"ކޮބާތަ އަހަރެންގެ ނޫކުލައިގެ ޝޯލް" ދޮރު ހުޅުވާލުމާއެކު ފަލަކްނާޒްގެ އަޑު ކަންފަތުގައި ޖެހުނެވެ.
"ކޮބާހޭ އަހަރެންގެ ނޫ ކުލައިގެ ޝޯލް" މިފަހަރު ފަލަކްނާޒްގެ އަޑު ބާރެވެ.
"ނުފެނޭތަ؟ މިއޮތީނު އަހަރެންގެ ގައިގަ އެލިފަ" ކޮޅަށް ތެދުވެފައި އަނުމް ބުނެލިއެވެ. އަރައިގަތް ރުޅިގަނޑާއެކު ފަލަކްނާޒްގެ ދަތްކުނޑި ވިކުނެވެ. ވިއްދާ އެއްޗެއް ބުނަން އުޅުނު ވަގުތު ދޮރުގައި ބެލްއެޅި އަޑު އިވުނެވެ.
އެވަގުތު އެއީ އަލަމްވެސް ޓެބްލެޓް ހިފައިގެން ކޮޓަރިން ނިކުތް ވަގުތެވެ. ދޮރު ހުޅުވަން ދިޔައީ އަނުމްއެވެ.
ކުރިމަތީގައި ހުރި ނާސިހް ފެނުމާއެކު އަނުމްގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. އޭނާގެ އެތެރެހަށީގައި ހިފާފައިވާ އަލިފާންގަނޑު ނިވި އިސާހިތަކު ލޯބިވާ ބައްޕަ ފެނުމާއެކު ހިތް އުފަލުން ފުރިގެން ދިޔައެވެ. އަނުމްއަށް ނާސިހްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ނާސިހް ހީލާފައި އަނުމްގެ ފަހަތުން ދުވެފައި އައި އަލަމްވެސް އުރާލާފައި މޫނުގައި ބޮސްދިނެވެ.
ނާސިހް ދުރުގައި ހުރި ފަލަކްނާޒަށް ބަލައިލި ވަގުތު ފަލަކްނާޒް އިސްޖަހައިލިއެވެ.
ރޭގަނޑު ކެއުމުގެ ފަހުން އާވާ އުޅުނީ ކޮޓަރި ތެރޭގައެވެ. ބެޑްޝީޓް ބަދަލުކޮށް ކޮޓަރިތެރެ ސާފު ކުރުމަށް އޭނާ ދިޔައީ ހުއްޓާނުލާ ކޮޓަރިތެރޭގައި ހަރަކާތްތެރި ވަމުންނެވެ. ދޮރުގައި ބެލް އަޅަމުން ދިޔަ އަޑު އޭނާއަށް އިވެމުން ދިޔައެވެ. ހުޅުވަން ނުދިޔައީ ސިޓިންގރޫމުގައި މާހިލްއާއި ޝާނިމް އިންކަން އިނގުމުންނެވެ.
ޚިޔާލެއް ފިކުރެއްނެތި ބެލް އަޅަމުން ދިޔަ ދޮރު މާހިލް ހުޅުވާލިއެވެ. މުނު ބުރުގާ އަޅައިގެން ހުރި އަންހެންމީހާގެ ހަށިގަނޑުން އެއްވެސް ހިސާބެއް ފެންނާކަށް ނެތެވެ. އެހެންވިޔަސް އެ އަންހެންމީހާ އިސްއޮބައިލި ތަން މާހިލްއަށް ފެނުމުން އެ މީހާއަށްޓަކައި މާހިލްގެ ހިތުގައި ގަދަރުވެރިކަމެއް އުފެދިގެން ދިޔައެވެ.
"އަ... އާވާ އާއި ބައްދަލުކޮށްލަން" އެމީހާ ބުނެލިއެވެ. އެ އަޑު ޖެހުމުން މާހިލްއަށް އުނދަގުތަކެއް ވިއެވެ. އެއި އޭނާ ދަންނަ އަޑެއްކަން ހަނދާންވެފައި ވެސް ހީކުރެވުނު މޮޔަ އެއްޗެއްގެ ސަބަބުން އަމިއްލަ ނަފްސަށް މަލާމަތްކޮށްލިއެވެ.
"ވަންނަވާ އެތެރެއަށް. އިށީންނަވާ. މިގޮވާލަނީ އެވީއަށް" މާހިލް އަދަބުވެރިކަމާއެކު ބުނެލިއެވެ. މާހިލްގެ ފަހަތުގައި ހުރެ ނައިޝީ ހިނގާފައި ދިޔައިރު އޭނާގެ ތުންފަތަށް ވެރިވެފައިވި ވިހަ ހިނިތުންވުން ވަނީ ދުނިޔެއަށް ވަންހަނާ ވެފައެވެ.
މާހިލް ޝާނިމް ކަންފަތް ދަށުގައި އެއްޗެއް ބުނުމާއެކު ލެޕްޓޮޕް ހިފައިގެން ކޮޓަރިއާއި ދިމާލަށް ޝާނިމް ހިނގައިގަތެވެ. ފަހަތުން މާހިލް ދިޔައެވެ. ސިޓިގްރޫމް އަމާންވެއްޖެކަން އިނގުމާއެކު ނައިޝީ މޫނުމަތީގައިވި ފޮތިކޮޅު ހިއްލާލިއެވެ. ތުންފަތަށް ވެރިވި ވިހަ ހިނިތުންވުން ބައެއްގެ ދިރިއުޅުން ހަލާކުކުރަން ވިހަލާކަށް ގިނަ އިރެއް ނެތޭ ބުނެލާ ކަހަލައެވެ. ގޭތެރޭގެ އެކި ދިމާލަށް އޭނާ ނަޒަރު ހިންގަމުން ދިޔައިރު އެގޭތެރޭގައި ރާނީއަކަށް ވެގެން ރަސްކަން ކުރުމަށް އޭނާ ހިތްއެދެމުން ދިޔައެވެ.
"މިގެއަށް ވަންނަން ތިދެއްވި ދަޢުވަތަށް ޝުކުރިއްޔާ... މާހިލް..." ނައިޝީ ބުނެލިއެވެ.
މާގިނަ އިރެއްނުވެ ސިޑިން ފައިބައިގެން އާވާ އަންނަތަން ފެނުނެވެ. އާވާ ހީލިޔަސް ނައިޝީގެ މޫނުމަތި އޭނާއަށް ނުފެނުނެވެ. އޭނާ ގޮނޑީގައި އިށީނުމުގެ ކުރިން ނައިޝިއާއި ސަލާމްކޮށްލިއެވެ.
"މަޢާފްކުރައްވާތި... ނާދިޔާ ދޯ ތިއީ.." ނައިޝި ކައިރީގައި އިށީންނަމުން އާވާ އަހައިލިއެވެ. ނައިޝީ ބޯޖަހައިލިއެވެ.
"އެހެން މިއަހާލީ ކުރިން މޫނު ފެނޭ. އެހެންވެ ޔަޤީންނުވެގެން" އާވާ ބުނެލިއެވެ.
"އައިރު ހިތަށް އެރި މިގަޑީގަ އާވާގެ ފިރިމީހާ އުޅެފާނޭ. އެހެންވެ ލޯވެސް ފޮރުވީ. އެކަމަކު މިތަނުން ދެ ފިރިހެނުން ފެނިއްޖެ. ކޮބާތަ އެތަނުން ހަޒްބެންޑްއަކީ" ނައިޝީ އަހައިލިއެވެ.
"ހުދު ކުލައިގެ ޓީޝާޓެއްގައި އެއީ އޭނަ. ކާން ދާންވީނުން. އަދި މިކަހަލަ ދަޢުވަތެއް މިގެއިން ނުދެވެއެއްނު" އާވާ އެކުވެރިކަމާއެކު ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ. މިފަހަރު ގިނައިރު މަޑުކުރެވޭކަށް ނެތް. މިގޭ ކައިރީގައި ހުރި ފިހާރައަށް އައިއްސަ ހިތަށް އެރީ އާވާގެ ހާލު ބަލާލާފައޭ ދާނީ. ފިރިމީހާ ހުންނާނީ ލަސްވެސްވެފަ ކަންނޭނގެ. ދާންޖެހޭނެ" ނައިޝީ ބުނެލިއެވެ.
"އެންމެ ރަނގަޅު. އަދި ﷲ އިރާދަކުރެއްވިއްޔާ ނާދިޔާ އުޅޭ ގެއަށްވެސް އަހަރެން ދާނަން. ކޮބާތަ ފޯނު ނަންބަރަކީ؟" އާވާ އަހައިލިއެވެ.
ޝައިތާނެއްގެ ނުބައި ރޭވުމެއްގައި ހައްޔަރުވަމުންދާ އާވާ އޭނާގެ ފޯނު ނަންބަރުވެސް ހިއްސާކޮށްފިއެވެ. ކާމިޔާބު ލިބެމުންދާތީ ނައިޝީގެ ހިތަށް ވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައެވެ. ގޯތި ތެރެއަށް ނިކުމެފައި ނައިޝީ މޫނުމަތީގައި އެޅި ފޮތިގަނޑު ހިއްލައިފިއެވެ. އެއްވެސް އިހުތިޔާރަކާނުލާ އޭނާގެ ލޯ މައްޗަށް ސިފަވެގެން ދިޔައީ މާހިލް ނަގާފައި ހުރި އޭނާގެ ނޭކެޑް ފޮޓޯތަކާއި ވީޑިޔޯތަކެވެ. އޭގެން ވީޑިޔޯއެއް އެއްފަހަރަކު މާހިލް އޭނާއަށް ފޮނުވާފައި އެތައް ބިރެއް ދެއްކިއެވެ. އޭނާގެ ލޯބިވާ މަންމަ މިދުނިޔެއާއި އަލްވަދާޢު ކިޔުމުގެ ސަބަބެއް ކަމުގައި އެފޮޓޯތަކާއި ވީޑިޔޯތައް ވިއެވެ.
އޭނާ ހުރީ އެ ތެޅުމުގައި މާހިލް ތެޅެމުންދާ މަންޒަރު ދެކިލާހިތުން ކެތްމަދުވެފައެވެ. އެބަދަލު މާހިލްގެ ކިބައިން ނުހިފެނީސް އޭނާ އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެއެވެ. ދެރަކަމަކީ މާހިލްއަށް ދެވުނު ޖާގަ އަދިވެސް އެގޮތުގައި އޭނާގެ ހިތު ތެރޭގައި ވުމެވެ. މާހިލް ފެނުމާއެކު އޭނާގެ ފަރާތުން ތެދުވެރި ލޯތްބަކަށް އެދެވޭ ކަމެވެ. އެހުރިހާ ކަމެއްގެ މައްޗަށް އޭނާ ރުޅިއިސްކުރަނީ އަމިއްލަ ނަފްސާއި އެތައް ހަނގުރާމައެއް ކޮށްފައެވެ.
ޙާޖަރު ކައިރީގައި މުހިންމު ވާހަކަތަކެއް ދެއްކުމުގެ ބޭނުމުގައި އާވާ އެގެއަށް ޒިޔާރަތްކުރިއެވެ. ސިޓިގްރޫމުގައި ތިބި ކިޔާންއާއި ޒެރީން އާވާ ފެނުމުން ހިނިތުންވެލިއެވެ. އެހެން ދުވަސްތަކުގައި ނާންނަ ގަޑިއެއްގައި އާވާ އައުމުން ޒެރީން އޮޅުންފިލުވަން ބޭނުންވިއެވެ.
"މަންމަ އެބައުޅޭތަ؟ މަންމަ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން" އާވާ ބުނެލިއެވެ.
"އެހެންތަ! އެބައުޅޭ ކޮޓަރީގަ. ކައިގެންތަ ތިއައީ؟" ޒެރީން އަހައިލިއެވެ.
"ހޫމް. މަންމަ ކޮޓަރީގަ ދޯ" އާވާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
އާވާ ކޮޓަރިއަށް ވަންނަން ދެން ބަލަން އިނުމަށްފަހު ޒެރީން ކިޔާނާ ވީ ކޮޅަށް އެނބުރިލިއެވެ. ކިޔާން އާއި ކުޑަކޮށް ގާތަށް ޖެހިލުމަށްފަހު ވާހަކަތަކެއް ދައްކަން ތައްޔާރުވެލިއެވެ.
އާވާ އެނދުގައި މަޑުކޮށްލައިގެން އިނީ ޙާޖަރު ފާހާނާއިން ނިކުންނަން ދެނެވެ. އެގޮތުގައި މާގިނައިރު އޭނާ އިންނަން ނުޖެހުނެވެ. ފާހާނާއިން ނިކުތް ޙާޖަރަށް އެނދުގައި އިން އާވަ ފެނުމާއެކު ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާފައި އައިސް އާވާގެ ގައިގައި ބައްދާލިއެވެ. ނިތުގައި ބޮސްދީފިއެވެ.
"ދަރިފުޅު އެހެންޏާ މިގަޑީގަ ނުފެންނާނެ މިގެއިން. އެހެންނޫނަސް މިއީ ކޮން ގަޑިއެއް؟ ދެނަމާދު ވަގުތު މިހާރު ދަރިފުޅު ހޭދަކުރަނީ ބޭކާރު ގޮތުގައިތަ؟" ޙާޖަރު އަހައިލިއެވެ.
"ހީވޭތަ އެހެން މަންމައަށް. ނަމާދަކަށް ނޭރޭ. އެހެންނޫނަސް ވަރަށް މުހިންމު ވާހަކައެއް ބުނެލަން މިއައީ" އާވާ ބުނެލިއެވެ.
"ތިވާހަކައެއް އަހާހިތުން ނީނދެވިގެން ބޮޑުދައިތަވެސް މިއައީ" ކޮޓަރިއަށް ވަދެގެން އައި ޒެރީން ބުނެލިއެވެ. އާވާ ޒެރީންއަށް މަރުޙަބާ ކިއިއެވެ.
"ޝާނިމްސަރ ގެ ވެޑިން އެބައިން ވަރަށް އަވަހަށް. އެހެންވެ މިއަންނަ ހަފްތާގައި އެރަށަށް ދާން މިއުޅެނީ އަޅުގަނޑާ މާހިލް އާ ދެމީހުން. މަންމަ ދާންބޭނުންތަ؟" އާވާ އަހައިލިއެވެ.
"މަންމައަށް ޖަވާބެއް ދެވޭނީ ބައްޕަ ކައިރީގައި އަހާލާފައި" ޙާޖަރު ބުނެލިއެވެ.
"ބައްޕަ ކައިރީގައި މާހިލް މި ވާހަކަދައްކާނެ. މިރޭ އެބައިނެއްނު ބައްޕަގެ ޕްރޮގްރާމް. ލައިވްއެއް" އާވާ ބުނެލިއެވެ.
"މަންމައަށް ނުދެވުނަސް ދާރިމް ގޮވައިގެން ދާތި. މިދުވަސްކޮޅަކީ އެސޮރަށް ބަންދު ދުވަސްތަކެއް" ޙާޖަރު ބުނެލިއެވެ.
"ޝާނިމް އޭ. އެއީ ކޮން ރަށެއްގެ ކުއްޖެއް؟" ޒެރީން އަހައިލިއެވެ.
"ހުރާ" އާވާ ޖަވާބުދިނެވެ.
"ކިޔާންގެ ބައްޕަގެ ރަށް ދޯ. މާ ރަނގަޅަކަށްނު މިވީ. ކިޔާން ބައްޕަ ކައިރިއަށް ދާހިތުން އެވާހަކަ ދައްކާތާ ކޮންދުވަހެއް. އެވީ ދާއިރު ފޮނުވަންވީ ދޯ. އޭރުން އެކަންޏެއްވެސް ނުވާނެއްނު" ޒެރީން ވާހަކަދެއްކިއެވެ. އާވާ ހިތްހަމަނުޖެހުނެވެ. އެހެންވިޔަސް އެހެން ބުނާކަށް ބޭނުމެއްނުވިއެވެ.
"ކިޔާނާ އޭނާގެ ބައްޕަގެ ގުޅުން ރަނގަޅުވީ ކޮންއިރަކު؟ އެހެންނޫނަސް ބުނީމެއްނު ކިޔާންގެ ބައްޕަ ރާއްޖެއަކު ނޫނޭ އުޅެނީ؟" ޙާޖަރު އަހައިލިއެވެ. ވަގުތުން ޒެރީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
"އަބަދު ރުޅިން އުޅެންވެދާނެތަ؟ އެއީ އޭނަގެ ބައްޕައެއްނު. އަހަރެން ކިޔާނަށް ވިސްނަދީފިން" ޒެރީން ބުނެލިއެވެ.
"އޯކޭވާނެ ކިޔާން ދިޔަސް. އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް. މާހިލް ވެސް ނުޖައްސާނެ މައްސަލައެއް" އާވާ ވާހަކަދެއްކިއެވެ.
ކޮޓަރިން ނިކުމެގެން ދިޔަ ޒެރީންގެ ރޭވުން ކާމިޔާބެވެ. ކިޔާންގެ ބައްޕަ އިލްޔާސް އަކީ ޒެރީން އެންމެ ނަފްރަތުކުރާ އެކަކެވެ. އިލްޔާސްގެ ގާތުން ޒެރީން ވަރިވީވެސް އޭނާގެ އެހެން ލޯބިވެރިއެއް ހުރުމުންނާއި، ލޯބިވެރިޔާއަށް ދޭން ބޭނުންވާ ވަގުތުކޮޅަށް އިލްޔާސް ހުރަސް އަޅާތީއެވެ. އިލްޔާސް ދެކެ ކުރެވޭ ނަފްރަތެއްގެ ސަބަބުން ކިޔާނަށްވެސް އޮންނަނީ އިލްޔާސަށް ފޯނުން ގުޅާ ގުޅުން ބަދަހިކުރުން މަނާ ކޮށްފައެވެ. އެކަމަކު މިއަދު އޭނާގެ ވިސްނުން ބަދަލުކޮށްފިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އާވާ ކިޔާންގެ އަންބަކަށް ހަދަން އޭނާ ހުރީ ފައި ވިއްދާލައިގެންނެވެ. އޭނާ އެކަން ކޮންމެސް ދުވަހަކުން ކާމިޔާބު ކުރާނެއެވެ. އެދަތުރުގައި ކިޔާން ބައިވެރިކުރަން އޭނާ ނިންމީ އާވާއާއި މާހިލްގެ ގުޅުމުގައި ކުނި ޖައްސުވަން ވެގެންނެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތަށްފަހު ނާސިހް ސިޓިންގްރޫމުގައި ޖައްސާލައިގެން އިނެވެ. އޭނަގެ ނަޒަރު ޓީވީއަށް ހުއްޓިފައި ވިޔަސް ސިކުނޑީގައި އެނބުރެމުން ދަނީ އެހެން ކަންތައްގަނޑެކެވެ. އޭނާ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ. އަލަމް ފިޔަވާ އެގޭ ތެރޭގައިވާ ކޮންމެ މީހަކާއި މެދު އޭނާގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ފަލަކްނާޒާއި އަނުމް ކޮޓަރިން ނިކުމެގެން އައިސް ހުސްކޮށް ހުރި ގޮނޑިތަކުގައި އިށީނެވެ. ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ ނާސިހްގެ މޫނަށެވެ. ނާސިހް ވަކި ވަގުތެއް އެމީހުންނަށް ދިނީ މުހިންމު ކަމަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންވާކަމަށް ބުނެއެވެ.
ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ނާސިހް އެންމެ ފުރަތަމަ ބަލައިލީ އޭނާގެ ކަނަތް ފަރާތުގައި އިން އަނުމްއަށެވެ. ދައްކަން އުޅެނީ ކޮން ވާހަކައެއް ކަމެއް ނޭނގި އަނުމް އިނީ ނާސިހަށް ބަލަހައްޓައިގެންނެވެ. ރޯމަހެއް ތެޅޭ އުސޫލުން ތެޅެމުން ދަނީ ނާސިހްގެ ވައަތް ފަރާތުގައި އިން ފަލަކްނާޒްގެ ހިތެވެ.
"ބައްޕަ ދަރިފުޅު ކައިރީގައި އަހާލަން ބޭނުންވަނީ ފޯނު މެދުވެރިކޮށް ބައްޕަ ކައިރިން ދަރިފުޅު ކައިވެނި ކުރަން ބޭނުންވާ މީހާއަށް ރުހުން ހޯދި. ބައްޕަ ރުހުން ދިނިންވެސްމެ. ބައްޕައަށް އިނގޭ ކުއްލިއަކަށް ދަރިފުޅު މީހަކާ އިންނަން ބޭނުންވާނީ އެމީހަކު ދަރިފުޅަށް ވަރަށް ކަމުދިޔައިމަކަން. މިހާރު އެކަންތައް ކިހިނެއްވީ؟ ކޮބަތަ އެމީހާ؟" ނާސިހް އަހައިލިއެވެ.
އަނުމްއަށް ޖަވާބެއް ނުދެވުނެވެ. އޭނާ ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާއަށް އިސްޖަހައިލެވުނެވެ.
"އެއީ... އެއީ އަޅުގަނޑު ކުރަން ބޭނުންވި ކަމެއްނޫން. އެއީ މިތާ ކަންމަތީ ފިހާރައިގެ ސޭޓު. ޤާދިރު. ދޮންމަންމަ ބުނާގޮތުން ވިއްޔާ އެއީ ދޮންމަންމަގެ އެކުވެރިއެއް" އަނުމް ބުނެލިއެވެ. ފަލަކްނާޒް ބޮލަށް އެނބުރުން އަރައިގެން ތިރިއަށް ނުވެއްޓުނީ ކިރިޔާއެވެ. އެ ޖަވާބު ނިންމާލަމުން ދެ އަކުރު ދެމެދަށް އޭނާގެ ނަން ލާންޖެހޭ ހެއްޔެވެ؟
ނާސިހް ފަލަކްނާޒަށް ބަލައިލިއިރު އަނުމް ދެއްކި ވާހަކަތަކުން ކަންތައްތަކެއް އޭނާ ނަގައިގަނެއްޖެއެވެ. ހަމަ އެ ސިކުންތުގައި އޭނާ އަތޮޅުތެރެއަށް ފުރާ ވާހަކަ ބުނި ރޭގައި ފަލަކްނާޒް ދެއްކި ވާހަކަތައް ވެސް ހަނދާނަށް އަތުވެއްޖެއެވެ.
"އެއީ ކާކުތަ؟" ނާސިހް ސުވާލުކުރީ ފަލަކްނާޒާއެވެ.
"އެއީ ޤާދިރު. އަހަރެން ކަންތައްކުރީ ހަމަ އެންމެ ރަނގަޅަށްހެން އަހަރެންނަށް ހީވަނީ. ބޮޑުސިންގާ އަންހެނެއް ދޮރާ ތަންތަން ރަނގަޅަށް ތަންޑުނާޅުވާ ނިދަންޏާ މީހުންވެސް ވަންނާނެ ދޯ. އޭނަ ލަދަކުން ސަލާމަތްކުރަން އަހަރެން މަސައްކަތްކުރީ" ފަލަކްނާޒް އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.
"ކީކޭ؟؟ އަނުމްގެ ކޮޓަރިއަށް މީހަކު ވަނީއޭ..." ނާސިހް ބުނެލިއެވެ. ފަލަކްނާޒަށް ބަލަހައްޓައިގެން އިނަސް ނާސިހްގެ ދެވަނަ ނަޒަރު އަމާޒުވީ އަނުމް އަށެވެ. ޤަބޫލުނުކުރެވިފައި އޭނާ ހިމޭނުން އަނުމްއަށް ބަލަހައްޓާއިގެން އިނީ ހިތުގައި ރިއްސައިގަތްވަރުންނެވެ.
"އަޅުގަނޑު ނިދީ ތަޅުލައިގެން. އެމީހަކު ކުޑަދޮރުން ފުންމާލައިގެން ދިޔައިރުވެސް ދޮރު ހުރީ ތަޅުލާފައި. އެއީ ބައެއްގެ ރޭވުމެއް" އަނުމް ވާހަކަދެއްކިއެވެ.
"އަހަރެން މިއީ ކާކު؟؟ ކީއްވެގެންތަ އެވަރުގެ ބޮޑު ކަމެއް ހިނގާ ދިޔައިރު އަހަރެން ކައިރީގައި ނުބުނެވުނީ؟ އަނުމްވެސް އަވަހަށް މީހަކާ އިންނަން ބޭނުންވީ ކިއްވެގެންތޯ އެހީމަވެސް ނުބުނީ ކީއްވެ؟" ނާސިހް ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑުގައި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އެކުލެވިގެންވެއެވެ.
"އަޅުގަނޑު އެވާހަކަ ނުބުނީ ބައްޕަ އެހާ ދުރުގައި ހުރިއިރު ކަންބޮޑުވެ ކަމެއް ދިމާވެދާނެކަމަށްޓަކައި. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ އެމީހާއަށް އަޅުގަނޑުގެ އިތްފަތްތެރިކަން ނަގައެއް ނުލެވުނު. އެކަމަކު އަޅުގަނޑުގެ ހަށިގަނޑުގައި....." އަނުމްއަށް އިތުރަށް ކުރިއަށް ނުގެންދެވުނެވެ. ކުރިމަތީގައި އިނީ ބައްޕަކަން އޭނާ ހަނދާން ނައްތައެއް ނުލައެވެ. އަނުމްގެ ވާހަކަތައް އަހާފައި ނާސިހްގެ އެތެރެހަށީގައިވާ ލޭތައް ކެކިގަތެވެ. ދެއަތް މުށްކެވިގެން ދިޔައިރު ދަތްޕިލައަށްވެސް ބާރުކޮށްލެވިއްޖެއެވެ.
ނާސިހަށް ގޮނޑިން ތެދުވެވިއްޖެއެވެ. އޭނާގެ އެތެރެހަށީގައި އުފެދިފައިވާ ބޮޑެތި ބާނިތައް މައިތިރިކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ހުރި ހަމައެކަނި ޒުވާން އަންހެން ދަރިފުޅަށް ހިމާޔަތް އެންމެ ބޮޑަށް ބޭނުންވި ވަގުތު ކައިރީގައި ނުހުރެވުނީތީ އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ.
"ކޮބާ އާރިޔަން؟.... އާރިޔަން.....؟؟؟" އަޑުހަރުކޮށް ނާސިހް އާރިޔަންއަށް ގޮވައިލިއެވެ. ފަލަކްނާޒަށް ނާސިހަށް ބަލައިލެވުނީ އެކަމުގެ ތެރެއަށް އާރިޔަން ވައްދަން އުޅެނީއޭ ހިތާއެވެ.
"އާރިޔަން ތިގެންނަނީ ކީއްކުރަން؟ މިކަމަކާ އާރިޔަންއާ އޮތީ ކޮން ގުޅުމެއް؟" ފަލަކްނާޒް ހިތްހަމަނުޖެހުނެވެ.
"ޝަޓްއަޕް. އަހަރެން ނާޒާއި ސުވާލުކުރަންދެން ހިމޭނުން ހުރޭ" ޝާހާދަތް އިނގިލި ފަލަކްނާޒަށް އިޝާރަތްކޮށް ނާސިހް އެންގިއެވެ. އިތުރަށް ބަހެއް ކިޔަން ފަލަކްނާޒަށް ނުކެރުނެވެ.
މާގިނަ އިރެއްނުވެ ގަމީހުގެ ގޮށްތައް އަޅުވަމުން އާރިޔަން ކޮޓަރިން ނިކުމެގެން އައިސް ނާސިހް ކުރިމަތީގައި ހުއްޓިއްޖެއެވެ. ފަލަކްނާޒާއި އަނުމް ހިމޭނުން ތިބިތަން ފެނުމުން ކަންތައްތައް ރަނގަޅުނޫންކަން އާރިޔަންއަށް އިނގުނެވެ.
"ބައްޕައަށް އިނގޭ އަނުމްގެ ކޮޓަރިއަށް ވަނީ އެ ޤާދިރުކަން. އެކަން އާރިޔަންއަށް ޔަޤީންވާތީ މިހާރު ދުވަސްތައް އޭނާ ޖަލުގަ ގުނަމުން އެދަނީ. އެހެންނު" ނާސިހް ވާހަކަދެއްކިއެވެ. އާރިޔަން ބޯޖަހާލުމާއެކު އަނުމްއާއި ފަލަކްނާޒަށް ލިބިގެން ދިޔައީ ޚައިރާންކަމެކެވެ. ޤާދިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމެއް އަނުމްއަށް ވެސް ފަލަކްނާޒަށް ވެސް އެނގިފައެއް ނެތެވެ. އަދި އެކަމުގައި އާރިޔަންގެ އަތެއް ވާކަން އިނގުމުން ފަލަކްނާޒް އާރިޔަންދެކެ އިންތިހާއަށް ހިތްހަމަނުޖެހިއްޖެއެވެ.
"ބައްޕަ އިނގެން ބޭނުންވަނީ އެކަން އާރިޔަންއަށް އިނގުނު ގޮތެއް. ބައްޕަ އާރިޔަންއަށް ވަރަށް އިތުބާރުކުރަން. އަދި އިސްނަގައިގެން އަނުމްގެ ކޮޓަރީ ތަޅު ބަދަލުކޮށް ތިކޮށްދިން ކަންތައްތައްވެސް ބައްޕަ ފާހަގަކުރަން" ނާސިހް ވާހަކަދެއްކިއެވެ.
އާރިޔަންއަށް ޖަވާބެއް ނުދެވުނެވެ. އަނުމްގެ ދިރިއުޅުން ހަލާކުކުރަން ފައިވިއްދާލާފައި ހުރީ ލޯބިވާ މަންމަ އޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އެކަން ޤާދިރު އެގޮތަށް ކުރީ ފަލަކްނާޒްގެ ރޭވުމުގެ ދަށުންކަން ޤާދިރުގެ އަނގައިން ވަނީ އާރިޔަންއަށް ކިޔައިދީފައެވެ.
"އާރިޔަން؟؟ ބައްޕަ އާރިޔަންއާ އޭ މި ސުވާލުކުރަނީ؟" އާރިޔަން ފަލަކްނާޒަށް ބަލަން ހުރިގޮތުން ނާސިހް ސުވާލުކޮށްފިއެވެ. އާރިޔަން ޖަވާބެއް ނުދިނުމުން ނާސިހަށް ހުރިހާ އެއްޗެއް އެނގި ފަހުމްވެއްޖެއެވެ. އާރިޔަންއާއި އަނުމް އިސްޖަހައިލިއެވެ.
"އަހަރެންގެ މި ހިޔާވަހި ކަމުގެ ދަށުގައި އެންމެ މިނިޓެއްވެސް ނާޒް ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން. ކޮބާތަ އަނުމްގެ ކުށަކީ؟ ނާޒަށް ކޮން ގެއްލުމެއް އަނުމް ދިނީ. ބަލަ މަގޭ ލެޔޭ އެއީ. އާރިޔަންއަކީވެސް އަހަރެންގެ އުފަން ދަރިއެއްނޫން. އެކަމަކު ދުވަހަކުވެސް އެކަން އާރިޔަންއަށް އިހުސާސްވިޔަކަ ނުދެން. އެހެރީ ކުރިމަތީގަ ނިކަން އަހާބަލަ ނާސިހަކީ ކޮންކަހަލަ ބަފައެއްހޭ؟" ނާސިހް ހުރީ ރުޅިގަދަވެގެން މީހާ އެއްކޮށް ތުރުތުރު އަޅަމުން ދިޔައެވެ.
"އަހަރެން ހަމަ މިހާރު ނާޒް މިގެއިން މިނެރެނީ. ތިކަހަލަ މީހަކަށް އަހަރެންގެ ހަޔާތުން ޖާގައެއް ނުދެވޭނެ. އެކަމަކު ހަނދާންކުރާތި އަދި ވަރިއެއް ނުކުރަން" ނާސިހް ހިފީ ފަލަކްނާޒްގެ އަތުގައެވެ.
"ނޫން... ނޫން ބައްޕާ... އަލަމްކޮއާ މެދު ވިސްނަބަލަ. އަޅުގަނޑު ހިތުގައި އެއްވެސް ޝަކުވާއެއްނެތް" ނާސިހާއި ދިމާލަށް ދެވުނީ އާރިޔަންއާއި އަނުމްއަށް އެއްކޮށެވެ. ފަލަކްނާޒްގެ އަތުން ދޫކޮށްލާފައި ނާސިހް ސޯފާ ގޮނޑިއަށް ތިރިވިއިރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
ލޯންޗުގެ ފަހަތުގައި އާވާ އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ކުރީ ޝީޓުތަކުގައި މާހިލްއާއި ޝާނިމް އިންއިރު އާވާ ކައިރީގައި އަމާޔާ ކަންފަތަށް ހެޑްސެޓް ޖަހަލާއިގެން ދެލޯ މަރާލައިގެން އިނެވެ. އަމާޔާގެ އާއިލާގެ އިތުރުން ވަކިން ހުރި ޝީޓެއްގައި ދާރިމް ކައިރީގައި ކިޔާން އިނެވެ. އަވި އައިނު އަޅައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އާވާއަށެވެ. އާވާއާއި ވަކިން މާހިލް ހުރިތަން ފެނުމުން ކިޔާންގެ އިނީ ހިތްހަމަޖެހިފައެވެ.
މާގިނަ އިރެއް ނުވެ އެ ގުރޫޕް ރަށުތެރެއަށް އަރައިފިއެވެ. ޝާނިމްގެ އާއިލާ އެމީހުން ބަލާ އައިސް ބަނދަރުގައި ހުރި ބޮޑު ގަހެއްގެ ދަށުގައި ތިއްބެވެ. އެގެއަކީ އެ ސަރަހައްދާއި އެންމެ ކައިރީގައި ހުންނަ ގެއަށްވާތީ ބަނދަރުގައި މާގިނައިރު މަޑުނުކޮށް ހުރިހާ މީހުން ގެއާއި ދިމާއަށް ހިނގައިގަނެއްޖެއެވެ. ހަޔާތުގައި އަހަރުތަކަކަށްފަހު އަތޮޅުތެރޭގެ ރަށަކަށް އާދެވުމުން އާވާގެ ހިތަށް ވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައެވެ. އޭނާ ވަށައިގެންވި ގުދުރަތީ ހިތްގައިމު މަންޒިލަށް ހިތް ދޫކުރަމުން ދިޔައެވެ.
ޝާނިމްގެ ގެއަކީ މާބޮޑު ގެޔަކަށް ނުވާތީ އެގެއިން ޖާގަ ލިބުނީ މާހިލްގެ ދެމަފިރިންނަށާއި ދާރިމް އަދި ކިޔާނަށެވެ. އަމާޔާއާއި އޭނާގެ އާއިލާއަށް ތައްޔާރުކޮށްފައި ހުރީ ޝާނިމްގެ ބައްޕަ ފަރާތު މާމަގެ ގެއެވެ. އެހެންނަމަވެސް ކޮންމެ ގަޑިއެއްގެ ކެއުން ހަމަޖެހިފައި އޮންނަނީ ޝާނިމްގެ ގޭގައެވެ. ކައިވެނީގެ ކުރިން އަމާޔާއާއި ޝާނިމް އެއް ގެއެއްގައި ތިބުން އެއީ ރަނގަޅުނޫން ކަމެއް ކަމުގައި ހިޔާލު ދިނީ މާހިލްއާއި އާވާއެވެ. ޝާނިމްގެ މުޅި އާއިލާ އެގޮތާއި ރުހުނެވެ.
ރަށަށް އާދެވުނީ ހެނދުނުގެ ވަގުތަށްވާތީ ކޮޓަރިއަށް ދަބަސްތައް ވެއްދުމަށްފަހު ހުރިހާ މީހުން ޖެހުނީ ހެނދުނު ސަޔަށް ނިކުންނާށެވެ. ބޭރު ގޯތީގައި ޖަހާލާފައި ހުރި ވަރުގަދަ ލަކުޑި މޭޒުގައި މަޑު ވައިލެޓް ކުލައިގެ ރަބަރެއް އަޅާފައި އޮތްއިރު އޭގެ މަތީގައި ހެނދުނުގެ ސަޔަށް ތައްޔާރުކޮށްފައިވާ އެތައް ވައްތަރެއްގެ ބާވަތެއް ހުއްޓެވެ. އާވާ މާހިލްގެ ތައްޓަށް ރޮށި ފިލުވަދޭން އުޅުމުން އެކަން މަނާކުރީ މާހިލްއެވެ. ދެން އާވާ ޖެހިލީ ދާރިމް ކައިރިއަށެވެ. އާވާ ދާރިމްއަށް ރޮށި މޮޑެދީފައި އުލާއި ސަމްސާ ލައިދިނެވެ.
"ކިޔާން ކޯޗެއް ބޭނުމީ...؟؟" ކިޔާން އެއްވެސް އެއްޗެއްގައި އަތްނުލާ އިންތަން ފެނުމުން އާވާ އަހައިލިއެވެ.
"މިޒަމާނުގަ ފިރިހެން ކުދިންނަށް ނުކެވޭނެ އެއްޗެއް ނޯންނާނެ. އަންހެން ވެރިންނަށް ވުރެ އެކުދިން އުޅޭނީ ކާއެއްޗެހި މޮޑުމުގަވެސް މާކުރީގަ. އެކޮއި އިށީނދެބަލަ. އެންމެ ފުރަތަމަ ކާއެއްޗެއް ކައިބަލަ" އާވާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޝާނިމްގެ މާމަ ފަރީދާ ބުނެލިއެވެ. އާވާ ކިޔާންއަށް ބަލައިލުމާއެކު ހީލިއެވެ. އޭނާ މާހިލް ކައިރިން ހުރި ހުސްގޮނޑީގައި އިށިންއިރު ހިތްހަމަނުޖެހިފައި އިނީ ފަރީދާ ދެކެއެވެ. އެމީހާ އަނގަ ނުލިނަމަ މިއަދު އޭނާ ގޮހޮރަށް ދާނީ އާވާގެ ދެއަތުން މޮޑެފައި ދޭނެ ކާއެއްޗިއްސެވެ.
މެންދުރާއި ހަމައަށް އޮތް ހުސް ވަގުތުގައި އާވާ ކޮޓަރިއަށް ވަނީ އަރާމުކޮށްލުމަށެވެ. އޭނާ ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް މާހިލް ވެދެއްޖެއެވެ.
"ޓޮމީ ހާދަ މިސްވާނޭ ދޯ އަހަރެމެން މަތިން" އާވާ ބުނެލިއެވެ.
"ބައްޕައަށް ވަރަށް އިތުބާރުކުރަން. ޓޮމީގެ ހާލު ބަރާބަރަށް ބައްޕަ ބަލާނެ" މާހިލް ބުނެލިއެވެ. ވާހަކަދެއްކިއިރު މާހިލް ފާޑަކަށް އިންކަން އާވާ ދެނެގަތެވެ. މާހިލްގެ ނަފްސަށް ހިމޭންކަމެއް ވެރިވެފައިވާކަން އޭނާއަށް އިނގުނެވެ.
"ކަމެއްވެފަތަ؟" މާހިލްގެ އަތުގައި ހިފައިލަމުން އާވާ އަހައިލިއެވެ. ކަމެއް ފޮރުވަން އުޅޭކަހަލަ ގޮތަކަށް މާހިލް މޫނުމަތީގައި ދެއަތް ހިންގައިލާ އުދާސްތައް ސާފުކޮށްލިއެވެ.
"ވަރަށް ބޭނުންވެފަ. އެވީއަށް. އާދެބަލަ..." މާހިލް އާވާގެ އަތުގައި ހިފާ ގެނެސް އުނގުގައި ބޭންދިއެވެ. ދެމަފިރިންގެ މެދުގައި ބޮސްދިނުންތައް އިތުރުވެގެން ދިޔައެވެ. ދެމަފިރިންގެ ކަރުހިއްކުން ފިލުވަމުން ދިޔައިރު ފާއިތުވެދިޔަ ވަގުތުތަކުގައި މާހިލް ބޯގޮވާފަ ހުރި ކަންތައްތައް ހިނދުކޮޅަކަށް ހަނދާން ނެތިއްޖެއެވެ.
ފެންވަރައިގެން އާވާ ނިކުތްއިރުވެސް މާހިލް މާގަނޑު ދަށުގައި ހުއްޓެވެ. ހެނދުނު ސައިބޮއެގެން އޭނާ ގޭ ދޮރު މައްޗަށް ނިކުމެލީ މުހިންމު ފޯނު ކޯލެއް ކުރަންވެގެންނެވެ. އޭނާގެ އުފާވެރި މޫޑު ކުއްލިއަކަށް ބަދަލުވެގެން ދިޔައީ އެގޭ ކައިރިން ފެނުނު މޫނެއްގެ ސަބަބުންނެވެ. ނައިޝީ އޭނާއަށް ފާރަލާކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. އެހެންނޫންނަމަ އޭނާގެ ފަސްފަހަތުން އެރަށަށް އައުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟
"އެއީ ހަމަ ނުބައި ހަރުފައެއް. އެހެން ހުރެފަ ދިރިއުޅުމަށް ވިހަލާނެ އިރެއް އިނގެނީއެއްނޫން. މިހެން އަޅާނުލާ ހުއްޓާ އަހަރެން އަތުން އެވީ ބީވެގެން ހިނގައިދާނެ. އެއީ ދުވަހަކުވެސް އަހަރެން ބޭނުންވާނެ ކަމެއްނޫން" މާހިލް އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައިރު ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ދުރުގައި ހުރެ ނައިޝީ ފޮނުވާލާފާނެ ތީރަކުން އަމިއްލަ ނަފްސާއި ލޯބިވާ އަނބިމީހާ ސަލާމަތްކުރަން އޭނާ ތައްޔާރުވިއެވެ.
(ނުނިމޭ)