"އެވީ..." އޭނާ ހިތާހިތުން ކިޔައިލިއެވެ. އެހާ އަވަހަށް ތުންފަތަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ.
ގެއަށް ދިޔަ މަގުމަތީގައި އާވާ ސިހުނީ ފަހަތުން މީހަކު ގޮވާލުމުންނެވެ. އޭނާ ބަލައިލިއިރު ފަހަތުގައި ހުރީ ޒަމީލްއެވެ. އެއީ އޭނާ އާ އެކު ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ޒަމީލް އަކީ އޭނާގެ އިތުރުން އަނުމްގެވެސް އެކުވެރިއެކެވެ.
"ޒަމީލް! ކިހިނެއްތަ ހާލު؟ އާވާ އަހައިލިއެވެ.
"ވަރަށް ރަނގަޅު. އަލްހަމްދުލިﷲ. ކޮބާތަ އަނޫ މިއަދު. އެވީ އެކަނި ފެނުނީ ވަރަށް އަންތަރީސް" ޒަމީލް ބުނެލިއެވެ.
"އަނޫ ވާނީ ގޭގައެއްނު" ހީލަމުން އާވާ ބުނެލިއެވެ.
"އަދިވެސް އަނޫ އަހަރެންނަށް ޖަވާބެއްނުދޭ. ޕްލީޒް އެވީ ބުނެބަލަ އަނޫ ކައިރީގައި. އަހަރެން ވަރަށް ލޯބިވެޔޭ" ޒަމީލް ވާހަކަދެއްކިއެވެ. ދެކުދިން އައީ އެއްވަރަށް ހިގަމުންނެވެ.
"އަހަރެން ޒަމީލް ކައިރީގައި ތިއީ ލޯތްބެއްނޫނޭ ބުނެފިއްޔާ" އާވާ ބުނެލިއެވެ.
"އޯކޭ..އޯކޭ... އިނގޭ އެވީ ބުނަން ތިއުޅެނީ ކީކޭކަން. އެކަމަކު ކައިވެންޏަކާ ހަމައަށްވެސް ދެވޭނީ ވާހަކަދައްކައިގެންނު" ޒަމީލް ބުނެލިއެވެ.
"އަހަރެން ދީފާނަން ޚިޔާލެއް. ސީރިޔަސްކޮށްވެސް ޒަމީލް އަނޫ ބޭނުންވިއްޔާ އެގެއަށްދޭ. ގޮސް އަނޫގެ ބައްޕަގެ ކިބައިން އަނޫގެ ކައިވެންޏަށް އެދޭ" އާވާ ވާހަކަދެއްކިއެވެ.
"ލާއީ..... މަށަކަށް ވާ ލާހިކެއްނޫން. އަހަރެން އެއްދުވަހު އަނޫ އެވީ ކައިރީގައި ބުނި އަޑު އެހިން އެގޭގައި އުޅެނީ ސަންތި މަރިޔަނބޭ" ޒަމީލް ވާހަކަދެއްކިއެވެ.
"އެއީ އަނޫ އާ އޭނާގެ ދޮންމަންމަ ގެ ގުޅުން އެހާ ރަނގަޅެއްނޫން. އެކަމަކު އެއީ އޮތް ގޮތަކީ... ދެން ކަންތައްކުރާނެ ގޮތެއް އިނގޭނީ ޒަމީލްއަށް" އާވާ ހުއްޓެމުން ބުނެލިއެވެ.
"ދެން ކޮންމެސްގޮތެއް ހަދާނީ ދޯ" ޒަމީލް ވާހަކަދެއްކިއެވެ.
އާދުވަހެކެވެ. ހުކުރު ދުވަހަށް ވިޔަސް ހަތަރުގަޑި ފަނަރައިގައި މާހިލް ހޭލައިފިއެވެ. ފެންވަރައިގެން ނިކުމެ އަލަމާރިން ނެގި ޖުއްބާއެއް ކަހަލަ ކަށި މައްޗަށް އަރާ ކުރުތާއެއް ލިއެވެ. ހަށިގަނޑަށް ދޫކޮށް ހުރި އެ ޖުއްބާގައި މާހިލް ވަރަށް ތަފާތެވެ. ބޮލުގައި ހުދުކުލައިގެ ތާކިހަލެއް އެޅުމަށްފަހު އޭނާ ސިޑިން ފައިބައިގެން އައިސް ވަނީ ބަދިގެއަށެވެ. ހޫނު ފެންތައްޓެއް ބޯލީ ބަންގީގެ ކަލިމަތައް އެންމެ ފުރިހަމައަށް ކިޔުމަށްޓަކައި ކަރުތެރެ ހަމައަކަށް އަޅުވާލުމަށެވެ. ފައިވާން ރެކް ތެރެއިން ނެގި ކެޝުއަލް ބޫޓަކަށް އަރާފައި ނިކުމެ ގެ ތަޅުލިއެވެ. އޭނާ ސައިކަލް ނެރެގެން ދުއްވާލިއިރު އަނދިރިކަން ވަށާލާފައިވާ މަގުމަތިން ދިރޭ ފުރާނައެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަމޭ މިކިޔާ ޒާތުގެ އެއްވެސް އިހުސާސެއް ނުވެއެވެ. އޭނާގެ މޫނުމަތިން ފާޅުވާން ހުރީ އުޖާލާކަމެވެ. އޭނާގެ ހިތަށް ލިބިފައިވި އުފާވެރިކަން އިންތިހާއެވެ.
ވާނީވެސް އެހެންތާއެވެ. މިއަދަކީ އޭނާ އިމާމުވެ ނަމާދުކުރާ ފުރަތަމަ ފަހަރެވެ. އެކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން އޭނާއަށް ލިބުނު ދުވަސް އެއީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. ފަހުނޭވާ އާ ހަމައަށް ވެސް އެގޮތުގައި ދެމިހުރުން އެއީ އޭނާގެ އަޒުމެވެ.
އެހެން ދުވަސްތަކާ ޚިލާފަށް އާވާ ހެނދުނާ ހޭލައިފިއެވެ. ވަޒީފާއަދާކުރަން ފެށުމާއެކު އޭނާ ހަރުދަނާ ވެއްޖެއެވެ. ކަންނެތްކަމާއި ވަރުބަލިކަން ފިލުވާލައިފިއެވެ. އޭނާ ހީވާގި އަންހެނަކަށްވާން އަތުކުރި އޮޅާލައިފިއެވެ. ހާޖަރު ކޮޓަރިން ނިކުތީ އިސްރާޤު ނަމާދުކޮށްގެންނެވެ. އޭރު ގަޑިން ހައެއް ޖަހާ ބޮޑުވެއްޖެއެވެ. އޭނާ ސިޓިންގރޫމަށް ނިކުތްއިރު ބަދިގެއިން އަލިކަމެއް ފެންނަން ހުއްޓެވެ. އެދިމާލަށް ދާން އުޅެފައިވެސް އެހެން ދިމާލަކަށް ބަލައިލެވުނީ ދޮރުން ވަދެގެން އައި ރިޒާ ފެނިފައެވެ. ސޯފާ ކައިރީގައި ހުރި ހާޖަރު ފެނުމުން ރިޒާ ހީލުމަށްފަހު އައިސް އިށީނީ ސޯފާގައެވެ.
"ދާރިމް އާ އީޝަމް މިސްކިތަށް ދިޔަތަ؟" ރިޒާ އަހައިލިއެވެ.
"އާނ. މިހާރު އެބައުޅޭ މޫދަށް އެރިލަންދާށޭ ކިޔާފަ" ހާޖަރު ވާހަކަދެއްކިއެވެ.
"އެވީ ހޭލިތަ ނަމާދުކުރަން" ރިޒާ އަހައިލިއެވެ.
"އަހަރެން ގޮވަން ދިޔައިރުވެސް ހޭލާ އުޅުނީ. އެކަމަކު މިހާރު ނޭނގެ ނިދީ ނޫންކަމެއް" ހާޖަރު ބުނެލިއެވެ.
"މި އަންނަނީ ކޮފީ ހިފައިގެން" ހާޖަރު ހިނގައިގަންނަމުން ބުނެލިއެވެ.
"އަހަރެން ޙައްޖައަށް އެހީވާނަން" ރިޒާ ޙާޖަރު ފަހަތުން ހިނގައިގަތެވެ.
ބަދިގޭ ދޮރަށް އެރުމާއެކު ދެމަފިރިންނަށް ލިބުނީ ކުއްލި ޚައިރާންކަމެކެވެ. އުނދުން ކައިރީގައި ހުރެ ރޮށި ފިހެމުން ދިޔަ އާވާއަށް ބަޔަކު ދޮރުމަތީގައި ތިބި ކަމެއް ނޭނގެއެވެ.
"އާވާ..." ޙާޖަރު ގޮވައިލިއެވެ. ނަމަވެސް އާވާއަށް އަޑެއް ނީވުނެވެ. އޭނާ ދެކަންފަތަށް ހެޑްސެޓް ޖަހާލާފައިވާއިރު އަޑުއަހަމުން ދިޔައީ އިނގިރޭސި ބަހުން ގެނެސްދެމުން ދިޔަ ދަރުހެކެވެ. ހާޖަރު ކުރިއަށް ޖެހިލާފައި ބަދިގޭ ހުރިހާ ދިމާ ބަލައިލިއެވެ. މުޅި ބަދިގެ ވަނީ މޮޕް އަޅާ އޮފްކޮށްލާފައެވެ. މޭޒުމަތީގައި ފަތް މަސްހުނި މޮޑެން ތައްޔާރުކޮށްފައި ހުއްޓެވެ. ކޮޕީފަތް ކޮށާފައި ތައްޓަކަށް އަޅާފައި ހުއްޓެވެ. ހުނިގާނާފައި ހުރުމުން ހާޖަރު ކައިރިއަށް ހިނިއައެވެ. އެއީ އަބަދުވެސް އާވާ ކުރަން އެންމެ ފޫހިވާ މަސައްކަތެވެ. ފަރުބަދައެއް ކަނޑަން ޖެއްސިޔަސް ހުނިގާނަން ނުޖައްސާށޭ އަބަދުވެސް ބުނާނެއެވެ.
އާވާ ސިއްސައިގެން ދިޔައީ ހާޖަރު އައިސް ކައިރީގައި ހުއްޓި އަތުގައި ހިފައިލުމުންނެވެ.
"މަންމާ...! ސިއްސައިގެންނޭ އެދިޔައީ..." ދެ ކަންފަތުން ހެޑްސެޓް ނައިޓުވާލަމުން އާވާ ބުނެލިއެވެ.
"ބައްޕަ ފަޚުރުވެރިވަން އެވީ. ތިއީ މަޔަކާ ބަފަޔަކު އެންމެ ބޭނުންވާ ކަހަލަ ދަރިއެއް" މޭޒު ކައިރީގައި އިށިން ރިޒާ ބުނެލިއެވެ.
"އަންހެންކުއްޖަކަށް ވީމަ އަބަދު މަންމަ ކައްކައިގެން ކާންވީމަ ހަޑިއެއްނު. އަންހެންކަމަކީ އަބަދު މޭކަޕްކޮށްގެން މަންމަ ބަދިގޭ ކައްކަން ބާއްވާފަ ބޭރަށް ގޮސް ވަޒީފާ އަދާކުރުމެއް ނޫނެއްނު. އަޅުގަނޑަށް މިހާރު ވިސްނެޔޭ" ރޮށި ފިހެ ނިންމާލަމުން އާވާ ބުނެލިއެވެ.
"އަލަށް ލިބުނު ވަޒީފާއާއެކު މަންމަގެ އެވީއަށް ވެސް ބަދަލުތަކެއް އަތުވެއްޖެ" ހާޖަރު ބުނެލިއެވެ.
"މަސައްކަތްކުރީމަ ދޯ ދަސްވާނީވެސް" އާވާ ބުނެލިއެވެ.
"މަންމަ ނުކުރާތި އިނގޭ މިގަޑީގަ ކަމެއް. މިއަންނަނީ ފާހާނާއަށް ވަދެލާފައި" އާވާ ބަދިގެއިން ނިކުމެ ހިނގައިގަތެވެ.
ގޮނޑީގައި އިން ރިޒާއަށް ބަލައިލާފައި ހާޖަރު ހީލިއެވެ. އެއަށްފަހު ރިޒާއަށް ކޮފީ ތައްޔާރުކުރަން އަވަސްވިއެވެ.
"ޙައްޖައަށް އިނގޭތަ މިއަދު އިސްލާމީ މަރުކަޒުގަ ފަތިސް ނަމާދު ކުރި ވަރަށް ޒުވާން ކުއްޖެއް. މާޝާﷲ. ހާދަ ރީއްޗޭ ޤުރުޢާން ކިޔަވާލިލެއް. އަހަރެން ހުރެދާނަން އިރުއަރައިގެން އިރުއޮށްސެންދެންވެސް އެކުއްޖާ ޤުރުޢާން ކިޔަވާ އަޑު އަހަން" ފޯނަށް ބަލަހައްޓައިގެން އިން ރިޒާ ވާހަކަދެއްކިއެވެ.
"އާ ކުއްޖެއް ކަންނޭނގެ ދޯ" ޙާޖަރު ވާހަކަދެއްކިއެވެ.
"ކަންނޭނގެއެއް ނޫން. ޔަގީން" ރިޒާ ވާހަކަދެއްކިއެވެ.
"އަހަރެން އުޅުނިން އެއީ ކޮންކުއްޖެއްތޯ ބަލަން. އެކަމަކު ފަހުން ނޫޅެވުނު އެކަމާ" ރިޒާ ބުނެލިއެވެ.
ކޮޓަރިތެރެ ފޮޅާ ސާފު ކުރުމަށް މާހިލް ތައްޔާރުވަމުން ދިޔައެވެ. ހުކުރު ދުވަހަކީ އަބަދުވެސް އޭނާ ގޭތެރެ މަސައްކަތަށް ހުސްކޮށްލާ ދުވަހެކެވެ. އޭނާ ކޮޓަރި ތެރެއިން މަގުމައްޗަށް ހުޅުވޭ ކުޑޮދޮރުގެ ކާރޓެއިން ކަހައިލިއެވެ. އެވަގުތު އޭނާ ދެލޯ އަމާޒުވީ ތިރީ ފިހާރައެއްގެ ދޮރުމަތީގައި ހުރި މީހަކަށެވެ. އޭނާ އިތުރަށް ޔަގީން ކޮށްލުމަށް ކުޑަދޮރު ހުޅުވައިލިއެވެ.
"ނައިޝީ" މާހިލްއަށް ކިޔައިލެވުނެވެ.
އާއެނކެވެ. އޭނާއަށް ނައިޝީ އޮޅިދާނެ ހެއްޔެވެ؟ އޭނާ ބޭނުންނުވިޔަސް އެ ސޫރަ އަދިވެސް އޭނާއަށް ހޭލާ ހުންނައިރު ގައްޔާއި ހުވަފެނުގައިވެސް ދަނީ އުނދަގު ކުރަމުންނެވެ. އޭނާއަށް ނައިޝީ ފެންނަން ހުރީ މާ ދުރަކުންނެއްވެސް ނޫނެވެ. މީގެ ހަ އަހަރު ކުރިން އޭނާ ލޯބިވި ނައިޝީ އާ މިހާރު ކުރިމަތިން ފެންނަން ހުރި ނައިޝީ އެތައް ތަނެއް ތަފާތެވެ. އަތްކެނޑި ކުރު ޓޮޕެއް ލާފައި ހުރިއިރު އިސްތަށިގަނޑު އޮތީ މެރޫން ކުލައިގައެވެ. އަތް ނުހިއްލާ ހުރިއުރުވެސް ދޮން ބަނޑުން ތަންކޮޅެއް ފެންނަން އެބަހުއްޓެވެ. މާހިލްއަށް އިރުކޮޅަކު ނައިޝީއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާއަށް ކޯތާފަތްމަތިން ހިންޏެއް އުޅޭ ކަހަލަ އިހުސާސެއް ވުމާއެކު އަތް ހާކާލެވުނެވެ. ނަމަވެސް އަތް ޖެހުނީ ހިނީގައެއް ނޫނެވެ. އޭނާގެ އަތްތިލައިން ތެތްފިނި ކަމެއް އިހުސާސްވީއެވެ. އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ނޭނގި ލޮލުން ވެއްޓުނީ ކަރު ތިއްކެކެވެ. ކީއްވެގެން ހެއްޔެވެ؟
އަވަސް އަވަހަށް މާހިލް ފުރަގަސް ދިނެވެ. ކުޑަދޮރު ލައްޕާނުލާ ކާރޓެއިން ދަމައިލިއެވެ. އައުރަ ނިވާނުކޮށް ހުރި އަންހެނަކަށް އޭނާއަށް ބެލުނީތީ އަމިއްލަ ނަފްސުދެކެ ރުޅި އައެވެ. އެއަށްވުރެ ބޮޑަށް އޭނާ ދެރަވީ ﷲ ހަރާމްކުރައްވާފައިވާ ކަމެއް ކުރެވުނީތީއެވެ. އޭނާ އަވަސް އަވަހަށް ފާހާނާއަށް ވަދެ ވުޟޫކޮށްލިއެވެ. ކޮޓަރި ތެރޭގައި ތައުބާގެ ދެ ރަކްޢަތް ނަމާދެއްކޮށް ﷲ ގެ ހަޟްރަތުގައި ތަޢުބާވިއެވެ. ނަމާދުކޮށް ނިމުނުއިރު އޭނާ ހިތުގައިވި ނުތަނަވަސްކަން ފިލައިފިއެވެ. އަލުން ކުޑަދޮރު ލައްޕާލިއިރު އެތަނުގައި ނައިޝީ ހުރިތޯ ނެތްތޯ އޭނާ ނުބެލިއެވެ. ބަލަން ބޭނުންވެސް ނުވީއެވެ. ތަނެއްގައި އައުރަ ނިވާނުކޮށް އަންހެނަކު ހުއްޓަސް އޭނާ އަގީދާ ބަލިކަށި ވިޔަކަ ނުދޭނެއެވެ. އެއަށްވުރެ އޭނާގެ އީމާންތެރިކަން ވަރުގަދައެވެ.
އޮފީހަށް ވަދެގެން ދިޔަ މާހިލްއަށް ޝާނިމްގެ ކެބިންއަށް ބަލައިލިއެވެ. ފަސްދުވަހު ބަލިކޮށް އުޅެފައި ޝާނިމް އޮފީހަށް ނިކުތް މީ ފުރަތަމަ ފަހަރެވެ. އޭނާ ޓަކި ޖަހައިލަން އުޅެފައި މަޑުކޮށްލިއެވެ. އެއަށްފަހު ބޯ އަރިކޮށްލާ އަމާޔާ ވޯކް ސްޓޭޝަނުގައި އިންތޯ ޔަގީން ކޮށްލިއެވެ. ކެބިންގައި ޝާނިމް ލޯބިވެރިޔާއާ އެކުގައި އިންނައިރު ވަދެވިދާނެތީ އަބަދުވެސް އޭނާ ވިސްނައެވެ. އަމާޔާ ނެތްކަން ޔަގީންވުމުން އޭނާ ޓަކި ޖަހައިލިއެވެ. ޝާނިމްގެ ހަބަރެއް ނުވުމުން އޭނާ ކުޑަކޮށް ހުޅުވިފައި ހުރި ކެބިންގެ ދޮރު ބޮޑަށް ފޭކޮށްލިއެވެ. އޭނާ އެތެރެއަށް ވަދެ ބަލައިލިރު ޝާނިމް އިނީ މޭޒުގައި ބޯ އަޅަލައިގެންނެވެ. މާހިލްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
"ޝާން" މާހިލް ގޮވައިލިއެވެ.
ޝާނިމް ބޯހިއްލައިލިއެވެ. ދެލޮލުގައި ވަނީ ވަރުބަލިކަމެވެ.
"އަދިވެސް އޯކޭ ނުވޭދޯ. ދޭ ގެއަށް. ބުނީމެއްނު ރަނގަޅުވީމަ ނިކުންނާށޭ" މާހިލް ބުނެލިއެވެ.
"ސަރ.. ނޫން... އަޅުގަނޑަށް ގުޅާލެއްވިނަމަ. ކީއްކުރަން ސަރ ތިދުރުވީ" ޝާނިމް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ބުނެލިއެވެ.
"ޝާން ޕްލީޒް. ތިމޭރުމުން އަހަރެންނާ ވާހަކަނުދައްކަފާނަންތަ. ޝާނިމްއަކީ އަހަރެންގެ މުވައްޒިފެއް ގޮތުގައި ނުދެކެން. އެއަށްވުރެ މާ ގާތް" މާހިލް ވާހަކަދެއްކިއެވެ.
"މަސައްކަތްކުރާނަން" ޝާނިމް ހީލާފައި ބުނެލިއެވެ.
"އެހެންވީމަ ހިނގާ ބްރެކްފާސްޓަށް ދާން. ޝާން އޯކޭވިއްޔާ ބޭރަށް ވެސް ދެވިދާނެ" މާހިލް ބުނެލިއެވެ.
"ހިނގާ. ބޭނުމީ ބޭރުން ސައި ނަގަން" ޝާނިމް ބުނެލިއެވެ.
ދޮވެފައި ހުރި އެއްޗެހިތައް ހިފައިގެން އަނުމް ބޭރު ރޯނު ކައިރިއަށް ނިކުތްއިރު ޖޯލީގައި އާރިޔަން އޮތެވެ. އަނުމް ނިކުތުމާއެކު އާރިޔަން ފޯނު ޖީބަށް ކޮށްޕާލާފައި އަނުމްއަށް ބަލަން އިނެވެ.
"މިއަދު އަނުމް ހޯދަން ބޭރު ދޮރު ކައިރިއަށް އައީކޮން ފިރިހެނެއް" އާރިޔަން އަހައިލިއެވެ.
"ބަލަންޖެހޭތަ؟" އަނުމް ބުނެލިއެވެ.
"ނުބުނާނަންތަ؟" އަނުމްގެ ފަރާތުން އަންނާނީ އެކަހަލަ ޖަބާނެއްކަން އިނގޭއިރުވެސް އާރިޔަން ދެވަނަ ފަހަރަށް ސުވާލުކުރިއެވެ.
"ކިހާ ދެރަކަމެއް؟ އަހަރެން ބަލަންތަ މިގެއަށް ފުރޭތަ ކައިރިއަށް އަންނަނީ ކޮންބައެއްތޯ. އަހަރެން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަން ފުރޭތައަކާ ނުޖެހޭނެ" ރޯނުގައި އެއްޗެހި ހިއްކަން އަޅަމުންދިޔަ އަނުމް ވާހަކަދެއްކިއެވެ.
ކުއްލިއަކަށް އަނުމް ސިހުނީ ދާދި ކައިރީގައި އައިސް ހުއްޓުނު އާރިޔަން ފެނުމުންނެވެ.
"ކީއްވީ...؟ ދުރަށްދޭ" އަނުމް ބުނެލިއެވެ. އާރިޔަން ދުރަށް ނުދާނޭކަން އިނގުމުން އަނުމް ދުރަށް ޖެހިލިއެވެ.
"އަހަރެން މިއަހަނީ ކާކުހޭ އަނުމް ހޯދަން މިގޭ ކައިިރިއަށް އައީ؟" އަނެއްކާވެސް އެސުވާލު އާރިޔަން ތަކުރާރު ކޮށްލިއެވެ.
"ކިހާދެރަކަމެއްމީ. ނުޖެހޭނެ ފުރޭތަ ބަލާކަށް. އަހަރެންނާ ބައްދަލުކުރަން ކިތަންމެ ފިރިހެނަކު އަޔަސް އެއީކީ ފުރޭތަ އާ ފުރޭތައިގެ އަމާ ބަލަންޖެހޭ ކަމެއް ނޫން" އަނުމްގެ އަޑު ބާރެވެ. އޭނާ ހެދުންތައް ހުސްކުރި ބާލިދީ ހިފައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. އާރިޔަންއަށް އެގޮތް ކަމަކު ނުދިޔައެވެ. އަނުމް ކައިރިއަށް އެ އައީ ކާކުތޯ ބަލާނެއެވެ. ހިތުގައި އުފެދިގަތް ރުޅިވެރިކަމެއްގެ ސަބަބުން ޖޯލި ކައިރީގައި ހުރި ގޮނޑީގައި ފައިންޖަހާ ދުރަށް ހޫރައިލިއެވެ.
މައިންބަފައިންގެ ނަޞޭހަތުގެ ބަސްތައް އާވާގެ ސިކުނޑީގައި އަދިވެސް ހަރުލާފައިވެއެވެ. އެގޮތުން ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތުމާއި، ގަޑިއަށް ސަމާލުކަން ދިނުމަށް އަބަދުވެސް އޭނާ އިސްކަންދެއެވެ. ވަޒީފާ އަދާކުރަން ފެށިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އޭނާއަށް ވުރެ ކުރިން އެ އޮފީހުގެ ވެރިޔާއަށް ވެސް އޮފީހަށް ދެވިފައެއް ނެތެވެ.
ވިއްސާރަ ދުވަހެކެވެ. މަގުތަކުގައި ފެންބޮޑުވެ ދުއްވާ އެއްޗިއްސަށް މަގުތަކުގައި ނުދުއްވޭވަރު ވިއެވެ. ސައިކަލުގައި ރިޒާ އާވާ ގޮވައިގެން ދާން އުޅުމުން އެކަމަށް އިންކާރުކުރީ އާވާއެވެ. އޭނާ ލަސްވާނެކަމަށް އަންގަން ގުޅަންވީ ނަންބަރއެއް ނޭނގުނެވެ. އެހާ ދުވަހު އޮފީހުގައި އުޅެވުނުއިރު އެމެޖެންސީ ހާލަތެއް ދިމާވެގެން ގުޅާނެ ނަންބަރެއް އޭނާއަށް ނޭނގުނެވެ. އޭނާ ކޮޓަރިއަށް ގޮސް ވަޒީފާ ދާއިމީ ވީ ކަމަށް ބުނެ ހަވާލުކޮށްފައިވާ ލިޔުން ބަލައިލިއެވެ. އެ ގަނޑުގެ ތިރީގައި ލައިން ނަންބަރެއް އިނެވެ. އޭނާ އެތައް ފަހަރަކު ގުޅުމުންވެސް ފޯނު ނުނެގިއެވެ.
"އެވީ މާބޮޑަށޭ ތި ހާސްވަނީ" އާވާ ގޭތެރޭގައި އުޅުނު ގޮތުން ހާޖަރު ބުނެލިއެވެ.
"ގަޑިވެސް ޖެހިއްޖެ މަންމާ" އާވާ ބުނެލިއެވެ.
ޙާޖަރު ބެލްކަނީ ދޮރު ހުޅުވާލާފައި އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ.
"މަންމައަށް ހިއެއްނުވޭ އަވަހަކަށް ހުއްޓާނެހެނެއް. އެ އޮތީ އެލަރޓްތައް ވެސް ނެރެފަ. ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރުކަމަށް ވަނީ" ހަޖާރު ބުނެލިއެވެ.
އެދުވަހު އާވާއަށް އޮފީހަށް ދެވުނީ ވަރަށް ލަހުންނެވެ. ފެންގަނޑުގައި ޖެހި އޭނާގެ ހެދުމުން ބައެއް ހަޑިވެސް ވިއެވެ. އޮފީހަށް ވަންއިރު މީހާ ހުރީ އަލުން ތައްޔާރުވާން ޖެހިފައެވެ. ކޮންމެގޮތެއް ވިޔަސް އޭނާ ބޭނުންވީ އޮފީހަށް ދާށެވެ.
"ސަރ ލަސްވީ ވާރޭގެ ސަބަބުން" ކެބިންއަށް ވަދެ މާހިލްގެ ނަންބަރަށް ގުޅާލާފައި އާވާ ބުނެލިއެވެ. އޭނާގެ އަޑުންވެސް ހަމައެކަނި އޭނާ ކަންބޮޑުވެފައި ހުރިވަރު މާހިލްއަށް އިނގުނެވެ.
"ވިއްސާރަ ދުވަސްތަކުގައި ގަޑިއެއް ނުޖެހޭނެ. މިއަދު އެންމެންވެސް އައީ ލަހުން" މާހިލް ބުނެލިއެވެ.
އާވާ ހިތްހަމަޖެހުނީ އެހިސާބުންނެވެ.
"އެކަމަކު ސޮއިކޮށްލާތި އިނގޭ ގެއަށް ދިޔުމުގެ ކުރިން" ފޯނު ކަނޑާލުމުގެ ކުރިން މާހިލް ބުނެލިއެވެ.
އާވާ މަސައްކަތުގައި އިންދާ ކެބިންގެ ބެލް އަޅާލި އަޑު އިވުނެވެ. އޭނާ ގޮސް ހުޅުވާލިއިރު ކުރިމަތީގައި ޝާނިމް އާ އާމާޔާ ހުއްޓެވެ. އާމާޔާ ހިނިތުންވުމެއް ދިނެވެ. އާމާޔާ ވެސް ލައިގެން ހުރީ ކަށި މައްޗާއި ހަމައަށް އަރާވަރުގެ ދިގު ހެދުމެކެވެ.
"އާވާ ބިޒީތަ މިގަޑީގަ" އެތެރެއަށް ވަން ޝާނިމް އަހައިލިއެވެ.
"ނޫން. އަނެއްހެން ބިޒީއެއް ނޫން. މިއަދު ލިބިފައި ހުރި މެއިލްތަކެއް ޗެކް ކުރަނީ" އާވާ ބުނެލިއެވެ.
"އާވާ ލިޔަން އެއްވެސް ޝައުޤުވެރިކަމެއް ހުރޭތަ؟" ޝާނިމް އަހައިލިއެވެ.
"އިހަށް އިށީންނަންވީނުން" ޝާނިމް ކޮޅަށް ބަހައްޓައިގެން ވާހަކަދައްކަން އާވާ ބޭނުމެއްނުވިއެވެ.
"ޝާނިމް ސަރ ތިބުނުއްވީ ކޮންކަހަލަ ލިޔުމެއްގެ ވާހަކަތަ؟" އާވާ އަހައިލިއެވެ.
"މިބުނީ ރިޕޯޓްތައް. ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާ ވާ ކަހަލަ ލިޔުންތައް. ދީނީ ލިޔުންތައް" ޝާނިމް ވާހަކަދެއްކިއެވެ.
"ވަރަށް ލިޔާހިތްވޭ. އެކަމަކު އަދި އެހާ ފަރިތައެއްނުވާނެ" އާވާ ބުނެލިއެވެ.
"އެކަމާ އަޅާނުލާ. މާޔާ ކިޔައިދޭނެ. މާޔާއަކީ ކުރިން ވަރަށް ގިނައިން ލިޔުނު ކުއްޖެއް. މިހާރު އުޅެނީ އެހެން ސެކްޝަނެއްގަ" ޝާނިމް ވާހަކަދެއްކިއެވެ.
"މަދަމާ ދޯ ފަށާނީ" ޝާނިމް އާ އެކުގައި ކޮޅަށް ތެދުވި އަމާޔާ ބުނެލިއެވެ. އާވާ ބޯޖަހާލިއެވެ.
"އާވާ އަދި އެއްވާހަކަ އިނގޭ. ޝާނިމް ސަރ އެއްނޫން. ޝާނިމް ކިޔަސް އޯކޭވާނެ" ޝާނިމް ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ.
ކުރަން ހުރި މަސައްކަތްތައް ނިންމާލާފައި އާވާ ކެބިން އިން ނިކުތީ ޑިއުޓީ ނިމެން ތިރީހަކަށް މިނިޓް އަދި އޮތުމުންނެވެ. މާހިލް ބުނި ފަދައިން ގެއަށް ދިޔުމުގެ ކުރިން ސޮއިކުރަން އޭނާ ހަނދާނެއް ނުނެތެއެވެ.
ކެބިން އިން ނިކުތުމާއެކު އޭނާ ހުއްޓުން އެރީ މާހިލްގެ ދާދި ކައިރިން ފެނުމުންނެވެ. ދެމީހުން މުޑިނޭރީ ކިރިޔާއެވެ. ހަތަރަކަޅި ބައްދަލުވެގެން ދިޔަ ވަގުތު އާވާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އާދަޔާޚިލާފް ވިންދެއް ޖަހައިލައިފިއެވެ. ކައިރިން މާހިލް ފެނުމުން ބުނަން ނޭނގޭ ގޮތްތަކެއް ވެއްޖެއެވެ. މާހިލް ލައިގެން ހުރި ކްރީމް ކުލައިގެ ގަމީހުން ދުވި ހިތްގައިމު ސެންޓްވަސް ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވާސިލްވެއްޖެއެވެ. ނަމަވެސް މާހިލްގެ ދެލޮލުގެ ތެރެއިން އޭނާއަށް ހުސްކަމެއް ފެނިއްޖެއެވެ. ވަގުތުކޮޅު ކުޑަވުމުން އިތުރު އެއްޗެއް ވިސްނާނެ ފުރުސަތެއް އޭނާއަށް ނުލިބުނެވެ. ބަދަލުގައި މާހިލް ހިނިތުންވެލީ ނަޒަރު ބަދަލުކޮށްލަމުންނެވެ. އިރުކޮޅަކު ދެމީހުންވެސް ހިމޭނުން ތިބެފައި އެކަކު އަނެކަކަށް ބަލައިލައިފިއެވެ.
"ސޮރީ ސަރ" އާވާ ބުނެލައިފިއެވެ.
"އިޓްސް އޯކޭ" މާހިލް ޖަވާބުދީފައި ހިނގައިގަތެވެ. އާވާ މިސްރާބުޖެހީ އެޑްމިންއާ ދިމާލަށެވެ.
އާވާ ސަލާމް ގޮވާލުމާއެކު އެތެރެއިން ސަލާން ބަލައިގަތެވެ. އޭރުވެސް ސުުހާއާއި ހަމްނާ ތިބީ މީހެއްގެ މަސް ކެއުމުގައި އަވަދިނެތިއެވެ. ދެކުދިންނަށް އާވާ ދިނީ ހިތްހެޔޮ ހިނިތުންވުމެކެވެ.
"ސޮއިކޮށްލަންވެގެން މިއައީ" އެކުވެރިކަމާއެކު އާވާ ބުނެލިއެވެ. ސުހާ އާ ހަމްނާ އެކަކު އަނެކަކަށް ބަލައިލިއެވެ. އާވާ އާ ދިމާކޮށްލަން ރަނގަޅު ފުރުސަތެކޭ ހިތަށް އެރިއެވެ.
"ހަމް!! އޮފީހަށް އަންނަ ކުދިން މިހާރު ސޮއިކުރަން ހަމަޖެހިފައި އޮންނަނީ ހަވީރުތަ؟" މަލާމާތުގެ ރާގެއްގައި ސުހާ ވާހަކަދެއްކިއެވެ. ހަމްނާ އާ ސުހާ އެކަކު އަނެކަކަށް ބަލައިލާފައި ހިނިގަނޑެއް ޖަހާލުމާއެކު އާވާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެދެމީހުން ހޭއިރު ހީވަނީ ތަން ފަޅައިގެން ހިނގައިދާނެހެންނެވެ. އޮފީސް ތެރެއިން އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލައްޕާލާފައި ހުރި ދޮރެއްގެ ފުރަގަހުން ފެންއޮހޭ ކަހަލަ އަޑެއް އިވެމުން ދިޔައެވެ.
"އަންހެނުން ބާރަށް ހުނުމަކީ ވަރަށް ބޮޑު ގޯހެއް. ތިގޮތަށް އަޑުވީއްލާ ހެމުންދާއިރު ނަރަކަ ކެކި އުތުރި އަރަމުން ދާނެ. އެއީ އިންސާނާގެ ހިތްމަރުވާކަމެއް" އާވާ ވާހަކަދެއްކިއެވެ. އަސްލު އާވާއަށް ބުނެވުނީ އޭނާ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ.
"ކަލެއަށްތަ އިނގެނީ އަހަރެމެން ހޭންވީ ގޮތެއް. ވަޒީފާއަށް ވަންތާ އަދި ދެދުވަސްނުވޭ. ގަޑިޖެހިގެން އައިއްސަ ތިބުނީ ސޮއިކުރަން ވެއްޖެޔޯ" ޙަމްނާ ވާހަކަދެއްކިއެވެ. އާވާ އިސްޖަހައިލިއެވެ. އޭނާ އައީ ލަހުން ކަން އޭނާއަށް ގަބޫލުކުރެވެއެވެ.
"މީނަ ގަޑިޖެހިގެން އައިއްސަ މިގަޑީގަ ސޮއިކުރަން އުޅޭކަން އަނެއްކާ މާލް ސަރއަށް އިނގޭބާ" ސުހާ ބުނެލިއެވެ.
އާވާއަށް އިތުރަށް އެތަނުގައި މަޑުކުރަން ނުކެރުމުން ހިނގައިގަތެވެ. އޭނާއަކީ އެއްވެސް އިރެއްގައި މީހުންނާ ޒުވާބުކުރި ކުއްޖެއްނޫނެވެ. ޒުވާބުކުރަން އިނގެނީއެއްވެސް ނޫނެވެ. އިހްތިޔާރަކާނުލާ އޭނާގެ ދެލޮލަށް ކަރުނައެއް ވެއްޓުނެވެ. އެގޮތަށް ލަދުގަންނަވާލުމުން ރަކިވެސް ވިއެވެ. އެތަނުން ދާން ހިނގައިގަތެވެ.
"އެވީ...! އާދޭ ސޮއިކުރަން" އާވާ ހުއްޓުނީ ފަހަތުން އިވުނު ރައުހާގެ އަޑުންނެވެ. އާވާ މަޑުމަޑުން ހިނގާލާފައި ގޮސް މޭޒުމަތީގައި އޮތް ހާޟިރީ ނަގާ ސޮއިކޮށްލިއެވެ. އޭނާ ހަމްނާ އާ ސުހާއަށް ބެލުމެއްނެތި އަވަހަށް ހިނގައިގަތެވެ.
"ކަލޭމެން ދެމީހުން. ތިތަނުން ކާކުތަ މިއަދު ގަޑިއަށް އައީ؟ ކިތަން ފަހަރު ހަމްނާއަށް ގަޑިޖެހިގެން އަންނާތީ ނަޞޭޙަތްދެވިއްޖެ. ސުހާ ސަލާން ގިނަވެގެން ތިންފަހަރު އަނގަބަހުން ނަޞޭޙަތްދެވިއްޖެ. ލަދެއްވެސް ނުގަނޭތަ؟ ތިތަނުގައި ރަނގަޅަށް މަސައްކަތްކުރާ އެކަކުވެސް ނެތް. އެހެން މީހުންގެ ފަރާތުން ކުށްހޯދުމުގެ ބަދަލުގައި އެންމެ ފުރަތަމަ ތިމާމެން އިސްލާހުވެބަލަ" ރައުހާ ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު އެކަކުވެސް އަމިއްލަ ދިފާއުގައި އެއްޗެއް ނުބުނެއެވެ. އިސްޖަހައިލި ގޮތަށް އުފުލައިލަންވެސް ނުކެރިފައި ތިބީއެވެ. އެހެންމަވެސް އެދެމީހުންގެ ހިތުގައި ރައުހާ އާ އާވާ އާމެދު ފޫހިކަމެއް އުފެދިގެން ދިޔައެވެ.
އިޝާނަމާދަށްފަހު ދަރުސްތަކާއި ދީނީ ފޮތްތައް ކިޔުމުގައި މާހިލް ވަގުތުތައް ދުއްވައިލިއެވެ. އޭނާ ނިދަން އެރީ ގަޑިން ބާރަޖަހަން އުޅެނިކޮށެވެ. އެނދުމަތީގައި އޮށޯތްވަގުތު ޓޮމީ އައިސް މާހިލް ކައިރިއަށް އެރިއެވެ. މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލޯތްބާއެކު ޓޮމީގެ ކެހެރި ބޮލުގައި އަތް ހިންގައިލިއެވެ.
ނިދުމަށްޓަކައި ދެލޯ މަރައިލި ވަގުތު މާހިލްއަށް ކުއްލިއަކަށް ދެލޯ ހުޅުވައިލެވުނެވެ. އޭނާއަށް އެނދުން ތެދުވެ އިށީނދެވުނެވެ. ގަބޫލުކުރަން ދަތިވީ އެއްވެސް އިޚުތިޔަރާކާނުލާ އާވާގެ ތަސްވީރު އޭނާގެ ލޯ މައްޗަށް އައިސް އޭނާގެ ހިއްސުތަކާ އެކުޅެލީ ކީއްވެގެން ހެއްޔެވެ؟ އާވާ އެއީ މައުސޫމް އަންހެންކުއްޖެކެވެ.
މާހިލްއަށް ނިދަން ދެލޯ މަރާކަށް ނުކެރުނެވެ. އޭނާ އާވާގެ ތަސްވީރު ބަލަން ބޭނުމެއްނުވިއެވެ. ލޯތްބޭ މިކިޔާ އިހުސާސަކީ އޭނާއަށް ބީރައްޓެހި އެއްޗެކެވެ.
(ނުނިމޭ)