ސިއްހަތު

ކޮރާނާ ވައިރަހުން ރައްކާތެރިވުމަށް ޓަކައި އާއްމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިިފި

އަހުމަދު ވަޖީފު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އާއްމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމްތަކުގައި ރާއްޖެގެ ހުރިހާ އަތޮޅެއް ކަވަރުކުރުމަށް ނިންމާފައިވާ ކަމަށެވެ. ރަށްރަށުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެތެރެއިން ގޭގެޔަށް ގޮސް މައުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ހެލްތުން ބުނެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގެ މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ދީފައިވާ ކަމަށް ވެސް ހެލްތުން ބުނެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ހުރިހާ ހޮސްޕިޓަލް، ސިއްހީ މަރުކަޒު އަދި ސިއްހީ އިދާރާތަކާއި މިކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މިވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގައިވެސް އަންނަނީ މަސައްކަތްކުރަމުން ކަމަށް ހެލްތުން ބުނެއެވެ.