ޕީޕީއެމް

ތަޅާ އަނިޔާކުރިޔަސް ލީޑަޝިޕް ފަހަތަކަށް ނުޖެހޭނަން: ޕީޕީއެމް

ޝަހީދާ އަބްދުﷲ ސައީދު

1

ޕީޕީއެމްގެ އިސް މެމްބަރުން ގައިގައި ތަޅާ އަނިޔާކުރުމަކުން އެ ޕާޓީން ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރަމުން އަންނަ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްގެ ކައުންސިލު މެންބަރު އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގުއަށް މަގުމަތިން ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ކުށްވެރިކޮށް އެޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ހައްގުގައި އެޕާޓީން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ޕާޓީގެ އިސް މެންބަރުންގެ ގައިގައި ތަޅާ އަނިޔާކޮށްގެން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޑިމޮކްރެސީއާއި ހަމަހަމަކަން، އަދި ޤާނޫނީ ހުކޫމަތުގެ ވާހަކަ، ތާ އަބަދު ދެއްކިޔަސް އަމަލުތަކަށް އިސްލާހު ގެެނެސް އަނިޔާއާއި ފުރައްސާރައާއި، ޒާތީ ތަޢައްޞުބާއި އަބުރު ކަތިލުމުގެ ސަގާފަތް އެމްޑީޕީގައި އަށަގެންފައިވާ ކަމަށެވެ.

އަދި އެމްޑީޕީގެ ހަރުކަށި މެންބަރުންގެ އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް އެޕާޓީގެ ވެރިންނަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިނިވަންކަމާއެކު ޚިޔާލުފާޅު ކުރުމާއި، ސަރުކާރަށް ފާޑުކިއުމަކީ ޤާނޫނު އަސާސީއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްގެއް ކަމަށެވެ. އަދި އެއީ މިއަދު ރާއްޖޭގައި އޮތް މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީ އާއި ރައްޔިތުން މަތިކޮށްފައިވާ ޤައުމީ މަސްއޫލިއްޔަތެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އެމްޑީޕީގެ އެކްޓިވިސްޓުން ހިންގާ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ސަރުކާރުން ހުއްޓުވުމަށް ގޮވާލާފައިވާއިރު، އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ގޮވާލާފައިވެއެވެ.

ސިއްދީގުއަށް ހަމަލާދިން މައްސަލައިގައި ފުލުހުން ވަނީ ކުރިމިނަލް ކޯޓު ސަރަހައްދުން މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މާރާމާރީ ހިންގި ކަމުގެތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟