ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވައި މިއަދު ވޯޓަށް އަހަން ތައްޔާރުވެއްޖެ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް ވިދާޅުވީ މަސީހުގެ މައްސަލަ މިއަދު ކުރިޔަށް ގެންދާ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށާއި މިއަދު ވޯޓަށް އެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޕީޕީއެމްގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ނިންމަވައިފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ތިނެއް ޖުލައި 2017 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލަ ސައްހަ ކަމަށާއި އެހެން ކަމުން އެމައްސަލަ ކުރިޔަށް ގެންދިއުމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިޔަށް ގެންދާނެ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެކަން މުޅީން ކަށަވަރެއް ނުވެ އެވެ.
މަޖިލީހުގެ މެންބަރަކު ދާދި ދެންމެ ވިދާޅުވީ މަސީހުގެ މައްސަލަ މިހާރު މާދަން ރެޔަށް ފަސްކޮށްފައިވާ ކަމަށާއި އެ ބަދަލު ގެނައީ އިންތިޚާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ޖަލްސާ ކުރިޔަށް ގެންދަން ވެގެން ކަމަށެވެ.