އާވާ ލަދުގަނެއްޖެއެވެ. މާހިލްއަށް ހަތަރުކަޅި ހަމަކުރަންވެސް ލަދުގަންނަ މީހަކަށް އެހިސާބަށް ދެވޭނީ ހާދަ ހިތްވަރެއް ކޮށްގެންނެވެ. އެހެންނަމަވެސް އެއީ ކުރިމަތިލާންޖެހޭނެ ކަމެއްކަން އޭނާއަށް އިނގެއެވެ. އޭނާ ރައުހާގެ ހަށިގަނޑުގައި ބައްދައިލީ ހިތަށް އަރަންފެށި އެއްޗެހިތަކުގެ ސަބަބުން އަމިއްލައަށް ލަދުގަތް ވަރުންނެވެ. އުމުރުން ވިހި އަހަރުގައި ކައިވެނި ކުރެވެން އުޅޭތީ އޭނާގެ މުޅި ހަށިގަނޑު ވަނީ ފިނިވެފައެވެ. ބަޔާންކުރަން ދަތި އިހުސާސްތަކެއް އޭނާއަށް ދަނީ ކުރެވެމުންނެއެވެ. އެ އިހުސާސްތަކަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭނެ އިހުސާސްތަކެއް ނޫނެވެ.
ރަންކިޔުން ކުރިއަށް ގެންދިޔައީ އާވާގެ ގޭގައެވެ. ހަފްލާގައި މާހިލް ނެތްކަމުގައި ވިޔަސް ކޯޓުން އައި މީހުންގެ އިތުރުން ހެކިވެރިންގެ ގޮތުގައި ޝާނިމް އާއި ޝާނިމްގެ އިތުރު އެކުވެރިއެއް އިނެވެ. ރަންކިއި އަދަދު ފޯމުގައި ޖެހުމާއެކު ކޯޓުން އައިސް ތިބި މީހުން އާވާއަށް ބަލައިލީ ޤަބޫލުނުކުރެވިފައެވެ. އެހެންވިޔަސް އާވާގެ އެއްވެސް މައްސަލައެއްނެތެވެ. އޭނާ ރަންކިއި އަދަދު ކަނޑައެޅީ މައިންބަފައިންނާ ވާހަކަދައްކާފައެވެ.
ނިދަންވެގެން އެނދަށް އެރުމަށްފަހު އާވާ ފޯނު ނަގާފައި ކަލަންޑަރ ހުޅުވައިލިއެވެ. ބަރާބަރު ހަފްތާއެއް ފަހުން އޭނާ ހުންނާނީ މީހެއްގެ އަންބެއްގެ ގޮތުގައެވެ. އޭނާ ކައިރީގައި ފިރިހެނަކު ނިދާނެއެވެ. އޭނާގެ ހަށިގަނޑުގައި ފިރިހެނަކު ބީހޭނެއެވެ. އެހިސާބުން އޭނާގެ ދިރިއުޅުން އެހެން މީހަކާ ހިއްސާކުރަން ޖެހޭނެއެވެ. އޭނާގެ މުޅި ދިރިއުޅުމަށް ކުރިމަތިވާ ވާދަވެރިކަމެއްކަން ޔަގީނެވެ.
މާހިލްގެ ނަން ހިތަށް އައިސް ވަނުމާއެކު އާވާ މާހިލްއަށް މެސެޖެއް ކޮށްލާހިތްވިއެވެ. އޭނާ ވައިބަރ ހުޅުވާލުމަށްފަހު މާހިލްގެ ވައިބަރގެ ޕްރޮފައިލް ޕިކްޗަރއަށް ލާފައި އިން ފޮޓޯއަށް ބަލައިލިއެވެ. ފޮޓޯގައި އިނީ އޭނާ މަދީނާއިން ކިޔެވި ކޯހުން ފަޚުރުވެރި އެއްވަނަ ލިބުނު ވަގުތު ސެޓްފިކެޓައި މެޑަލްއާއި ހަވާލުވި ވަގުތު ނަގާފައިން ފޮޓޯއެކެވެ. އެފޮޓޯގައި މާހިލް ހާދަ ތަފާތެވެ. އާވާ އެތައް އިރަކު ބެލިއެވެ. އޭނާ ޗެޓްލޮގު ބަލައިލިރު ދެކެވިފައި ހުރީ މުޅިންވެސް ރަސްމީ ވާހަކަތަކެވެ. އޭނާ ރޭގަނޑުގެ ފަހު ސަލާން މާހިލްއަށް ގޮވައިލިއެވެ. ވަގުތުން މާހިލް އެ މެސެޖް ބަލައިފިއެވެ. މާހިލް ޓައިޕްކުރަން ފެށުމުން އާވާ ތުންފަތުގައި ދަތްއަޅައިލަމުން ވަގުތު ގުނަން ފެށިއެވެ. އާވާ ފަދައިން މާހިލްވެސް އާވާއަށް ބައްޖަވެރި ރޭގަނޑަކަށް އެދުނެވެ. އިތުރަށް އެއްޗެއް ބުނަން އާވާއަށް ނުކެރިފައި އޮތެވެ. އޭނާ ނިދިޖެހެމުން ދިޔަ ވަގުތު ފޯނަށް މެސެޖެއް އައިކަން އިނގުމުން ބަލައިލިއެވެ.
"އާވާ! ހާދަ ބޮޑު އަދަދަކަށޭ ރަންކިއީ. އެހާ ބޮޑު އަދަދެއް އާވާ އާ ނުވެސް ގުޅޭ" މާހިލް ފޮނުވާފައި އިން މެސެޖް އާވާ ކިޔާލާފައި ފުންމައިގެން ތެދުވިއެވެ. އޭނާގެ ދެލޮލުން ނިދިވެސް ފިލައިގެން ދިޔަ ކަހަލައެވެ. އޭނާ ރަންކިއި އަދަދު އޭނާއަށް ބޮޑެއް ނޫނެވެ. ވީއިރު މާހިލް އެހެން އެބުނީ ކިއްވެގެން ހެއްޔެވެ؟
"އާވާ ލައްކައިން ކީއްކުރަން. އެއަށް ވުރެ ބޮޑުކޮށް ކިއި ނަމަވެސް އަހަރެން އާވާ ގަންނާނަން. އެހާވެސް ބޭނުން" މާހިލް މެސެޖެއް ފޮނުވައިލިއެވެ.
"ވަރަށް އިންތިޒާރު އެބަކުރެވޭ އެރެއަށް. އާވާ ނުކުރަންދޯ!" މާހިލް އަނެއްކާވެސް އަހައިލިއެވެ.
"ނޫން. އަޅުގަނޑުވެސް..." އާވާ ހަމައެކަނި ބުނެލީ އެވަރަށެވެ.
"ދެން ނިދާ އާވާ. ފަތިސް ނަމާދަށް ހޭލަންވެސް ޖެހެއެއްނު. ބޭކާރު ގޮތުގައި ދަންވަރު ހޭލާ އުޅުމަކީ އެހާ ރަނގަޅުކަމެއް ނޫން" މާހިލް އެދުނެވެ.
އާވާ ދެވަނަ ފަހަރަށް މާހިލްއަށް ބާއްޖަވެރި ރޭގަނޑަކަށް އެދުނެވެ. ބަދަލުގައި މާހިލް ފޮނުވާލީ ހިތްތަކެއް ޖަހާފައިވާ ރަތްކުލައިގެ ސްޓިކާރއެކެވެ.
ޖެހިގެން އައި ދުވަހަކީ ހޮނިހިރު ދުވަހަށް ވުމާއެކު އާވާ ގެއިން ނިކުތީ އެކުވެރި އަނުމް އާ ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. ޙާޖަރުގެ ހުއްދަ ލިބުމުން އެގެއާ ދިމާލަށް އޭނާ ދިޔައީ ހިނގާފައެވެ. ހަވީރުގެ ވަގުތުކަމުން މަގުމަތީގައި ދުއްވާ އެއްޗިއްސާއި ދެޖިންސުގެ ޒުވާނުންނާއި ކުޑަކުދިން ގިނައެވެ. މަޖީދީމަގު ހުރަސްކޮށް އޭނާ ޗާންދަނީ މަގަށް އެޅި ވަގުތު ކުރިމަތިން މަޑު ދުވެއްޔެއްގައި ދިޔަ ފުލުުހުންގެ ވެހިކަލަކަށް ނަޒަރު ހުއްޓުނެވެ. އޭގެ ފަހަތު ބިއްލީރިގަނޑުގެ ތެރެއިން އެތެރޭގައި އިސްޖަހައިގެން އިން އާރިޔަންއަށް ވަރަށް ފަރުވާތެރިކަމާއެކު އާވާ ބަލައިލިއެވެ.
މއ.ކީމިޔާގޭ ދޮރާށި ހުޅުވާލި ވަގުތު އާވާ ސިހުނީ ޅަ ބުޅާތަކެއް އެގޭ ދޮރާށިން އެތެރޭގައި އެސޮރުމެންގެ މަޖަލުގައި ތިބިތަން ފެނުމުންނެވެ. އޭނާއަށް އެތެރެއަށް އެންމެ ފިޔަވަޅެއް އަޅަންވެސް ނުކެރުނެވެ. ފޯނު ނަގާފައި އަނުމްގެ ނަންބަރަށް ގުޅައިލިއެވެ. އަނުމް ފޯނަށް ޖަވާބެއްނުދިނެވެ. އެންމެފަހުން އެތައް އިރަކު ބޭރުގައި ހުރުމަށްފަހު އާވާ ދެލޯ މަރާލާފައި ދުއްވައިގަތެވެ. އޭނާ މަޑުޖެހުނީ މައިދޮރުން އެތެރެއަށް ވަދެވުނީމައެވެ. މޭގައި އަތް އަޅައިލަމުން ވަރުބަލި ފިލުވަން މަޑުކޮށްލި ވަގުތު ސިހުނީ ސިޓިންގރޫމުގައި ތިބި ބަޔަކު ފެނުމުންނެވެ.
"ފަލަކްދައްތަ މިހާރު ހާދަ ފަލައޭ... ނުވެސް އިނގުނު" ފަލަކްނާޒް ބަލަން އިންގޮތުން އާވާ ހިތާހިތުން ކިޔައިލިއެވެ. ފަލަކްނާޒްގެ މިޒާޖަކީ ކޮންކަހަލަ މިޒާޖެއްކަން އާވާއަށް އޮޅިފައެއް ނެތެވެ. އޭނާއަކީ އަނުމްގެ އެންމެ ގާތް އެކުވެރިޔާކަން އިނގުނު ހިސާބުން ފެށިގެން އޭނާ އާ ވެސް ވާހަކަދައްކަނީ އަނުމް އާ ވާހަކަދައްކާ އުސޫލުންނެވެ.
"އަ...އަނޫ ކައިރިއަށް..." ލަސްލަހުން އާވާ ބުނެލިއެވެ. އޭނާ އަވަހަށް އެތަނުން ދާން ބޭނުންވީ ފަލަކްނާޒް ކައިރީގައި އިން މެދުއުމުރުގެ ފިރިހެނެއް އޭނާއަށް މާގިނައިން ބަލަން ފެށުމުންނެވެ. ބުޅާ ރޯމަސް ގަނޑަށްވެސް އެގޮތަށް ނުބަލާނެކަން ޔަޤީނެވެ.
"އެއީ އަނުމްގެ އެކުވެރިއެއް. މީނަ މިގޮތަށް ހެދުން އަޅާތީއޭ އަނުމްވެސް އެ އަޅަނީ" ކައިރީގައި އިން ގާދިރު ކައިރީގައި ފަލަކްނާޒް ބުނެލިއެވެ. ގާދިރު ހީގަތްއިރު އޭނާގެ ދަތްޕިލައިގައި ވީ ގަދަ ރަތްކުލައެވެ. ގަދައަށް ދުފާލައިގެން އިންއިރު ތުންފަތުގެ އެއް އަރިމަތިން ރަތްކުލައިގެ ދިޔައެއް ފައިބާފައި ހުއްޓެވެ.
އާވާ މާގިނައިރަކު ޓަކިޖަހަން ނުޖެހުނެވެ. އަނުމް ދޮރު ހުޅުވާލައިފިއެވެ.
"އަހަރެން ކިހާ އިރެއް މިގޭދޮށުގައި ހުރެ އަނޫއަށް ގުޅާތާ. މިގަޑީގަވެސް ނިދަނީތަ އަންހެނާ" އަނުމް ހުޅުވާލި ދޮރުން އެތެރެއަށް ވަންނަމުން އާވާ ވާހަކަދެއްކިއެވެ. ދޮރު ލައްޕާލާފައި އައިސް އަނުމް އެނދަށް އަރާ އިށީނެވެ.
"ނިދާކަށްނޫން. ބޭރަށް ނިކުންނަހިތް ނުވެފަ. ފޯނު ޗާޖަރަށް ޖަހާފަ އޮންނާނީ" އަނުމް ވާހަކަދެއްކިއެވެ.
ކޮންކަމަކާ މާ މޫޑީވެފަ. އަހަރެން ހުވާ ހިތަށް އަރާ އަނޫގެ މޫނުމަތިން ހިތްހަމަޖެހުމެއް ފެންނާނީ ކޮންއިރަކުންބާއޭ" އުނގުމަތީގައި ބާލީހެއް ބާއްވައިލަމުން އާވާ ބުނެލިއެވެ.
"ވަދެގެން އައިރު އެވީ މޫޑީނުވޭތަ؟" އަނުމް އަހައިލިއެވެ.
"ތިބުނީ؟" އާވާ އަހައިލިއެވެ.
"އަހަރެން މިބުނީ މިގެއިން ސަންތި އާ ސަފަރުކަތްދަ އެކީގަ ތިބިތަން ފެނުނީމަ އެވީ ފޫއްސެއްނުވޭހޭ" ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅު ދެކޮނޑުމަތިން ފަހަތަށް ދަމާލަމުން އަނުމް ވާހަކަދެއްކިއެވެ. އަނުމް އެބުނި ޖުމްލައިގެ މާނަ އާވާއަށް ނޭނގުމުން އެންމެ ފުރަތަމަ ދިޔައީ ނިތަށް ރޫ އަރައިގެން ދިޔައެވެ. ވިސްނުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް ހީގަނެވިއްޖެއެވެ. އާވާ ހޭތަން ފެނުމުން އަނުމްއަށް ވެސް ހެވިއްޖެއެވެ.
"އެއީ ކާކުތަ؟ ފާޑަކަށް ދެލޯ ބޮޑުކޮށްފައި ބެލިއޭ ވަރަކަށް" އާވާ އަހައިލިއެވެ.
"ނޭނގެ. މިހާރަކަށް އައިސް ސަންތިއާ އެކު މިގޭ ތެރެއިން ފެންނަ މީހެއް އެއީ" އަނުމް ބުނެލިއެވެ.
"އެކަމަކު އަނޫ ތިބުނީވިއްޔާ އެއީ ޞަފަރުކަތްދައޭ... ހެހެހެ.... ހުވާ... ސަފަރުކަތްދަ އެއީ އަންހެނަކަށް ކިޔާ ނަމެއްނު" އާވާ ބުނެލިއެވެ.
"މަށަށް ހެޔޮ. ސަންތިންނާ ގުޅޭނީވެސް އެކަހަލަ މީހުންނެއްނު. ސަންތި ކައިރީގައި އޭނީ ފިރިހެން ސަންތި" އަނުމް ބުނެލިއެވެ.
"ތިއެއްނޫނޭ. ދެންމެ މިގެއަށް އައި މަގުމަތީގައި ދެކުނިން އެއްކަލަ އާރިޔަން ޕޮލިސް ވެހިކަލްތެރޭގަ އިންދަ" އާވާ ވާހަކަދެއްކިއެވެ.
"ތިއީ އާ ކަމެއް ނޫނެއްނު. އެ ފުރޭތަ ޕޮލިހަށް ހާޒިރުނުކުރާ ދުވަހެއްދޭތަ؟" އަނުމް ވާހަކަދެއްކިއެވެ.
"އަސްލު. އޭނަ މިހާރު ރިސޯޓު ވަޒީފާއިން ކެނޑުނީތަ؟" އާވާ އަހައިލިއެވެ.
"ނޭނގެ މަށަކަށް. ޕްލީޒް އެވީ އެމީހުންގެ ވާހަކަނުދައްކަބަލަ. އަހަރެން ރުޅިގަދަވާނީ" އަނުމް ވާހަކަދެއްކިއެވެ.
"އޯކޭ. އެހެންވިއްޔާ ރެޑީވެބަލަ. މިއައީ އެއްކަލަ ތަނަށް ސަޔަށް ދާންވެގެން އަނޫ ބަލާ. އެބައޮތޭ އަނޫ ސިއްސައިގެންދާވަރުގެ ވާހަކައެއްވެސް" އާވާ އެންމެފަހުން ދޫކޮށްލިއެވެ. އެގޭ ހަތަރުފާރުން އެތެރޭގައި އަނުމްގެ ދިރިއުޅުން އޮންނަ ގޮތް އޭނާއަށް އިނގެއެވެ. އެހެންކަމުން އަނުމް ހިތްހަމަނުޖެހޭ ވާހަކަތަކެއް ދައްކައިގެން އިތުރަށް އޭނާގެ ބޯހާސްކުރުވަން އާވާ ބޭނުމެއްނުވިއެވެ.
ދެދުވަސް ފަހެވެ. އާދައިގެ މަތިން މާހިލް ރޭގަނޑުގެ ކެއުން ތައްޔާރުކުރަމުން ދިޔައެވެ. އޭނާގެ ފަރާތުން މިހާރު ކޮންމެވެސް ވަރަކަށް ޝާނިމްވެސް ބަދިގޭ މަސައްކަތްތައް ދަސްކޮށްފިއެވެ. ދެކުދިން ވާހަކަދައްކައިގެން ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްލީ ދިވެހި ކެއުމެކެވެ. ހުނިރޮށްޓާއި ވަޅޯމަހު ގަރުދިޔައެވެ. އޭނާ ގަރުދިޔަ ކައްކަން ތައްޔާރުކުރަމުން ދިޔައިރު ހުނިގާނަން ޝާނިމް އުޅުނު ހާލު ފެނި މިހާރުވެސް އޭނާއަށް ހެވެނީއެވެ. މިވަގުތު ބަދިގެއިން ޝާނިމް ފެންނަން ނެތީ ކުއްލިއަކަށް އަމާޔާ ތަނަކަށް ލާންދާން ޖެހުމުންނެވެ.
ޝާނިމް ގެއަށް ވަންއިރު ކާން ހަދައިގެން މާހިލް އިނީ މޭޒު ކައިރީގައެވެ. ގޭތެރެއިން އެއްވަހަކަށް ހުރީ ތެއްލި މިރުހުގެ ކޮށިއަރާ ކަހަލަ ވަހެކެވެ. ޝާނިމް އެތެރެއަށް ވަދެގެން އައި ކެއްސަމުން ކަހަލަ ގޮތަކަށެވެ.
"ނިންމާލީތަ؟ މިހާރުވެސް ބަނޑުފުރިއްޖެ" އިށީންނަމުން ޝާނިމް އަހައިލިއެވެ.
"ނިންމާލައިފިން. ޝަން ބޭނުމީ ކަޅުސައިތަ ނޫނީ ކޮފީތަ؟" މާހިލް އަހައިލިއެވެ.
"މިކަހަލަ ކެއުމަކާ ކޮފީއަކާ ނުގުޅޭ. އަހަރެން ކަޅެއް ހަދާލަފާނަން" ޝާނިމް ތެދުވެގެން ކަޅުސައި ހެދުމުގައި އުޅުނެވެ.
ކައި ނިމިގެން ބަދިގެ ސާފުކުރުމަށްފަހު ދެ އެކުވެރިން ނިކުމެލީ ސިޓިންގރޫމުން ނިކުމެވެން ހުންނަ ބެލްކަންޏަށެވެ. ވާރޭ ވެހެން އުޅޭ ކަމުގެ ނިޝާންތައް ދުނިޔެމަތިން އިންސާނުންނާއި ހަމައަށް ފޯރުކޮށްދެމުން ދިޔައެވެ. ވައިވެސް ފުދޭ ވަރަކަށް ބާރެވެ. ވިސްނުމަކަށް ގެއްލި ހުރި މީހެއް ފަދައިން މާހިލް އެއް ދިމާލަކަށް ބަލަހައްޓައިގެން ހުރުމުން އޭނާގެ މޫނުމަތީގައި ނުޖެހޭ ހިސާބުގައި ޝާނިމް އަތް ހިންގައިލިއެވެ. މާހިލްއަށް އެކަން ފާހަގަވެގެން ޝާނިމްއަށް ބަލައިލާފައި ހީލައިފިއެވެ.
"ކޮންކަމަކަށް ގެއްލިފަ" ޝާނިމް އަހައިލިއެވެ.
"ތެދެއް ބުނަންތަ؟ މިހިތަށް އަރަނީ އަހަރެންގެ ކައިވެނީގަ އަހަރެންގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ޝާން އެކަންޏޭ. އަސްލު ޝަކުވާކުރާކަށް ބޭނުމެއްނޫން. އެކަމަކު ބައެއްފަހަރު ވަރަށް ދެރަވޭ.. ހިތަށް އަރާ މަންމަ، ބައްޕަ ނުވަތަ އެއްބަނޑު މީހަކުވެސް ކައިރީގަ ހުރިނަމައޭ. އަހަރެންގެ އުފާތަކުގަ ހިތާމަތަކުގަ އެއްކޮޅުގަ ހިފާނެނަމައޭ..." މާހިލް ވާހަކަދައްކަމުން ދިޔައެވެ.
"އަހަރެން ތިކަމުގަ މާލްއަށް އެހީއެއްވެދީފާނަން. އުންމީދުކުރަން ޤަބޫލުކުރާނެކަމަށް" ޝާނިމް ބުނެލިއެވެ. މާހިލް ޝާނިމްއަށް ބަލައިލީ އޭނަ އެބުނި އެއްޗެއްގެ މާނަ ނޭނގުމުންނެވެ.
"އެއީ އަހަރެންގެ ފަރާތުން މާލްއަށް ލިބޭނެ ކައިވެނީގެ ހަދިޔާ" ޝާނިމް ބުނެލިއެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔުމުން މާހިލްގެ ހިތާއި ސިކުނޑި އަނެއްކާވެސް ވިސްނުންތަކުގެ ތެރެއަށް ޣަރަޤުވެގެން ދިޔައެވެ.
ރޭގަނޑުގެ ދަންބައިގެ ވަގުތެކެވެ. ނާސިހުގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ދުވާލުގެ ގިނަ ވަގުތު އޭނާއަށް ގޭތެރޭގައި ހޭދައެއް ނުކުރެވެއެވެ. އޭނާގެ ބޮޑުވެފައިވާ އަންހެން ދަރިފުޅާމެދު އިހުމާލެއްވެވޭ ކަމުގެ އިހުސާސް އަބަދުވެސް އޭނާގެ ހިތަށް އުނދަގުކުރަމުން ދެއެވެ. އެދަރިފުޅުގެ އުމުރުން ވަރަށް ހަގުއިރުގައި އެހެން މީހަކާ އޭނާ ކައިވެނި ކުރީ އެދަރިފުޅުގެ މުސްތަގުބަލަށް ވަރަށް ފޮނި އުންމީދުތަކެއް ކޮށްފައެވެ. އެހެންނަމަވެސް ކަންތައްވީ އޭނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ފަލަކްނާޒްގެ ފަރާތުން އަނުމްއަށް މައެއްގެ ލޯބި ނުލިބުނެވެ. ފަލަކްނާޒް އޭނާގެ ދިރިއުޅުމުން އެއްކައިރި ކުރަންވެސް ނިންމިއެވެ. އެހެންނަމަވެސް ތަގްދީރުގެ ރޭވުން އޮތީ އެހެން ގޮތަކަށެވެ. ފަލަކްނާޒް އޭނާގެ ދަރިއަކަށް ބަނޑުބޮޑުވި ހިސާބުން އޭނާ ޖެހުނީ އޯގާތެރި ފިރިއަކަށްވެގެން ފަލަކްނާޒަށް ޚިދުމަތްކުރާށޭވެ. އެއްދަރިއެއްގެ އުފަލަށްޓަކައި އަނެއްދަރީގެ ދިރިއުޅުން ބަރުބާދުކޮށްލާނެހާ ހިތްވަރު އޭނާއަށް ނުލިބުނީއެވެ.
އަމިއްލަ ވިޔަފާރި ދަތުރެއްގައި އޭނާ ރާއްޖެއިން ބޭރަށް ހަފްތާއެއްގެ މުއްދަތަށް ފުރަންޖެހުމުން އޭނާގެ ހިތްވަނީ މާޔޫސްވެފައެވެ. އަނުމްގެ ކަންތައްތަކާ ވިސްނާވިސްނާ އޭނާގެ ބޮލުގައި ހުންނަނީ ނުފިލާ ރިހުމެއް އުފެދިފައެވެ. އެދަރިފުޅަށް ދެރައެއް ލިބޭ މަންޒަރު ބަލަން އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް އެގޭތެރެއިން އަނުމްއަށް އުފަލެއް ނުލިބޭކަން އޭނާއަށް އިނގެއެވެ. އޭނާ ބޭނުންވަނީ އަނުމްދެކެ ލޯބިވާ ފިރިހެނަކާ ކައިވެނިކުރުވާފައި އަނުމް އެގެއިން އެހެން ގެއަކަށް ބަދަލުކުރާށެވެ.
ފާހާނާއިން ނިކުމެގެން އައި ފަލަކްނާޒް ކައިރީގައި އޮށޯތީ އޭނާ ނިތްމައްޗަށް އެއް އަތް އެއްލައިގެން ވިސްނަން އޮށްވައެވެ. އޭނާ ވަރަށް ފަރުވާތެރިވެ ނާސިހަށް ބަލައިލިއެވެ.
"ހާދަބޮޑު ފިކުރެއްގަ" ހެޑްބޯޑުގައި ލެގިލަމުން ފަލަކްނާޒް އަހައިލިއެވެ.
"ނުނިދައި އޮންނަ ކޮންމެ މީހަކަށްވެސް ހީވާނީ އަނެއްމީހާ ހޭލާ އޮންނަތަން ފެނުމުން ފިކުރެއްގަ އޮންނަހެން" ނާސިހް އަނެއްފަރާތަށް އެނބުރި ފަލަކްނާޒަށް ފުރަގަސްދިނެވެ. އެދެމަފިރިންގެ ގުޅުން ފަހަކަށް އައިސް ރަނގަޅެއްނޫނެވެ.
"އަހަރެންދެކެ އަދިވެސް ހިތްހަމަނުޖެފިތަ؟ އަހަރެން މިއަދު ހަވީރުވެސް މަޢާފަށް އެދުނީމެއްނު" ފަލަކްނާޒް ބުނެލިއެވެ. ނާސިހް އެނބުރި ފަލަކްނާޒަށް ބަލައިލިއެވެ.
"ނާޒަށް ވިސްނުނީތީ އަހަރެން އުފާކުރަން. އެކަމަކު އަހަރެން ހިތަށް އަރަނީ ތިހެޔޮކަން ކިހާ މުއްދަތަކަށްބާއޭ ދެމިއޮންނާނީ" ނާސިހް ބުނެލިއެވެ.
"އަހަރެންނަށް އިނގޭ ނާސިހް ހިތްހަމަނުޖެހޭ ކަހަލަ ސިފަތަކެއް އަހަރެންގެ އެބަހުރިކަން. އަހަރެން މަސައްކަތްކުރާނަން އެކަންކަން ބަދަލުކުރެވޭތޯ" ފަލަކްނާޒް ބުނެލިއެވެ.
"އަހަރެން ބަލާނަން. އަހަރެން މިއުޅެނީ ވަރަށް އަވަހަށް ފުރަންވެގެން އަމިއްލަ ކަމަކު. އޭގެފަހުން އަހަރެން އައިސް ވަރަށްބޮޑު ނިންމުމެއް ނިންމާނަން. އެއީ އަނުމް އާ ގުޅިގެން. އެވާހަކަތައް ދަތުރަށްފަހު އައިސް އަހަރެން ދައްކާނަން" ނާސިހް ބުނެލިއެވެ. ފަލަކްނާޒްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އެކަމަކީ އަނުމްގެ ކަމަކަށް ވާތީ ވަގުތުން އޭނާ އެކަންތައް އިނގެން ބޭނުންވިއެވެ. އަނުމްގެ ހަޔާތަށް ކިތަންމެ ކުޑަ ބަދަލެއްވެސް އަންނަން ޖެހޭނީ އޭނާއަށް އިނގިފައެވެ.
"އަނުމް...! އަހަރެންނަށް އިހުސާސް މިހާރު މިކުރެވެނީ އެމަންޖެ އާ އަހަރެން ދުރުވާވަރު. އަސްލު އެއީ އަހަރެންގެ މައްސަލައެއްހެން ހީވަނީ. އަހަރެން ބޭނުން މިހުރިހާކަމެއް ބަދަލުކުރަން. ނާސިހް ތިދަތުރު ނިންމާފަ އަންނައިރު ފެންނާނީ މުޅިން އެހެން ފަލަކްނާޒެއް" ފަލަކްނާޒް ވާހަކަދައްކަމުން ދިޔައެވެ. ނާސިހް ބަހެއްވެސް ނުކިޔާ ދެލޯ މަރާލައިގެން އޮތެވެ. ފަލަކްނާޒްގެ ވާހަކަތަކަށް އޭނާއަށް އިތުބާރެއްނެތެވެ. އޭނާއަށް ނޭނގުނީ އޭނާ އެދަތުރު ނިންމާފައި އަންނައިރު ފަލަކްނާޒް ބަދަލުވާނެ ވާހަކަ އެބުނަނީ ކޮންގޮތަކުން ކަމެވެ. އަނުމްގެ ހަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ ބާރުގަދަކަމެވެ.
އާވާ ސިއްސައިގެން ދިޔައީ ދޮރުމަތީގައި ހުރި މާހިލް ފެނުމުންނެވެ. އޭނާ އަވަސް އަވަހަށް ގޮނޑިން ތެދުވެލީ މާހިލްއަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ. ހީލައިގެން ހުރި މާހިލް އެތެރެއަށް ވަދެ ކެބިން ދޮރު ލައްޕައިލިއެވެ. އާވާގެ ކޮންމެ ހަރަކާތެއް އޭނާއަށް ވަރަށް ކަމުދެއެވެ.
"އާވާ ކީއްވެ ގޮނޑިން ތި ތެދުވީ" އާވާ ކޮޅަށް ހުރުމުން މާހިލް އަހައިލިއެވެ.
"ސަރ އިށިންނަންވީނޫންތޯ. އަޅުގަނޑަށް އަންގާލެއްވިނަމަ" އަދަބުވެރިކަމާއެކު އާވާ ވާހަކަދެއްކިއެވެ.
"ޕްލީޒް އާވާ އެހާ ރަސްމީ ނުވެބަލަ. އެއީ އާވާގެ ގޮނޑިއެއްނު. އާވާ އިށީނދެބަލަ" މާހިލް އިށީނީ އާވާގެ މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައެވެ. އާވާ އައިސް އިށީނީ މާހިލްގެ ކުރިމަތީގައެވެ.
"މިއައީ ވާހަކައެއް ދައްކަންވެގެން. އަބަދު އާވާ ގެންނާކަށް ނުވާނެއްނު. މިއީ އާވާގެ އެކަނި ކަމެއް ނޫނެއްނު" މާހިލް ބުނެލިއެވެ.
"ކޮންވަހަކައެއްތޯ އެއީ..." އާވާ އަހައިލިއެވެ.
"އާވާ!! އެއްވެސް ތޯތޯއެއް ނޯންނާނެ. ތިކަން ކަނޑުވާލަން ކިހާ ދުވަހެއް ނަގާނެބާ" މާހިލް ބުނެލިއެވެ.
"ސޮރީ" އާވާ ބުނެލީ އެވަރަށެވެ.
"އާވާ ހިތަށް ނާރާތަ ކައިވެނީގެ ފަހުން މިއޮފީހުން އާވާ ނުފެންނާނެ އަހަރެން ބުނީ ކީއްވެގެންބާއޭ. އެކަމާ ބެހޭގޮތުން އާވާ ސުވާލެއްވެސް ނުކުރަމެއްނު" މާހިލް ބުނެލިއެވެ.
"ހިތަށް އެރި. އެކަމަކު އަހާކަށް ނުކެރުނު" އާވާ ބުނެލިއެވެ.
"އަސްލު އަހަރެން އެހެން ބުނީ ކައިވެނީގެ ފަހުން އަހަރެން އާވާއަށް ޕްރޮމޯޝަނެއް ދޭންވެގެން" އާވާ ބުނެލިއެވެ. އާވާ އިސްއުފުލާ މާހިލްއަށް ބަލައިލިއެވެ. އެހާ އަވަހަށް ކޮން ޕްރޮމޯޝަނެއް ހެއްޔެވެ؟ ނާއިންސާފުން އެއްވެސް ކާމިޔާބީއެއް އޭނާ ބޭނުމެއްނުވޭއެވެ.
"ކޮން ޕްރޮމޯޝަނެއް؟" އާވާ އަހައިލިއެވެ.
"ވަޒީފާ ބަދަލުވީ. އޭރުން އާވާ ވަޒީފާގަ އިންނާނީ އަހަރެންގެ ހިތު ތެރޭގަ. ކުރަންޖެހޭ މަސައްކަތް އާވާއަށް އިނގޭނެ" މާހިލް ބުނެލިއެވެ. މާހިލްގެ މޫނަށް އާވާ ނަޒަރެއް ދިންއިރު އޭނާއަށް ހެވިއްޖެއެވެ. އާވާގެ އެ ހިނިތުންވުން މާހިލްއަށް ވަރަށް ކަމުދިޔައެވެ.
"އާވާ ބޭނުންތަ އޮފީހަށް އަންނަން. ބޭނުމިއްޔާ އަހަރެންގެ މައްސަލައެއްނެތް" މާހިލް ވާހަކަދެއްކިއެވެ.
"ނޫން. ކައިވެނީގެ ފަހުން އަޅުގަނޑަށް ހަމަޖައްސައިދެއްވި ވަޒީފާ އަޅުގަނޑު ބޭނުމީ" ޖުމްލަ ދުލުން ބޭރުވިއިރު އާވާ މޫނުމަތި ލަދުގެ ރަތްކުލައިން ފެވިއްޖެއެވެ. އޭނާއަށް އެހެން ބުނެވިއްޖެކަން ހުދު އޭނާއަށްވެސް ޤަބޫލެއްނުކުރެވުނެވެ. އެހާ ފާޅުކަންބޮޑު ގޮތަކަށް އޭނާގެ ހިތުގެ ގޮވުން މާހިލް ކުރިމަތީގައި ހާމަކުރީތީ މާހިލްވެސް އިނީ ޤަބޫލުނުކުރެވިފައެވެ. އާވާގެ މޫނަށް ބަލަހައްޓައިގެން މާހިލްއަށް އިނދެވުނީ އިރުކޮޅަކުއެވެ. އޭނާ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އާވާގެ މޫނުން ނަޒަރު ވަކިކޮށްލައިފިއެވެ.
"އަހަރެން މިދަނީ މީހަކާ ބައްދަލުކޮށްލަން ބޭރަށް. ދިޔުމުގެ ކުރިން އާވާ ކައިރީގައި ވަރަށް މުހިންމު ވާހަކައެއް ބުނެލާނަން" ކޮޅަށް ތެދުވެ ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް އަތް ޖަހައިލަމުން މާހިލް ބުނެލިއެވެ. މާހިލްއަށް އިހުތިރާމް ކުރުމުގެ ގޮތުން އާވާވެސް ހުރީ ކޮޅަށެވެ.
މާހިލް ބުނަން އުޅެނީ އެހާ މުހިންމު ކޮންވާހަކައެއް ހެއްޔެވެ؟ އޭނާ މާހިލްއަށް އެއްފަހަރު ބަލައިލިއެވެ. އެއީ ކޮންވާހަކައެއްކަން އޭނާ އިންގެން ބޭނުންވެފައި ހުރިކަން މާހިލްއަށް އިނގުނެވެ.
"ދެންމެ ބުނީމެއްނު. ކައިވެނީގެ ފަހުން އާވާ އޮފީހުން ނުފެންނާނޭ އަހަރެން ބުނި ސަބަބު އިނގެން އާާވާ ބޭނުންވިޔޭ. އެކަމަކު އަހަން ނުކެރުނިޔޭ" މާހިލް ބުނެލިއެވެ. މައުސޫމް ގޮތަކަށް އާވާ ބޯޖަހައިލިއެވެ.
"އަހަރެން މިހާރު ބުނަން މިއުޅެނީ" މާހިލް އާވާ އާ ކުޑަކޮށް ގާތަށް ޖެހިލިއެވެ.
"ނުކެރިފަ ނުހުންނައްޗޭ. އޭރުން ފަހަރެއްގަ ހާސިލްކުރަން ބޭނުންވާ ކަމެއް ނުވެދާނޭ. ކެރެންވާނޭ. ލޯބި ލިބޭނީ ކެރިގެން މަސައްކަތް ކުރުމުން" މާހިލް ވާހަކަދެއްކީ ކުޑަކޮށް އާވާގެ ކަންފަތާ އޭނާގެ މޫނު ގާތްކޮށްލާފައެވެ.
މާހިލް ނިކުމެގެން ދިޔައިރު އާވާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ކުރިން ސީރިޔަސްކަން ނޫން އެހެން އެއްޗެއް މާހިލްގެ ފުށުން އޭނާއަށް ފެނިފައެއް ނުވެއެވެ. މިހާރު ދައްކާ ވާހަތަކުންނާ އަމަލުތަކުން ފެންނަމުން ދަނީ ލާނެއް ކަމެވެ. އާވާ ހީލިއެވެ.
މުޅިން އާ ދުވަހަކަށް އިރުން ފެނުން ތޮޅިލައިފިއެވެ. އާ އިހުސާސްތަކަކާ އުންމީދުތަކަކާއެކު އާވާ ހެނދުނު ދެލޯ ހުޅުވާލައިފިއެވެ. ހެޔޮ ހާލުގައި އާ ދުވަހަކަށް މަރުހަބާ ކިޔަން މެދުވެރިއަކަށްވި ކަލާނގެއަށް އާވާ ޙަމްދު ކުރިއެވެ. އޭނާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ކައިވެންޏަށް އެއް ދުވަހަށް ކުރުވީއެވެ. ޖެހިގެން އޮތީ އޭނާ މިހާރު އެންމެ އިންތިޒާރުކުރާ ދުވަހެވެ. އޭނާގެ ހަޔާތުން މުޅިން އާ ސަފްހާއެއް ހުޅުވިގެންދާނެ ދުވަހެކެވެ. އެތައް ބަދަލުތަކަކާ އެކުގައެވެ. އޭނާގެ އަމިއްލަ ނަފްސާއި ހަޔާތާއި ދެމެދު ވާދަވެރިކަމެއް އުފަންވެގެންދާނެއެވެ.
ފެންވަރައިގެން ޟުހާނަމާދު ކޮށްގެން އޭނާއަށް ތިރިއަށް ފޭބުނުއިރު ހެނދުނު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ބޮލުގައި ރިހުމެއް ހުރުމުގެ ސަބަބުން އޭނާ ފަތިސްނަމާދަށްފަހު އިތުރަށް ބޭރަށް ނުނިކުމެއެވެ.
ޙާޖަރަށް ގޮވަމުން އޭނާ ބަދިގެއަށް ވަންއިރު އެތަން ވެސް އޮތީ ހުސްކޮށެވެ. ދާރިމްގެ ކޮޓަރިން ރިޒާގެ އަޑު އިވުނުހެން ހީވުމުން އޭނާ އެދިމާލަށް ދަނިކޮށް ދާރިމްގެ ކޮޓަރި ތެރެއިން ޙާޖަރު ނިކުތް ތަން ފެނުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. "ދަރިފުޅާ ވަރަށް އަވަހަށް ދޭބަލަ ކައިރި ބޭސްފިހާރައަށް ގޮސް މި ބޭސް ގަނެލައިގެން އަންނަން" އާވާ ވާނުވާ ނޭނގި ބަލަން ހުރެފައި ޙާޖަރު ދިން ބޭސް ސިޓީގައި ހިފައިފިއެވެ. އޭނާ ބާރު ހިނގުމުގައި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ލައިގެން ހުރި ޓީޝާޓްމަތިން ކަޅު ހެދުން ލިއެވެ. ކަޅު ބުރުގާ ބޮލުން ވައްޓާލައިގެން އޭނާ ބޭރަށް ނިކުތްއިރު އަތުގައި ދެފަޔަށް ލައްވާ އިސްޓާކީނު އޮތެވެ. އޭނާގެ ހަރަކާތްތައް ވަރަށް އަވަހެވެ.
އެންމެ ކައިރިން ބޭސްފިހަރާއިން ލިބުނު ބޭސްތައް ހިފައިގެން އޭނާ ގެއަށް ވަންނަން އުޅުނު ވަގުތު ހުއްޓެވުނީ އޭނާގެ ހަރަކާތްތަކަށް މީހަކު ފާރަލަމުންދާހެން ހީވުމުންނެވެ. ފަހަތް ބަލައިލިއިރު ތަންކޮޅެއް ދުރުގައި މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެއް ހުރިތަން ފެނުނެވެ. އާވާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ގެއަށް ވަންނަން ހިނގައިގަތުމަށްފަހު ކުއްލިއަކަށް އެނބުރި ބަލައިލީ އެމީހާ ހަރަކާތްކޮށްލިހެން ހީވުމުންނެވެ. އޭނާ ޚައިރާންވީ އެމީހާ ނިޝާނެއްވެސް އެހިސާބުން ފެންނަން ނެތުމުންނެވެ.
(ނުނިމޭ)