ކޮންމެ ހިނދެއް

ކޮންމެ ހިނދެއް -01

2

"އެވީ..... ސީރިޔަސްލީ އެވީ... އެއީ މީހުންނަށް ކިޔާ ނަންނަންތަ؟ ޙައްޖައްތަ އާ ރިޒާބެ ކިހިނެއް ޗޫޒް ކުރި ނަމެއްބާއޭ ހިތަށް އަރަނީ؟" ތަނަވަސް ބޮޑު ކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލް ކައިރީގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އެވީއަށް ކައިރީގައި އިން އަނުމް ބުނެލިއެވެ.
"އަނޫ ތިކަން ހުއްޓާލާނީ ކޮންއިރަކުންތަ އަޅެ؟ އީވަން އައި ޑޯންޓް ލައިކް މައި ނޭމް. އެއީ މަންމަމެން ދިން ނަމެއް ނޫނޭ. ކާފަ އާ މާމަ ދިން ނަމެއް" އެވީ ބުނެލިއެވެ.
"އެވީ...! ދެން ހިނގާ މިރެއަށް ނިންމާލަން. މާލަސްވެއްޖެ. ބާކީބައި މާދަމާއަށް ބާއްވާ" އަނުމް އިންތަނުން ތެދުވެގެން ގޮސް ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނު ނަގާ ގަޑި ބަލައިލަމުން ބުނެލިއެވެ.
"އޯކޭ. މިރެއަށް ނިމުނީ. ސޯ މާދަމާ ކިހާ އިރަކަށް އަންނަންވީ؟" އެވީ ތެދުވެ ހޭންޑްބޭގަށް އެއްޗެހި އަޅާމުން ވާހަކަދެއްކިއެވެ.
"މާދަމާ ތިގޭގައި ނިންމާނީ ދޯ. މިގޭ ފުރޭތަ އަރާނެ މާދަމާ ރޭ. ހުވާ މިބުނީ މާދަމާ އެއީ މަށަށް ބޮޑު ދުވަހެއް" އަނގަ ހަދައިލަމުން އަނުމް ބުނެލިއެވެ.
"އޯކޭ އެހެންވީމަ އަނޫ އާދޭ އިނގޭ. އަހަރެން ބައިންދާނަން މަންމަ ކައިރީގައި ބުނެލާފަ" އަނުމްގެ އަތުގައި ހިފައިލަމުން އެވީ ބުނެލިއެވެ. އަނުމް ބޮޑު ދުވަހެކޭ އެބުނި ސަބަބު އާވާއަށް އިނގެއެވެ.
"ދިޔައީ އިނގޭ. ކޮއްކޮ އެބައިން ބަލާއައިސް" އާވާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. އާވާ ނިކުތުމުން އަނުމް އުޅުނީ ކޮޓަރި އިހު ހުރިގޮތަށް ރަމަތަ ކޮށްލުމަށެވެ.

އާވާ އަދި އަނުމް އަކީ ބޭބީ ނާސަރީ އިން ފެށިގެން އޭލެވެލް އާ ހަމައަށް އެކީގައި ކިޔަވަމުން އައި ގާތް ދެ އެކުވެރިންނެވެ. އެ ދެކުދިންގެ އެކުވެރިކަމުގައި ކުނޑިފުކެއްވެސް ޖެހިފައިނުވާއިރު ދެކުދިންގެ މައިންބަފައިން އުޑާ ބިމާހާ ތަފާތެވެ. އާވާ އަކީ އޭނާގެ މައިންބަފައިން ހާޖަރު އަދި ރިޒާގެ ދެ ކުދިންގެ ތެރެއިން ބޮޑަށް ހުންނަ ދަރިފުޅެވެ. ކުޑައަށް ހުންނަ ދާރިމް އަކީ އާވާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ދެ ދަރިންގެ މެދުގައި ތިން އަހަރުގެ ފަރަގު ހުރިއިރު ދެ ދަރިންނަކީ އެ ދެމަފިރިންގެ މުޅި ދިރިއުޅުމެވެ. ދެދަރިންނަށް އެއްވަރަށް ލޯބި ދެމުން އައިރު އެ ދެމަފިރިން އަދިވެސް ތިބީ އިތުރު ދަރިން ބޭނުންވެފައެވެ.

އަނުމްގެ އުމުރުން ފަސް އަހަރުގައި މަންމަ ވަނީ ނިޔާވެފައެވެ. ބައްޕަ ނާސިހް ފަލަކްނާޒާ އިތުރު ކައިވެންޏެއް ކުރިއެވެ. އެއަށްފަހު ފަލަކްނާޒާއި އަނުމްގެ ހުރިހާ ކަމެއް ހަވާލުކުރިއެވެ. ނަމަވެސް އެ ޒިންމާ އިން ފަލަކްނާޒް ރެކިގަތެވެ. އަނުމް އާ މެދު އުފަން ދަރިއެއްގޮތަށް ފަލަކްނާޒަށް ނުދެކެވުނެވެ. އޭނާއަށް އިސްކަން ދެވުނީ އޭނާގެ ބޮޑު ދަރިފުޅަށާ ނާސިހަށް ފަހުން ލިބުނު ދަރިފުޅަށެވެ. ފަލަކްނާޒްގެ ވިސްނުން އެހެން މީހުންނާ މުޅިން ތަފާތެވެ. އޭނާ ދެކޭގޮތުގައި ދަރިންނަށް ފުރިހަމަ މިނިވަންކަން ދޭންޖެހެއެވެ. ދަރިން ފުރާ ފުރިހަމަވެ ޒުވާން އުމުރަށް އެޅުމުން އެކުދިންކުރާ އެއްވެސް ކަމަކާ މައިންބަފައިން ފާޑިކިޔުން އެއީ ނާތަހްޒީބު ކަމެކެވެ. އެއީ ހަމައެކަނި ފިރިހެން ދަރިންނަށް އޮތް ކަމެކެވެ. އޭނާގެ ނަޒަރުގައި ކައިވެނި ކުރެވި ފިރިހެނެއްގެ ގެއަށް ދިޔުމާ ހަމައަށް އަންހެންދަރީގެ ހަގިގީ މަންޒިލަކީ ގޭ ބަދިގެއެވެ.

އާޓްފިޝަލް ބީޗާއި ހާމައަށް ފެންނަން އޮތް ހިސާބުގައި ހުރި ހަތަރު ބުރީގެ އިމާރާތުގެ އެންމެ މަތިން ހުރި ކޮޓަރީގެ ކުޑަދޮރުގެ ދޮރުފޮތިގަނޑު ކެހިގެން ދިޔައެވެ. އެހިނދު އަރަމުން ދިޔަ އިރުގެ އަލިކަން ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ. އެނދުގައި އޮތް އާވާ ބުމަ އާއެކު ދެލޮލަށް ރޫ އަރުވައިލަމުން ކުއިލްޓު ތެރޭގައި ބޮނޑިވެގަތެވެ. ކުއިލްޓް ތެރެއިން ފުރޭނިގެން އިރުގެ އަލިކަން އޭނާގެ ލޮލަށް އުނދަގުކުރަން ފެށުމުން ކުޝަނެއް ނަގާ ލޯމަތީގައި އަޅައިލިއެވެ.

"ދަރިފުޅާ...! އެވީ ދެން ތެދުވޭ... މިހާރު ނުވައެއްޖަހަނީ" އާވާގެ ކޮޓަރި ތެރޭގައި ހުރި ބާސްކެޓުގައި ހުރި ދާ ހެދުންތައް ނަގަމުން ހާޖަރު ވާހާކަދެއްކިއެވެ.
"އެވީ... ތެދުވާށޭ. ގިނައިރު ވަންދެން އަންހެންކުދިން ނިދުމަކީ ރީތިގޮތެއް ނޫން. އޮފީހުގައި ހުރެފައިވެސް ބައްޕަ ގުޅުއްވައިފި ދަރިފުޅު ހޭލިތޯ ބަލަންވެގެން" ހާޖަރު ވާހަކަދައްކަމުން ދިޔައެވެ.
ހާޖަރު އަނގަ ހުއްޓައިނުލާނެކަން އިނގުމުން އާވާއަށް މަޖުބޫރުވީ ތެދުވާށެވެ. އިތުރަށް އޭނާއަށް ނިދޭނެ އެއްވެސް ގޮތެއް ނެތެވެ. މަންމަ ގޮވާނެކަން އިނގޭތި އޭނާ ނިދީވެސް ހާޖަރު އަތުގައި އޮންނަ ތަޅުދަނޑިފަތި ފޮރުވާފައެވެ.
"އެވީ އަށް އިނގޭނެ މި ކޮޓަރީގެ އެންމެ ތަޅުދަނޑިއެއް ނޫންކަން މަންމަ އަތުގަ އޮންނަނީ. ދެން އާދޭ ދަރިފުޅާ ދަތްއުނގުޅައިގެން ސައިބޯން. ދާރިމް ވެސް އެބައިން މޭޒު ކައިރީގަ" ކޮޓަރިން ނިކުންނަމުން ހާޖަރު ބުނެލިއެވެ.
ކުއިލްޓް އުނގަށް ލައިގެން ދެފައި ވަށްކޮށްގެން އިން އާވާ އާ ފުރެމުން ގޮސް ފާހާނާއަށް ވަނެވެ. ފިލްމު ބެލުމަށް ރޭގަނޑު ދަންވަންދެން ހޭލާ ނޯވެވުނު ނަމައޭ އޭނާ ހިތަށް އަރަނީ ހަމައެކަނި މި ވަގުތުކޮޅުގައެވެ.

ތައްޔާރުވެގެން ކާ މޭޒު ކައިރިއަށް ދިޔައިރު ފޯނުން ގޭމް ކުޅެމުން ދާރިމް ބިސްގަނޑު ހުސްކުރަމުން ދިޔައެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. ފޯނާ ކުޅެމުން ނޫނީ އޭނާއަށް އެއްވެސް ކަމެއް ނުކުރެވެއެވެ. ހާއްސަކޮށް ކެއިން ބުއިން ކުރިއަށްދާ ވަގުތު އޭނާ ފޯނުން ކަމެއްކުރަން އަބަދުވެސް ބޭނުންވެއެވެ. އެހެންނަމަވެސް އެއީ ބައްޕަ ރިޒާ އާ ވަކިން ކެއުމުގެ ކަންތައް ކުރިއަށްދާ ވަގުތުތަކުގައެވެ.
"ލަމްބޫ... ކޮންކަމެއް އޮތީ މިއަދު؟" ދާރިމްގެ ފަހަތުން ހުއްޓުނު އާވާ ދާރިމްގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ބުނެލިއެވެ.
"އެއްކަލަ ދޮންތަ. ކިތަން ފަހަރުތަ ބުނާނީ އިސްތަށިގަނޑާ ނުކުޅޭށޭ.." ދާރިމް ނުރުހިފައި ބުނެލިއެވެ.
"އޯވް ސޮރީ ލަމްބޫ... މާ ރީތި އިސްތަށިގަނޑެއްވެސް ނޫނޭ އަދި" އެވީ އިތުރަށް ދާރިމް ރުޅިއަރުވައިލިއެވެ.
ދެކުދިން ދޭތެރޭގައި އޮތް ލޯތްބަކީ އެއީއެވެ. އާވާއަށް ނަވާރަ އަހަރު ވީއިރު އޭނާއަށް ވުރެ ތިން އަހަރު ދާރިމް ހަގެވެ. އެހެންމަވެސް ބަލާބެލުމަށް ދެކުދިން އެއްތަނެއް ތިބޭއިރު ހީވާނީ އާވާއަށް ވުރެ ދާރިމް ބޮޑު ހެންނެވެ. ދާރިމްގެ އިސްކޮޅުގައި ބަރާބަރު ފަސްފޫޓް ހަ އިންޗި ހުރިއިރު އެވީގެ ހުންނަނީ ފަސްފޫޓު ދެ އިންޗިއެވެ. ލަމްބޫ ގެ ނަމުން އެވީ ދާރިމްއަށް ގޮވަނީވެސް ދާރިމް ދިގުކަމުންނެވެ.

އިރުކޮޅަކުން ދެކުދިންނާ އެކު ސައިބުއިމުގައި ހާޖަރުވެސް ބައިވެރިވިއެވެ. ތައްޓަށް މަސްހުނި ކޮޅެއް އަޅަމުން ހާޖަރު އާވާއަށް ބަލައިލިއެވެ. އޭރު ސައި ނިންމާފައި ދާރިމް ތެދުވެގެން ސިޓިންގރޫމަށް ނިކުމެއްޖެއެވެ.
"ކިހާ އިރަކު އަނޫ އަންނަނީ؟" ހާޖަރު އަހައިލިއެވެ.
"މެންދުރުފަހު" އާވާ ބުނެލިއެވެ.
"އެވީ ވެއްޖެއްނު ތަންކޮޅެއް ރަނގަޅަށް ކާން. މީހާ ހީވަނީ ކަށިގަނޑެއްހެން. ދަރިފުޅު ތިހާ ހިކިކޮށް ހުންނަންޏާ ދުވަހަކުވެސް އިންނާނެ މީހަކު ނުވާނެ" ހާޖަރު ދައްކަންފެށި ވާހަކައަކުން އާވާ ކައިރިއަށް ހިނިއައެވެ.
"އިންނާނެ މީހަކު ހޯދަން އަދި ނުވޭ. މީހަކު ހޯދަން ހިތަށް އެރީމަ މަންމަ ގޮތަށް ފަލަވާނަން. އައިމީން ފޯޓީ ސިކްސް ކެޖީ އިން ސިކްސްޓީ ވަން ކޭޖީއަށް ބަރުވާނަން" ހީލާފައި އެވީ ބުނެލިއެވެ.
"އެބައޮތް ބައްޕަގެ މެސެޖެއް އެވީއަށް" ހާޖަރު ބުނެލިއެވެ. ދެލޮލުގެ އިޝާރާތުން އެވީ އަހައިލި ކޮންކަހަލަ މެސެޖެއްތޯއެވެ.
"ވަޒީފާއަށް އެޕްލައި ކޮށްފައި ހުރި ތަންތަނުގެ ތެރެއިން އެއްވެސް ތަނަކުން މި ހަފްތާގަ އެވީއަށް ނުގުޅައިފިއްޔާ ބައްޕަގެ އޮފީހާ އެވީ ޖެހޭނެޔޯ ޖޮއިންވާން" ހާޖަރު ބުނެލިއެވެ.
"އޯއެމްޖީ.. ސީރިޔަސްކޮށްތަ މަންމާ" ފޫހިވެފައި އަވާ ބުނެލިއެވެ.
"ނޯ އަދަރ ޗޮއިސް" ހާޖަރު ބުނެލިއެވެ.
"ނަމާދަށް އަރާފަ ދުޢާ ކުރަންވީ ދޯ އެހެންވީމަ ކޮންމެސް އެތަނަކުން ގުޅާތޯ" އެވީ ކަރު އެލުވާލަމުން ބުނި ގޮތުން ހާޖަރު ކައިރިއަށް ހިނިއައެވެ.
"ކޮބާތަ މައްސަލައަކީ ދަރިފުޅާ. އެތަނުގައި ބައްޕަ އާ އެކީގައި ދަރިފުޅު މަސައްކަތްކުރަން ފެށީމަ ބައްޕަ ކިހާ އުފާވާނެ. އާ އެކުވެރިންވެސް ލިބޭނެއްނު" ހާޖަރު ވާހަކަދެއްކިއެވެ.
"އައި ރިއަލީ ޑޯންޓް ދަރުސްތަކަށް ރަށްރަށަށް އިންވައިޓް ކުރުމާއި ދީނީ މައުލޫމާތު ދިނުމާއި.... ބްލާބްލާ..... ރިސޯޓްތަކުގަ މަސައްކަތްކުރާ އަންހެނުންނަށް ދަރުސް ދޭން ބައްޕަ އާ އެކު އަޅުގަނޑު ދާން ޖެހިއްޖިއްޔާ ވަރަށް ފޫހިވާނެ" އާވާ އަނގައަށް ގޮތެއް ހަދާލައިގެން އިނދެ ވާހަކަދައްކަމުން ދިޔައެވެ.
"ދީނީ ކަންތައްތަކަށް އެވީގެ ޝައުޤުވެރިކަން ނެތީތަ؟" ހާޖަރު އަހައިލިއެވެ.
"ނޫން މަންމާ... ވަރަށް ލޯބިކުރަން. މަންމަ އާ ބައްޕަ ދެއްކެވި ފިޔަވަޅު މަތިން ފިޔަވަޅު މި އަޅަނީ. ކުރިއަށް އޮތް ތަނުގައި ބައްޕަ އާ އެކު ނުފެންނާނެއެއް ނޫން. ހަމަ ފެނިވެސްދާނެ. އެކަމަކު އަދި ރެޑީއެއް ނޫން" އާވާ ވާހަކަދެއްކިއެވެ.

ސިޓިންގރޫމުގައި ހުރި ގަޑިއަށް ބަލައިލާފައި އަނުމްގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. އާވާ ކައިރީގައި ދާނަމޭ ބުނި ގަޑިއަށް ދާން އޭނާ ބޭނުމެވެ. އޭނާގެ ހަތް އަހަރުގެ އެއްބަފާ ކޮއްކޮ އަލަމްއަކީ އޭނާގެ މުޅި ދިރިއުޅުމުވެ. އަލަމްގެ އަށްވަނަ އުފަންދުވަހަށް އޭނާގެ ފަރާތުން ކާޑެއް ހަދިޔާކުރަން ނިންމީ އަލަމް އަކީ ބަލިކަށި ކުއްޖަކަށް ވާތީ ހިތްހަމަޖައްސައިލުމަށެވެ. އެކަމުގައި އޭނާއަށް އެހީތެރިވެދެނީ އާވާއެވެ.
"އެއްޗެހި ދޮންނަން އެޅީތަ މިހާރު؟" ކޮޓަރިން ނިކުތް ފަލަކްނާޒް އަނުމްއަށް ބުނެލިއެވެ.
"ނިމިއްޖެ. އިރުކޮޅަކުން ރޯނުގަ ފަތުރާނަން" އަނުމް ބުނެލިއެވެ.
"މިހާރު އާރިޔަންގެ ކޮޓަރި ސާފުކޮށްފިންތަ؟" ފަލަކްނާޒް އިތުރަށް އަހައިލިއެވެ. އޭނާ ހުރީ ޖިމަށް ދާ ހެދުމުގައެވެ.
"އަހަރެން އަތުގައިވެސް ދެއަތް އޮންނަނީ. ވާ ވަރަކުން ވާނީ. އަހަރެން މީ ރޮބަޓެއްނޫން" ހިތްހަމަނުޖެހިފައި އަނުމް ވާހަކަދެއްކިއެވެ.
"ލަދެއްވެސް ނުގަނޭތަ ތި ފާޑަށް އަހަރެންނާ ވާހަކަދައްކަން" ފަލަކްނާޒް ހަޅޭއްލަވައިގަތެވެ.
"ސޮރީ... ދެން މިތާ ހުރެގެން ވާހަކަދައްކަންޏާ އަހަރެންނަށް ލަސްވާނީ. ތަނަކަށްދާން އެބަޖެހޭ" އަނުމް ބުނެލިއެވެ.
"ތިދާތަނަކަށް ދާން އަހަރެން އަނުމްއަށް މަނައެއް ނުކުރަން. އެކަމަކު ދާންވާނީ އަހަރެން ބުނި ހުރިހާ ކަމެއްކޮށް ނިންމާފަ" ދަބަސް ކޮނޑު އަޅުވައިގެން ފަލަކްނާޒް ނިކުތުމުން އަނުމް ތުން އަނބުރައިލިއެވެ. އިރުއަރައިގެން ގޮސް އަނެއް ރޭ ނިދާ ވަގުތާއި ހަމައަށް ވެސް ފަލަކްނާޒް އެބުނާ މަސައްކަތްތަކެއް ހުހެއް ނުވާނެއެވެ.

ތައްޔާރުވެގެން ކޮޓަރިން ނިކުންނަމެފައި އަނުމް ސިޓިންގރޫމުގައި ހުއްޓުނެވެ. ގޭތެރޭގެ ހުރިހާ ދިމާލަކަށް ކަޅި ހިންގައިލިއެވެ. ސޯފާ ކައިރީގައި ހުއްޓުމަށްފަހު ފަލަކްނާޒް ބުނި ހުރިހާ ކަމެއް ކުރެވުނުތޯ ޔަގީން ކޮށްލިއެވެ.
"މުޅި ގެ ފޮޅާ ސާފުކުރެވުނު. މެންދުރަށް ކެއްކުނު. ފުރޭތަ ކޮޓަރި ސާފުކުރެވުނު. ސަންތިގެ ގަސްތަކަށް ފެން ނުދެން. ރަނގަޅީވެސް ގަސްތައް މަރުވިއްޔާ. އައި ޑޯންޓް ކެއަރ" އިނގިލި މަޅަމުން އަނުމް ވާހަކަދައްކަމުން ދިޔައެވެ. އޭނާ ސަންތިގެ ނަމުން މުހާތަބްކުރަނީ ފަލަކްނާޒަށެވެ. އެކަމަކު އެއީ ހަމައެކަނި އާވާ ކައިރީގައި ހުންނަ ވަގުތުތަކުގަ އާ އޭނާ އެކަނި ހުންނައިރުއެވެ. ފުރޭތައިގެ ނަމުން އޭނާ މުހާތަބްކުރަނީ ފަލަކްނާޒްގެ ދޮށީ ފިރިހެންދަރި އާރިޔަން އަށެވެ. އާރިޔަން ރަށުގައި ހުންނަނީ ވަރަށް މަދުންނެވެ. މަސައްކަތްކުރަނީ ރިސޯޓެއްގައެވެ. ގޭގައި ހުންނަ ދުވަހެއްވިއްޔާ އާރިޔަންގެ ކަމަކީ އަނުމް އާ ފްލާރޓްކޮށް ރުޅިއެރުވުމެވެ.

ގެއިން ނިކުންނަން އެއް ފިޔަވަޅު އަޅާލި ވަގުތު އާރިޔަން ވަދެގެން އަންނަތަން ފެނުނެވެ. ނުލަފާ ޒާތަކަށް ހިނިއައިއްސަ ހުރިއިރު ކުރިމަތީގައި ހުރި އަނުމްގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ.
"ފުރޭތަ އަރައިފި" އަނުމް ހިތާހިތުން ކިޔައިލިއެވެ.
"ވާއު..." ލޮލުގައި އޮތް އަވި އައިނު ނަގަމުން އާރިޔަން ބުނެލިއެވެ.
"ކޯޗެއް ތިބަލަނީ ދެލޯ ވަށްކޮށްފައި" އަނުމް އާރިޔަނަށް ހަޅޭއްލަވައިގަތެވެ.
"އަނޫ ކުރިން ބެލީ މަ މަވެސް ބަލާނެއްނު" އާރިޔަން ބުނެލިއެވެ.
"އައްޗީޑި މަ މިއުޅެނީ މޮޔަވެގެންތަ ފުރޭތައަކަށް ނުބެލިގެން. ހީވަނީ ވެލިގަލަށް ގޮސްފައި އައިހެން ވިއްޔާ.." އަނުމް ވާހަކަދެއްކިއެވެ.
"ހެވެއްނު ވެލިގަލަށް ގޮށްސަ އަޔަސް. އަނުމް ތިކަނީ އަހަރެން ކުރާ މަސައްކަތުން ފޮނުވާ ލާރިން ވިއްޔާ" އާރިޔަން ވާހަކަދެއްކިއެވެ.
"އަހަރެން ދުވަހަކުވެސް އާރިޔަންގެ ފައިސާއަކު ނުޖެހޭނަން. އަހަރެންގެ ބައްޕަ ސަރުކާރުގެ ވަޒީފާގައި އުޅޭތާ ތިރީހަކަށް އަހަރުވަނީ މިހާރު. އަހަރެން ބޭނުންކުރަނީ އަދިވެސް އަހަރެންގެ ބައްޕަ ހަލާލު މަސައްކަތުން ހޯދާ ފައިސާ" އަނުމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
"ރުޅިމަޑުކޮށްބަލަ. ކޮންތާކަށް މާ ހެދިލައިގެން ތިދަނީ. ކިތަންމެ ވަރަކަށް މޫނުގަ ފުށްޖަހައިގެން ހުއްޓަސް ރީތި މީހެއްނޫން ތީކީ" އާރިޔަން ކޮނޑުގައި އޮތް ދަބަސް މައިދޮރު އެއްފަރާތުގައި ހުރި ޖޯއްޔަށް ވައްޓައިލަމުން ބުނެލިއެވެ.
"ފުރޭތައަށް ކީއްތަ އަހަރެން ކޮންމެތާކަށް ދިޔަސް" އަނުމް ހިނގައިގަތެވެ.
"ދެވޭނީ އަހަރެން އެއްޗެއް އިސްތިރިކޮށްދީފަ" އާރިޔަން ބުނެލިއެވެ.

އިރުކޮޅަކު ބުޅާ މަސްގަނޑަށް ބަލާ އުސޫލުން އާރިޔަންގެ މޫނަށް ބަލަން ހުރުމަށްފަހު އަނުމް އެތެރެއަށް ވަނެވެ. އާރިޔަން އެބުނާ އެއްޗެއް އިސްތިރިކޮށް ނުދީފިއްޔާ އޭނާ މަރުވެގެން ކަށްވަޅުގައި ހަމަޖެހިގެން އޮތަ ފަލަކްނާޒް ނުދޭނެއެވެ.
އަނުމްގެ ފަހަތުން އާރިޔަން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަޔަންބޯޑު ފަތުރާލުމަށްފަހު އާރިޔަން ދިން ޖިންސު ފަތުރާލިއެވެ. އިސްތިރިކުރަން ފެށުމުގެ ކުރިން އޭނާ އާރިޔަން ލެއްޕި ދޮރު ހުޅުވާލިއެވެ.
"އޭސީ ޖައްސާފައި ހުރީމަ ދޮރުލެއްޕީ" އެނދުގައި އަނުމްގެ ހަރަކާތްތަކަށް ބަލަން އިން އާރިޔަން ބުނެލިއެވެ.
"އަހަރެން މިތަނުން ނިކުންނަންދެން ދޮރު ބަހައްޓަންޖެހޭނީ ހުޅުވާފަ. އެހެންނޫނީ މަށެއް މިތާކު ނުހުންނާނަން" އަނުމް ބުނެލިއެވެ.
"ފާގަދިޔަ ބޯންވީނުން" އާރިޔަން ބުނެލިއެވެ.
އަނުމް އެއްޗެއް ނުބުނެއެވެ. އޭނާ އާ ދާދި ކައިރިން ހިނގާލާފައި އާރިޔަން އަލަމާރި ކައިރިއަށް ޖެހުނު ވަގުތު އާރިޔަންގެ އަތް އަނުމް ލައިގެން ހުރި ހެދުމުގައި ހޭކިލިއެވެ.
"ކީއްތިކުރަނީ؟ އަހަރެން ގައިގަ އަތްނުލާތި؟" އިސްތިރިކުރުން ހުއްޓާލާފައި އަނުމް ބުނެލިއެވެ.
"އަތްލިޔަސް ކީއްކުރެވޭނީ. މިގޭގަ އެއްވެސް މީހަކު ހުރީކީނޫން. އަހަރެންނަށް ބޭނުންގޮތެއް ހެދިދާނެ"" އަލަމާރި ކައިރީގައި ހެވިފައި އިން އާރިޔަން ބުނެލިއެވެ.
"މާ ތާހިރުވާނެ ތި އިސްތަށިގަނޑު ކަޅުކޮށްފަ ކޮށައިފިއްޔާ" އަނުމް އަނގައިން ދެރަވާން ބޭނުމެއް ނުވިއެވެ. އެހެންމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއްް ހިނގައިލިއެވެ. އެބުނާހެން މިވަގުތު ގޭގައި ތިބީ އޭނާ އާ އާރިޔަން އެކަންޏެވެ. އާރިޔަން އޭނާއަށް ކޮންމެގޮތެއް ހެދިޔަސް މިވަގުތު ސަލާމަތްކުރަން އަންނާނެ އެއްވެސް މީހަކު ނެތެވެ. އަނުމް ނުތަނަވަސް ވިކަން އިނގުމުން އާރިޔަންއަށް އިތުރަށް މަޖާވިއެވެ.

"ސީރިޔަސްކޮށް މިއަދު ވަރަށް ރީތި. ކީއްކުރަން ތިހާ ބޮޑެތި ހެދުން ލަނީ. ނިކަން އާދެބަލަ އަހަރެންގެ ޓީޝާޓަކާ ބޮކްސާއެއް ލައިގެން. އަނުމްއާ މާގުޅޭނެ. ދެކުދިން މިއަދު ގޭގައި މަޖާކޮށްލާނީ" އެއްފިޔަވަޅު އަނުމް އާ ގާތަށް އަޅައިލަމުން އާރިޔަން ވާހަކަދެއްކިއެވެ.
"އައްޗީޑި ދައްކާ ހަޑި ވާހަކަ.... މިއުޅެނީ ފުރޭތަގެ ބޮކްސާއެއް ވިއްޔާ ނުލެވިގެން. ނާންނާތި ކައިރިއަށް. ހުވާ މިބުނީ އިސްތިރި ޖައްސާނަން" އަނުމް އާރިޔަން އާ ދިމާލަށް އިސްތިރި ދިއްކޮށްލަމުން ބުނެލިއެވެ.
"އަނުމްގެ އަތުން ހެޔޮ ކިތަންމެ ވަރަކަށް އިސްތިރި ޖެއްސިޔަސް. މިއަދު ސަލާމަތެއްނުވޭވެ" އާރިޔަން ކައިރިއަށް އައުމުން އަނުމްއަށް ހުރެވުނު ތަނެއްވެސް ނޭނގެއެވެ. ތިރިއަށް އިސްތިރި ދޫކޮށްލުމަށްފަހު ދުއްވައިގަތެވެ. ލޯމަތިން އަނުމް ގެއްލުމާއެކު އާރިޔަން ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ ހުނުން ކޮންޓްރޯލް ކުރަމުން ގޮސް އެނދަށް އުއްޑުން ވެއްޓިގަތެވެ. އަނުމް ރުޅިއަރުވާ ރޭރު ކޮށްލެވުމުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބެނީ ކީއްވެކަމެއް އޭނާއަށް ނޭނގެއެވެ.

ދެފަރާތަށް ކެހިގެން ދިޔަ ބިއްލޫރި ދޮރުން ވަދެގެން އައި ޒުވާނާ ފެނި އެވަގުތު އޮފީސް ތެރޭގައި ތިބި ހުރިހާ މުވައްޒަފުން ކޮޅަށް ތެދުވެ ހެނދުނުގެ ސަލާމް ގޮވަމުން ދިޔައެވެ. އޭނާ ސީރިޔަސް މޫނަކާއެކު ސަލާމް ބަލައިގަންނަމުން ގޮސް އޭނާއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަނެވެ.
ޒުވާނާއަކީ މާގިނައިން މީހުންނާ ވާހަކަދައްކާ މީހެއް ނޫނެވެ. ހާއްސަކޮށް އޭނާގެ ދަށުން މަސައްކަތްކުރާ އަންހެންކުއްޖަކަށް އޭނާ އޮޅިގެންވެސް ބަލައިނުލައެވެ. އެހެންމަވެސް އޭނާއަކީ ހަރުކަށި ވެރިއެއްވެސް ނޫނެވެ. އެކަން އިނގެނީ އޭނާގެ ދަށުން އޮފީސް ތެރޭގެ ހުރިހާ ކަމެއް ބަލަން ހަވާލުކޮށްފައި ހުންނަ ޝާނިމް ކަހަލަ މަދު މުވައްޒަފަކަށެވެ.

ބެލް އަޅައިލުމާއެކު ޒުވާނާ އިން ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ވަދެގެން އައި ޝާނިމް ފެނި ޒުވާނާގެ ތުންފަތަށް ހިތްހެޔޮ ހިނިތުންވުމެެއް ވެރިވެގެން ދިޔައެވެ. ޝާނިމްގެ ފަހަތުން ވަދެގެން އައި އުމުރުން ދުވަސްވީ ފިރިހެން ވެއިޓަރެއް ޒުވާނާގެ ކެބިންގެ އެއްފަރާތުގައިވާ ބިއްލޫރި ކުޑަ މޭޒު މަތީގައި ކޮފީ ތައްޔާރުކުރަން ބޭނުންވާ ހުރިހާ ސާމާނެއް ބެހެއްޓިއެވެ.
"މިހާރު ހުންގަނޑު މައިތިރިވީތަ؟" ވެއިޓަރއަށް ބަލައިލަމުން ޒުވާނާ އަހައިލިއެވެ. ވެއިޓަރ އަލްހަމްދުލިﷲ އޭ ބުނެ ނިކުންނަން ހިނގައިގަތެވެ.
"ސަރ. ޖޮބަށް އެޕްލައި ކޮށް ހަމައެކަނި ފޯމް ހުށައަޅާފައި އެބައިން ވިއްސަކަށް ކުދިން. މެއިލްވެސް އެބަހުރި ފުދޭވަރަކަށް. އަދި އަޅުގަނޑަށް ޗެކް ކޮށްނުލެވޭ" ޒުވާނާގެ އެއްފަރާތުން ހުއްޓި ހުރި ޝާނިމް ވާހަކަދެއްކިއެވެ.
"ކިހާ އިރަކު ސައިބޯން ދަނީ" ޝާނިމްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ޒުވާނާ ވާހަކަދެއްކީ އޭނާ ދެއްކި ވާހަކަތަކާ ގުޅުވައިގެނެއް ނޫނެވެ.
"މިއަދުގެ ޝެޑިޔުލް ސަރ އަށް ކިޔާލަދީފަ ދާންވީ ސައިބޯން" ޝާނިމް ބުނެލިއެވެ.
"ހެނދުނު ހެނދުނާ ކޮފީ ތައްޓެއް ބޯލީމަ ވަރަށް މައިންޑް ފްރެޝްވާނެ. ތި ފައިލްތައް ބަހައްޓާފައި އާދެބަލަ މަށާއެކު ކޮފީއެއް ބޯލަން" ޒުވާނާ އެދުނެވެ. އަތުގައި އޮތް ފައިލް ޝާނިމް އަތުން ނެގުމަށްފަހު ޒުވާނާ ބުނެލިއެވެ. ޝާނިމް ހިނގައިގަތެވެ.

ކެބިން ތެރޭގައި ކަޅު ކޮފީގެ ހިތްގައިމު ވަސް ފެތިރެގެން ދިޔައެވެ. އިތުރު ކާއެއްޗަކަށް ބޭނުންނުވާ ފަދައިން އިންސާނާގެ ބަނޑު ފުރޭހާ ހިތްގައިމު ވަހެކެވެ. އިސާހިތަކު ވަސްގަނޑު މުޅި އޮފީސް ތެރެއަށް ފެތުރިގެން ދިޔައެވެ.
"ވީކެންޑް ކިހިނެއް ދިޔައީ؟" ކޮފީތަށި ހިފައިގެން ސޯފާގައި އިށިންނަމުން ޒުވާނާ އަހައިލިއެވެ.
"ވަރަށް ސަޅި. މަންމަ ކައިރިއަށް ދެވުނީމަ ވަރަށް ހެޕީ" ޝާނިމް ހީލަމުން ބުނެލިއެވެ.
"ޝާނިމް! މި އޮފީހުގަ އަހަރެންނަށް މިގޮތަށް މިހާ އޯޕެންކޮށް ވާހަކަދައްކާލެވޭ ހަމައެކަނި ފަރާތަކީ ތީ. ވަރަށް އުފާވާނެ ޝާނިމްވެސް ފްރެންޑެއް ގޮތަށް ދެކިގެން އުޅުނިއްޔާ އެހާ ރަސްމީ ނުވިއްޔާ ރަނގަޅީ" ޒުވާނާ ވާހަކަދައްކަމުން ދިޔައެވެ.
"އެކަމަކު ސަރ..." ޝާނިމް އެއްޗެއް ބުނަން އުޅުނެވެ.
"އޮފިސް ތެރޭގައި ތިގޮތަށް ސަރ ކިއިޔަސް އޯކޭ. އެކަމަކު ޕްލީޒް އެހާ މާތް ބަހުން ވާހަކަނުދައްކާ. އަހަރެމެން ދެމީހުންވެސް ހެއްދެވީ ހަމަ އެއްފަރާތަކުން. މަރުވެގެން ދިޔައިމަވެސް ދެމީހުންވެސް ލާނީ ފަސްގަނޑުގެ ދަށަށް. އެހެންވީމަ ޕްލީޒް އިނގޭ" ޒުވާނާ އެދުނެވެ. ޝާނިމް ބޯޖަހައިލިއެވެ.
ދެފަރާތުގައި ޕާޓިޝަން ޖަހާފައިވާ އޮފީސް ތެރޭގެ މެދުގައި އޮތީ މަގެއްހެން ހިނގާ މީހުންނަށް ހާއްސަކޮށްފައެވެ. އެންމެ ފަހަތުން ފާހާނާ ބަރިތައް ހުރިއިރު ތިންވަނަ ފްލޯރ ހާއްސަކޮށްފައިވަނީ ރެސްޓޯރަންޓަކަށެވެ.

ސުހާއާއި ހަމްނާ ފާހާނާއިން ނިކުމެގެން އައީ އެކުއެކީގައެވެ. ދެމީހުންގެ ތުންފަތް ރަތްކުލައިގެ ލިޕްސްޓިކަކުން ފަވާލާފައިވާއިރު މޫނު ވަނީ ފައުންޑޭޝަންގެ ބާރުގައި ހުދުކޮށްލާފައެވެ. އެދެކުދިންނަކީ އެ އޮފީހުގެ އެންމެ ގިނަ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ ދެ ކުދިންނެވެ. އޮފީހަށް އެންމެ ފުރަތަމަ ގުޅުނު އަންހެން ދެ ކުދިންނެވެ. އޮފީހުގައި އުޅޭ މުވައްޒަފުންގެ ތެރެއިން ދޫ ހިމޭނުން ނުބޭއްވޭ ހަމައެކަނި ދެ މުވައްޒަފުންނެވެ.
"ބަލާބަ އެއްކަލަ ސިޔާދު. އޮފީހަށް ވަނުމަށްފަހު އޭނާ މަސައްކަތެއް ކުރާތަނެއް ނުފެންނާނެ. އަބަދު އިންނާނީ އެ ރައުހާ މޭޒު ކައިރީގަ" ސުހާ މޭޒު ކައިރީގައި އިށީންނަމުން ދުރުގައި ހުރި ސިޔާދު ހަމްނާއަށް ދައްކައިލިއެވެ. ސިޔާދަކީ މެއިންޓެނަންސް ބައިގައި އުޅޭ ކުއްޖެކެވެ.
"މަގޭވެސް ހިތަށް އެރި ތިހެން. މަށަށް ހީވަނީ އެ ސިޔާދު ހުންނަނީ ރައުހާ އާ އަޅައިގަނެފަހެން. އޭނަވެސް އެވަރަށް ތުއިދެއްކެއޭ" ހަމްނާ ސުހާ އާ ބައިވެރިވިއެވެ.
ކުއްލިއަކަށް ދެކުދިން އެއްކޮށް ހިމޭންވީ އޮފީހުގެ ވެރިޔާ ކޮޓަރިން ނިކުމެގެން އަންނަތަން ފެނުމުންނެވެ. އިސްޖަހާލައިގެން ޒުވާނާ ދަންދެން މުޅި އޮފީސްތެރެ އޮތީ ހިމޭންވެފައެވެ. ވާނީވެސް އެހެންތާއެވެ. މީގެ ހަ އަހަރު ކުރިންވެސް އެ އޮފީސް ހިންގިއެވެ. ހާލަތު ބަދަލުވުމުގެ ސަބަބުން އެ ވިޔަފާރި އަޑިއަޅާލުމަށްފަހު ކޮޅަށް ޖެހީ މީގެ އަހަރެއް ވަރު ކުރިންނެވެ. ކުރިން އެ އޮފީހުގެ ބޮޑު މީހާ ކުއްލި މަރެއްގައި ނިޔާވެފައި ވިޔަސް މިހާރު ހަވާލުވެ އެ ހުންނަނީ ވެރިޔާގެ ފިރިހެން ދަރިއެކެވެ. މިހާރު އެ އޮފީހުގެ އެންމެ އިސްވެރިޔާއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ކާމިޔާބީއެއް ހޯދައިފިއެވެ.

"މަގޭ ހިތަށް އަރާ އަހަރެމެންގެ އޮފީސް ވެރިޔާ މިއީ އަނެއްކާ ފިރިހެނެއްބާއޭ. ދުވަހަކުވެސް އަހަރެން ނުދެކެން އޭނަ އިސްއުފުލައިގެން ހުއްޓަ. އަލަށް ވަންނަ ކުދިންނާ އިންޓަވިއު ވެސް ނުކުރާނެ އޭނަ" ސުހާ ވާހަކަދެއްކިއެވެ.
"ފޮނި ބޮޑާ މީހެއް ކަންނޭނގެ ދޯ. އަނެއްކާ މެރީކޮށްގެންތަ އުޅެނީ؟ އަންހެނުން ބުނީ ކަންނޭނގެ ދޯ އޮފީސްތެރޭގައި އަންހެންކުދިންނަށް ނުބަލާށޭ" ހަމްނާ ބުނެލިއެވެ.
"ހެހެހެ...ވެދާނެ...." މަލާމާތުގެ ހީލުމަކުން ހީލަމުން ސުހާ ބުނެލިއެވެ.
"ސުހާމެންނަށް ތިނޫން މަސައްކަތެއް މި އޮފީހުގައި ކުރަން ނޯންނަނީތަ؟ އޮފީހުގެ ބޮޑުމީހާ އާ ގުޅޭގޮތަށް ފާޑުފާޑުގެ އެއްޗެހި ނުކިޔާ ކުރަން ހުރި މަސައްކަތްތައް ނިންމޭތޯ ބަލާ" ދެކުދިންނަށް ކުރިމަތިލައިގެން ހުރެ ޝާނިމް އެންގިއެވެ.
ސުހާ އާ ހަމްނާ އެކަކު އަނެކަކަށް ބަލައިލާފައި އަވަހަށް އިށީނެވެ. ޝާނިމް ދިޔުމާއެކު ދެކުދިން ކައިރިއަށް އައީ ހިންޏެވެ.
"ބޮސް ގެ މައިބޯއީ.." ސުހާ ވައި އަޑުން ޙަމްނާ ކަންފަތް ކައިރީގައި ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟