ވާހަކަ

ކޮންމެ ހިނދެއް - 08

"އޯ މާހިލް.... ލޯބިވެވިއްޖެ...." އަމިއްލަ ނަފްސަށް އިވޭ ވަރަށް އާވާ ބުނެލިއެވެ. އަދި އެހާ އަވަހަށް ލަދުގަނެފައި ހުރިި ވަރުން މޫނުމަތީގައި އަތްވެސް އެޅިއްޖެއެވެ.

އަލަމް ގޮވައިގެން ބޭރުގައި އުޅެފައި ގެއަށް އައިސް ވަން އަނުމްއަށް ބޭރު ޖޯލީގައި އިން ފަލަކްނާޒް ބަލައިލީ ބުޅާ މަސްގަނޑަށް ދަހިވެގެން ބަލައިލާ އުސޫލުންނެވެ. ފަލަކްނާޒް އެއްޗެއް ކިޔާނެކަން އިނގޭތީ އޭނާ އަލަމް ގޭތެރެއަށް ފޮނުވައިލިއެވެ. ފަލަކްނާޒަށް ބެލުމެއްނެތި އޭނާ އެތެރެއަށް ވަންނަން އުޅުނު ވަގުތު މަޑުޖެހިލީ ފަލަކްނާޒް ބުނެލި އެއްޗަކުންނެވެ.

"މަގޭ ދަރި ހަލާކުކުރަން ނޫޅޭ. އެއީ ކުޑަކުއްޖެއް" ފަލަކްނާޒް ބުނެލިއެވެ. އޭނާ އިނީ ޖޯލީގައި ފޯއް ކޮތަޅެއް ހިފައިގެން ދުފާށެވެ. ހަށިގަނޑު ކިތަންމެ ޒުވާންކޮށް ފެނުނު ނަމަވެސް ދަތްތައް ހުރީ ދަބަރު ޖަހާފައެވެ. ކުރިން ފިޓުކޮށް ހުރި ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް މަސް ޖަހާލައިފިއެވެ.

"ތިމާގެ ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ލިބެން ތިހާ އެދޭނަމަ އެންމެ ފުރަތަމަ ތިމާ އިސްލާހުވޭ" އަނުމް ފަހަތަށް އެނބުރިވެސް ނުލާ ހުރެ ބުނެލިއެވެ.

"އަނުމް...! އެއްޗެއް ބުނާއިރަށް ވިއްދާ ހަ އެތި ބުނަން ޖެހޭތަ؟ އަނުމްއަށް ކާކުދިން ތަރުބިއްޔަތެއް ތީ؟" ފަލަކްނާޒް ހިތްހަމަނުޖެހިގެން ކޮޅަށް ތެދުވެ އަނުމް އާ ކުރިމަތިލިއެވެ.

"ކިހިނެއްވީ؟ އަހަރެން އެއްޗެއް ބުނީމަ ހަޖަމެއްނުވި ދޯ" އަނުމް ބުނެލިއެވެ.

އަނުމް ހީކުރީ އަނުމް ތިއުޅޭގޮތް އަހަރެންނަށް ނޭނގޭކަމަށް ދޯ. އަހަރެން މިބުނީ ކަލޭ ތިދާ ތަންތަނަށް މަގޭ އަލަމް ނުގެންދާށޭ" ފަލަކްނާޒް ބުނެލިއެވެ.

"އަހަރެން ކޮންމެގޮތަކަށް އުޅުނަސް ތިވައްތަރަކަށް ނޫޅޭނަން. ދެން އަނެއްކަމަކީ އަލަމް އަކީ އަހަރެންގެ އެއްބަފާ ކޮއްކޮ. އެގުޅުން މިދުނިޔޭގެ އެއްވެސް ބާރަކަށް ވަކިކޮށެއް ނުލެވޭނެ. އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ރަހިމުގެ ގުޅުން ދަމަހައްޓާނަން" އަނުމް ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

ފަލަކްނާޒް އިށީންނަން އުޅުނު ވަގުތު ދޮރާށި ހުޅުވާލާފައި އާރިޔަން ވަތްތަން ފެނުނެވެ. ނަމަވެސް އޭނާ ފަލަކްނާޒަށް ބެލުމެއްނެތި އެތެރެއަށް ވަދެގެން ދިޔައެވެ. އަނުމް ދެކެ ހިތްހަމަނުޖެހިފައި އިންވަރުން އޭނާ އާރިޔަން ހުއްޓުވަން ބޭނުން ނުވީއެވެ.

ގޭތެރޭގައި ޙާޖަރާއިއެކު މަސައްކަތެއްގައި އުޅުނު އާވާ ކޮށްލި ސުވާލަކާއެކު ޙާޖަރުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދުވަހަކުވެސް އާވާ އަހާފައިނުވާ ސުވާލެއް ކޮށްލުމުން ވާނީވެސް އެހެނެއް ނޫންހެއްޔެވެ؟ އެކަހަލަ ވާހަކައެއް އާވާ އަހާނީ ޔަގީނުންވެސް އެކަމަށް އޭނާގެ ހިތުގައި ޝައުގުވެރިކަމެއް އޮވެގެންކަމަށް ޙާޖަރު ގަބޫލުކުރެއެވެ.

"ކިހިނެއްވީ އަނެއްކާ؟ އެވީ ކައިވެނިކުރަން ބޭނުންވީތަ؟" ޙާޖަރު އަހައިލިއެވެ.

"އެހެނެއްނޫން. އެހެން މިއެހީ އަޅުގަނޑަށް މިހާރު ވިހި އަހަރު. ކިތައް އަހަރުވީމަހޭ މީހަކާ އިންނާނީ" އާވާ އޮޅުންފިލުވައިދިނެވެ. ޙާޖަރަށް ނޭނގުނީ ހަގީގަތުގައިވެސް އާވާގެ ހިތުގައި ކައިވެންޏެއް ކުރުމުގެ ފޮނި އުންމީދެއް އާލާވަމުންދާ ކަމެވެ.

"ދަރިފުޅުދެކެ ލޯބިވެގެން ކައިވެނި ކުރުމަށް ބައްޕަގެ ހުއްދައަށް އެދުނު ކޮންމެ މީހަކަށްވެސް އެ ހުއްދަ ބައްޕަ ދޭނަން. އެކަމަކު އެމީހަކީ ދީނަށް ލޯބިކުރާ ތަޢުޙީދުގެ މަތީގައި ހުރި މީހަކަށްވުން ވަރަށް މުހިންމު. އަދި ލޯބީގެގޮތުން ގުޅިގެން ގުޅެން ހުއްދައެއް ނުދޭނަން. ސަބަބަކީ އިސްލާމްދީނުގައި ރައްޓެހިވެގެން އުޅުމެއްނޯވޭ" އާވާގެ ސުވާލަށް ޖަވާބުދިނީ އެވަގުތު ބަދިގޭ ދޮރަށް އެރި ރިޒާއެވެ. އާވާއަށް އިނގިލީގައި ދަތް އަޅައިލެވުނީ އޭނާ ޙާޖަރާ ދައްކަމުން ދިޔަ ވާހަކަތައް ރިޒާއަށް އަޑު އިވުމުން އެކަމާ ލަދުގަތް ވަރުންނެވެ.

"އެވީއަށް ކަމުދާ މީހަކު ފެނުނީތަ އަނެއްކާ" ރިޒާ އަހައިލިއެވެ.

"ނޫން" އާވާ ބުނެލީ އެވަރަށެވެ.

ރޭގަނޑުގެ ކެއުމަށް މާހިލް ތައްޔާރުކޮށްލީ ސްޕެގެޓީއެވެ. ވަޒީފާ ނިންމާފައި އައިސް މަޣްރިބްނަމާދު ކޮށްގެން ނިދަން ޖައްސާލި ޝާނިމްއަށް އޭނާ ގޮވީ ކެއްކުމަށްފަހު މޭޒުމައްޗަށް ކާން ހަދާފައި ގޮހެވެ. އޭނާ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ތިރިއަށް ފޭބިއެވެ. ގޭތެރެ އެއްވެސް ދިމާލަކުން ޓޮމީ ފެންނަން ނެތުމުން އޭނާ ގޮވައިލިއެވެ. ޚަބަރެއް ނުވުމުން ތަންކޮޅެއް ބާރަށް އޭނާ ގޮވައިލިތަނާ ޓޮމީ އެ އައިގޮތަށް އައިސް ފުންމައިގެން އޭނާގެ އަތް މައްޗަށް އެރިއެވެ. އޭނާ ޓޮމީ ގޮވައިގެން ގޮސް އޭގެއަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ބޭއްވިއެވެ. ކާއެއްޗިއްސާއި ފެން ދީފައި ހިންދެމިލިތަނާ ޝާނިމް ފައިބައިގެން އައެވެ.

"ހީކުރީ ނަމާދުވަގުތަށް މާލް ގޮވާލާނެކަމަށް" ޝާނިމް ބުނެލިއެވެ.

"ޝާން މާބޮޑަށް ވަރުބަލިވެފަ ހުރީމަ ކަން އިނގޭ އެގަޑީގަ ނިދާނީ. އެހެންވެ ނުގޮވީ. މިހާރު ނަމާދުކޮށްލައިފިންތަ؟" މާހިލް އަހައިލިއެވެ. ޝާނިމް ބޯޖަހާލުމާއެކު ކާން ދާން ބުނެލިއެވެ.

"ގޭތެރޭގައި ކައްކާލާ އެއްޗެހި ދޮވެ ތަންތަން ސާފުކުރާނެ މީހަކު ހޯދަންވީނުން" ޝާނިމް ބުނެލިއެވެ.

"ކީއްކުރަން" މާހިލް އަހައިލިއެވެ.

"އޭރުން ތަންކޮޅެއް ލުއިވާނެއްނު. އޮފީހުގައި މަސައްކަތްކުރަމުން ގެއަށް އައިސް ކަންތައްކުރަންވީމަ ކޮންމެ އިންސާނެއްވެސް ވަރުބަލިވާނެކަން އިނގޭ" ޝާނިމް ވާހަކަދެއްކިއެވެ.

"އެކަމަކު އަހަރެންނުވޭ. އެހެންނޫނަސް ކުޑަދުވަސްކޮޅަކުން ހުރިހާކަމެއް ކުރަން އާވާ ހުންނާނެއްނު" މަޖާވެލާފައި މާހިލް ބުނެލިއެވެ. ޝާނިމްއަށް ހެވުނެވެ.

"އެންމެ ރަނގަޅުވާނީ ރިޒާބެ ކައިރީގައި އެހުންތަ ނޫނީ ސީދާ އާވާ އާ ވާހަކަދެއްކުންތަ؟" މާހިލް އަހައިލިއެވެ.

"އާވާގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބިއްޖެތަ؟ މިބުނީ އޭނާ ދައްކާ ވާހަކައަކުން ހީލާ ހީލުމުން ނޫނީ އަމަލުތައް ހުންނަގޮތުން" ޝާނިމް ވާހަކަދެއްކިއެވެ.

"ބައެއްފަހަރު ހީވޭ. ދެން ނޭނގެ. އިންސާނާއަށް ބައެއްފަހަރު ހީވާ ހީވުންތަކަކީ ކުށްހީތަކަށްވެސް ވެއެއްނު" މާހިލް ބުނެލިއެވެ.

"އެހެންވީމަ މަށަށް ފެންނަނީ ރިޒާބެ ކައިރީގައި ތިވާހަކަދައްކަން. ރަނގަޅުވާނެ. އިންޝާﷲ" ޝާނިމް ބުނެލިއެވެ.

"އަހަރެން ވަރަށް އަވަހަށް ރިޒާބެ އާ ބައްދަލުކުރާނަން" މާހިލް ބުނެލިއެވެ.

ހިމޭންކަމާއެކު ދެކުދިން ކާން ތިބެފައި ކުއްލިއަކަށް މާހިލް ޝާނިމްއަށް ބަލައިލިއެވެ. އެއްޗެއް ބުނަން އުޅޭފަދަ ގޮތަކަށް މޫނުމައްޗަށް ބަދަލެއް އައެވެ.

"ޝާން! ދޮގުނަހަދާ ބުނައްޗޭ. އަހަރެން ބަލާލައިފައި ހީވޭތަ މުސްކުޅިހެން. މިބުނީ އުމުރުން ދުވަސްވެއްޖެހެން. އަހަރެންނާ އާވާ އަނެއްކާ ގުޅޭތަ؟" މާހިލް އަހައިލިއެވެ. ޝާނިމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާއަށް ކޮންޓްރޯލް ކުރެވުނީ އެތައް އިރެއް ފަހުންނެވެ.

"ތެދެއް ބުނަންތަ. ތި އުމުރަކީ އަދި މުސްކުޅި އުމުރެއްނޫން. ތިއީ ޒުވާންކަމުގެ އެންމެ ޖޯޝު އެކުލެވިގެންވާ އުމުރު. އަހަރެންނަކަށް ބަލާލައިފައި ހިއެއްނުވޭ މާލް މުސްކުޅިހެނެއް. ވަރަށް ސްމާރޓްކޮށް ތިފެންނަނީ. ދެން އިތުރަށް ބުނަން އިނގޭނީ އަންހެންކުއްޖެއް ކައިރީގައި އަހާލާފައި" ޝާނިމްގެ ވާހަތައް ނިންމާލީ ހީލުމަކުންނެވެ.

އާ އުންމީދުތަކަކާއެކު މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އާދައިގެ މަތިން ވަޒީފާގެ މާހައުލުތައް ހަލަބޮލިވެއްޖެއެވެ. ކެބިނުން ނިކުމެގެން މާހިލް ދިޔައީ އާވާގެ ކެބިން އާ ދިމާލަށެވެ. އޭނާ ބޭނުމަކަށްވީ އާވާ އާ ވާހަކަދައްކާލުމެވެ. އެތައް އަހަރަކަށްފަހު އޭނާގެ ހިތުގައި އަންހެން ކުއްޖަކަށްޓަކައި އާ ވިންދެއް ޖަހަންފެށި ފަހުން އޭނާއަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. އޭނާ ރިޒާ އާ ބައްދަލުކުރަން ބޭނުންވަނީ އާވާއަށް އޭނާގެ ހިތުގެ ގޮވުން ކޮންމެސް ސިފައެއްގައި އަންގާލައިފައެވެ.

ކެބިންގައި ދެފަހަރަކު ޓަކި ޖަހާލުމުންވެސް އެތެރެއިން ހަބަރެއް ނުވިއެވެ. މާހިލް އެތާ ކައިރީގައި އިރުކޮޅަކު ހުއްޓިލައިގެން ހުރުމަށްފަހު އަމިއްލަ ކެބިންއަށްދާން ހިނގައިގަތެވެ. އެވަގުތު އޭނާ އާ ދާދި ކައިރިން ދިޔަ ޙަމްނާ ހީލިއެވެ. މާހިލް ނަޒަރު ބަދަލުކޮށްލަމުން ހީލި ވަގުތު ޙަމްނާ ވެއްޓެންދިޔަ ކަމަށް ހެދުނެވެ. އޭނާ ހީކުރީ މާހިލްގެ ދެ އަތުން އޭނާ ބިމުގައި ޖެހުނަނުދީ ހިފަހައްޓާނެ ކަމަށެވެ. ނަމަވެސް ހަމްނާއަށް އެ ގޭމު ޖެއްސުނީ މާހިލް ހިނގައިގަތް ފަހުންނެވެ. މާހިލްއަށް އެ މަންޒަރު ނުފެނި އޭނާ ގޮސް ކެބިންއަށް ވަނެވެ. ޖެހުނުލެއް ބާރުކަމުން ހަމްނާއަށް އަނގައިން އަޑެއް ލައްވައިލެވުނެވެ. އޭނާ ނަގަން އަތް ދިއްކޮށްލީ އޮފީސްތެރެ ކުނިކަހާ ސާފުކުރަން އުޅޭ ބިދޭސީއެކެވެ. އެމީހާއަށް ދެލޯ އަޅައިލުމަށްފަހު ހަމްނާ ހިނގައިގަތުމުން އެ މަންޒަރު ބަލަން ހުރި ޝާނިމް ކައިރިއަށް ހިނިއައެވެ.

މާގިނައިރެއް ނުވެ މާހިލް އާ އާވާ ބައްދަލުވިއެވެ. އާވާ ދިޔައީ މާހިލްގެ ކެބިންއަށެވެ. އޭނާ ބެލް އަޅާލުމާއެކު އެތެރެއިން މާހިލްގެ ހުއްދަ ލިބުނެވެ.

"އާވާގެ ކެބިންއަށް ދިޔައިން މީގެ ކުޑައިރުކޮޅެއްކުރިން" އާވާ ވަދެގެން އަންނަން ފެށުމުން މާހިލް ވާހަކަދެއްކިއެވެ.

"އެއީ ކަމަކުތޯ؟ އަޅުގަނޑަށް ގުޅާލެއްވިނަމަ... އަޅުގަނޑު ހުރީ ކެބިންގަ ނަމާދަށް" އާވާ ވާހަކަދެއްކިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި މާހިލް ހިތް ފުރިގެން ދިޔައެވެ.

"އަމިއްލަ ވާހަކައެއް ބުނަންވެގެން" މާހިލް ބުނެލިއެވެ. އާވާގެ ދެލޮލަށް އެކަނި ބަލައިލިޔަސް އޭނާ އެއީ ކޮންކަމެއްކަން ބަލަން ބޭނުންވާ މިންވަރު ހާމަވާން ހުއްޓެވެ.

"އާވާގެ ބައްޕަ މިރޭ ގޭގަ އުޅުއްވާނެތަ؟" މާހިލް އަހައިލިއެވެ.

"ލައްބަ. މިރެޔަކު ދަރުހެއްނެތް. އެހެންވީމަ ހުންނަވާނެ ގޭގަ" އާވާ ބުނެލިއެވެ.

"މިއުޅެނީ މިރޭ އާވާގެ ބައްޕަ އާ ބައްދަލުކޮށްލަން ދާންވެގެން. ވަރަށް މުހިންމު ވާހަކައެއްދައްކަން. އާވާ ހުންނާނަން ދޯ" މާހިލް ބުނެލިއެވެ.

"ސަރ އަޅުގަނޑުގެ ބައްޕަ އާ ބައްދަލުކުރާއިރު އެތަނުގައި އަޅުގަނޑު ބަހައްޓަން ސަރ ބޭނުންވެލައްވަންޏާ ޔަގީން އަޅުގަނޑު ހުންނާނަން" އާވާ ވާހަކަދެއްކިއެވެ.

"އާވާއަށް ހީވަނީ ކިހިނެއް؟ މިބުނީ އަހަރެން ބޭނުންވޭތަ އާވާ ބަހައްޓަން" މާހިލް އަހައިލިއެވެ. އޭނާ އާވާއަށް ބަލައިލިއިރު އާވާ ހުރީ ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ބަސްމޮށުންތެރިކަމާއި ނުލާ ދެ ހިތްވެސް ވާހަކަދައްކައިފިއެވެ. އާވާގެ ހިތުގައި މާހިލްއަށްޓަކައި އިހުސާސެއް ވާކަން އާވާގެ ދެލޮލުގެ ތެރެއިން މާހިލް ދެނެގަތެވެ. ހަމައެފަދައިން އާވާއަށް ވެސް ގަބޫލުކުރެވިއްޖެއެވެ. މާހިލްގެ ވާހަތަކުގައި ދެ މާނައެއް ވާކަމުގައި އޭނަގެ ސިކުނޑި އޭނާގެ ހިތަށް ވިސްނައިދީފިއެވެ.

ތެޅިގަނެފައި މިފަހަރު މާހިލްއަށް ވުރެ ކުރިން ނަޒަރު ބަދަލުކޮށްލީ އާވާއެވެ.

"އާވާ ! ކޮބާ ޖަވާބަކީ؟" މާހިލް އަހައިލިއެވެ.

"ނޭނގެ. އަޅުގަނޑު ދެން ދިޔަސް އެންމެ ރަނގަޅުތޯ" އާވާގެ ހަތަރެސްފައި ފިނިވެފައި ހުރުމުން އޭނާ ބޭނުންވީ މާހިލްގެ ނަޒަރުން ގެއްލޭށެވެ.

"އެންމެ ރަނގަޅު ދިޔަސް" އާވާގެ އިހުސާސްތައް މާހިލް ދެނެގެންފިއެވެ.

"އެވީ..." އާވާ ނިކުންނަން އުޅޭ ވަގުތު އެނަމުން ގޮވާލުމަކީ މިހާރު މާހިލްގެ އާދައަކަށް ވެއްޖެއެވެ.

"އެއްވެސް ކަމެއް ނުވޭ" އާވާ ބަލައިލުމާއެކު ހީލަމުން މާހިލް ބުނެލިއެވެ.

އާވާ ކެބިން އިން ނިކުތް މަންޒަރު ފެނުނީ ކަރުދާސް ރީމްތަކެއް ހިފައިގެން ހުރަސްކުރި ސުހާއަށެވެ. އާވާގެ ތުންފަތް މަތީގައިވި ހިނިތުންވުން ސުހާއަށް ބަލައިނުގަނެވުނެވެ. އޭނާ ތުން އަނބުރާލާފައި އަވަހަށް އެތަނުން ދިޔައެވެ.

ރިޒާ އާ ބައްދަލުކުރުމަށް އެގެއަށް މާހިލް ދިޔައީ އެކުގައި ޝާނިމްވެސް ގޮވައިގެންނެވެ. އޭނާއަށް ލިބޭ ކޮންމެ އުފަލެއްގައި އަދި ކޮންމެ ހިތާމައެއްގައި ބައިވެރިވާން އެދޭ ހަމައެކަނި މީހަކީ ޝާނިމްއެވެ. ޝާނިމްއަކީ މިވަގުތު އޭނާގެ އާއިލާއެވެ.

މ.ދިލްކޮކާއަށް ކާރު މަޑުކޮށްލާފައި ޝާނިމް ނިކުންނަން އުޅުނު ވަގުތު ބަލައިލީ މާހިލް ހުންގާނުގައި ހިފަހައްޓާލައިގެން އިނީމައެވެ. މާހިލްގެ ހިތަށް ވަމުންދާ އުނދަގު އިހުސާސްވާނީ ހަމައެކަނި އޭނާ އަށެވެ.

"ހިނގާ ދާން... ތިހެން އިނަސް އާވާއެއް ނުލިބޭނެ" ޝާނިމް ބުނެލި އަޑު އިވުނެވެ.

"އަހަރެންގެ މާޒީ އާ ބެހޭގޮތުން އާވާ ނޫނީ ރިޒާބެ އިނގެން ބޭނުމިއްޔާ... ދެން...؟" މާހިލް ބުނެލިއެވެ.

ޝާނިމް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ސީރިޔަސް ނަޒަރަކުން މާހިލްއަށް ބަލައިލިއެވެ.

"ތެދަށް ބުނަންޏާ އަހަރެންގެ ހިތަށް ވަރަށް އުނދަގު އެބަވޭ. އަހަރެންގެ މާޒީ އެއީ އަހަރެންގެ މުސްތަގުބަލަށް އެޅޭ ހުރަހަކަށް ވެދާނެތީ.." މާހިލް ބުނެލިއެވެ.

ޝާނިމް އަލުން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.

"މާޒީއަކީ އެއްވެސް ޙާލެއްގައި އިންސާނާގެ މުސްތަގުބަލް ކަނޑައަޅާ އެއްޗެއް ނޫން. ކޮންމެ އިންސާނެއްގެވެސް މުސްތަގުބަލް ކަނޑައަޅާނީ އެކަލާނގެ. ވީއިރު އެފަރާތުން އުންމީދު ކަނޑާނުލާ. ހެޔޮގޮތްވުމަށް އުންމީދުކުރޭ" ޝާނިމް ވާހަކަދެއްކިއެވެ.

މާހިލް ހިތްހަމަޖެހުނެވެ. އޭނާ ހިތްވަރުކުރަންވީ ކޮންމެ ވަގުތަކު ބޮލަށް ސަވާރުވެ އިންނަ ޝައިޠާނާ އޭނާގެ ހިތްމަރުވާ ކަހަލަ ވަސްވާސްތައް ބޮލަށް ވައްދަނީއެވެ. ޝާނިމް ބުނި ފަދައިން ކޮންމެކަމެއްވެސް ވާނީ ހެއްދެވި ފަރާތުގެ އިރާދަފުޅާ އެކުގައެވެ. އޭނާ އެހިސާބަށް އައީ އިސްތިޚާރާ ނަމާދުވެސް ކޮށްފައެވެ. މިހާރު ފުރަގަސްދޭންވީ ކީއްކުރަން ހެއްޔެވެ؟ އުފާވެރި މުސްތަގުބަލެއްގެ ފޮނިކަން އޭނާއަށްވެސް ލިބިދާނެއެވެ. އޮތީ ހިތްވަރާއެކު މަސައްކަތް ކުރުމެވެ.

"އަބަދުވެސް ވިސްނަންވާނީ ޕޮޒިޓިވްކޮށް" މާހިލް ކާރުން ފައިބައިގެން އައިސް އެގޭ ދޮރާށި ކައިރީގައި ހުއްޓުމުން ޝާނިމް ބުނެލިއެވެ.

ދޮރުގައި ބެލް އަޅައިލުމާއެކު ޙާޖަރު ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ތިބި މާހިލްއާއި ޝާނިމް ފެނުމުން ޙާޖަރުގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ދެކުދިން ގޭތެރެއަށް ވެއްދުމަށްފަހު މެހްމާންދާރީ އަދާކުރިއެވެ.

"ރިޒާބެ ކައިރީގައި ނުވެސް ބުނެ މިއައީ. ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން. އެބަ އުޅުއްވާތޯ ގޭގަ" މާހިލް ވާހަކަދެއްކިއެވެ.

"ދެންމެ ކައި ނިމިގެން ކޮޓަރިއަށް ވަދެއްޖެ. އިރުކޮޅަކުން ނިކުންނާނެ" ޙާޖަރު ބުނެލިއެވެ. އެހިސާބުން ކޮޓަރިން ނިކުމެގެން އައި އާވާ މާހިލްއަށް ފެނިއްޖެއެވެ. ޙާޖަރަށް ހިނިތުންވުމެއް ދިނުމަށްފަހު އާވާ މިސްރާބުޖެހީ ބަދިގެ އާ ވީ ދިމާލަށެވެ. މާހިލްއަށް އާވާ ނިވައިވަންދެން ބެލުނެވެ. އެކަން ޙާޖަރަށް ފާހަގަވިއެވެ.

"އަނހަ މާހިލް. ދެކުދިން ކަމަކުތަ؟" ކޮޓަރިން ނިކުތް ރިޒާއަށް މާހިލްއާ ޝާނިމް ފެނުމުން އަހައިލިއެވެ. ގޮނޑީގައި އިށީނުމުގެ ކުރިން ރިޒާ ދެކުދިންނާ ސަލާމްކޮށްލިއެވެ.

ބަދިގޭ ފާރާއި ނިވާވެގެން ހުރި އާވާ ސިއްރުން މާހިލްއަށް ބަލަމުން ދިޔައެވެ. އޭނާ ހިތްފުރެންދެން މާހިލްއަށް ބެލެން އޮތް ގޮތަކީ އެއީއެވެ. އިހުސާސްތައް ހިފަހައްޓަން އޭނާ ކުރަމުންދާ މަސައްކަތް ހެއްދެވިފަރާތުގެ އިތުރުން ދެން އިނގޭނީ އޭނާއަށެވެ.

"އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކު އެދެންވެގެން. އުމުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ދެން އަޅުގަނޑަށް ދުވަހަކުވެސް ހިއެއްނުވޭ ރިޒާބެގެ ކައިރިން މިއަށްވުރެ ބޮޑު ކަމަކު އެދެން ޖެހިދާނެހެނެއް" މާހިލް ވާހަކަދެއްކިއެވެ. ރިޒާއާއި ޙާޖަރު އެކަކު އަނެކަކަށް ބަލައިލިއެވެ.

"ޔާރައްބީ.. އަވަހަށް ބުނޭ.. ބޭބެއަށް ކޮށްދެވެން އޮތް ކަމެއްވިއްޔާ އެކަމެއް ކޮށްދޭނަން" ރިޒާ ހިނިތުންވެލަމުން ބުނެލިއެވެ.

ދުރުގައި ހުރި އާވާގެ ހިތުގެ ތެޅުމުގެ އަޑު ހުދު އޭނާއަށްވެސް އިވެމުން ދިޔައެވެ. މާހިލް ދައްކަމުންދިޔަ ވާހަކަތައް އޭނާއަށް ސާފުކޮށް ނީވޭތީ މަޑުމަޑުން ގޮސް ޙާޖަރު ކައިރީގައި ހުއްޓުނެވެ. މާހިލް އެއްފަހަރު އާވާއަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ޝާނިމްއަށް ބަލައިލައިފައި ދެން ބަލައިލީ ރިޒާއަށެވެ. ދުވަހަކުވެސް މީހެއް ކައިރީގައި ކަމަކު އެދެން އޭނާ މިހާ ފަސްޖެހިފައެއް ނެތެވެ. ކުރިން އޭނާ ކަންތައްކުރާ ގޮތާއި މިފަހަރު ކަންތައް ކުރާގޮތުގެ ތަފާތަށްވެސް ވެދާނެއެވެ.

"ބޭބޭ! އަޅުގަނޑަށް ބުނެވެން މިއުޅެނީ ރަނގަޅު ވާހަކައަކަށް ނުވަންޏާ މަޢާފްކޮށްދޭތި" މާހިލް ބުނެލިއެވެ.

"މާހިލް ބުނަން ތިއުޅޭ ވާހަކައެއް ނޭނގޭތީ ބޭބެ މިހާރު ބިރު ގަންނަން ފަށައިފި" ހީލަމުން ރިޒާ ބުނެލިއެވެ.

"ބޭބެގެ މިިލްކިއްޔާތުގައިވާ ވަރަށް އަގުބޮޑު މުދާގަނޑެއް އަޅުގަނޑު ބޭނުންވެއްޖެ" މާހިލް ބުނެލިއެވެ. އާވާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މާހިލް ބޭނުންވެގެން އެ އުޅެނީ ބައްޕަގެ މުދާގަނޑެއް ހެއްޔެވެ؟ އޭނާ ގޭތެރެއަށް ވަށައިގެން ބަލައިލިއެވެ. އެހާ އަގުބޮޑު އެއްވެސް އެއްޗެއް އޭނާއަށް ނުފެނުނެވެ. އޭނާ އަނގަ ހަދައިލިއެވެ. ފޫހިވެސް ވެއްޖެެއެވެ. އެތަނުގައި ހުންނަން ބޭނުންނުވުމުން އަނބުރާލާފައި ކޮޓަރިއަށް ވަދެގެން ދިޔައެވެ.

"ނުވިސްނުނު. ބޭބެެގެ ކޮންމެ އެއްޗަކީ މާހިލްގެ އެއްޗެއް" އިތުރަށް ވިސްނާނުލާ ރިޒާ ބުނެލިއެވެ.

"އަޅުގަނޑު ބޭނުންވަނީ ކައިވެނިކުރަން. ބޭބެގެ ދަރިފުޅު އާވާ އަޅުގަނޑުގެ އަންބަކަށް ހަދަން. އެކަމަކު އެއީ ބޭބެ އާ ޙައްޖައްތަ އަދި އާވާ ރުހެންޏާ" މާހިލް ވާހަކަދެއްކިއެވެ. ރިޒާއަށް ލިބުނު ކުއްލި ސިހުމުގައި އެއްޗެއް ބުނަން ހަނދާނެއްނުވިއެވެ. ކައިރީގައި އިން ޙާޖަރަށް ބަލާލައިފައި އޭނާ މާހިލްއަށް ނަޒަރެއް ދިނެވެ. އޭނާ ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟

"ބޭބެމެން ނުރުހެންޏާ މިއީ ނުދައްކާ ވާހަކައެއް. އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް" މާހިލް ވާހަކަދެއްކީ އެކަކުވެސް ޖަވާބެއް ނުދިނުމުންނެވެ. ޙަގީގަތަކީ މާހިލްގެ އެދުން ރިޒާ ގަބޫލުކުރިކަމެވެ. އޭނާގެ ހިތުން ދަރިއެއްގެ ގޮތުގައި މާހިލް ބަލައިގަނެއްޖެއެވެ. އޭނާއަށް ޖަވާބެއް ނުދެވުނީ އެކަމުގައި އާވާ އާ ޙާޖަރުގެ ހިޔާލުވެސް ހުރިގޮތް ބަލަން ބޭނުންވާތީއެވެ. ގޮތް ނިންމާނީ އޭނާ ބޭނުންވާ ގޮތަކަށް ނޫނެވެ. ދިރިއުޅުމެއްގެ ތެރެއަށް އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު ދޫކޮށްލާއިރު އެދަރިފުޅު ދެކޭގޮތް ބެލުން އޭނާއަށް މުހިންމެވެ.

"އެވީއަށް އިނގޭތަ؟" ރިޒާ އަހައިލިއެވެ.

"ނޭނގޭނެ. އަޅުގަނޑު މިކަމާއި ގުޅިގެން އާވާ އާ އެއްވެސް ވާހަކައެއް ނުދައްކަން. އަހަރެން ބޭނުމެއްނޫން ލޯބީގެގޮތުން ގުޅިގެން ފާފައަކަށް މަގުފަހިވާ ޒާތުގެ އެއްވެސް ކަމެއް ކުރާކަށް" މާހިލް ވާހަކަދެއްކިއެވެ.

"ތެދަށް ބުނަންޏާ ބޭބެ ވަރަށް ޤަބޫލު. އެކަމަކު ތިކަމުގައި ގޮތެއް ނިންމާނީ މި ދެމައިން ބުނާ އެއްޗެއްވެސް ބަލާލައިފަ. އެންމެ ރަނގަޅުތަ؟" ރިޒާ ވާހަކަދެއްކިއެވެ.

މާހިލް އެގެއިން ނިކުތްއިރު އޭނާއަށް ހިތް ވަނީ ނުތަނަވަސްކަމެއްގައެވެ. އެމީހުން ގޮތް ނިންމާނެ ގޮތެއް ނޭނގޭތީ އޭނާ ވަނީ އިންތިހާއަށް މާޔޫސްވެފައެވެ. އެންމެފަހު ވަގުތު އެތަނުގައި ހުރެފައި އާވާ ވެސް ދިޔައީ ވިއްޔާއެވެ. އަނެއްކާ އާވާގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް ޝައުޤުވެރިކަމެއް ނެތީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އާވާގެ ދެލޮލުގެ ތެރެއިން އޭނާއަށް އެފެނުނީ ކޯޗެއް ހެއްޔެވެ؟

ގެއަށް ދިޔުމަށްފަހު ވެސް މާހިލްއަށް ހަމަޖެހުމެއް ނުލިބުނެވެ. ރިޒާގެ ފަރާތުން އަންނާނެ ޖަވާބެއް ނޭނގޭތީ އޭނާ ހުރެވެނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އޭނާ ދެކޭގޮތުގައި ދިރިއުޅުމުގައި އޭނާއަށް މިހާތަނަށް އުފަލެއް ލިބިފައި ނެތެވެ. އެތައް އަހަރަކަށްފަހު ހިތުގައި ލޯތްބެއް އުފެދުނު އަންހެންކުއްޖާއާއި ކައިވެނި ކުރުމަށް ނިންމި ނިންމުން ނާކާމިޔާބުވެދާނެތީ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ.

ނިދާ ވަގުތު ޖެހުނުއިރު ވެސް އޭނާއަށް ހުރެވުނީ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އާވާގެ ނަން އިރުކޮޅަކާއި ކިޔާލައެވެ. މިފަހަރު ނާކާމިޔާބު ވެއްޖެނަމަ އަނެއްކާވެސް އޭނާ ވެއްޓިގެންދާނީ އަރައިނުގަނެވޭނެ އަނގަވަޅަކަށެވެ. ޖީބުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމާއެކު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނަގާފައި ބަލައިލީ އެއީ އާވާގެ މެސެޖެއްކަމަށް ހީކޮށްފައެވެ. ނަމަވެސް އެއީ އާވާއެއް ނޫނެވެ. އޭނާއަށް އިންޒާރު ދެމުން އަންނަ ނުދަންނަ ނަންބަރެވެ. މިފަހަރުވެސް އިންޒާރުގެ މެސެޖެކެވެ. އެއީ ކާކުގެ ފަރާތުން އަންނަ މެސެޖެއްކަން އޭނާއަށް އިނގެއެވެ. އޭނާއަށް ނޭނގެނީ އެ މެސެޖްތަކުގައި އެބުނާ އޭނާގެ 'ދިރިއުޅުން ބަރުބާދު ކޮށްލާނަން' އެދުވަސް އަންނާނެ ދުވަހެކެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އޭނާ އަޅައެއް ނުލިއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ފޯނު އެނދާއި ދިމާލަށް އެއްލިއެވެ. އެހެންކަމަކާއި ވިސްނުމަށްވުރެ ބޮޑަށް މިވަގުތު އޭނާގެ ހިތަށް އުދަގުކުރަމުންދަނީ މުޅިން އެހެން ކަމެކެވެ.

ރިޒާއާއި ޙާޖަރު އާވާގެ ކޮޓަރިއަށް ވަނީ ރޭގަނޑު ބާރަޖަހަން ގާތްވެފައި ވަނިކޮށެވެ. ކޮޓަރި މެދުގައި އާވާ ނަމާދަށް ހުއްޓާ ފެނުމުން އެދެމަފިރިން ދޮރު ކައިރީގައި މަޑުޖެހިލިއެވެ. ނިދުމުގެ ކުރިން ދެ ރަކްޢަތް ނަމާދެއް ކުރަން ރިޒާ ބުނެފައިވާ ބުނުން އާވާ ދަމަހައްޓާތީ އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އަޚްލާގް ރަނގަޅު އިއްފަތްތެރި އަންހެން ދަރިއެއް ފިރިއެއްގެ އަތަށް ދޫކޮށްލަން އެދެމަފިރިން ތައްޔާރު ވެއްޖެއެވެ. އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް މިވަގުތު އެދެމަފިރިންނަށް ލިބިދާނެ ހެއްޔެވެ؟

"މަންމާ! ބައްޕާ!" މުސައްލަ އޮޅާލާފައި އެނބުރުނު އާވާއަށް ދޮރު ކައިރީގައި ތިބި މައިންބަފައިން ފެނުމުން ގޮވައިލެވުނެވެ.

"ބައްޕަމެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" ރިޒާ ކުރިއަށް ޖެހިލަފައި ބުނެލިއެވެ.

"އަވަހަށް އާދޭ... އަޅުގަނޑަށް ގޮވާލެއްވިނަމަ ބައްޕަ" އާވާ ވާހަކަދެއްކިއެވެ.

"އެވަރުކަމެއްނޫން މިއީ. ދަރިފުޅާ! މަންމާއާ ބައްޕަގެ އެންމެ އަގުބޮޑު މުދާގަނޑު މާހިލް ބޭނުންވޭ. އޭނަ ބޭނުންވަނީ މިގެއިން އެއްކޮށް ގެންދަން" ވާހަކަދެއްކީ ޙާޖަރެވެ. އާވާގެ މޫނުމަތި މިލައިގެން ދިޔައެވެ. އަނެއްކާ އެއީ ކޮން މުދާގަނޑެއް ހެއްޔެވެ؟

"ދެން މަންމަމެން ދޭނީތަ؟" އާވާއަށް ނުވިސްނުނެވެ.

"ދަރިފުޅު ކީކޭ ބުނަނީ؟" ރިޒާ އަހައިލިއެވެ.

"އަޅުގަނޑު ކީކޭ ބުނާނީ. ކޮބާތަ އެބުނާ މުދާގަނޑަކީ؟" އާވާ އަހައިލިއެވެ.

ޙާޖަރު އާވާގެ ދެކޮނޑުގައި ހިފާލައިފައި ފަހަތަށް އަނބުރައިލިއެވެ. އެވަގުތު އާވާއަށް ކުރިމަތީ ހުރި ލޯގަނޑުން ފެނުނީ އޭނާގެ އަމިއްލަ ސޫރައެވެ.

"މިހާރު އެވީއަށް ތިފެންނަނީ މަންމައާ ބައްޕަގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު މުދާގަނޑު" އާވާގެ ސިކުނޑި މަސައްކަތްކުރަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ޚައިރާންކަން އެކުލެވިގެންވި މޫނަށް އުޖާލާކަން ވެރިވެ އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. އޭނާގެ ދެލޮލަށް ކަތުނަ ޖަމާވެ އެނބުރިލާފައި ޙާޖަރުގެ މޭގައި މޫނު ފޮރުވާލައިފިއެވެ.

(ނުނިމޭ)