ސިއްހަތު

''މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019'' އޮކްޓޯބަރުގައި ބާއްވަނީ

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތު އެގްޒިބިޝަން ''މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ 2019'' މިއަހަރުގެ އޮކްޓޫބަރުގައި ބާއްވަން ނިންމައިފިއެވެ.

އެމްވީ މެޑިކަލްސް އިން މިއަދު ބުނީ، މިއަހަރު ބާއްވާ އެގްޒިބިޝަންވެސް ބާއްވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެން ކަމަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ހިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން ކަމަށް އެމްވީ މެޑިކަލްސްއިން ބުނެއެވެ.

އަދި މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ހިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް މި އެކްސްޕޯ ވެގެންދާނެ ކަމަށް އެމްވީ މެޑިކަލްސް އިން ފާހަގަކުރެއެވެ.

މި އެކްސްޕޯ 2019 އޮންނާނީ އޮކްޓޫބަރު މަހުގެ ތިނަކުން ފަހަކަށް ދަރުބާރުގޭގައެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ވަނުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހިލޭ ލިބިގެންދާނެ ކަމަށް އެމްވީ މެޑިކަލްސް އިން މައުލޫމާތުދެއެވެ. މޯލްޑިވް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ގެ މަގުސަދުތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން ލިބެންހުރި ހިދުމަތްތަކަށް މުޖުތަމައު ހޭލުން ތެރިކުރުވުމާއި ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ދިވެހިރާއްޖެ އާއި މި ރީޖަންގައި ހިމެނޭ ގައުމުތަކުން ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއިއެކު ހޯދޭނެ ގޮތަތަކަށް މުޖުތަމައު އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި އޭގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ދެނެގަތުމަށް އެހީތެރިވެދިނުންވެސް މަަގުސަދުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން އެމްވީ މެޑިކަލްސް ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރި ވެވޭނެއެވެ. ހާއްސަކޮށް، ހޮސްޕިޓަލްތަކާއި ކުލިނިކް، މެޑިކަލް ލެބްސް، ފާމަސީ، ބިއުޓީކެއާ އޮޕްޓިކަލްސް، ފޫޑް އެންޑް ނިޔުޓްރިޝަން، ހެލްތް އިންޝުރެންސް، މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ، ޓްރޭޑިޝަނަލް މެޑިސިން އަދި ސްޕާ، މެޑިކަލް ޓުއަރިޒަމް ފެސިލިޓޭޓާސްގެ އިތުރުން ފިޓްނަސް ސެންޓަރުތަކަށް މިއެކްސްޕޯގައި ބައިވެރިވެވޭނެ ކަމަށް ބުނެފައި ވެއެވެ.

ހެލްތު އެކްސްޕޯ 2019 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލު ކުރުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދުދޭނެ ކަމަށް އެމްވީ މެޑިކަލްސްއިން މައުލޫމާތުދެއެވެ.