ޚަބަރު

ޕީޕީއެމަށް ހާއްސަކަމެއްދީގެން ކަންބޮޑުވުމަކީ ޝަރީފްގެ އަދުލުވެރިކަން ގެއްލިފައިވާކަން: ސިއްދީގު

މަރިޔަމް ޝަހުދާ

ޕީޕީއެމަށް ހާއްސަކަމެއްދީގެން ކަންބޮޑުވުމަކީ ޝަރީފްގެ އަދުލުވެރިކަން ގެއްލިފައިވާކަން ކަމަށް މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ސިއްދީގު މިހެން ވިދާޅުވެފައިވަނީ މިއަދު އިލެކްޝަން ކޮމިޝަން (އީސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. އީސީގެ ރައީސް އަހުމަދު ޝަރީފަށް މުހާތަބުކޮށް ސިއްދީގު ވަނީ ޕީޕީއެމް މަގުމައްޗަށް ދޫކޮށްލަން އުޅޭކަން ޝަރީފަށް އެނގެނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ.

މީގެ އިތުރުން ޕީޕީއެމާ މެދު ވަކި ހާއްސަަކަމެއްދީގެން ކަންބޮޑުވުމަކީ ޝަރީފްގެ އަދުލުވެރިކަން ގެއްލިފައިވާކަން ކަމާއި ޝަރީފްގެ އަނިޔާވެރިކަން ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ. އަދި މިކަމުން އެނގެނީ ވަކި ޕާޓީއަކާ މެދު ވަކި ގޮތެއް ގެންގުޅޭކަން ކަމަށް ވެސް ސިއްދީގު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމިން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަން 4000 ފޯމު އީސީއަށް ހުށަހަޅާފައިވާ އިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އީސީން ވަނީ ޕީއެންސީން ހުށަހެޅި ފޯމްތަކުގައި މައްސަލަ ހުރި ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފު ވަނީ ޕީޕީއެމް ވައިގެ ތެރެއަށް ދޫކޮށްލައި އެހެން ޕާޓީއެއް ނުހެދޭނެ ކަމަށް ވިދާޅުވެފައެވެ.