ގައިންގަޔަށް އަރާ ބައްޔެއް ކަމުގައިވާ ހެޕަޓިޓިސް ބީ އަށް ބޭނުންވާ ބޭސް އައިީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ފާމަސީން އާސަންދަ މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ޑޮކްޓަރެއްގެ ބޭސް ސިޓީ ހުށަހެޅުމުން ހެޕަޓިޓިސް ބީ އަށް ފަރުވާކުރުމަށް ބޭނުންވާ ބޭސް އައިޖީއެމްއެޗްގައި ހުންނަ އެސްޓިއޯގެ ބޭސްފިހާރައިން އާސަންދައިގެ ހަރަދުގެ ދަށުން މިހާރު ހިލޭ ލިބޭނެ ކަމަށެވެ.
ހެޕަޓިޓިސް ބީ އަކީ ގައިން ގަޔަށް އަރާ ވައިރަލް އިންފެކްޝަނެކެވެ. ހެޕަޓިޓިސް ބީ އަކީ ލިވާ އަށް ޖެހޭ އިންފެކްޝަނެކެވެ. އެގޮތުން ހެޕަޓިޓިސް ބީގެ ސަބަބުން ލިވާ ފެއިލް ވުމުގެ އިތުރުން ކެންސަރަށް މަގުފަހިކުރެއެވެ.
ހެޕަޓިޓިސް ބީ ފެތުރެނީ އެ އިންފެކްޝަން ހުރި މީހެއްގެ ލޭ ނުވަތަ އެހެންވެސް ބޮޑީ ފުލުއިޑަކާ އެހެން މީހަކު ކޮންޓެކްޓް ވުމުންނެވެ. ހެޕަޓިޓިސް ބީ އެންމެ އާންމުކޮށް ޖެހެނީ ވިހެއުމުގެ ތެރޭގައި މަންމަގެ ފަރާތުން ކުއްޖާއަށެވެ.