އެންމެ ކައިރިން ބޭސްފިހަރާއިން ލިބުނު ބޭސްތައް ހިފައިގެން އޭނާ ގެއަށް ވަންނަން އުޅުނު ވަގުތު ހުއްޓެވުނީ އޭނާގެ ހަރަކާތްތަކަށް މީހަކު ފާރަލަމުންދާހެން ހީވުމުންނެވެ. ފަހަތް ބަލައިލިއިރު ތަންކޮޅެއް ދުރުގައި މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެއް ހުރިތަން ފެނުނެވެ. އާވާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ގެއަށް ވަންނަން ހިނގައިގަތުމަށްފަހު ކުއްލިއަކަށް އެނބުރި ބަލައިލީ އެމީހާ ހަރަކާތްކޮށްލިހެން ހީވުމުންނެވެ. އޭނާ ހައިރާންވީ އެމީހާ ނިޝާނެއްވެސް އެހިސާބުން ފެންނަން ނެތުމުންނެވެ.
މެންދުރުފަސްވެސް ޑިޔުޓީ ނިމެން އުޅުނު ވަގުތު އޮފީސް ތެރެއަށް ހީވީ ބޮމެއް ވައްޓާލި ހެންނެވެ. އަތަށް ލިބުނު ދަޢުވަތު ކާޑަށް ބަލަހައްޓައިގެން ޙަމްނާއާއި ސުހާ ތިބިއިރު ބުނާނެ އެއްވެސް ބަހެއް އެކަކުގެ ދުލަށްވެސް ނައެވެ. އޭގައިވާ އިބާރާތްކޮޅު ކިޔާލެވުނީ އަދިވެސް ޤަބޫލުކުރަން ދަތިވި ވަރުންނެވެ. ހުވަފެނެއްކަމަށް ހީކޮށް އެއްކުއްޖެއް އަނެއް ކުއްޖެއް އަތުގައި ވިކައިވެސް ލައިފިއެވެ. އެއް އަޑަކަށް އޮފީސް ތެރޭގައި ދެކެވެމުން ދަނީ މާހިލްއާއި އާވާގެ ކައިވެނީގެ ވާހަކައެވެ. ޕާޓީއަށް ދާއިރު އެންމެން އެއްކުލައިން ހެދުން ލާން ވާހަކަދެކެވެން ފެށުނެވެ. ޖަވާބެއް ނުދެވިފައި ތިބީ ޙަމްނާ އަދި ސުހާއަށެވެ.
"މިއީ ޖޯކެއް. އަހަންނަކަށް ހިއެއްނުވޭ" ސުހާއާއި ޙަމްނާ ބައްދަލުކުރީ ފާހާނާ ތެރެއިންނެވެ.
"ތިއީ ޖޯކެއްނޫން. މިހާރު ހުރިހާ އެއްޗެއް މަށަށް ވިސްނިއްޖެ. އެ އާވާ ސަރ ގެ ކެބިން އިން އެވަރަށް ފެނުނީ އެދެމީހުން ރައްޓެހިވެގެން އުޅޭތީ. އަވަހެއްނު. ޔަޤީން މިހާރު ނުކުރާކަމެއް ނޯންނާނެކަން" ސުހާ ވާހަކަދެއްކިއެވެ.
މެންދުރުކާން ނުދެވުމުގެ ސަބަބުން އޮފީސް ނިންމާލިއިރު މާހިލް ހުރީ ވަރަށް ބޮޑަށް ކާއެއްޗަކަށް ބޭނުންވެފައެވެ. އޭނާ އޮފީހުން ނިކުމެ ޝާނިމްއަށް ގުޅައިލީ ބޭރުން ސައި ބޮއެގެން ގެއަށް ދާށެވެ. ނަމަވެސް އޮފީސް ނިމުމުގެ މާކުރިން ޝާނިމް ނިކުތީ ރަށުން ފޮނުވި އެއްޗެހިތަކެއް ބަލައޭ ބުނެފައެވެ.
"ގޭގައި އަހަރެން ވަރަށް މީރު ސައެއް ހަދައިފިން. އާދޭ..." މާހިލްއަށް ޝާނިމް ޖަވާބުދިނެވެ. ތަނަކަށް ސައިބޯން ދިޔުމުގެ ބަދަލުގައި މާހިލް މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. އޭނާ ކާރަށް އަރާ ނައްޓަލަން އުޅުނު ވަގުތު އޮފީސް ކައިރިއަށް މަޑުކޮށްލި ރިޒާގެ ސައިކަލް ފަހަތަށް އާވާ އަރާ އިށިންތަން ފެނުނެވެ. ދެކުދިންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ދެމެދުގައި ބަދަލުކޮށްލީ މާނަފުން ހިނިތުންވުމެކެވެ.
ކާޑު ޖަހާލާފައި ގެއަށް ވަދެގެން ދިޔަ މާހިލްއަށް ގޭތެރެއަށް ބަލަހައްޓައިގެން އިނދެވުނީ ދުވަހަކުވެސް ނުދެކޭ ފިރިހެނަކާ ދެ އަންހެނުން ތިބިތަން ފެނުމުންނެވެ. ފުރަތަމަ އޭނާއަށް ހީކުރެވުނީ ނުބައި ގެއަކަށް ވަދެވުނު ކަމަށެވެ. އޭނާ އެނބުރި ނިކުންނަން އުޅެނިކޮށް އެއީ ރަނގަޅު ގެ ކަން އޭނާއަށް އަންގައިދިނީ އޭނާގެ ނަން ޖަހާފައިވާ އަތުގައި އޮތް ކީ ކާޑެވެ. އެ ކާޑުން އިތުރު ދޮރެއް ނުހުޅުވޭނެއެވެ. އެނބުރި ބަލައިލި ވަގުތު ބަދިގެއިން ނިކުމެގެން އައި ޝާނިމް އޭނާއަށް ފެނިއްޖެއެވެ.
"ސަޕްރައިޒް...." ޝާނިމް އައިގޮތަށް އައިސް މާހިލްގެ ހަށިގަނޑުގައި ބައްދައިލިއެވެ.
މާހިލްއަށް ވާނުވާ ނޭނގުނެވެ. ނުދަންނަ ބަޔަކު ގޭތެެރެއިން ފެނުމުން އޭނާ ރަކިވެއްޖެއެވެ.
"މިއީ އަހަރެންގެ މަންމަ އާ ބައްޕަ. ދެން މިއީ އެއްބަނޑު އެއްބަފާ ދައްތަ. އެބައޮތް ވަރަށް ލޯބި ބޭބީއެއްވެސް. އަހަރެންގެ ކޮޓަރީގަ ނިދާފަ އެބައޮތް" ޝާނިމް އޮޅުންފިލުވައިދިނެވެ. މާހިލް ހިތްހެޔޮކަމާއެކު އެ އެންމެންނަށް ހިނިތުންވުމެއް ދިނެވެ.
"ދައްތައާ ބޭބެ ކިހިނެއްތަ؟ ރަނގަޅުތަ ހުރިހާ ކަމެއް. ވަރަށް އުފާވެއްޖެ ބައްދަލުވީމަ" މާހިލް ކުރިއަށް ޖެހިލާ ޝާނިމްގެ ބައްޕަ ހަސަނާ ސަލާންކުރިއެވެ.
"ދައްތަ ބޭބޭ ނުކިޔާ ދަރިފުޅާ. ޝާނިމް ކިޔާގޮތަށް ކިޔާ. ކޮންމެހެންވެސް މިއައީ ދަރިފުޅުގެ ކައިވެންޏަށް. ތިމަންނަގެ އެއްވެސް އާއިލާ މެންބަރެއް މިދުނިޔޭގައި ނެތޭ ހީނުކުރައްޗެ. ތި ދަރިފުޅު ވީ ކޮންމެ ހާލެއްގަ ވާން މި އާއިލާ އަބަދުވެސް އެންމެ ކައިރީގައި ތިބޭނަން" ވާހަކަދެއްކީ ހަސަނެވެ.
"މަންމަގެ ޝާނިމްއަށް އެހީތެރިއަކަށް އެންމެ ބޭނުންވި ދުވަހު މަދަދުގާރެއްގެ ގޮތުގައި އެކަލާނގެ މެދުވެރިކުރެއްވީ ތި ދަރިފުޅު. ދުވަހަކުވެސް ދަރިފުޅު ތިކޮށްދިން ހެޔޮ ކަންތައް މަންމަމެންގެ ހިތުން ފިލައިގެނެއް ނުދާނެ. މާތްﷲ އިރާދަފުޅުކުރެއްވިއްޔާ ދަރިފުޅުގެ ކޮންމެ ހިތާމައެއްގަ އަދި ކޮންމެ އުފަލެއްގަ ބައިވެރިވާން މި މަންމަގެ އެންމެފަހު ވިންދާ ހަމައަށްވެސް ހުންނާނަން" ޝާނިމްގެ މަންމަ ރީނާ ވާހަކަދެއްކިއެވެ. އޭނާ މަޔަކު ފަދައިން މާހިލްގެ ނިތުގައި ބޮސްދީ ބުރަކަށީގައި ފިރުމާލިއެވެ.
އުމުރުން 37 އަހަރު ވެފައިވާ މާހިލްއަށް މައެއްގެ ލޯބި އިހުސާސް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ ހިފަހައްޓަމުން ދިޔަ އިހުސާސްތައް ކޮންޓްރޯން ނުވިއެވެ. ރީނާގެ ދެއަތް ތިލައިގައި އޭނާއަށް ހިފަހައްޓާލެވުނެވެ. އޭނާ ރޮވިއްޖެއެވެ. އޭނާ ބަނޑުއަޅާ ވިހޭ މައިމީހާ މަތިން އިންތިހާއަށް ހަނދާން ވެއްޖެއެވެ. އޭނާ ރީނާގެ ދެއަތް ތިލައިގައި ބޮސްދިނެވެ.
މާހިލްއަށް ރޮވިފައިވި ތަން ފެނުމުން ޝާނިމްގެ ދެލޯ ވެސް ފެންކަޅި ވެއްޖެއެވެ. އޭނާ ކުރިއަށްޖެހިލާ މާހިލްގެ ކޮނޑުގައި ހިފާ އޭނާ އާ ވީ ދިމާލަށް އަނބުރައިލިއެވެ. އަދި އޭނާގެ ފަރާތުން ލިބުނު ހަދިޔާ ރަނގަޅުތޯ އަހައިލިއެވެ. މާހިލް ބޯޖަހައިލަމުން ޝާނިމްގެ ހަށިގަނޑުގައި ބައްދައިލިއެވެ. ޝުކުރުއަދާކުރިއެވެ.
"ހިނގާ އަވަހަށް ސައިބޯން. މަންމަމެން ތިބޭ ހޮޓަލަށް އެއްޗެހިވެސް އަދި ގެންދަންޖެހޭނެ. ވަރަށް މަސައްކަތް އެބަހުރި" ޝާނިމް ވާހަކަދެއްކިއެވެ. ވަގުތުން މާހިލް އެކަން މަނާކުރިއެވެ.
"ދެންމެއެއްނު ބުނީ އެއީ އަހަރެންގެވެސް މަންމައޭ. އެހެންވީމަ އެމީހުން ހުންނާނީ އަހަރެން ހުރި ތަނެއްގައެއްނު. މިތަނުން އެކަކުވެސް މިގެއިން އެހެން ތަނަކަށް ދިޔުމުގެ ހުއްދަ އަހަރެން ނުދޭނަން" މާހިލް ވާހަކަދެއްކިއެވެ.
"އެހެންތަ. މިއީ އަދި އެއްބައި މީހުން. ވަރަށް އަންނަން ބޭނުންވެފަ އެކަމަކު އެކިއެކި ސަބަބުތަކާ ހެދި ނާދެވިފައި ތިބި މީހުން އެބަތިބި. މާލް އާ ބައްދަލުކޮށްލާހިތުން އެންމެން ތިބީ" ޝާނިމް ބުނެލިއެވެ.
"ގެނޭ އަހަރެންނަށް ހެޔޮ މި ގެ ފުރުނަސް" މާހިލް ބުނެލިއެވެ.
"އޭރުން ކޮންތާކު އާވާ ބައިންދާނީ" ޝާނިމް މަޖަލަކަށް ހަދާފައި މާހިލްއަށް އެކަނި އިވޭ ވަރަށް ބުނެލިއެވެ.
"އަހަރެންގެ ދެލޮލުގެ އެސްފިޔަ މަތީގައިވެސް އާވާއަށް އިނދެވޭނެ" މާހިލް ބުނެލިއެވެ.
ދުވަހުގެ ރޭގަނޑެވެ. ރޭގަނޑުގެ ކެއުން ނިންމާފައި ޙާޖަރާއި ރިޒާ ބޭރަށް ނިކުތީ އަނެއް ދުވަހަކީ އާވާގެ ކައިވެނި ކުރެވޭ ދުވަހަށްވާތީ ކޮންމެހެންވެސް ގަނެލަންޖެހޭ އެއްޗެހިތަކެއް ގަނެލުމަށެވެ. އޭނާ އިނީ އަނުމް މިއަންނަނީއޭ ބުނުމުން ކޮޓަރިއަށް ނުވަދެ ސިޓިންގރޫމުގައި މަޑުކޮށްލައިގެންނެވެ.
އޭނާގެ ފޯނަށް މާހިލްގެ މެސެޖެއް ލިބުނީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް ގެއްލިފައި އިންދައެވެ. މާހިލް އޮތީ އެންމެފަހުގެ ތައްޔާރީތަކާ ގުޅިގެން ވާހަކަދައްކާފައެވެ. މާދަމާ ރޭ ހާއްސަ ހަފްލާގައި ހާއްސަ ބަޔަކު އޭނާ އާ ބައްދަލުކުރާނެ ވާހަކަވެސް މާހިލް ބުނެލިއެވެ. އޭނާ އެވަގުތުކޮޅަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރާ ވާހަކަ ބުނެފައި އޮތުމުން އާވާ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.
ދޮރު ބެލް އަޅާލި އަޑު އިވުމުން އާވާ މާހިލް ކައިރީގައި ބިޒީވެއްޖޭ ބުނެލިއެވެ.
ދޮރު ހުޅުވާލުމުގެ ކުރިން އާވާ ބޭރު ބަލައިލިއެވެ. ދޮރުމަތިން ފެންނަން ހުރީ މޫނު ބުރުގާ އަޅާފައި ހުރި އަންހެނެކެވެ. އާވާ މަޑުކޮށްލާށޭ ބުނުމަށްފަހު ކޮޓަރިއަށް ވަދެ ބުރުގާ އަޅައިލިއެވެ. އޭނާއަށް ދޮރު ހުޅުވާލިއިރު އަންހެނެއް ދޮރު މަތީގައި ހުއްޓެވެ. އެމީހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިކަން ލޮލުގެ ދެފަރާތަށް އަރައިގެން ދިޔަ ރޫތަކުން އާވާއަށް އިނގުނެވެ. އޭނާ އެމީހާ އެގެއަށް ވެއްދިޔެއެވެ.
"މަންމަވެސް ބައްޕަވެސް ގޭގައި މިވަގުތު ނޫޅުއްވާ. އަޅުގަނޑަށް ނޭނގުނު ތިއީ ކޮން ދައްތައެއް ކަމެއް" އާވާ ވާހަކަދެއްކިއެވެ. އޭނާ އެ އަންހެންމީހާ އަތަށް ފިނި ފެން ތައްޓެއް ލައި ދިނެވެ.
"އަހަރެންނަށް ކިޔަނީ ނާދިޔާ. އަހަރެން މިއައީ ހަމައެކަނި އާވާ އާ ބައްދަލުކޮށްލަން" ނާދިޔާ ވާހަކަދެއްކިއެވެ.
އާވާ ޚައިރާންވިއެވެ. ނާދިޔާ ކިޔާ އެއްވެސް މީހަކު އޭނާއަށް ނޭނގެއެވެ. އެހެންމަވެސް އޮމާން ރީތި އަޑެއްގެ ވެރިއެކެވެ.
"އަޅުގަނޑަށް ނޭނގުނު. ވަރަށް ބޮޑަށް މަޢާފްކުރައްވާތި" އާވާ ހީލަމުން ބުނެލިއެވެ.
ނާދިޔާ އޭނާގެ މޫނު ފޮތިކޮޅު ނެގިއެވެ. އަވާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ޒުވާން ރީތި އަންހެން ކުއްޖެކެވެ. ތުންފަތް މަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. ހީލައިގެން އިންއިރު ދެތުންފަތުގެ ތެރެއިން ފެންނަން ހުރީ ހުދުހުދު ދަތް ތަކެކެވެ.
"އާވާއަށް ނޭނގިދާނެ. އެކަމަކު އަހަރެންނަށް އާވާ އިނގޭ. އަދި މިހާރު އާވާ ކައިވެނިކުރަން އުޅޭކަން ވެސް އިނގޭ. އަހަރެން މިއައީ އާވާއަށް އިނގެންޖެހޭ ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެން" ނާދިޔާ ވާހަކަދެއްކިއެވެ.
"އެއީ ކޮންވާހަކައެއްތޯ؟ އަޅުގަނޑު ދަންނަނީ ކިހިނެއް؟" އާވާ އަހައިލިއެވެ.
"އަހަރެންނަށް އާވާ އިނގުނީ އާވާ މިހާރު ކައިނިކުރަން ތިއުޅޭ މާހިލްގެ ފަރާތުން. އެ މާހިލްއަކީ އާވާ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއްނޫން. އެއީ ބޮޑު މަކަރުވެރިއެއް" ނާދިޔާ ވާހަކަދެއްކިއެވެ.
"ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. ދޭތެރެ ޖައްސަން އުޅޭހެން ހާދަ ހީވެޔޭ" އާވާއެހެން ބުނެވުނީ ފާޑަކަށެވެ.
"ނޫންނޫން... ތިގޮތަށް ނުވިސްނާ. ތިދެކުދިން ދޭތެރެއަށް ވަދެގެން އަހަރެންނަށް ލިބޭނީ ކޮން މޮޅެއް. އަހަރެންގެ ތިމާގެ ކުއްޖަކަށް މެދުވެރިވި ފަދަ ހިތާމަތަކެއް އާވާއަށް ލިބުމަށް ނޭދޭތީ މިވާހަކަތައް މިދައްކަނީ. ތި މާހިލްއަކީ ކުރިން ކައިވެންޏެއްކޮށްފައި ހުރި މީހެއް. އޭނާއަށް ދަރިއެއް ވިހެއީ އެހެން އަންހެނެއް. އެތައް އަންހެންކުދިންނެއްގެ ދިރިއުޅުން ހަލާކުކޮށްފަ ހުރި މީހެއް. ތިކައިވެނި ކޮށްގެން އާވާގެ ދިރިއުޅުން ހަލާކުވުން ނޫންކަމެއް ނުވާނެ" ނާދިޔާ ވާހަކަދެއްކިއެވެ. އާވާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ އެވާހަކަތައް ޤަބޫލުކުރަމޭވެސް އަދި ނުކުރަމޭވެސް ނުބުނެއެވެ.
"އާވާ ވިސްނާތީ. އަހަރެން އަބަދުވެސް އާވާއަށް ހެޔޮ އެދޭނަން. އަހަރެން މިދެއްކި ވާހަކަތަކުގެ ޙަޤީޤަތް އަދި ކޮންމެވެސް ދުވަހަކުން އާވާއަށް އިނގޭނެ. އަހަރެން ދެންދަނީ. ފަހުން ބައްދަލުކުރާނަން" ނާދިޔާ ނިކުމެގެން ދަމުން އޭނާގެ ބޮލުން މައްޗަށް ހިއްލާލި ފޮތިކޮޅުން މޫނު ނިވާކޮށްލިއެވެ. އެހިނދު އޭނާގެ ދެލޮލުން ތަފާތު ކުލައެއް ފާޅުވެގެން ދިޔައެވެ. އެ ބަދަލު ފޮރުވިފައިވަނީ އޭނާ މޫނުމަތީގައި އޮތް ފޮތިކޮޅުގެ އެތެރޭގައެވެ.
މާހިލްގެ އަންބަކަށް ވުމަށް އެހާ މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އާވާއަށް އިވިގެންދިޔަ ޚަބަރަކުން އޭނާގެ މުޅި ދުވަސް ހަރާބުވެއްޖެއެވެ. އެ އަންހެންމީހާ ދެއްކި ވާހަކަތައް ގަބޫލުކުރަން އާވާ ބޭނުން ނުވިޔަސް އޭނާ ހިތާއި ސިކުނޑިއަށް އުނދަގުތަކެއް އެބަވެއެވެ. މާހިލް ކައިރީގައި އެހުމަށް އެތައް ފަހަރަކު ފޯނު ނެގިއްޖެއެވެ. އެހެންމަވެސް އޭނާއަށް ނުކެރުނެވެ. މާހިލްގެ ކޯލް އޭނާއަށް ލިބުނީ އޭނާ ނުނިދިފައި ވިސްނުމުގައި ވަގުތުތައް ހޭދަކުރަމުން ދަނިކޮށެވެ.
"އާވާ ހުރިހާކަމެއް ރަނގަޅުތަ؟" އާވާ ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލުމާއެކު މާހިލް އަހައިލިއެވެ. އޭނާގެ އަޑުގައި ތަފާތުކަމެއް ހުރިހެން އާވާއަށް ހީވިއެވެ.
"އެއްވެސް ކަމެއްނުވޭ" އާވާ ބުނެލިއެވެ.
"ދެން ކީއްވެ މިގަޑީގަ ނުނިދާ ތިއޮންނަނީ. އޮންލައިންގަ އިނީމަ ގޮވާ ގޮވާ ހަބަރެއް ނުވީމަ މިގުޅާލީ" މާހިލް ބުނެލިއެވެ.
"އަދި ބާރައެއްނު އެޖަހަނީ. ނިދަން މިއުޅެނީ" އާވާ ބުނެލިއެވެ.
"އެހެންވެ އަހަރެން މިބުނަނީ ކޮންމެސްކަމެއް ވެއްޖެއޭ. އާވާއަށް އިނގޭތަ ގަޑިން ވީއިރެއް؟" މާހިލް ބުނެލިއެވެ. އާވާ ކަންފަތާ ފޯނު ދުރުކޮށްލާފައި ފޯނުން ގަޑި ބަލައިލިއެވެ. މެންދަމު ތިނެއްޖަހާ ބޮޑުވެއްޖެއެވެ.
"ނޭނގުނީ. ކުޑަކޮށް ބޮލުގަ ރިއްސާތީ އޮވެވުނީ" އާވާ ބުނެލިއެވެ.
މާހިލް ބުނީ އޭނާ ދަމު ނަމާދަށް ހޭލާފައި ފޯނު ބަލައިލީ ކަމަށެވެ. އެހާ ލަސްކޮށްފައި ނިދާއިރު ދަމުނަމާދު ކޮށްލައިގެން ނިދުމަށް އެދުނެވެ. ބޮލުގައި މާބޮޑަށް ރިއްސަންޏާ އަޅާނުލާ ދޫކޮށްނުލުމަށް ބުނެލިއެވެ.
"އާވާ! އެއްވެސް ކަމެއް އުޅެންޏާ ސިއްރު ނުކުރައްޗޭ. އަހަރެންގެ އެއްވެސް ދުޝްމިނެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުންނާނެ. އެކަމަކު އަހަރެން މިއީ އަދާވަތްތެރިއެއްކަމަށް ދެކޭ މީހުން ތިބެދާނެ" ފޯނު ބޭއްވުމުގެ ކުރިން މާހިލް ބުނެލިއެވެ.
އާވާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އޭނާގެ ހިތުގައިވާ ސުވާލަށް ޖަވާބު ނުލިބުނަސް މާހިލް އޭނާގެ ފިކުރުތައް ދުރުކޮށްދީފިއެވެ.
ދުނިޔޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މުޅިން އާ ދުވަހަކަށް ދުނިޔެ ލޯ ހުޅުވާލައިފިއެވެ. ބައެއް މީހުންގެ ހަރަކާތްތައް އަވަހެވެ. އަނެއްބައި މީހުންގެ ހަރަކާތްތައް ލަހެވެ. އެހެންނަމަވެސް ގަޑީގެ ކަށިތަކަށް އެއްވެސް ލަސްކަމެއް ބަރުހެލިކަމެއް ނާދެއެވެ. އެއްވެސް ފޫހިކަމެއްނެތި ސިކުންތަކަށް ފަހު ސިކުންތެއް ފާއިތުކުރުވަމުން ދިޔައެވެ. ދެހިތެއް އިންތިޒާރު ކުރަމުން ދިޔަ ވަގުތުކޮޅު ގާތްކޮށްދިނުމަށް ގަޑީގެ ކަށިތައް ކޮށްދެމުންދާ މަސައްކަތަށް ސާބަސް ރައްދުކުރާހާ ވެއެވެ.
އާވާ އާއި މާހިލް ތައްޔާރުވެގެން އެއްތަންވި ވަގުތެވެ. ކައިވެނިކުރުމަށް އަދި ފަންސަވީހަކަށް މިނިޓް އެބައޮތެވެ. އާވާ ލައިގެން ހުރި ކަޅާއި ހުދުކުލައިގެ ދިގު ހެދުމަށް މާހިލް ބަލައިލީ މަތިމަތިންނެވެ. އޭނާ އެހަށިގަނޑަށް ބަލަން ބޭނުންވަނީ އަދި ކުރިއަށް އޮތް ވިއްސަކަށް މިނިޓް ފާއިތާވާފަހުންނެވެ. މާހިލްވެސް ހުރީ އާވާ ފަދައިން ކަޅާއި ހުދު އެކުލެވޭ ސޫޓެއްގައެވެ. މާހިލް އާވާއަށް ގޮވައިލީ އޭނާ ޙާޖަރާއި ރިޒާ އާ ދެމެދުގަ ހުއްޓައެވެ. އާވާ މަޑުމަޑުން ހިނގާލާފައި ގޮސް މާހިލް ކައިރީގައި ހުއްޓުނެވެ. މާހިލް އޭނާ ކައިރީގައި ތިބި ރީނާއާއި ހަސަން އާވާއަށް އޭނާގެ މައިންބަފައިންގެ ގޮތުގައި ތައާރަފްކޮށްދިނެވެ. އާވާ އެމީހުންނާ ބައްދަލުކުރީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. ޝާނިމްގެ ދައްތަ ރިހާނީގެ އަތް މަތީގައި އިން ފުށްގަނޑެއް ފަދަ ތުއްތުކުއްޖާ އުރާލިއެވެ. އެކީގައި ސެލްފީ ނަގާ ހެދިއިރު ބަލަން ބޭނުން ނުވިޔަސް މާހިލްއަށް އާވާގެ ހަރަކާތްތަކަށް ބެލުނެވެ.
ހެކިވެރިންނާ ގާޒީން ހާޟިރުވުމާއެކު ކައިވެނީގެ މަޖިލިސް ފެށިގެން ދިޔައެވެ. އާވާ ނޭވާ ހިފަހައްޓާލައިގެން އިންއިރު އޭނާގެ ހަށިގަނޑަށް ވަމުންދާ ގޮތް އިހުސާސް ކުރެވޭނީ ހެއްދެވި ފަރާތަށެވެ. ރިޒާގެ ކައިިރިން ގާޒީ ވަލީއަށް އެހި ހިނދު އާވާއަށް ބަލައިލެވުނީ އެއްފަރާތުގައި އިން ރިޒާގެ މޫނަށެވެ. ރިޒާ ވަލީދިން ހިނދު އޭނާއަށް އިހުސާސް ކުރެވުނީ ބައްޕަގެ އަތްދަށުން އޭނާ ދޫވެގެން ދިޔަ ފަދަ އިހުސާސެކެވެ.
މާގިނަ އިރު އިންތިޒާރުކުރަން ނުޖެހުނެވެ. އޭނާ އިންތިޒާރުކުރި ވަގުތުކޮޅު އައިސް ޖެހިއްޖެއެވެ. އޭނާގެ ހަށިގަނޑަށް އަރައިގެން ދިޔަ ފިނިގަނޑަކާއެކު ލައިގެން ހުރި ހެދުމުން ބައެއް ދެއަތަށް ބޮނޑި ކޮށްލެވުނެވެ. މީހުން ބުނަނީ ތެދެކެވެ. ކައިވެނި ކުރެވޭ ހިނދުކޮޅަކީ އަންހެންކުއްޖާއަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރެވޭ ވަގުތު ކޮޅެކެވެ.
"އަނބި ޤަބޫލުކޮށްފިން" މާހިލް ބުނެލި އަޑު އާވާއަށް އިވިގެން ދިޔައެވެ. އޭނާއަށް ފިނިނޭވާއެއް ދޫކޮށްލެވުނީ އެވަގުތުއެވެ. މާހިލް އޭނާއަށް ނަޒަރެއް ދިނަސް އާވާއަށް ނުކެރުނެވެ. ހީލަންވެސް ނޭނގި އޭނާ އިނީ އެހެން ދުނިޔެއަކަށް ދެވުނު ފަދަ އިހުސާސެއް ކުރެވިފައެވެ. މާހިލްގެ އެބަސްކޮޅު އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ.
ކައިވެނީގެ ވަލީމާ ފެށިއްޖެއެވެ. އަންހެނުންނާ ފިރިހެނުން ވަކިންނެވެ. އޮފީހުން އައި އެކުވެރިންނާ އާއިލާގެ އަންހެން މެންބަރުންގެ މެދުގައި އާވާ އުޅުނުއިރު އޭނާގެ ތުންފަތް މަތިން ހިނިތުންވުން ފާޅުވާން ހުއްޓެވެ. ދުރުގައި ތިބި ސުހާއާއި ޙަމްނާ އެކަކު އަނެކަކަށް ބަލައިލަމުން އަނގަ ހަދައިލިއެވެ.
"ދެން މިއީ ގޮތެއްތަ؟ މިތަނުން ސަޅި ބިޓެއްވެސް ފެންނާނީއެއްނޫން. އަހަރެން މިހިރީ މާލްސަރ ބަލައިލާ ހިތުން ކެތްމަދުވެފަ" ޙަމްނާ ބުނެލިއެވެ.
"ނޭނގެ މަށަކަށް. އެންމެ މުސްކުޅި ގޮތަށް އެދައިތަގަނޑު. އެ ދެމީހުން މިރޭ ވަރަށް މަޖާ ނަގާނެތާ ދޯ" ސުހާ ބުނެލިއެވެ.
އަމާޔާ އަދި ރައުހާއާ ދެމެދުގައި ހުރި އާވާގެ މޫނުމަތި އިރުކޮޅަކާ ލަދުން ރަތްވެގެން ދަނީ އޭނާ އާ ދިމާކޮށްލަން އެމީހުން ރައްދުކޮށްލާ ބަސްތަކުންނެވެ. އޭނާ ކަޅި ދަތުރުކޮށްލި ގޮތަކުން ބުއިންތައް ހުރި މޭޒު ކައިރީގައި ޖޫސް ތައްޓެއް ހިފައިގެން ހުރި މޫނު ބުރުގާ އެޅި އަންހެނެއް ފެނުނެވެ. އާވާއަށް ދެވަނަ ނަޒަރެއް ދެވުނު އިރު އެ އަންހެންމީހާ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލައިފިއެވެ. އެހެންކަމުން އެއީ ރޭގައި އޭނާ އާ ބައްދަލުކުރި އަންހެންމީހާ ކަމެއް ކަނޑައަޅަން އޭނާއަށް ނޭނގުނެވެ.
އެތައް ވަގުތަކަށްފަހު އާވާ އާ މާހިލް ބައްދަލުވީ މެހްމާނުންތައް ގޮސް ދެފަރާތުގެ އާއިލާ އެކަނިވި ހިސާބުންނެވެ. ޙާޖަރާ ވާހަކަދައްކަން ހުރި އާވާ އާ ދިމާލަށް މާހިލް އަންނަތަން ފެނުމުން އާވާ ހިތްއަވަސްވެލިއެވެ. މާހިލް އައިސް ހުއްޓުނީ އާވާ ކުރިމަތީގައެވެ. އަދި އާވާގެ ކުރިމައްޗަށް ވާގޮތަށް ދެއަތްތިލަ ދިއްކޮށްލިއެވެ. އެ އަތުގައި ހިފަން އާވާ ކައިރީގައި ބުނެލި ކަހަލައެވެ. އާވާ މަޑުމަޑުން ދެއަތް ނަގާފައިވެސް މަޑުކޮށްލިއެވެ. އެއީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އަންނަ ވަގުތުކޮޅަކަށް ވުމުން ފަސްޖެހުނެވެ. އޭނާ މާހިލްއަށް ބަލައިލިއެވެ. ހިނިތުންވެލައިގެން ހުރި މާހިލް ލޮލުގެ އިޝާރާތުން އޭނާގެ ދެއަތުގެ ތެރެއަށް އާވާގެ ދެއަތް ލުމަށް އެދުނެވެ. އަނެއްކާވެސް އާވާ މަސައްކަތް ކޮށްލިއެވެ. ތަން ހިމޭންވެ ކައިރީގައި މީހުން ތިބުމުން އާވާ ލަދުގަންނަނީއެވެ. އޭނާ އެންމެ ލަދުގަތީ ޝާނިމް ގެންގުޅުނު ކެމެރާއިން އެމަންޒަރުތައް ނަގަމުން ދިޔަތަން ފެނުމުންނެވެ. އާވާ އުޅޭގޮތް ފެނުމުން މާހިލް ކައިރިއަށްވެސް ހުރީ ހިނި އައިއްސައެވެ.
"ދަރިފުޅާ. މިހާރު ދަރިފުޅުގެ ކުރިމަތީގައި ތިހެރީ ދަރިފުޅުގެ ފިރިމީހާ. ދެދުނިޔޭގެ ބައިވެރިޔާ" ޙާޖަރު ބުނެލި އަޑު އިވުނެވެ. އާވާ ހިތްވަރުކޮށްލާފައި މާހިލްގެ ދެއަތުގެ ތެރެއަށް އޭނާގެ ދެއަތް މަޑުމަޑުން ލިއެވެ. ދެހަން ޖެހިގެން ދިޔަ ވަގުތު އާވާއަށް މާހިލްގެ ދެއަތް ގެނެސް އޭނާގެ ނިތުގައި ޖައްސައިލެވުނެވެ. އޭނާއަށް އުފަލުން ރޮވިއްޖެއެވެ. މާހިލް އާވާގެ ކަނާއަތް ހުޅުވާލުމަށްފަހު ލައިގެން ހުރި ފަޓްލޫމުގެ ޖީބުން ނެގި 'އެއް ރުފިޔާ' ލިއެވެ. އާވާ ބަލައިލުމާއެކު ހިނިތުންވެލިއެވެ.
"ތިއީ އާވާގެ ރަން" މާހިލް ބުނެލިއެވެ. އާވާ އޭނާގެ މަންމަ އާ އެ ރުފިޔާ ހަވާލުކުރިއެވެ.
"އެ އަށްވުރެ ބޮޑުކޮށް ކިއި ނަމަވެސް އަހަރެން ދޭނަން" މާހިލް ބުނެލިއެވެ.
އޭނާ އެންމެން ކުރިމަތީގައި އާވާގެ ދެއަތުގައި ބޮސްދިނެވެ. ބޮލުގައި ފިރުމާލިއެވެ.
މާހިލް އާ އެކުގައި އާވާ ނިކުންނަން ހިނގައިގަތްވަގުތު ރިޒާ އާވާ ހިފެހެއްޓިއެވެ. އާވާ ދެކޮނޑުގައި ހިފާ ގާތްކޮށްލާފައި ނިތުގައި ބޮސްދީފިއެވެ.
"ދަރިފުޅު ހީނުކުރައްޗެ މި ބައްޕަގެ ގެދޮރާ ހިތް އަބަދަށްޓަކައި ދަރިފުޅަށް ބަންދުވީއޭ. ދުނިޔެ ޤިޔާމަތަށް ދަންދެންވެސް ދަރިފުޅުވާނީ ބައްޕަގެ ދަރިފުޅަށް. ދުވަހަކުވެސް އެކަމަށް ބަދަލެއް ނާންނާނެ" ރިޒާ ބުނެލިއެވެ. އާވާއަށް ޖަޒުބާތީ ވެވުނު ވަރުން ރޮވުނެވެ. ވަކިވަކިން ކޮންމެ މީހެއްގެ ގައިގައި ބައްދައިލިއެވެ. އެންމެ ހިތްވަރުކޮށްގެން ހުރި ދާރިމްއަށް ފަހު ވަގުތު ހިފަހައްޓައެއް ނުލެވުނެވެ.
"ދެން އަހަރެންނަށް އުނދަގުކުރާނީ ކާކު؟" ދާރިމް އަހައިލިއެވެ.
"ދޮންތައަށް ނުހުރެވޭނެ ދާމްއަށް ޖެއްސުމެއްކޮށްނުލާ. ވަގުތު ހޯދައިގެން މިގެއަށް އައިސް ވެސް ދާމްއަށް ޖެއްސުންކުރާނަން" އާވާ ބުނެލިއެވެ.
ގެއަށް ދިޔަ މަގުމަތީގައި ކާރު ދުއްވަމުން ދިޔައިރުވެސް މާހިލް އިރުކޮޅަކާ އާވާގެ މޫނަށް ބަލައިލައެވެ. އާވާ ހީލިޔަސް އޭނާ އިނީ ފާއިތުވެގެންދާ ކޮންމެ މިނިޓަކާއެކު ކަންތައް ބޮޑުވެފައެވެ. އެއީ އޭނާގެ ކައިވެނީގެ ފުރަތަމަ ރޭ ކަން އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ހިތުން ނުފިލައެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" މާހިލް އަހައިލިއެވެ. އާވާ އަނގައިން ނުބުންޏެއް ކަމަކު މާހިލް ބަލައިލުމުން ބޯޖަހައިލިއެވެ.
"އެވީއަށް ކެރޭނެތަ އަހަރެން ބަލާނެ ވަރަކަށް ބަލަންދެން އިންނަން" މާހިލް އަހައިލިއެވެ. އާވާ ރަކިވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެގޮތަށް މީހަކު ބަލާނެ ވަރަކަށް ބަލަންދެން އިންނަން ކެރޭނީ ކާކަށް ހެއްޔެވެ؟
"ނުކެރޭނެ ދޯ" މާހިލް އަހައިލިއެވެ.
"ނޫން" އާވާ ބުނެލިއެވެ.
"އެހެންވީމަ ގެއަށް ގޮސް އަހަރެން ބޭނުން ހިތްފުރެންދެން އެވީގެ މޫނަށް ބަލަން. އަހަރެން ހާދަ ކެތެެއްކުރީމޭ. މިހާރު މަނައެއް ނޫނެއްނު" މާހިލް ވާހަކަދެއްކިއެވެ. އޭނާގެ މަޤްޞަދަކީ ލޯބިވާ އަނބިމީހާ އާއި ލޯބީގެ އެކިއެކި ސަމާސާ ކުރުމެވެ.
"ލާނެއްކަމެއް ދެއްވާފައިވާ ފިރިހެނެއް" އާވާގެ ހިތަށް އެރިއެވެ.
ކާޑުޖަހާލާފައި މާހިލް އާވާއަށް ބަލައިލިއެވެ. އަދި އާވާގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލައްވައިލިއެވެ. އޭނާ ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ސިހިގެން ދިޔައީ އާވާ އޭނާގެ ދެކޮނޑުގައި ހިފާ ލުއްކެއް ޖަހާލިގޮތަށް އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތުމުންނެވެ. އާވާގެ ދެފައި ވަނީ މާހިލްގެ ހަށިގަނޑު ދެފަރާތުން ވަށާލާފައި ގެނެސް ގުޅުވާލާފައެވެ. އޭނާ ލައިގެން ހުރި ހެދުމުން ބައެއް ތިރިއަށް އެލިފައި އޮތެވެ. މިވަގުތު އާވާއަށް އޮވެވުނީ ކިހިނެއްކަން އޭނާއަށް އިހުސާސްނުވާ ކަހަލައެވެ. އާވާގެ ހިތުގެ ތެޅުމުގެ އަޑު މާހިލްއަށް އިވެމުން ދިޔައެވެ.
ފާއިތުވެގެން ދިޔަ ވަގުތުކޮޅުގައި ވީގޮތެއް ނޭނގި މާހިލް ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ އާވާއަށް ބަލައިލިއިރު އާވާގެ ނަޒަރު ހުއްޓިފައި ހުރީ އެދެމީހުންނަށް ތިބެވުނު ދިމާލުން ތިރިއަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޖެހިލުންވެފައިވާ މީހެއްގެ މޫނުމަތިން ފެންނާނޭ ކަހަލަ ކުލަވަރުތަކެކެެވެ.
އާވާ ބަލަހައްޓައިގެން ހުރި ދިމާލަށް މާހިލްގެ ނަޒަރު މަޑުމަޑުން ދަތުރުކޮށްލިއެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ މައުސޫމް ގޮތަކަށް އޭނާގެ މޫނަށް ބަލަހައްޓައިގެން އޮތް ޓޮމީ ފެނިފައެވެ.
(ނުނިމޭ)