ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި 70 މަޝްރޫއު ވެސް އިންވެސްޓަރުން ބަލައިގަތް: އަމީރު

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގައި ރާއްޖެއިން ހުށަހެޅި 70 މަޝްރޫއުވެސް އިންވެސްޓަރުން ބަލައިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ފޯރަމް ނިންމާލުމަށްފަހު، ފޯރަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ޕާޓްނާޝިޕް ފޯރަމުން ބަދަހިވި ގުޅުމުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އާއި މަގުހެދުމާއި އަދި ބަނދަރު ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

އަމީރު ވިދާޅުވީ ފޯރަމުގެ ސަބަބުން މެނިފެސްޓޯގައި ހުރި ހުރިހާ ވައުދުތަކެއް ފުއްދޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށެވެ. އަދި ފޯރަމުގެ ބައިވެރިން ރާއްޖޭގެ ހުށަހެޅުންތަކަށް އެއްބާރުލުން ދިން ކަން ފާހަގަވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ދަރަނީގެ މައްސަލަތަކެއް ހުރިކަން ވެސް ފާހަގަކުރާ ކަމަށާއި އަދި މާލީ ނިޒާމު ހިންގުމުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އިންވެސްޓަރުން ރާއްޖެ އައިސް އިންވެސްޓް ކުރުމުގައި ދަތިތަކެއް ހުރި އިރު އެ ކަންކަމަށް ހައްލު ގެންނައުމަށް ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ލުއިފަސޭހަ ތަނަކަށް ހެދުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމާއި އާބިޓްރީ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީސް ގުޅިގެން ކުރިއަށްގެންދިޔަ ޕާޓްނާޝިޕް ފޯރަމުގައި 133 ބައިވެރިން ބައިވެރިވިއެވެ. މި ފޯރަމުގެ ތެރެއިން ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކާއި ގައުމުތަކާއެކު ރާއްޖެއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.