ސިއްހަތު

ރާއްޖޭގައި ހިމަބިހި ދަނީ ފެތުރެމުން، ވެކްސިން ނުޖަހާ އެންމެ ވެކްސިން ޖެހުން އަވަސްކުރަން ޖެހޭ: ސަރުކާރު

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި ހިމަބިހި ދަނީ ފެތުރެމުން ކަމަށާއި ވެކްސިން ނުޖަހައި ނުވަތަ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން އެކަން އަވަހަށް ކުރުމަށް ސަރުކާރުން އެދިއްޖެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހެން ވިދާޅުވީ ހިމަބިހީގެ ހާލަތާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގަ އެވެ.

ހިމަ ބިއްސަށް ޕޮސިޓިވް ވެފައިވާ ކުޑަ ކުއްޖަކާއި ބޮޑު މީހެއް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭ ރާއްޖޭން ފެނިފައިވާ އިރު، ޝައްކު ކުރެވޭ ތިން ވަނަ މީހަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިއްސަކީ ރާއްޖޭން ނައްތާލެވިފައިވާ ބައްޔަކަށް ވީ ނަމަވެސް އެ ބަލި ފެނުމާއެކު އެކަމުން ރައްކާތެރިވުމަށް މިހާރު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. ހިމަބިހީގެ އަލާމާތްތައް ފެނުނު ސަރަހައްދުތަކަށް އެޗްޕީއޭގެ ޓީމުތައް ގޮސް ވެކްސިން ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ އަދި ވެކްސިނުން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމުން މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން މިހާރުވެސް ވެކްސިން ޖަހާ އިދާރާތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާ ކަަމަށެވެ. އެގޮތުން ވެކްސިން ޖަހަން ޖެހޭ ފަރާތްތަކަށް ބޭނުންވާ ވަރަށް މިވަގުތު ވެކްސިން އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި. އެހެންނަމަވެސް ބަލި ފެތުރޭ ފަދަ ހާލަތެއް ދިމާވެދާނެ ކަމަށް އަޅުގަނޑުމެން ދުރާލާ ވިސްނައި، ޑަބްލިއުއެޗްއޯ (ދުނިޔޭގެ ސިއްހަތު ޖަމިއްޔާ) އާ ވާހަކަ ދެއްކި، ކޮންމެ ހާލަތެއްގައިވެސް ބޭނުންވާ މިންވަރަށް ވެކްސިން އެތެރެކުރުމުގެ މަސައްކަތް މިހާރު ފެށިފަ ވަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ދިނުމުގެ ހާއްސަ ހަރަކާތެއްގެ ގޮތުން ހިމަބިހި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ޖެހުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް މިއަދު ފަށާފައިވާ ކަމަށާއި އެގޮތުން ހިމަބިއްސާގުޅޭ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް ތިބި ފަރާތްތައް އެ ޑޯޒް ފުރިހަމަށް ކުރުމުގެ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާދަޔާ ހިލާފަށް ހިމަބިހި ފެތުރޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށްވެސް ސަރުކާރުން މިހާރު ތައްޔާރުވެފައި ވާ ކަމަށެވެ. އެގޮތުން ބަލި އާދަޔާ ހިލާފަށް ފެތުރިއްޖެ ނަމަ، އައިސޮލޭޓް (އެކަހެރިކޮށް) ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިއްސާބެހޭ މައުލޫމާތު އާންމުންނަށް ނޭނގިދާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހިމަބިއްސާ ބެހޭގޮތުން އާންމުންނާއި ކަމާބެހޭ މުއައްސަސާތައް ހޭލުންތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް މިއަދު ފަށާފައިވާ ކަމަށެވެ.

"މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ މީހުންނަށް. ނޫނީ ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށް. އެހެންވީމަ އެފަދަ ފަރާތްތަކުން ކަމާ ބެހޭ އިދާރާތަކަށް ގޮސް އަވަހަށް ވެކްސިން ޖަހަންވީ. ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖެހުމަށް އަދި ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ހަމަކުރަން މިހާރު ވާނީ އަންގާފަ." ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ހިމަބިހީގެ އަލާމާތެއްް ފެނިއްޖެ ނަމަ، މާލޭގައި ނަމަ އައިޖީއެމްއެޗަށް ދިޔުމަށް އަދި ހުޅުމާލޭގައި ނަމަ ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމަށް މިނިސްޓްރީން އިރުޝާދު ދެއެވެ. އަތޮޅުތެރޭގައި ނަމަ، އެރަށެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކަށް ދިޔުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.