ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކަށް އަނެއްކާވެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
"ވަން އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި، ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި އެކަހެރިކޮށް ބާއްވައިގެންނެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ވަނީ އެނގިފަ އެވެ.
އެ ކުއްޖާގެ ގައިގައި ގިނަ އަދަދަކަށް ކުދި ބިހި ނަގާފައިވާ ކަމަށާއި ހިމަބިއްސަށް ޝައްކު ކުރެވޭތީ ޓެސްޓުތައް ހަދަން ފޮނުވާފައިވާ ކަމަށް ވެސް އެނގިފައި ވެއެވެ. އެ ކުއްޖާ އައިޖީއެމްއެޗުގައި އެޑުމިޓުކޮށްފައި ވަނީ ރޭ އިރާކޮޅު ކަމަށް ހަބަރު ލިބިފައި ވެއެވެ.
މި ކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެކަން ބައްލަވާލައްވާފައި އެބަ ގުޅުއްވަން ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅާގެ ހަބަރެއް ނުވެގެން ފަހުން ގުޅާގުޅާ ފޯނެއް ނުނަންގަވަ އެވެ. މެސެޖު ކުރުމުން މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ "ވެރިފައިކޮށްލާފައި" ވަރަށް އަވަހަށް އެބަ ގުޅާލަން ކަމަށެވެ. "ތީގެ މާނަ އަކީ ތިބޭފުޅާއަށް މި މައުލޫމާތު އަދި އެނގިވަޑައިގެންފައި ނެތީތޯ؟" ސުވާލު ދެންނެވުމުން އެބޭފުޅާ ސީދާ ޖަވާބެއް ނުދެއްވި އެވެ. އަނބުރާ ނުގުޅުއްވުމުން ވަން އިން ގުޅުމުން އެބޭފުޅާ ވެސް ފޯނެއް ނުނަންގަވަ އެވެ.
ހަބަރު ޝާއިއު ކުރި ފަހުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ގުޅުއްވާފައި ވިދާޅުވީ އެ ކަމާ ގުޅޭ މައުލޫމާތު ހާމަކުރާނީ "ޓުވީޓަކުން" ކަމަށެވެ. މި މައުލޫމާތަކީ ދޮގެއްތޯ ނުވަތަ ތެދެއްތޯ ތަކުރާރުކޮށް އެހުމުން ވިދާޅުވީ "ޓެކްނިކަލީ ބަލާފަ" ނޫނީ އެއްޗެއް ވިދާޅު ނުވެވޭނެ ކަމަށެވެ.