އައްޑޫ ސިޓީ ހިތަދޫގައި ހުރި ބަކަރި ކޮށިތަކުގައި އުޅޭ ބަކަރިތަކުގައި ހޭންޑް ފުޓް އެންޑް މައުތު ޑިސީސް ހުރިތޯ ބެލުމަށް ޓެސްޓް ކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ ހިތަދޫ ފާމުތަކުގައި ގެންގުޅޭ ބަކަރިތަކުގެ ލޭގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އެބަކަރިތަކަށް ބަލި ޖެހިފައިވާނަމަ، ދޭން ޖެހޭނެ ބޭސް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެތަކެތި ގެންގުޅޭ މީހުންނަށް، އެތަކެތި ރަނގަޅަށް ބަލަހައްޓާނެ ގޮތާ ގުޅޭ މައުލޫމާތުވެސް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އަދި ގެރި ގެންގުޅޭ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން އެކަން ކުރުމަށް ބާރު އަޅައި، އެފަރާތްތަކަށް ރަޖިސްޓްރޭޝަން ފޯމުވެސް ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އައްޑޫގެ އިތުރުން ބ އަތޮޅު ހިތާދޫ އަދި ފެހެންދޫގައި ހުންނަ ކުކުޅު ކޮށިތައްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އިންސްޕެކްޓް ކޮށްފައެވެ. އަދި އެތަކެއްޗަށް ބޭނުންވާނެ ސަޕްލިމެންޓްވެސް ވަނީ ފޯރުކޮށްދީފައެވެ.
މިދުވަސްވަރު ރާއްޖޭގައި ހަލުވި ކަމާއެކު ހޭންޑް ފުޓް އެންޑް މައުތު ޑިސީސް ފެތުރެމުން އަންނައިރު، އެބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.
އާންމު ގޮތެއްގައި އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭ އެބައްޔަކީ އަތާއި، އަނގަޔާއި، ފައިން ބިހި ނެގުމަށް މަގުފަހި ކުރުވާ ބައްޔެކެވެ. ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ އެބަލި އަދިވެސް މަޑުމަޑުން ފެތުރެމުން އަންނަ ކަމަށެވެ.