ވާހަކަ

ކޮންމެ ހިނދެއް - 02

5

ދެވަނަ ބައި

"ސުހާމެންނަށް ތިނޫން މަސައްކަތެއް މި އޮފީހުގައި ކުރަން ނޯންނަނީތަ؟ އޮފީހުގެ ބޮޑުމީހާ އާ ގުޅޭގޮތަށް ފާޑުފާޑުގެ އެއްޗެހި ނުކިޔާ ކުރަން ހުރި މަސައްކަތްތައް ނިންމޭތޯ ބަލާ" ދެކުދިންނަށް ކުރިމަތިލައިގެން ހުރެ ޝާނިމް އެންގިއެވެ.
ސުހާ އާއި ހަމްނާ އެކަކު އަނެކަކަށް ބަލައިލާފައި އަވަހަށް އިށީނެވެ. ޝާނިމް ދިޔުމާއެކު ދެކުދިން ކައިރިއަށް އައީ ހިންޏެވެ.
"ބޮސް ގެ މައިބޯއީ.." ސުހާ ވައި އަޑުން ޙަމްނާ ކަންފަތް ކައިރީގައި ބުނެލިއެވެ.

ފަލަކްނާޒް ގެއަށް އައި އިރު ސިޓިންރޫމުގައި އިން އާރިޔަން ފެނި ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އޭނާ ކޮނޑުގައި އޮތް ދަބަސް ސޯފާ މައްޗަށް އެއްލައިލުމަށްފަހު އާރިޔަންގެ ހަށިގަނޑުގައި ބައްދައިލިއެވެ. އާރިޔަންވެސް ހުރި ދުވަސްތަކަކަށްފަހު މަންމަ ފެނުމުން ހިތްހަމަޖެހިފައެވެ.
"ކޮންއިރަކު އައީ؟ މަންމަ ކައިރީގައި ކުރިން ބުނެލިނަމަ ރަނގަޅު ކާއެއްޗެއް ތައްޔާރު ކުރީމުހެއްނު" އާރިޔަން ކައިރީގައި ސޯފާގައި އިށިންނަމުން ފަލަކްނާޒް ބުނެލިއެވެ. އެހާ ދުވަސްފަހުން ދަރިފުޅު ފެނުމުން އޭނާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.
"މިފަހަރު މިއައީ އެއް މަހުގެ ޗުއްޓީއަކަށް. ސަޕްރައިޒެއް ދޭން ވެގެން" އާރިޔަން ބުނެލިއެވެ.
"ކޮބާ އަލަމްކޮ؟" އާރިޔަން ބުނެލިއެވެ.
"ސްކޫލުގަ ވީ. މިޖެހެނީ މިހާރު ބަލާދާ ގަޑި" އަތުކުރީގައި އޮތް ގަޑިއަށްް ބަލައިލަމުން ފަލަކްނާޒް ބުނެލިއެވެ.
އޭނާގެ ނަޒަރު އާރިޔަން ކުރިމަތީގައި ހުރި ކުޑަމޭޒު މަތީގައި ހުރި ކޮފީ ހުސްކުރި މަގަށް ހުއްޓުމާއެކު އާރިޔަނަށް ބަލައިލިއެވެ.
"ކޮފީތަ ބުއީ. މަންމަ ކައްކާފަ ހުންނާނީ. ކީއްވެ ނުކެއީ؟" ފަލަކްނާޒް އަހައިލިއެވެ.
"އަދި ބަނޑުހައިނުވޭ. ހިތަށް އެރި މަންމަ އައިމައޭ ކާނީ. އެކަމަކު ދެން ކާނީ އަލަމްކޮ ވެސް އައިމަ" އާރިޔަން ވާހަކަދެއްކިއެވެ.

ބޭރުން އައިސް ވަން އަނުމް އަރައިގެން ހުރި ފައިވާނުގެ މަޅިގަނޑު ނައްޓުވާލާފައި ފައިވާން ރެކު ތެރެއަށްލާ ކޮށްޕާލާފައި އެނބުރުނުއިރު ކުރިމަތީގައި ތިބި އާރިޔަން އާ ފަލަކްނާޒް ފެނުމުން ހުއްޓުން އެރިއެވެ. އޭނާ މާބޮޑު ސަމާލުކަމެއް ނުދީ ހިނގައިގަތްވަގުތު ފަލަކްނާޒް ގޮވައިލިއެވެ.
"ސަންތި ކީއްކުރަންތަ މިގޮވަނީ؟ އަދި އިރުއޮށްސުނީކީވެސް ނޫނެއްނު" އަމިއްލަ ހިތަށް އަޑު އިވޭވަރަށް އަނުމް ބުނެލިއެވެ.
"އޭރުގަ ގެއިން ދިޔަ މީހާ އަދި އައިސް ތިވަނީ ދޯ" ފަލަކްނާޒް އަހައިލިއެވެ. އާރިޔަން އަނުމްއަށް ބަލަހައްޓައިގެން އިނެވެ.
"ކީއްތަވީ؟ އަދި އިރުއޮށްސުނީކީވެސް ނޫނެއްނު. އެހެންނޫނަސް އަހަރެން ދިޔައީ ކުރަން ބުނި ހުރިހާކަމެއް ކޮށްފަ" ރުންކުރު ރާގެއްގައި އަނުމް ބުނެލިއެވެ.
"އެހެންވެތަ އާރިޔަން އަދި ކާއެއްޗެއް ނުކައި އޭނީ" ފަލަކްނާޒް ބުނެލިއެވެ.
"އަހަރެން ކައިރީގައި ބުނީ ކައްކާފަ ކާން ހަދާފަ ބަހައްޓާށޭނު. ބުނިންތަ އަތުންލަވާ ކާންދޭށޭ. ނޫނީ އުރާލައިގެން ގޮސް ކާމޭޒު ކައިރީގައި ބައިންދާށޭވެސް ނުބުނަމެއްނު" އަނުމް ވާހަކަދެއްކިއެވެ. އާރިޔަން ބަލަހައްޓާއިގެން އިންކަން އިނގުމުން އޭނާ ހުރީ ރުޅިއައިސްފައެވެ.
"ކޮންފާޑަކަށްތަ ތިި ވާހަކަދައްކަނީ؟" ރުޅި އައިވަރުން ފަލަކްނާޒަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ.
"ދެން އެހެންޏަ. އޭނަ ކައިރީގަ އަހާބަލަ އަހަރެން ކާން ދާން ނުބުނޭތޯ. ކަމެއް ވާއިރަށް ހަމަ އަހަރެންނަށް ތިބަވަނީ" އަނުމް ހިތްހަމަނުޖެހުނެވެ.
"ތިހެންވެސް އަނުމްއަށް ބުނެވޭނެ ދޯ" ފަލަކްނާޒް ބުނެލިއެވެ.
އަނުމް ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. އޭނާ ކޮޓަރިއަށް ވަނުމުގެ ކުރިން އާރިޔަންއަށް ނަޒަރެއް ދިނެވެ. އޭރުވެސް އާރިޔަން ހެވިފައި އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. އަނުމް ދިޔައީ އާރިޔަންއަށް ދެލޯ އަޅާލައިފައެވެ. އާރިޔަން ދެކެ އޭނާ ވަނީ ހާދަ ފޫއްސެކެވެ.

އާދައިގެމަތިން އޮފީހުގެ ވެރިޔާ ވަދެގެން ދާން ފެށުމުން ހުރިހާ މުވައްޒަފުން ހެނދުނު ސަލާމް ކުރަމުން ދިޔައެވެ.
ސުހާއާއި ހަމްނާ އަނގަ ހަދާލައިގެން އިންއިރު އޭނާއަށް ސަލާމް ނުގޮވަނީވެސް ހަމައެކަނި އެ ދެމީހުންނެވެ. އެކަން އޭނާއަށް ފާހަގަވިޔަސް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"އަސްލު މަށަށް ވަރަށް ރީތި އޭނަ" ހަމްނާ ސިއްރުން ސުހާގެ ކަންފަތް ދަށުގައި ބުނެލިއެވެ.
"އެހެންތަ! އަހަރެމެންނާ ބަލާފައި އުމުރުންވެސް ބޮޑު ކަންނޭނގެ. އެކަމަކުވެސް ފިއްތާލައިގެން ހުރޭ... ދުވަހަކުވެސް އަންހެނަކާ ވީ ކޮޅަށް އޭނާ ނުބަލާނެ" ސުހާ ވާހަކަދެއްކިއެވެ. ހަމްނާ އަނގަ ހަދައިލިއެވެ.

ޝާނިމް ވެރިޔާގެ ކެބިންއަށް ވަންއިރު ފެނުނު މަންޒަރަކުން ހުރި ހިސާބުގައި މަޑުޖެހެވުނެވެ. ވާނީވެސް އެހެންތާއެވެ. ފެންނަމުން މިދާ މަންޒަރަކީ އޭނާއަށް މި އޮފީހުގައި މަސައްކަތްކުރަން ފެށި ފަހުން ދުވަހަކުވެސް ފެނިފައިވާ މަންޒަރެއް ނޫނެވެ. އޭނާ ގޮވައިލަން ނުކެރި ހުރެފައިވެސް މަޑުމަޑުން ގޮވައިލިއެވެ.
"ސަރ..."
"މާހިލް ސަރ" ފުރަތަމަ ފަހަރަށް ގޮވައިލުމުން މާހިލްގެ ފަރާތުން ޖަވާބެއް ނައެވެ. އެހެންކަމުން ޝާނިމް ދެވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
މޭޒުގައި ބޯ އަޅާލައިގެން އޮތް މާހިލްއަށް ބަލައިލެވުނީ ދެވަނަ ފަހަރަށް ޝާނިމް ގޮވައިލުމުންނެވެ.
"ސޮރީ..." މާހިލް ބަލައިލުމާއެކު ޝާނިމް ބުނެލިއެވެ. މާހިލް މަސައްކަތްކުރީ އޭނާ ދެލޮލުގައިވި މާޔޫސްވެރިކަން ޝާނިމްއަށް ސިއްރު ކުރުމަށެވެ. އެކަން އޭނާ ކާމިޔާބުވެސް ކުރިއެވެ.
"އެވަރުކަމެއް ނޫން. ކީއްވެ ތިތާ ތިހުންނަނީ.. އާދޭ އެތެރެއަށް" ހީލަމުން މާހިލް ބުނެލިއެވެ. ޝާނިމްއަށް މާހިލްގެ މޫނުމަތިން އެއްޗެއް ދެނެގަންނަން ނޭނގުނެވެ. އެހެނީ ޝާނިމް އާ އަބަދުވެސް މާހިލް ބައްދަލުކުރަނީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ.
"ބަލީތަ...؟" ކުރިއަށް ޖެހިލަމުން ޝާނިމް އަހައިލިއެވެ.
"ނޫނޭ. ތިކަހަލަ ކަމެއް ނޫޅޭ. ހެނދުނު ހޭލިއިރު ބޮލުގައި ކުޑަ ރިހުމެއް ހުރީމަ" ހީލަމުން މާހިލް ބުނެލިއެވެ.
"... ޝޯޓްލިސްޓް ކުރީތަ؟ އިށީނދެބަލަ ކޮޅަށް ނުހުރެ" މާހިލް އެކުވެރިކަމާއެކު ބުނެލިއެވެ.
މާހިލް އާ ދިމާލުން ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ޝާނިމް އަތުގައި އޮތް ފައިލް މާހިލްއަށް ދިއްކޮށްލިއެވެ.
"ވަރަށް އިތުބާރުކުރަން ޝާނިމްއަށް. ބްރެކްފާސްޓް ނަގައިގެން އައިއްސަ ގުޅަންފަށާ. މާދަމާ ޖެހޭނެ އިންޓަވިއު ކުރިއަށްގެންދަން" ފައިލް ހުޅުވާނުލާ އެއްފަރާތުގައި ބާއްވައިލަމުން މާހިލް ބުނެލިއެވެ.
"ސަރ ބައިވެރިވާނަން ދޯ ކުދިންނާ އިންޓަވިއު ކުރަން" ޝާނިމް އަހައިލިއެވެ.
"ހެހެހެ... އަދި މިހާތަނަށް އިންޓަވިއު ކުރި އެއްވެސް މީޓިންއެއްގަ ބައިވެރިނުވެވޭ. އެހެންވީމަ މިފަހަރު އާނ... އެކަމަކު ޝާނިމް ޖެހޭނެ އިންނަން" މާހިލް ވާހަކަދެއްކިއެވެ. ޝާނިމް ބޯޖަހައިލިއެވެ.
"މަސައްކަތް ފެށުމުގެ ކުރިން ހިނގާ ބްރެކްފާސްޓް ނަގަން ދާން. ރެސްޓޯރަންޓަށް ދާނީ" މާހިލް ހިނގައިގަތުމުން ޝާނިމް ފައިލް ނަގަމުން މާހިލްގެ ފަހަތުން ހިނގައިގަތެވެ.
އޭނާ މާހިލްގެ އަޑި ނޭނގޭ ހަޔާތާ މެދު ވިސްނަމުން ދިޔައެވެ. އޭނާއަށް އެ އޮފީހުން ވަޒީފާ ލިބުނު އިރު ތިބީ ޖުމްލަ ފަސް މުވައްޒަފުންނެވެ. އޭގެފަހުން އަދި އަހަރެއް ނުވެއެވެ. އޭރުން ފެށިގެންވެސް އޭނާއަށް ފާހަގަކުރެވުނީ މާހިލް އަކީ ބަސްމަދު ހިތްހެޔޮ ޒުވާނެއްގެ ގޮތުގައެވެ. އޭރުވެސް ބައެއް ކަހަލަ އޮފީސް މަސައްކަތްތަކުގައި އޭނާއަށް މާހިލް ގެ ގެއަށް ވެސް ވަނީ ދެވިފައެވެ. އޭނާއަށް ގޭތެރެއިން ވެސް މާހިލް ނޫނީ އާއިލާ އެއްވެސް މެންބަރެއް ފެނިފައެއް ނުވެއެވެ. ކެބިން ތެރެއިން އިތުރު މީހެއްގެ ފޮޓޮއެއްވެސް ފެނިފައެއްނެތެވެ. މާހިލްގެ އާއިލާ ކޮބައިބާވައެވެ؟ އަޖައިބެއް ކަހަލަ ޝަޙްސިއްޔަތެއްގެ ވެރިއެކެވެ.

ހެނދުނުގެ ސައި ނެގުމަށްފަހު ޝާނިމް އާއި މާހިލް އޮފީހަށް ވަދެގެން އައީ އެކުއެކީގައެވެ. މާހިލް މަޑުނުކޮށް އޭނާގެ ކެބިންއަށް ވަދެގެން ދިޔުމުން ޝާނިމް މަޑުކޮށްލީ އޭނާގެ ލޯބިވެރިޔާ އަމާޔާގެ މޭޒު ކައިރީގައެވެ.

އަމާޔާއާއި ޝާނިމް ގެ އެކުވެރިކަން ލޯތްބަށް ބަދަލުވީ އޮފީސް ތެރެއިންނެވެ. އޭރު އެދެމީހުންނާ ގުޅުވައިގެން ފާޑުފަޑުގެ ވާހަކަތައް އޮފީސް ތެރޭގައި ދެކެވުނަސް މާހިލް ޝާނިމްއަށް އިތުބާރު ކުރިއެވެ.
"ނިމްއަށް ހެޔޮ ދޯ ސައިބޮވުނަސް. އަޅެ ވަރަށް ބަނޑުހައި" އަމާޔާ ބަނޑުގައި އަތް ހާކައިލަމުން ބުނެލިއެވެ.
"އެއްޗެއް ގެނެސްދޭންވީތަ؟" ޝާނިމް އަހައިލިއެވެ.
"މާދާމާ މިއީ ސްޓާފުންނަށް މުސާރަ ލިބޭނެ ދުވަސް. މިއަދު މިއުޅެނީ މީތީ ފޮނުވާލެވޭތޯ" އަމާޔާ ކޮމްޕިއުޓަރުން ނަޒަރު ވަކިކޮށްނުލާ އިނދެ ބުނެލިއެވެ. އޭނާއަކީ އެ އޮފީހުގެ ބަޖެޓް ސެކްޝަނުގެ ހެޑެވެ.
"ސޮރީ އިނގޭ. އަސްލު ސަރ ބުނީމަ ނުކެރުނީ ނުގޮސް" ޝާނިމް ބުނެލިއެވެ.
"އެވަރުކަމެއް ނޫން. މިއޮފީހުގަ ސަރ އެކުވެރިކަމެއްވެސް ބާއްވަނީ ހަމައެކަނި ނިމްއާ. ބައެއް ފަހަރު ސަރ އަށް އަހަރެން ރަހުމު ހީވޭ" އާމާޔާ ވާހަކަދެއްކިއެވެ.
"ނޭނގޭ. ވަރަށް ތަފާތު" ޝާނިމް ބުނެލިއެވެ.
"ކޮބާތަ އަޅެ ސަރ ގެ ފެމެލީ. ނިމް އަހާބަލަ އަޅެ މެރީޑް ތޯ" އަމާޔާ ބުނެލިއެވެ.
"އަދިނުވޭ. ފަހުން ދޯ" ހީލަމުން ޝާނިމް އޭނާއަށް ހާއްސަކޮށްފައިވާ ދިމާލަށް ދިޔައެވެ.

ސިޓިންރޫމުގައި ހާޖަރު ހެދުމެއް ފަހަން އިނެވެ. ވަގުތަކީ މެނދުރުގެ ވަގުތެކެވެ. ދޮރު ހުޅުވުނު އަޑު އިވުމާއެކު ހެދުން ފަހަން އިން ހާޖަރު ބަލައިލިއެވެ. ވަދެގެން އައި ރިޒާ ފެނުމުން ހާޖަރު ފަހަން އިން ހެދުން ބާއްވައިފައި ބަދިގެއަށް ވަނެވެ. އޭރު ސިޓިންގްރޫމު ސޯފާގައި ދާރިމް ލެޕްޓޮޕް ހިފައިގެން އިނެވެ.
"ދަރިފުޅާ ދާމް! ކޯޗެއް ތިހަދަނީ" ދާރިމް ކައިރީގައި ސޯފާގައި އިށިންނަމުން ރިޒާ އަހައިލިއެވެ. ރިޒާ އިނީ ކަޅު ކުލައިގެ ކަށި މައްޗާއި ހަމައަށް އަންނަ ކުރުތާއެއްގައެވެ. ހަށިގަނޑު ފަލަ ނޫނަސް ހުދައި ކަޅު ކުލަ އެކުލެވޭ ތުނބުޅި ދަތްދޮޅި ދަށުން ތިރިއަށް ހުއްޓެވެ.
"މިއަދު އެބައޮތް ޕިޕީޓީ ހުށައެޅުން. އެހެންވެ ރެޑީކޮށްލަނީ" ދާރިމް ބުނެލިއެވެ. އެހާހިސާބުން ހާޖަރު ތަބަކަށް ލައިގެން އައި ފިނި ފެންތަށި ރިޒާއަށް ދިއްކޮށްލިއެވެ. ދާރިމް މަންމަ އާ ބައްޕައަށް ނަޒަރެއް ދިނުމަށްފަހު ލެޕްޓޮޕް ހިފައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ.
"ކޮބާ މިއަދު އެވީ" ރިޒާ އަހައިލިއެވެ.
"ނަމާދުކުރަން ވަދެވީ" ހާޖަރު ޖަވާބުދިނެވެ. ރިޒާ އަތުކުރީ އޮތް ގަޑިއަށް ބަލައިލިއެވެ.
"މިހާ ލަހުން. މިހާރު އެކެއްޖަހަން އެދަނީ" ރިޒާ ބުނެލިއެވެ.
"ބުނީ ނިދިފަ އޮތް ކަމަށް. އިރުކޮޅަކުން ކާން ނިކުންނާނެ" ހާޖަރު ބުނެލިއެވެ.
ހަޖާރައި ރިޒާގެ ދެމަފިރިންނަކީ އަބަދުވެސް ދަރިންނަށް އިސްލާމްދީނުގެ ރީތި މަގު ދަސްކޮށްދެމުން އަންނަ ނަމޫނާ ދެމަފިރިންނެވެ. މޫނު ބުރުގާ ނޭޅިއެއް ކަމަކު އެވީ ހުންނަނީ ކަޅު ކުލައިގެ ބޮޑު އަބާޔާ ލާފައި ހަމަ އެކުލައިން ބުރުގާ އަޅައިފައެވެ. މޭކަޕްނުކޮށް ފައުންޑޭޝަނާއި ކްރީމްތަކުގެ ބޭނުންނުކޮށް ހުއްޓަސް އެވީގެ މޫނުމަތިން ހުންނަނީ ވަރަށް އަލިކޮށެވެ.
މެންދުރުގެ ކެއުން ކުރިއަށް ދިޔަ ވަގުތު މޭޒު ކައިރީގައި އާއިލާ ހަމައަށް ތިއްބެވެ. މާގިނަ ވާހަކައެއް ސުފުރާ މަތީގައި ނުދައްކާ ކެއުން ނިންމާލިތަނާ އެވީގެ ފޯން ރިންގުވާން ފެށިއެވެ. އޭނާ ނުދަންނަ ލައިން ނަންބަރެއް އަރާފައި އިނުމުން ފޯނު ނުނަގާ ބޭއްވިއެވެ. ނަމަވެސް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން މިސްވެފައި އިން ނަންބަރަށް ގުޅައިލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު އެވީ ސަލާން ގޮވައިލިއެވެ.

ފޯނު ބޭއްވިއިރު އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެވެކެވެ. އޭނާ ކައިރީގައި އިން ދާރިމް އަތުގައި ބައްދައިލިއެވެ. ދާރިމް ބަލައިލުމުން އިންޓަވިއުއަށް ގުޅީ ކަމުގައި ބުނެލިއެވެ.
"މަރުޚަބާ ދަރިފުޅާ" ރިޒާ އެވީގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ.
"މަރުޚަބާ. އަބަދުވެސް ހަނދާންކުރާތި ވަގުތަށް ކަމޭހިތުމަކީ ވަރަށް މުހިންމު ކަމެއްކަން. އެބޭފުޅުން ބުނި ގަޑިއަށް ދެވޭތޯ ބަލާތި. މިހެން ބުނީމަ ފަތިސްނަމާދުކޮށްގެން އަލުން އޮށޯވެ ނިދާނީއެއް ނޫން" ހާޖަރު ބުނެލިއެވެ.
"ނިދާނެ. އެހެންނުވިއްޔާ ދޮންތަގެ ނަން ވެސް ބަދަލުކުރަން ޖެހޭނެ" ދާރިމް އާވާއާ ދިމާކޮށްލިއެވެ. އާވާ ދާރިމްގެ އަތުގައި ވިކައިލިއެވެ.
އެވީ ހިނިތުންވުމަކާއެކު ބޯޖަހައިލަމުން ފޯނު ނަގާފައި އެޚަބަރު އަނުމްއަށް ދިނެވެ.

ކާޑު ބޭނުންކޮށްގެން ގޭ ދޮރު ހުޅުވާލާފައި ވަން މާހިލްއަށް އެގޭތެރެއިން މަރުޚަބާ ކިއީ ހިމޭންކަމެވެ. އެހެންނަމަވެސް އޭނާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިޔާ ފުންމަމުން އައިސް އޭނާގެ ފައިތިލައަށް ބޮސްދިނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލޯތްބާއެކު އޭނާގެ ފައިތިލަ މަތީގައި އޮތް ކަފަގަނޑެއް ކަހަލަ ހުދާއި އަޅިކުލައިގައި އޮތް ބުޅާ ނަގާ އޭތީގެ ބޮލުގައި ފިރުމައިލިއެވެ.
"މިސްޑް ޔޫ ޓޮމީ" ބުޅަލުގެ ބޮލުގައި ލޯތްބާއެކު ފިރުމައިލަމުން އޭނާ ބުނެލިއެވެ. އޭނާ ދޮރު ލޮކް ކޮށްލުމަށްފަހު ލަސް ފިޔަވަޅު ތަކެއްގައި އައިސް ސިިޓިންގރޫމް ސޯފާގައި ޖައްސައިލިއެވެ. އަތުގައި އޮތް ޕީޗް ކުލައިގެ ކޯޓު ސޯފާމަތީގައި ބާއްވައިލުމަށްފަހު އުނގުމަތީގައި ޓޮމީ ބެއްވިއެވެ. އެއަށްފަހު ރިމޯޓް ނަގާ ޓީވީ ޖައްސައިލިއެވެ. ލަވަ އަންނަ ޗެނަލަކަށް ޖައްސައިލުމަށްފަހު ސޯފާގައި ލެގިލާ ދެލޯ މަރައިލިއެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބުމަށް އެދިއެވެ. ނަމަވެސް އޭނާގެ ބޮލުގެ ރިހުން ވީ ގަދައެވެ. އޭނާ އަލުން ޗެނަލް ބަދަލުކޮށް މުންނާރު ޓީވީއަށް ލުމަށްފަހު ދެލޯ މަރައިލިއެވެ. އިވެމުންދިޔަ ކީރިތި ޤުރުޢާނުގެ މޫރިތިވި އާޔަތްތައް މާނައާއެކު ކިޔައިދެމުން ދިޔަވަރަކަށް އޭނާގެ ސިކުނޑިއަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ބެލް އަޅާލި އަޑު އިވެމުންނެވެ. އޭނާ ބަލައިލިއިރު ޓީވީން ގެސެދެމުން ދިޔަ ދަރުހެއްގެ އަޑު އިވެމުން ދިޔައެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ޓީވީން ފާޅުވަމުން ދިޔަ އަލިކަން ފިޔަވައެވެ. އޭނާ ގަޑި ބަލައިލިރު ހައެއްޖަހާ ބޮޑުވެއްޖެއެވެ. ސޯފާގައި އިށީނދެގެން އެގޮތަށް އިންދާ ނިދުނީ ހެއްޔެވެ؟ އޭނާ ސޯފާއިން ތެދުވެ ބަލައިލިއިރު ޓޮމީ އޭނާގެ ކައިރީގައި ސޯފާގައި އަރާމު ނިދީގައި ނިދާލައިފައި އޮތެވެ. ބެލް އަޅަމުން ދިޔަ ދޮރާއި ދިމާލަށް އޭނާ ހިނގާފައި ދިޔައިރު ކަނދުރާގައި ހުރި ތަދެއްގެ ސަބަބުން ދެއަތް ޖޯޑުކޮށްލާފައި ގެނެސް ކަނދުރާގައި އަޅުވައިލަމުން ދެ އަތަކަށް ބޯ ހަލުވަމުން ދިޔައެވެ.

ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ރަތްކުލައިގެ ޓީޝާޓާކާއި ކަޅު ފަޓްލޫނަކާއެކު ދަށަށް ޖަހައިގެން ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. އަތުގައި އޮތް ސިޓީ އުރައެއް ނަގަމުން ދޮރުމަތީގައި ހުރީ މާހިލް ތޯ އަހައިލިއެވެ. މާހިލް ބޯޖަހައިލުމުން އަތުގައި އޮތް ސިޓީއުރަ މާހިލް އަތަށް ދިނުމަށްފަހު އަތުގައި އޮތް ފޮތުގައި ސޮއި ކުރުވިއެވެ.

މާހިލް ސިޓީ ކަނޑާލާފައި ބަލައިލީ އޭނާ ނިދާ ކޮޓަރިއަށް ވަދެފައެވެ. އެނދުގައި އިށީނުމަށްފަހު އޭނާ ބަލައިލިރު އެއީ އިސްލާމިކް މިނިސްޓްރީ އިން އޭނާ ފޮނުވި ސިޓީގެ ޖަވާބެވެ. އިސާހިތަކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެލޮލުން ކަރުނަ ފާއްދައިލިއެވެ. ހުރި ތަނަށް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ.

އެނދުމަތީގައި އޮތް ލެޕްޓޮޕް ހުޅުވައިލުމަށްފަހު ފޮޓޯތައް ހުޅުވައިލިއެވެ. އޭނާ ފޮޓޯތައް ރޯލް ކުރަމުން ގޮސް މަޑުޖެހުނީ ބުރުހާނުއްދީންގެ ފޮޓޯ ފެނުމުންނެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ މަދީނާގައި އޭނާގެ ކޮނޑުމަތީގައި ބުރުހާނުއްދީންގެ ސަންދޯއް އުފުލައިގެން ހުއްޓާ ނަގާފައިވާ ފޮޓޮއެކެވެ. އެ ފޮޓޯގައި އޭނާގެ ކައިރީގައި ސަންދޯކުގެ އެއްފަރާތުގައި ހިފަހައްޓާލައިގެން ނާހިދް ވެސް ހުއްޓެވެ. އޭނާ ގެ ހިތުން ނާހިދަށް ބޭބެއެއްގެ ދަރަޖަ ދެވުނު ދުވަހަކީވެސް އެދުވަހެވެ.

"ބައްޕާ! އަޅުގަނޑު ބައްޕަގެ އުންމީދުތަށް ފުރިހަމަކޮށްފިން. ބައްޕަ ބުނި ފަދަ ދަރިއަކަށް ވެއްޖައިން. މާތްﷲ ބައްޕަގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށީ...އާމީން...." މަޑުމަޑުން މާހިލް ދުޢާ ކޮށްލިއެވެ.

އިންޓަވިއުއަށް އައިސް ތިބި ކުދިންތަކުގެ ފަހަތުން ދެވަނައަށް އާވާ އިނެވެ. އޭނާ ޖާގަ ބޮޑު އޮފީހުގެ ހުރިހާ ދިމާލަކަށް ބަލަމުން ދިޔައެވެ. އިންޓަރވިއުގައި ވާނެ ގޮތެއް ނޭނގޭތީ އޭނާ އިނީ ފިނިވެފައެވެ. އެ ހުރިހާ އަންހެންކުދިންގެ ތެރެއިން ތަފާތު ގޮތަކަށް އިނީ ހަމައެކަނި އާވާއެވެ. އާވާގެ ހަށިގަނޑުން މޫނާ ދެއަތްތިލަ ފިޔަވައި މުޅިން ވެސް ފެންނަނީ ކަޅު ކުލައެވެ. އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އިންޓަވިއުއަށް އައި ފަހުން އެއްގަޑިއިރު ފަހަނަ އަޅައި ހިނގައްޖެއެވެ. ކޮންމެ ކުއްޖަކު ވައްދައިފައި އެހާ ލަސްވޭ ހެއްޔެވެ؟ އަނެއްކާ ކުރަނީ ކޮންކަހަލަ ސުވާލުތަކެއް ހެއްޔެވެ.

އާވާ ހަމަޖެހިލުމަށްޓަކައި އިންތަނުން ތެދުވެލިއެވެ. އޭނާގެ ކުރިއަށް އަދި ހަތަރު ވަރަކަށް ކުދިން އެބަތިއްބެވެ. އޭނާ އަތުގައި އޮތް ފައިލް ހިފައިގެން ދެކޮޅަށް ހިނގަން ފެށިއެވެ.
"ފަޔަށް ހިނި އަރައިގެންނަ ތިއުޅެނީ. އިށީނދެ އިނދެބަލަ. ތިހާ ކެތްމަދު މީހުންނަކަށް މިކަހަލަ ތަނަކު ނޫޅެވޭނެ" އާވާ ބަލައިލީ ދާދި ކައިރިން އަންހެން އަޑެއް އިވުމުންނެވެ. އޭނާ ބަލައިލިއިރު ސުހާ އޭނާ ފަހަނައަޅާ ދަނީއެވެ. އޭނާ ބިރުގަތެވެ. ބޭކާރު ގޮތުގައި އެ އޮފީސް ތެރޭގައި ކޮޅަށް ހުރުމަކީ މަނާކަމެއް ކަމުގައި ހީކޮށް އަވަހަށް އިށީނެވެ. މަޢާފަށް އެދެން ބަލައިލިއިރު ސުހާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އޭނާގެ ވަގުތު ޖެހުނީ އިންތިޒާރުކުރާތާ އެތައް އިރެއް ފަހުންނެވެ. ރިސެޕްޝަން ކައިރިއަށް ނިކުތް ރައުހާ އާވާގެ ނަން ކިޔައިލުމާއެކު ތެދުވިއެވެ. އަދި ރައުހާގެ ފަހަތުން ހިނގައިގަތެވެ. އޭނާ އޮފީސް ބަޔަށް ވަދެގެން ގޮސް އެއްފަރާތުގައި ހުރި ކޮންފަރެންސް ރޫމަށް ވަނެވެ. ބޮޑު ކޮޓަރިއެއްގެ މެދުގައި ހުރި ދިގު ވަށް މޭޒު ކައިރިން ގޮނޑިއެއް އޭނާ ދެއްކުމަށްފަހު ރައުހާ ނިކުތެވެ. ކުރިމަތީގައި ތިބި ދެ ފިރިހެނުންނަށް އޭނާ ބަލައިލިއެވެ. ޝާނިމްގެ ތުންފަތްމަތީގައިވީ ހިތްހެޔޮ ހިނިތުންވުމެކެވެ. ޝާނިމް ކައިރީގައި އިން މާހިލްއަށް އާވާ ބަލައިލިއެވެ. އިސްޖަހާލައިގެން ފައިލެއް ބަލަން އިންއިރު އެންމެ ފަހަރަކުވެސް ސައުވީސް ވަނަ ބައިވެރިޔާއަކީ ކާކުތޯ އޭނާ ބަލައިނުލައެވެ.

"މަރްޔާމް އާވާ ބިންތި ރިޒާ ދޯ" ޝާނިމް އަހައިލިއެވެ.
"ލައްބަ" އާވާ ޖަވާބުދިނެވެ. މާހިލް އިސްއުފުލާ ކުރިމަތީގައި އިން އާވާއަށް ބަލައިލީ އިވިގެން ދިޔަ ނަން އޭނާއަށް ކަމުދިޔަ ވަރުންނެވެ. އެކަހަލަ ތަފާތު ނަމެއް ކިޔާ ކުއްޖަކު އަދި އޭނާއަށް އެ އިންޓަވިއު އިން ދިމައެއް ނުވެއެވެ.
"މި އޮފީހަކީ ކޮންކަހަލަ މަސައްކަތްތަކެއް ކުރާ ތަނެއްކަން އާވާއަށް އިނގޭ ދޯ. މިދުވަސްކޮޅަކީ ވަރަށް ބުރަ ދުވަސްކޮޅެއް. މިހާރު ކުރިއަށް ދަނީ ޓީވީ ޗެނަލް ލޯންޗު ކުރުމަށް ވާންޖެހޭ ތައްޔާރީތައް. 'ހިދާޔަތުގެ މަގު' މި ނޫހަށް މިހާރުވެސް ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައި. ފަހަރެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ގަޑީގެ އިތުރުން ވެސް އޮފީހަށް އައިސް މަސައްކަތެއް ކުރަން ޖެހިދާނެ. މި ދެންނެވީ ރޭގަނޑު ނޫނީ ބަންދު ދުވަހެއްގަ" ޝާނިމް ވާހަކަދައްކަމުން ދިޔައެވެ.
"އެކަހަލަ ވަގުތެއްގަ އަންނަން ޖެހިއްޖެނަމަ މިސާލަކަށް އާވާގެ އެއްވެސް ޝަކުވާއެއް އޮންނާނެތޯ؟" ޝާނިމް އަހައިލިއެވެ.
"އަޅުގަނޑު ވަޒީފާއަށް އެދި ހުށައެޅީ ތިހުރިހާ ކަމެއް އެނގިގެން. ތި ބުނުއްވި ގޮތަށް އަޅުގަނޑު ގެ ހަންޑްރެޑް ޕަސެންޓް ދީގެން މަސައްކަތްކުރާނަން. އެކަމަކު... އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް" އޮފީހުގެ ވެރިން ކުރިމައްޗަށް އާދެވުމުން އާވާގެ ބިރުވެރިކަން ފިލައިފިއެވެ.
"އަޅުގަނޑަކީ ފަސްވަގުތު އަދާއަށް ނަމާދުކުރާ ކުއްޖެއް. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ ވަޒީފާ އަޅުގަނޑުގެ އަދާކުރާ އަޅުކަންތަކަށް އެޅޭ ހުރަހަކަށް ވާކަށް" އާވާ ފާޅުގައި ބުނެލިއެވެ.
"ވަރަށް ބޮޑަށް މަޢާފްކުރައްވާ. އަޅުގަނޑު މި ބުނުއްވި އެއްޗެއްގެ މާނައަކީ އަޅުގަނޑު ހަރުދަނާކަމާއެކު މަސައްކަތް ނުކުރައްވާނެ ވާހަކައެއް ނޫން" ބުނެވުނީ ހަރުކަށިކޮށް ކަން އިހުސާސް ވުމުން އާވާ އަވަހަށް ބުނެލިއެވެ.
ޝާނިމް ކައިރީގައި އިން މާހިލް އަށް ބަލައިލިއެވެ.
"އާވާ ވަޒީފާއަށް ހޮވިއްޖެނަމަ ކުރައްވަން ޖެހޭނެ މަސައްކަތަކީ އޮފީސް ވެރިމީހާ އަޙްމަދު މާހިލްގެ ޕީއޭ އެއްގެ ވަޒީފާ. އެހެންކަމަށްވާނަމަ ކޮބާތޯ ހިޔާލަކީ" ޝާނިމް އަހައިލިއެވެ.
"އަޅުގަނޑު ވަޒީފާއަށް އެދި ފުރި ފޯމުގަ ވެސް އިނީ ތިހެން. އަޅުގަނޑަށް އިނގޭ އަޅުގަނޑު މި އެޕްލައި ކުރަނީ ކޮންކަހަލަ ވަޒީފާއަކަށް ކަން. އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް. މި އޮފީހަށް މިހާރުވެސް އަޅުގަނޑު ލޯބިޖެހިއްޖެ. އޮފީހުގެ ވެރިޔާ ކީއްކުރަން އެންމެ ދަށް ފަންތީގެ ކުއްޖާއަށްވެސް އަޅުގަނޑު އިތުބާރުކުރާނަން" އާވާ ބުނެލިއެވެ.
އާވާގެ އެ ޖަވާބުން ޝާނިމް އާ މާހިލް އެކަކު އަނެކަކަށް ނަޒަރެއްދިނެވެ. އާވާގެ ވާހަކަތަކާ ކެރޭކަން އެ ދެމީހުންގެ ހިތުންވެސް ޖާގަ ހޯދައިލިއެވެ. އާވާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާ ދެއްކި ވާހަތަކުން ދެމީހުންވެސް ހިތާހިތުން އެ ވަޒީފާއަށް އާވާ ހަމަޖައްސައިފިއެވެ.

އާވާ ނިކުތްއިރު ހައިރާންކަމެއް ލިބިފައިވިއެވެ. އިންޓަވިއު ކުރާ ތަނުގައި އޮފީހުގެ ވެރިޔާ ވެސް އިނެވެ. އޭނާ އާ ސުވާލެއް ކޮށްނުލާތާ އިސްއުފުލާ ބަލައިވެސް ނުލައެވެ. އަނެއްކާ އެއީ ކޮންކަހަލަ އިންސާނެއްބާއެވެ؟

"ވާހަކައެއް ނުދައްކާ އިނަސް ވަރަށް ސަޅި މީހެއް. ތަފާތުގޮތެއް އެބަހުރި. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ބޭނުމީ އެކަހަލަ އިންސާނެއް.... އަނޫ ކައިރީގައި ބުނަންޖެހޭނެ" އޮފީސް ބޭރުގައި ހުރެ އަމިއްލަ ނަފްސަށް އިވޭ ވަރަށް އާވާ ބުނެލިއެވެ. މާހިލްގެ ސޫރަ ފެނުމުން އޭނާގެ ހިތަށް ގޮތެއް ވެއްޖެއެވެ.
"އަސްތަޣްފިރުއްﷲ.... ޔާރައްބީ... ކޮންފަދަ ބޮޑު ފާފައެއް މިކުރެވުނީ... އެއީ ޔަގީން މީހެއްގެ ފިރިއެއްކަން" ކުރެވުނު ކަންތަކާ ކަންބޮޑުވެ އެހާ އަވަހަށް އާވާ ބުނެލައިފިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟