"ލޯބިނުވިޔަސް ޝުކުރުއާދާކޮށްލިނަމަ. އެވަރުން އަހަރެން ހިތްހަމަޖެހުނީސް" ކިޔާން ހިތާހިތުން ކިޔައިލިއެވެ.
ޝާނިމްއާއި އެކުގައި ރެސްޓޯރަންޓަށް ވަދެގެން ދިޔަ މާހިލްގެ މޫނުމަތިން ފެންނަނީ ކުރަން އުޅޭ ކަންތަކާއި އޭނާ ހިތްހަމަނުޖެހިފައި ހުރިކަމުގެ އަސަރުތަކެކެވެ. އެހެންނަމަވެސް އެކަންތައް ކުރަން އެބަޖެހެއެވެ. ވަގުތަކީ މެންދުރުގެ ވަގުތެވެ. މުޅި ކެފޭތެރެ ވަނީ މީހުންތަކުން ފުރި ބާރުވެފައެވެ. ހާމައަށް އޮތް މޫދު ފެންނަ ދިމާލުގައި ވަކިން ބަހައްޓާފައި ހުރި މޭޒުގައި ޒުވާން އަންހެންކުއްޖަކު އިންތަން މާހިލްއަށް ދެއްކީ ޝާނިމްއެވެ. ވަގުތުން މާހިލް ބޯޖަހައިލިއެވެ. އެއީ ނައިޝީކަން އޭނާއަށް ފުރަގަހުންވެސް އިނގިއްޖެއެވެ.
"އައްސަލާމް އަލައިކުމް" ނައިޝީއާއި ކައިރިން ގޮނޑި ދަމާލާ އިށީންނަމުން މާހިލް ސަލާމް ގޮވައިލިއެވެ. މާހިލްގެ އަޑު ކަންފަތުގައި ޖެހުމާއެކު ފޯނަށް ބަލަހައްޓައިގެން ގެއްލިފައި އިން ނައިޝީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ގެއްލިގެން ދިޔައީ މާހިލް އާ ދިމާލުން އަނެއް ފަރާތުގައި އިށިން ޝާނިމް ފެނުމުންނެވެ. އެއީ ކާކުކަން ނޭނގޭތީ ނައިޝީގެ މޫނު މައްޗަށް ޚައިރާންކަމެއް ވެރިވެގެން ދިޔައެވެ.
"އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޝާނިމް" މާހިލް ނައިޝީގެ މޫނަށް ބަލައިނުލާ ނައިޝީގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ދީފިއެވެ.
ނައިޝީ ހީލުމަށްފަހު ޝާނިމް އާ ސަލާންކުރުމަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ޝާނިމް އަތް ޖޯޑުނުކޮށް ސަލާން ބަލައިގަތުމުން ނައިޝީ އަނގަ ހަދައިލިއެވެ.
"ހުސް އެއްކަހަލަ މީހުން" އަމިއްލަ ހިތަށް އިވޭ ވަރަށް ނައިޝީ ބުނެލިއެވެ.
"ކޯޗެއް ބޯނީ. އެހާ ދުވަހަށްފަހު އެއްތަނަކުން ބައްދަލުވީމަ ވާނެތާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލަން" ނައިޝީ ވާހަކަދެއްކިއެވެ.
"އަހަރެން މިއައީ މިތަނުގައި މާގިނަ އިރަކު އިންނާކަށްނޫން. އަދި އެއްޗެއް ބޯކަށްވެސް ނޫން" މާހިލް ބުނެލިއެވެ.
"އޯވް.... ދެން...؟ ދެން ކޮންކަމަކު؟ އަހަރެންގެ މޫނު ދެކިލާހިތުންތަ؟" ކުރިމަތީގައި ހުރި ކޯކްދަޅުން ބިއްލޫރި ތައްޓަށް އަޅަމުން ނައިޝީ ވާހަކަދެއްކިއެވެ.
"އެއްވެސް ޝައުޤެއްނެތް. އަހަރެން އަހާލަން ބޭނުންވަނީ ނައިޝީ ބޭނުންވެގެން ތިއުޅެނީ ކޮންކަމެއްތޯ. ޔަޤީނުންވެސް ކޮންމެސް ކަމެއް ބޭނުންވެގެންތާ އަހަރެންގެ ބޯކޮޅު ބަލަމުން ދުވާނީ" މާހިލް ވާހަކަދެއްކިއެވެ.
"ހެހެހެ... ރައިޓް... އަހަރެން ބޭނުމީ ރިވެންޖް" ކޯކްތަށީގެ ވަށައިގެން އިނގިލިން ވަށްބުރު އަޅަން އިން ނައިޝީ ބުނެލިއެވެ. މާހިލް ނައިޝީއަށް ނަޒަރެއްދެވުނީ ބޭއިޚްތިޔާރުގައެވެ.
"އަދިވެސް އިސްލާހު ވާކަށްނުވޭތަ؟" މާހިލް އަހައިލިއެވެ.
"އަހަރެން ނުލަފާތަ؟ އެންމެފަހަރަކު އަހަރެން މިހެން އުޅުނީމަ ގޯސްވީތަ؟ ކޮބާތަ މާހިލްގެ މައްސަލައަކީ؟" ނައިޝީ ބުނެލިއެވެ.
"މިހާރު އަހަރެންނަށް ވިސްނިއްޖެ ބޭނުންވެގެން ތިއުޅޭ ކަންތައް. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯސްވެގެން ނުދާނެ. ޝާން! ލެޓްސް ގޯ" މާހިލް ތެދުވިއެވެ. ނައިޝީ އޭނާ ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. މާހިލް ދިޔަ ދިމާލަށް ބަލަން އޭނާ އިނީ ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.
"އާވާއަށް އަހަރެންގެ ސަލާން" ނައިޝީ ބުނެލިއެވެ. މާހިލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް އޭނާ ފަސްއެނބުރި ބަލައެއް ނުލައެވެ.
އަމާޔާ އަދި ޝާނިމްގެ ކައިވެނި ކުރެވިއްޖެއެވެ. ޝާނިމް ގޭގެ ކުރިމަތީގައި އޮން ހުސް ބިމުގައި ބޮޑު ޕާޓީއެއް ފެށިއްޖެއެވެ. ރަށުގެ ކުދިބޮޑު ޒުވާނުން ޕާޓީއަށް ޖަމާވެއްޖެއެވެ. ރައްޔިތުންނަށް ކައްކާލާފައި އޮތްއިރު މުޅި ސަރަހައްދު ހަލަބޮލި ވެއްޖެއެވެ. މާހިލް ކައިރީގައި އިން އާވާއަށް ވަކިން މޭޒެއްގައި އިން ކިޔާން ފެނުނެވެ. އޭނާ ވަށައިގެން ބަލައިލީ ދާރިމް ފެންނަން ހުރިތޯއެވެ. ނަމަވެސް އޭނާގެ ލޮލުގައި ދާރިމް އަޅައެއްނުގަތެވެ.
"އެބަ އަންނަން ކިޔާން ކައިރީގައި ވާހަކައެއް ދައްކާލާފައި. އޯކޭތަ؟" އާވާ މާހިލްގެ އަތުގައި ހިފައިލަމުން ހުއްދައަކަށް އެދުނެވެ. މާހިލް ބޯޖަހައިލުމާއެކު އޭނާ ހިނގައިގަތެވެ.
ކައިރީގައި ހުރި ގޮނޑިގައި އާވާ އިށީނުމާއެކު ކިޔާނަށް ބަލައިލެވިއްޖެއެވެ. ޤަބޫލުނުކުރެވިފައި ދުރުގައި އިން މާހިލްއަށް ވެސް ކިޔާނަށް ބަލައިލެވުނެވެ.
"ހާދަ ބަސްމަދުވެފަ. ބައްޕަ އާ ބައްދަލުނުވަނީތަ އަދިވެސް" އާވާ އަހައިލިއެވެ.
"ބައްދަލުކޮށްފިން ރޭގަ. ބުނި މިއަދު ފުރަން އުޅޭ ވާހަކަ. މިހާރު ފުރައިފާނެ" ކިޔާން ވާހަކަދެއްކިއެވެ.
"ކިޔާން!! އަހަރެން ޝުކުރުއަދާކުރަން ބޭނުން. އިނގޭ ލަސްވެސް ވެއްޖެކަން. އެކަމަކުވެސް ކިޔާން އެކަން ހިތުގަ ނުޖަހާނެކަން އިނގޭ" އާވާ ވާހަކަދެއްކިއެވެ.
"އަހަރެން ހިތުގައި އެއްވެސް ޝަކުވާއެއް ނެތް. އަހަރެން އެދުވަހު މޫދުން ސަލާމަތްކުރީ އަހަރެންގެ އަމިއްލަ ފުރާނަ. އަހަރެންގެ ހިތް. އެވީއަށް ކަމެއްވިނަމަ އަހަރެންގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެ" ކިޔާން ވާހަކަދެއްކިއެވެ.
އާވާ ބަހެއްނުކިޔާ އިރުކޮޅަކު އިނެވެ. އެއަށްފަހު ދެފަރާތް ހޯދައިލިއެވެ.
"ދާމް ކޮބާ؟ ނުފެނޭ އަދި ޕާޓީ ފެށުނުފަހުން" އާވާ ގަސްތުގައި މަޢުޟޫ ބަދަލުކޮށްލީއެވެ.
"ހެހެހެ... ނޭނގެ. އަހަރެންވެސް ނުދެކެން. އެކަމަކު އުޅޭނެތާ މިތަނުގަ" ކިޔާން ވާހަކަދެއްކިއެވެ. އާވާ ވާހަކަ އޮޅުވާލައިފިކަން އޭނާއަށް އިނގިއްޖެއެވެ.
ޕާޓީއަށް ކަނޑައަޅާފައިވާ ވަގުތު ނިމި ދެފަރާތުގެ އާއިލާ އެކަނިވެފައި ތިބި ވަގުތެވެ. އަމާޔާއާއި ޝާނިމްއަށް ލިބުނު ހަދިޔާތައް ގެއަށް ވެއްދުމުގެ މަސައްކަތުގައި މާހިލް އުޅެފައި މަގުމައްޗަށް ނިކުމެލީ އާވާގެ ހަބަރެއް ބަލައިލުމަށެވެ. އޭނާއަށް ޚައިރާންކަމެއް ލިބުނީ މޫނު ބުރުގާ އެޅި އަންހެނަކާ އާވާ ވާހަކަދައްކަން އިން މަންޒަރު ފެނިފައެވެ. ޕާޓީ ތެރެއިން މޫނު ބުރުގާ އަޅާފައި ހުރި މީހަކު އޭނާއަށް ފެނިފައި ނުވާތީ އޭނާ އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އާވާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން އެއީ އޭނާއާއި ވަރަށް ގާތް މީހެއްކަން އިނގެއެވެ. އޭނާ އާވާގެ ހަރަކާތްތަކަށް ބަލަމުން ދިޔައީ އާވާއަށް ނޭނގިއެވެ.
ނިދަން ކޮޓަރިއަށް ވަނުމަށްފަހު މާހިލް އެނދުގައި އިށީނދެލިއެވެ. އޭނާ ސްޓާކީން ބާލަމުން ދަނިކޮށް އާވާ ކޮޓަރިއަށް ވަނީ ފެންފުޅިއެއް ހިފައިގެންނެވެ. ސައިޑްކަބަޑް މަތީގައި ފެންފުޅި ބެހެއްޓުމަށްފަހު އާވާ މާހިލްއަށް ބަލައިލިއެވެ. އޭނާ މާހިލް ކައިރިއަށް ޖެހިލީ މާހިލް ގަމީހުގެ ގޮށްތައް ނައްޓުވަމުން ދަނިކޮށެވެ.
"މިރޭ ހާދަ ލޯބިން ތިއުޅެނީ" މާހިލް ބުނެލިއެވެ.
"އެއި މިރޭ މާދުރުން އުޅުނީމަ މިސްވެގެން" މާހިލްގެ ބުރަކަށީގައި ހިފާ ގާތަށް ދަމައިލުމަށްފަހު މޭގައި ބޮސްދެމުން އާވާ ބުނެލިއެވެ.
"ތިހެން ހަދަންޏާ އެވީއަށް އިނގޭނު ދެން ވާނެ ގޮތް" މާހިލް ބުނެލިއެވެ. ނަމަވެސް އާވާ އިވޭކަމަށް ނެހެދިއެވެ.
ކުއްލިއަކަށް އާވާގެ ހުނުމުގެ އަޑު ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައީ މާހިލްގެ އަތްދަނޑި މައްޗަށް އާވާ އުފުލައިލުމުންނެވެ. އެނދުމަތީގައި އާވާ ބާއްވައިލުމަށްފަހު މާހިލް އެ މޫނަށް ބަލައިލިއެވެ.
"ކުރިން ނޭނގޭ ހުރިހާ ރަށެއްގައި އެވީގެ ރައްޓެހިން ތިބޭކަމެއް" މާހިލް ބުނެލިއެވެ.
"އާނ އެއީ މާލޭގަ އުޅޭ އެކުވެރިއެއް. ނާދިޔާ. އެއްކަލަ ދުވަހު ގެއަށްވެސް އައެއްނު" އާވާ ވާހަކަދެއްކިއެވެ.
"މިރަށުގަ އެމީހާ ކިއްކުރަނީ؟" މާހިލް އަހައިލިއެވެ.
"މިރޭ ޕާޓީން މި ދިމާވީ. މިއީ ތިމަންނަގެ ފިރިމީހާގެ ރަށޭ ބުނީ. ފިރިމީހާއަކީ ޝާނިމްސަރގެ ފެމެލީ ފްރެންޑެކޯ" އާވާ އޮޅުންފިލުވައިދިނެވެ.
"އެހެންތަ. ދެން ތި އޮންނަނީ ކިހިނެއްވެފަތަ؟ ދާންވީނުން ހެދުން ބަދަލުކޮށްލަން" މާހިލް ބުނެލިއެވެ.
"ދޫކޮށްލީމައެއްނު" އާވާ ބުނެލިއެވެ.
މާހިލް ހީލާފައި އެއްފަރާތަކަށް ފުރޮޅިލިއެވެ. އެހިނދު އާވާ ތެދުވެ އެނދުން ފައިބަން އުޅުނެވެ. މާހިލް ކޮށްލި އަވަސް ހަރަކާތަކާއެކު އާވާ އޭނާގެ އަތްދަށުގައި ހައްޔަރުކޮށްލިއެވެ.
"މިރޭ ރޮމޭންސް ކުރެވޭނީ ހަމައެކަނި ޝާންމެންނަކަށް ނޫން. އެދެމީހުންނަކަށް ނޫން މިރޭ ފަސްޓް ނައިޓް އައީ. އަހަރެމެންނަށް ދޯ" މާހިލް ބުނެލިއެވެ. އޭނާ އެއް އަތުން ގަމީހުގެ ގޮށްތައް ނައްޓުވަމުން ދިޔައެވެ.
ތުލުސްދޫއަށް ކުރި ދަތުރު ނިންމަލާފައި ހުރިހާ މީހުން މާލެ އަތުވެއްޖެއެވެ. ވަޒީފާތަކަށް ނިކުމެ ކުރީގެ ދިރިއުޅުމަށް ރުޖޫޢަ ވެއްޖެއެވެ. ޝާނިމްގެ އެދުމުގެ މަތިން އަމާޔާ ގޭގައި މަޑުކުރިއެވެ. މާހިލް ފަދައިން ފިރިއެއްގެ ވާޖިބު އަދާކުރަން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ. ގޭތެރޭގައި އަމާޔާއާއި އެކުގައި ހުރިހާ ވަގުތެއް ލިބޭތީ އާވާ ހުންނަނީ ހިތްހަމަޖެހިފައެވެ. މާހިލްއާއި ޝާނިމް އޮފީހުން އަންނަވާއިރަށް ކައްކާ ހަދަނީ ދެކުދިން އެކީގައެވެ. ދެކުދިންގެ ހިތުގައި އެކަކު އަނެކަކާމެދު ޝަކުވާއެއް ބާއްވަން އެއްވެސް ކުއްޖަކު ބޭނުމެއް ނުވެއެވެ.
އޮފީސް ނިންމާލާފައި އެއްފަރާތުގައި އޮތް ކާރަށް އަރަން މާހިލް ދިޔަ ވަގުތު ޖީބުގައި އޮތް ފޯން ވައިބްރޭޓް ވަމުންދާ ކަމުގެ އިހުސާސް އޭނާއަށް ވިއެވެ. ނުދަންނަ ނަންބަރެކެވެ. ފޯނަށް ޖަވާބުނުދީ އޭނާ ދޫކޮށްލިއެވެ. ދެވަނަ ފަހަރަށް ފޯނު ވައިބްރޭޓްވާން ފެށީ އޭނާ ކާރަށް އަރާ ދުއްވާލަން ތައްޔާރުވަމުން ދަނިކޮށެވެ.
"އަހަރެންކަން އިނގޭތީތަ ފޯނު ނުނަގަން ތިހުންނަނީ؟" ނައިޝީގެ އަޑު އިވުމާއެކު މާހިލްއަށް ޚައިރާންކަމާއެކު ކަންފަތާ ފޯނު ދުރުކޮށްލާފައި ފޯނަށް ބަލައިލެވިއްޖެއެވެ.
"އަހަރެންގެ ނަންބަރު ހޯދީ ކިހިނެއް؟" މާހިލް އަމާޒުކޮށްލީ ސުވާލެކެވެ.
"ތި އޮފީހުގަ އުޅޭނެ އަހަރެންގެ މީހުން. މިއީ ކިތައް ވަނަ ނަމްބަރުތަ؟ އަދި ބަދަލުކުރިޔަސް ހޯދާނަން. އެހެންވީމަ ބޭކާރު ކަންތައްތައް ނުކޮށްފިއްޔާ ރަނގަޅީ" ނައިޝީ ވާހަކަދެއްކިއެވެ.
މާހިލް ފޯނު ކަނޑައިލިއެވެ. ނައިޝީ ދުލެއް ނުދިނެވެ. ތިންވަނަ ފަހަރަށްވެސް ގުޅައިފިއެވެ.
"އަހަރެން ކުރިން ދުވަހު އާވާ އާއި ބައްދަލުކުރިން" ނައިޝީ ބުނެލިއެވެ.
"އިރެއްގައި ކަލެއާއި އޮތް ގުޅުމެއް އޮތީ އަހަރެންނާ. ކަލޭގެ ދިރިއުޅުން ހަލާކުކުރީވެސް އަހަރެން. މިއިން އެއްވެސް ކަމެއްގެ ތެރެއަށް އާވާ ވައްދަން ނަހަދާ. ތިކަހަލަ އަންހެނަކު ހިނގި މަގަކުންވެސް ހިނގާނެ ފެންވަރުގެ ކުއްޖެއްނޫން އެއީ" މާހިލް ރުޅިއައެވެ.
"އައްދެއައްދެ... ވަރަށް ލޯބިވޭ ދޯ އާވާދެކެ. ކޮބާ އޭރުގަ އަހަރެންދެކެ ވީ ލޯބި. ލޯބިވެޔޭ ކިޔައިގެން އާވާ ކައިރީގައި ތިދައްކާ ހުރިހާ ވާހަކަތަކެއް އަހަރެން ކައިރީގަވެސް ދެއްކިއޭ. ހަނދާންނެތުނީތަ؟" ނައިޝީ ވާހަކަދެއްކިއެވެ.
"ކަލޭ ކޮންކަމެއް ބޭނުންވަނީ؟" މާހިލް އަހައިލިއެވެ.
"ބައްދަލުކޮށްލަން. މިހާރު މިވަގުތު. އަރަންތަ ކާރަށް" ނައިޝީ ބުނެލިއެވެ. މާހިލްއަށް ވަކި ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފަރި ހިނގުމުގައި ކުރިމަތިން ހިނގާލާފައި އައި ނައިޝީ ކާރުގެ ކުރީ ޝީޓަށް އަރާ އިށީނދެއްޖެއެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވާލިއިރު އޭނާގެ ދެފައިގެ ދޮން ފަލަމަސްގަނޑުން ބޮޑު ބައެއް އޮތީ ހާމައަށެވެ. މާހިލްއަށް ހުންގާނުގައި ހިފާ ބާރުކޮށްލެވުނެވެ.
"އަހަރެން އަދިވެސް މާހިލް ބޭނުން. އަހަރެންނަށްޓަކައި މާހިލްގެ ވިޔާނުދާ ދިރިއުޅުން ބަދަލުކުރީމެއްނު. އެ ފުރުސަތު އަހަރެންވެސް ބޭނުން. މާހިލްއަށްޓަކައި އަހަރެންގެ ދިރިއުޅުން ބަދަލުކުރާނަން" ހުންގާނުގައި އޮތް މާހިލްގެ އަތްތިލަ މަތީގައި އަތް އަޅައިލަމުން ނައިޝީ ބުނެލިއެވެ. މާހިލްއަށް ހީވީ އޭނާގެ އެތެރެ ހައްޓަށް ވިހަގަދަ ސޫއްޕެއް ވިހަލި ހެންނެވެ. ވަގުތުން އެ އަތް ފޮޅުވާލެވިއްޖެއެވެ.
"ހަބަރުދާރު. އަހަރެން ގައިގަ އަތްލައިގެން ނުވާނެ. މިހާރު މިއީ އޭރުގަ ކަލެއާއެކު އުޅުނު މާހިލްއެއް ނޫން. އެތައް ކަމެއް ބަދަލުވެއްޖެ" މާހިލް ބުނެލިއެވެ.
"ބަލާބަލަ މި ފޮޓޯ" ފޯނު ހުޅުވާލާފައި ނައިޝީ މާހިލްއަށް ފޮޓޯއެއް ދައްކައިލިއެވެ.
"މިއީ ތިގޭގަ އަހަރެން އާވާއާއި ބައްދަލުކުރި ދުވަހު ނެގި ފޮޓޯއެއް. ވަރަށް މައުސޫމް ރީތި ކުއްޖެއް. އެކަމަކު ކީއްކުރާނީ. އާވާގެ ފިރިމީހާއަކީ ތެދުވެރިއެއްނޫން. ވަރަށް އަވަހަށް މިކުއްޖާގެ ދިރިއުޅުން ހަލާކުވެދާނެ" ނައިޝީ ވާހަކަދެއްކިއެވެ.
"ހެޔޮނުވާނެ ނައިޝީ! ކުރެވުނު ކުށަކަށް ބުނެވުނު ބަހަކަށް އަހަރެންނަށް މަޢާފްކޮށްދީފަ އަހަރެންގެ ދިރިއުޅުމުން ދުރަށްގޮސްދީ" މާހިލް އެދުނެވެ.
"ހެހެހެ... އެހާ ފަސޭހައިން ތިކަމެއް ނުވާނެ. އެކަމަކު ވެދާނެގޮތެއް އެބައޮތް" ނައިޝީ ބުނެލިއެވެ.
"ބުނޭ" މާހިލް ބުނެލިއެވެ.
"އަހަރެން ބޭނުން ކޮންމެ ގަޑިއެއްގަ މާހިލް އަހަރެންނާ ބައްދަލުކުރަން އެއްބަސްވޭ" ނައިޝީ ބުނެލިއެވެ.
"އެކަހެރިކޮށްތަ؟" މާހިލް އަހައިލިއެވެ.
"އެކަހެރިކޮށް ބައްދަލުކުރަންތަ ބޭނުންވަނީ. ހެހެހެ... އަދިވެސް ހާދަ ނޯޓީއޭ" ނައިޝީ ވާހަކަދެއްކިއެވެ.
"ލީވް....!!!އައި ސެޑް ލީވް..." ނައިޝީ ދެކެ ހިތްހަމަނުޖެހިފައި އިން މާހިލްގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ.
"އޯކޭއޯކޭ... އެކަމަކު ޖަވާބެއްދޭތި" ނައިޝީ ކާރުން ފޭބިއެވެ.
އޭނާ ބުނި އެއްޗަކަށް ބެލުމެއްނެތި މާހިލް ކުރިއަށް ކާރު ދުއްވައިލިއެވެ. އޭނާގެމޫޑުވަނީ ހަރާބުވެފައެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ ރެސްޓޯރަންޓާކާއި ދިމާލަށެވެ. އެ މޫޑުގައި ހުރެ އޭނާ އާވާ ކުރިމައްޗަށް އަރަން ބޭނުންނުވާތީއެވެ. ނައިޝީދެކެ އައިސްފައިވާ ރުޅިގަނޑުން ޒައްރެއްގެ މިންވަރުވެސް އާވާއަށް ބާލާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ގަޑިން ރޭގަނޑު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ކައިގެން އެންމެން ކޮޓަރިއަށް ވަންފަހުން ހިނދުކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ. ކޮޓަރީގައި ލެޕްޓޮޕުން ފިލްމެއް ބަލަން އޮތް އަނުމް ބޭރަށް ނިކުމެލީ ކުއްލިއަކަށް އެއްޗެއް ހަނދާނަށް އައުމުންނެވެ. އާރިޔަންގެ ފަރާތުން އޭނާ ޖަވާބެއް އެބަ ބޭނުންވެއެވެ.
ކޮޓަރިން ނިކުމެފައި ދެފަރާތް ބަލައިލިއިރު ގޭތެރެއިން އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. ކޮޓަރި ދޮރު ކައިރިކޮށްލުމަށްފަހު އޭނާ އާރިޔަންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކުއްލިއަކަށް އޭނާ މަޑުޖެހުނީ ރަނގަޅަށް ނުލެއްޕި ހުރި ދޮރުގެ އެތެރެއިން އޭނާއަށް ފަލަކްނާޒް ލައިގެން ހުރި ހެދުމުގެ ބައެއް ފެންނަން ހުރުމުންނެވެ. މިނޫނީ އޭނާއަށް އާރިޔަންގެ ކޮޓަރި ތެރެއިން ފަލަކްނާޒް ފެނިފައެއް ނެތެވެ. އޭނާ ސިއްރުން ފިޔަވަޅު އަޅަމުން ގޮސް އެތެރޭގައި ދެކެވޭ ވާހަކަތައް އިވޭ ހިސާބަށް ކައިރިވެލިއެވެ.
"އާޔަން އާއޭ މަންމަ މިވާހަކަދައްކަނީ" ފަލަކްނާޒް ބުނެލި އަޑު އިވުނެވެ. އެ އަޑު އިވުނުލެއް ބާރުކަމުން ދޮރުކައިރީގައި ހުރި އަނުމްއަށް ކަންފަތްމަތީގައި އަތް އުނގުޅާލެވުނެވެ.
"މަންމަ ތިދައްކާ ވާހަކައަށް ދޭނެ ޖަވާބެއް ނެތީމަ އެއްޗެއް ނުބުނެ މީނީ" އާރިޔަން ބުނެލި އަޑު އިވުނެވެ. އަނުމް ކުޑަކޮށް އެތެރެއަށް ބޯދީ ބަލައިލިއެވެ. އެނދުގައި ބަންޑުން ފޯނު ހިފައިގެން އޮތް އާރިޔަންގެ މޫނެއް އޭނާއަށް ނުފެނެއެވެ.
"ކީއްވެ ޖަވާބެއްނެތީ......؟ ކީއްވެހޭ ޖަވާބެއްނެތީ؟ އަހަރެން ބުނާ އެއްޗެއް މިހާރު އާރިޔަންއަށް އެއްޗަކަށް ނުވަނީ ކީއްވެތަ؟ އަހަރެން ނޫނީ އާރިޔަންއަށް ރަނގަޅު ނަޞޭހަތެއްވެސް ނޫނީ ނުބައި ނަޞޭހަތެއްވެސް ދޭނެ އެހެން މީހަކު އެބަހުރިތަ؟ އެވަރުގެ ކަމެއް އާރިޔަން ކުރިއިރު އަހަރެން ކައިރީގައި ބުނެލުމެއްވެސް ނެތްތަ؟" ފަލަކްނާޒް ހަޅޭއްލަވަމުން ދިޔައެވެ.
"މަންމާ ހުއްޓާލާ. އަދިވެސް ތިއީ އަހަރެންގެ މަންމަ. އެކަކުގެ ބަސް ޤަބޫލުނުކުރިޔަސް މަންމަގެ ބަސް ޤަބޫލުކުރާނަން. އެކަމަކު އެކަމަކީ ގޯސްކަމަކަށް ނުވިއްޔާ" އާރިޔަން ބުނެލިއެވެ.
"އެހެންވިއްޔާ ކީކޭ ހިތަށް އަރައިގެން ޤާދިރު ފުލުހުންނާ ހަވާލުކުރީ" ފަލަކްނާޒްގެ އަޑު އަދިވެސް މަޑެއް ނުވެއެވެ.
"އެއީ އަހަރެންގެ ވާޖިބެއް. އަނެއްކޮޅުން އެއީ ކުށްވެރިއެއް. އެކަމުގައި މަންމަގެ އަތެއްވެސްވޭ. ހަޤީޤަތަށް ބުނަންޏާ ބިޑި އަޅުވައިގެން އަހަރެން މަންމަވެސް ގެންދަންޖެހޭ" އާރިޔަންއަށް އެނދުން ކޮޅަށް ތެދުވެވިއްޖެއެވެ.
"ކީކޭ...؟؟ ނުވަމަހާ ނުވަ ދުވަހު އަހަރެންގެ ހަށިގަނޑުތެރޭގައި ރައްކާކޮށްގެން ގެންގުޅެ ބަފަޔަކާ ނުލާ ބޮޑުކުރީމަ އަހަރެން ފުލުހުންނާ ހަވާލުކުރަންތަ އާރިޔަންއަށް ފެނުނީ؟" ރުޅިގަނޑުގެ ތެރެއިން ފަލަކްނާޒްގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"އަހަރެން އެގޮތަށް ކަންތައްކުރަންޖެހޭ ވާހަކަ ބުނީ. އެކަމަކު ނުކުރަމެއްނު. ހެޔޮނުވާނެ މަންމާ. ތިއުޅުން އިސްލާހުކުރޭ. ބައްޕަ ކިހާ ރަނގަޅު. މަންމަ އަނުމްދެކެ ތިހާ ނަފްރަތެއް ކުރަނީ ކީއްވެތަ؟" އާރިޔަން ބުނެލިއެވެ.
"އަހަރެން އަބަދުވެސް އެ އަނުމްއަށް ނަފްރަތުކުރާނަން. އާރިޔަންއަށް އެ ސަބަބު އަދި ނުވިސްނޭނެ. އެކަމަކު ވިސްނޭނެ ދުވަހެއް އަންނާނެ" ފަލަކްނާޒް ބުނެލިއެވެ.
"މަންމަ އާ މެދު އަހަރެން ވަރަށް ކަންބޮޑުވޭ. ދުވަހަކުވެސް މަންމައަށް ދެރައެއް ލިބެން ނޭދޭނަން. މަންމަވެސް އަނުމްގެ ފަހަތުން ތިހެން އުޅުން ހުއްޓާލާ" އާރިޔަން ބުނެލިއެވެ.
"އާރިޔަން ކީއްވެތަ އަނުމްއަށް ތިހާ ރަހުމް ހީވަނީ. ގައިމުން އާރިޔަންވެސް އަނުމްއަށް ނަފްރަތު ކުރަމެއްނު" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"އެއް އިރެއްގައިވެސް އަހަރެން އަނުމްއަށް ނަފްރަތެއް ނުކުރަން. އަދި އެއް އިރެއްގައިވެސް އަހަރެން އަނުމް އާ މެދު ކޮއްކޮއެއްގެ ނަޒަރުން ނުދެކެން. އަހަރެންނަށް އަނުމް ވަރަށް ހާއްސަ. އަހަރެންގެ ހިތުން އަނުމްއަށް ޖާގައެއް ހުސްކުރެވުނުއިރު އަހަރެން އުމުރުން ފަނަރަ އަހަރުވެސް ނުވޭ. މަންމަގެ ހިތުގައި އަނުމް އާ މެދު އޮތް ނަފްރަތު ދުވަހެއް ދުވަހަކަށް ކުރިފަޅާ ބޮޑުވަމުން ދާކަން އިނގޭ. ހަމައެގޮތަށް އަހަރެންގެ ހިތުގައި އަނުމް އާ މެދު އޮތް ލޯބިވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. އަނުމް އަހަރެންނަށް ނަފްރަތު ކުރިޔަސް އަދި ކޮންމެސް ދުވަހަކުން އެ ނަފްރަތު ލޯތްބަށް ބަދަލުވާނޭ އަހަރެންގެ ހިތް ބުނޭ" އާރިޔަން ވާހަކަދެއްކީ ފަލަކްނާޒަށް ފުރަގަސްދީގެން ހުރެއެވެ. އެތައް ދުވަހެއް ވަންދެން އޭނާ ހިތުގައި ފޮރުވައިގެން އުޅުނު އިހުސާސްތައް ފަލަކްނާޒް ކުރިމަތީގައި ހާމަކޮށްފިއެވެ.
ކުއްލިއަކަށް އާރިޔަން ސިހުނީ އޭނާ އަތުގައި ހިފާ އަނބުރާލި ގޮތަށް ފަލަކްނާޒްގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ މޫނުމައްޗަށް އަމާޒުވުމުންނެވެ. ތަދުވެސްވިއެވެ. އެހެންނަމަވެސް އެއީ ކޮންކަމަކާ ގުޅުވައިގެން އައި ހަމަލާއެއްކަން އިނގުމުން އޭނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"މަންމަ އަހަރެން ތަޅާ މެރިޔަސް އަހަރެންގެ ހިތުގައިވާ އަނުމްގެ ތަސްވީރު ފިލައިގެނެއް ނުދާނެ" ކޯތާފަތް މަތީގައި އަތް އަޅައިގެން ހުރެ އާރިޔަން ބުނެލިއެވެ.
"އަހަރެން ދިރި ދުނިޔޭގައި ހުރިހާ ހިނދެއްގައި ތިއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން. އަހަރެން ތިކަން ވިޔަކަނުވެސް ދޭނަން" ފަލަކްނާޒްގެ ރުޅިގަނޑު ހުރީ ހަމައިން ނައްޓާފައެވެ.
"މަންމަވެސް އަޑު އަހާލާފައި ދޭ. އަނުމް އަޅުގަނޑުގެ ލޯބި ޤަބޫލުކުރާނެއް ކަމެއް ނޭނގޭ. އެހެންވިޔަސް އެދުވަހެއް އަޅުގަނޑުގެ ލޮލަށް ދައްކަވައިފިނަމަ މަންމަގެ ރުހުމާ ދެކޮޅަށް ނަމަވެސް އަޅުގަނޑުގެ އަންބަކަށް އަނުމް ހަދާނަން" އާރިޔަން ބުނެލިއެވެ. އެ އަޑު އަހާފައި ކޮޓަރިން ނިކުންނަން ދިޔަ ފަލަކްނާޒް އެއްފަހަރު އެނބުރި އާރިޔަންއަށް ބަލައިލިއެވެ. އެއްޗެއް ނުބުނެ އޭނާ ނިކުމެގެން ދިޔައިރު އޭނާގެ ސިކުނޑި އެންމެ ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ.
"މީހަކު ތައުބާވެ ހެޔޮ ޢަމަލުކުރަން ފަށައިފިނަމަ އެމީހާގެ މާޒީއަށް ނުވިސްނާށެވެ. އޭނާ ދެން ޢަމަލުކޮށްފާނެ ގޮތަށް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. ހަމައެކަނި ޔަޤީންކުރަންވީ އޭނާގެ މިހާރުގެ ދިރިއުޅުމެވެ. އޭނާ މިހާރު ޢަމަލުކުރާ ގޮތެވެ. އިސްލާމީ ސިޔަރަތަށް ބަލާށެވެ. ހުރިހާ ޞަޙާބީންނަކީވެސް ކުރިން މުސްލިމުންނެއް ނޫނެވެ. ނަމަވެސް ކަންތައް ނިމިގެން ދިއައީ ކިހިނެއް ހެއްޔެވެ؟ އެއިގެ ތެރެއިން ބައެއް ބޭކަލުން ދުނިޔެ ދޫކުރެއްވެވުމުގެ ކުރިން ވަނީ ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައެވެ. އެއީ އެބޭކަލުން އިސްލާމްވެވަޑައިގަތުމަށްފަހު ދީނުގައި ސާބިތުލެވަޑައިގެންނެވިލެއް ބޮޑުކަމުންނެވެ. ކުރިން ފާފަކުރެވުނު ނަމަވެސް ތައުބާވާ މީހުންނަށް ބަލާށެވެ. އެފަދަ ގިނަ މީހުން ފަހުން ވެގެންއެދަނީ މުޅި މުޖުތަމައުއަށް ނަމޫނާ ބައަކަށެވެ. މީހުންނަށް އެނގިގެން ނުބައި ޢަމަލެއް ނުކުރާ އެތައް ބައަކަށްވުރެ މާ ހެޔޮލަފާ މީހުންނަށެވެ......" އާވާ އިނީ ޓީވީން ދައްކަމުން ދިޔަ ދަރުހަކަށް ގެއްލި ހުސްވެފައެވެ. ވަށައިގެންވި މާހައުލުގައި ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަށް އިހުސާސެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތާއި ސިކުނޑިވަނީ އިވެމުންދިޔަ ވާހަކަތަކުގެ ތެރެއަށް ޣަރަޤުވެފައެވެ.
ކުއްލިއަކަށް އޭނާ ސިހުނީ އޭނާގެ އުނގުގައި މާހިލް ބޯއަޅާލުމުންނެވެ. ވަގުތުން އޭނާ ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ހުރިހާ ސަމާލުކަމެއް މާހިލްއަށް ދިނެވެ. މާހިލްގެ ދެލޮލުގެ އަރިމަތިން ފައިބައިގެން ދިޔަ ކަރުނަތިކި ފެނި އާވާގެ ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ.
(ނުނިމޭ)