ސިއްހަތު

ފަސް ކައުންސިލަކަށް އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ފަސް ކައުންސިލަކަށް އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ތަނަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން "25 އަށް 25" ގެ ނަމުގައި ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ގާއިމްކުރެވިގެންދާ އައުޓޮޑޯ ޖިމް ތަކެއް ކަމުގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހަދިޔާކުރައްވަމުން އަންނަ އައުޓޯޑޯ ޖިމްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދިހަ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކޮށްފައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއަހަރު ޖިމް ގާއިމް ކުރުމަށް ހަމަޖައްސާފައިވާ ތ. ތިމަރަފުށި، ށ.މިލަންދޫ، ހއ.ފިއްލަދޫ، އއ.ރަސްދޫ ގެ އިތުރުން ބ.ތުޅާދޫ އަށް ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ދެއްވާފައި ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މިފަސް ރަށުގެ ޖިމްތަކަށް ކަނޑައަޅާފައިވާ ސާމާނު މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ހެލްތު މިނިސްޓްރީގައި ބާއްވާފައިވާއިރު އެއްބަސްވުމުގެ ދަށުން ހަވާލުކުރި ތަކެތި ކައުންސިލްތަކާ ހަވާލުކުރުމާއި އިންސްޓޯލްކުރުމާއި ޖިމްއާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީއާއި އެރަށެއްގެ ކައުންސިލާ ގުޅިގެން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ ކަންކޮޅުތަކުގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސޭހަކަމާއެކު ހެލިފެލިވެ ކަސްރަތުކުރަން އުޅެވޭނެ މާހައުލެއްގައި އެފަދަ ވަސީލަތްތައް ގާއިމްކޮށްދިނުމާއެކު ކުދިބޮޑު އެންމެންނަށް ހެލިފެލިވެ ކަސްރަތު ކުރުމަށް ބާރުއެޅުން ކަމުގައެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ރާއްޖޭގެ އެންމެ ގިނަމީހުން ބަލިވާ އަދި މަރުވާ ސަބަބުތައް ގުޅިފައިވަނީ ދިރިއުޅުމުގެ އާދަކާދަތަކާކަމުގައެވެ. އަދި ރާއްޖޭގެ އާބާދީގެ 73 އިންސައްތަ މީހުންނަކީ އެކަށިގެންވާ މިންވަރަށް ހެލިފެލިވެ ނޫޅޭ މީހުން ކަމަށާއި ހެލިފެލިވެ އުޅުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.