ސިއްހަތު

އަންނަ މަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް، އިންޒާރުގެ ފޮޓޯ ނުޖަހައި ވިއްކުން މަނާ!

އާނިފާ ހުސެއިން ސިރާޖް

މިއަންނަ މަހުން ފެށިގެން ސިއްހަތުގެ އިންޒާރު ހިމަނައި، ފޮޓޯޖަހާފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" ގެ ދަށުން އާންމުކޮށް އިއުލާނުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ޖަހައިގެން މެނުވީ މިއަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއްގެ ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމުގައެވެ.

ކުރީގެ ސިނގިރޭޓު ފޮށިތަކުގައި އިންޒާރުގެ ގޮތުގައި ހުންނަނީ ލިޔުމެއް ހިމަނާފައެވެ. ނަަމަވެސް މި ގަވާއިދުގެ ދަށުން އަންނަ މަހުން ފެށިގެން އިންޒާރާއެކު ފޮށީގައި ނުވަތަ ޕެކެޓުގައި ފޮޓޯއެއް ޖެހުން ލާޒިމުކުރެއެވެ. އަދި މި ގަވާއިދަށް އަމަލު ނުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓި ބޮޑުކުރުމަށްވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.