އާވާ ބަލަހައްޓައިގެން ހުރި ދިމާލަށް މާހިލްގެ ނަޒަރު މަޑުމަޑުން ދަތުރުކޮށްލިއެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ މައުސޫމް ގޮތަކަށް އޭނާގެ މޫނަށް ބަލަހައްޓައިގެން އޮތް ޓޮމީ ފެނިފައެވެ.
"ޓޮމީ.... އަވަހަށް ދޭ...." މާހިލް ބުނެލިއެވެ.
ޓޮމީ މާހިލްގެ މޫނަށް ބަލަހައްޓައިގެން އޮވެ އޭނާގެ ބޫޓުގައި އެސޮރު މޫނުގެ ދެފަރާތް ހާކާލުމަށްފަހު ބާރު ދުވެއްޔެއްގައި ގޮސް ލޯމަތިން ގެއްލިއްޖެއެވެ. ދެން މާހިލް ބަލައިލީ އާވާ އަށެވެ. އަދިވެސް އާވާގެ މޫނުމަތިން ފެންނަނީ ޖެހިލުންވުމާއި ބިރެވެ.
"އެވީ...!" މާހިލް ގޮވައިލިއެވެ. ސިހިފައި އާވާ މާހިލްގެ މޫނަށް ބަލައިލިއެވެ. އިނދެވުނު ގޮތް އިހުސާސް ވުމާއެކު އާވާ ލަދުގަނެއްޖެއެވެ. އޭނާ މާހިލްގެ އުރުން ތިރިއަށް ފުންމައިލިއެވެ. ތިރީގައި ފައި ޖެހުނު ގޮތުން ތަދެއްވެސް އެރިއެވެ. ހެދުމަށް ދަމާލާފައި ހަމަޖެހިލިއެވެ. ބުޅަލެއް ފެނުމުން ހަމަ އެވަރު ވާންޖެހޭ ހެއްޔެވެ؟
"ސޮރީ..." އާވާ ބުނެލިއެވެ.
"ހެހެހެ... އެހާ ބިރުގަނޭތަ ބުޅާ ދެކެ" މާހިލް އަހައިލިއެވެ.
"ނޫން..." އާވާ ބުނެލިއެވެ.
"ނޫނެކޭ. ދެންމެ ކިހިނެއް ތިހެދީ އެހެންވިއްޔާ" މާހިލް ބުނެލިއެވެ.
"ނޭނގެ. އޭތި ވަރަށް ބޮޑެއްނު. އެހެންވެ" އާވާ ބުނެލިއެވެ. މާހިލްއަށް ހެވުނެވެ. މާހިލްގެ ހަށިގަނޑުގައި އާވާ އެލިގަނެގެން އޮތްއިރު ގޮފިގަނޑެއްގައި ވާލެއް އެލިގެން އޮތް ކަހަލައެވެ.
"އަދި ޓޮމީ ގެ ތަޢާރަފެއް ނުދެވޭ ދޯ. އެވެސް މިގޭ މެންބަރެއް. އަހަރެން އެކަނި ފިލުވައިދޭ ބައިވެރިއަކީ ޓޮމީ" މާހިލް ބުނެލިއެވެ. އާވާ މާހިލްގެ މޫނަށް ބަލައިލީ ކަންބޮޑުވެފައެވެ. ބުޅާދެކެ އެހާ ބިރު ގަންނައިރު އެފަދަ ޖަނަވާރަކާ އެއް ގެއެއްގައި އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟
"އެވީ ބިރުނުގަންނައްޗެ. ދުވަސްކޮޅަކުން އެވީގެ ހިތުގައި ޓޮމީއަށް ލޯބިޖެހިދާނެ. އެހާތަނަށް އެވީއާ ކައިރިވާކަށް ޓޮމީއަށް ނުކެރޭނެ" މާހިލް ބުނެލިއެވެ.
އާވާ ހިތުގައި އަދިވެސް ބިރުވެރިކަމެއް އޮތްކަން މާހިލްއަށް އިނގުނެވެ. އެހެންކަމުން އޭނާ ކައިރިއަށް ޖެހިލާ އާވާގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލައްވާލިއެވެ.
"މިއީ މީގެ ފަހުން އެވީގެ ގެއަކީ. މިގޭގެ ވެރިއަކީ ތިއީ. މިގެ ތަނަކަށް ހަދަނީ އެވީ. އަހަރެން ބޭނުމީ މިގެއަކީ ދުނިޔެމަތީގެ ސުވަރުގެއަކަށް ހަދަން. އަހަރެން އެހީވާނަން. އެވީ އާއެކު މިގޭ ދިރުން އެނބުރި އަތުވެއްޖެ" މާހިލް ކުރިއަށް ހިނގަމުން ވާހަކަދައްކަމުން ދިޔައެވެ. ސިޑިއާއި ހަމައަށް ގޮސްފައި މާހިލް އާވާގެ އަތުން ދޫކޮށްލިއެވެ. އަދި ލޯތްބާއެކު އާވާގެ މޫނަށް ބަލައިލިއެވެ.
"އަހަރެން ބޭނުމީ އަހަރެމެންގެ ކޮޓަރިއަށް އަހަރެންގެ ދެއަތް މަތިން އަހަރެންގެ އަނބިމީހާ ވައްދަން" މާހިލް ބުނެލިއެވެ. އާވާ ލަދުން އިސްޖަހައިލިއެވެ.
"މަޑުކުރޭ" އާވާ އާ ގާތަށް މާހިލް ޖެހިލުމާއެކު ބުނެލިއެވެ.
"ޝާ... ޝާނިމް ސަރ އައިސްދާނެ" އާވާ ބުނެލިއެވެ.
"ހެހެހެ.. ނާންނާނެ. ޝާންގެ މަންމަމެންވެސް މިހާރު ނިދާފާނެ. ފަތިހު އެމީހުން ރަށަށް ފުރާނެ. އެހެންވީމަ މިހާރު ތިބޭނީ ނިދާފަ" މާހިލް ބުނެލިއެވެ.
ދެވަނަ ފަހަރަށް އާވާ އެއްޗެއް ނުބުނަނީސް އޭނާ ދެއަތް މައްޗަށް އާވާ އުފުލާލައިފިއެވެ. ހީވީ ލުއި ފަތެއް އުފުލާލި ހެންނެވެ. އާވާ ލަދުގަތެވެ. ނަމަވެސް އޭނާ ހިތް ހަމަޔަކަށް އަޅުވާލިއެވެ. މާހިލް އަކީ އޭނާގެ ފިރިމީހާ ކަމުގައި ހިތަށް ވިސްނައިދިނެވެ. އޭނާގެ ހަށިގަނޑުގައި ބީހުމަކީ މާހިލްގެ ޙައްގެކެވެ. ސިޑިން އަރައިގެން ދިޔައިރު މާހިލްގެ ނަޒަރު ހުއްޓިފައިވަނީ ލަދުން ރަތްވަމުން ދިޔަ އާވާގެ މޫނަށެވެ.
ކޮޓަރިއަށް ވަނުމަށްފަހު އެއް ފައިން ދޮރު ލައްޕާލިއެވެ. އެއަށްފަހު އާވާ ތިރީގައި ބެހެއްޓިއެވެ.
"މިއީ އެވީގެ ކޮޓަރި އަކީ. މިކޮޓަރި ހަތަރުފާރުން އެތެރޭގައި އެވީގެ ފުރިހަމަ މިނިވަންކަމާއެކު އުޅެވޭނެ" މާހިލް ބުނެލިއެވެ. އާވާ ވަށައިގެން ކޮޓަރިތެރެ ބަލަމުން ދިޔައެވެ.
ކޮޓަރި މެދުގައި ހުރީ ކިންގް ސައިޒްގެ ބޮޑު އެނދެކެވެ. ފިނިފެންމާ ކުލައިގެ ބެޑްޝީޓެއް އަޅާފައިވާއިރު ދެ ބާލީހާ ހަތަރު ކުޝާން އޮތެވެ. އެނދާއި ދިމާލުން ބޭރަށް ހުޅުވޭ ކުޑަދޮރެއް ހުއްޓެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓަށް ވުރެ މަޑު ކުލައެއްގެ ދެފަރާތަށް ކަހާލެވޭ ކާރޓެއިން އަކުން ދޮރު ވަނީ ނިވާކޮށްލާފައެވެ. ކޮޓަރީގެ އެއް ބިތް ފުރޭ ވަރުގެ ވޯޑްރޯބެއް ހުއްޓެވެ. އަނެއް ފަރާތުގައި ޑްރެސިންގްޓޭބަލް ހުއްޓެވެ. އެނދާއި ކުރިމަތިވާގޮތަށް ރެކެއް މަތީގައި ޓީވީއާއި އެއާއި ގުޅޭ އެހެނިހެން ސާމާނުތައް ހުއްޓެވެ. ކޮޓަރީގައި ލާފައިވަނީ ސާފު ހުދުކުލައެވެ. ފަރުނީޗަރުތައް ހުރީ ހުދާއި ކަޅުންނެވެ. މުޅި ކޮޓަރިތެރެ އެއްވަސް ވެފައިވަނީ އަރާމު ވަހަކުންނެވެ. ފިނިހޫނުމިން އެއްވަރެއްގައި ހުރިއިރު ކަންފަތްދަށުގައި މީހަކު ނާނާއެއް ކިޔާދޭކަހަލަ އަރާމު އިހުސާސެއް ވަމުން ދިޔައެވެ.
"ވަރަށް ރީތި" އާވާ ބުނެލިއެވެ.
"އެވީ! މިރެއަކީ އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ރޭ. މިރޭ މިއީ އެވީއަށް ވަރަށް ހާއްސަ ރެއެއް. އަހަރެން ބޭނުން ދުވަހަކުވެސް އެވީ ހަނދާން ނުނެތޭނެވަރުގެ ރެއަކަށް މިރޭ ހަދަން" މާހިލް ބުނެލިއެވެ. އޭނާ އާވާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިއަށް ހިނގައިގަތެވެ. އެނދުގައި އާވާ ބޭންދުމަށްފަހު އަލަމާރި ކައިރިއަށް ގޮސް ދެން އައީ އެތެރެ ނުފެންނަ ބޮޑު ކޮތަޅެއް ހިފައިގެންނެވެ.
"މިއީ އަހަރެންގެ ފަރާތުން އެވީއަށްދޭ ކައިވެނީގެ ހަދިޔާ" އެނދުމަތީގައި އާވާ ބޭންދުމަށްފަހު މާހިލް އިށީނީ އާވާގެ ދެފައި ކައިރީގައި ތިރީގައެވެ. އޭނާ ކޮތަޅުން ނެގި ރަން ދެ ތަނޑިގަނޑު އާވާގެ އަތުގައި އެޅުވިއެވެ. އެއް ތަނޑިގަނޑުގައި އަރަބި ބަހުން އޭނާގެ ނަން އިންއިރު އަނެއް ތަނޑިގަނޑުގައި އާވާގެ ނަމެވެ.
"އަހަރެމެންގެ ދިރިއުޅުން އަހަރެމެން ފަށާނީ މާތްﷲ އަށްޓަކައި ކުރެވޭ ސުންނަތުގެ ދެ ރަކްޢަތް ނަމާދަކުން. އެހެންވެ މިއީ އަހަރެންގެ ފަރާތުން އެވީއަށް ދޭ އިތުރު ހަދިޔާއެއް" ކޮތަޅު އާވާގެ ދެއަތް ތެރެއަށް ލަމުން މާހިލް ބުނެލިއެވެ. އާވާ ކޮތަޅަށް ބަލައިލުމަށްފަހު އެތެރޭގައި އިން ފޮށި ނެގިއެވެ. އޭތި ހުޅުވާލިއިރު އެންމެ މަތީގައި އޮތީ ކަޅު ކުލައިގެ ދެ ފައި އުރައާއި ސާފު ހުދުކުލައިގެ ނަމާދު ދޮޅިއެކެވެ. އެންމެ ދަށުގައި ކަނޑު ނޫކުލައިގެ މަހްމާޖެހި މަޑުމަޑު މުސައްލައެއް އޮތެވެ.
"އެހެންވީމަ އަވަހަށް ރެޑީވެލާ" އާވާގެ އަތްތިލައަށް ފިތާލަމުން މާހިލް ބުނެލިއެވެ.
މާހިލް އެނދުގައި އިށީނުމުން އާވާ މަޑުމަޑުން ހިނގާފައި ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. އޭނާ ގޭތެގައި ނަމާދުކުރަން ލާ ކަޅު ކުލައިގެ ހެދުން ހިފައިގެން މަޑުކޮށްލައިގެން ހުރީ ފާހާނާއަށް ދާން ނުކެރިފައެވެ. އޭނާއަށް އެތަނުގައި މާހިލް ކުރިމަތީގައިވެސް ބަދަލުކުރަން ނުކެރުނެވެ. އެނދުގައި އާވާގެ ހަރަކާތްތަކަށް ބަލަން އިން މާހިލްއަށް ވިސްނުނެވެ. އޭނާ އާވާ އާ ދިމާލަށް ހިނގާފައި ގޮސް ހުއްޓުނީ އާވާގެ ކުރިމަތީގައެވެ. އާވާ އަޅައިގެން ހުރި ބުރުގަލަށް ޖަހާފައިވާ ޕިންތައް ނައްޓުވަމުން މާހިލް ދިޔައިރު އާވާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
އިސްޖަހާލައިގެން ހުރި އާވާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލަމުން މާހިލް އުފުލާލިއެވެ. އެސްފިޔަތައް އުފުލާލަމުން އާވާ މާހިލްގެ މޫނަށް ބަލައިލިއެވެ.
"އެވީ މިހާރު މިވަނީ ހުރިހާ ކަމެއް ބަދަލުވެފައި. އެވީއަށް އެއްވެސް ކަމަކަށް މަޖުބޫރެއްނެތް" އާވާގެ ދެލޮލާއި އޭނާގެ ދެލޯ އަމާޒުކޮށްލަމުން މާހިލް ބުނެލިއެވެ. އޭނާ އާވާގެ ބޮލާއި ބުރުގާ ވަކިކޮށްލިއެވެ. ދޫކޮށް ތިރިއަށް ހުޅިއެއް ޖަހާފައިވާ އާވާގެ އިސްތަށިގަނޑުގައި ވަނީ ކަޅާއި މުށިކުލައެއް އެކުލެވިފައެވެ. ދޮން މޫނުގެ ދެފަރާތުން ކަންހުޅީގައި ހުރި ކުދި އިސްތަށިތައް ބޮލެވެ. އޭނާގެ މޫނުގައި އަޖައިބެއްކަހަލަ އުޖަލާކަމެއް އެކުލެވިގެންވެއެވެ. އާވާއަށް މާހިލް އާ ހަތަރުކަޅި ހަމަކުރަން ނުކެރުނެވެ. އޭނާގެ މޭގެ ތެރޭގައިވާ ހިތް ރޯމަހެއް ތެޅޭހެން ތެޅެމުންދާކަން އިހުސާސްވަނީ އެކަނި އޭނާ އަށެވެ.
މާހިލް އާވާގެ ފުރަގަހުން އަތް ގެންގޮސް އާވާ ލައިގެން ހުރި ހެދުމުގެ ފަހަތުގައި އިން 'ސިއްރު ޒިޕް' ތިރިއަށް ކަހާލިއެވެ. އެއާއެކު އާވާގެ ހިމަ ހަށިގަނޑުން ހެދުން ތިރިއަށް ސޮހިގެން ދިޔައެވެ. އެއާއެކު އާވާއަށް މޫނުގައި ދެއަތް އަޅާ ފޮރުވާލެވުނެވެ. އާވާގެ އެ އަމަލުން މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް އޭނާ އިތުރަށް އާވާ ލަދުގަންނަވަން ބޭނުންނުވިއެވެ. މިހާރުވެސް އެކުއްޖާ ހުރީ ކިރިޔާއެވެ.
"އަވަހަށް ދޭ ރެޑީވެލައިގެން އަންނަން" އަލަމާރިން ނެގި ރަތްކުލައިގެ ތުވާއްޔަކުން އާވާގެ ހަށިގަނޑު ނިވާކޮށްލަމުން މާހިލް ބުނެލިއެވެ.
އާވާ ފާހާނާއާއި ދިމާލަށް ހިނގައިގަތުމުން މާހިލް ގޮސް އިށީނީ އެނދުގައެވެ. އޭނާ ދެފައިމަތީގައި އުޅަނބޮށި ވިއްދައިލަމުން ދެއަތުން މޫނު ފޮރުވާލިއެވެ. އެއްވެސް ސަބަބަކާނުލާ އޭނާގެ ދެލޮލުން ކަރުނައެއް ވެއްޓިއްޖެއެވެ. އޭނާ ހީލަމުން ތެދުވެ ހިނގައިގަތެވެ. އޭނާއަށް އެ ޙަޤީޤަތް ޤަބޫލުކުރިއެވެ. އާވާދެކެ އޭނާއަށް ލޯބިވެވުނީ ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭނާގެ ނަފްސަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އެކަނިވެރިކަން އާވާ ދުރުކޮށްދީފިއެވެ. އަންހެންކުއްޖަކާއެކު ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަމަށް އޭނާ ހީކޮށްފައެއް ނެތެވެ. އެހެންނަމަވެސް ހެއްދެވިފަރާތަށް އޭނާ ހުއްޓުމެއްނެތި ކުރަމުން އައި ދުޢާތައް މިވަނީ އެކަލާނގެ އިޖާބަކޮށްދީފައެވެ.
އާވާ ފާހާނާއިން ނިކުތްއިރު މާހިލް ހުރީ ކޮޓަރިން ނިކުމެވޭ ބެލްކަނި ކައިރީގައި ކޮޅަށެވެ. އޭނާ ފަހަތަށް ބަލައިލީ އާވާ ނިކުތްކަން އިނގުމުންނެވެ. މާހިލްއަށް ހިނިތުންވުމެއް ދިނުމަށްފަހު އާވާ އަލަމާރި ކައިރިއަށް ޖެހިލިއެވެ. އޭނާ އަލުން އެނދު ކައިރިއަށް އައިރު މާހިލް ލައިގެން ހުރި ގަމީސް ބާލާފައި ތުވާލި ހިފައިގެން ފާހާނާއަށް ވަދެއްޖެއެވެ. ޑްރެސިންގޓޭބަލް ކައިރީގައި ހުއްޓުމަށްފަހު އޭނާ އިސްތަށިގަނޑު ތިރިއަށް ދޫކޮށްލިއެވެ. އުނަގަނޑާއި ހަމައަށް އޮންނަ ދިގު އިސްތަށިގަނޑެކެވެ. ފަތުރާލާފައިވާއިރު އާވާގެ ސިފަ އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.
މާހިލް ނިކުމެގެން އައިސް ކޮޓަރި ތެރެއިން ނަމާދުކުރާ ދިމާލުގައި އޭނާ ނަމާދުކުރަން ގެންގުޅޭ މުސައްލަ އަޅައިލިއެވެ. އޭރު އާވާ ހުރީ ދޮޅިއަޅާ ނަމާދަށް ތައްޔާރުވެގެނެވެ. އެއަށްފަހު އާވާއަށް މުސައްލަ ފަތުރަންވީ ދިމާ ދައްކާލިއެވެ. އިސާހިތަކު ދެމަފިރިން ނަމާދުކުރަން ފެށިއެވެ. އާވާ ހުރީ މާހިލްއަށް ވުރެ ފަހަތުގައެވެ. ސަލާން ދިނުމަށްފަހު މާހިލް އާވާގެ ބޮލުގައި އަތް އެޅިއެވެ. ލޯބިވާ އަނބިމީހާ ހެޔޮދުޢާ ކުރިއެވެ. ސައިޑް ކަބަޑުމަތީގައި ބަހައްޓާފައި ހުރި ކިރުތަށީގެ މަތި ނެގުމަށްފަހު މާހިލް ދެތިން ކޯވަރު ބޯލިއެވެ. ބާކީބައި އޭނާގެ އަތުން އާވާއަށް ބޯންދިނެވެ. ލޯތްބާއެކު އާވާގެ މޫނުގައި ފިރުމާލިއެވެ.
އާވާ ގޮވައިގެން ގޮސް މާހިލް އެނދުގައި އޮށޯވެލިއެވެ. އޭނާ އާވާގެ ހަށިގަނޑު އޭނާ އާ ގާތްކޮށްލިއެވެ. އެއް ފަރާތުން އަތް ގެންގޮސް ބެޑްލައިޓްގެ އަލި ފަނޑުކޮށްލިއެވެ.
"އެވީ...! އަހަރެންގެ މުޅި ދިރިއުޅުން މިހާރު ހިއްސާކުރަން ހުރި ހަމައެކަނި ފަރާތަކީ ތިއީ. އަހަރެންގެ އުޅުމަށް ބަދަލެއް އަންނަހެން އެވީއަށް ހީވިއްޔާ އަހަރެން ކައިރީގައި ބުނާތި. އަހަރެން އެވީ ހިތްހަމަޖެހޭކަހަލަ މީހަކަށް ވެވޭތޯ މަސައްކަތްކުރާނަން" މާހިލް ވާހަކަދެއްކިއެވެ.
"އަހަރެންވެސް ސަރ ހިތްހަމަޖެހޭކަހަލަ އަންބަކަށްވެވޭތޯ މަސައްކަތްކުރާނަން" އާވާ ބުނެލިއެވެ.
"މިހާރު މިއީ ސަރ އެއް ނޫން. މާހިލް. މާލް ކިއިޔަސް މައްސަލައެއްނެތް" ހީލަމުން މާހިލް ބުނެލިއެވެ. އާވާއަށް ހެވުނެވެ.
"ސަރ މާލްއަށް ބަދަލުކުރަން ކުޑަދުވަސްކޮޅެއް ނަގާނެ" އާވާ ބުނެލިއެވެ.
މާހިލް އާވާގެ މޫނަށް ބަލައިލިއެވެ. މާހިލް ބަލައިލިކަން އެނގުމާއެކު އާވާ ނަޒަރު ބަދަލުކޮށްލިއެވެ. އޭނާ އެސްފިޔަތައް ތިރިކޮށްލި މަންޒަރު ފެނުމުން މާހިލް ކައިރިއަށް ހިނިއައެވެ. އޭނާ އާވާގެ ހަށިގަނޑު ދަށުން އަތް ގެންގޮސް އާވާގެ ބުރަކަށީގައި ވަށާލާފައި އިތުރަށް ގާތްކޮށްލިއެވެ. އާވާގެ މޫނުގައި ބޮސްދޭން ފެށިއެވެ. އެފަދަ ވަގުތުކޮޅަކަށް އޭނާ ކިހާ އިންތިޒާރެއް ކޮށްފި ހެއްޔެވެ؟
"ވަރަށް ވަރަށް ލޯބިވޭ އެވީ. މިކަހަލަ ގޮތަކަށް ދުވަހަކުވެސް އަންހެންކުއްޖަކަށްޓަކައި އަހަރެންގެ ހިތުގައި ވިންދެއް ޖަހާފައެއްނުވޭ. އެވީ ހުރިހާ ގޮތަކުންވެސް ތަފާތު" މާހިލް ވައި އަޑުން އާވާގެ ކަންފަތް ދަށުގައި ބުނެލިއެވެ. އޭނާ އާވާގެ ހަށިގަނޑުގައި ދެފަރާތުން ހިފައިލުމަށްފަހު ނަގާ އޭނާގެ މޭމަތީގައި ބާއްވައިލިއެވެ.
"އެބައިވޭތަ އަހަރެންގެ ހިތުގެ ތެޅުމުގެ އަޑު" މާހިލް ބުނެލިއެވެ. އާވާ މާހިލްގެ މޭމަތީގައި އަތް ވިއްދާލުމަށްފަހު މާހިލްއަށް ބަލައިލިއެވެ.
"މި ހިތް އެތެޅެނީ ހަމައެކަނި ތި އަންހެންކުއްޖާއަށްޓަކައި" މާހިލް ބުނެލިއެވެ. އޭނާ ތެދުވެ އާވާ އެނދުގައި ބޭއްވުމަށްފަހު އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއެކު އާވާގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އޭނާއަށް ރަނގަޅަށް ނޭވާލެވޭ ކަމުގައިވެސް ޝައްކެވެ. ނޭވާ އަވަސްވެ މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. މުޅި ހަށިގަނޑު ފިނިވެއްޖެއެވެ.
"އެވީ! އަހަރެން އެވީއަށް ވަރަށް އިތުބާރުކުރަން. ދިރިއުޅުމުގައި ދުވަހަކުވެސް ތެދުވެރި ލޯތްބެއް އަހަރެންނަށް ނުލިބޭނެކަމަށް ނިންމައިގެން ހުރީ. އެކަމަކު ދުޢާ ކުރުމުގައި ދެމިހުރިން. ދާނެ އެއްވެސް ދިމާލެއް ނޭނގި މޮޔައެއްގެ ގޮތުގައި މުޅި ދުނިޔެއަށް ގިނަވާން ކައިރިވެފައި ވަނިކޮށް ހެއްދެވިފަރާތުން އަހަރެންނަށް ދެއްވި ނިޢުމަތެއް ތީ" މާހިލް ވާހަކަދައްކަމުން ދިޔައެވެ. އާވާ މާހިލްގެ ދެލޮލަށް ބަލަހައްޓައިގެން އޮތެވެ.
"އަހަރެން ހިތްހަމަޖެހޭ ހުރިހާ ސިފަތަކެއް އެވީގެ އެބަހުރި" މާހިލް ބުނެލިއެވެ. އާވާގެ ކުޑަކުޑަ ދެއަތް ތިލައިން މާހިލްގެ މޫނުގެ ދެފަރާތުގައި ހިފައިލިއެވެ. އަދި އޭނާގެ މޫނު ކައިރިކޮށްލުމަށްފަހު މާހިލްގެ ނިތުގައި ބޮސްދީފިއެވެ. އާވާ އެކޮށްލި ހިތްވަރު މާހިލްއަށް ވަރަށް ކަމުދިޔައެވެ.
"އަޅުގަނޑުވެސް ވަރަށް ލޯބިވޭ" ނުކެރިފައި އޮވެވެސް އާވާ އޭނާގެ ހިތުގެ ޝުޢޫރު މާހިލްގެ ކުރިމަތީގައި ފާޅުކޮށްލިއެވެ.
"އަހަރެން ވަރަށް އަވަހަށް ބޭބީއެއް ބޭނުން. އިނގޭ އެވީގެ އުމުރު އަދި ވަރަށް ހަގުކަން. އެވީގެ ރުހުމާއެކު އަހަރެން ބޭނުންވަނީ" މާހިލް ބުނެލިއެވެ. ލަދުން އޮވެވެސް އާވާ ބޯޖަހާލި މަންޒަރު ފެނުމުން މާހިލް ކައިރިއަށް ހިނިއައެވެ.
"އަހަރެން އެވީއަށް އަނިޔާއެއް އިހުސާސްވާގޮތަށް އެއްވެސް ކަމެއް ނުކުރާނަން އިނގޭ. ގަސްދުގައިވެސް އަދި ނޭނގުމުގެ ތެރެއިންވެސް މާތްﷲ ގެ އިރާދަފުޅުން ދުވަހަކުވެސް އަހަރެން އެވީއަށް އަނިޔާއެއް ނުކުރާނަން" މާހިލް ވާހަކަދެއްކިއެވެ.
ހެއްދެވިފަރާތަށްޓަކައި ލޯބީގެގޮތުން ގުޅިގެން ދުވަސްތައް ހޭދަނުކޮށް ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނު ދެހިތް މުޅިން އާ ދުނިޔެއަކަށް ގެންގޮސްދީފިއެވެ. ދެ ހިތުން އެއް ވިންދެއްޖަހަމުން އެއް ލަވައެއް ކިޔަން ފަށައިފިއެވެ. ހިމޭން ދުނިޔެއަކުން ދެހިތް އެއް މަންޒިލަކަށް ދިޔުމަށް ދަތުރު ފަށައިފިއެވެ. ދެމެދުގައި ލެވިފައިވި ލަދުގެ ފަރުދާތައް ހިއްލި ދެހިތުން ދެހިތަށް ޚިދުމަތް ކުރަން ފަށައިފިއެވެ. ދެހިތުގައި ދެހިތަށްޓަކައި އުފެދިފައިވި ވަރުގަދަ ލޯބި އިތުރަށް ފުންކޮށްދެމުންނެވެ. މުޅިން ތަފާތު ލޯތްބެކެވެ.
އާދައިގެމަތިން އަނުމް ފަތިސް ނަމާދަށްފަހު ބަދިގެއަށް ދިޔައީ ހެނދުނުގެ ސައި ތައްޔާރުކުރާށެވެ. ބަދިގެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަނުމްއަށް ތިރި ބަލައިލެވުނީ މުޅި ބަދިގެ ތެރޭގައި ފެންބޮޑުވެފައި ހުރުމުންނެވެ. އޭނާ ބަލައިލިއިރު ކުޑަދޮރު ހުރީ ނުލައްޕައެވެ. ރޭގައި ކުރި ވިއްސާރައިގައި ކުޑަދޮރުން ފެން ބުރުއްސާފައި ހުރުމުގެ ސަބަބުން ބަދިގެ ބޮޑުބައި ވަނީ ފެންބޮޑުވެފައެވެ. ލައިގެން ހުރި ދިގު ހެދުމުގެ ހަރުވާޅު ކުޑަކޮށް މައްޗަށް އޮޅާލުމަށްފަހު ބޭރު ގޯއްޗަށް ނިކުންނަން އުޅުނީ ފެންހިއްކާނެ ސާމާނު ބަލާ ދާށެވެ. ނަމަވެސް މަޑުޖެހުނީ ބަދިގެއާއި ދިމާލަށް އަންނަ އާރިޔަން ފެނުމުންނެވެ. ވަގުތުން އަނުމްގެ މޫޑް ގޯސްވިއެވެ. ނަސީބުދެރަކަމުން އަބަދުވެސް ދުވަސް އޭނާ ފަށަންޖެހެނީ އެންމެ ފޫހިވާ އިންސާނާގެ މޫނު ފެނުމަށް ފަހުގައެވެ. ފެންގަނޑަށް އެރެވުމާއެކު އާރިޔަން ކައްސައިލިއެވެ. ނަމަވެސް އައިސްއަލަމާރީގައި ދެއަތް ވިއްދާ ތިރީގައި ޖެހުމުގެ ކުރިން އޭނާ ހަށިގަނޑު ބެލެންސްކޮށްލިއެވެ.
"ވަދެގެން އައިރުވެސް ނުފެނޭތަ؟ އަދިވެސް މޫނުމަތީގައި އޮތް ބާލީސް ނުނަގަންދޯ" ބާލިދީއަކާ މޮޕާއި ހިފައިގެން އައިސް ހުއްޓުނު އަނުމް ބުނެލިއެވެ. އާރިޔަން ފަހަތް ބަލައިލީ އަނުމްގެ އަޑު އިވުމުންނެވެ.
"އަނުމްގެ ހިތަށް ތަދުވީތަ؟" އާރިޔަން ބުނެލިއެވެ.
"އައްޗީޑި. ވެއްޓި ތަނެއް ބިންދައިގެން ދިޔަނަމަ ރަނގަޅީ" އަނުމް ބުނެލިއެވެ. އެވަގުތު އާރިޔަންގެ މޫނުމަތިން ތަފާތު ކުލަވަރެއް ފެނުނުކަން ޔަގީނެވެ. އޭނާގެ ނަޒަރު އަނުމްގެ ފަޔަށް ހުއްޓުމާއެކު އަނުމް އަވަސް އަވަހަށް ގުދުވެ ހަރުވާޅުން އޮޅާލާފައިވާ ބައި ނިއުޅުވާލިއެވެ.
"ހަންޑިއެއްހެން ކުރިމަތީގައި ބަލަން ނުހުރެ ދުރަށްދާންވީ. އަހަރެން މިތަން ސާފުކުރަންވެއްޖެ" އަނުމް ރުޅިވެރިކަމާއެކު އާރިޔަންއަށް ބަލައިލަމުން ބުނެލިއެވެ.
"ނުދާނަން. މިއީކީ އަނުމްއަށް ރަޖިސްޓްރީކޮށްފައި އޮތް ތަނެއް ނޫން އަނުމް ބުނާއިރަށް އަހަރެން ދުރަށްދާން" އާރިޔަން ބުނެލިއެވެ.
"ފުރޭތައަށް ތިހުރީ އޮޅިފައި. ލިޔުމުގައި ސޮއިކޮށްފައި ނެތްކަން. ފުރޭތައިގެ މަންމަ މިތަން މަށަށް ރަޖިސްޓްރީ ކޮށްދީފި އަހަރެންގެ އުމުރުން އެންމެ ނުވަ އަހަރުގައި" އަނުމް ވާހަކަދެއްކިއެވެ. އާރިޔަން އަނުމްއަށް ބަލައިލާފައިވެސް ވަކި ޖަވާބެއް ނުދިނެވެ. އެހެނީ އަނުމް އެބުނީ ތެދެއްކަން އޭނާއަށް އިނގެއެވެ. ބަދިގޭ މަސައްކަތްތައް އަނުމް ދަސްކުރީ ވަރަށް ޅަ އިރުގައިކަން އޭނާއަށް އިނގެއެވެ. އެއްވެސް ސަބަބެއްނެތި އަނުމް އޭނާއަށް ކުރާ ނަފްރަތަކީ ޙައްޤު ނަފްރަތެއްކަން އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް އިންސާނާގެ ހިތަކީ ލޭތަކެއްގެ ތެރޭގައި ވިންދުޖަހަމުންދާ ނާޒުކު މަސްކޮޅަކަށް ވިތީ އަނުމް ރައްދުކޮށްލާ ވިހަގަދަ ބަސްތަކުން އޭނާގެ ހިތުގައި ކޫރުންއެޅޭ ފަހަރު އާދޭއެވެ.
"ހެނދުނު ހެނދުނާ އަނުމްގެ ތި ބަނދިވަރު އަޑުއަހަން އަހަރެންގެ މޫޑެއްނެތް. ކޮފީ ހަދައިގެން އަހަރެން ހިނގައިދާނަން. އަނގަމަޑުން ލައިގެން ހުރީމަ އަހަރެންގެ ހަރަކާތްތައް އަވަސްވާނީ" އާރިޔަން ފެންތަކުގެ ތެރެއިން ބަލައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. އަނުމް ދެ ލޯ އަޅައިގެން އާރިޔަންއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އާރިޔަން އޭނާގެ ލޯމަތިން ނުގެއްލެނިސް އެއްވެސް މަސައްކަތެއް ކުރަން އޭނާ ބޭނުމެއްނުވިއެވެ.
އިރުކޮޅަކާ އަނުމް އާރިޔަންއަށް ބަލައިލަނީ ގަސްދުގައި އާރިޔަން ލަސްކުރާހެން ހީވުމުންނެވެ. ތުނބުން ރީތި ދިވެހި ލަވައެއްގެ ރާގު އަޅުވައިގެން ހުރެ އާރިޔަން ކޮފީ ހަދަމުން ދިޔައެވެ. ފެން ހޫނުކުރާ ޖަގު އެ ހުރި ތަނުގައި ބަހައްޓާފައި އުނދުން ކައިރީގައި ހުރި އާވި އަރަމުންދިޔަ ކޮފީތަށި ހިފައިގެން ނިކުންނަމުން މަޑުޖެހިލީ އަނުމް އާ ހަމައިގައެވެ. އަނުމް ބަލައިލުމާއެކު ކޮފީތަށި ނޭފަތާ ކައިރިކޮށްލާފައި ނޭފަތް އެތެރެއަށް ދަމައިލިއެވެ.
"ފުއްޕާ ހަމެއްހެން ފުފިފަ ނީނދެ ނިކަން މީގެ ވަސްބަލާލަބަލަ. އޭރުން މައިތިރިވެދާނެ" އާރިޔަން ބުނެލިއެވެ. އަނުމް މޫނު އަނބުރާލިއެވެ.
"މިގަޑީގަ އެތާ ބޭރު ޖޯލީގައި އިނދެ މިކަހަލަ ކޮފީއެއް ބޯލީމަ ވަރަށް ސަޅިވާނެ. މޫސުން ކިހާ ސަޅި. އަހަރެން ބޭނުމީ އަނުމް ކައިރީގައި ބައިންދައިގެން ކޮފީބޯން. ބޭނުންތަ؟ އަހަރެން ކޮފީ ހަދައިދެންތަ؟" އާރިޔަން ބުނެލިއެވެ.
"އައްޗީޑި. މަ އެބައުޅެންތަ. ހަމަ މިހާރު މަގޭ ކުރިމަތިން ދުރަށް ދާންވީ" އަނުމް ހަޅޭއްލަވައިގަތެވެ.
އޭނާ އެންމެ ރުޅިއައީ އާރިޔަން ހެމުންހެމުން ބަދިގެއިން ނިކުތުމުންނެވެ. އިރުކޮޅަކު ގޮނޑިން ނުތެދުވެ އިނީ ފަހަތުގައި އާރިޔަން ހުރި ކަމަށް ހީކޮށްފައެވެ. އިތުރަށް އެމޫނު ބަލަން ބޭނުންނުވާތީއެވެ. އިރުގަނޑަކަށްފަހު އޭނާ ފަހަތް ބަލައިލިއިރު އާރިޔަން ފެންނާކަށްނެތެވެ.
އަނުމް ގޮނޑިން ނުތެދުވެ އިނދެ އެއްފަހަރު އެތެރެއަށް ނޭފަތް ދަމާލައިފިއެވެ. އާރިޔަން ހަދައިގެން ދިޔަ ކޮފީގެ މީރުވަސް އަދިވެސް ބަދިގެ ތެރޭގައި ވަނީ ހަރުލާފައެވެ. އިސާހިތަކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެކަހަލަ ކޮފީއެއް ބޯލުމަށް ހިތްއެދުނެވެ. ފެން ހިއްކަން ގެނައި ސާމާނުތައް ބަހައްޓާފައި އޭނާ ކޮފީއެއް ހަދަން އުޅުނެވެ. ޖަގުގައި އާރިޔަން ބޭނުންކޮށްފައި ބާކީ ހުރި ފެންތައް އުކާލިއެވެ. އޭނާ ޖަގަށް އެޅީ އާ ފެނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮފީތައްޓެއް ހިފައިގެން ގޮސް މޭޒު ކައިރީގައި އިށީނެވެ. އޭނާއަށް ނޭނގުނީ ހުޅުވާލާފައިވާ ކުޑަދޮރުން ބޭރުގައި އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހެވިފައި އާރިޔަން ހުރި ކަމެވެ.
ފަތިސް ނަމާދަށްފަހު އިރު އަރަންދެން އާވާ ޤުރުޢާން ކިޔަވަން އިނެވެ. މާހިލް އިރުކޮޅަކު ޤުރުޢާން ތަރުޖަމާއެއް ހިފައިގެން އިނުމަށްފަހު މިހާރު އޮތީ ނިދިފައެވެ. ކުޑަ އިރުކޮޅަކު ތާއްޔާޖެހިފައި އިން އާވާ ސިހިފައި ދެލޯ ހުޅުވާލީ ސައިޑްކަބަޑު މަތީގައި އޮތް އޭނާގެ ފޯނަށް މެސެޖެއް އައުމުން ވައިބްރޭޓްވި އަޑަށެވެ. އޭނާ ޚަތިމު ގެންގޮސް އަލަމާރިއަށް ލާފައި އެނދު ކައިރީގައި ހުއްޓި ނިދިފައި އޮތް މާހިލްއަށް ބަލައިލިއެވެ. މޫނުމަތީގައި އަދިވެސް ވަނީ ޒުވާންކަމެވެ. އަލިކަޅު ކުލައިގެ މޫނަށް ބަލަހައްޓައިގެން ކިތަންމެ އިރެއް ވަންދެންވެސް އެގޮތުގައި އޭނާ ހުރެފާނެއެވެ. ރޭގައި ދެމީހުންގެ މެދުގައި ހިނގައިދިޔަ ކަންތައްތައް މަތިން ހަނދާންވެފައި އާވާގެ ތުންފަތަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އިރުކޮޅަކު މާހިލްއަށް ބަލަހައްޓައިގެން ހުރުމަށްފަހު މާހިލްގެ ބޮލާއި ދިމާލުން އިށީނދެލިއެވެ. އަދި ތުނބުޅިއާއެކު މާހިލްގެ ކަނދުރާއާއި ހަމައަށް އޮތް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
"ވަރަށް ވަރަށް ބޮޑަށް ލޯބިވޭ މާހިލްދެކެ. އަދި ރޭގެފަހުން މިލޯބި އެތައް ތަނެއް އިތުރުވެއްޖެ" އާވާ ބުނެލިއެވެ. ހޭލާ އޮތް މާހިލް ކުޑަކޮށް ދެލޯ ހުޅުވާލާފައި އާވާއަށް ބަލައިލިއެވެ. ހިނިތުންވެލައިގެން އިން އާވާ ބަލައިލަންވާއިރަށް ދެލޯ މަރައިފިއެވެ. ގުދުވެ މާހިލްގެ ނިތުގައި ބޮސްދީފައި އޭނާ ހިނގައިގަތެވެ. ފިރިމީހާ ހޭލަން ވާއިރަށް ސައި ހެދުމަކީ މިހާރު ކޮންމެހެންވެސް އޭނާ ކުރަންޖެހޭ ކަމެކެވެ. އޭނާ ދޮރު ހުޅުވާލިއިރު ޓޮމީ އޮތީ ކޮޓަރި ދޮރުމަތީގައި ބަނޑު ޖަހާލައިގެންނެވެ. ހީވާގޮތުން މާހިލް ނުފެންނަތާ ގިނައިރުތަކެއް ވުމުން އެސޮރު މާހިލް މަތިން މާބޮޑަށް ހަނދާންވީއެވެ. އާވާއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރުނެވެ. ކުއްލިއަކަށް ދޮރުލައްޕަންވެސް ނުކެރުނެވެ. އެސޮރު ހަށިގަނޑު ހިއްލާލާ މޯޅިއަކަށް ދެމިލަން ތައްޔާރުވި ވަގުތު އާވާއަށް ހީވީ މުޅިން އެހެން އެއްޗެކެވެ.
(ނުނިމޭ)