ތ. އަތޮޅު ހޮސްޕިޓަލުގައި ޑެންޓަލް ހިދުމަތް އިފުތިތާހު ކުރައްވައިފިއެވެ.
ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑެންޓަލް ހިދުމަތް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ދަތުގެ ފަރުވާ ހޯދުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަލިމީހުން މާލެ އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ދާން ޖެހޭކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ، މިފަދަ ހިދުމަތެއް ގާއިމްކުރުމުން، އާންމުގޮތެއްގައި ދަތުގެ ފަރުވާ ދިނުމަށް ކުރަން ޖެހޭ ފަރުވާ ތ. އަތޮޅު ހޮސްޕިޓަލުން ލިބިގެންދާނެކަމަށެވެ.
މިފަދަ ޑެންޓަލް ސެޓަޕެއް ގާއިމްކުރުމަށްޓަކައި މިލިއަނެއްހާ ރުފިޔާ ހަރަދުވެގެންދާނެކަން ފާހަގަކުރައްވައި ހެލްތް މިނިސްޓްރީން ބުނީ، ތ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރެވިގެން މިދިޔަ ހިދުމަތަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮށްފައިވާ ޑެންޓަލް ސެޓަޕެއް ކަމަށެވެ.
މިވަގުތު ފަސް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ދެ މެޑިކަލް އޮފިސަރުން އަދި 11 ނަރުހުންގެ އިތުރުން ޓެކްނިކަލް ނުވަ މުވައްޒަފުން ތ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަމަށް ހެލްތު މިނިސްޓްރީ ބުންޏެވެ.