ޝަހީދާ އަބްދުﷲ ސައީދު
ރާއްޖެއަށް އަހަރަކު 1.6 ބިލިއަން ރުފިޔާގެ ސިގިރެޓް އެތެރެކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށެވެ. އަދި އޭގެތެރެއިން އެންމެ ގިނަ ބަލިތަކަކީ ދުންފަތާ ގުޅިފައިވާ ބަލިތައްކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ދުނިޔޭގެ ނިސްބަތަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް އެންމެ ގިނައީ ރާއްޖޭގައި ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.
އަދި އަހަރަކު ރާއްޖެއަށް 460 މިލިއަނަށްވުރެ ގިނަ ސިގިރެޓް އެތެރެކުރާކަމަށާއި މިއީ 1.6 ބިލިއަން ދިވެހި ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
''ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އިންސައްތަ އެންމެ މަތީ އެއް ގައުމު. ރާއްޖެއަށް އަހަރަކު 460 މިލިއަނަށްވުރެ ގިނަ ސިގިރެޓް އެބަ އެތެރެކުރެވޭ. އެއީ އަޅިއަށް ހަދާ އިސްރާފުކުރެވޭ 1.6 ބިލިއަން ރުފިޔާ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޖުތަމައަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެއީ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެނުރައްކާތެރިކަން ނައްތައިލުމަށް އެންމެން ތެދުވަންޖެހޭ ކަމަށާއި އެކަމުގައި މުހިންމު ދައުރެއް ހޮސްޕިޓަލުތަަކުން އަދާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ގައިންގަޔަށް ނާރާ ބަލިތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކޮށް، ކެއިން ބުއިމުގައި ސިއްހަތަށް ފައިދާ ހުރި ގޮތް އިހުތިޔާރު ކުރުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ގައިންގަޔަށް އަރާ ބަލިތައް ރާއްޖެއިން ނައްތާލެވުނީ ސިއްހީ ހިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާ އެކަން ކުރެވުނީ ހޭލުންތެރިކުރުވަން ދޮރުން ދޮރަށް ހިނގައިގެން ކަމަށެވެ.
އަދި ރާއްޖޭގައި ސިއްހީ ހިދުމަތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ކުރީގެ ހެލްތްވޯކަރުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެދުވަހު ހެލްތްވޯކަރުން ކުރި މަސައްކަތް މިއަދުވެސް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މީހުން ހޭލުންތެރިކުރުވުމަށް ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ސިއްހީ ހިދުމަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.