އޭނާ ދޮރު ހުޅުވާލިއިރު ޓޮމީ އޮތީ ކޮޓަރި ދޮރުމަތީގައި ބަނޑު ޖަހާލައިގެންނެވެ. ހީވާގޮތުން މާހިލް ނުފެންނަތާ ގިނައިރުތަކެއް ވުމުން އެސޮރު މާހިލް މަތިން މާބޮޑަށް ހަނދާންވީއެވެ. އާވާއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރުނެވެ. ކުއްލިއަކަށް ދޮރުލައްޕަންވެސް ނުކެރުނެވެ. އެސޮރު ހަށިގަނޑު ހިއްލާލާ މޯޅިއަކަށް ދެމިލަން ތައްޔާރުވި ވަގުތު އާވާއަށް ހީވީ މުޅިން އެހެން އެއްޗެކެވެ.
އާވާއަށް ހަޅޭއްލަވައިގަނެވުނީ އޭނާގެ އިހުތިޔާރަކު ނޫނެވެ. ބާރަށް ދޮރުވެސް ލެއްޕިއްޖެއެވެ. މާހިލް ފުންމައިގެން ތެދުވިއެވެ. އޭނާ ހީކުރީ އާވާއަށް ކަމެއްވީ ކަމަށެވެ. އޭނާ ބަލައިލިއިރު އަނގަމަތީގައި ދެއަތް އަޅައިގެން ހުރި އާވާ ފެނި ހުރިހާކަމެއް ވިސްނިއްޖެއެވެ.
"އަނެއްކާ ޓޮމީ ފެނުނީދޯ" ހީލަމުން މާހިލް ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ. މާހިލް ތެދުވެގެން އައިސް ކޮޓަރި ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އަދި ޓޮމީ އުރާލައިގެން އެސޮރުގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. މާހިލް އެނބުރި އައިރު އާވާ އެނދުގައި އިށީނދެގެން އިނެވެ. މާހިލް ފެނުމާއެކު ކޮޅަށް ތެދުވެއްޖެއެވެ.
"ސަޔަށް ކޯޗެއް ތައްޔާރުކުރަންވީ؟" މާހިލް ވަނުމާއެކު އާވާ އަހައިލިއެވެ.
"އެވީ ބޭނުން ކޮންމެ އެއްޗެއް" މާހިލް ބުނެލިއެވެ. އާވާ ހިނގައިގަތެވެ.
"މަޑުކޮށްބަލަ" މާހިލް ބުނެލިއެވެ.
"ގޭތެރޭގައިވެސް ތިހެދުމުގަތަ އުޅެނީ. ބަދަލުކުރަންވީނުން. އަދިވެސް ލަދުންތަ؟" މާހިލް ބުނެލިއެވެ.
"ނޫން. ޝާނިމްސަރ އުޅޭނެއްނު" އާވާ ބުނެލިއެވެ.
"ނޫޅޭނެ. ޝާން އަންނާނީ އޮފީސް ނިންމާފައި ހަވީރު. އޭނަ ގެއަށް ވަނުމުގެ ކުރިން މަށަށް ގުޅާނެ" މާހިލް ބުނެލިއެވެ.
އާވާ އަލަމާރި ކައިރީގައި ހުރެ ހެދުން ބަދަލުކޮށްލިއެވެ. އަތްކުރު ކަޅު ކުލައިގެ ޓީޝާޓްކޮޅަކާއި ފެހި ކުލައިގެ ޑިޒައިންޖެހި ދޫ ހަރުވާޅެއްލިއެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ހުރުމުން މާހިލްއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުވެސްކޮށް ނުލެވުނެވެ.
އެނދުމަތީގައި އޮތް ފޯނު ނަގައިގެން ހިނގައިގަންނަން އުޅުނު ވަގުތު މާހިލް އާވާގެ އަތުގައި ހިފިއެވެ. އާވާ ބަލައިލުމާއެކު ފަހަތަށް ދަމާލިއެވެ. އެއާއެކު އާވާއަށް އިށީނދެވުނީ މާހިލްގެ އުނގުގައެވެ.
"އަހަރެންނަށް ވަރަށް ކަމުދޭ" މާހިލް ބުނެލިއެވެ.
"ކޯޗެއް؟" އާވާ އަހައިލިއެވެ.
"އަހަރެންގެ ނަމުން އެވީ އަހަރެންނާ ގޮވައިލީމަ" މާހިލް ބުނެލިއެވެ. އާވާ ހީލިއެވެ.
"އަހަރެންވެސް އެވީދެކެ އިންތިހާއަށް ލޯބިވޭ. ދުވަހަކުވެސް މިއަރުތުން ދުލެއް ނުކުރާނަން. މަރުވަންދެން. މަރުވުމަށްފަހު އާޚިރަތުގައިވެސް" މާހިލް ވާހަކަދެއްކިއެވެ.
"އަދި އެއްވާހަކަ. ރޭގަ ހިނގާދިޔަ ކަންތަކަށްފަހު ވަކިން ބޮޑަށް. އާވާގެ މައިންބަފައިންނަށް ގިނަގިނައިން ސަވާބާއި ދަރުމަ ދެއްވާށި" މާހިލް ބުނެލިއެވެ. އާވާގެ ކޮލުގައި ބޮސްދީފައި އެ ހަށިގަނޑުގައި ބައްދައިލިއެވެ.
"ވަރަށް ލަސްވޭ އެބަ. ފެންވަރައިގެން އާދޭ އިނގޭ" މާހިލްގެ އަތްދަށުން ސަލާމަތްވަމުން އާވާ ބުނެލިއެވެ.
"މާހިލް....." ފާހާނާއަށް ވަދެވަދެ ހުރި މާހިލް ބަލައިލިއެވެ. ދޮރުން ނުނިކުމެ ހުރި އާވާ ލޯތްބާއެކު އޭނާއަށް ގޮވާލި އަޑު އިވުމާއެކު ހިތަށް އިންތިހާދަރަޖައިގެ އުފާވެރިކަމެއް ލިބިގެން ދިޔައެވެ.
ހެނދުނު ސަޔަށްފަހު އަނުމް ފެންވަރައިގެން ކޮޓަރިން ނިކުތްއިރު އާރިޔަން ސައިބޯން އިނެވެ. އޭނާ ޚައިރާންވީ ފަލަކްނާޒް ފެންނަން ނެތުމުންނެވެ. އަލަމްވެސް އިރު އެރިފަހުން އަދި ނުފެނެއެވެ. ލައްޕާފައި ހުރި ފަލަކްނާޒްގެ ކޮޓަރީ ދޮރަށް ބަލަމުން އަނުމް ބަދިގެއަށް އައިސް ވަނެވެ.
"ހޭއި ބިޔުޓީ... އާދޭ ސައިބޯން. އަނޫ ބައިވެރިވީމަ އަހަރެން ވަރަށް ފޫހިފިލާނެ" އާރިޔަން ބުނެލިއެވެ.
"ރޭގަ އަހަރެން އޮތީ ނުވެސްނިދާ ފުރޭތައާއެކު ސައިބޯހިތުން" އަނުމް ތުންއަނބުރާލާފައި އެތަނުން ދިޔައެވެ. އޭނާ ފަލަކްނާޒްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ. އޭނާ ބޭނުންވަނީ ފަލަކްނާޒް ވީތަނެއް އޮޅުންފިލުވާކަށެއް ނޫނެވެ. އަލަމްގެ ހަބަރެއްނުވާތީ އޭނާ ހުރީ ކަންބޮޑުވެފައެވެ. އޭނާ އެއްފަހަރު ޓަކިޖަހާފައި މަޑުކޮށްލިތަނާ އަލަމް ދޮރު ހުޅުވާލައިފިއެވެ. އެ މައުސޫމް މޫނުމަތިން އަދިވެސް ފެންނަން ހުރީ ނިދީގެ އަސަރުތަކެވެ.
"ދޫނީ... އަދިވެސް ނުހޭލަނީ. ދޮންތި މިއުޅެނީ ދެރަވެގެން އަލަމްކޮ ނުފެންނާތީ" އަލަމްގެ މޫނުގައި ފިރުމާލަމުން އަނުމް ބުނެލިއެވެ.
"އަލަމްކޮއަށް މާގިނައިން ނިދުނީ. މަންމަ ވީ ފާހާނާއިގަ" އަލަމް ބުނެލިއެވެ.
"ހިނގާ ދޮންތި ކޮޓަރިއަށް ފެންވަރަން. ސައިބޮއެގެން ގުރުޢާން ކުލާހަށްވެސް ދާންޖެހެއެއްނު. މިހާރުވެސް ލަސްވެއްޖެ" އަލަމްގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަނުމް ވާހަކަދެއްކިއެވެ.
އަނުމް މެންދުރު ކާން ހަދަން ނިކުތްއިރު ބަދިގޭގައި ފަލަކްނާޒް ހުރިތަން ފެނުމުން ޚައިރާންވިއެވެ. ވާނީވެސް އެހެންތާއެވެ. ފަލަކްނާޒަކީ އޮޅިގެންވެސް ބަދިގެއަށް ވަންނަ މީހެއް ނޫނެވެ. ޒިންކު ކައިރީގައި ކުކުޅެއް ނޮޅަން ހުރި ފަލަކްނާޒް ފެނުމުން އަނުމް ބަލައިލީ ފާޑަކަށެވެ.
"އަހަރެން ކައިރީގައި ވަކި އެއްޗެއް މެންދުރަށް ހަދަން ނުބުނަމެއްނު. އެހެންނަމަ ތި ކުކުޅުވެސް އަހަރެން ހެދީމުސް. ކޮންމެ ކަމެއްގައިވެސް އަހަރެން ކުށްވެރިކޮށް ވާހަކަދައްކާނެ ފުރުސަތެއް ހޯދާނެ" ފަލަކްނާޒް ބަލައިލީ އަނުމް ވާހަކަދެއްކި އަޑަށެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު އަނުމްގެ ވާހަކަތަކަށް ފަލަކްނާޒް ދިނީ ހިނިތުންވުމެކެވެ. ޤަބޫލުނުކުރެވި އަނުމްގެ އަނގަ ހުޅުވުނެވެ.
"އާރިޔަން އަންނާނެ އިރުކޮޅަކުން ކާން. މަންމަ ދެންމެ ގުޅާލިން. އެއްވެސް އެއްޗެއް އިސްރާފެއްނުވާނެ. އަނޫ ހާސްނުވެބަލަ" ފަލަކްނާޒްގެ ބަސްމަގު ހުރިގޮތުން އަނުމްއަށް ބަދަލުގައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހާ ރީތިކޮށް ވާހަކަދެއްކުމުން އޭނާއަށް ރުޅިން އެއްޗެއް ބުނަން ނުކެރުނެވެ.
"މި ކުކުޅު ހަދަން މިއުޅެނީ މިރެއަށް. އަންނާނެ ހާއްސަ މީހަކު. އަނޫ އެކަނި އެއްވެސް ކަމެއް ކުރާނެކަމެއްނެތް" ފަލަކްނާޒް ކޮށި ކުކުޅުކޮޅު ހިފައިގެން އައިސް މޭޒު މަތީގައި ބެހެއްޓިއެވެ. އަނުމް ހަމަ ބަހެއްވެސް ނުކިޔާ ހުއްޓެވެ.
"ހާދަ ވައްތަރަކަށޭ ތިބަލަނީ. ނާސިހްވެސް ރަށުގައި ހުރީކީ ނޫން. މަންމަ ބޭނުމެއްނޫން ކުރީގައި ގެންގުޅުނު ގޮތްގަނޑު ގެންގުޅޭކަށް" ފަލަކްނާޒް ބުނެލިއެވެ. އޭނާ ދެފިޔާ ނޮޅާލައިގެން އައިސް މޭޒު ކައިރީގައި ގޮނޑި ދަމާލާފައި އިށީނެވެ.
"އާދެބަލަ ތިތާ ކޮޅަށް ނުހުރެ މިތަނުގައި އިށިންނަން" ފަލަކްނާޒް ބުނެލިއެވެ. އަނުމް އައިސް އިށީނެވެ.
"ވީކަމެއްވީ. މަންމަ ކޮންމެކަމެއް ކުރިޔަސް ކުރާނީ އަނޫއަށް ރަނގަޅަށް. މަންމަ ބޭނުންވަނީ އަނޫ އާ އާޔަންގެ ކައިވެނީގެ ކަންތައްތައް ނިންމަން. ތިއީ މަންމަގެ ބޮޑުވެފައި ތިބި ދަރިންނަކީ" ފަލަކްނާޒްގެ ވާހަތަކުން އަނުމްއަށް ފުންމައިގެން ކޮޅަށް ތެދުވެވުނީ ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވާ އުސޫލުންނެވެ.
"މިބުނީ އާރިޔަން ވެސް އެސޮރު ލޯބިވާ ކުއްޖަކާ. އަނޫ ވެސް އަނޫ ލޯބިވާ މީހާ އާ. އޮޅުނީ ދޯ" ފަލަކްނާޒް ހީލަމުން ބުނެލިއެވެ.
"އަނޫ ލޯބިވާ ކުއްޖެއް އެބަހުރިތަ؟ ތެދަށް ބުނީމަ މަންމައަށް އެހީއެއްވެވޭނީ" ފަލަކްނާޒް ބުނެލިއެވެ. އަނުމް ދެފަރާތަށް ބޯހޫރާލިއެވެ.
"ނަސީބެއްނު. ދެން ދޭ. އަލަމްކޮ ގޮވައިގެން އާދޭ. މިއަދު މެންދުރު ކާނީ އެންމެން އެއްކޮށް" ފަލަކްނާޒް ބުނެލިއެވެ. އަނުމް ތެދުވެގެން ހިނގައިގަތެވެ. އަނުމް ދިޔަ މަންޒަރު ބަލަން އިން ފަލަކްނާޒް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަނެއްކާ އެއީ ކޮންކަހަލަ ހިނިތުންވުމެއް ހެއްޔެވެ؟
ހަވީރު ސަޔަށް އެއްޗެއް ތައްޔާރުކުރަން ހުރި އާވާ ސިހުނީ ފަަހަތުން އޭނާގެ ފައިގައި މަޑު އެއްޗެއް ޖެހިލިހެން ހީވުމުންނެވެ. އޭނާ ހަޅޭއްލަވައިގަނެފައި އަތުގައި އޮތް ވަޅިއާއެކު ފުންމައިގެން ގޮނޑި މައްޗަށް އަރާ ފަސޭހަކަމާއެކު މޭޒު މައްޗަށް ބަދަލުވިއެވެ. ދެފައިވެސް ނަގާ މޭޒު މައްޗަށް އެރުވިއެވެ. ބަލައިލިއިރު ތިރީގައި އިށީނދެގެން އިން މާހިލް އިނީ ހިނިގަނޑު ކޮންޓްރޯލް ނުވެފައެވެ.
"ދެން... ތިއީ މީހުން ކުރާ ކަހަލަ ސަމާސާތަ؟ ހީކުރީ ޓޮމީ ކަމަށް. ބިރުން ހަލާކުވެއްޖެ" މޭގައި އަތް އަޅާލަމުން އާވާ ބުނެލިއެވެ. އިނދެވުނު ގޮތުން މިފަހަރުވެސް އާވާ ލަދުގަނެއްޖެއެވެ.
"އާދޭ... ސޮރީ ބޭބް..." ހިނިގަނޑާއެކު ކޮޅަށް ތެދުވެ މާހިލް އާވާގެ ދެއަތުގައި ހިފާ ކައިރިކޮށްލުމަށްފަހު އުރާލާފައި ތިރީގައި ބެހެއްޓިއެވެ. އާވާއަށް ހުރެވުނީ މާހިލްއަށް ބަލަހައްޓައިގެންނެވެ. އެހެނީ ދުވަހަކުވެސް އޭނާއަށް މާހިލް އެވަރަށް ހޭ މަންޒަރު ފެނިފައެއް ނެތެވެ. ހެވުނު ވަރުން އޭނާގެ ދެލޮލުން ފެންވެސް އައިއްސިއެވެ.
"އަނބިމީހާއާއި ގިނަގިނައިން ސަމާސާ ކުރި ވަރަކަށް ލޯބި އިތުރުވާނީ. އެކަމަކު ހިއެއް ނުކުރަން އެވީ ވަޅިއާއެކު..... ފުންމައިގެން އަރާނެކަމަކަށް" މާހިލްއަށް އަނެއްކާވެސް ހެވެން ފެށުނެވެ. މާހިލްގެ އެ ސާމާސާއިގައި އާވާ ބައިވެރިވިއެވެ.
އޮފީސް ނިންމާފައި ޝާނިމް ގެއަށް ވަންއިރު އާވާ ސިޑިން ފައިބައިގެން އަންނަނީއެވެ. ދެމެދުގައި ބަދަލުކޮށްލެވުނު ހިނިތުންވުމަކާއެކު ޝާނިމް މައްޗަށް އަރައިގެން ދިޔުމުން އާވާ ގޮސް ވަނީ ބަދިގެއަށެވެ. މާހިލްއާއި ޝާނިމް އާ ދެމީހުންނަށް އޭނާ ތައްޔާރުކުރި ހަވީރުގެ ސައި މޭޒު މައްޗަށް ނެގުމަށްފަހު އެ ބައިގެ ފަންކާތައް ނިއްވާފައި އޭނާ އައިސް އިށިނީ ސިޓިންގްރޫމް ސޯފާގައެވެ. އަތުގައި އޮތް ފޯނު ހުޅުވާލުމަށްފަހު ހަވީރުގެ ޒިކުރުތައް އޭނާ ކިޔަން ފެށިއެވެ.
އޭގެ އިރުކޮޅެއްފަހުން ޝާނިމް އައިސް ސޯފާގައި ޖައްސައިލިއެވެ. އާދައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޓްރެކްޝޫޓެއް ލާފައި ހުރުމުން ބޭރު ތެރެއިން ޝާނިމްގެ އިތުރު ޕްލޭންއެއް އޮތްހެނެއް ހިއެއް ނުވެއެވެ.
"ޝާނިމް ސަރ ސައިބޯނީ މާލްސަރ އައިމަތަ؟ ނޫނީ މިހާރު ސައިބޯނީތަ؟" އާވާ އަހައިލިއެވެ. ޝާނިމް ކައިރިއަށް ހިނިއައެވެ. ކައިވެނި ކުރެވުނަސް އާވާގެ އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ.
"މާލް އައިމަ ބޯނީ. މިހާރު އަންނާނެ ކަންނޭނގެ" ޝާނިމް ޖަވާބުދިނެވެ. ދެން ވޭތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
"އާވާއަށް އިނގޭތަ! އާވާގެ މަގާމް ދިނީ ކާކަށްކަން" ޝާނިމް ވާހަކަދެއްކިއެވެ.
"ކާކަށް؟" ބަލައިލަމުން އާވާ އަހައިލިއެވެ.
"އެޑްމިންގަ ރައުމެންނާއެކު އުޅެއެއްނު ޒާދުއެއް. އޭނަ ވަރަށް ރަނގަޅު. މާދަމާ އޮންނާނެ ވަޒީފާ ބަޔާނުގަ ސޮއިކުރުވުން" ޝާނިމް އޮޅުންފިލުވައިދިނެވެ.
މާޔާމެން ބުނި އެއްދުވަހަކުން އާވާ ކައިރިއަށް ޖައްސާލާނަމޭ" ޝާނިމް އިތުރަށް ބުނެލިއެވެ. އަދިވެސް އާވާއަށް މާގިނައިން އިސްވެ ވާހަކަދައްކަން ނުކެރޭތީ އޭނާ ހިނިތުންވުމަކުން ފުއްދާލިއެވެ.
ގޭތެރެއަށް ވަދެގެން ދިޔަ ސުހާ ފެނުމާއެކު ސޯފާގައި އިން ނާދިޔާ ފުންމައިގެން ތެދުވިއެވެ. ސުހާ އަތުގައި ހިފައިގެން ގޮސް އޭނާ ކައިރީގައި ސޯފާގައި ބޭންދިއެވެ.
"ކޮބާ ޚަބަރަކީ؟" ނާދިޔާ އަހައިލިއެވެ.
"ސަކަރާތް. މާހިލްސަރ ބޭނުމެއްނުވޭ އޭނަ އޮފީހަށް އަންނާކަށް. ދެމީހުންގެ ހަނީމޫން ދުވަސްކޮޅު ވީމަ އޮފީހުން މާހިލްސަރ ވެސް ނުފެންނާނެއްނު" ސުހާ ބުނެލިއެވެ.
"އަހަރެން އެގުޅުން ނުދޭނަން. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަށް އެ ދިރިއުޅުން ރޫޅާލާން. އެހިތްވަރު އަހަރެންގެ އެބަހުރި. އަހަރެންގެ ލިސްޓުގަ އޮތީ ހަމައެކަނި އޭނައެއްވެސް ނޫން. ނާހިދް ވެސް. އަހަރެން މިއުޅެނީ އެމީހުން ވީ ކޮން ގައުމެއްގަކަން ނޭނގިގެން. ޔަގީނުންވެސް ލަންޑަނުގަ ނެތް" ނާދިޔާ ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ފާޅުވާން ހުރީ ނަފްރަތެވެ. ޒަމާންވީ ބަދަލުހިފުމަކަށް އޭނާ ތައްޔާރުވަނީއެވެ.
"ދުވަހަކުވެސް އަހަރެން ތެދުވެރި ލޯތްބެއް ބޭނުމެއްނޫން. އަހަރެން މަރުވަންދެންވެސް ހުންނާނީ މިގޮތުގަ" އިތުރަށް ނާދިޔާ ބުނެލިއެވެ.
"ނާއްތާ!! ވަރަށް ދުވަސްވެއްޖެ މިހެން އަހަން އުޅޭތާ. ކޮބާ މައްސަލައަކީ؟ ކީއްވެތަ މާހިލްސަރ ދެކެ ތިހާ ރުޅިއަންނަނީ؟" ސުހާ އަހައިލިއެވެ.
"ބައިވަރު ސަބަބު އަހަރެންނަށް ދެއްކިދާނެ. އެކަމަކު އަދި ސުހާއްކޮމެން އުމުރުން ޅަ ވީމަ ނަގައިނުގަނެވިދާނެ. އެކަމު އެކަތި ބުނެފާނަން. އޭނާގެ ސަބަބުން، ހަމައެކަނި އޭނާގެ ސަބަބުން އަހަރެންނަށް އަހަރެންގެ ކެރިއަރ ދޫކޮށްލަންޖެހުނީ. މާޒީގަ މާ ތާހިރު ދިރިއުޅުމެއް އުޅުނު މީހެއްނޫން އެއީކީ. މީހާގެ ވަރުގަދަ ތުނބުޅިއެއް އޮވެފަ 'ހިދާޔަތުގެ މަގު' ނަމުން ދީނީ ލިޔުންތައް ނެރުނަސް އޭނަ ވާނީ ހަމަ އޭނައަށް" ނާދިޔާ ވާހަކަދައްކަމުން ދިޔައެވެ.
"ދެން ނޭނގެ. އަހަރެން ފޫހިވަނީ އެ އާވާ ދެކެ. ކަޅު ފޮތިފޭއްޔަކަށް އެރިގެން ހުއްޓަސް ކުޑަކުޑަ އިބިލީހެއް. އަވަހޭ މާހިލްސަރ އަތުއަޅުވާލިލެއް" ސުހާ ތުން ދަމައިލިއެވެ.
"ނާއްތާ އަހަރެން މިދަނީ ނިދާލަން. ހަވީރު ހަމް އައިމަ ބުނާތި އަހަރެންނަށް ގޮވާށޭ. މިރޭ އެބައޮތް ތަނަކަށް ދާންވެފަ" ސުހާ ވާހަކަދެއްކިއެވެ.
"ތިދާ ތަނަކަށް ގޮށްސަ ތަންކޮޅެއް ލަހުން އަންނާތި އިނގޭ. މިރޭ އަންނާނެ ވަރަށް ސަޅި ދެ ބިޓުން. އަހަރެން ކޮޓަރި ބޭނުންވާނެ" ނާދިޔާ ބުނެލިއެވެ. ނާދިޔާގެ އަތާއި އަތް ޖަހާލާފައި ސުހާ ހިނގައިގަތް ވަގުތު ނާދިޔާ ގޮވައިލިއެވެ.
"ހަނދާންކުރައްޗެ މިގޭ ހަތަރުފާރުން އެތެރޭގަ އަހަރެންގެ ނަމަކީ 'ނާދިޔާ' ނޫންކަން. ބޭރުގަ އުޅޭއިރު އެނަމުން ނޫން ނަމަކުން ނުގޮވާތި" ނާދިޔާ ހަނދާންކޮށްދިނެވެ. ސުހާ ބޯޖަހައިލިއެވެ.
އިޝާ ނަމާދަށްފަހު ކޮޓަރިން ނިކުންނަން އަނުމް ބޭނުމެއް ނުވިއެވެ. ގެއަށް އަންނަ މެހްމާނަކީ ފަލަކްނާޒްގެ އެކުވެރިއެއްކަން އޭނާއަށް އިނގުނީ ހަވީރު ފަލަކްނާޒް އެކަހަލަ ވާހަކައެއް ބުނުމުންނެވެ. އެހެންކަމުން އޭނާ ކޮޓަރީގައި މަޑުކުރީ އެމީހުންނަށް ކާމޭޒު ކައިރިން ވަގުތު ދިނުމުގެ ބޭނުމުގައެވެ.
ކޮޓަރީގައި ހަމަޖެހިގެން އޭނާއަށް އޮވެވުނީ އިރުކޮޅަކުއެވެ. ޓަކިޖަހާލި އަޑު އިވުނެވެ. އަނުމް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އަލަމްއެވެ.
"މަންމަ އެބަގޮވާ ދޮންތިއަށް" އަލަމް ބުނެލިއެވެ.
"އަލަމްކޮ ނުވެސް ނިދަންތަ؟" އަނުމް އަހައިލިއެވެ.
"މިރޭ ނިދާނީ ދޮންތި ކައިރީގަ" އަނުމް ނިކުންނަން އުޅުނު ވަގުތު އަލަމް އަނުމްގެ ކޮޓަރިއަށް ވަދެ ގޮސް އެރީ އެނދަށެވެ.
ކާމޭޒު ކައިރިއަށް ދިޔައިރު މޭޒުކައިރީގައި ފަލަކްނާޒް ، އާރިޔަންގެ އިތުރުން ފިރިހެނެއް އިނެވެ. އެއީ ކާކުކަން އަނުމްއަށް އިނގުނީ އެމީހާގެ ކުރިމައްޗަށް އެރުމުންނެވެ.
"މީނަތަ މިގެއަށް އަންނަ މެހްމާނަކީ.. ބަލާ އިން ވައްތަރު..." އަނުމް ހިތާހިތުން ކިޔައިލިއެވެ.
"އަނޫއަށް އިނގޭތަ. މިއީ ޤާދިރު. ކައިރީގައި މިހުރީނު ފިހާރައެއް. އެފިހާރައިގެ ޙަޤީޤީ ސޭޓު" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"އެހެންތަ. ކީއްކުރަން ގޮވާލީ. ކާނީ ތަންކޮޅެއްފަހުން" އަނުމް ބޭނުންވީ ޤާދިރު ބަލަން އިންގޮތުން އަވަހަށް އެތަނުން ދާށެވެ.
"އެންމެން ކާއިރުގައި އަނޫވެސް ވާނެއްނު ބައިވެރިވާން. ޤާދިރަކީވެސް މިހާރު މިގޭ މެންބަރެކޭ ދޯ" ފަލަކްނާޒް ބުނެލިއެވެ. ޤާދިރު އަނުމްއަށް ބަލަން އިންގޮތުން އާރިޔަން އިނީ ފޫހިވެފައެވެ. އޭނާ ރޮށިތަށީގައި އަތްވެސްނުލާ އިނީ ޤާދިރަށް ބަލަހައްޓައިގެންނެވެ.
"ބަލާބަލަ އާޔަންވެސް އޭނީ ކާންނުފަށާ އަނޫ ނެތީމަ. ދެން އާދޭ" ފަލަކްނާޒް އަނުމްގެ އަތުގައި ހިފައިލިއެވެ.
ފަލަކްނާޒް ރީތިކޮށް ބުނުމުން ދެކޮޅަށް އެއްޗެއް ބުނަން އަނުމްއަށް ނުކެރުނެވެ. އޭނާ އިށީނީ ޤާދިރުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
"ކިހިނެއްތަ ޤާދިރުބޭ..." އަނުމް ބުނެލިއެވެ. ވަގުތުން ޤާދިރުގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އަނުމް ބޭނުންވީވެސް އެގޮތެވެ. އޭނާ އިނީ ޤާދިރު ބަލާވަރުން އުނދަގޫވެފައެވެ. ޤާދިރަށްވި ގޮތް ފެނިފައި އާރިޔަން ކައިރިއަށް ހިނިއައެވެ.
"އަނޫ...!! ތިނަމުން ގޮވާކަށް ނުވާނެއްނު. ޤާދިރުގެ މޫނުމަތިން ދުވަސްވެފައި ހުއްޓަސް އޭނާގެ ހިތް އަދިވެސް ވަރަށް ޒުވާނޭ. އޭނަ ބޭނުންވަނީ ޒުވާން އަންހެންކުދިން އޭނާއަށް 'ގަރޭ' ކިޔަން" ފަލަކްނާޒް ބުނެލިއެވެ.
"އެކަމަކު އަހަރެންނަށް ނުކިޔޭނެ. ޤާދިރުބެ ހީވަނީ ބައްޕައަށް ވުރެވެސް މުސްކުޅިހެން. ދެން ކިހިނެއް ގަރޭ ކިޔާނީ. އަހަރެން ވަރަށް އިހުތިރާމްކުރަން ޤާދިރުބެއަށް" އަނުމް ވާހަކަދެއްކިއެވެ. ވަގުތުން ފަލަކްނާޒްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެތެރެއިން އޭނާގެ ހިތް އަނދައިގަތެވެ. އެހެންނަމަވެސް އޭނާ ހީލިއެވެ.
"އާޔަން ދޭބަލަ ކޮޓަރީގަ އޮތް މަންމަގެ ފޯނު ހިފައިގެން އަންނަން" އާރިޔަންއަށް ބަލައިލަމުން ފަލަކްނާޒް ބުނެލިއެވެ. އާރިޔަން ތެދުވެގެން ހިނގައިގަތެވެ. އޭނާ ހިނދުކޮޅަކު މަޑުކޮށްލާފައި ރަނގަޅަށް ވިސްނާލާފައި ބަލައިލިނަމަ، އައިސް އަލަމާރި މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފަލަކްނާޒްގެ ފޯނު ފެނުނީހެވެ.
"އަނޫ!!. އާޔަން ފޯނު ހިފައިގެން އައިމަ ބުނާތި މަންމަ ބުންޏޭ މަޑުކޮށްލާށޭ. ހަނދާންނެތިގެން މަންމަ ޤާދިރަށް ކޯކުފުޅިއެއް ނުގެނެވޭ. މިއަންނަނީ ވަރަށް އަވަހަށް. އަނެއްކާ ޤާދިރު އެކަނި ބައިންދާފައި ނުދާތި އިނގޭ" ފަލަކްނާޒް ތެދުވެގެން ހިނގައިގަތެވެ. އޭނާގެ މަޤްޞަދަކީ ކޮބާކަން އަނުމްއަށް އިނގޭނެ ނަމައެވެ.
އަނުމް ހިމޭނުން ތައްޓަށް އަޅާފައި ހުރި ބަތްކޮޅު ކެވޭތޯ ބަލަމުން ދިޔައެވެ. އެހެންނަމަވެސް ޤާދިރުގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން އޭނާގެ ނަފްސަށް އުނދަގޫވަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ސިހުނީ ޤާދިރު އޭނާގެ އަތުގައި ހިފުމުންނެވެ.
"ކީއްތިކުރަނީ..." ޤާދިރުގެ އަތް ފޮޅުވާލަމުން އަނުމް ފުންމައިގެން ތެދުވިއެވެ. އެވަގުތު އެއީ އާރިޔަން އެތަނަށް އައިސް ހުއްޓުނު ވަގުތެވެ.
"ކިހިނެއްވީ؟؟" އަނުމް ޤާދިރަށް ދެލޯ އަޅާލައިގެން އިންގޮތުން އާރިޔަން ބުނެލިއެވެ. އެރުޅީގައި އަނުމް އާރިޔަންއަށް ވެސް ބަލައިލީ ހަމަ އެއް ބެލުމަކުންނެވެ.
"ހުސް އެއްކަހަލަ މީހުން" އަނުމްގެ އެ ޖުމްލަ ރައްދުކޮށްލީ އާރިޔަންއަށާއި ޤާދިރާއި އެކީގައެވެ.
އަނުމް ދުވެފައި އޭނާގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތް މަންޒަރު ބަލަން އާރިޔަން ހުއްޓެވެ. އޭނާ ޤާދިރާ ކުރިމަތިލި ވަގުތު ފަލަކްނާޒް އައިސް ހުއްޓުނެވެ.
"ކީއްކުރީ އަނުމްއަށް؟" ރުޅިވެރިކަމާއެކު ޤާދިރަށް ބަލައިލަމުން އާރިޔަން އެހިއެވެ.
"އަހަރެން އެމަންޖެގެ އަތަށް ކުޑަ ހިންޏެއް އަރަނިކޮށް ފޮޅާލީމަ އެހާ ރުޅި އައީ" ޤާދިރު ބުނެލިއެވެ. ކަންތައްތައް ގޯސްވެއްޖެކަން ފަލަކްނާޒަށް އިހުސާސްވީ އާރިޔަންގެ ދެލޯ ފެނުމުންނެވެ. އެހެންކަމުން އޭނާ އެތަނުން އާރިޔަން ދުރަށްލިއެވެ.
އޭގެ އިރުތަކެއް ފަހުން ފަލަކްނާޒް ޤާދިރާ ބައްދަލުކުރީ އެ ފިހާރަ ކުރިމަތިންނެވެ. ދައްކަން ބޭނުންވާ ވާހަކަތައް މަގުމަތީގައި ނުދެއްކިދާނެތީ ޤާދިރުގެ ދަޢުވަތަކަށް ފަލަކްނާޒް އޭނާ ދިރިއުޅޭ ގެއަށް ވަނެވެ. ފިހާރަ ހުންނަ އިމާރާތުގެ މަތި އެއްކޮށް އެއީ ޤާދިރުގެ ބައިތަކެވެ. ދެވަނަ ބަޔަށް އަރާފައި ފަލަކްނާޒް އެތެރެއަށް ވަދެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ.
"އެއީ ވަރަށް ބޯހަރު މަންޖެއެއް" ޤާދިރު ބުނެލިއެވެ.
"ޤާދިރު ކިހިނެއްހެދީ؟" ފަލަކްނާޒް ބުނެލިއެވެ.
"އަހަރެން ލޯބިން އަތުގައި ހިފާލީ. މުސްތަގުބަލުގަ އަހަރެން ނޫނީ އެމަންޖެގެ ގައިގަ އަތްލަން ހުރީ ކާކު؟" ޤާދިރު ބުނެލިއެވެ.
"ޤާދިރު ހާސްނުވޭ. އެމަންޖެ ޤާދިރާ ދެވާނަން. އަހަރެން ވަޢުދުވީމެއްނު. އަހަރެން ބުނާގޮތް ވަރަށް ހަދާނެ" ފަލަކްނާޒް ބުނެލިއެވެ.
"ބުނަން ނާޒު! އަހަރެން މިހާރުވެސް ނާޒަށް ވަރަށް ފައިސާ ދީފިން. އެކަންތައް މަށަށް ވެއްޖެނަމަ އަހަރެން މި މުޅި އިމާރާތްވެސް ނާޒުގެ ނަމަށް ބަދަލުކޮށްދޭނަން. އަހަރެން ވަރަށް ބޭނުންވޭ އެމަންޖެ" ޤާދިރު ވާހަކަދެއްކިއެވެ. ވަގުތުން ފަލަކްނާޒްގެ ދެލޯ ވިދައިގަތެވެ. އޭނާއަށް މުޅި ގެއަށް ނަޒަރު ހިންގާލެވުނެވެ. ދަހިވެތިކަމުގެ އަސަރުގައި ރަނގަޅަށް އޭނާ ބަނދެވިއްޖެއެވެ.
"ޔަޤީންކުރޭ. ނާސިހު އެނބުރި އައުމުގެ ކުރިން އަހަރެން ޤާދިރަށް އަނުމް ވިއްކާލާނަން. އެއަށްފަހު ޤާދިރު އޭނާ ގޮވައިގެން ވީއެންމެ އަވަހަކަށް މިރަށުން ފައިބާތި" ފަލަކްނާޒް ރޭވުންތެރިކަމާއެކު ވާހަކަދެއްކިއެވެ.
އެނދުގައި އޮތް މާހިލް ޑްރސިންގޓޭބަލް ކައިރީގައި ނިދަން ތައްޔާރުވަމުން ދިޔަ އާވާއަށް ބަލަން އޮތެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު އެއްކޮށްލާފައި ބޮލުމެދަށް ދޫކޮށް ހުޅިއެއް ޖަހައިލިއެވެ.
"ހާދަ ވަރަކަށޭ ތިބަލަނީ" އާވާ މާހިލްއަށް ބަލައިލަމުން ބުނެލިއެވެ.
"މިހިތަށް އަރަނީ މީހުން ބުނަނީ ހަމަ ތެދު ވާހަކައެކޭ. ކަމެއް ކުރަންޏާ އަންހެންކުދިން ހާދަ ތައްޔާރެއްވެޔޭ. އެވީ ތިހެރީ ނިދަން ތައްޔާރުވާވަރު" މާހިލް ބުނެލިއެވެ.
"މާބޮޑު ކަމެއް ކޮށްފިންތަ؟ ހެދުން ބަދަލުކޮށްލުމަށްފަހު ފުނާ އަޅާލީނު" މާހިލް ކައިރިން އެނދުގައި އިށިންނަމުން އާވާ ބުނެލިއެވެ.
އާވާ އެނދުގައި އޮށޯތުމުން މާހިލް އާވާއާއި ވީ ދިމާލަށް އެނބުރިލިއެވެ.
"އެވީ ބޭނުންތަ އޮފީހަށް ނިކުންނަން" މާހިލް އަހައިލިއެވެ.
"ނޫން. އަބަދު މާހިލް ކައިރީގައި ހުންނަން ބޭނުމީ. އެކަމަކު ވަރަށް ލިޔާހިތްވޭ" އާވާ ބުނެލިއެވެ.
"ކޯޗެއް ލިޔާހިތްވަނީ" މާހިލް އަހައިލިއެވެ.
"ދީނީ އާރޓިކަލްސްތައް. ދީނީ ވާހަކަތައް. މައުލޫމާތު ހޯދައިގެން ރަސޫލުބޭކަލުންނާ ނަބީ ބޭކަލުންގެ ވާހަކަތައް" އާވާ ބުނެލިއެވެ.
"އެވީ ބޭނުމިއްޔާ ގޭގަ އިނދެގެންވެސް އެވީއަށް އަހަރެމެންގެ ނޫހަށް ލިޔެވިދާނެ. އަހަރެން މާދަމާ ލެޕެއް ގެންނާނަން އިނގޭ" މާހިލް ބުނެލިއެވެ.
"ކޮންއިރަކުން ޓީވީ ޗެނަލް ލޯންޗުކުރަނީ" އާވާ އަހައިލިއެވެ.
"ފެށޭ މަހުގަ. މިހާރު ޕްރޮގްރާމްތައް ހުށައަޅަން ޕްރެޒެންޓަރުން ހޯދުމުގެ މަސައްކަތްތައް ކުރިއަށްދަނީ. ވަރަށް އުފާވި ދަރުސް ދޭން ބައްޕަ އެއްބަސްވީމަ" މާހިލް ވާހަކަދެއްކިއެވެ. އާވާ ހީލައިފިއެވެ.
"ވަރަށް ފޫހިވާނެ މާހިލް އޮފީހަށް ނިކުތީމަ" އާވާ ބުނެލިއެވެ.
"އެހެންތަ! އަހަރެން ދާނީ އެވީ ފޫހިނުވާވަރު ކޮށްދީފައޭ.. އެގޮތް އެންމެ ރަނގަޅެއްނު" ގާތްވެލާ އާވާގެ ކޮލުގައި ބޮސްދެމުން މާހިލް ބުނެލިއެވެ. އާވާ ލަދުން މާހިލްގެ މޭދަށުގައި ބޮނޑިވެލިއެވެ.
(ނުނިމޭ)