ސިއްހަތު

ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް ހާއްސަ ސްޓްރެޓެޖީ އިފްތިތާހުކޮށްފި

ފަތޯނާ ފާއިޒު

ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން އެޗްޕީއޭ އާއި ޔުނިސެފުން ތައްޔާރު ކުރި "ސޯޝަލް އެެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓެޖީ" އިފުތިތާހު ކޮށްފިއެވެ.

އެ ޕްލޭން އިފްތިތާހު ކޮށްދެއްވީ ޔުނިސެފުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު މިސް ޖީން މޯ އަދި ރާއްޖޭގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމެވެ. އަދި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމައު ރައްޖާތެރި ކުރުމަަށްޓަކައި އެހީވެދިނުމެވެ.

އެ ސްޓްރެޓެޖީ އެކުލަވައިލާފައި ވަނީ ލިބެން ހުރި ތަފާސް ހިސާބުތަކާއި އަދި ގުޅުންހުރި ފަރާތްތަކާއި އާއިލާ ބެލުމުގެ ޒިންމާ އުފުލާ ފަރާތްތަކާ މަޝްވަރާކޮށް މުޖުތަމައުގައި ގެންގުޅޭ ކެއިންބުއިމުގެ އާދަތައް ބަލައި ޓެސްޓުތަކެއް ކުރުމަށްފަހު ލިބުނު ނަތީޖާއަަށް ބަލައިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ 12 ރަށުގައި މި ސްޓްރެޓެޖިކް ޕްލޭނެ ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި ޕްލޭންގެ މަސައްކަތް ފަށާ އަތޮޅު ތަކަކީ ރ. އަތޮޅާއި އއ. އަތޮޅާއި ނ. އަތޮޅާއި ލ. އަތޮޅެވެ.

ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުއްޖާގެ ފުރަތަމަ 1000 ދުވަހު ރަނގަޅު ކާނާ ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުއްޖާގެ ކުރިމަގަށްވެސް އަަސަރު ކުރާ ކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުތަކާ އަޅައި ބަލާއިރު ރާއްޖޭގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުވަމުން އައި ކަމުގައި ވިޔަސް ރާއްޖެއަށް އަންނަ ކުރި އެރުމާއި ތަރައްގީއަށް ބަލާ އިރު، ނިއުޓްރިޝަންގެ ހާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަނގަޅުވަމުން ނުދާކަން ދިރާސާތަކުންވެސް ދައްކާ ކަމަށް މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.