ވާހަކަ

ކޮންމެ ހިނދެއް - 09

3

"މިހާރު އެވީއަށް ތިފެންނަނީ މަންމައާ ބައްޕަގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު މުދާގަނޑު" އާވާގެ ސިކުނޑި މަސައްކަތްކުރަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ޚައިރާންކަން އެކުލެވިގެންވި މޫނަށް އުޖާލާކަން ވެރިވެ އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. އޭނާގެ ދެލޮލަށް ކަތުނަ ޖަމާވެ އެނބުރިލާފައި ޙާޖަރުގެ މޭގައި މޫނު ފޮރުވަލައިފިއެވެ.

އާވާގެ އެ އަމަލުން ޙާޖަރާއި ރިޒާ އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. ކުރިން ޙާޖަރަށް ވީ ޝައްކެކެވެ. މިހާރު ޔަގީންވެއްޖެއެވެ. އެހެންނަމަވެސް ރިޒާއަށް އާވާގެ ހިތުން މާހިލްއަށް އެދޭކަން އަދި އެ އިނގުނީއެވެ. އޭނާ ލޯތްބާއެކު އާވާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. ލޯބިވާ ދަރިފުޅުގެ ހިތުގައިވާ އިންސާނާ އެދަރިފުޅުގެ ފިރިއަކަށް ހެދުމަށް އޭނާ އަތުކުރި އޮޅާލައިފިއެވެ. މުޅި އުމުރަށެވެ.

"ބައްޕަމެން މި ކައިވެންޏަށް ވަރަށް ޤަބޫލު. މާހިލަކީ ހަމަ ލައްކައަކުން އެކެއް" ރިޒާ ބުނެލިއެވެ.

"މާހިލްއަށް ވުރެ ރަނގަޅު ބައިވެރިއެއް ދަރިފުޅަށް ދުވަހަކުވެސް ނުލިބޭނެ. ދަރިފުޅުގެ ތިހޮވުމަށް ހަމަ ސަތޭކަ" ޙާޖަރު ވާހަކަދެއްކިއެވެ.

އޮފިސް ތެރެއިން މާހިލްއަށް އާވާ ފެނުމާއެކު އާވާ ލަދުން އިސްޖަހައިލިއެވެ. މާހިލް ހިނިއައެވެ. އާވާއަށް އޭނާގެ އެދުން ރިޒާ އިއްވައިދީފިކަން އޭނާއަށް އިނގުނެވެ. އާވާގެ މޫނުން ފެންނަމުންދާ ކުލަވަރުތަކުން މާހިލްއަށް އެކަން ވިސްނިއްޖެއެވެ.

ރެސްޓޯރެންޓުގައި އާވާ ހެނދުނުގެ ސައިބޯން އިނީ ރައުހާއާއި އަމާޔާ އަދި އިތުރު ފިރިހެން ކުއްޖަކާއެކުގައެވެ. މާހިލްއަށް ހާއްސަކުރެވިފައިވާ އިންނަ ބައިގައި މާހިލް އިނީ އެކުގައި ޝާނިމް ގޮވައިގެންނެވެ. ކަހާލާފައިވާ ކާރޓެއިން ތެރެއިން މާހިލްއަށް އާވާ ފެންނަމުން ދިޔައެވެ. އޭނާ އެއްފަހަރު އާވާއަށް ބަލައިލިއްޔާ އަނެއްފަހަރު އިންނަނީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ. އޭނާ އެގޮތަށް ސިއްރުން އާވާއަށް ބަލަންޖެހޭނީ ދެން ކުޑަ ދުވަސްކޮޅަކުކަން އޭނާއަށް ވެސް އިނގެއެވެ. އެހެންނަމަވެސް ބައެއް ގަޑިތަކުގައި ހިތަށް ބާރު ފޯރުވަން އުނދަގުވަނީއެވެ.

"ރޭގަ ވަރަށް ލަހުން ދޯ ނިދީ. އަހަރެން ދަންވަރު ކެއްސާވަރުން ހޫނު ފެންފޮދެއް ބޯލަން ނިކުތްއިރު ތިކޮޓަރި ދޮރު ދަށުން އަލި ފެންނަން ހުރި" ޝާނިމް ވާހަކަދެއްކިއެވެ.

"އާނ.. އެކޮޅުން އައިސްދާނެ ޖަވާބަކާމެދު ވަރަށް ގިނައިރު ވިސްނަން އޮތިން. އެކަމު ނިދިން ކުޑަކޮށް" މާހިލް ބުނެލިއެވެ.

"ދެން މިހާރު ރިޒާބެ ޖަވާބެއް ދީފިތަ؟" ޝާނިމް އަހައިލިއެވެ.

"އުނހު. އަދިނުދޭ. އެކަމަކު އަހަރެންނަށް ޖަވާބު ލިބިއްޖެ. ހީވަނީ ޤަބޫލުކޮށްފިހެން" މާހިލް ބުނެލިއެވެ. އެހެން ބުނިއިރު އޭނާގެ ނަޒަރު ސީދާވެފައި ހުރީ އާވާއަށެވެ.

"ތިބުނީ؟ ކާކު ޖަވާބުދިނީ؟" ޚައިރާންކަމާއެކު ޝާނިމް އަހައިލިއެވެ.

"މިއަދު އާވާ ވަރަށް ތަފާތު. އެހެން ދުވަސްދުވަހު އޭނާގެ ފުށުން ނުފެންނަ ލަދުރަކި ކަމެއް ފެނިއްޖެ" މާހިލް ބުނެލިއެވެ.

"ހާދަ ލަދުގަންނަ ކުއްޖެކޭ އެއީ. އަހަރެންގެ ހަޔާތުގައި އަދި އެކަހަލަ އަންހެންކުއްޖެއް ދިމައެއްނުވޭ. ހުރިހާގޮތަކުން ތަފާތު" މާހިލް ބުނެލިއެވެ.

މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. އަރާފައި އިން ރިޒާގެ ނަން ފެނުމާއެކު މާހިލްގެ ހިތް ތެޅިލައިފިއެވެ. އޭނާ ޓިޝޫއަކުން އަތް ފޮހެލުމަށްފަހު އަވަސް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލިއެވެ. ސަލާން ގޮވުމަށްފަހު ރިޒާގެ ހާލުއަހުވާލު އޮޅުންފިލުވައިލިއެވެ.

ކުޑަ ހިނދުކޮޅެއްފަހެވެ. މާހިލް ފޯނު އޮތް ތަނުގައި ބޭއްވިއެވެ. ދެއަތުން މޫނުމަތި ނިވާކޮށްލިއެވެ. އޭނާއަށް ބަލަހައްޓައިގެން އިން ޝާނިމް ވީގޮތެއް ނޭނގި މާހިލްއަށް ބަލަމުން ދިޔައެވެ.

"ޝާން!! އަހަރެންނަށް ޖަވާބުލިބިއްޖެ. ރިޒާބެއާ ޙައްޖައްތަ އަހަރެންނަށް އާބަސް ބުނެފި. އަލްޙަމްދުﷲ. އަހަރެން މިއަދު ވަރަށް އުފާވެއްޖެ" މާހިލްގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނައެއް ވެއްޓިގެން ދިޔައެވެ. ޝާނިމްގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. މާހިލްއަށްޓަކައި އޭނާ އުފާކުރިއެވެ. އާވާއަށްޓަކައި މާހިލްގެ ހިތުގައިވާ ސާފުލޯބި ޝާނިމްއަށް އިހުސާސްވިއެވެ. އޭނާ ދެކުދިންނަށް މަރުޙަބާ ކިއެއެވެ. ކައިވެނީގެ ކަންތައް އަވަސްކުރަން ބުނެލިއެވެ. އޭނާއާ އަމާޔާގެ ކައިވެނި ލަސްވިކަން ނަސިބޭ ބުނެލިއެވެ. އެހެންނޫނީ އެ ދެމީހުންގެ މާމުއި ހަނދުވަރުގެ ދުވަސްވަރު މާހިލް ކައިވެނި ކުރާއިރު އޭނާއަށް ރަށުގައި ނުހުރެވިދާނެއޭ ބުނެލިއެވެ.

"އަހަރެން ވަރަށް އަވަހަށް އެގެއަށް ދާނަން ރިޒާބެމެންނާ ބައްދަލުކުރަން. ކައިވެނިކުރާ ދުވަސް ކަނޑައަޅަންޖެހޭނީ އާވާގެ ޚިޔާލުވެސް ހޯދާފަ ދޯ" މާހިލް ވާހަކަދެއްކިއެވެ.

ސައިބޮއެ ނިމިގެން އާވާ ތެދުވަން އުޅުނު ވަގުތު މަޑުޖެހިލީ ރައުހާ ބަލަހައްޓައިގެން އިން ގޮތުންނެވެ. އަމާޔާވެސް އާވާގެ މޫނަށް ބަލައިލީ ރައުހާ ބަލަހައްޓައިގެން އިންތަން ފެނުމުންނެވެ.

"ކިހިނެއްވީ؟" އާވާ އަހައިލިއެވެ.

"މިއަދު ހަމަ ހީވަނީ އެވީ ތަފާތުހެން. ވަރަށް އުފާވެފަތަ؟ މިހެން މިބުނީ އެހެންޏާ ނުފެންނަ ހިނިތުންވުމެއް ފެންނަން ހުންނާތީ. ސަޔަށް ތި ކެބިންއަށް ބަލާ ދިޔައިރުވެސް އެކަނި ހޭން އިންތަން ފެނުނީ" ރައުހާ ވާހަކަދެއްކިއެވެ.

ރައުހާގެ ވާހަކަތަކުން އާވާއަށް އިތުރަށް ހެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި އިސްޖަހާލެވުނެވެ.

"އަނެއްކާ ސައެއް ލިބެން އުޅެނީތަ؟" އަމާޔާ އަހައިލިއެވެ.

"އެކަހަލަ ކަމެއް އެބައުޅޭހެން ހީވަނީ. ތި އެންމެންނަށް ލަހެއްނުވެ ހުރިހާކަމެއް އިނގިދާނެ" އާވާ ބުނެލިއެވެ.

މާހިލްގެ ކެބިންއަށް އާވާ ވަނީ އެއްފަހަރު ޓަކި ޖަހާލާފައެވެ. އޭނާއަށް މާހިލްގެ ކޯލް ލިބުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ޓަކިނުޖަހާ އަންނަ ގޮތަށް ކެބިންއަށް ވަންނަން މާހިލް އޭނާ ކައިރީގައި އެދިފައި ވިޔަސް އޭނާ އެގޮތް ބޭނުންނުވިއެވެ. ކައިވެނިކުރަން ހަމަޖެހިފައި ވިޔަސް އަދިވެސް އެއީ އޭނާގެ ބޮޑުމީހާއެވެ. ކުރަންޖެހޭ އިހުތިރާމަކީ ވަކި އެއްޗެކެވެ.

"ދޮރު ލައްޕާލައްޗެ" އާވާ ވަތްކަން އިނގުމުން މާހިލް ބުނެލިއެވެ. އާވާ މަޑުމަޑުން ދޮރުލައްޕާލާފައި ބަލައިލިއިރު މާހިލް އިނީ ބަލަހައްޓައިގެންނެވެ. އެހެންކަމުން ކުރިއަށް ހިނގަން އޭނާއަށް ވީ އުނދަގު ކަމަކަށެވެ.

"އާވާ!" އާވާ ހުއްޓިފައި މާހިލްއަށް ބަލައިލިއެވެ. އޭރު މާހިލް ހުރީ އޭނާގެ މޭޒުގައި އެއްފައި މައްޗަށް ލެގިލައިގެން ދެޖީބަށް އަތް ޖަހާލައިގެން އާވާއަށް ބަލަހައްޓައިގެންނެވެ.

"ހާދަ ބިރުން ތިއުޅެނީ. އަހަރެން އެއްވެސް ކަމެއް ނުކުރާނަން. އާވާގެ ނުރުހުމުގައި އިނގިލި ކުރިވެސް ޖައްސާނުލާނަން" މާހިލް ބުނެލިއެވެ. އާވާ ހީލާފައި އައިސް މާހިލް ކުރިމަތީގައި ހުއްޓިލިއެވެ. އޭނާގެ ގުޅުވާލާފައި އޮތް ދެއަތްތިލައަށް މާހިލްގެ ނަޒަރު ހުއްޓުމާއެކު އާވާ ކަންބޮޑުވެފައިވާ މިންވަރު އޭނާއަށް އަންދާޒާ ކުރެވިގެން ދިޔައެވެ. އެދެއަތް ތިލައިގައި ހިފާ ބޮސްދޭން އޭނާ ބޭނުންވިއެވެ. އެހެންމަވެސް އޭނާ ޖެހޭނީ ކެތްކުރާށެވެ. ކުޑަދުވަސްކޮޅަކުން އެ އަންހެންކުއްޖާ ވާނީ އޭނާގެ ޙައްގަކަށެވެ.

"އާވާ މިގެނައީ ކުޑަ ވާހަކައެއް ދައްކާލަންވެގެން. ހިނގާބަލަ އިށީނދެލަން" މާހިލް ބުނެލިއެވެ. މާހިލް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އާވާ އިށީނީ މާހިލް ކުރިމަތީގައި ހުރި ގޮނޑީގައެވެ.

"އާވާ! އަހަރެންނަށް އިނގޭ ހުރިހާ ވާހަކައެއް ދައްކަންޖެހޭނީ އަހަރެންކަން. އާވާ ހަމަ އެއްވެސް އެއްޗެއް ނުބުނާނެކަން" މާހިލް ވާހަކަދެއްކިއެވެ. އާވާ އިސްއުފުލާ ބަލައިލަފައި ހިނިތުންވެލުން ފިޔަވައި އިތުރު އެއްޗެއް ނުބުންޏެވެ.

"މިކައިވެންޏާ އާވާ ގަބޫލުވީ ހިތުން ރުހުމުންތަ؟" މާހިލް އަހައިލިއެވެ. އާވާ ބޯޖަހައިލިއެވެ.

"ކައިވެނީގެ ކުރިން އަހަރެން ދުވަހަކުވެސް އާވާ ކައިރީގައި އެކަހެރިކޮށް ބައްދަލުވުމަށް ނޭދޭނަން. އާވާ އެއްވެސް ކަމަކާ ބިރުނުގަންނައްޗެ" މާހިލް ބުނެލިއެވެ.

"އާވާއަށް އަހަރެން ކަމުދަންޏާވެސް ނޫނީ ކަމުނުދަންޏާވެސް ނޫނީ އާވާ ހިތްހަމަނުޖެހޭ ސިފައެއް ހުރިއްޔާވެސް ބުނާތީ އިނގޭ" އަނެއްކާވެސް ވާހަކަދެއްކީ މާހިލްއެވެ.

ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

"ހެހެހެ..." އާވާ އެއްޗެއް ނުބުނާތީ މާހިލް ކައިރިއަށް ހިނިއައެވެ.

"ކައިވެނި ކޮށްފަވެސް އާވާ އަހަރެންނާ ވާހަކަނުދައްކާނަންތަ؟" މާހިލް އަހައިލިއެވެ. އާވާ ދެފަރާތަށް ބޯހޫރާލިއެވެ.

"މިރޭ ކޮންމެސް ގަޑިއެއްގަ ތިގެއަށް ދާނަން. އަދިވެސް ވަރަށް ވާހަކަ އެބަހުރި އާވާ އާ ދައްކަންބޭނުން. އެކަމަކު އެވާހަކަތައް ދައްކާނީ އާވާގެ މައިންބަފައިން ކުރިމަތީގަ" މާހިލް ބުނެލިއެވެ.

"ދެން އެންމެ ރަނގަޅު އާވާ ދިޔަސް" މާހިލް ބުނެލިއެވެ. އާވާ ތެދުވެގެން ހިނގައިގަންނަމުން މާހިލްއަށް ބަލައިލިއެވެ. މާހިލް ބަލަހައްޓައިގެން ހުރިކަން އިނގުމުން އާވާ އަވަހަށް ނަޒަރު ވަކިކޮށްލިއެވެ. ދޮރާއި ހަމައަށް ދިޔަތަނާ މާހިލް ގޮވައިލައިފިއެވެ. މާކުރިންވެސް މާހިލް ގޮވައިލާނޭ އާވާގެ ހިތް ބުނެލިއެވެ. އެއީ އެކަން މިހާރު މާހިލްގެ އާދައަކަށް ވެއްޖެއެވެ.

"އާވާގެ ތި ސިފަ އަހަރެންނަށް ވަރަށް ކަމުގޮށްސި" އާވާ ހުއްޓި ބަލައިލުމާއެކު މާހިލް ބުނެލިއެވެ. އާވާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ހިތަށް ވަމުންދާ ގޮތް މާހިލްއަށް ދެއްކޭނެނަމައެވެ.

ޕެންޑިންގައި ހުރި ހުރިހާ މަސައްކަތެއް ނިންމާލާފައި ސުހާއާއި ޙަމްނާއަށް އޮފީހުން ނިކުމެވުނީ ހަތަރެއްޖަހާ ބޮޑުވި ފަހުންނެވެ. ދެކުދިން މަގުގެ އެއްފަރާތުން ހިނގާފައި ދިޔައީ ސުހާގެ ސައިކަލް ޕާކު ކޮށްފައި ހުރި ދިމާލަށެވެ.

"އެރިއްޖެތަ؟ ނައްޓާލަނީ އިނގޭ" ޙަމްނާ ޖަވާބު ދިނުމާއެކު ސުހާ ސައިކަލް ކުރިއަށް ދުއްވައިލިއެވެ.

"އިނގޭތަ މަށަށް ހީވަނީ އެ އުޅޭ އާވާ އާ މާހިލް ސަރ ކަމެއްހެން މިހާރު. ސަރ ގެ ކެބިންއަށް ވަރަށް ގިނައިން އެ އާވާ ވަންނަތަން ފެނޭ. އަދި ނިކުންނައިރު ހުންނާނީ ކިނބުލެއްހެން ވަރަށް ހިނި އައިއްސަ" ސުހާ ވާހަކަދައްކަމުން ދިޔައެވެ.

"މަށަށްވެސް ތިކަހަލަ މަންޒަރެއް ފެނިއްޖެ. އިނގިދާނެތާ ވާގޮތެއް" ޙަމްނާ ބުނެލިއެވެ.

"އުޅެބަލަ ޙަމްގެ މަންމަ ކައިރީގައި ބުނެގެން މި ވީކެންޑްގަ އަހަރުން ގެއަށް އޯވަރ ނައިޓަކަށް އަންނަން" ސުހާ ބުނެލިއެވެ.

"ދެވިދާނެ. އެކަމު ސުހާގެ މަންމަ އޯ" ޙަމްނާ ބުނެލިއެވެ.

"ހިނގައްޖެ ރަށަށް. މިހާރު ގޭގަ މިތިބީ މަށާ ނާއްތަ އާ އެކަނި. ބައެއްފަހަރު ނާއްތަ ކައިރިއަށް އަންނަ ރައްޓެހި ފިރިހެންކުދިން މަގޭ ކައިރިއަށްވެސް ޖައްސާނެ. ކަމެއް ކޮށްދިނީމަ ދެ ކުއްޖަކު ވަރަށް ބައިވަރު ރުފިޔާވެސް ދިން" ސުހާ ވާހަކަދައްކަމުން ދިޔައެވެ. އޭނާ ހިތުން އޭނާއަށް މިދެއްކެނީ ވަރަށް ރީތި ވާހަކަތަކެކެވެ. އޭނާއަށް ނޭނގުނީ އެ ފިރިހެންކުދިންތައް ކުރިމަތީގައި އޭނާގެ ހަށިގަނޑު ނީލަން ކިޔާފައިވާއިރު ހެއްދެވި ފަރާތުގެ ނުރުއްސެވުން އޭނާގެ މައްޗަށް ފަތުރާލައްވާފައި ވާކަމެވެ. އަދި އެކަލާނގެ ހަޟްރަތަށް ފުރިހަމަ ތަޢުބާއަކުން ތައުބާ ނުވާހާ ހިނދެއްގައި އެކަލާނގެ ހަޟްރަތުގައި އޭނާއަކީ އެއްވެސް އަގެއްނެތް މީހެއް ކަމެވެ.

"އަސްލުވެސްތަ؟ ކިހިނެއްވަނީ ތަޖުރިބާ؟" ޙަމްނާ އަހައިލިއެވެ.
ވަރަށް ސަޅި. މިހާރު މިކަމަށް ދެވިހިފައިފި" ސުހާ ބުނެލިއެވެ.

"އަހަރެން ވަރަށް ބޭނުން. އެކަމަކު އިނގޭތަ! އަހަރެން ކުރިން ރައްޓެހިވި ހިޝާމް ހީވަނީ އަންހެނެއްހެން. އަތުގައި ހިފާލިޔަސް އުޅޭނީ ވަރަށް ލަދުން" ޙަމްނާ ވާހަކަދެއްކިއެވެ.

"އެހެންވެއޭ މިބުނީ ވީކެންޑުގަ އަންނާށޭ" ޙަމްނާގެ ގެ ހުންނަ މަގަށް އަޅަމުން ސުހާ ވާހަކަދެއްކިއެވެ.

ލޯގަނޑު ކުރިމަތީގައި ހުރި އާވާ އޭނާގެ ކަޅު ބުރުގާ އަޅަމުން ދިޔައެވެ. އެހެން އަންހެންކުދިން ފަދައިން މޭކަޕްތަކާއި އެއްޗެހިން މޫނުމަތި ފަވާލަން ހިތަށް އެރިއެވެ. ތުންފަތުގައި ކުލައެއް ޖައްސަން ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ ހިޔާލު ބަދަލުކުރިއެވެ. އޭނާއަކީ އެއްވެސް އިރެއްގައި މޫނުގައި ކްރީމްތަކެއް ހާކައިގެން މޭކަޕްކޮށް އުޅުނު ކުއްޖެއް ނޫނެވެ. މާހިލްއަށް އޭނާ ކަމުދިޔައީވެސް އޭނާގެ ގޮތުގައި ހުއްޓައެވެ. މިއަދު ވަކިން ރީތިވާންވީ ކީއްކުރަން ހެއްޔެވެ؟

"މަންމަމެން ބުނީ ހަމަ ތެދެއް. ކޮންމެ އިންސާނެއްވެސް އެކަލާނގެ މިދުނިޔެ މައްޗަށް ފޮނުއްވާފައިވަނީ އެންމެ ރީތި ސިފައިގައި. އަހަރެންގެ ބޭރުފުށް ރީތިކުރަން އެއްވެސް މަސައްކަތެއް ނުކޮށް ހުރިއިރުވެސް އެކަލާނގެ އަހަރެންނަށް ހެޔޮލަފާ ފިރިއެއް ދެއްވަން ނިންމަވައިފި" އާވާ ހިތާހިތުން ބުނެލިއެވެ. ޙާޖަރު އެ ކޮޓަރި ދޮރު ހުޅުވާލީ އާވާ ނިކުންނަން އުޅެނިކޮށެވެ.

"މާހިލް އަތުވެއްޖެ. މިހާރު ބައްޕަވެސް އެބަ އިންނެވި. މިއައީ އެވީ ބަލާ" ޙާޖަރު ބުނެލިއެވެ. ހީލަމުން އާވާ ޙާޖަރު ފަހަތުން ނިކުތެވެ.

އާވާ އިށީނީ ރިޒާ ކައިރީގައެވެ. ޖެހިގެން ޙާޖަރު އިންއިރު އާވާ ކުރިމަތީގައި ވަކިން ހުރި ސޯފާގޮނޑީގައި މާހިލް އިނެވެ. އެއްފަރާތުގައި ވަކިން ހުރި ސޯފާ ދެ ގޮނޑީގައި ޝާނިމް އާ ދާރިމް އިނެވެ. ވާހަކަދައްކަން ފެށުމުގެ ކުރިން އާވާއާއި މާހިލް އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އެހެންވީމަ ތާރީހެއް ކަނޑައަޅަން ބައްޕައަށް ފެންނަނީ" ރިޒާ ވާހަކަދެއްކިއެވެ.

"ލައްބަ. އެކަމަކު ތާރީހެއް ކަނޑައެޅުމުގެ ކުރިން އަޅުގަނޑު ވަރަށްބޮޑު ޙަޤީޤަަތެއް ހާމަކުރަން ބޭނުން" މާހިލް ބުނެލިއެވެ. މާހިލްއަށް ބަލައިލީ ޝާނިމްއާއި އާވާ އެކީގައެވެ.

"އަޅުގަނޑުގެ އާއިލާ އެއްވެސް މެންބަރެއް ނެތް. އަޅުގަނޑު އުޅެނީ އަބަދުވެސް އެކަނި. މިހާރު އަޅުގަނޑާއި އެންމެ ކައިރީގައި އަބަދުވެސް ހުންނަނީ ޝާނިމް" މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"ތިޔައީ އެއްވެސް މައްސަލައެއްނޫން. މާތްﷲ ގެ އެއްވެސް އަޅަކީ އެކަނިވެރިއެއްނޫން. އެކަލާނގެ ހުރިހާ އެންމެންނާއެކު ވޮޑިގެންވޭ" ރިޒާ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ކުރިން ކައިވެންޏެއް ކުރިން. އަދި ދަރިއެއްވެސް ލިބުނު. އެކަމަކު މިހާރު އެދަރިފުޅު ދުނިޔޭގައި ނެތް. މާޒީގައި އަޅުގަނޑަކީ ރީތި ދިރިއުޅުމެއް އުޅުނު މީހެއްނޫން" މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"މާތްﷲ އަށްޓަކައި ދިރިއުޅުމެއް ފަށަން ތައްޔާރުވަމުންދާ މީހަކަށް މާޒީގައި އުޅެވިފައި ހުރި ގޮތަކުން ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ. ބައްޕައަށް ރަނގަޅީ ފަހަތަށް އެއްލިފައި ހުރި ގަނޑުތައް އަލުން ހުޅުވައިގެން އެކިޔާ ނުހެދިއްޔާ. އަބަދުވެސް ވިސްނަންޖެހޭނީ ތިމާގެ މުސްތަގުބަލާ މެދު" ރިޒާ ވާހަކަދެއްކިއެވެ. އިތުރަށް އެވާހަކަތައް ދައްކަން މާހިލް ނޫޅުނެވެ. އޭނާ ބޭނުންވަނީ އާވާ އާ ވާހަކަދައްކާށެވެ. ނަމަވެސް ބުނާކަށް ނުކެރުނެވެ.

"އެހެންވީމަ ތިދެކުދިން ވާހަކަދައްކާލައިގެން ދުވަހެއް ކަނޑައަޅާ. ބައްޕަ ބުނާނީ ކައިވެނިކުރާނަމޭ ބުނެ ދުވަސްތައް ވޭތުކުރުމުގެ ބޭނުމެއްނެތޭ" ރިޒާ ވާހަކަދެއްކިއެވެ.

މާހިލްއާއި އާވާ އެކަނި ސިޓިންގްރޫމުގައި ބައިތިއްބާފައި އެންމެން ދުރަށް ޖެހިލިއެވެ. ބޭނުމަކަށްވީ އެންމެންގެ މެދުގައި އެދެކުދިންނަށް ކައިވެންޏާ ގުޅޭ ވާހަކަތައް ދައްކަން ނުކެރިފައި ތިބެދާނެ ކަމަށްޓަކައި އެފުރުސަތު ދިނުމެވެ. ބަދިގޭގައި ޙާޖަރު އުޅުނުއިރު އޭނާއަށް ހުޅުވާލާފައިވާ ކުޑަދޮރުން ރިއްޗަށް މާހިލް އާ އާވާ ފެންނަން ހުއްޓެވެ.

"އާވާ!" މާހިލް އާވާއަށް ގޮވައިލީ އިރުކޮޅަކު އެމޫނަށް ބަލަހައްޓާއިގެން އިނދެފައެވެ.

"ކީކޭ އަހަރެން ކިޔަންވީ. އާވާތަ ނޫނީ އެވީތަ؟" އާވާ އިސްއުފުލާ ބަލައިލުމާއެކު މާހިލް އަހައިލިއެވެ.

"ސަރ ބޭނުން ނަމެއް" އާވާ ބުނެލިއެވެ.

"ކައިވެނިކުރެވެން އޮތީ މަދު ދުވަސްކޮޅެއް. ކައިވެނީގެ ފަހުންވެސް ކިޔާނީ ސަރ ތަ؟" މާހިލް ހީލުމަކާއެކު އަހައިލިއެވެ.

"ލައްބަ... ނޫން..." އާވާ ބުނެލިއެވެ.

"ތިތަނުން ކޮންބަހެއް އަހަރެން ގަބޫލުކުރަންވީ؟ އާއެނކޭތަ ނޫނީ ނޫނެކޭތަ؟" މާހިލް އަހައިލިއެވެ.

"ނޫން" އާވާ ބުނެލިއެވެ.

"އާވާ ބޭނުންވަނީ ކޮންދުވަހަކަށް ނިންމަން" މާހިލް އަހައިލިއެވެ.

"ސަރ ބޭނުން ކޮންމެދުވަހެއްވެސް އަޅުގަނޑަށް އޯކޭ" އަވާ މާހިލްއަށް ބަލައިނުލާ އިނދެ ބުނެލިއެވެ.

"އަހަރެންނަކީ ވަރަށް ކެތްތެރިކަން ކުޑަ މީހެއް. އަހަރެން މިހާރުވެސް އާވާ އާ އިންނަން ބޭނުން. އަހަރެންނަށް އިތުރަށް ކެތެއް ނުކުރެވޭނެ" މާހިލް ވާހަކަދެއްކިއެވެ.

މާހިލްގެ ވާހަކަތަކުން އާވާގެ މޫނު މައްޗަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިހާރު އިންނާނީ ކިހިނެއް ހެއްޔެވެ؟

"އެހެންވީމަ މި މަސް ނިމޭހާތަން ކިހިނެއްވާނެ؟" އާވާގެ މޫނު މައްޗަށް އެރި ކުލަވަރު މާހިލްއަށް ސިއްރެއް ނުވިއެވެ. އެވާހަކަ އިތުރަށް ދައްކައިގެން އާވާ ލަދުގަންނަވަން ބޭނުންނުވީއެވެ.

"އާވާ! މި ކައިވެންޏަކީ ހަމައެކަނި އަހަރެން ކުރާ ކައިވެންޏެއްނޫން. މިކަމުގައި ދެމީހުންގެ ޙިއްސާ އެއްވަރަށް އޮންނާނެ. ހުރިހާ ކަމަކަށް އަހަރެން އެކަނިން ވާހަކަދައްކަންޏާ އެއްވެސް ކަމަކަށް ޙައްލެއް ނުލިބޭނެ. އަހަރެން ކިޔާހާ އެއްޗަކަށް އާވާ ތިކިޔަނީ އާއެނކޭ ވިއްޔާ" މާހިލްގެ ވާހަތަކުގައި ސަމާސާ އެކުލެވިފައިވިއެވެ.

"އާވާ އަހަރެން މަރާލަން ބޭނުންތަ؟" މާހިލް އަހައިލިއެވެ.

"އާނ... ނޫން....." އާވާ ތެޅިގަނެފައި ބުނެލިއެވެ. މާހިލްއަށް މިފަހަރު ހުނުން ކޮންޓްރޯލް ނުކުރެވުނެވެ. އާވާއަށް ވެސް ހެވިއްޖެއެވެ. އޭނާއަށް ދެއަތުން މޫނު ނިވާކޮށްލެވުނެވެ.

"އެހެންވީމަ އެދުވަސް ކަނޑައަޅާނީ ދޯ. މާދަމާ އާވާ ބައްޕައަށް ޖަވާބެއްދޭނީ. އޭގެކުރިން އާވާ ބަދަލުކުރަން ބޭނުންވިއްޔާ މެސެޖްކޮށްލާފަ ބުނާތި އިނގޭ" މާހިލް ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ.

"އަހަރެން ދަނީ ދެން. އުންމީދުކުރަން މާދަމާ އޮފީހުން އާވާ އާ ބައްދަލުވާނެކަމަށް" މާހިލް ބުނެލިއެވެ.

"ނޫން. ކާން ތައްޔާރުކޮށްފައި ހުންނާނީ. ކައިގެން ދާން މަޑުކުރަންވީނުން" އާވާ ބުނެލިއެވެ. މާހިލް ހީލިއެވެ. އާވާގެ އަޑުގައިވަނީ އޮމާންކަމެވެ.

"އާވާތަ ކެއްކީ. އެހެންވިއްޔާ ބަނޑުހައި ނުވިޔަސް ކައިގެން ދާނީ. އަހަރެންގެ ވާންއުޅޭ އަނބިމީހާ އަތުން ކައްކާފައި ކޮންމެ އެއްޗެއް ހުއްޓަސް އަހަރެން ނޫނެކޭ ނުބުނާނަން" އާވާގެ މޫނަށް ބަލަން އިނދެ މާހިލް ބުނެލިއެވެ. އާވާގެ ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.

މުޅިން އާ ދުވަހެކެވެ. އާ އުންމީދުތަކަކާއެކު މާހިލް އޮފީހަށް ދިޔައެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. ހަފްތާއެއްފަހުން އޭނާ ކައިވެނި ހަމަޖެހިއްޖެއެވެ. މިއަދަކީ އާވާ ރަންކިޔާ ރެއެވެ. ކައިވެނީގެ ފަހުން ދެ ހަފްތާއެއްހާ ދުވަސް އާވާއާއި އެކު އެކަނި ހޭދަކޮށްލަން މާހިލް ހުރީ ވިސްނައިގެންނެވެ. އެހެންކަމުން އޮފީހުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ބާއްވާ ޙާއްސަ ބައްދަލުވުމަކަށް އޭނާ އެދަނީ ތައްޔާރުވަމުންނެވެ.

ނޯޓިސް ބޯޑަށް ބޮޑުމީހާގެ ހާއްސަ ބައްދަލުވުމެއް އޮތްކަން ގަޑިއާއެކު އެރުވުމާއެކު ހުރިހާ ކުދިން ބެލީ ގަޑިއަށް ތައްޔާރުވެވޭތޯއެވެ. ގަޑިޖެހުމުގެ ދިހަ ވަރަކަށް މިނިޓް ކުރިން ބައްދަލުކުރާ ކޮޓަރިއަށް ހުރިހާ ކުދިން ޖަމާވެއްޖެއެވެ. އެހުރިހާ ކުދިން ތެރޭގައި އާވާ ވެސް އިނެވެ. މާހިލް އާ ޝާނިމް ވަނީ ފަހުންނެވެ. މާހިލް އާ ޖެހިގެން ކަނާތްފަރާތަށް އިން ޙަމްނާއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިނީ އޭނާއާއި ދާދި ގާތުގައި މާހިލް އިނުމުންނެވެ. އެހެންނަމަވެސް އެ އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. ދުރުގައި އިން އާވާއަށް ޝާނިމް ގޮވައިލިއެވެ. އަދި ޙަމްނާ އިން ގޮނޑިއަށް ބަދަލުވުމަށް ބުނެލިއެވެ. ޙަމްނާގެ މޫނުމަތީގައިވި އުފާވެރިކަން މިލައިގެން ގޮސް ދަތްކުނޑި ވިކާލެވުނީ ރަކި ހިނިތުންވުމެއްގައި ހުރި އާވާ އައިސް މާހިލް އާ އޭނާ އާ ދެމެދު ހުއްޓުމުންނެވެ. ހުރިހާ ކުދިންގެ ނަޒަރު ޙަމްނާއަށް ހުއްޓިފައި ހުރުމުން އޭނާ ތެދުވެގެން ގޮސް އާވާ އިން ގޮނޑީގައި އިށީނެވެ.

ބައްދަލުވުން ފަށައިދިނީ ޝާނިމްއެވެ. އޭނާ ފުރުސަތު މާހިލްއަށް ދިނުމާއެކު ބިސްމީގެ ބަރަކާތުން ފެށިއެވެ. މުވައްޒަފުންނާ މުހާތަބްކޮށް އޭނާ ވާހަކަ ކުރިއަށްގެންދަން ފެށިއެވެ.

"ކުރިއަށް މިއޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އަޅުގަނޑު އޮފީހުގައި ނުހުންނާނެ. އޮފީހުގެ ހުރިހާ މަސައްކަތެއް ކުރިއަށް ދާނީ ޝާނިމްގެ ބެލުމުގެ ދަށުން" މާހިލް ވާހަކަދައްކަމުން ދިޔައެވެ. އެއީ ކީއްވެގެންތޯ ބަލަން ހުރިހާ ކުދިންވެސް ތިބީ ބޭނުންވެފައެވެ. އެހެންނަމަވެސް އަހަން ނުކެރުނެވެ. އާވާވެސް މަޑުމަޑުން މާހިލް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިނެވެ.

"އަދި ފެށޭ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އާވާ ވެސް މިއޮފީހުގައި މަސައްކަތެއް ނުކުރާނެ. އެހެންކަމުން އާވާ މިހާރު އެކުރާ މަސައްކަތްތައް ކުރަން އަލުން ކުއްޖަކު ހޮވުމުގެ ބަދަލުގައި މި ވިސްނަނީ އޮފީސް ތެރެއިން ރަނގަޅު ކުއްޖަކު އެ މަގާމަށް ހޮވަން" މާހިލް ދެއްކި ވާހަކައާއެކު އާވާ ޚައިރާންކަން ލިބިގެން ދިޔައެވެ. އޭނާ ނުހުންނާންވީ ކިއްވެގެން ހެއްޔެވެ؟ ކައިވެނީގެ ފަހުން ވަޒީފާއަދާކުރަން މާހިލް ހިތްހަމަނުޖެހެނީ ހެއްޔެވެ؟

ބައްދަލުވުން ނިމިގެން ދިޔައިރު އެންމެބޮޑަށް އުފާކުރަމުން ދިޔައީ ޙަމްނާއެވެ. އާވާ އެ އޮފީހުން ވަކިކުރާނީ ޔަގީނުންވެސް އާވާގެ ފަރާތުން މާހިލް ހިތްހަމަނުޖެހޭ ކަންތައްގަނޑެއް ފެނިގެންކަން ޙަމްނާ ހުރީ ގަބޫލުކޮށްގެންނެވެ. ބައްދަލުކުރާ ކޮޓަރިން އެންމެން ނިކުތް ވަގުތު އާވާ ހުއްޓުނީ ރައުހާ އޭނާއަށް ގޮވައިލުމުންނެވެ. އާވާ ބަލައިލުމާއެކު ރައުހާ އައިސް އާވާ ކައިރީގައި ހުއްޓުނެވެ. އިރުކޮޅަކުން އަމާޔާވެސް ވަދެގެން އަންނަތަން ފެނުނެވެ.

"އަހަރެންނަށް ހީވާ އެއްޗެއްތަ މީ އަނެއްކާ؟" ރައުހާ ބުނެލިއެވެ. އޭނާ ހުރީ އާވާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ކޮންކަމެއް އަނެއްކާ" އާވާ އަހައިލިއެވެ.

"މާލްސަރ އާ އާވާ ކަމެއްތަ އަނެއްކާ" ރައުހާ އަހައިލިއެވެ. އާވާއަށް ރަކި ހީލުމަކުން ހީލުން ނޫން ކަމެއް ނުކުރެވުނެވެ. އޭނާއަށް އެދެމީހުންގެ ކައިވެނި ކުރެވެން އުޅޭ ވާހަކަ ބުނަން ނުކެރުނެވެ.

"އޯއެމްޖީ... މާޔާ!!! މިހާރު ޔަގީންވެއްޖެ. ކޮންއިރަކު ކުރި ކަމެއްތީ... މަޑުމަޑުން ހުއްޓަސް ވަރަށް ކަންތައްތައް ކޮށްލައިފިން ދޯ" ރައުހާއަށް އަނގަމަތީގައި އަތް އެޅުނެވެ.

"މިރޭ ރަންކިޔާ ރޭ މިއީ" އެންމެފަހުން އާވާ ބުނެލައިފިއެވެ.

"އަސްލުވެސް....." އަމާޔާ ބުނެލިއެވެ. އެދެކުދިން ތިބީ ޤަބޫލުނުކުރެވިފައެވެ.

"އާވާ ތިއީ ވަރަށް ނަސީބުގަދަ ކުއްޖެއް. ވަރަށް ވަރަށް ބޮޑަށް މަރުހަބާ" ރައުހާ ބުނެލިއެވެ.

"ހޫމް.... މަހެއްހާ ދުވަސް ފަހުން އަހަރެމެންގެ އެވީ ދެން ފެންނާނީ ބޮޑު ބަނޑަކާއެކު ދޯ..."އަމާޔާ އާވާ އާ ދިމާކޮށްލައިފިއެވެ.

އާވާ ލަދުގަނެއްޖެއެވެ. މާހިލްއަށް ހަތަރުކަޅި ހަމަކުރަންވެސް ލަދުގަންނަ މީހަކަށް އެހިސާބަށް ދެވޭނީ ހާދަ ހިތްވަރެއް ކޮށްގެންނެވެ. އެހެންނަމަވެސް އެއީ ކުރިމަތިލާންޖެހޭނެ ކަމެއްކަން އޭނާއަށް އިނގެއެވެ. އޭނާ ރައުހާގެ ހަށިގަނޑުގައި ބައްދައިލީ ހިތަށް އަރަންފެށި އެއްޗެހިތަކުގެ ސަބަބުން އަމިއްލައަށް ލަދުގަތް ވަރުންނެވެ. އުމުރުން ވިހި އަހަރުގައި ކައިވެނި ކުރެވެން އުޅޭތީ އޭނާގެ މުޅި ހަށިގަނޑު ވަނީ ފިނިވެފައެވެ. ބަޔާންކުރަން ދަތި އިހުސާސްތަކެއް އޭނާއަށް ދަނީ ކުރެވެމުންނެއެވެ. އެ އިހުސާސްތަކަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭނެ އިހުސާސްތަކެއް ނޫނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟