ރާއްޖޭގައި އިންވެސްޓު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވި ''މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019'' ނިންމާލައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ފޯރަމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" ގެ ތީމަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ. ރާއްޖޭގެ ތަރައްގީއަށްޓަކައި، އެހެން ގައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް މަގުފަހި ކުރުމުގެ މަގްސަދުގައި ކުރިއަށް ދިޔަ މި ފޯރަމްގައި 63 ވަފުދު ތަމްސީލުކުރައްވައި 133 ޑެލިގޭޓުން ބައިވެރިވެވަޑައިގަތެވެ.
މި ފޯރަމްގެ ސެޝަންތަކުގައި ރާއްޖެ ތަރައްގީ ކުރުމަށް ސަމާލުކަންދޭންވީ ދާއިރާތަކަށް ސަރުކާރުގެ ފަރާތުން އަލިއަޅުވާލާފައިވެއެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ރޭވިފައިވާ ގޮތް ބައިވެރިންނާއި ހިއްސާކުރައްވާފައި ވެއެވެ. ބައިވެރިންނަށް މި ފޯރަމްގައި ފޯރުކޮށްދެވުނު މައުލޫމާތުގެ އަލީގައި އެތައް ގައުމަކުން ރާއްޖެގެ ތަރައްގީގައި ހިއްސާވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޕާޓްނަރޝިޕް ފޯރަމް ގެ ތެރެއިން ރާއްޖެއިން ވަނީ އެކި ގައުމުތަކާ އެކު ވީ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާގެ އެހީއާއި، ޑިސްކައުންޓް ރޭޓުގައި ދޫކުރާ ކޮންސެޝަނަލް ލޯން އެހީގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވެއެވެ.
މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019 އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު ފޯރަމެވެ.