ޚަބަރު

ރާއްޖެ ދަރާނެއޭ ކިޔައި ވާހަކަދެއްކުން ބޭރުގެ ފަރާތްތަކުންވެސް ހުއްޓާލައިފި: ފިނޭންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ރާއްޖެ ދަރާނެއޭ ކިޔައި ދައްކަމުން އައި ވާހަކަތައް ބޭރުގެ ފަރާތްތަކުންވެސް ހުއްޓާލައިފިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިނިސްޓަރާ ސުވާލު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކިހާވަރެއްގެ ދަރަންޏެއް ދައްކަން އޮތްތޯ އާއި އަންނަ 2025 އަހަރާއި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ރާއްޖެއިން ކިހާ ވަރެއް ދައްކަން ޖެހޭތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 126 ބިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަން އޮތް ކަމަށެވެ.

ނަމަވެސް މިހާރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ދައްކާފައިވާކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީގެ 24 ޕަސެންޓް ދައްކަން ޖެހޭ ކަމަށެވެ. އަދި ކުރިން އޮތްގޮތަށް ދަރަނި ދައްކަމުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދެމުން ގެންދިޔަ ނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށް ބަޖެޓަށް ބަދަލުގެނެސް ރަހުމަތްތެރި ގައުމުތަކާ ރައީސް މުހިއްޒު ވާހަކަފުޅު ދައްކަވައިގެން ބައެއް ދަރަނިތައް ދެއްކުން ފަސްކުރެއްވުމުގެ ސަބަބުން މިހާރު ރާއްޖެ ހަމައަކަށް އެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ސިނާރިއޯއިން ރާއްޖެ ވަނީ ޖެކެފަ، އިއްޔެވެސް އައިއެމްއެފުންވެސް، ރޭޓިން އެޖެންސީތަކުން ވާހަކަދެއްކިއިރުވެސް ބުނެފަ ހުންނާނީ ހަރަދު ކުޑަކުރާށޭ ހަރަދު ކުޑަ ކުރާށޭ ނަަމަވެސް ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓާލައިފި، އެއީ ހަމަ ރައީސް މުއިއްޒުގެ ރޭއްވެވުމުގެ ސަބަބުން،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.