ރާއްޖެއިން ހިމަބިހި ފެނިފައިވަނީ ކުޑަ ކުއްޖެއްގެ ގައިން ކަމަށާއި، ފަރުވާ ދިނުމަށްފަހު މިހާރު އެކުއްޖާ ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިމަބިއްސަށް ޕޮޒިޓިވް ވުމުގެ ސަބަބުން އައިޖީއެމްއެޗަށް އިތުރު ފަރުވާއަށް ގެންދެވުނީ ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ ދޫކޮށްލާފައި ވަނީ ތިން ދުވަހު ފަރުވާ ދިނުމަށް ފަހު ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކުއްޖާ މިއަދު ދޫކޮށްލީ ދޭންޖެހޭ ފަރުވާ ދިނުމަށްފަހު ކަމަށެވެ. އަދި އެ ކުއްޖާ ދޫކޮށްލާފައިވަނީ އެ ކުއްޖާގެ ފުށުން ބަލި ވާރުތަ ނުކުރާނެ ކަމަށް ޑޮކްޓަރުންނަށް ކަށަވަރު ވުމުން ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)އިން ވަނީ ކަނޑައަޅާފައެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަހުމަދު ފައިސަލް މިދިޔަ ބުރާސްފަތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭން ހިމަބިހި މި ފެނުނީ ދޮޅުއަހަރު ދުވަސް ފަހުން ކަމަށެވެ.
ޑރ. ފައިސަލް ވަނީ ރާއްޖެއިން ހިމަބިހި ފެނިފައި ވާތީ، އެކަމާމެދު ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން މީސަލްސް ވެކްސިން ޖެހުމަށާއި، ހަނދާން ނެތިގެން ވެކްސިން ނުޖަހާ ހުރި ނަމަ، ވީހާވެސް އަވަހަކަށް ދަރިފުޅުގެ ވެކްސިންތައް ހަމަކުރުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މީގެ އިތުރުން ހުން އައިސް ބިހި ނަގާ ނަމަ ވީހާވެސް އަވަހަކަށް ހިމަ ބިއްސަށް ޓެސްޓު ކުރުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވިއެވެ. އަދި ހިމަބިހި ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ އެހެން މީހުންނާއި ވަކިން ބޭއްވޭނެ ގޮތް ހަދައި، ބަލިމީހާއަށް ހުށަހެޅުނު އެންމެންގެ ކިބައިން ހިމަބިހީގެ އަލާމާތްތައް ފެނޭތޯ ބެލުން މުހިއްމު ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ ދެ ޑޯޒް ހަމަކޮށްފައި ހުރުން ކަމަށެވެ. އަދި ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށެވެ.