ސިއްހަތު

ހިމަބިއްސަށް ޝައްކު ކުރެވޭ އިތުރު ކުއްޖަކަށް މިއަންނަނީ ފަރުވާ ދެމުން: އައިޖީއެމްއެޗް

ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކު އެޑްމިޓުކޮށްފައި އެބަ އޮތް ކަމަށް އައިޖީއެމްޗުން ދާދި ދެންމެ ބުނެފި އެވެ.

އައިޖީއެމްއެޗުން މިކަން ޔަގީން މިކޮށްދިނީ މީގެ އިރުކޮޅެއް ކުރީން މި ހަބަރު މި ނޫހުގައި ޝާއިއުކޮށްފައި ވަނިކޮށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ދާދި ދެންމެ ވަން އޮންލައިން އަށް ގުޅުއްވާފައި ވިދާޅުވީ ވަގުތު ނެގީ އެކަން ޔަގީން ކުރައްވަން ކަމަށެވެ.

ފަރުވާދެމުން އަންނަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އެކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އެކަހެރިކޮށް ބާއްވައިގެން ކަމަށް ވެސް އައިޖީއެމްއެޗުން ޔަގީންކޮށްދިނެވެ. ހިމަބިއްސަށް ޝައްކު ކުރެވޭތީ ޓެސްޓުތަކަށް ސާމްޕަލް ނަގާފައިވާ ކަމަށާއި ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އެޑްމިޓުކޮށްފައި ވަނީ ރޭ އިރާކޮޅުގެވަގުތެއްގަ އެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ކުދި ބިހި ނަގާފައި ވެއެވެ.

މި ހާދިސާ ހިނގައި ކުއްޖާއަށް ފަރުވާ ދޭން ފަށާފައި ވަނީ ރޭގެ ވަގުތެއްގައި ނަމަވެސް، ހެލްތު މިނިސްޓްރީން ވަނީ މީގެ 15 ވަރަކަށް މިނެޓު ކުރީން ގުޅުމުން ވެސް އެކަން "ޓެކްނިކަލީ" ބަލާފައި ނޫނީ އެއްޗެއް ވިދާޅުވެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ކުރިން ވިދާޅުވީ އެކަން ހާމަކުރައްވާނީ "ޓުވީޓަކުން" ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ފަރުވާދެމުން އަންނަ ކުއްޖާއަކީ މަތީ ސާނަވީގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އަދި އެ ކުއްޖާ އިއްޔެ ސްކޫލަށް ދިޔަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް މި މައުލޫމާތު އަދި ޔަގީން ވެފައެއް ނުވެ އެވެ. އެކުއްޖާ ތައުލީމު ހާސިލުކުރާ ސްކޫލު ކަމަށް "ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުނި ސްކޫލުގެ ޕްރިންސިޕަލަށް ގުޅައި އެހުމުން ވިދާޅުވީ އެފަދަ ކަމެއް ހެލްތު މިނިސްޓްރީން ވެސް އަދި ރަސްމީ އެހެން ފަރާތަކުން ވެސް އެ ސްކޫލަށް އަދި އަންގާފައި ނުވާ ކަމަށެވެ.

ހިމަބިއްސަށް ޝައްކު ކުރެވޭ ދެވަނަ ކުއްޖަކު ފެނިފައިވާ އިރު، މިއީ އާދަޔާ ހިލާފަށް ބާރަށް ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައި ހުރި މީހާ އުޅުނު ސަރަހައްދުތަކުން އެމީހާ ދިޔަސް، ގަޑިއެއްހާ އިރު ވަންދެން ބަލީގެ ވައިރަސް އެ ސަރަހައްދުގައި ހުރެ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް ހާއްސަ ވެކްސިން ރާއްޖޭގައި އުފަންވާ ކުޑަކުދީންގެ ގަޔަށް އަންނަނީ ޖަހަމުންނެވެ. އެހެން ނަމަވެސް، މި ފަހަކަށް އައިސް ވެކްސިން ނުޖަހައި ކުދީން ގެންގުޅޭ ކަމުގެ މައްސަލަތަކެއް ވަނީ ފާހަގަ ވެފަ އެވެ.

އެންމެ ފަހުން ހިމަބިއްސަށް ޕޮސިޓިވްވެ، އައިޖީއެމްޗުން ފަރުވާ ދިނުމަށް ފަހު ކުއްޖަކު ދޫކޮށްލީ މީގެ އެއްދުވަސް ކުރީންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޕޮސިޓިވް ވި އެ ކުއްޖާ ވަނީ މީސްލްސްއަށް ޖަހަން ޖެހޭ ވެކިސިން ފުރިހަމަ ނުކޮށެވެ.