ރައީސް ނަޝީދު ރާއްވަވަމުން އެގެންދަވަނީ އެމަނިކުފާނު އެ ވިދާޅުވާ ނުފޫޒު ފޯރުވާ މަހުޖަނު ރުޅި އަރުވައި ބޭރުކޮށްލައްވާނެ ރޭވުމެއް ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.
ސިއްދީގު މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.
ސިއްދީގު މިހެން ވިދާޅުވި އިރު، ރައީސް ނަޝީދު މިއަދު ހއ. ދިއްދޫގައި ވާހަކަަފުޅުދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ހަލާކު ކުރަނީ ވިޔަފާރިވެރީންގެ ފައިސާއިންނެވެ. މައްސަލަ އަކީ ރިޝްވަތުދޭ މަހުޖަނު ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ.
ސިއްދީގުގެ ޓުވީޓުގައި ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅުވައިގެން ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.
"ނަޝީދު މި އިޝާރާތް ކުރަނީ ކާކަށް؟ މަހުޖަނޭ ބުނެވެނީ ކާކަށް؟ މަހުޖަނަކަށް ވެގެން ހުރިހާ ސަރުކާރުތަކަށް ލަނޑު ދެނީ ކާކު؟ ތޮޅެން ފެށީދޯ؟" ސިއްދީގުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.