ޝަހީދާ އަބްދުﷲ ސައީދު
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި މައްސަލައިގައި ކުރިމިނަލް ކޯޓު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުރިމިނަލް ކޯޓު ސަރަހައްދުން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފައިވާއިރު، މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ކުރިމިނަލް ކޯޓު ސަރަހައްދުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، ސިއްދީގަށް މީހަކު ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ސިއްދީގު ވަނީ ވިދާޅުވެފައެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ސިއްދީގު ވިދާޅުވީ އޭނާއަށް ހަމަލާދީފައިވަނީ ކުރިމިނަލް ކޯޓު ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް، ބަހުގެ ހަމަލާތަކެއް ދޭން ފެށުމުން، ސައިކަލު މަޑުކޮށްލި ވަގުތު ކަމަށެވެ.
ސިއްދީގު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސުމިތު) އެވެ. އަދި ސައިކަލު މަޑުކޮށްލުމާއެކު ސިއްދީގުގެ ބޮލުގައި ޖެހި ކަމަށާއި، އަދި ލޯމަތީގައި ވެސް ޖެހިކަމަށް ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ދެ ފަހަރު ޖެހުމަށްފަހު، އަތުގައި އޮތް ފޯނު އަތުލަން ގަޔަށް އަތްލައި އޮޅުލުމުގެ ތެރޭގައި އަތުގެ އިނގިލިތަކަށް ތަދުވެ، އަތުން ލޭ އައިސްފައިވާ ކަމަށެވެ.
''ކުރިމިނަލް ކޯޓު ކައިރިން ދުއްވާފަ ދިޔައީ ބާޒާރު މައްޗަށް ދާން. ދަނިކޮށް ޒުވާބުކޮށް ވަގަށް ގޮވަން ހެދީމަ މަޑުކޮށްލީ. އެވަގުތު އައިސް ބޮލުގަވެސް ލޯމަތީގަވެސް ޖެހީ. ދެން ފޯނު އަތުލަން އޮޅުލާފަ އަތުން ލޭއައިސް އިނގިލިތަކަށް ތަދުވެފައި ހުރީ. އެވަގުތު އެސަރަހައްދުން ދިޔަ ފުލުހަކު އައިސް ސަލާމަތްކުރީ،'' ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ކުރިމިނަލް ކޯޓުގެ ބޭރުގައި ހުރި ދެ ކެމެރާ އާއި އެސަރަހައްދުގައި ހުރި ގިނަ ކެމެރާތަކުން ކަން ހިނގާދިޔަ ގޮތް ފެންނަން ހުންނާނެ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިއްދީގުއަށް ހަމަލާދިން މައްސަލަ ޕީޕީއެމުން ވަނީ ކުށްވެރިކޮށްފައެވެ.