އޮކްޓޫބަރު މަހަށް ވުރެ ނޮވެމްބަރު މަހު އިންފްލުއެންޒާ ޖެހުނު މީހުން ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު އާންމު ކުރުމަށް އެޗްޕީއޭ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮކްޓޫބަރު މަހު 38 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައި ވެއެވެ. މިދިޔަ ނޮވެމްބަރު މަހު މި އަދަދު 216 އަށް އިތުރު ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަހަރުގެ މިހާތަނަށް އެޗްޕީއޭއިން 1550 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 553 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިންފްލުއެންޒާގެ އިތުރުން އަރިދަފުސް ރޯގާ، ޑެންގީ ހުން އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި ޖެހިފައިވާ މީހުންނާއި ގުޅޭ ގޮތުންވެސް އެޗްޕީއޭ އިން ވަނީ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހަށް ވުރެ ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މިންވަރު އިތުރު ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޫބަރު މަހު 19،910 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާއިރު، 25،701 މީހުން ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ޖުމުލަ 229،302 މީހަކު މިއަހަރު ތެރޭ އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އޮކްޓޫބަރު މަހު ތެރޭ ބޭރަށް ހިންގުމާއި ހޮޑު ލުމުގެ 2963 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، ނޮވެމްބަރު މަހު ތެރޭ އެ އަދަދު 3468 އަށް އިތުރު ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ބޭރަށް ހިންގުމާއި ހޮޑު ލުމުގެ 43،570 ކޭސްއެއް މިއަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މި އަހަރުތެރޭ ޖުމުލަ 4141 މީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރެއިން 369 ކޭސް އަކީ އޮކްޓޯބަރު މަހުގެ ކޭސްތައް ކަމަށާއި، 366 ކޭސް އަކީ ނޮވެމްބަރު މަހު ތެރޭ ރިޕޯޓު ކޮށްފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ އެކިކަހަލަ ރޯގާތައް މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ އިރު އެބަލިތަކުން ރައްކާތެރި ވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.