާތި. އަހަރެން ނެތް ވަގުތެއްގައި ނުދަންނަ މީހަކު ގެއަށް އަޔަސް އެމީހާގެ ހަރަކާތްތަކަށް ބަލާތި. އަހަރެން ބޭނުމެއްނޫން އަހަރެން އަތުން އެވީ ބީވާކަށް" މާހިލް ބުނެލިއެވެ. އާވާ ބަލަން އިންގޮތުން މާހިލްގެ ހިތް ލޯބިން ފުރުނެވެ.
"ތިހާ މައުސޫމްކޮށް ބަލަން އިންނަންޏާ އަހަރެން ހަނދާންނެތޭނެ އިނގޭ މިއީ ކޮޓަރިތެރެ ނޫންކަން" އަތުގައި އޮތް ޓިޝޫ އޮޅާލުމަށްފަހު އާވާގެ މޫނުމަތީގައި ޖަހައިލަމުން މާހިލް ބުނެލިއެވެ. އާވާ ހީލިއެވެ.
ރެސްޓޯރަންޓުން ނިކުމެގެން ދެމަފިރިން އެކީގައި ގެއަށް ދިޔުމަށް ނައްޓާލިއިރުވެސް އާވާގެ ހިތް ވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މާހިލް ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގެ ހިނދުރީގައި އަދިވެސް ވަނީ ހަރުލާފައެވެ.
ފާހާނާ އިން ނިކުތް ގޮތަށް އެނދު މައްޗަށް ބޯހިއްކަމުން ދިޔަ ތުވާލި އެއްލާފައި އަނުމް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ދެއަތާއި ކަރުގައި ކްރީމް ހޭކުމަށްފަހު އޭނާ ބަލައިލީ ސައިޑްކަބަޑް މަތީގައި އޮތް އޭނާގެ ފޯން ވައިބްރޭޓްވާކަން އިނގުމުންނެވެ. އޭނާ ބަލައިލިއިރު އާވާއެވެ. ވަގުތަކީ ދުވަހުގެ މެންދުރުފަހުގެ ވަގުތުކަމުން އާވާ ބިޒީ ނުވާނެކަން އޭނާއަށް އިނގުނެވެ.
ފޯނު ކަންފަތުގައި ޖަހައިގެން އޭނާ ބެލްކަންޏަށް ހިނގައިގަންނަން އުޅުނު ވަގުތު އެނދުމައްޗަށް އެއްލި ތުވާލި ފެނިއްޖެއެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެ އޭނާ ބެލްކަންޏަށް ނިކުތީ ތުވާލި ހިފައިގެންނެވެ. ބެލްކަނީގެ އަވި ދިއްލާފައިވާ ހިސާބުގައި ހުރި ހަރުގައި ތުވާލި އެޅުވުމަށްފަހު އޭނާގެ ހުރިހާ ސަމާލުކަމެއް އަނެއްކޮޅުން ފޯނުގައި ހުރި އާވާއަށް ދިނެވެ.
"ކީކޭ އެވީ... ސޮރީ... ކުޑަކަމެއް ކުރީ" އަނުމް ބުނެލިއެވެ.
"އަހަރެން ބުނީ އަނޫ އާ ގުޅޭ ވަރަށް ސަޅި ޖޮބެއް އެބައިނޭ. އެޕްލައި ކުރަންވީނުން" އާވާ ބުނެލިއެވެ.
"އެއްކަލަ ޕްރީ ސްކޫލުންތަ؟ ޔަޤީންތަ ލިބޭނެކަން" އަނުމްގެ އަޑުގައިވީ އުފާވެރިކަމެވެ.
"ހޫމް... މި މަހުގެ ނިޔަލަށް ވަގުތު އިނީ. އަނޫ މަގޭ އަތަށްދީ ލިޔުންތައް. މާހިލް ލައްވާ މި ތިކަންތައް ކޮށްފާނަން" އާވާ ބުނެލިއެވެ.
"މިރޭ ކޮންމެސް ގަޑިއެއްގަ ދާންވީ ދޯ ތިގެއަށް ލިޔުންތައް ހިފައިގެން. އެވީ މެރީކުރި ފަހުން ތިގެއަށްވެސް ނުދެވޭ" އަނުމް ބުނެލިއެވެ.
"އޯކޭވާނެ އާދޭ. އެކަމަކު އައިސްފިއްޔާ ދާންވާނީ ރޭގަނޑު ކައިގެން" އާވާ ބުނެލިއެވެ.
"މާހިލް ކައިރީގައި ބުނެލާފައި ބައިންދާނަން އަހަރެންގެ ބެސްޓްފްރެންޑް މިރޭ މިގެއަށް އަންނަ ވާހަކަ. އޭރުން އަނޫ ނުޖެހޭނެ މާހިލްދެކެ ލަދުން އުޅޭކަށް" އާވާ ވާހަކަދެއްކިއެވެ.
"އަނޫއަށް އާދެވޭނީ ގާތްގަނޑަކަށް ކިހާ އިރަކުތަ؟" މިފަހަރުވެސް ވާހަކަދެއްކީ އާވާއެވެ.
"އަނޫ... އާރ ޔޫ ދެއަރ" އާވާ ބުނެލިއެވެ.
ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓަސް އަނުމްއަށް އާވާ ދައްކަމުން ދިޔަ ވާހަކަތައް ނީވޭ ކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެގޭ ކައިރިއަށް ހުއްޓާފައި އޮތް ފުލުހުންގެ ވެހިކަލަކަށެވެ. މާގިނަ އިރެއް ނުވަނީސް އެ ވެހިކަލަށް އާރިޔަން އެރީ އޭނާ ބަލަހައްޓައިގެން ހުއްޓައެވެ. ވެހިކަލް ދޮރު ހުޅުވަން އާރިޔަންއަށް އެހީވެދިން ފުލުސް މީހާގެ މޫނުމަތިން ރުޅިވެރިކަން ފެނުނުހެންވެސް އަނުމްއަށް ހީވިއެވެ.
"އެކަމަކު ބުނި ކޮންމެދުވަހަކު ބަޔާނެއްގަ ސޮއިކުރަންދާ ވާހަކަ. މިގަޑީގަވެސް ސޮއިކުރަންތަ އެ ގެންދަނީ" އަނުމްއަށް މަޑުމަޑުން ބުނެވުނެވެ.
"އަނޫ...!!! ކީކޭ ތިކިޔަނީ..." އާވާގެ އަޑު އަނުމްއަށް މިފަހަރު އިވިއްޖެއެވެ.
"ކީކޭތަ އެވީ ބުނީ" އަނުމް ބުނެލިއެވެ.
"ކޮން ދުނިޔެއެއްގަ؟ އަހަރެން އެކަނި ހާދަ ވާހަކައެއް ދައްކައިފީމޭ. ފޯނު ކަނޑާލަން އުޅެނިކޮށް އަނޫ ސޮއިކުރާ ވާހަކައެއް ދެއްކި އަޑުއިވުނީމަ މަޑުކޮށްލީ" އާވާ ބުނެލިއެވެ.
"ކަމެއްނުވޭ. އަހަރެން ކުޑައިރުކޮޅަކުން މިގުޅާލަނީ އިނގޭ އެވީއަށް" އަނުމް ބުނެލިއެވެ.
ފޯނު ކަނޑާލުމަށްފަހު އަނުމް ވަދެގެން ގޮސް އިށީނީ އެނދުގައެވެ. އާރިޔަން ދެއްކި ވާހަކަތަކާ މެދު އޭނާގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ.
"ޔަޤީން ކޮންމެސް މައްސަލައެއްގަ އެގެންދިޔައީ. އާރިޔަން...!! ކޮންދުވަހަކުންތަ އިސްލާހުވާނީ؟" އަނުމް ކިޔައިލިއެވެ.
ކުއްލިއަކަށް އަތުގައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ. ކޮންޓެކްޓް ލިސްޓަށް ގޮސް އާރިޔަންގެ ނަން ޖަހާ ސޭވްކޮށްފައި އިން ނަންބަރަށް އޭނާ ޑަޔަލް ކޮށްލިއެވެ. ދެފަހަރަށް ރިންގުވީތަނާ ފޯން ބިޒީ ކޮށްލައިފިއެވެ.
"މިހާރު ޔަގީންވެއްޖެ މައްސަލައެއްގަ ގެންދިޔަކަން. ސޮއިކުރަން ދިޔަ މީހަކަށް ފޯނު ނުނެގެންވީ ކީއްވެ؟" އަނުމް ބުނެލިއެވެ. އޭނާ ޚައިރާންވީ ކޯތާފަތްމަތިން ހިރުވުމެއް އިހުސާސް ކުރެވުމުންނެވެ. ޝާހާދަތް އިނގިލި ޖައްސާލާފައި ބަލައިލިއިރު ފެނުގެ އަސަރު ފެންނަން ހުރުމުން އޭނާއަށް ޤަބޫލުނުކުރެވި އިނގިއްޔަށް ބަލަހައްޓައިގެން އިނދެވުނެވެ.
(ނުނިމޭ)