ކުޅިކޮށް ކެއުމަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
އިޓަލީގައި 23000 މީހުންގެ ސާމްޕަލް ބޭނުންކޮށްގެން ހެދި މި ދިރާސާގައި، އާދަކޮށް ކުޅިގަދަކޮށް ކާ މީހުންނާއި ކުޅިމަޑުކޮށް ކާމީހުން ހިމަނާފައިވެ އެވެ.
އަށް އަހަރުވަންދެން އެހުރިހާ މީހުންގެ ކެއުމުގެ އާދަތައް ވަނި މޮނިޓާ ކޮށްފައެވެ. އޭގެން ހާމަވީ ހަފުތާއަކު މަދުވެގެން ހަތަރު ފަހަރު މިރުސް ކާމީހުނަށް ހާޓްއެޓޭކް ޖެހޭލެއް 40 ޕަސެންޓް މަދުކަމެވެ.
އެމެރިކަން ކޮލެޖް އޮފް ކާޑިއޯލޮޖީގެ ޖާނަލްގައިވެސް ޝާއިއުކޮށްފައިވާ މި ދިރާސާގައި އިތުރަށް ބުނީ މިރުސް ކާ މީހުންނަށް ސްޓްރޯކް ޖެހޭ ނިސްބަތް ވެސް ދަށް ކަމަށެވެ.
"ސިއްހަތަށް ފައިދާ ހުރި ޑައިޓެއް ފޮލޯ ކުރިޔަސް ނުވަތަ ޖަންކް ފުޑް ކެޔަސް، މިރުސް ކާނަމަ އެ އެންމެންވެސް ޕްރޮޓެކްޓް ވާކަން ހާމަވި." މި ދިރާސާގައި އެންމެ އިސްކޮށް އުޅުނު ފަރާތް ކަމުގައިވާ މަރިއާލައުރާ ބޮނިސިއޯ ބުންޏެވެ. އޭނާ އަކީ މެޑިޓޭރިއަން ނިއުރޮލޮޖިކަލް އިންސްޓިޓިއުޓްގެ އެޕިޑޯމިއޮލޮޖިސްޓެކެވެ.
މި ޓީމުން މިހާރު ބޭނުން ވަނީ މިރުހުން ސިއްހަތަށް އެހާ ފައިދާ ކުރަނީ ކީއްވެތޯ ދިރާސާ ކުރާށެވެ.
ދިރާސާ ކިޔާފައި ބައެއް ތަޖުރިބާކާރުން ވަނީ އެމީހުންގެ ހިޔާލުވެސް ހުށަހަޅާފައެވެ. އެގޮތުން ޑުއާން މިލޯ، ޔޫކޭގެ އެސްޓޮން މެޑިކަލް ސްކޫލުގެ ސީނިޔާ ޓީޗިން ފެލާ އަދި ރެޖިސްޓާޑް ޑައިޓިޝަން ބުނީ "އަސޭމިރުސް"އަކީވެސް ދިރާސާކުރަން ޖެހޭ އެއްޗެއް ކަމަށެވެ.
"މިރުސް ކާ މީހުން ސްޕައިސީސް އަދި ހާބްސް ބޭނުން ކުރާކަން ފާހަގަވޭ. އެހެން ކަމުން އެމީހުނަށް ތާޒާ ކާނާ އެކެވެނީ. އޭގެ ތެރޭގައި ތަރުކާރީ ހިމެނޭ." ޑުއާން ބުންޏެވެ.