ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގުއަށް މަގުމަތިން މީހަކު ހަމަލާދީފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އަހުމަދު ސިއްދީގު ވިދާޅުވީ އޭނާއަށް ހަމަލާދީފައިވަނީ ކުރިމިނަލް ކޯޓު ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް، ބަހުގެ ހަމަލާތަކެއް ދޭން ފެށުމުން، ސައިކަލު މަޑުކޮށްލި ވަގުތުއެވެ.
ސިއްދީގު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ އަލީ ހާޝިމް (ސުމިތު) އެވެ. އަދި ސައިކަލު މަޑުކޮށްލުމާއެކު ސިއްދީގުގެ ބޮލުގައި ޖެހި ކަމަށާއި، އަދި ލޯމަތީގައި ވެސް ޖެހިކަމަށް ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ދެ ފަހަރު ޖެހުމަށްފަހު، އަތުގައި އޮތް ފޯނު އަތުލަން ގަޔަށް އަތްލައި އޮޅުލުމުގެ ތެރޭގައި އަތުގެ އިނގިލިތަކަށް ތަދުވެ، އަތުން ލޭ އައިސްފައިވާ ކަމަށެވެ.
''ކުރިމިނަލް ކޯޓު ކައިރިން ދުއްވާފަ ދިޔައީ ބާޒާރު މައްޗަށް ދާން. ދަނިކޮށް ޒުވާބުކޮށް ވަގަށް ގޮވަން ހެދީމަ މަޑުކޮށްލީ. އެވަގުތު އައިސް ބޮލުގަވެސް ލޯމަތީގަވެސް ޖެހީ. ދެން ފޯނު އަތުލަން އޮޅުލާފަ އަތުން ލޭއައިސް އިނގިލިތަކަށް ތަދުވެފައި ހުރީ. އެވަގުތު އެސަރަހައްދުން ދިޔަ ފުލުހަކު އައިސް ސަލާމަތްކުރީ.'' ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ކުރިމިނަލް ކޯޓުގެ ބޭރުގައި ހުރި ދެކެމެރާ އާއި އެސަރަހައްދުގައި ހުރި ގިނަ ކެމެރާތަކުން ކަން ހިނގާދިޔަ ގޮތް ފެންނަން ހުންނާނެ ކަމަށެވެ. އަދި ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.