ޗައިނާއިން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރި ލޮލުގެ ހާއްސަ ފަރުވާދޭ "ޑރ. އެން.ޑީ އަބްދުﷲ އަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރު"ން ކާމިޔާބު ކަމާއެކު 94 ސާޖަރީ ނިންމާލައިފި އެވެ.
މިމަހު 14ގައި ހުޅުމާލެ ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވި މި ސެންޓަރުން މިހާތަނަށް 1000 ބަލިމީހުން ސްކްރީން ކޮށްފައިވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ. އަދި 900 އަށް ވުރެ ގިނަ މީހުން ވެއިޓިންގް ލިސްޓުގައި އެބަ ތިބި ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ މި ސެންޓަރަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދާ ކަމަށެވެ.
ލޮލުގެ ބަލިތަކަށް ހާއްސަ މި ސެންޓަރު ރަސްމީކޮށް މިމަހު 15ގައި ހުޅުވި ނަމަވެސް މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެ ސެންޓަރުން އަންނަނީ އާންމުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. ޗައިނާގެ އެހީއާއެކު ރާއްޖޭގައި ގާއިމު ކުރި މި ސެންޓަރަކީ ރާއްޖޭގައި ހުޅުވި މި ފަދަ ފުރަތަމަ ސެންޓަރެވެ.
ރާއްޖޭގައި ދެމުން އަންނަ ލޮލުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާގެ އެހީގައި ލޮލުގެ ފަރުވާދޭ މަރުކަޒެއް ގާއިމުކުރަން ނިންމީ އެ އެއްބަސްވުމުގެ ދަށުންނެވެ. އަދި މި ތަނުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާ ގޮތަށް ވެސް ހަމަޖައްސައިފައެވެ.