ޑޭ ކެއާގެ ހިދުމަތްތައް އަތްފޯރާ ފަށުގައި ފޯރުކޮށްދިނުމާ ގުޅޭ ޕްރޮޕޯސަލެއް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ހުށަހަޅައިފި އެވެ.
ޕާޓްނާޝިޕް ފޯރަމްގެ މިއަދުގެ ހެނދުނުގެ ސެޝަންގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މަސައްކަތުގައި އަވަދިނެތި އުޅެމުން ދަރިންގެ ކަންކަން އެންމެ އެކަށޭނެ ގޮތުގައި އަދާކުރުމަށް ގިނަ ބަޔަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އަދި އަންހެނުންގެ ބޮޑު އިންސައްތައެއް މަސައްކަތުގެ މާހައުލުގައި އުޅޭއިރު ''އެފޯޑަބަލް ޗައިލްޑް ކެއާ ފެސިލިޓީ'' އަކީ މުހިއްމު ވަސީލަތެއްކަމަށް ޝިދާތާ ވިދާޅުވިއެވެ.
ފޯރަމްގައި ހުށަހަޅަފައިވާ ހުރިހާ ޕްރޮޕޯށަލްތަކަކީވެސް އެއް ޕްރޮޕޯސަލް އަނެއް ޕްރޮޕޯސަލާ ގުޅި ލާމެހިފައިވާ ޕްރޮޕޯސަލްތަކެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ދިވެހި އަންހެނުން ސިޔާސީ މަތީ މަގާމުތަކަށް ފޯރުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖޭގެ އަންހެނުންނަކީ ފުއްދުންތެރި ބަޔަކަށް ހެދުމާ ގުޅޭ ޕްރޮޕޯސަލެއް ފޯރަމްގައި ހުށަހަޅާފައިވާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީންނާއި ސަރުކާރުން ވަކި މީހަކު ބާކީ ނުވާނެހެން އަންހެނުންނަށް ކުރިއެރުމުގެ މާހައުލެއް ތަރައްގީކޮށްދޭ ކަމަށާއި އަދި ހަމަހަމަ ކަމާއެކު އެންމެ މަތީ ފަންތީގެ މަގާމުތަކަށް އަންހެނުންނަށް ވާސިލްވެވޭނެ ފަދަ މާހައުލެއް ރާއްޖޭގައި ގާއިމްވެފައިވާކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.