"އެވީ!! އަހަރެންނާ އެމީހަކު ބެހިއްޖެ. ދެން އަހަރެން ބަނޑުބޮޑުވާނީ" އަނުމް ބުނެލިއެވެ. އާވާއަށް ޝޮކެއް ލިބުނު ކަހަލައެވެ. އަނގަމަތީގައި އަތް އެޅިއްޖެއެވެ. އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. ކޮންފަދަ ބިރުވެރި ހަބަރެއް ހެއްޔެވެ؟
"އާނ އެވީ. ރޭ.... ރޭ ދަންވަރު އަހަރެންނަށް ހޭލެވުނީ އެމީހާ އަހަރެންނާ ބެހެނިކޮށް. އަހަރެން ދެލޯ ހުޅުވާލިއިރުވެސް އެމީހާގެ އަތް އޮތީ އަހަރެންގެ.... އަހަރެންނަށް އަދިވެސް އިހުސާސް ވާ ކަހަލަ. އެއީ ކާކުތަ؟ ކީއްވެތަ އަހަރެންނަށް އެހެން ހެދީ. އަހަރެން ކިހިނެއް މީހުންނާ ކުރިމަތިލާނީ؟ ކާކު އަހަރެންނާ އިންނާނީ؟" ދައްކަން ފެށި ވާހަކަތަކެއްގެ ސަބަބުން އަނެއްކާވެސް އަނުމްއަށް ރޮވިއްޖެއެވެ. އާވާއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އޭނާ ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އަނުމްގެ އެ ހިތްދަތި ވާހަކަތަކަށް އަޑުއެހުމަށްފަހު ހުދު އޭނާގެ ނަފްސަށްވެސް ހަމަހިމޭންކަމެއް ވެރިވެއްޖެއެވެ. އާވަގެ ފަރާތުން އަނުމްއަށް ޖަވާބެއް ނުލިބުމުން އަނުމް ހިތްވަރު އެލިއްޖެއެވެ. އޭނާއަށް ދެ ކަކުލުގައި ބޯއަޅައިލެވުނެވެ. ކުރިއަށް ވުރެވެސް ގަދައަށް ރޮވެން ފެށުނެވެ. އޭނާއަކީ ބޭކާރު މީހެއްގެ ގޮތުގައި އެކުވެރިޔާވެސް ޤަބޫލުކުރީއޭ ހީވިއެވެ. އާވާ ކުރިއަށްޖެހިލާ ދެއަތުން އަނުމްގެ މޫނު އުފުލާލުމަށްފަހު ބައްދަލިއެވެ.
"ހިނގާ ފުލުހުންނަށް އަންގަން. ރެޑީވޭ ދާން. އަހަރެން ހުންނާނަން އަނޫ އާ އެކު" އާވާ ބުނެލިއެވެ.
"ނޫން ނޫން.... އޭރުން އަހަރެން ބެދޭނީ އިތުރު ލަދެއްގަ. ނުކެރޭނެ" ވަގުތުން އަނުމް ދެކޮޅު ހެދިއެވެ.
"އެއްވެސް މީހަކަށް އަނޫއަށް ޝައްކުވޭތަ؟ މިބުނީ މިގޭގަ އުޅޭ އާރިޔަން އެކަހަލަ ކަމެއް ކޮށްފާނެތަ؟" އާވާ އަހައިލިއެވެ. ވަގުތުން އަނުމް މަޑުޖެހުނެވެ. އެއްވެސް ހެއްކެއްނެތި އޭނާއަށް އާރިޔަންއަށް ނުބައި ޝައްކެއް ކުރެވިއްޖެއެވެ.
"އާނ... އެވާނީ ހަމަ އޭނައަށް. އޭނައަށް ދޯ އިނގޭނީ މިއީ އަހަރެންގެ ކޮޓަރިކަމާއި މީނދަ ކުޑަދޮރުގެ ލޮކް މައްސަލަ ޖެހިފަ އިންކަން. އެވާނީ އޭނައަށް" އަނުމް ދެއަތުން ކަރުނަތައް ފޮހެލަމުން ވާހަކަދެއްކިއެވެ. ދަތްކުނޑި ވިކާލެވުނަސް އެތެރެހަށިީގައި ހައްޔަރުވެފައިވާ އުދާސްތަކުގެ މައްޗަށް ރުޅި އިސްނުކުރެވުނެވެ.
"އެކަމަކު އާރިޔަންގެ ހަށިގަނޑާ ބަލާފައި އަނދިރީގެ ތެރެއިން ފެނުނު ހިޔަނި ބިޔަހެން ހީވޭ. އަހަރެންނަކަށް ނޭނގެ" އަނުމް ވާހަކަދެއްކިއެވެ.
"ދެން ކީއްކުރާނީ. އަނޫ ތި މައްސަލަ ރިޕޯޓްކުރަން ބޭނުންނުވަންޏާ ދެން ހެދޭނީވެސް ކިހިނެއް؟ ކެތްކުރޭ... އަހަރެން އަބަދުވެސް ހުންނާނީ އަނޫ އާ އެކު" އަނުމްގެ ހަށިގަނޑުގައި ބައްދައިލަމުން އާވާ ބުނެލިއެވެ. އޭނާ އެގެއިން ދިޔައީ ޑިއުޓީ ނިންމާފައި މާހިލް އެގޭ ކައިރިއަށް އޭނާ ބަލާ އައުމުންނެވެ.
ރޭގަނޑުގެ ކެއުމަށް އެއްޗެއް ތައްޔާރުކުރަން އާވާއަށް ނޫޅެވުނެވެ. އޭނާއަށް އަދިވެސް އަނުމް އާ މެދު ފިކުރުކުރެވެނީއެވެ. އަޑުއަހާ މީހަކަށް އެއީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގުނަސް އަންހެން ކުއްޖެއްގެ އިތްފަތްތެރިކަމަކީ ކިހާ މުހިންމު އެއްޗެއްކަން އިނގޭނީ އަންހެނަކަށެވެ. އެއީ އެކަމުގެ ހިތާމަ ދާއިމަށް ކުރަންޖެހޭ ކަމެކެވެ.
އިޝާނަމާދުން މާހިލް ގެއަށް ވަންއިރުވެސް އާވާ އެނދުގައި ގަބުވެފައި އިނެވެ. އެމަންޒަރު ފެނުމުން މާހިލް ދެރަވިއެވެ. އެކުވެރިޔާއަށް ދިމާވި ހިތްދަތި ހާދިސާގެ އަސަރު އާވާއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އާވާ ކާއެއްޗެއް ނަހަދާކަން ވެސް އޭނާ އިނގުނީ ބަދިގޭ ދޮރަށް އެރުމުންނެވެ.
"އެވީ!! ހިނގާ ބޭރަށްދާން" މާހިލް ވަދެގެން ގޮސް އަލަމާރި ހުޅުވައިލަމުން ބުނެލިއެވެ. އާވާ ބަލައިލިޔަސް އެއްވެސް ޖަވާބެއް ނުދެއެވެ.
"ވަރަށް ބަނޑުހައި. އެވީ ނުދަންޏާ އޯކޭ ގޭގަ އިނަސް. ޝާން އާއެކު ދާނީ" މާހިލް ބުނެލިއެވެ. އާވާ މަޑުމަޑުން ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. ވާހަކަނުދައްކާ އޭނާ ލައިގެން ހުރި ޓީޝާޓްކޮޅު ބާލާފައި އަލަމާރިން ނެގި ކަޅު ހެދުން ލިއެވެ. އާވާގެ އެ ހިމޭންކަން މާހިލްގެ ހިތަށް އުނދަގުކުރަމުން ދިޔައެވެ. އޭނާއަށް އިތުރަށް ކެތެއް ނުވިއެވެ. އާވާގެ އެއް އަތުގައި ހިފާ އޭނާ އާ ދިމާލަށް އަނބުރާލިއެވެ. އެ ހަށިގަނޑުގައި ބައްދައިލަމުން ތުންފަތުގައި ބޮސްދީފިއެވެ.
"އެވީގެ ތި ހިމޭންކަން އަހަރެންގެ މަރާ އަހަރެން ކައިރިކުރާހެން ހީވަނީ. ޕްލީޒް... ތިހެން ނުހުރެބަލަ. ވީކަމެއް ނުވާކަމަކަށް ނުވާނެއްނު" އާވާގެ މޫނުގެ ދެފަރާތުގައި ހިފާލައިގެން ހުރެ މާހިލް ބުނެލައިފިއެވެ.
"އަހަރެން ވަރަށް ދެރަވޭ. އެގޭތެރޭގައި އަނޫއަށް އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ. ނޭނގެ އުޅޭނެ ހާލެއްވެސް" އާވާ ބުނެލައިފިއެވެ.
"ދެން އަހަރެން ކީއްކޮށްދެންވީ ދޫންޏާ... އަހަރެން އެވީ ބުނި ކޮންމެ ކަމެއް ކޮށްފާނަން އެވީގެ އެކުވެރިޔާއަށްޓަކައި. އެކުއްޖާ އެވީ ކައިރިއަށް މިގެއަށް ގެންނަންވީނުން" މާހިލް ވާހަކަދެއްކިއެވެ.
"އަހަރެން ބުނަންވީދޯ އަނޫ ކައިރީގަ" އާވާ ބުނެލިއެވެ.
"އަވަހަށް ބުނޭ.... އެކަމަކު ދެން ތިހެން ހިމޭނުން ނުހުންނާތި. އަހަރެންނަކާ ކެތެއްނުވާނެ" އާވާގެ މޫނުގެ ދެފަރާތުގައި ހިފާ އާވާގެ ނިތްކުރީގައި މާހިލްގެ ނިތްކުރި ޖައްސައިލަމުން ބުނެލިއެވެ.
ދުވަހުގެ ބޮޑުބައި ގޭތެރޭގައި ހޭދަކުރުމަށްފަހު އަނުމް ކޮޓަރިން ނިކުތީ އޭނާ ބަނޑުހައިވެ ގޮހޮރު ވަޔަށް ތެޅެން ފެށުމުންނެވެ. އޭނާ ކޮޓަރިން ނިކުމެގެން ގޮސް ބަދިގެއަށް ވަންއިރު މީހާ ހީވަނީ މޫނުމަތީގެ ލޭ ދަމާލާފައި ހުރިހެންނެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ދުޅަވެފައެވެ. މީހާގެ އެއްވެސް ތާޒާކަމެއް ނެތެވެ.
މޭޒު ކައިރީގައި ކަޅުސައި ތައްޓެއް ހިފައިގެން އިން ފަލަކްނާޒް ބަލައިލިއެވެ. އޭނާ ކަންފަތުގައި ޖަހައިގެން އިން ފޯނު ބާއްވައިލަމުން އަނުމްގެ ފައިން ފެށިގެން ބޮލާއި ހަމައަށް އަވަސް ނަޒަރެއް ދިނެވެ. އުނދުންމަތީގައި ހުރި ތެލިތަކުގެ މަތިތައް ނަށަމުން ދިޔަ އަނުމްއަށް ބަލަހައްޓައިގެން އިން ފަލަކްނާޒް ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އޭނާ ފުން ނޭވާއަކާއެކު ހިތުގައި އުފެދުނު ޖަޒުބާތުތަކުގެ މައްޗަށް މަލާމާތް އިސްކުރިއެވެ. އޭނާ ހިނިތުންވެލާފައި އަވަސް އަވަހަށް އެ ހިނިތުންވުން ތުންފަތްމަތިން ގެއްލުވާލިއެވެ.
"މަންމައަށް އިނގޭ ކޮންމެސް ކަމެއް ވެއްޖެކަން. ބަނޑުހައިވެގެންގޮސް މީހާ ވާތާވާން ކައިރިވީމަ ވެސް ނުނިކުތް. އެކަމަކު މީހުން ބުނެއްނު ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް ބަނޑުހައިވިއްޔާ ނުކައެއް ނުފުދޭނޭ. އައިސް އަލަމާރީގައި ހުންނާނެ މަންމަ ކެއްކި ނޫޑްލްސް. އަވަނަށް ލައި ހޫނުކޮށްލައިގެން ކާލާ" ފަލަކްނާޒް ބުނެލިއެވެ. އަނުމް ޖަވާބެއްނުދީ އައިސް އަލަމާރިން ނޫޑްލްސްތަށި ނަގައިގެން ފަލަކްނާޒް ބުނިހެން އަވަނުން ހޫނުކޮށްލައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. އަދި މޭޒުމަތީގައި ހުރި ސަމްސާ އަޅާ އެތިން އުލެއް ނަގައިގެން ލަސްލަހުން ކާން ފެށިއެވެ. މަލާމާތުގެ ހިިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިން ފަލަކްނާޒް އިނީ އަނުމްއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ރޭވުން އެހާ ފަސޭހައިން ކާމިޔާބުވެދާނެކަމަށް އޭނާ ހީކޮށްފައެއް ނެތެވެ.
"މަންމަ މަސައްކަތްކުރަނީ އަނުމް އާ ގާތް ގުޅުމެއް އުފެއްދޭތޯ. ވީކަމެއް މި މަންމަ ކައިރީގައި ބުނެފިއްޔާ އަނޫގެ ހިތަށް ލުޔެއްވެސް ލިބޭނެ. އަދި އެހީއެއް ވެވޭނީވެސް އޭރުން" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"މާބޮޑުކަމެއް ނުވޭ. އަހަރެންގެ ކޮޓަރިއަށް މީހަކު ވަނީ. އަހަރެން ގަޔަށް އެރީ. އަހަރެން މުޅި ދުނިޔެއަށް ގިނަކުރީ" ނޫޑްލްސް ތައްޓަށް ބަލަން އިނދެ އަނުމް ވާހަކަދެއްކިއެވެ.
ކުއްލިއަކަށް ޝޮކެއް ލިބިގެންދާނޭ މީހެއް ފަދައިން އަނުމްގެ ކުރިމަތީގައި ފަލަކްނާޒްގެ އަމަލުތައް ބެހެއްޓިއެވެ. އަނުމް އެހެން ބުނި އަޑު ބަދިގޭ ދޮރަށް އެރި އާރިޔަންއަށް އިވި ހީވީ ކަންފަތްމަތީގައި ނުފެންނަ އަތަކުން ވިހެލި ހެންނެވެ. އޭނާ ހިތުގައި ރިއްސައިގަތެވެ. އެތެރެއަށް ވަދެ އަނުމްއަށް އެތައް ސުވާލެއް އަމާޒުކުރަން އޭނާ ބޭނުންވިއެވެ. އެހެންވިޔަސް އަނުމް އޭނާއަށް އެއްވެސް ޖަވާބެއް ނުދޭނެކަން އިނގޭތީ އެތެރެއަށް ނުވަދެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ.
"ކީކޭ....؟ އަދި ކިރިޔާތަ އަނުމްއަށް ބުނަން ތިއެނގުނީ. އަހަރެން ނާސިހަށް ދައްކާނީ ކޮން މޫނެއް. ފުލުހުންނަށް ހަމަ މިހާރު މިގުޅަނީ" ފަލަކްނާޒް ފޯނުގެ ފިތްތަކަށް އޮބަން ފެށިއެވެ.
"ގުޅުމުގެ އެއްވެސް ބޭނުމެއްނެތް. އެ ޝައިތާނާ ނުހޯދޭނެ. އެކަން ނިމިގެން ހިނގައްޖެ. ވޭންއެޅީ އަހަރެންގެ ހަށިގަނޑަށް. ބަރުބާދުވެސް ވީ އަހަރެން. ބަނޑުބޮޑުވެ މުޅި ރަށަށް ގިނަވެސް ވާނީ އަހަރެން. އަހަރެންނަށް ރަނގަޅީ އަހަރެންގެ މި ހާލަތަށް އެއްވެސް މީހަކު ހަމްދަރުދީ ނުވިއްޔާ. މިގޭ ހަތަރުފާރުން އެތެރެއިން އެއްވެސް އިންސާނެއްގެ ހަމްދަރުދީއަށް އަހަރެން އުންމީދެއް ނުކުރަން" ތަށި ދުރުކޮށްލާފައި އަނުމް ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮށްސައި ހުއްޓުނީ ދޮރުމަތީގައި ހުރި އާރިޔަން ފެނުމުންނެވެ. އޭނާ އާރިޔަންއާއި ހަތަރުކަޅި ހަމަވިއިރު އާރިޔަންގެ ދެލޮލުން އޭނައަށް ފެނުނީ ހަމްދަރުދީއެވެ. އެހެންނަމަވެސް އޭނާ މަޑެއް ނުކުރިއެވެ. އޭނާ އާރިޔަން ފަސްދީ ހިނގައިގަތެވެ.
އާރިޔަން ވަދެގެން ގޮސް ކާމޭޒު ކައިރީގައި ހުއްޓުނެވެ. އޭނާގެ ސިކުނޑިއާއި ހިތް ވަނީ ހަލަބޮލި ވެފައެވެ. ނުރުހުމުގެ ބެލުމަކުން އޭނާ ފަލަކްނާޒަށް ބަލައިލި މިއީ ފުރަތަމަ ފަހަރެވެ. އާރިޔަންގެ އެ ބެލުމުން ފަލަކްނާޒަށް އުނދަގޫވިއެވެ. އޭނާ ތަށި ހިފައިގެން އާރިޔަން ފަސްދީ ހިނގައިގަތުމާއެކު އާރިޔަން ފަލަކްނާޒް އަތުގައި ހިފައިފިއެވެ.
"ކޮން ކަންތައްގަނޑެއް މިއީ" އާރިޔަން އަހައިލިއެވެ.
"ކޮބާތަ؟ އަހަރެން ކީކޭތަ ބުނާނީ. ހަމަ އަޅާނުލާ ހުއްޓަ ފިރިހެނަކު އައިސް ގަޔަށް ބޮލަކަށް ނާރާނެ ދޯ. އޭނައަށްވެސް ކޮންމެސް ކަމެއް އޮންނާނީ ކުރެވިފަ" ހިތްހަމަނުޖެހިފައި ފަލަކްނާޒް ބުނެލިއެވެ.
"މާނައަކީ އެމީހަކު މިގެއަށް ވަދެ އަނުމް ރޭޕް ކުރީއޭތަ؟" އާރިޔަންއަށް ހީވީ އޭނާގެ ބޮލަށް މީހަކު ހޫނުފެން އެއްޗެއް އޮށްސާލިހެންނެވެ. ވާހަކަދެއްކިއިރު އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
"ނޭނގެ މަށަކަށް. އެބުނީނު ދެން ތިމަންނަ ބަނޑުބޮޑޭ ވާނީ. އެހެން ބުނާނީ ކަމެއްވެގެނެއްނު" ފަލަކްނާޒް ބުނެލިއެވެ. އާރިޔަންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާގެ ހަށިގަނޑުން ބާރު ދޫވެގެން ދިޔަހެން ހީވެ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.
"ރަނގަޅަށް ވިއްޔާ އެމީހަކު ދަންވަރު ކޮޓަރިއަށް ވައްދާފައި އޮންނާނީ އޭނާ އަމިއްލައަށް" ޒިންކު ކައިރީގައި ތަށި ދޮންނަން ހުރެފައި ފަލަކްނާޒް ބަލައިލިއިރު އާރިޔަން ފެންނާކަށް ނެތެވެ. އޭނާ ސިޓިންގރޫމާ ވީކޮޅަށް ކުޑަކޮށް ބޯއަރިކޮށްލާފައި ބަލައިލިއިރު އާރިޔަން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިތަން ފެނުނެވެ.
ހަވީރު ފިނި ޖެހުމާއެކު އާވާ މާހިލްއާއެކު ބޭރަށް ނިކުތެވެ. ރެސްޓޯރެންޓަކުން ހަވީރުގެ ސައި ނިންމައިލުމަށްފަހު އާވާގެ އެދުމަށް މާހިލް އޭނާ ގޮވައިގެން އަނުމް ދިރިއުޅޭ ގެއަށް ދިޔައެވެ. މާހިލް ސައިކަލް ދުއްވާލީ އާވާ އެގެއަށް ވަނުމުންނެވެ. ސިޓިންގރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނުމްގެ ކޮޓަރިއާއި ދިމާލަށް ދަނިކޮށް ޖެހިގެން އެއްކޮޓަރި ދޫކޮށް ހުރި ކޮޓަރިން އާރިޔަން ނިކުތް ތަން ފެނުނެވެ. އާރިޔަންގެ ދެލޮލުން އާވާއަށް ފެނުނީ ހިތާމައާއި މޮޅިވެރިކަމެވެ. އެގޭތެރެއިން އޭނާއަށް އާރިޔަން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
އާވާ ޓަކި ޖަހާލުމާއެކު އަނުމް ދޮރު ހުޅުވާލައިފިއެވެ. އަދިވެސް އަނުމްގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އާވާ އަނުމްގެ ހަށިގަނޑުގައި ބައްދައިލިއެވެ. ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.
"މިއަދު ކާއެއްޗެއް ކެއިންތަ؟" އާވާ އަހައިލިއެވެ.
"މަސައްކަތްކުރިން. ނުއެއް ދިރުނު. ބަނޑުހައިވިޔަސް ކާހިތެއްނުވޭ" އަނުމް ބުނެލިއެވެ.
"ހިނގާ ސައިބޯން. އަހަރެން މިއައީ އަނޫއަށް އެންމެ މީރު ތަނުން ހެދިކާ ގަނެގެން. ޖޫސްތަ ބޭނުމީ ނޫނީ ކަޅުސައިތަ؟" އާވާ އަހައިލިއެވެ. އަނުމް ކަޅުސައޭ ބުނުމުން އާވާ ކޮޓަރިން ނިކުމެގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.
ފެން ހޫނުކޮށްގެން ކަޅުސައި ހެދުމުގެ މަސައްކަތުގައި އުޅުނު އާވާ ސިހުނީ އޭނާއަށް ދާދި ކައިރިން އާރިޔަން ފެނުމުންނެވެ. އާވާ އެއްފަހަރު ބަލައިލާފައި އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ. އާރިޔަން ކަމެއް ކޮށްފާނެތީ އާވާގެ ހަރަކާތްތައް އަވަސް ވަމުން ދިޔައެވެ. އަނުމް އޭނާއަށް އާރިޔަން ސިފަކޮށްދީފައި ވަނީ ނުރައްކާތެރި އިންސާނެއްގެ ގޮތުގައެވެ.
"ތިއީ އަނޫގެ ބެސްޓްފްރެންޑް ދޯ" އާރިޔަން އަހައިލިއެވެ. އާވާ ބަލައިނުލާ ބޯ ޖަހައިލިއެވެ.
"އަނޫ ކައިރީގައި ބުނެބަލަ ކީއްވެގެންހޭ ފުލުހުންނަށް ރިޕޯޓްކުރަން ބޭނުންނުވަނީ. ކުށްވެރިޔާ އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންނުވަނީ. އަނޫ އެއްބަސްވިއްޔާ މިހާރުން މިހާރަށްވެސް އަހަރެން މަސައްކަތް ފަށާނަން" އާރިޔަން ވާހަކަދެއްކިއެވެ.
ޤަބޫލުނުކުރެވި އާވާއަށް އާރިޔަންގެ މޫނަށް ބަލައިލެވިއްޖެއެވެ. އެ ހިނދުކޮޅުގައި އާރިޔަންގެ މޫނުމަތިން އާވާއަށް ފެނުނީ އަނުމްއަށްޓަކައި އާރިޔަން ކުރަމުންދާ ހިތާމައެވެ. އާރިޔަންގެ ހިތުގައިވި ކަންބޮޑުވުމެވެ.
"އަހަރެން ބުނެލާނަން" އާވާ ސައިތަށި ހިފައިގެން ހިނގައިގަތެވެ. ލައިގެން ހުރި އަޅި ކުލައިގެ ޓްރެކްޝޫޓްގެ ދެ ޖީބަށް އަތް ޖަހާލައިގެން އާރިޔަން ލަސް ފިޔަވަޅުތަކެއްގައި ނިކުތް އިރު އޭނާގެ ތުންފަތްމަތިން ހިނިތުންވުން ވަނީ ގެއްލިފައެވެ. އެ މަންޒަރު ބަލަން އުނދަގުވީ ތަނބެއްގެ ނިވަލުގައި ހުރި ފަލަކްނާޒަށެވެ. އަނުމްއަށް އެގޮތަށް ދިމާވުމުން އާރިޔަންއަށް ބަދަލުތަކެއް އައިސްފިކަން އޭނާއަށް އިނގިއްޖެއެވެ. އަނުމް އާ މެދު އާރިޔަންގެ ހިތުގައި އޭނާ އުންމީދު ނުކުރާ އިހުސާސްތަކެއް އުފެދިދާނެކަމަށްޓަކައި އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އެއްވެސް ސިފައެއްގައި ދަރިއެއްގެ ގޮތުގައި އަނުމް ބަލައިގަންނަން އޭނާ ތައްޔާރެއްނޫނެވެ. އާރިޔަންގެ ހިތުން އަނުމްއަށް މަޤާމެއް ދެވިފައިވާކަން އިނގޭ ދުވަހަކުން އޭނާ އަނުމްގެ ކަރުގައި ހިފާ މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ.
"މިހެން ދެއަތް އުރާލައިގެން ހުއްޓާ އަހަރެންނަށް ވަރުގަދަ ލަނޑެއް ލިބޭނީ" ފަލަކްނާޒް އަމިއްލަ ހިތާ ވާހަކަދައްކައިލިއެވެ.
އާވާ ގެނައި ހެދިކާތަކާއި އެކު ސައި ބޮމުން ދިޔަ އަނުމްއަށް ބަލަހައްޓައިގެން އާވާ އިނެވެ. އޭނާގެ ހިތުގައި އާރިޔަން ދެއްކި ވާހަކަތައް ހަރުލާފައި ހުއްޓެވެ. އެވާހަކަތައް އަނުމްގެ ކުރިމަތީގައި ފަށާނެ ގޮތެއް އޭނާ ވިސްނަމުން ދިޔައެވެ.
"އަނޫ އަހަރެމެން ގެއަށް ބަދަލުވާން ހިނގާ ނާސިހްބެ އަންނަންދެން" އާވާ ބުނެލިއެވެ.
"ނޫން. އޭރުން ބައްޕަ ވަރަށް ދެރަވެ ކަންބޮޑުވާނެ. އެވީ މަށާ ދޭތެރެ ތިވަރަށް ވިސްނާކަން އިނގުނީމަ ވަރަށް އުފާވޭ" އަނުމް ބުނެލިއެވެ.
"އެހެންވިއްޔާ ހިނގާބަލަ ފުލުހުންނަށް އަންގަން" އާވާ ބުނެލިއެވެ. އެއީ އާރިޔަން ބޭނުންވެގެން ދެއްކި ވާހަކައެކޭ ބުނަން އާވާ ޖެހިލުންވިއެވެ. އެހެނީ އަނުމް އާރިޔަން ދެކެ ފޫހިވާވަރު އާވާއަށް އޮޅިފައެއް ނެތެވެ.
"ބޭނުމެއްނޫން" އަނުމް ބުނެލިއެވެ.
"އަނޫ!! އެއްޗެއް ހީނުކުރާތި އިނގޭ. އަހަރެންނަކަށް ހިއެއްނުވޭ ތިކަމުގަ އާރިޔަންގެ އަތެއް ވާހެނެއް. މިހެން މިބުނީ އަހަރެންނަށް މިއަދު މިގޭތެރެއިން ފެނުނީ މުޅިން އެހެން އާރިޔަންއެއް" އާވާ ވާހަކަދެއްކިއެވެ. އަނުމް އާވާއަށް ބަލައިލިއެވެ. ނަމަވެސް ރައްދުގައި އެއްޗެއް ނުބުނެއެވެ. ދުނިޔޭގެ ހުރިހާ މީހުން އާރިޔަން އަކީ ރަނގަޅު އިންސާނެކޭ ބުންޏަސް އޭނާ އެކަން ޤަބޫލުކުރަން ބޭނުމެއްނުވެއެވެ. އެއް އިންސާނަކު އަނެއް އިންސާނެއްދެކެ ދުވަހަކުވެސް ފޫހިނުވާ ދަރަޖައަކަށް އަނުމް އާރިޔަންދެކެ ފޫހިވެއެވެ.
"އާރިޔަން ބުނި އަނޫ ބޭނުމިއްޔާ މިހާރުން މިހާރަށްވެސް ކުށްވެރިޔާ ހޯދައިގެން އިންސާފުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކޮށްފާނަމޭ" އާވާ އިތުރަށް ބުނެލިއެވެ. އެވާހަކަތައް އަހާފައި އަނުމްއަށް އަނގައާއި ދިމާލަށް ގެންދިޔަ ސައިތަށި ތުނބާއި ދުރުކޮށްލެވުނެވެ. އޭނާ އާ މެދު މީގެ ކުރިން ނުދައްކާ ހަމްދަރުދީއެއް މިހާރު އާރިޔަން ދައްކާ ސަބަބެއް އޭނާއަށް ނުވިސްނުނެވެ.
"އެއީ ފޭކް. އާޚިރުގަ ކަން ނިމޭއިރު މިކަމުގައި ފުރޭތައާއި ސަންތިގެ އަތެއް ވާނީ. އެއީ ދުވަހަކުވެސް މަށަށް ހެޔޮ އެދޭނެ ބައެއް ނޫން" އަނުމް ބުނެލިއެވެ. އާވާ އިތުރަށް އެވާހަކަ ނުދެއްކިއެވެ. އޭނާ އަނުމްގެ ސިކުނޑިއަށް ބުރަވާ އެއްވެސް ޒާތެއްގެ ވާހަކައެއް ދައްކަން ބޭނުމެއްނުވިއެވެ.
ގޭތެރެ ސާފު ކުރުމުގައި އުޅެނިކޮށް އާވާއަށް ފޯންކޯލެއް ލިބުނެވެ. ސޭވް ނުކުރާ ނަންބަރަކަށް ވުމުން އޭނާ ފޯނު ނުނަގާ ދޫކޮށްލިއެވެ. ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން ފޯނު ހިފައިގެން ގޮސް ކާބައިގެ މޭޒު ކައިރީގައި އިށީނެވެ. އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލުމާއެކު އެކޮޅުން އިވިގެން ދިޔައީ ފިރިހެން އަޑެކެވެ. 'އެވީ' ގެ ނަމުން މުހާތަބް ކުރުމުން އޭނާއަށް އެއީ ކާކުކަން ފުރަތަމަ ނޭނގުނަސް ދެވަނަ ސިކުންތުގައި އެއީ ކާކުކަން އޭނާއަށް އިނގިއްޖެއެވެ.
"އެވީ ގެއަށް އާދެވިދާނެތަ؟ އަހަރެން އެއްފަހަރު ބައްދަލުކޮށްލަން ބޭނުން" ކިޔާން ބުނެލިއެވެ. އާވާ ވަގުތުން ދެކޮޅު ހެދިއެވެ.
"އެހެންވިއްޔާ އަހަރެން އެބަދަން ތިގެއަށް" ކިޔާން ބުނެލިއެވެ. އާވާ ތެޅިގަތެވެ. އެގެއަށް ކިޔާން ގެންނަން އާވާ ބޭނުމެއްނުވިއެވެ.
"އުނހު. އަހަރެން ދާނަން ކޮންމެސް އިރަކުން. ގަޑިއެއް ބުނަން އިނގޭނީ މާހިލް ކައިރީގައި އަހާލައިފަ" އާވާ ބުނެލިއެވެ. ކިޔާން ފޯނު ބޭއްވުމުން އާވާ ވިސްނާލިއެވެ. އޭނާ ކިޔާނާ ބައްދަލުކުރަން އެގެއަށް ދާންވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެކަމަކު ނުގޮހެއްވެސް ނުވާނެއެވެ. އޭނާ ހޯދަން މިގެއަށް އަންނަން ވެސް ކިޔާން ފަސްނުޖެހޭނެއެވެ.
ގެއަށް މެންދުރުގެ ކެއުމަށް ނާދެވޭނެ ވާހަކަ މާހިލް އާވާއަށް ގުޅާފައި ބުނީ އޭނާ މެންދުރު ނަމާދުން ފައިބައިގެން މުސައްލަ ނަގަން އުޅުނު ވަގުތުގައެވެ. އޭނާ ކްލައިންޓަކާ ބައްދަލުކޮށްލުމަށް ކައިރި ރިސޯޓަކަށް ޝާނިމް އާ އެކު ދާންޖެހުނު ވާހަކަ ބުނުމުން އާވާ މާޔުސްވިއެވެ. އެނބުރި އާދެވޭނެ ވަގުތެއް އަހައިލިއެވެ. ކޮންމެގޮތެއް ހަދާފައިވެސް ރޭގަނޑު ނިދާނީ އާވާ ކައިރީގައޭ ބުނުމުން އާވާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
އެގެއަށް ދާން މާހިލްގެ ހުއްދަ އާވާއަށް ލިބުނެވެ. ފެންވަަރާ ރީތިވެގެން އޭނާ ގެއިން ނިކުތީ މެންދުރު ދޭއް ޖަހަން ގާތްވެފައި ވަނިކޮށެވެ. މަގުމައްޗަށް ދިއްލާފައިވާ ރަތްދަކަ އަވީގައި ނުހިނގަން ވެގެން އޭނާ މަގުމަތިން ޓެކްސީއެއް ހޯދިއެވެ. އޭނާ ޓެކްސީގައި އިނދެފައި ކިޔާން ގުޅި ނަންބަރަށް މެސެޖް ކޮށްލިއެވެ. އޭނާއަށް އެހާ ގިނަވަގުތު އެގޭގައި ނީނދެވޭނެ ކަމަށް ބުނެލިއެވެ.
އެޕާރޓްމަންޓް ދޮރު ހުޅުވާލާފައި އާވާ ވަންއިރު ކިޔާން އިނީ ސޯފާގައެވެ. އާވާ ފެނުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. ހުޅުވުނު ދޮރު ލައްޕާލާފައި އެނބުރުމުގެ ކުރިން އާވާއަށް ހުއްޓުން އަރައިގެން ދިޔައީ ކިޔާން އޭނާގެ ހަށިގަނޑުގައި ބައްދައިލުމުންނެވެ. އާވާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާ ކިޔާން ދުރުކޮށްލިއެވެ.
"ދެވަނަ ފަހަރަށް ތި ކުށް ތަކުރާރު ނުކުރާތި. މިހާރު އަހަރެންނަކީ މީހެއްގެ އަންބެއް" އާވާ ހިތްހަމަނުޖެހުނެވެ.
"ސޮރީ. ކޮންޓްރޯލް ނުކުރެވުނީ" ކިޔާން އެހާ އަވަހަށް ބުނެލައިފިއެވެ. އާވާ ފެނުމުން ކިޔާންގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ.
ގޭތެރެ އެކި ދިމާ ހޯދަމުން އައިސް އާވާ ސޯފާގައި އިށީނެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ.
"ކޮބާ އެންމެން؟' އާވާ އަހައިލިއެވެ.
"މަންމައާއި ކުޑައްތަ ހަމަ ދެންމެ ބޭރަށް އެނިކުތީ. ދާރިމް މިގަޑީގަ ވާނީ ސްކޫލުގައެއްނު" ކިޔާން އޮޅުންފިލުވައިދިނެވެ.
"ކޮބާ ބައްޕަ...؟" އާވާ އަހައިލިއެވެ.
"ކުޑައްތަބެވެސް ނެތް ގޭގަ. މިވަގުތު މިގޭގަ މިތިބީ އަހަރެމެން ދެމީހުން އެކަނި" ކިޔާން ބުނެލިއެވެ.
ހިނދުކޮޅަކަށް ވެރިވެގެން ދިޔަ ހިމޭންކަމަކަށްފަހު އާވާ ފުން ނޭވައެއް ދޫކޮށްލިއެވެ.
އާވާއަށް އުނދަގުލެއް އިހުސާސްވަމުން ދިޔައީ ކިޔާން ހުއްޓާނުލާ އޭނާއަށް ބަލަމުން ދާކަން އިނގުމުންނެވެ.
"އެވީ ކީއްވެ ތިގޮތަށް ކަންތައްކުރީ؟" ކިޔާން އަހައިލިއެވެ.
"އަހަރެންނަށް ކިޔާން ހިތްހަމަނުޖެހޭ ވަރުގެ ކަމެއް ކުރެވިއްޖެތަ؟" އާވާ ބުނެލިއެވެ.
"އަހަރެން އަދިވެސް ވަރަށް ލޯބިވޭ... މިހާރު އަދި ކުރިއަށް ވުރެވެސް ބޮޑަށް" ކިޔާން ބުނެލިއެވެ.
"މީހެއްގެ އަނބިންދެކެ ލޯބިވުމަކީ ތިމާއަށް ކުރެވޭ ވަރަށް ބޮޑު ފާފައެއް. ތަޢުބާވޭ!" އާވާ ބުނެލިއެވެ.
"އެވީއަށްޓަކައި އަހަރެންގެ މި ހިތުގައި ލޯބި އުފެދި އެއަށް އާރޯކަން ލިބި ވަރުގަދަވެފައި ވަނިކޮށް މީހެއްގެ އަންބަކަށްވީ" ކިޔާން ބުނެލިއެވެ. އާވާ އެއްޗެއް ނުބުންޏެވެ.
"ތިވާހަކަ ދައްކަންވެގެންތަ އަހަރެން ކައިރީގައި އަންނަން ބުނީ" އާވާ އަހައިލިއެވެ.
"ވަކި ވާހަކައެއް ބުނަން ވިސްނައިގެނެއްނޫން. ދެކިލާހިތްވެސް ވާތީ" ކިޔާން ބުނެލިއެވެ.
"އަހަރެންނަށް އިނގޭ އެވީ ހިތުގައި އަހަރެންނާ މެދު ކުޑަވެސް ޝައުޤުވެރިކަމެއް ނެތްކަން. އެހެންނަމަ އުމުރު ދެބައިވެފަ ހުރި ބޮޑު މުސްކުޅިޔަކާ ނީންނާނެ" ކިޔާން ބުނެލިއެވެ.
"ކިޔާން....!! އަހަރެންގެ ފިރިމީހާއާއި ދިމާލަށް ތިފާޑުގެ ބަދު ބަސްތައް ބުނާއަޑު އަހަން އަހަރެންނަށް ވަރަށް އުދަގުވާނެ. އޭނަ ކިތަންމެ އުމުރުން ދޮށްޓަސް އަހަރެން ހިތާފުރާނައިން އޭނާދެކެ ލޯބިވަން. ހީކޮށްލާ މިއީ އަހަރެން މިގޮތަށް ކިޔާނާ ބައްދަލުކުރާ ފަހު ފަހަރޭ" އާވާ ތެދުވެގެން ހިނގައިގަތެވެ. ޙަޤީޤަތުގައިވެސް އޭނާ ހިތްހަމަނުޖެހިއްޖެއެވެ.
ދޮރާއި ހަމައަށް އާވާއަށް ދެވުނުތަނާ ކިޔާންގެ ވޭނީ އާހެއްގެ އަޑު އާވައަށް އިވިގެން ދިޔައެވެ. އޭނާ ސިހިފައި އެނބުރި ބަލައިލިއެވެ. އެހިނދު ބުރިކޮށްލާފައިވާ ކިޔާންގެ ވާ އަތުން ފައިބައިގެން ދިޔަ ލޭތައް ހަލުވިކަމާއެކު ޓްއިލްސްތަކުގެ މައްޗަށް ފައިބަ މަންޒަރު ފެނުމުން އާވާގެ ދެލޯ ބޮޑުވެ އަނގަމަތީގައި ދެއަތް އެޅިއްޖެއެވެ. އިސާހިތަކު އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
(ނުނިމޭ)