ސިއްހަތު

އަސާސީ ބޭސްތަކުގެ އަގު 33 އިންސައްތަ ދަށްކުރަނީ

އާނިފާ ހުސެއިން ސިރާޖް

މިދިޔަ އަހަރާ އަޅާބަލާއިރު، އަސާސީ ބޭހުގެ އަގު 33 އިންސައްތަ ދަށްކުރުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސްއޭޕީގެ ސިއްހަތުގެ ބައިން ޖުމުލަ 11 ކަމެއް ހާސިލް ކުރުމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ނިޔަލަށް، މިދިޔަ އަހަރާ އަޅާބަލާއިރު އަސާސީ ބޭހުގެ އަގު 33 އިންސައްތަ ދަށްކުރުމަށް ވަނީ ހިމަނަފައިފަ އެވެ.

ބައްޔާއި ނުކުޅެދުންތެރިކަން އަދި އުމުރު ކުރުވުން (ޑީއެލްއޭވައި) އަދި އެންސީސީ ތައް (އިންޖަރީވެސް ހިމަނައިގެން) މުޅި ގައުމުގެ "ޑިޒީޒް ބާރޑަން" 78 އިންސައްތައަށް އަރާކަމަށް އެސްއޭޕީގައި ބުނެފައިވެއެވެ.

ސިއްހީ ދާއިރާއަށް ހުރި ބޮޑެތި ގޮަންޖެހުންތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްނުދެވުން ހިމެނޭކަމަށް އެސްއޭޕީގައި ބުނެފައިވާއިރު، މިކަން ނައްތާލައި އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަށް ވަނީ ހިމަނައިފަ އެވެ.

ރާއްޖެއިން ބޭރުން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނަށް ހިނގާ ހުރިހާ ހަރަދެއް ދައުލަތުން ހަމަޖައްސައިދޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމްކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ސަރުކާރުން ރޭ ތަައާރަފުކުރި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެ ފަސް ބަޔަކީ، ނޫ އިގުތިސާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަމެވެ.