ވާހަކަ

ކޮންމެ ހިނދެއް - 06

1

މާހިލްއަށް ނިދަން ދެލޯ މަރާކަށް ނުކެރުނެވެ. އޭނާ އާވާގެ ތަސްވީރު ބަލަން ބޭނުމެއްނުވިއެވެ. ލޯތްބޭ މިކިޔާ އިހުސާސަކީ އޭނާއަށް ބީރައްޓެހި އެއްޗެކެވެ.

ހެނދުނު އޮފީހަށް ދެވުމާއެކު މާހިލްއަށް އާވާ ފެނިއްޖެއެވެ. އޭނާއަށް ކުރެވުނު އިހުސާސް އެހެންފަހަރުތަކާ މިފަހަރު ޚިލާފުވެއްޖެކަން ހުދު އޭނާ އަމިއްލައަށް ވެސް ގަބޫލުކުރެވުނެވެ. އާވާގެ ހިނިތުންވުން ފެނިލުމާއެކު އޭނާއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ ހިތު ތެރޭގައި އުފެދުމުންދާ ޖަޒުބާތުތައް ހުއްޓުވާނެގޮތެއް ނޭނގޭ ހާލު އޭނާ ކެބިންއަށް ވަނެވެ.

ގޮނޑީގައި އިށީނދެވުމާއެކު އޭނާއަށް އެއްޗެއް ގަބޫލުނުކުރެވިގެން އުޅޭކަހަލަ ގޮތަކަށް ދެފަރާތަށް ބޯހޫރާލެވިއްޖެއެވެ. މީހަކު ދެކެ ލޯބިވާން އޭނާ ބޭނުންނުވި ކަމުގައި ވިޔަސް ލޯތްބަކީ ގުދުރަތީގޮތުން އިންސާނާގެ ހިތުގައި އުފެދޭ އިހުސާސެއްކަން އޭނާއަށް އިނގެއެވެ.

"އާވާ..." މާހިލްއަށް ބުނެވުނެވެ. އޭނާގެ ހިތުގައި އެތައް ޝަކުވާތަކެއް އުފެދުނެވެ. ލޯބިވެވުނަސް އޭނާ އާވާ ގާތްކުރާނީ ކިހިނެއް ހެއްޔެވެ؟ އާވާ އަކީ އޭނާގެ އުމުރާ ބަލާފައި ހާދަ ކުޑަ ކުއްޖެކެވެ. ކޮޮމްޕިއުޓަރުން އޮފީސް ހުރިހާ މުވައްޒަފުންގެ މެއިން ރަޖިސްޓްރީ އޭނާ ހުޅުވައިލިއެވެ. ބޭނުމަކަށްވީ އާވާގެ އުމުރު ޗެކް ކޮށްލުމެވެ.

"އެންމެ ވިހި އަހަރު. ޔާރައްބީ..." މާހިލްއަށް އަމިއްލަ އިސްތަށިގަނޑު ތެރޭގައި އަތް ހިންގައިލެވުނެވެ. އޭނާ އަމިއްލަ އުމުރާ މެދު ވިސްނާލެވުނުއިރު ދެލޯ ފެންކަޅިވެއްޖެއެވެ. ކެބިންތެރޭގައި ދެކޮޅަށް ހިނގަންފެށުނީ ބޯހާސްވާން ފެށުމުންނެވެ. މިނިވަންކަމާއެކު ބަގީޗާއެއްގައި އުދުހެމުން ދިޔަ ނާޒުކު ކޮކާލެއް ފިޔަކޮށާލާފައި ޖަލެއްގައި ހައްޔަރުކުރާނީ ކިހިނެއް ހެއްޔެވެ؟ ބައެއް އަންހެންކުދިންނަށް ވިސްނޭ ގޮތުގައި ކައިވެންޏަކީ އެކަހަލަ ކަމެކެވެ. މިނިވަންކަމޭ މިކިޔާ އެއްޗަކުން މަހުރޫމް ވީކަމަށް ހީކޮށް ކަރުނައަޅައެވެ. އެފަދަ ގޮތެއް އާވާއަށް ވުންވެސް ގާތެއް ނޫން ހެއްޔެވެ؟

"ސަރ..." ކެބިންތެރޭގައި ހިނގާލަ ހިނގާލަ ހުރި މާހިލް ސިހުނީ އިވުނު ޝާނިމްގެ އަޑުންނެވެ.

"ޝާން... އާދޭ އިށީންނަން...." މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން މާހިލް ބުނެލިއެވެ.

"ހުރިހާކަމެއް ރަނގަޅުތަ؟" ޝާނިމް އަހައިލިއެވެ. މާހިލް ބޯޖަހައިލިއެވެ.

"ދެންމެ އާވާ ލިޔުނު އާޓިކަލް އިންނާނެ މެއިލްކޮށްލާފަ. ޗެކްކޮށްލާފަ ސަރ ވަކި އެއްޗެއް ބުނުއްވީމަ ދެން ކުރިއަށްދާން އިނގޭނީ" ޝާނިމް ބުނެލިއެވެ.

"ހިނގާ ސަޔަށްދާން. އައިއްސަ ބަލައިލާނީ" މާހިލް ބޭނުންވީ އޭނާގެ ސިކުނޑިއަށް ހަމަޖެހުމެއް ހޯދާށެވެ.

ބަދިގޭގައި ހަވީރު ސައިބޯން އިން އާވާ ކައިރީގައި އަނުމް އިނެވެ. އޭނާ އާވާ އާ ބައްދަލުކުރަން އެގެއަށް އެ އައީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އޮފީސް ނިންމާފައި އާވާ އައިރު އައީ އަނުމް އާ އެކުގައެވެ.

"ރަނގަޅުތަ ތި ތަން. ވަރަށް އެކުވެރިން ހޯދައިލައިފިން ދޯ" އަނުމް ބުނެލިއެވެ. އާވާ ސައިބޯން އިންއިރު އަނުމް އިނީ ސައިތަށީގައި އަތްވެސް ނުލައެވެ.

"ނުލިބޭ. އުޅޭ ވަރަށް ކަންތައްބޮޑު ދެ އަންހެންކުދިން. ވަރަށް ރޫޑުކޮށް ވާހަކަދައްކާނީ. ބައެއްފަހަރު ވަރަށް ޖެހިލުންވޭ އެހެންވެ" އާވާ ވާހަކަދެއްކިއެވެ.

"ދެން ރީތި ބޯއީއެއްވެސް ނޫޅޭތަ؟" އަނުމް އަހައިލިއެވެ. ކުއްލިއަކަށް އާވާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއިރު ހިތުތެރޭގައި ވާހަކަތަކެއް ދައްކައިލައިފިއެވެ. އޭނާގެ ހިތް މީހަކަށް ދެވިއްޖެއެވެ. އެމީހާއަށް ނުވެސް އެނގިއެވެ. އޭނާއަށް ވުރެ އުމުރުން އެތައް ތަނެއް ދޮށީ މީހަކަށެވެ. މީހެއްގެ ފިރިއެއް ނޫންކަމެއްވެސް ނޭނގެއެވެ. ހިތްދެވުނީ އޭނާގެ އިޚްތިޔާރަކާނުލާއެވެ.

"ހާދަ ސިއްރުސިއްރުން ތިހެނީ" އާވާ ޖަވާބެއް ނުދިނުމުން އަނުމް އަހައިލިއެވެ.

"އޮފީސް ބޮޑުމީހާ. މާހިލް. ވަރަށް ނައިސް މީހެއް. އެކަމަކު ހީވަނީ މީހެއްގެ ފިރިއެއްހެން" އާވާ ވާހަކަދެއްކީ ގެތެރެއިން އެހެން މީހަކަށް އެ އަޑު އިވިދާނެތީ ސިއްރު ސިއްރުންނެވެ.

"ދައްކާލައްޗެ" އަނުމް ބުނެލިއެވެ.

"ދެން އަނޫ ޒަމީލް އާ މެރީކުރާނީތަ؟" އާވާ އަހައިލިއެވެ.

"ނޫޅެން" ފޫހިކަމާއެކު އަނގަ ހަދައިލަމުން އަނުމް ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި މާހިލް އޮފީހަށް ވަދެލީ މުހިންމު އެއްޗެއް ބަލައެވެ. އޭނާ އަތުގައި އޮންނަ ތަޅުދަނޑިން ހުޅުވާލާފައި ވަންއިރު އޮފީހުގެ ހުރިހާ ދިމާލަކަށް އަލިވާނޭހެން އިންނަ ބޮޑު ލައިޓް ދިއްލާފައި އިނެވެ. އޭނާ ކުރިއަށް ދަނިކޮށް ލޮލުގައި އަޅައިގަތީ ޝާނިމްގެ ކެބިންގެ ދޮރު ކުޑަކޮށް ހުޅުވާލާފައި ހުރުމުންނެވެ. ޔަގީނުންވެސް މީހަކު ނޭފަތް ދަމައިލި އަޑު އިވިއްޖެއެވެ. މާހިލް މަޑުމަޑުން ގޮސް ބަލައިލިއިރު ޝާނިމް މޭޒުގައި ބޯއަޅާލައިގެން އިންދާ ފެނުނެވެ. އޭނާއަށް ވީގޮތެއްވެސް ނޭނގުނެވެ. ކުރިއަށް ޖެހިލާފައި ކެބިންގެ ދޮރު ބޮޑަށް ފޭކޮށްލިއެވެ. ޝާނިމް ބަލައިލީ އެ އަޑަށެވެ.

އެވަގުތު ކުރިމަތިން ފެނިދާނެކަމަށް ހީކޮށްފައިނުވާ މީހެއް ފެނުމުން ޝާނިމްއަށް ކޮޅަށް ތެދުވުނީ ކުއްލިއަކަށެވެ. މާހިލް ޝާނިމްއަށް ބަލަހައްޓައިގެން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.

"މާހިލް ސަރ" ޝާނިމް ބުނެލިއެވެ.

މާހިލް ޝާނިމްގެ މޫނުމައްޗަށް އެއްޗެއް ދެނެގަންނަން އުޅޭފަދަ ނަޒަރަކުން ބަލައިލިއެވެ. ލޮލުގައި ރަތްކަމެއް ވިއިރު މޫނުމަތީގައި އުދާސްވެރިކަމެއް ވިއެވެ. ދެލޮލުގައި ކަރުނައެއްނެތެވެ. އެހެންނަމަވެސް އެދެލޮލުން ހިތްދަތިކަމެއް ފެނިއްޖެއެވެ.

"ކިހިނެއްވީ ޝާން؟" މާހިލް އަހައިލިއެވެ.

"ރޯގާ ޖެހުނީ" ޝާނިމް ބުނެލިއެވެ. ތެދެކެވެ. ރޯގާ ޖެހިފައި ހުރިކަން ޝާނިމްގެ އަޑުން އެކަނިވެސް އިނގެއެވެ.

"ތިކަން އިނގޭ. މިއަހަނީ މިގަޑީގަ މިތާ ތީނީ ހުސްއެކަނި ރޯގާ ޖެހިގެންނޫންކަން އިނގެޔޭ" މާހިލް ބުނެލިއެވެ.

"ނޫނޭ ސަރ. ކަމަކު އައީ. މާޔާ ބަލައިދާންވެގެން ގުޅާލަންދެން މިތަނުގައި މަޑުކޮށްލީ" ޝާނިމް ވާހަކަދެއްކިއެވެ. މާހިލް އިތުރަށް އެކަމާއި ގުޅިގެން ޝާނިމް އާ ސުވާލެއްނުކުރެއެވެ. އޭނާއަށް ކަމެއްވެއްޖެކަން އިނގިއްޖެއެވެ. އެހެންނަމަވެސް އެކަންތައްތަކަކީ ޝާނިމްގެ އަމިއްލަ ކަންތައްތަކަށް ވާތީ އިތުރަށް އޭނާ އެވާހަކަތައް ދައްކަން ބޭނުންނުވިއެވެ. ޝާނިމްގެ ފަރާތުން ކޮންމެސް އިރަކުން ވީކަމެއް އިނގޭނެކަމަށް އޭނާ އުންމީދުކުރެއެވެ.

އާދައިގެމަތިން މިއަދުވެސް މާހިލްގެ ވަޒީފާގެ ވަގުތު ގުނަން ފެށީ އޭނާގެ ހިތުގެ ހަމަޖެހުން އާވާގެ މޫނު ފެނުމަށް ފަހުގައެވެ. އާވާގެ މައުސޫމް މޫނު ފެނުމާއެކު އޭނާގެ ރޫހަށް އާ ދިރުމެއް ލިބޭ ކަހަލައެވެ. އެތެރެހަށީގައި މުޅިން އާ ޖޯޝެއް އުފެދޭ ކަހަލައެވެ.

ކެބިންތެރޭގައި އާވާ ލިޔުނު އާޓިކަލް ކިޔަމުން ދިޔައިރު އޭނާއަށް ހިތާހިތުން އާވާއަށް ތައުރީފް ކުރެވެމުން ދިޔައެވެ. އާވާއަށް އިސްލާމީ ތަރުބިއްޔަތު ލިބިފައިވަނީ އޭނާއަށް ހީކުރެވިފައިވި ވަރަށް ވުރެވެސް ބޮޑަށެވެ. އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އާވާ އަށް ވުރެ ރަނގަޅު ކުއްޖެއް ނެތޭ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެހެންމަވެސް އަދި އޭނާ ކުޑަ ދުވަސްކޮޅަކު އިންތިޒާރުކުރަން އެބަޖެހެއެވެ. ތެޅިގަނެގެން އަންހެންކުއްޖަކު ހަޔާތަށް ގެނެސްގެން ކުޅިވަރެއް ކުޅެވިދާނެތީ އަދިވެސް ހިތުގައި ބިރުވެރިކަމެއްވިއެވެ. އޭނާ ލިބިފައިވާ މެއިލްތައް ޗެކް ކުރަމުންދިޔައިރު ޚައިރާންކަމެއް ލިބުނީ ކުރީ ރޭ ދަންވަރު ޝާނިމްގެ ފަރާތުން ލިބިފައި އިން މެއިލްއެއް ފެނުމުންނެވެ. އޭނާ ޚައިރާންވެގެން ބުނާނެ އެއްޗެއް ނޭނގި ބަލަހައްޓައިގެން އިނެވެ. އެވަރުގެ ނިންމުމެއް ޝާނިމް އެ ނިންމީ ކިއްވެގެން ހެއްޔެވެ؟ ވީގޮތަކާމެދު ވިސްނަން އިންނަން އޭނާ ބޭނުމެއްނުވިއެވެ. ފޯނު ނަގައިގެން ޝާނިމްގެ ނަންބަރަށް ގުޅައިލިއެވެ. ދެ ފަހަރު ގުޅުމުންވެސް ޝާނިމް ފޯނަށް ޖަވާބެއް ނުދިނެވެ. އޭނާ ހަދާނެގޮތެއް ނޭނގި އާމާޔާގެ ނަންބަރު ހޯދާލައިގެން ގުޅައިލިއެވެ. އަމާޔާވެސް ފޯނަށް ޖަވާބެއް ނުދިނެވެ. އޭނާ އަމާޔާގެ ކެބިންއަށް ދާން އުޅުނުވަގުތު މަޑުޖެހުނީ ދޮރު ހުޅުވާލާފައި ވަން އާމާޔާ ފެނިފައެވެ.

"މާޔާ ހޯދަން ދާން އުޅެނިކޮށް ތިއައީ" ހިތްއަވަސްވެފައިވާ މީހެއް ފަދައިން މާހިލް ބުނެލިއެވެ.

"ސަރ.. އަޅުގަނޑު މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" އަމާޔާ ބުނެލިއެވެ.

"އަހަރެންވެސް. ޝާނިމްގެ ދޯ. ކިހިނެއްތަވީ ޝާނިމްއަށް. ކީއްވެތަ އޮފީހުން ވަކިކޮށްދޭށޭ އެބުނީ. ފޯނެއްވެސް ނުނަގާ" މާހިލް ވާހަކަދެއްކިއެވެ.

"ޝާން އަޅުގަނޑު ކައިރީގައި ނުބުނާށޭ ބުނެފައި އޮތީ. އެކަމަކު އަޅުގަނޑަށް ނުހުރެވުނު. ބޭނުމެއްނޫން އަޅުގަނޑުމެންގެ ކައިވެންޏަށް މިހާ ދުވަސް ކައިރިވެފައި ވަނިކޮށް އޭނަ ރަށަށް ދާކަށް" އަމާޔާ ވާހަކަދެއްކިއެވެ.

"އަސްލު ކިހިނެއްތަވީ؟" މާހިލް އަހައިލިއެވެ.

"ޝާން ހުންނަ ގޭ ދައްތަމެންދާ ކޮންމެސް މައްސަލައެއްޖެހުނީ. އިތުރަށް ސަރ އޮޅުންފިލުވަން ބޭނުމިއްޔާ އަޅުގަނޑަށް ރަނގަޅީ ޝާނިމް ކައިރީގައި އެހިއްޔާ" އަމާޔާ ބުނެލިއެވެ.

"އަހަރެންގެ ފޯނަށް ޖަވާބެއްނުދޭ. މާޔާގެ ފޯނުން ގުޅާބަލަ. އޭނައަށް އިނގޭނެ އަހަރެން ގުޅާނެކަން. އަހަރެންނާ ފޭސްކުރަން ބޭނުންނުވާތީ ކަންނޭނގެ ފޯނު ނުނަގަނީ" މާހިލް ބުނެލިއެވެ.

އަމާޔާ ފޯނުން ގުޅައިލުމާއެކު ޝާނިމް ފޯނު ނަގައިފިއެވެ.

"މިއީ ލަވް އެއް ނޫން. މާހިލް" މާހިލް އެހެންބުނި އަޑު އިވުމުން އަމާޔާއަށް ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހައިލެވުނެވެ. ޝާނިމް 'ލަވް' ގެ ނަމުން މުހާތަބް އެކުރީ އަމާޔާކަމަށް ހީކޮށްފައެވެ.

"އަހަރެން މިހާރު މިވަގުތު ޝާނިމް އާ ބައްދަލުކުރަން ބޭނުން. ތިހުރި ތަނެއް ބުނޭ. އަހަރެން ހަމަ މިހާރު މިދަނީ ޝާނިމް ހުރި ތަނަކަށް" މާހިލް ވާހަކަދެއްކިއެވެ.

އަމާޔާ އަތަށް ފޯނު ދިނުމަށްފަހު ޝުކުރުއަދާކޮށްފައި މާހިލް ހިނގައިގަތީ މޭޒުމަތީގައި އޮތް އޭނާގެ އަވި އައިނު ހިފައިގެންނެވެ. ކާރަށް އަރައިގެން އޭނާ އެހެންޏާ ދުއްވާ ސްޕީޑަށް ވުރެ ބާރު ސްޕީޑުގައި ދުއްވަމުން ގޮސް ނިކުތީ ހުޅުމާލޭ ބަސް ޓާރމިނަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށެވެ. އޭނާ ހުރި ސީދަލަށް ދުއްވާފައި ގޮސް މަޑުޖެހުނީ ބުރިޖު ހުރަސްކޮށް އެއަރޕޯޓު ސަރަހައްދަށް ވަދެވުމުންނެވެ. ފޯނު ނަގާފައި ގުޅައިލުމާއެކު ޝާނިމް ފޯނު ނަގައިފިއެވެ. ދެފަރާތުން ވާހަކަތަކެއް ދައްކާފައި މާހިލް އިރުކޮޅަކު ކާރުގެ ހުންގާނުގައި ހިފަހައްޓަލައިގެން އިނީ ކުރިމައްޗަށް ނަޒަރު ސީދާކޮށްލައިގެންނެވެ.

ޝާނިމް އައިސް ދޮރު ހުޅުވާލާފައި ވަދެ ކުރީ ޝީޓުގައި އިށީނުމާއެކު މާހިލް ދުއްވައިލިއެވެ. މާހިލް ބަހެއް ނުކިޔާތީ ޝާނިމްވެސް އިނީ އެއްޗެއް ބުނަން ނުކެރިފައެވެ. އިރުކޮޅަކާ އޭނާ މާހިލްގެ މޫނަށް ބަލައިލައެވެ. މާހިލްގެ މޫނުމަތިން އެކައްޗެއްވެސް އޭނާއަށް ނޭނގުނެވެ.

ކާޑު ޖަހާލާފައި ގެއަށް ވަދެވުމާއެކު މާހިލް ޝާނިމްއަށް އިށިންނަން ސޯފާ ދެއްކިއެވެ. އޭނާ ބަދިގެއަށް ދިޔައީ ފެންފުޅިއެއް ބަލައެވެ. އެވަގުތުކޮޅު ޓޮމީ އަރާ ޝާނިމް ކައިރީގައި ސޯފާމަތީގައި ބަނޑުޖަހާލައިގެން އޮށޯވެލިއެވެ.

ފެންފުޅިން ބިއްލޫރި ތައްޓަކަށް ފެން އަޅާފައި ޝާނިމް އަތަށް ދިނުމަށްފަހު މާހިލް ޝާނިމް ކައިރީގައި އިށީނެވެ.

"ސަރ މިއީ ކޮންގެއެއް؟" ޝާނިމް އަހައިލިއެވެ.

"މިއީ އަހަރެންގެ ގެ. ޝާނިމްއަށް މީގެފަހުން މިގޭގައި ހުރެވޭނެ" މާހިލް ބުނެލިއެވެ. ޝާނިމްއަށް ކޮޅަށް ތެދުވެވުނެވެ.

"ނޫން... މިގޭ މީހުން ހިތްހަމަނުޖެހިދާނެ" ޝާނިމް ބުނެލިއެވެ.

"މިގޭގަ އުޅެނީ އަހަރެން އެކަނި" މާހިލް ބުނެލިއެވެ. ޝާނިމްއަށް ގަބޫލެއްނުކުރެވުނެވެ. އޭނާއަށް ތަނަވަސް ބޮޑު ގޭ ހުރިހާ ދިމާލަކަށް ބަލައިލެވުނެވެ. ގަބޫލުކުރަން ދަތި ގޮތަކަށް މާހިލްގެ މޫނަށް ބަލައިލިއެވެ.

"މިގޭ އުޅެނީ އަހަރެން އެކަނި. ޝާން މިގޭގައި ހުރޭ. ބޭނުން ކޮޓަރިއެއްގައި. މަތީގަ ވިއްޔަ މަތީ. ތިރީގައި ވިއްޔާ ތިރީ" މާހިލް ބުނެލިއެވެ. ޝާނިމް ބަހެއް ނުބުނެ އިނެވެ.

"އަހަރެންނަށް ވީކަމެއް ނޭނގޭ. އެކަމަކު ތިގޭ މީހުންނާ މައްސަލަ ޖެހިގެން ރަށަށް ބަދަލުވާން އުޅޭކަން މާޔާގެ ފަރާތުން އިނގިއްޖެ" މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"މާޔާވެސް ދޯ..." ޝާނިމް ބުނެލިއެވެ.

"އަހަރެންގެ އޮފީހަށް ޝާނިމް ބޭނުން. އަދި އަހަރެންގެ ހަމައެކަނި އެކުވެރިޔަކީ ޝާން. އަހަރެން މިއީ ޝާންގެ ބޮޑުމީހާގެ ގޮތުގައި ދެކުނަސް އަހަރެން ދެކެނީ ތިއީ އެކުވެރިއެއްގެ ގޮތުގަ. އެއްބަނޑުއެއްބަފާ ކޮއްކޮއެއްގެ ގޮތުގަ. އެހެންވެ އަހަރެން ޝާނިމް ހުއްޓުވީ" މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"ސޮރީ ސަރ..." އިސްޖަހައިލަމުން ޝާނިމް ބުނެލިއެވެ.

ދުވަހުގެ ބާކީ އޮތް ވަގުތުތަކުގައި މާހިލް ހޭދަކުރީ އޮފީހުގައެވެ. ޝާނިމް ގޭގައި އަރާމުކުރަން ބާއްވާފައި އޮފީހަށް އޭނާ އައީ އާވާގެ މޫނު ނުފެންނަތާ ގިނައިރުތަކެއްވެސް ވެފައި ވުމުންނެވެ. އަދި ޝާނިމް ކުރަން ހަމަޖެހިފައިވާ މަސައްކަތްތައްވެސް އޭނާ ކުރަން ބޭނުންވެގެންނެވެ.

ދޮރުގައި ބެލް އަޅައިލި އަޑު އިވުމާއެކު މާހިލް ވަންނާށޭ ބުނެލިއެވެ. ވަދެގެން އައި އާވާ ފެނުމުން މާހިލްއަށް ކޮޅަށް ތެދުވެވުނެވެ.

"ސަރ އަޅުގަނޑު މިއަދަށް ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައިފިން. ވަރަށް ބޮޑު ކަމެއް ޖެހިގެން ގެއަށް ދިޔުމުގެ ހުއްދައަކަށް އެދެން" އާވާ ވާހަކަދެއްކިއެވެ. އާވަ ނުބަލާ ހުންނަ ގަޑީގައި މާހިލް އާވާގެ މޫނަށް ބަލައިލައެވެ. ހަމަ އެގޮތަށް މާހިލް ނުބަލާ ހުންނަ ގަޑިތަކުގަ އާވާ މާހިލްގެ މޫނަށް ބަލައިލައެވެ.

"ވަރަށް ރަނގަޅު. އެކަމަކު އެހާ ބޮޑު ކޮންކަމެއް އަނެއްކާ ދިމާވީ" އާވާ އާ ސަމާސާ ކޮށްލާހިތްވީ ކީއްވެކަމެއް މާހިލްއަށް ނޭނގުނެވެ. ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނީ މާ ފަހުންނެވެ. އާވާއަށް ވެސް ގަބޫލުނުކުރެވި މާހިލްގެ މޫނަށް ބަލައިލެވިއްޖެއެވެ. މާހިލް ސަރއަށް ސަމާސާ ކުރަންވެސް އިނގޭބާއޭ އާވާގެ ހިތަށް އެރިއެވެ.

"މިބުނީ... އެހާ ބޮޑުކަމެއް ވިއްޔާ އޯކޭއޭ ދިޔަސް" މާހިލް އަވަސް އަވަހަށް ބުނެލިއެވެ. އާވާ އެއްޗެއް ހީކޮށްފާނެތީ އޭނާ ވާހަކަ އޮޅުވައިލިއެވެ.

"ތެންކިޔު ސަރ. އަސްލު މާދަން ހުކުރު ދުވަސް ވީމަ ފެމެލީ ޓްރިޕެއްގަ ކައިރި ރަށަކަށްދާން ބައްޕަމެން އެބަ ރާވާ. އެހެންވެ ތައްޔާރުވާންވެގެން. ކުޑަ ޝޮޕިންއެއްވެސް އެބައިން" އާވާ އޮޅުންފިލުވައިދިނެވެ.

"އެހެންތަ. ކިތަންމެ ބުރަކޮށް އުޅުނަސް އާއިލާ އާ އެކުގައި އަބަދުވެސް ވަގުތު ހޭދަކުރަން ވާނެ" މާހިލް ބުނެލިއެވެ. އާވާ ދެވަނަ ފަހަރަށް ޝުކުރުއަދާކޮށްފައި ނިކުންނަން އުޅުނު ވަގުތު ހުއްޓުނީ ހިތަށް ލިބިގެންދިޔަ އާދަޔާޚިލާފް ހިތްހަމަޖެހުމަކުންނެވެ. އޭނާ އެ އޮފީހުގައި މަސައްކަތްކުރަން ފެށިތާ މަހަކާ ގާތްވެފައި ވާއިރު މިފަހަރު ނޫނީ މާހިލް އޭނާއަށް 'އެވީ' ގެ ނަމުން ގޮވައިލާފައި ނުވެއެވެ. އޭނާ އެނބުރި މާހިލްއަށް ބަލައިލިއިރު އެދެލޮލުގައި އެހެންޏާ ނުހުންނަ ވިދުމެއް ވިއެވެ.

"ބަލައިގެން އުޅޭތި އިނގޭ. މޫސުން އެހާ ރަނގަޅު ދުވަސްކޮޅެއްނޫން" މާހިލް ބުނެލިއެވެ. އޭނާ ލައިގެން ހުރި ފަޓްލޫނުގެ ދެ ޖީބަށް އަތް ޖަހައިލަމުން ނަޒަރު ބަދަލުކޮށްލިއެވެ.

"ލައްބަ" އާވާ ހިނގައިގަތެވެ.

އާވާ އާ އެކުގައި އެހާ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލެވުމުން އޭނާގެ ހިތަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން ލިބިއްޖެއެވެ. ހިތްވަރުކޮށްފައި އެތައް ވާހަކައެއް ބުނެވިއްޖެއެވެ. ކުރިން ހުރި ހަމަހިމޭންކަން އާވާ އާ ބައްދަލުވިފަހުން ކެނޑެން ފަށައިފިއެވެ. އޭނާއަށްވެސް އަލުން މީހަކު ދެކެ ލޯބިވެވިދާނެކަން ހަނދާންވެއްޖެއެވެ. މާޒީގެ ތެރެއަށް ހިތް ދޫކޮށްލައިގެން އެހިތަށް އިތުރަށް އަނިޔާދޭކަށް އޭނާ ބޭނުމެއްނުވެއެވެ. މާޒީއަށް ބަލައިގެން އޭނާގެ މުސްތަގްބަލް ހަލާކުކުރުމުގެ ބޭނުމެއްނެތްކަން އިނގިއްޖެއެވެ.

މާހިލް ގެއަށް ވަންއިރު ހަވީރު ފަހެއްޖަހަން ގާތް ވެއްޖެއެވެ. އޭނާ އައީ ޕިއްޒާ ހެދުމަށް ބޭނުންވާ ސާމާނު ގަނެގެންނެވެ. ގޭތެރެއިން އޭނާއަށް މަރުހަބާ ކިޔާނެ އެއްވެސް މީހެއް ނެތެވެ. ޓޮމީވެސް އޮތީ ނިދާލާފައެވެ. ބަދިގޭ މޭޒުމަތީގައި ގަނެގެން އައި އެއްޗެހި ބަހައްޓާފައި މާހިލް ސިޑިން އަރައިގެން ގޮސް ޝާނިމްއަށް ދިން ކޮޓަރި ތަޅުގައި ހިފާ އަނބުރައިލިއެވެ. އޭނާ ހީކުރީ މާހިލް ނިކުމެގެން ދާނެ ކަމަށެވެ. އޭނާ އެނބުރި އޮފީހަށް ދިޔައީ ޝާނިމް ބޭނުންގޮތެއް ނިންމަން ބުނެފައެވެ. އޭނާ ހީކުރިގޮތާ ޚިލާފަށް ޝާނިމް ކިންގްސައިޒްގެ ބޮނޑު އެނދުގައި ހުރަހަށް ނިދާލާފައި އޮތްތަން ފެނުމުން ހިނިތުންވެވުނެވެ. އެނދުން ބޭރަށް ދެފައި އެލުވާލައިގެން އޮތްއިރު ބޫޓުވެސް ނުބާލައެވެ. ދަބަސްވެސް އެނދު ކައިރީގައި ބަހައްޓާފައި ހުއްޓެވެ. ޝާނިމްއަށް އުނދަގޫކުރަން މާހިލް ބޭނުމެއްނުވިއެވެ. އޭނާ މަޑުމަޑުން ދޮރު ލައްޕާލާފައި އަމިއްލަ ކޮޓަރިއަށް ވަދެއްޖެއެވެ.

ރޭގަނޑު ކައިގެން އެންމެން މޭޒު ކައިރިން ތެދުވި އިރުވެސް ތަށި ތެރެއަށް އަތް ލައިގެން އާވާ އިނެވެ. އޭނާގެ ހިތުން އެންމެހިނދު ކޮޅަކަށްވެސް މާހިލްގެ ތަސްވީރު ފިލައިގެން ނުދެއެވެ. ހުސްކޮށްފައިވާ ތަށީގެ ތެރޭގައިވެސް އޭނާއަށް މާހިލްގެ ނަން ފެށޭ އަކުރު އެޅެމުން ދިޔައެވެ. މީހަކުދެކެ ލޯބިވެވިއްޖެނަމަ ކުރެވޭ އިހުސާސަކީ މިއީ ހެއްޔެވެ؟

ޒިންކު ކައިރީގައި ތަށި ދޮންނަން ހުރެފައި އާވާގެ ހިލަމެއް ނުވުމުން ހާޖަރު ބަލައިލިއެވެ. އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ތަށީގެ ތެރޭގައި އިނގިލިން ހަރަކާތްކުރަމުން ދިޔަ އާވާގެ ތުންފަތް މައްޗަށް ވެރިވެފައިވި ހިނިތުންވުން ފެނިފައެވެ. އެއީ އާދައިގެ ކަމެއް ނޫންކަން ޙާޖަރަށް އިނގުނެވެ. އޭނާ މަޑުމަޑުން އައިސް އާވާ ކައިރީގައި އިށީނެވެ. އަދި އާވާގެ ކޮނޑުގައި އަތް ބާއްވައިލަމުން ގޮވައިލިއެވެ. އާވާ ދިޔައީ ސިހިގެންނެވެ.

"ކޯޗެއް ހަނދާންކޮށްފަ ތިހެނީ؟ ކިހިނެއްވެފަ ތީނީ؟" ޙާޖަރު އަހައިލިއެވެ.

"ކަމެއްނުވޭ. ހަނދާނެއް ނުކުރަން. އެއީ އަނޫ ކީ އެއްޗަކުން ހެވުނީ" އާވާ އޮޅުވައިލިއެވެ. ޙާޖަރު ބޯޖަހާލައިފައި ވެސް އާވާއަށް ބަލަހައްޓައިގެން އިނެވެ. އަންހެންދަރިއަކަށް އަންނަ ބަދަލު މަޔަކަށް ވުރެ ބޮޑަށް ފާހަގަވާނީ ވަކި ކާކަށް ހެއްޔެވެ؟ އެއީ ހިތާހިތުގެ ގުޅުމެކެވެ. އާވާ ހަގީގަތް ހާމަނުކުރި ކަމުގައި ވިޔަސް ޙާޖަރަށް އެއްޗެއް ވިސްނިއްޖެއެވެ. އެހެންނަމަވެސް އެވާހަކަ އޭނާ އިތުރަށް ނުދައްކައެވެ.

މުޅި ގޭތެރޭގައި ހިފާލައިފައިވަނީ ހިތްގައިމު މީރު ވަހެކެވެ. ޕިއްޒާ އަޅަން ތައްޔާރުކުރަމުން ދިޔަ މާހިލްއަށް ބަލަހައްޓައިގެން މޭޒު ކައިރީގައި ޝާނިމް އިނެވެ. އޮފީސް ތެރެއިން ފެންނަ މާހިލްއާއި މިހާރު އޭނާގެ ކުރިމަތީގައި އަތްކެނޑި ޓީޝާޓަކާއި ކަކުލަށް ވުރެ ތިރިއަށް ހުރި ސޯޓުގައި ހުރި މާހިލް ހާސްބައި ތަފާތެވެ.

"މީރުވާނެ އިނގޭ ވަރަށް. ކުޅުދިޔާވެއްޖެ ދޯ މިހާރު" މާހިލް ދުރުގައި އިން ޝާނިމްއަށް ނަޒަރެއްދެމުން ބުނެލިއެވެ.

"މާލް ސަރ އެކަނި ކީއްވެތަ މިގޭގަ ތިއުޅެނީ؟" ޝާނިމް އަހައިލިއެވެ.

"ސަރ ނުކިޔާނަމޭ ބުނޭ. އޭރުން ތި ސުވާލަށް ޖަވާބެއްދޭނަން" ހީލަމުން މާހިލް ބުނެލިއެވެ.

"ހެހެހެ... ސޮރީ ދެން ނުކިޔާނަން" ޝާނިމް ބުނެލިއެވެ.

"ތިކުރި ސުވާލުގެ ޖަވާބުގައި ބުނެވޭނީ އަހަރެންގެ އެއްވެސް މީހަކު މިދުނިޔޭގައި ނެތް. އެހެންވެ" މާހިލް ބުނެލިއެވެ. ޝާނިމްގެ މޫނުމަތީ ކުލަވަރު ބަދަލުވެ މާހިލްއަށްޓަކައި އެމޫނު މަތީގައި ހަމްދަރުދީ ވަށައިލިއެވެ.

"އެކަމަކު؟ މާހިލް ސަރ.. ސޮރީ މާލް އެކަނި މިއޮށްބޮޑު ގޭގަ... " ޝާނިމް ބުނެލިއެވެ.

"މިހާރު އާދަވެއްޖެ. އަހަރެން ދުވަހަކުވެސް މަންމައެއް ނުދެކެން. އިނގެނީ ދުނިޔޭގައި ނެތްކަން. ބައްޕަ ނިޔާވީ މީގެ ހަ އަހަރު ކުރިން. އޭގެފަހުން އެކަނިވީ" މާހިލް ވާހަކަދެއްކިއެވެ.

"ދެރަވެފަތަ ތީނީ ބަލަހައްޓައިގެން" ޝާނިމްއަށް ބަލައިލަމުން މާހިލް ބުނެލިއެވެ. އެހިސާބުން ތައްޔާރުކުރި ޕިއްޒާ އަވަނަށް ލާފައި މާހިލް އައިސް އިށީނީ ޝާނިމް ކައިރީގައެވެ.

"އާނ ދެރަވެއްޖެ. މާލް ސަރ މެރީއެއް ނުކުރަންތަ؟ ސޮރީ. މިހެން މިއެހީ ގަބޫލުނުކުރެވޭތީ. އަސްލު އަޅުގަނޑު ހީކުރިގޮތާ މުޅިން ޚިލާފު. ހީކުރީ ލޯބިލޯބި ފެމެލީއަކާ އެކު ކަމަށް އުޅެނީ" ޝާނިމް ވާހަކަދެއްކިއެވެ.

"ހެހެހެ... މާޒީގައި ކުރެވުނު ފަރުވާކުޑަ އަމަލުތަކެއްގެ ނަތީޖާ މިހާރު މިފެންނަނީ. އެހެންނޫނީ އަހަރެންގެ ދަރިފުޅުވެސް ކައިރީގައި ހުރިސް. ފަޒާވެސް ހުރިސް" މާހިލް އަޑާއި ރާގު ބަދަލުވިއެވެ. އޭނާއަށް ނުފެނި މިދުނިޔެއިން ވަކިވެގެން ދިޔަ ދަރިފުޅު މަތިން ހިތަށް އެރުމާއެކު އޭނާއަށް ފާޑަކަށް ރޮވިއްޖެއެވެ.

"ސޮރީ" ޝާނިމް ހަގީގަތުގައިވެސް ދެރަވެއްޖެއެވެ. މާހިލް އަކީ އޭނާ ހީކުރި ވަރަށް ވުރެވެސް އެކަނިވެރިއެކެވެ. އޭނާގެ މާޒީގައި ވަނީ އެތައް ހިތްދަތި ހާދިސާތަކެއް ހިނގާފައެވެ. އެހުރިހާކަމެއް އިނގެން ޝާނިމް ޝައުޤުވެރިވިއެވެ. އެހެންނަމަވެސް އިތުރަށް ސުވާލުކުރަން ޝާނިމްއަށް ނުކެރުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟