ޗައިނާއިން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުރި ލޮލުގެ ހާއްސަ ފަރުވާދޭ "ޑރ. އެން.ޑީ އަބްދުﷲ އަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ހިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރުގެ ނަމުން ނަންދެވިފައިވާ މި ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ހިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ސެންޓަރެކެވެ.
މިދިޔަ ބުދަ ދުވަހު އެ ސެންޓަރުން ވަނީ ނުރަސްމީކޮށް ހުޅުވައި ބަލިމީހުން ބަލަން ފަށާފައެވެ. އެގޮތުން ފުރަތަމަ ދުވަހުވެސް އެ ސެންޓަރުން ވަނީ ކާމިޔާބުކަމާއެކު 30 ލޮލުގެ ސާޖަރީ ކޮށްފައެވެ.
އެ ސެންޓަރު ގާއިމު ކުރުމަށްޓަކައި 11.1 މިލިޔަން ދިވެހިރުފިޔާގެ އަގުހުރި އިކުއިޕްމަންޓް އާއި ބޭސް، ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހަދިޔާ ކުރުމުގެ އިތުރުން، ޗައިނާގެ ތަޖުރިބާކާރު ލޮލުގެ ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން އެމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ލޮލުގެ ފަރުވާދޭ ސެންޓަރުގެ މެޑިކަލް ޓީމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާނީ ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ޗެން ވެއިރޮންގް އެވެ. ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި 30 އަހަރުގެ ހޭދަކުރައްވާފައިވާ ތަޖުރިބާކާރު އެ ޑޮކްޓަރަކީ ލޮލުގެ ބަލިތަކުގެ އެތައް ހާސް އޮޕަރޭޝަނެއް ކުރައްވާފައިވާ ޑޮކްޓަރެކެވެ.
ރާއްޖޭގައި ދެމުން އަންނަ ލޮލުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާގެ އެހީގައި ލޮލުގެ ފަރުވާދޭ މަރުކަޒެއް ގާއިމުކުރަން ނިންމާފައިވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ. އަދި މި ތަނުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ.