ސިއްހަތު

އިންޑިއާއިން 30 ހާސްޑޯޒްގެ ވެކްސިން ރާއްޖެއަށް ގެނެސްފި

އިބްރާހިމް ޒަކީ

ހިމަބިހީގެ ވެކްސިނަށް ރާއްޖެއިން އެދުނުތާ 72 ގަޑިއިރު ތެރޭގައި އިންޑިއާއިން 30 ހާސް ޑޯޒްގެ ވެކްސިން ރާއްޖެއަށް ފޮނުވައިފި އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި ހިމަބިހި (މީސަލްސް) އިން ދިފާއުވުމަށް ބޭނުންވާ ވެކްސިންގެ 30 ހާސް ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހުއެވެ. އަދި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ އެ ވެކްސިންތައް ވަނީ ހަވާލުކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ވެކްސިން ރާއްޖެއަށް ހަވާލުކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. ރާއްޖޭގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތު މިނިސްޓްރީން ބުނީ ހިމަބިހީގެ ވެކްސިންގެ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭންފަށާފައިވާއިރު، މިއަދު ލިބުނު ވެކްސިންއާއެކު ދަތިތަކެއްނެތި ފަންނީ ލަފާގެމަތިން އިސްކަންދޭ ފަރާތްތަކަސް ވެކްސިން ދިނުމާއި މިހާރު ކުރިއަށް ގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިން ވެކްސިން ޑޯޒްތައް ރާއްޖެއަށް ގެނެސްފައި މިވަނީ ރާއްޖޭން ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދުނުތާ 72 ގަޑިއިރު ތެރޭގައެވެ.

އިންޑިއާގެ އެހީގައި މިއަދު 30 ހާސް މީސަލްސް ވެކްސިން ޑޯޒް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިއްޔެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އަދި ރާއްޖޭގެ ހިމަބިހީގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއެކު މި ގެނައި ވެކްސިން ޑޯޒް ތަކަކީ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ދެ ލައްކަ ވެކްސިން ޑޯޒުގެ އިތުރުން ގެނައި ވެކްސިން ޑޯޒުތަކެއް ކަމަށެވެ.