ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަންވެ ވަޑައިގެންނެވީ، ކަންކަން އިސްލާހުކުރެއްވުމުގެ ވިސްނުންފުޅެއްގައި ކަމަށާއި އެހެން ނަމަވެސް ގާސިމް އިބްރާހީމްގެ ރެކޯޑު ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.
ފާރިސް ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރަން ޕީޕީއެމް ގެ މެންބަރުން ވެސް އިއްޔެ ވަނީ ވޯޓުދެއްވައިފަ އެވެ.
ހާމިދު ފާހަގަކުރެވިފައި ވަނީ ކޯލިޝަން ތެރޭގެ އެކި ކަންކަމާ ގުޅޭގޮތުން ވަރަށް ފާޅުގައި ޚިޔާލުފާޅުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
"ރައްޔިތުންގެ މަޖިލީހުން މި ވަނީ މަޖިލީހުގައި ފުރަތަމަ ދައުރު ހޭދަކުރައްވަމުން ގެންދަވާ މެންބަރު ފާރިސް ޖޭއެސްސީ އަށް އައްޔަންކުރަން ފާސްކޮށްފަ. އެކަމަކު މަޖިލީހުގެ ސްޕީކަރުގެ ހައިސިއްޔަތުން ޖޭއެސްސީއަށް ވަޑައިގަންނަވާ އަނެއް މެންބަރު، ގާސިމްއާ މެދު މާބޮޑު އެއްޗެއް ބުނެވޭކަށް ނެތް. އެބޭފުޅާގެ ރަނގަޅު ޓްރެކް ރެކޯޑެއް ނެތް." ހާމިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.