"ސޮރީ" ޝާނިމް ހަގީގަތުގައިވެސް ދެރަވެއްޖެއެވެ. މާހިލް އަކީ އޭނާ ހީކުރި ވަރަށް ވުރެވެސް އެކަނިވެރިއެކެވެ. އޭނާގެ މާޒީގައި ވަނީ އެތައް ހިތްދަތި ހާދިސާތަކެއް ހިނގާފައެވެ. އެހުރިހާކަމެއް އިނގެން ޝާނިމް ޝައުޤުވެރިވިއެވެ. އެހެންނަމަވެސް އިތުރަށް ސުވާލުކުރަން ޝާނިމްއަށް ނުކެރުނެވެ.
"ޝާން ވަރަށް އިނގެން ބޭނުންދޯ. އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން. އެކަމަކު މިހާރަކު ނޫން. މާދަމާ.. އޯކޭތަ؟" ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދާލާ މޫނުމަތީގައި ހިނިތުންވުމެއް ކުރަހާލަމުން މާހިލް ވާހަކަދެއްކިއެވެ. ޝާނިމް ބޯޖަހައިލިއެވެ.
ހުކުރު ނަމާދަށް ދިޔުމަށްޓަކައި ހުދުކުލައިގެ ކަށި މައްޗަށް އަރާ ކުރުތާގައި މާހިލް ފެނުމުން ސިޓިނންގްރޫމުގައި މާހިލްގެ އިންތިޒާރުގައި އިން ޝާނިމްއަށް ލިބުނީ ޚައިރާންކަމެކެވެ. އޭނާ މާހިލްއަށް ބަލަން އިނީ ގަބޫލުނުކުރެވިފައެވެ.
"އަހަރެން ހީކުރީ އަރައްބެއް ކަމަށް. މިހާރު ވަރަށް ތަފާތު އިނގޭ" ޝާނިމް ބުނެލިއެވެ.
"ހެހެހެ.. އަދި ތި ތަފާތު ފެންނާނީ މަށާއެކު އިސްލާމީ މަރުކަޒަށް ދިޔައިއްޔާ" މާހިލް ބުނެލިއެވެ.
"އަނެއްކާ ކޮން ތަފާތެއް؟ ހުކުރުވެސް ކުރަނީ މާލް ތަ؟" ޝާނިމް އަހައިލިއެވެ.
"ޔަގީނެއްނު" މާހިލް ބުނެލިއެވެ. ހިނިގަނޑެއް ޖަހާލައިފައިވެސް ޝާނިމް އެއްޗެއް ނުބުނެއެވެ. އޭނާއަށް ގަބޫލެއްނުކުރެވުނެވެ.
ހުކުރު ނަމާދަށްފަހު ރިޒާ އިނީ ހުކުރު ކުރި މީހާ އާ ބައްދަލުކޮށްފައި ނޫނީ ގެއަށް ނުދާށެވެ. މީހުންތައް ފައިބައިގެން ދާން ފެށުމުން ރިޒާ ތެދުވެގެން ކުރިއަށް ހިނގައިގަތެވެ. އޭނާއަށް ކުރިމަތިން މާހިލް ފެނުމާއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހުކުރު ކުރީ މާހިލް ކަން އިނގުމުން ރިޒާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ކީއްވެގެން ކަމެއް އޭނާއަށް ނޭނގުނެވެ. އޭނާ މާހިލް އާ ސަލާމްކުރިއެވެ. ހާލުއަހުވާލު އޮޅުންފިލުވިއެވެ. އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރާތާ ކިހާ ދުވަހެއް ވެއްޖެތޯ އެހިއެވެ. އެހުރިހާ ސުވާލަކަށް މާހިލް ޖަވާބުދިނެވެ.
"ބޭބެ ދަޢުވަތެއް ދީފިއްޔާ ޤަބޫލުކުރާނަންތަ؟" ރިޒާ އަހައިލިއެވެ. މާހިލް ބޯޖަހައިލިއެވެ.
"މިރޭ ރޭގަނޑުގެ ކެއުމަކަށް ބޭބެމެން ގެއަށް އައިސްދެވިދާނެތަ؟" ރިޒާ އެދުނެވެ. ޖަވާބެއްނުދީ މާހިލް ބަލައިލީ ކައިރީގައި ހުރި ޝާނިމްއަށެވެ. އޭނާ ގޮތެއް ނިންމުމުގެ ކުރިން ޝާނިމްގެ ހިޔާލެއްވެސް ބޭނުންވާ ކަހަލައެވެ. ޝާނިމް ހީލުމާއެކު އޭނާއަށް ޝާނިމްގެ ވިސްނުން އިނގުނެވެ.
"އެންމެރަނގަޅު. އަޅުގަނޑުމެން އިޝާނަމާދު ފަހުން ދާނަން" މާހިލް ބުނެލިއެވެ.
"އެކަމަކު ބޭބެއަށް ވަރަށް ރަނގަޅު އަށްގަޑި ބަޔާ ނުވަޔަކާ ދެމެދުގަ އައިއްޔާ. އެއީ ފުރުޤާން މިސްކިތުގައި ބޭބެގެ ދަރުހެއް އޮންނާނެ މިރޭ އިޝާނަމާދަށްފަހު" ރިޒާ ވާހަކަދެއްކިއެވެ.
"ދިޔުމުގެ ކުރިން ގުޅާލާނަން" މާހިލް ބުނެލިއެވެ.
"ރަނގަޅުވާނެ. އެވީގެ ނަންބަރ އިންނާނެއްނު" ރިޒާ ބުނެލިއެވެ. މާހިލްގެ ބުރަކަށީގައި ފިރުމާލާފައި ރިޒާ ހިނގައިގަތުމުން ޝާނިމް ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން މާހިލްއަށް ބަލައިލިއެވެ.
"ސީރިޔަސްކޮށް. ވަރަށް ނުފެންނަ ކަހަލަ މަންޒަރުތައް މިއަދު މިފެންނަނީ. މާލް ތީ މި މިސްކިތުގެ މުދިމު ކަން މި އެނގުނީ މިއަދު. ވަރަށް އުފާވެއްޖެ މާލް ކަހަލަ އެކުވެރިއެއް ލިބުނީމަ" ޝާނިމް ވާހަކަދެއްކިއެވެ.
"ކުރިއަށް އޮތްތަނުގައި އަދި އިނގޭނެ ކަންތައްތައް ހުރީ" އޭނާ އެހެން ބުނީ ކޮން މާނައެއްގައި ކަން އިނގެނީ އެކަނި އޭނައަށެވެ.
"އެ ބޭބެގެ ދަރިއެއްތަ އާވާ އަކީ؟" ހިތުގަައި އުފެދިފައިވާ ދެވަނަ ސުވާލު ޝާނިމް ކޮށްލިއެވެ.
"ހޫމް. މަށަށްވެސް ވަރަށް ފަހުން އިނގުނީ. އެއްދުވަހު އޮފީހަށް އައި އިރު އާވާ ގޮވައިގެން އޮފީހަށް ލާން އައިސް އިން. އެދުވަހު އެ ބޭބެ ބުނީމަ އިނގުނީ. މިސްކިތު ފްރެންޑެއް އެއީ.... ހެހެހެ..." ޝާނިމް އާ އެކުގައި ކާރަށް އަރަމުން މާހިލް ވާހަކަދެއްކިއެވެ.
ހަވީރުގެ ސައި މޭޒު މައްޗަށް އަރުވާފައި އަނުމް އިނީ މޭޒު ކައިރީގައި އިށީނދެގެންނެވެ. ހަނޑުލުގުޅަ ހަދާށޭ ފަލަކްނާޒް ބުނެފައި ވިޔަސް ބަނޑެއްގައި ރިއްސާވަރުން އަނުމްއަށް އެކަމައިގެން ނޫޅެވުނެވެ. އޭނާ ކައިރި ހެދިކާ ވިއްކާ ގެއަކުން ހެދިކާ ގެނައީ އޭނާ ހަރަދުކުރަން ނާސިހް ދީފައި ހުރި ލާރިންނެވެ. މޭޒު ކައިރިއަށް ފަލަކްނާޒާއި އާރިޔަން އައީ އެކުއެކީގައެވެ. އަނުމް ފޯނަށް ބަލަހައްޓައިގެން ޗެޓް ކުރަމުން ދިޔައިރު އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެތަނަށް އެމީހުން އައިކަން އިނގުނަސް އަނުމް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އަނުމްއަށް ބަލަހައްޓައިގެން އިން އާރިޔަން ހިތަށް އުނދަގުވަމުން ދިޔައެވެ. އެހެން ފިރިހެންކުއްޖެއް އަނުމްގެ ހިތުގައި ރަސްކަންކުރަން އޭނާ ނޭދޭއެވެ.
"މިއީ ކޯޗެއްތަ؟ ކާކުތަ ބުނީ ހެދިކާ ގަންނާށޭ" ފަލަކްނާޒް ހިތްހަމައެއް ނުޖެހުނެވެ.
"މީހަކު ނުބުނޭ. އަހަރެން އަމިއްލައަށް ގަތީ.... އަލަމްކޮ އަދިވެސް ނިދާފަތަ އޮތީ؟" އަނުމް ވާހަކަ އޮޅުވައިލީ އޭނާ ރުޅިއަންނަން ބޭނުންނުވާތީއެވެ.
"އަލަމްކޮގެ ވާހަކައެއް ނޫނެއްނު މިދައްކަނީ؟ މިއަހަނީ އަނުމްއަށް ކީއްވެގެންހޭ އަހަރެން ބުނާ އެއްޗެއް އަޑު ނީވެނީ؟ ކާކު އުޅެނީ މިތާ ހުރި ލޮނުރަހަ ނުލާ ހެދިކާތައް ކާން. ފޮނި އެއްޗެއްވެސް ހުރީކީ ނޫން" ފަލަކްނާޒް ހަޅޭއްލަވައިގަތެވެ.
"އަހަރެން ބަލިވެ މިއުޅެނީ. މަށަކީވެސް އިންސާނެއް. އެހެންނޫނަސް ދެއިރު ދެދަޅަޔަށް ޖިމް ޖައްސާފައި ޒުމްބާ ޖައްސަމުން ތެޔޮ އެއްޗެހި ކެއިމަ މީހާ ދާނީ ފަޅައިގެން" އަނުމް ވާހަކަދެއްކިއެވެ. އަނުމް ވާހަކަދެއްކި ގޮތުން އާރިޔަން ކައިރިއަށް ހިނިއައެވެ. އެކަމަކު އޭނާ ކޮންޓްރޯލްކުރިއެވެ.
"އެއީކީ އަނުމް އަކާ ބެހޭކަމެއް ނޫނެއްނު. މި އެއްޗިއްސާ އަނުމް ސައިބޯންވީނުން. ހިނގާ އާޔަން ދަރިފުޅާ ބޭރަށް ސައިބޯން ދަމާ" ފަލަކްނާޒް ބުނެލިއެވެ.
"މަށަށް ހެޔޮ ދުވަހަކު ނުބުޔަސް. އަހަރެން ބަނޑުހައެއްނުވާނެ. ޝުކުރުކޮށްބަލަ މިވަރުވެސް ކުރީތީ" ހެދިކާ ތަށި ތަކުގައި މަތިޖަހާފައި އަނުމް ބަދިގެއިން ނިކުތެވެ.
ރޭގަނޑު ކެއުމުގައި ދެ މެހްމާނަކު ބައިވެރިވާނޭ ބުނުމުން ޙާޖަރާއި އާވާ އުޅުނީ ބަދިގެ ތެރޭގައި އަވަދިނެތިއެވެ. ރިޒާގެ ބުނުމުގެ މަތިން އެދެމައިން ތައްޔާރުކޮށްލީ ރޮށްޓާއި ކުޅި ބޯވައެވެ. މޭޒުމައްޗަށް ތައްޔާރުކުރި ހުރިހާ ކާއެއްޗިއްސެއް އެރުވުމަށްފަހު ދެމައިން ކޮޓަރިއަށް ވަނީ އިޝާނަމާދު ކުރުމަށެވެ. ރިޒާ އޮތީ މެހްމާނުން އަންނައިރު ގޭ ހުރިހާ މީހުން ސިޓިންގްރޫމުގައި ތިބުމަށް އަންގާފައެވެ.
މާހިލްއާއި ޝާނިމްއަށް އެގޭ ދޮށަށް މަޑުކޮށްލެވުނީ ރިޒާ އާ ދާދި އެކުއެކީގައެވެ. އޭރު ގަޑިން ބަރާބަރު އަށްގަޑި ބައެވެ. އެކަކު އަނެކަކުގެ މެދުގައި ބަދަލުކޮށްލެވުނު ހިނިތުންވުމަކަށްފަހު ގޭތެރެއަށް ވަނުމަށް ރިޒާ އެދުނެވެ. ރިޒާގެ ފަހަތުން މާހިލް ވަދެގެން ދިޔައިރު އޭނާގެ މޭގެ ތެރޭގައި އޮތް ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާ ހީކުރީ އޭނާއަށް ދެން އެންމެ އަވަހަށް އާވާގެ މޫނު ފެންނާނީ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އާވާ ފެންނާނެކަން އިނގޭތީ ހިތަށް ވަނީ އިންތިހާދަރަޖައިގެ އުފާވެރިކަން ލިބިފައެވެ.
ރިޒާގެ ފަހަތުން ވަދެގެން އައި މާހިލްއާ ޝާނިމް ފެނުމުން ޙާޖަރު ކައިރީގައި ސޯފާގައި އިން އާވާއަށް ކޮޅަށް ތެދުވެވުނެވެ. އޮފީހުގެ ވެރިން ކުއްލިއަކަށް ކުރިމަތިން ފެނުމުން އެންމެ ފުރަތަމަ ހީލަންވެސް ނޭނގުނެވެ. ބައްޕަ އެބުނާ މެހްމާނުންނަކީ މިއީ ހެއްޔެވެ؟
"މާހިލްސަރ... ޝާނިމް ސަރ ވެސް ތަ؟" މަޑުމަޑުން އާވާއަށް ބުނެވުނެވެ. އެ އަޑު އިވުނީ އާވާ ކައިރީގައި ހުރި ޙާޖަރަށެވެ. ޙާޖަރު އާވާގެ މޫނަށް ބަލައިލިއެވެ.
"މިއީ ބޭބެގެ އަންހެނުންނާ ދެ ދަރިން. އެވީ އިނގޭނެއްނު ދޯ" ޙާޖަރު ދައްކާލަމުން ރިޒާ ވާހަކަދެއްކިއެވެ. މާހިލް ޙާޖަރަށް ސަލާމް ގޮވިއެވެ.
"އެވީ ސަޕްރައިޒްވެއްޖެ ދޯ. މާހިލް އަކީ ބައްޕަ ދަންނަ ކުއްޖެކޭ. ބައްޕައަށް އިނގޭ އެއީ އެވީގެ އޮފީސް ބޮޑުމީހާ ކަން" ރިޒާ ބުނެލިއެވެ.
"އާވާ!! ދަތުރު ކިހިނެއް ދިޔައީ؟" މާހިލްއަށް އާވާ އާ ވާހަކަނުދައްކާ ނުހުރެވުނެވެ.
"ކެންސަލްވީ ވިއްސާރަވީމަ. އެހެންވެ އަނެއްކާވެސް ލަސްކޮށްލީ" އާވާ ބުނެލިއެވެ.
"އެންމެފުރަތަމަ ހިނގާ ދޯ ކޭންބައްލަވަން" ރިޒާ ވާހަކަދެއްކިއެވެ.
ޙާޖަރާއި އާވާ ނޫން ބާކީ ތިބި ހަތަރު ފިރިހެނުން ކެއުމުގައި ބައިވެރިވިއެވެ. ޙާޖަރު ކައިރީގައި އާވާ ކޮޅަށް ހުރިއިރު މަޑުމައިތިރިކަމާއެކު ކާން އިން މާހިލްއަށް އިރުކޮޅަކާ އާވާއަށް ބަލައިލެވެއެވެ.
"ތިދެކުދިންނަށް ބަލައިލާފަވެސް އިނގޭ ވަރަށް ހަށިގަނޑަށް ބަލައިގެން އުޅޭ ދެކުދިންކަން. އެހެންވެ މާގިނަ ކާއެއްޗެހިތަކެއް ހަދަން ނުބުނީ" ކައި ނިމި ސިޓިންގރޫމް ސޯފާގައި ޖައްސައިލަމުން ރިޒާ ބުނެލިއެވެ.
"ނުދުފަން" ޙާޖަރު މާހިލްގެ އަތަށް ފޯށް ތަބަށް ދިއްކޮށްލުމާއެކު ބުނެލިއެވެ.
"ވަރަށް މީރު. ވަރަށްބޮޑަށް ޝުކުރިއްޔާ" މާހިލް ބުނެލިއެވެ. ޝާނިމް ހީވަނީ އަނގަމަތީގައި ޓޭޕް އަޅާފައިވާ ހުރި ހެންނެވެ. އެންމެ ބަހެއްވެސް ނުކިޔައެވެ. އޭނާ ދައްކާނެ ވާހަކައެއް ނުވެސް އިނގެނީއެވެ.
"އެއްބަނޑު ދެކުދިންތަ؟" ޙާޖަރު އަހައިލިއެވެ. އާވާ ހިނިއައެވެ.
"ނޫނޭ. އެއްގޭ ދެކުދިން. އަޅުގަނޑުގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް ޝާނިމް އަކީ. ކޮއްކޮއަކަށް ވުރެ ރަނގަޅުވާނީ އެންމެ ގާތް އެކުވެރިޔާއޭ ބުނެފިއްޔާ" މާހިލް ވާހަކަދެއްކިއެވެ.
"މާހިލް އުޅެނީ ކައިވެނިކޮށްގެންތަ؟ އަނބިމީހާ މާލޭގައި ހުރިއްޔާ އަދިވާނެ އެއްދުވަހަކުން ދެކުދިން އެކުގައި އަންނަން" ރިޒާ ވާހަކަދެއްކިއެވެ.
"އަޅުގަނޑު އުޅެނީ ކައިވެނިކޮށްގެނެއް ނޫން. އަންބެއްނުހުރޭ" މާހިލް ބުނެލިއެވެ. އާވާއަށް މާހިލްގެ މޫނަށް ބަލައިލެވުނީ ހަމަ ކުއްލިއަކަށެވެ. އޭނާއަށް އެ ލިބުނީ އޭނަ ހޯދަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ސުވާލެއްގެ ޖަވާބެވެ. އާވާ ބަލައިލާފައި ނަޒަރު ވަކިކޮށް ނުލަނީސް މާހިލް އާވާއަށް ބަލައިލިއެވެ. ނަޒަރު ވަކިކޮށްލީ ދެކުދިން އެކީގައެވެ.
"އެހެންތަ؟ އެކަމަކު ބޭބެއަށް ހީވަނީ މާހިލްގެ ކައިވެނީގެ ދަޢުވަތު ވަރަށް އަވަހަށް ބޭބެއަށް ލިބޭނެހެން. ޙުލްޤުހެޔޮ ދީންވެރި ޞާލިހް އަންބެއް މާހިލްއަށް ލިބުން ބޭބެ އެދެނީ" ރިޒާ ވާހަކަދެއްކިިއެވެ.
މާހިލް ހީލިއިރު އޭނާގެ ހިތުގައި އުފާވެރިކަމެއް ވިއެވެ. އޭނާއަށް ހިތުގެވެރިޔާ ލިބޭނެ ހެއްޔެވެ؟ އެކަމަކު ރިޒާބެ ކުރާ ދުޢާގައި ބަރަކާތެއް ވާނެކަން ކަށަވަރެވެ.
"ބޭބޭ ދަނީ އިނގޭ. އަދި ﷲ އިރާދަކުރެއްވިއްޔާ ދިމާވާނެ" މާހިލް ތެދުވެ ރިޒާ އާ ސަލާމްކޮށްލިއެވެ.
"އާވާ! ވަރަށް ބާއްޖަވެރި ރޭގަނޑަކަށް އެދެން" އެންމެންނަށް އިވޭ ވަރަށް އާވާ އާ މުހާތަބްކޮށް މާހިލް ބުނެލިއެވެ. އޭނާއަށް އެހެން ބުނެވުނީ ކީއްވެގެންކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. ޝާނިމް ޚައިރާންކަމާއެކު މާހިލްއަށް ބަލައިލެވުނީ އަންހެންކުއްޖަކާ އެގޮތަށް މުހާތަބްކޮށް އެއީ އޭނާ ވާހަކަދެއްކި ފުރަތަމަފަހަރަށް ވީތީއެވެ.
ނިދާ ވަގުތު ޖެހުނުއިރުވެސް ޝާނިމް ނިދާކަށް ނޫޅުނެވެ. އޭނާ ފޯނު ނަގާފައި މާހިލްގެ ނަންބަރަށް ގުޅައިލިއެވެ. ފުރަތަމަ ރިންގުން މާހިލް ފޯނު ނަގައިފިއެވެ.
"އެހާ އަވަހަކަށް ނިންޖެއް ނާންނާނެ. ހިނގާ ބޭރަށް ނިކުމެލަން" ޝާނިމް އެދުނެވެ. މާހިލް އާ ބަސް ބުނެލިއެވެ.
ހިނދުކޮޅެއްގެ ތެރޭގައި ދެކުދިން ތިބީ ގޭ ޓެރަސްމަތީގައެވެ. ފަޒާ ތެރޭގައިވަނީ ތެތްފިނި ކަމެކެވެ. އުޑުމައްޗަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. ވައި ބާރެވެ. ތޫފާނެއްގެ އިންޒާރުދޭ ކަހަލައެވެ. ދެންމެދެންމެ ވާރޭ އޮށްސާލަފާނޭ ހީފާ ފަހަރުވެސް އާދޭއެވެ.
"އެންމެ ރީއްޗަށް އޮވެފަ ވިއްސާރަވީއޭ ދޯ" ޝާނިމް ބުނެލިއެވެ. މާހިލް ހީލަމުން ކައިރީގައި އައިސް ހުއްޓުނެވެ. އަދި އޭނާގެ އަތުގައި ހުރި ދެ ކޮފީތަށިން އެއްތަށި ޝާނިމްއަށް ދިއްކޮށްލިއެވެ. ދެކުދިން އައިސް އިށީނީ ޓެރަސްގައި ހުރި ބީޗް ގޮނޑިތަކުގައެވެ. މަގުމަތި ނުފެނުނެއްކަމަކު ކުރިމަތީގައި ހުރި ގޭ ބެލްކަނީގައި ދިއްލާފައި ހުރި ހުދު ލައިޓުގެ އަލިން ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ އަލިކަމެއްވިއެވެ.
"ދިރިއުޅުމަކީވެސް މިކަހަލަ ކަމެއް. ހާލަތު ބަދަލުވާން ހިނދުކޮޅެއްވެސް ނުނަގާނެ" މާހިލް ބުނެލިއެވެ. އޭނާ ކޮފީތަށިން ކޯވަރެއް ބޯލަމުން ޝާނިމްއަށް ބަލައިލިއެވެ.
"ނިދި ނާންނަނީ ކީއްވެގެންނޯ. މާޔާ ގެންނަންވީތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި މާހިލް ބުނެލިއެވެ.
"ހެހެހެ... ކުޑަދުވަސްކޮޅެއްފަހުން މާޔާ ގާތުގަ އަބަދުވެސް ހުންނާނީ" ޝާނިމް ބުނެލިއެވެ.
"ޝާންއަށް ހީވަނީ އެވީ ކޮންކަހަލަ ކުއްޖެއްހެން. މިބުނީ ރަނގަޅުވާނެތަ؟" މާހިލް އަހައިލިއެވެ. ކޮފީ ބޮމުން ދިޔަ ޝާނިމްއަށް މާހިލްގެ އެވާހަކައިން ލިބުނީ ބޮޑު ޚައިރާންކަމެކެވެ. އޭނާއަށް ހަށިގަނޑު ސީދާކޮށްލަމުން މާހިލްއަށް ނަޒަރެއްދެވުނެވެ.
"ތިބުނީ ކޮންގޮތަކަށް. އަނެއްހެން ބުނަންޏާ އާވާ އެއީ ވަރަށް އަޚްލާގް ރަނގަޅު ކުއްޖެއް. ދީންވެރި ވިސްނުންތޫނު މަޑުމައިތިރި" ޝާނިމް ބުނެލިއެވެ.
"ޝާން ހިތަކަށް ނާރާތަ މިހެން މިއެހީ ކީއްވެގެންހޭ... ހެހެހެ..." ހީލުމަކާއެކު މާހިލް އަހައިލިއެވެ.
"ހިތަށް އެރި. އެކަމަކު އަހަން ނުކެރިފަ" ޝާނިމް ބުނެލިއެވެ.
"އަހަރެން އާވާ އާ ވަރަށް ގަޔާވޭ. މިބުނީ އާވާ އަހަރެންނާ ކައިވެނިކޮށްފާނެތަ؟ ޝާންއަށް ހީވަނީ ކިހިނެއް؟" މާހިލް އަހައިލިއެވެ. މާހިލްގެ ވާހަކަތަކުން ޝާނިމްއަށް ފަހަރަކަށް ވުރެ ފަހަރެއް ލިބެމުންދިޔަ ޚައިރާންކަން އިތުރުވަމުން ދިޔައެވެ.
"ވަރަށް ރަނގަޅު ހެޔޮ ވިސްނުމެއް. ހިއެއްނުވޭ އާވާ އިންކާރު ކުރާނެހެނެއް" ޝާނިމް ބުނެލިއެވެ.
"އެކަމަކު 17 އަހަރުގެ ތަފާތު" މާހިލް ބުނެލިއެވެ. އޭނާ ހިތުގައި އުފެދޭ ހަމައެކަނި ނުތަނަވަސްކަމަކީ އެއީއެވެ.
"ތިއީ ހަމައެކަނި ދެ އަދަދުގެ ނަންބަރެއް. ތި ނަންބަރަށް ބަލައިގެން ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެ. ދެމީހުން ދެމެދުގައި ލޯތްބާއި ހަމްދަރުދީ އޮތިއްޔާ ތި ނަންބަރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ޝާނިމް ވާހަކަދެއްކިއެވެ.
"ރަނގަޅު ވާހަކައެއް ތިބުނީ. އަހަރެން އާވާ ބޭނުން. ކައިވެނިކުރަން ބޭނުމީ. އެކަމަކު ވަރަށް ޖެހިލުންވެސްވޭ. މާޒީގައި ކުރެވިފައިހުރީ މުޅިންވެސް ބޮޑެތި ފާފަތައް" މާހިލް ވާހަކަދެއްކިއެވެ.
"ހެހެހެ... ބުނެވޭނީ މާޒީގެ ކޮނޑުގައި ބޯއަޅައިގެން އޮވެ މުސްތަގުބަލުގެ ހުވަފެން ނުބަލާށޭ" ޝާނިމް ބުނެލިއެވެ.
"ތިހެން ތިބުނަނީ ޝާންއަށް އެއްވެސް ކަމެއް ނެނގޭތީ" މާހިލް ބުނެލިއެވެ. ޝާނިމް ބަލައިލިއެވެ.
"އަހަރެން ކައިވެންޏެއް ކުރިން. އެކަމަކު ދަރިއެއް ލިބުނީ އެހެން އަންހެނަކަށް. ދެ އަންހެނުންނާ މެދުވެސް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން. އެތައް މާބުރަކުން އެއްފަހަރާ ފޮނި ބުއިމަކީ އޭރު އަހަރެން އެންމެ ކުރާހިތްވާ ކަންތައް. އަހަރެން ކިތަންމެ އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކުރިން. ލިބުނު ހަމައެކަނި ދަރިވެސް މަރުވެގެން ދިޔައީ އަހަރެންނަށް ނުފެނި. އަހަރެން އެދަރިފުޅު ބޭނުންވެގެން ދިޔައިރު ވަގުތުފާއިތުވެއްޖެ" މާހިލް ވާހަކަދައްކަމުން ދިޔައެވެ. ކޮފީތަށި ދުރުގައި ބެހެއްޓީ ނުބޮވޭވަރަށް ޖެހެމުންދިޔަ ވައިން ހިހޫ ވެފައި ހުރުމުންނެވެ.
"އެކަމަކު މިހާރު ހުރިހާކަމެއްވެސް ބަދަލުވެއްޖެ. މިހާރު އަހަރެން އެންމެ އިހުތިރާމްކުރަނީ އަންހެނުންނަށް. އަހަރެންގެ ފުށުން އެނާޒުކު މަލެއްފަދަ އަންހެންކުދިންނަށް ދެރައެއް ދެވިދާނެތީ ވަރަށް ކަންބޮޑުވޭ" މާހިލް ވާހަކަދައްކަމުން ދިޔައެވެ.
"މީހެއްގެ ގޮތެއް ނެނގެ. އެކަމަކު އަހަރެން ތިކަމުގަ މާލްއަށް ވަރަށް ސާބަސްދެން. ހެއްދެވިފަރާތުން މާލް ކުރި ކުށްތަކަށް މަޢާފްދެއްވައިފި. އަހަރެން ބުނާނީ ތިހުރިހާ ކަންތަަކުގެ މަތިން ހަނދާން ނައްތާލާށޭ. މާޒީގައިވީ ކަމެއް ފަހަތަށް ދޫކޮށް ހިތްވަރާއެކު ތިމާއާއެކު އާޚިރަތަށް މަސައްކަތްކޮށްދޭނެ ބައިވެރިއަކު އަތުގައި ހިފައިގެން ކުރިއަށްދާށޭ ބުނާނީ" ޝާނިމް ބުނެލިއެވެ.
އަނެއްދުވަހު އޮފީހަށް ދެވުމާއެކު މާހިލް އަވަސްވެލީ އާވާގެ ހާލެއް ބެލުމަށެވެ. އާވާގެ ކެބިން އާ އަރާ ހަމަވެފައިވެސް އޭނާ މަޑުޖެހިލިއެވެ. އޭނާއަށް ވަންނާކަށްވެސް ޓަކި ޖަހާކަށްވެސް ނުކެރުނެވެ. ދެވިސްނުމެއްގައި އާވާގެ ކެބިން ކައިރީގައި ހުއްޓިގެން ހުރުމަށްފަހު އޭނާ އަމިއްލަ ކެބިންއަށް ވަންނަން ދިޔައެވެ.
ޝާނިމްގެ ފޯނުކޯލް މާހިލަށް ލިބުނީ އޭނާ ގޮނޑީގައި އިށީންނަން އުޅުނު ވަގުތުގައެވެ. މާހިލް ފޯނު ނަގާފައި ކަންފަތުގައި ޖަހައިލިއެވެ.
"ތިހާ ފިނޑިވެގެން އާވާ ކަހަލަ ކުއްޖެއްގެ ހިތް ފަތަހައެއް ނުކުރެވޭނެ" ފުރަތަމަވެސް ޝާނިމް ބުނެލި އެއްޗަކީ އެއީއެވެ.
"ހެހެހެ... ފެނުނީތަ؟" މާހިލް އަހައިލިއެވެ.
"އާވާގެ ކެބިން ދޮރުމަތީގައި ދީވާނާވެފައިވާ އާޝިގެއް ފަދައިން ގޮތްހުސްވެފައި ހުރި މަންޒަރު ދެކުނިން" ޝާނިމް ވާހަކަދެއްކިއެވެ.
"މިއަދު އަދި އާވާ ނުފެންނާތީ" މާހިލް ބުނެލިއެވެ.
"މި ފޯނު ކަނޑާލުމުގެ ކުރިން އާވާ ފެންނާނެ" ޝާނިމް ބުނެލިއެވެ. މާހިލްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކެބިން ދޮރުގައި ބެލް އަޅައިލި އަޑު އިވުނެވެ.
"ވަނުމުގެ ހުއްދައަކަށް އެދުނީ އެ" އަނެއްކާވެސް ޝާނިމް ބުނެލި އަޑު އިވުނެވެ. މާހިލް ފޯނު ކަންފަތާ ދުރުކޮށްލާފައި އާވާއަށް ޖަވާބުދިނެވެ.
އުފާވެރި ހިނިތުންވުމަކާއެކު އޭނާގެ މޭޒާއި ގާތަށް އަންނަމުން ދިޔަ އާވާއަށް ހިތްފުރެންދެން ބަލައިލަން މާހިލް ހިތްއެދުނެވެ. އެހެންނަމަވެސް ތިމާ ހިތްއެދޭ އަންހެނަކަށް ކައިވެނިން ބޭރުގައި އެވަރަށް ބަލައިގެން ކުރެވޭނީ ލޮލުގެ ފާފައެއްކަން އޭނާއަށް އިނގެއެވެ. އޭނާ ނަޒަރު ބަދަލުކޮށްލަމުން އާވާއަށް އިށިންނަން ގޮނޑި ދައްކައިލިއެވެ.
"ސަރ މެންދުރުފަހު އޮތް މީޓިންގްގެ އެޖެންޑާ ނޯޓިސް ބޯޑަށް އަރުވަންވީތަ؟" އާވާ އަހައިލިއެވެ.
"ހޫމް. މިހާރު ލަސްވެސްވެއްޖެ" މާހިލް ބުނެލިއެވެ.
ދެން ވޭތުވެގެން ދިޔައީ ހިމޭންވަގުތު ކޮޅެކެވެ. އެހާ އަވަހަށް އެނބުރި ދާން އާވާ ބޭނުމެއްނުވިއެވެ. އިތުރަށް ދައްކާނެވާހަކައެއްވެސް ނެތެވެ.
"އެހެން އަހާލަންވެގެންތަ އާވާ ތިއައީ" މާހިލް އަހައިލިއެވެ.
"ލައްބަ..." އާވާ ބުނެލިއެވެ.
"ފޯނުން ގުޅާލާފައިވެސް އަހާލެވޭނެއްނު. އާވާ ކޮންމެހެން ބުރަ އުފުލީ ކީއްކުރަން" އާވާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މާހިލް އެބުނީ ރަނގަޅު ވާހަކައެކެވެ. އެވާހަކަ ބުނަން ކޮންމެހެން އޭނާ އެތަނަށް އަންނާކަށް ނުޖެހެއެވެ.
"އެއީ.. އެއީ... އަޅުގަނޑު ތައްޔާރުކުރި އާރޓިކަލްއެއް މިއީ. މިވެސް ސަރ އަށް ދައްކާލަން ވެގެންކަމަށް" އަތުގައި އޮތް ޕެންޑްރައިވް ދައްކައިލަމުން އާވާ ބުނެލިއެވެ.
"އާވާއަށް ހަމަ ތި މެއިލްވެސް ކޮށްލެވޭނެ ދޯ. ކުރިންވެސް އެގޮތަކަށްނު އަމަލުކުރަނީ" މާހިލް ބުނެލިއެވެ. އާވާގެ މޫނު ލަދުން ރަތްފިޔައަކަށްވެގެން ދިޔައެވެ. އާވާގެ މޫނަށް މާހިލް ބަލައިލަނީ ހިނދުކޮޅަކަށެވެ. ދެން އިންނަނީ އެހެން ދިމާލަކަށް ބަލަހައްޓައިގެންނެވެ.
"ލައްބަ. މިހާރު މިކޮށްލަނީ މެއިލް" އާވާ ތެދުވެގެން ހިނގައިގަތެވެ.
"އެވީ...!" ދޮރާއި ހަމައަށް ނުދެވެނީސް މާހިލް ގޮވައިލި އަޑު އިވުނެވެ.
"ކޮންފަރެންސްރޫމް ތައްޔާރުކޮށްލަން މަސައްކަތު މީހެއް ކައިރީގައި ބުނެލާތި އިނގޭ" އާވާ ބަލައިލުމާއެކު މާހިލް ބުނެލިއެވެ.
އާވާ ނިކުތްކަން ޔަގީންވުމާއެކު މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އާވާ އާ ސަމާސާ ކޮށްލެވުމުން އޭނާގެ ހިތަށް ލިބިގެންދަނީ ބަޔާންކުރަން ދަތި ހިންހަމަޖެހުމެކެވެ. އިހުސާސްތައް ހިފަހައްޓަން މަސައްކަތްކުރި ކަމުގައިވިޔަސް އޭނާ އެދަނީ ފެއިލްވަމުންނެވެ.
ކެބިންއަށް ވަދެ ދޮރު ގާތްކޮށްލެވުމާއެކު އާވާއަށް މޭގައި އަތް އެޅިއްޖެއެވެ. ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. މާހިލްގެ ކުރިމަތީގައި އޭނާގެ ހިތް ބޭޒާރުވީ ހެއްޔެވެ؟ ހީވީ އެއްޗެއް އިނގިގެން ވާހަކަދެއްކިހެން ވިއްޔާއެވެ؟ އަނެއްކާ މާހިލްއަށް އިނގުނީ ކޮންކަމެއް ހެއްޔެވެ؟ އޭނާ އަތުގައި އޮތް ޕެންޑްރައިވް މޭޒުމަތީގައި ބާއްވައިލަމުން ގޮނޑީގައި ހަމަޖެހިލައިފިއެވެ. ހިތަށް ވެރިވި މާހިލްގެ ތަސްވީރު ހީވީ ކުރިމަތިން ސިފަވި ހެންނެވެ.
"އޯ މާހިލް.... ލޯބިވެވިއްޖެ...." އަމިއްލަ ނަފްސަށް އިވޭ ވަރަށް އާވާ ބުނެލިއެވެ. އަދި އެހާ އަވަހަށް ލަދުގަނެފައި ހުރިި ވަރުން މޫނުމަތީގައި އަތްވެސް އެޅިއްޖެއެވެ.
(ނުނިމޭ)